އެފިނިމެންދަން 7
” މިގަޑީގަ ކާކުބާ؟” އިޝާން ޖެހިލުންވެ ހުރެވެސް ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ގޮސް ކުޑަދޮރުގެ ދޮރުފޮތި ހިއްލާލުމަށްފަހު ސިއްރުސިއްރުން ބޭރުބަލާލިއެވެ. ކޮންމެވެސް މީހަކު ދޮރުމަތީ އެބަހުއްޓެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ހެޔޮކަމަށް އިޝާން ދޮރުހުޅުވަން ނިންމިއެވެ. އިޝާން މަޑުމަޑުން ތަޅުހުޅުވުމަށްފަހު ކުޑަކުޑަކޮށް ދޮރުހުޅުވާފައި ބަލާލިއެވެ. ކުރިމަތީހުރި އަންހެން ކުއްޖާފެނުމުން އިޝާންގެ ފައިކޮޅުން ވާގިދޫވެގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ލިބުނު ހައިރާންކަމުން ހުރިގޮތަށް ހުއްޓުން އަރާފައި އިޝާންއަށް ހުރެވުނީއެވެ.
ލަދުރަކި ގޮތަކަށް ހިނިތުންވެގެން އިޝާންގެ މޫނަށް ބަލަހައްޓައިގެން ދޮރުމަތީގައި އެހުރީ ދެވަނަ މީހެއް ނޫނެވެ. އެއީ ނީލާއެވެ. ރަތް ކުލައިގެ ޝޯލްއަކާއި ކަޅުކުލައިގެ ހެދުމުގައި ފެންނައިރު ނީލާ ވަރަށް ފުރިހަމައެވެ. ގަދަރަތްކުލައިގެ ޝޯލްގެ ތެރެއިން އެދޮންދޮން މޫނު ފެންނައިރު، އުޑުގައި ރަނިކަން ކުރަމުންދާ ސާދަވިލޭރޭ ހަނދަށްވުރެވެސް ފުރިހަމަހެން ހީވެއެވެ. ހަނދުވަރުގެ އަލީގައި އެބޮޑުދެލޯ ވިދަމުންދާއިރު އެމޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.
” ހައި” ފަރިގޮތަކަށް ނީލާ ހައިޖަހާލުމުން، ސުޓެޗޫއެއްހެން ގަނޑުވެފައިހުރި އިޝާން ސިހިފައި އެސްފިޔަ ޖަހާލީއެވެ.
” ނީލް! ތީހަމަ އަސްލުވެސް ނީލްތަ؟” ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ހައިރާންވެފައި އިޝާން އަހާލިއެވެ. އިޝާންއަށް އަދިވެސް އެއީ ނީލާކަން ގަބޫލެއް ނުކުރެވެއެވެ. ނީލާ އިތުރު ޖަވާބެއްނުދީ އަނެއްކާވެސް ހިނިތުންވެލީއެވެ.
” ނޯ….ނޯ..އިޓްސް ނޮޓް ޕޮސިބްލް….އަހަރެން މޮޔަވީ ކަންނޭނގެ” އިޝާން ދެފަރާތަށް ބޯހޫރާލަމުން އަވަސް އަވަހަށް ދޮރުލެއްޕިއެވެ. އެއީ ހަގީގަތެއް ކަމަކަށް އޭނާގެ ހިތެއް ގަބޫލެއް ނުކުރިއެވެ. ނީލާއާމެދު ވިސްނަން އޮތުމުން ހީވީގޮތެއްކަމުގައި އޭނާ ނިންމިއެވެ. އިޝާން ބޯކަހާލަމުން ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ދޮރުގައި ޓަކިޖަހާލައިފިއެވެ. އިޝާންއަށް ވަގުތުން ހުއްޓެވުނެވެ. ޖެހިލުންވެ ހުރެފައިވެސް އިޝާން އަނެއްކާ ދޮރުހުޅުވާލިއެވެ. ނީލާ އެހުރިތާނގައި ހިނިތުންވެލައިގެން އަދިވެސް އެބަހުއްޓެވެ.
” ތީހަމަ އަސްލުވެސް ނީލްތަ؟” ޔަގީންނުވެފައި އަނެއްކާވެސް އިޝާން ހަމައެސުވާލު ކޮށްލިއެވެ. ނީލާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.
” އެކަމަކު ކިހިނެއް ގޯތިތެރެޔަށް ވަނީ ދޮރާށި……އޯހް! ދޮރާށި ތަޅުހުރީ ހަލާކުވެފަދޯ!…އަހަރެން ހަނދާނެއްވެސް ނެތް….އެކަމު މިދަންވަރު ނީލް މިތާގަ…”
” ޝްޝްޝް!….” އިޝާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ނީލާ އިޝާންގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އިޝާން ވަގުތުން ހިމޭންވިއެވެ.
” އާދެބަލަ!” އިޝާންގެ އަތުގައި ހިފާލަމުން ނީލާ ވަރަށް ލޯބިން ބުންޏެވެ.
” ކޮންތާކަށް؟” އިޝާން ހައިރާންވެފައި އަހާލިއެވެ.
” ހިނގާލަން!..މިރީތި ހިތްގައިމު ހަނދުވަރީ ރޭގެ އުފާ ހާސިލްކުރަން…..މިފަދަ ރީތި ރެއެއްގާ ނިދާނީ މޮޔައިން…..ބަލާބަލަ އެހެރަ ރީތި ފުރިހަމަ ހަނދެއް!” ހަނދަށް ބަލަހައްޓައިގެން ހުރެ ނީލާ ވާހަކަ ދައްކަމުން ދިޔައިރު އިޝާންހުރީ ހައިރާންވެގެން ނީލާގެ މޫނަށް ބަލާށެވެ. އިޝާންގެ އަތުގައި ހިފައިގެން ނީލާ ގޮނޑުދޮށަށް ފޭބިއިރުވެސް އިޝާންއަށް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.
ހަނދުގެ ރިހިއަލިން މޫދުގެ ލޮނުގަނޑު ވިދާ ބަބުޅަމުން ދިޔައެވެ. ހުދު ދޮންވެލިގަނޑުވެސް ހަނދުވަރުގެ އަލިން އިތުރަށް އަލިވެފައިވެއެވެ. ދުރުދުރަށް ދާންދެންވެސް މުޅި މާހައުލުވަނީ އަލިވެފައެވެ. ވެލިގަނޑުމަތީ ކޮޅުކޮޅަށް ދުވާ ކަނުނިތައްވެސް އަޑުގޮއްވަމުން ދުވާއިރު ހިތްގައިމު މިއުޒިކެއް ކުޅޭފަދައެވެ. ޖެހިލާ ފިނިފިނި ރޯޅިން ގައިން ހީބިނަގައިގެން ދެއެވެ. ނީލާ އިޝާންގެ އަތުގައި ހިފައިގެން ގޮސް ދޮންވެލިގަނޑު މަތީގައި އިށީނެވެ. އިޝާންއާއި ޖެހިފިތިގެން ނީލާއިނުމުން އިޝާންގެ ހިތްއަވަސް ވަމުންދިޔައެވެ. ނީލާ އިޝާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ނީލާގެ ގައިން ދުވި ލުއިލުއި މީރުވަހުން އިޝާންގެ ހިއްސުތަކާ ކުޅެލިއެވެ.
” މިރީތި ހަނދުވަރާ މިއުފާވެރި ރޭގަނޑު ހެކިކޮށް އަހަރެން ބުނަން…..އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ…” އިޝާންގެ ކަންފަތްދޮށުގައި ވައިއަޑުން ނީލާ ބުނެލި ޖުމްލައިން އިޝާންއަށް ތެޅިގަނެވުނެވެ. ނީލާ ތެދުވެ އިޝާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އިޝާން ނީލާގެ މޫނަށް ބަލަންއިންއިރު މިއީ ހުވަފެނެއް ނޫންބާއޭ ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. މިހުރިހާ ދުވަހު ނީލާ އިޝާންއާ ދުރުދުރުން އުޅެފައި ކުއްލިއަކަށް މިގޮތަށް އައިސް ލޯބިވާކަމަށް ބުނުމުން އޭނާއަށް އިނީ ގަބޫލުކުރަން ދަތިވެފައެވެ.
” އައި ރިއަލީ ލަވް ޔޫ…..ކީއްވެ ޖަވާބެއް ނުދީ ތިއިނީ…..އަހަރެން ދެކެ ލޯބިނުވަނީތަ؟” އިޝާން ޖަވާބެއް ނުދީ އިނުމުން ނީލާ ދެރަވެލާފައި އަހާލިއެވެ.
” ނީލް! އައި އެމް ކޮންފިއުޒްޑް…..މީ ހަގީގަތެއްކަން އަހަރެންނަކަށް ގަބޫލެއްވެސް ނުކުރެވޭ!….ހަމަކުއްލިއަކަށް ނީލް ތިގޮތަށް އައިސް ލޯބިވެޔޭ ބުނީމަ ކިހިނެއް ގަބޫލު ކުރެވޭނީވެސް…..އަހަރެން ހީކުރީ ނީލް ތިހުންނަނީ އަހަރެންދެކެ ރުޅިއައިސްފަ ކަމަށް…އެކަމު…”
” އަހަރެން ލޯބިވާކަން ގަބޫލެއް ނުކުރެވޭތަ؟…..މިހިތުގެ އަޑުއަހާބަލަ!…..މިހިތުގެ ތެޅުން އަޑުނީވޭތަ؟” ނީލާ އިޝާންގެ ބޯގުދުކޮށް އޭނާގެ މޭގައި ޖައްސާލަމުން ބުންޏެވެ. އިޝާންއަށް ނީލާގެ ހިތުގެ ތެޅުން ވަރަށް ރީތިކޮށް އިވެމުން ދިޔައެވެ. އެހިތުގެ ވިންދު އަވަސްވެފައި ވާހެންވެސް ހީވެއެވެ.
” އަދިވެސް ގަބޫލެއް ނުކުރެވޭތަ؟” އިޝާން ބޯހިއްލާލާފައި ނީލާއަށް ބަލާލުމުން ނީލާ އަހާލިއެވެ. އޭރު އެސާފު ދެލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ. ނީލާ ދެރަވެފައިހުރިތަން ފެނުމުން އިޝާންގެ ހިތަށް އަސަރުކުރިއެވެ. އެހާގާތުން އެމޫނު ފެނުމުން ލޯބިކޮށްލަން ހިތް އެދުނެވެ.
” އައި އޯލްސޯ ލަވް ޔޫ ނީލް!” އެންމެ ފަހުން އިޝާންވެސް އޭނާގެ ލޯތްބަށް އިޤުރާރު ވިއެވެ. ނީލާ އުފަލުން އިޝާންގެ ގައިގާ ބާރަށް ބައްދާލިއެވެ. އިޝާންވެސް ނީލާގެ މަޑުމަޑު ހަށިގަނޑުގައި ދެއަތުން ވަށާލިއެވެ. އެފިނި މެންދަމުގެ ހިމޭންކަމުގައި ދެހިތުގައިވެސް ލޯބީގެ ވަރުގަދަ ބިންގަލެއް އެޅިއްޖެއެވެ. އިޝާން ވެލިގަނޑުމަތީގައި އޮށޯތުމުން ނީލާ އިޝާންގެ މޭމަތީގައި ބޯއަޅާލައިގެން އޮތެވެ.
މެދު އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކާއި ރޭގަނޑުގެ ރާނީގެ އަލިން ފެންވަރަމުންދިޔައިރު އެދެލޯބިވެރިންގެ ހިތުގައިވެސް ކުޅެވެމުން ދިޔައީ އެއްރާގެކެވެ. ހިތަށް ލިބުނު ފޮނިކަމާއި ހިތްހަމަޖެހުމުގެ ސަބަބުން ލޯމަރައިގެން އިޝާން އޮތީ އެއުފާވެރި ވަގުތުކޮޅު އެގޮތުގައި މުޅިއުމުރަށް ދެމިގެންދާނޭ ނަމައޭ ހިތަށްއަރާފައެވެ. އޭނާ އެންމެ ހިތްއެދޭ އަންހެން ކުއްޖާ އޭނާގެ އަތުތެރޭގައި އޮތުމުން ހިތްވަނީ އުފަލުން ފުރިފައެވެ. އިޝާންއަށް ލޯހުޅުވާލެވުނީ ނީލާގެ ނާޒުކު އިނގިލިތަކުން އިޝާންގެ ގައިގާ ބީހެން ފެށުމުންނެވެ. ނީލާ އޭނާގެ ބޯ އުފުލާލާފައި އިޝާންގެ މޫނާއި މޫނު ކައިރުކޮށްލިއެވެ. ދެނޭވާ އެކުވެގެން ދިޔަ ވަގުތު އިޝާންގެ ހިއްސުތައް ހަލަބޮލި ކުރުވައިފިއެވެ. ނީލާގެ ތުންފަތް އިޝާންގެ ތުންފަތުގައި ޖައްސާލުމާއެކީ އިޝާންއަށް ލޯމަރާލެވުނެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިޝާން އޭނާގެ ހިއްސުތައް ހަމަޔަކަށް އަޅުވާލުމަށްފަހު ނަފްސު ކޮންޓްރޯލް ކޮށްލިއެވެ.
” ނީލް! ހިނގާ ގެޔަށްދާން!…މިހާރު ނޭނގެ ގަޑިންވީ އިރެއްވެސް….މާދަން އޮފީހަށްވެސް ދާން ޖެހޭނެ އެއްނު..” އިޝާން އަވަސް އަވަހަށް ނީލާ ގަޔާ ދުރުކޮށްލަމުން ތެދުވިއެވެ. އޭނާގެ ނަފްސް އޮޔާ ބެހިގެން ގޮސް ގޯހެއް ހެދިދާނެތީ އިޝާން ބިރުގަތީއެވެ.
” ލޯބި ކީއްވެ ތިހާ ބިރުގަންނަނީ؟…..އަދި ކުޑަވަގުތުކޮޅެއްނު އެވީ…..އަދި ނުވެޔޭ ދާކަށް…..މިލޯބީގެ ކަނޑުގާ ބެހިގެން ދާން އަހަރެން ބޭނުމީ……މުޅިއުމުރަށްވެސް އަހަރެން މިގޮތުގަ ލޯބިދޭނަން…..ދެން ކީއްވެ އަހަރެން ދޫކޮށްފަ ތިދަނީ؟…” ނީލާގެ ވާހަކަތަކުން އޭނާ ދާން ބޭނުން ނޫންކަން އިޝާންއަށް ހާމަވިއެވެ.
” އެކަމަކުވެސް ނީލް….މީހަކަށް ފެނިދާނެ….އޭރުން ދެމީހުންވެސް ބަދުނާމުވާނެ……އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ނީލް ބަދުނާމު ވާކަށް…..ހިނގާދާން….މިތާތިބުން ރަގަނޅެއް ނުވާނެ!..” އިޝާން ހުރީ ހަގީގަތުގައިވެސް ވަރަށް ކަން ބޮޑުވެފައެވެ.
” އެއްވެސް މީހަކަށް އަހަރެމެން ނުފެންނާނެ…..އެކަމާ ކަންބޮޑު ނުވޭ!…..އަހަރެން މިއައީވެސް އެއްވެސް މީހަކަށް ނުފެނި…..އާދެބަލަ…..އަހަރެންނަށް ތިބާއާ ދުރުގަ އެންމެ ވަގުތުކޮޅެއްވެސް ހޭދައެއް ނުކުރެވޭނެ…..” ނީލާ ތެދުވެ އިޝާންގެ އަތުގައި ހިފާލިއެވެ. އިޝާންހުރީ ނީލާ ވާހަކަ ދައްކާ ގޮތުންނާއި އުޅޭގޮތުން ހައިރާންވެފައެވެ.
” ކީއްވެ މިރޭ ހާދަ ފާޑަކަށް ތިވާހަކަ ދައްކަނީ…..ކީއްވެ އަހަރެންގެ ނަމުން ނުކިޔަނީ…..ތިހާ ޝާއިރީކޮށް ވާހަކަ ދެއްކީމަ ނީލްއަކާ ނުގުޅޭ…..އަހަރެންމީ ނީލްގެ ޝާން އެއްނު!…..ޝާން ކިޔާފަ ވާހަކަ ދައްކަބަލަ!…” އިޝާން ހިނިތުންވެލަމުން ނީލާއަށް ބުނެލިއެވެ.
” ނަމެއްގަ އޮތީ ކޮން މުހިއްމުކަމެއް….އަހަރެން ލޯބިވާމީހަކަށް އަހަރެން ގޮވާނީ ” ލޯބީ” ކިޔާފަ…އެގޮތް ކަމަކު ނުދޭތަ؟” ނީލާ މަޖާވެލާފައި އަހާލިގޮތުން އިޝާންގާތަށް ހިނިއައެވެ.
” ނޫނޭ! ނީލް ބޭނުން ކޮންމެ އެއްޗެއް އަހަރެންނަށް ކިޔަންވީ…..އަހަރެންނަށް ހަމަ ކަމުދޭ..” ނީލާ އެހާ ގަޔާވެފައި ވާހަކަ ދައްކާތީ އިޝާން ހުރީ އުފާވެސް ވެފައެވެ.
” އެކަމު ވައުދުވޭ އަދި މާދަމާރޭވެސް އަހަރެންނާ ބައްދަލުކުރާނަން ކަމަށް….” އިޝާން ދާން ހިނގައިގަތުމުން ނީލާ އިޝާންގެ ދެއަތުގައި ހިފާލާފައި އާދޭހުގެ ރާގުގައި އަހާލިއެވެ.
” އެކަމު….މީހަކަށް ފެނިއްޖެއްޔާ…” އިޝާން ކަންބޮޑުވެފައި އަނެއްކާވެސް ބުނެލިއެވެ.
” ނުފެންނާނެ…..އައި ޕްރޮމިސް….ދެން ބުނެބަލަ! ބައްދަލުކުރާނަންތަ؟…” ނީލާ އަހާލިގޮތުން އިޝާންއަށް ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ.
” އާނ!….އެކަމު ދެން މިރޭދާން ހިނގާ!….މިހާރު މާލަސްވެއްޖެ…” އިޝާން އެހެން ބުނުމުން ނީލާ އިޝާންގެ އަތުން ދޫކޮށްލާފައި ގޮނޑުދޮށުން އޭނާގެ ގެޔާދިމާއަށް ދާން ހިނގައިގަތެވެ. އިޝާން އެއްޗެއް ބުނަންވާއިރަށް ހަލުވިކަމާއެކު ގޮސް ނީލާ އޮބާލައިފިއެވެ.
ގެޔަށް އައިސް ގަޑިބަލާލިއިރު މެންދަމުން އަލިވެ ތިނެއްވެސް ޖަހައިފިއެވެ. އިޝާން އަތްފައި ދޮވެގެން އައިސް ހެދުން ބަދަލުކުރުމަށްފަހު އެނދުގައި އޮށޯތެވެ. އިޝާންއަށް ވިސްނެނީ ނީލާއާ މެދުގައެވެ. އެއީ ހަމަ ހަގީގަތުގައިވެސް ނީލާބާއޭ ހިތަށް އަރަނީއެވެ. މިރޭ އާދަޔާ ޙިލާފަށް ނީލާގެ އަނގަވެސް ގަދައެވެ. ކުރީގައި އެހުންނަ ފަދަ ޖެހިލުންވުމާއި މަޑުމައިތިރި ގޮތެއްވެސް ނެތެވެ. އިޝާން ދެކެ ލޯބިވާވާހަކަ ބުނެލީވެސް އެއްވެސް ޖެހިލުމެއް ނެތިއެވެ. އިޝާންއާ އެހާ ގައިގޯޅިކޮށް އެއުޅުނީ އޭނަބަލާލިޔަސް ލަދުން އިސްޖަހާ ނީލާ ހެއްޔެވެ؟ ކުއްލިއަކަށް އެހާބޮޑު ބަދަލެއް ނީލާއަށް އައީ ކީއްވެގެން ބާއެވެ؟ އިޝާން ވިސްނިވަރަކަށް ސުވާލުތައް އިތުރުވަމުން ދިޔައެވެ. ޚިޔާލުގެ ކަނޑަކަށް ޣަރަޤުވެފައިވަނިކޮށް މަޑުމަޑުން އިޝާންގެ ލޯމެރެން ފެށިއެވެ.
އިޝާންއަށް ހޭލެވުނީ އޭނާގެ ފޯން އެތައް ފަހަރަކު އެލާރމްވީ ފަހުންނެވެ. ކަންނެތްކަމާއެކު ދެލޯހުލުވާލުމަށް ފަހު އޭނާ ގަޑި ބަލާލިއެވެ. އެޔާއެކު ދެލޯބޮޑުކޮށްލާފައި ފުންމައިގެން ތެދުވީ ގަޑިން ހަގަޑި ފަނަރަ ވެފައި ހުއްޓާ ފެނުމުންނެވެ. މިއަދު ގަޑިނުޖެހޭނެ ކަމެއްވެސް ނޭނގެއެވެ. އިޝާން ދުވެފައި ގޮސް ތުވާލިހިފައިގެން ފާޚާނާއަށް ވަނެއެވެ.
ނީލާއަށް ހޭލެވުނީ މަންމަ އޭނާގެ ކޮޓަރި ދޮރުގައި ތަޅަ ތަޅާފައި ގޮވާ އަޑަށެވެ. ނިދިބަރުވެފައިހުރި އެސްފިޔަތައް އޭނާއަށް ހުޅުވާލެވުނީވެސް ގަދަކަމުންނެވެ. އެނދުގެ ހެޑްބޯޑް މަތީގައި އޮތް ފޯނުނަގައި ގަޑިބަލާލުމާއެކު އޭނާގެ ދެލޯބޮޑުވިއެވެ.
” އޯހް..ނޯ…ގަޑި ޖެހުނީތަ؟….އަޅެ ކީއްވެތަ ކުރިން ނުހޭލެވުނީ..” ނީލާ އަމިއްލަ ނަފްސާއި ޝަކުވާކުރަމުން ފުންމައިގެން ތެދުވިއެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަތްއިރުވެސް ރަނގަޅަށް ދެލޯ ނުހުޅުވެއެވެ. އަވަހަށް ލޯގަނޑު ކުރިމަތީ ހުއްޓި ދަތްއުނގުޅަން ފެށިއެވެ.
” ހެދުންވެސް ބަދަލު ނުކޮށްތަ ނިދުނީ…” ލޯގަނޑުން އޭނާގެ ސޫރަފެނި، ރޭގައި ހެދުން ބަދަލު ނުކުރެވޭކަން ހަނދާންވެގެން ނީލާއަށް ބުނެވުނެވެ. އަނިލްއަށް އާއެކޭ ބުނެވިގެން އެކަމާ ވީދެރައިން ރޯން އޮއްވައި އޭނާއަށް ނިދުނީއެވެ. އެކަމު އޭނާ ހައިރާންވީ އެހުރިހާ އިރު ނިދުމުންވެސް ނިދި ހަމަ ނުވުމުންނެވެ. އަދި ރޭގައި އޭނައަށް ހުވަފެނެއް ފެނުނު ހަނދާނެއްވެސް ވިއެވެ. އިޝާންއާ އެއްކޮށް އުޅެވުނުހެންވެސް އޭނާއަށް ހީވިއެވެ.
” އަބަދު އިޝާންމަތިން ވިސްނާތީ ވީގޮތެއް ކަންނޭނގެ…” ނީލާ އަމިއްލަ ނަފްސާ މުޚާތަބުކޮށް ބުންޏެވެ.
އިޝާން ބާރުހިނގުމެއްގައި އައިސް ސުކޫލު ގޭޓުން ވަންނަން ދިމާކޮށްލި ވަގުތު ނީލާވެސް ހަމަ އެހާބާރަށް އައިސް ގޭޓުން ވަދެއްޖެއެވެ. އިޝާންއަށް ނީލާ ފެނުމުން، ރޭގެމަތިން ހަނދާންވެފައި ނީލާއަށް ބަލަން ހުރެވުނެވެ. ނަމަވެސް ނީލާ، އިޝާން ފެންނަކަމަށްވެސް ނުހަދާ އެދިޔަގޮތަށް ގޮސް އޮފީހަށް ވަދެއްޖެއެވެ. އިޝާން ހައިރާންވެފައި އެހުރިތާނގައި އިރުކޮޅަކު ހުރެވުނެވެ.
އިޝާން ސޮއެކޮށްލުމަށްފަހު އޭނާގެ ކެބިންއަ ވަދެ ގޮނޑީގައި އިށީނދެލިއެވެ. އަދި ރޭގައި ހިނގާދިޔަ ކަންތަކާއި މެދު ވިސްނަން ފެށިއެވެ. ރޭގައި ނީލާ އޭނާއަށް ލޯބިހުށަހެޅީ ނުހަނު ލޯބިންނެވެ. އަދި އޭނާގާތުގައި ދެއްކި ފޮނިފޮނި ވާހަކަތައް މިހާރުވެސް އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. އެކަމަކު މިއަދު ފެނުނުއިރު ނީލާގެ މޫނުމަތީ އެފަދަ އެއްވެސް އަސަރެއް ނެތެވެ. ދުވާލުގަޑީގައި މީހަކަށް އެނގިދާނެތީ އެގޮތަށް ކަންތައްކުރީ ކަމަށްވެސް ވެދާނެއެވެ. އަންހެން ކުދިންނަކީވެސް އަޖާބެއްފަދަ ބައެކޭ އިޝާންގެ ހިތަށް އެރިއެވެ. ރޭގަނޑު ވަރަށް ކެރިގެން އުޅެފަ މިހާރު އެއުޅެނީ ބިރުންނެވެ. އިޝާން ހިނިތުންވެލަމުން އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.
އަނިލް އޭނާގެ ކެބިންގައި ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން އިންކަމުގައި ވިޔަސް އޭނާގެ ޚިޔާލުތައް ހުއްޓިފައިހުރީ ނީލާއަށެވެ. ނީލާގެ ފަރާތުން އާބަސް ލިބުމުން އޭނާގެ ހިތަށް ވެރިވެފައިވަނީ ބަޔާން ނުކުރެވޭފަދަ އުފާވެރި ކަމެކެވެ. އޭނާގެ މުސްތަގުބަލާމެދު ވިސްނަމުން ދިޔަވަރަކަށް ތުންފަތަށް ވެރިވަމުންދާ ހިނިތުންވުންތައް އިތުރުވަމުން ދިޔައެވެ. އޭނާގެ ނަސީބާމެދު އޭނާ އުފާކުރެއެވެ.
އޮފީހުގެ އެންމެން އަވަދިނެތި މަސައްކަތް ކުރަމުން ދިޔައިރު ނީލާ އޭނާގެ ކެބިންގައި މަޑުމަޑުން އިނެވެ. ނިދިއަންނަވަރުން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭވަރެއް ނުވެއެވެ. ރޭހަތަރުދަމު ނުނިދާ ހުރުމުން ކުރެވޭފަދަ ވަރުބަލި ކަމަކާއި ލޮޑުކަމެއް އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ރޭގައި އެވަރަށް ނިދުމުންވެސް މިވަރަށް ވަރުބަލިވާންވީ ސަބަބެއް ނުވިސްނުނެވެ. ނީލާ މަޑުންމަޑުން ތެދުވެގެން ކެބިންއިން ނުކުތީ ކޮފީއެއް ބޯލުމަށެވެ. ކޮފީމެޝިން ހުންނަ ދިމާއަށް ހިނގައިގަތް ވަގުތު ކޮންމެވެސް މީހަކު ގައިގާ ލައިގެންފިއެވެ.
” މޭމް! އަދިވެސް ތިހުރީ ނިދިފައެއްނު! ރޭގަ ނުނިދަނީތަ؟…” ނީލާ އިސްއުފުލާލުމުން ކުރިމަތީގައިހުރި އިޝާން ހިނިތުންވެލާފައި އަހާލިއެވެ. އިޝާން ބޭނުންވީ ރޭގެ މަތިން ނީލާއަށް ހަނދާންކޮށްދިނުމެވެ. ނަމަވެސް ނީލާ އެއްވެސް ޖަވާބެއް ނުދީ އަވަހަށް ކޮފީމެޝިން ކައިރިއަށް ދިޔައެވެ. އިޝާން އެހުރިތާނގައި ހުއްޓައި ނީލާ ކޮފީއެއް ހިފައިގެން އޭނާގެ ކެބިންއަށް އެނބުރިދިޔައީ އިޝާންއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އެދެމެދުގައި އެއްވެސް ކަމެއް ނުހިނގާ ކަހަލައެވެ.
އެދުވަހުގެ ބާކީ އޮތްބައިގާވެސް ނީލާ ކަންތައް ކުރަމުން ދިޔައީ ހަމަ އެފަދަ ގޮތަކަށެވެ. އޭނާގެ ފަރާތުން އެއްވެސް ސަމާލުކަމެއް އިޝާންއަކަށް ނުލިބުނެވެ. ކުރިޔަށްވުރެވެސް އިޝާންއާ ދުރުން އުޅޭހެން ހީވިއެވެ. ނީލާގެ އެދުރުހިލޭކަމުން އިޝާންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެން ފެށިއެވެ. ރޭގައި އެވީ ކަންތަކަކީ ހަގީގަތެއް ކަމާމެދުވެސް ޝައްކު ކުރެވެން ފަށައިފިއެވެ. އެއީ އަނެއްކާ އޭނާއަށް ފެނުނު ކުލަރީތި ހުވަފެނެއް ނޫންބާއޭވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެކަން ޔަގީން ކުރާނެ ގޮތެއްވެސް އޭނައަކަށް ނޭނގުނެވެ.
” އައްދޭ! ހާދަވަރަކަށް ގެއްލިފަ……އަނެއްކާ ކިހިނެއްވީ؟…އަރޫގާތުވެސް ބުނެލައިގެން އުޅެލަބަލަ!….އޭރުންނެއްނު ހެލްޕެއްވެސް ވެދެވޭނީ…” އިޝާންގެ ދާދިގާތަށް ހުއްޓިފައި އަރޫނާ އަހާލިއެވެ.
” އަނހާ! އަރޫ…ކިހިނެއްތަ؟…” ޚިޔާލުތަކުން އޭނާގެ ސިކުނޑި އެއްފަރާތްކޮށްލަމުން އިޝާން އަހާލިއެވެ.
” އަހަރެން ހަމަ ރަނގަޅު….އެކަމު އިޝާން ހިޔެއްނުވޭ ރަނގަޅު ހެނެއް…..އަނެއްކާ ކަމެއް އުޅެނީތަ؟….”އަނެއްކާވެސް އަރޫނާ އަހާލިއެވެ.
” ނޫން…..މަހަމަ އޯކޭ….ހުރިހާ ކަމެއްވެސް ހަމަ ބަރާބަރު….އަރޫ މަށަށް ކޮފީއެއް ގެނެސްދޭންވީނު…” އިޝާން ހިނތުންވެލަމުން އަރޫނާގާތުން ކޮފީއަކަށް އެދުނެވެ.
” ޔެސް ބޮސް….. އެނީތިންގް ފޮރ ޔޫ….އަރޫ މިހުރީ ހަމަ ސަރގެ ޚިދުމަތުގަ….” އަރޫނާ މަޖާވެލާފައި ބުނެލިގޮތުން އިޝާންގެ ގާތަށް ހިނިއައެވެ. އިޝާން ކަމަކަށް އެދުމުން އަރޫނާހުރީ ވަރަށް އުފާވެފައެވެ.
” މިހާރުދެން ޕާރސަނަލް ސެކްރެޓެރީގެ ރޯލްވެސް ކުޅެންފެށީތަ؟….” އިޝާންއަށް ކޮފީ ގެންގޮސްފައި އައިސް އަރޫނާ ކެބިންއަށް ވަތްތަން ފެނިފައި ނީނާ އިމްނާ ގާތު ބުނެލިއެވެ. ދެމީހުން އަރޫނާއަށް ދިމާކޮށްލާނެ ފުރުސަތެއް ލިބުމުން އަވަހަށް އަރޫނާއާ ދިމާކުރަން ފެށިއެވެ. އަރޫނާ ހީލާ ހީލާއިނީ އިޝާންއާ އޭނާގެ މެދުގައި އެފަދަ ގުޅުމެއް ނެތްނަމަވެސް އޭނާގެ ރައްޓެހިންނަށް އެކަން އަންގަން ބޭނުންނުވާތީއެވެ. ނީލާއަށްވެސް އަރޫނާ އިޝާންއަށް ކޮފީގެންދިޔަ މަންޒަރު ފެނުނެވެ. އަރޫނާއާއި އިޝާން ހީހީފައި ވާހަކަ ދައްކާ މަންޒަރު ފެނުމުން ދެރަވެ ރުޅިވެސް އައެވެ. ނަމަވެސް އޭނާ މިހާރު އެކަމާ ރުޅިއަންނަން ވީވެސް ކީއްވެގެން ހެއްޔެވެ؟ މިހާރު އޭނަ އެހުރީ އަނިލްގެ މީހަކަށް ވުމުގެ މަގުމަތީގައެވެ.
ދުވަސް އެގޮތުގައި ނިމިގެން ދިޔައިރު ނީލާއާއި އިޝާންގެ ހިތްވެސް ވަނީ ނުތަނަވަސް ވެފައެވެ. އިޝާން އޮފީސް ނިންމާފައި ނުކުމެގެން ދިޔައިރުވެސް ނީލާއާއި އަނިލް އޮފީހުގައި ތިއްބެވެ. ނީލާ ބޮލުގައި ރިއްސާވަރުން ގެޔަށްދާން ބޭނުންވީ ނަމަވެސް އަނިލް ބުނި ބުނުމަކަށް މަޑުކޮށްގެން އިނީއެވެ.
އެންމެން ދިއުމުން އަނިލް ނީލާގެ ކެބިންއަށް އައެވެ. އަދި ދެމީހުންގެ ކައިވެނި ކުރެވޭނެ ތާރީޚެއް ކަނޑައެޅުމަށް ނީލާއާ މަޝްވަރާކުރިއެވެ. އަނިލްގެ ކޮންމެ ވާހަކައަކުން ނީލާގެ ބޮލުގެ ރިހުން އިތުރުވަމުން ދިޔައެވެ. އޭނާ އަނިލްއާ ކައިވެނިކުރަން ބޭނުންނުވާ ވާހަކަ ބުނަންވެސް ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އޭނާ މަޑުމަޑުން އިނީއެވެ.
” ކީއްވެ އެއްވެސް އެއްޗެއް ނުބުނެ ތިއިނީ؟…..އަނެއްކާ ކަމަކާ ހިތްހަމަ ނުޖެހިފަތަ؟….ނޫނީ ކައިވެނިކުރަން އަދި މާއަވަހީތަ؟…..އެއްވެސް ކަމެއް އޮތިއްޔާ ބުނެދީބަލަ!….ނީލާ ބޭނުން ނޫންގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން…’ ނީލާ އިންގޮތް ފެނި ކޮންމެވެސް ގޯހެއް އުޅޭހެން އަނިލްއަށް ހީވެގެން ސުވާލުކޮށްލިއެވެ.
” ނޫން….އެއްވެސް ކަމެއް ގޯހެއް ނުވޭ……ބޮލުގަ ރިއްސާތީ މިއުޅެނީ…..އަޅުގަނޑުގެ ބައްޕަޔާ ސަރ ވާހަކަ ދައްކަވާފަ ބޭނުންގޮތަކަށް ނިންމެވީމަ އަޅުގަނޑަށް އޯކޭ….” ނީލާ ހިތާދެކޮޅަށް އަނިލްއަށް ޖަވާބުދިނެވެ.
” އެހެންތަ؟…..ހޫމް….އަހަރެން ނީލާގެ ބައްޕަޔާ ވާހަކަ ދައްކާނަން…..އެކަމަކު އެއްކަމެއް ކޮށްދީފާނަންތަ ހިތުންރުހުމުން…..އަހަރެންނަށް ސަރ ކިޔައިގެން މާތްބަހުން ވާހަކަ ނުދައްކަފާނަންތަ؟……ރަސްމީގަޑި ނިމުނީމަ އަހަރެންމީ ސަރ އެއްނޫނޭ…” އަނިލް ހިނިތުން ވެލަމުން އެހެން ބުނުމުން ނީލާވެސް ހިނިތުންވެލިއެވެ.
ނީލާއާއި އަނިލް އޮފީހުން ނުކުތްއިރުވަނީ މޫސުން ގޯސްވެ ވައިގަދަވެފައެވެ. އުޑުމަތީގައި ވިލާތައްބޯވެ، އިސާހިތަކު ވާރޭވެހެން ފަށާފާނެ ކަމުގެ އިންޒާރު ދެމުންދިޔައެވެ. ވާރޭ އޮއްސާލުމުގެ ކުރިން ގެޔަށްދެވޭތޯ ނީލާ ހިނގައިގަތެވެ.
” ނީލާ!….ހިޔެއްނުވޭ ވިއްސާރާގަ ނުޖެހި ދެވިދާނެހެނެއް…..އިހަށް މަޑުކޮށްލަންވީނު އޮފީހުގަ…” ފަހަތުން އަނިލް ގޮވާލިއެވެ. ނަމަވެސް ނީލާ އިވޭކަމަށްވެސް ހަދާނުލައި ދާންހިނގައިތެވެ. ނީލާއަށް މާދުރަށް ނުދެވި އުޅެނިކޮށް ވާރޭވެހެން ފަށައިފިއެވެ. ވާރޭގެ ބޮޑެތިކިތައް ކުދިކުދި ގާކޮޅުތަކެއް ފަދައިން ނީލާއަށް ހަމަލާދޭން ފެށުމުން އޭނާ އައިކޮޅަށް ދުވެފައިގޮސް އޮފީހު އަސްކަނި ދޮށުގައި މަޑުކޮށްލިއެވެ. ދެޖީބަށް އަތްޖަހާލައިގެން އޮފީސް ދޮރުމަތީގައި ހުރި އަނިލްއަށް އެމަންޒަރު ފެނިފައި ހިނިއައެވެ.
” ދެން ތިތާ ހުއްޓަސް ހަމަ ތެމެނީނުތި……އާދެބަލަ އެތެރެއަށް!” އަމިއްލަ ގެޔަށް ވަނުމަށް ދައުވަތު ދޭފަދަ ގޮތަކަށް އަނިލް ބުނެލިއެވެ. އަނިލް ނުދާށޭ ބުނެބުނެ ހުއްޓައި ދެވުމުން ނީލާހުރީ ރަކިވެގެން އަނިލްއާ ކުރިމަތިލާންވެސް ނުކެރިފައެވެ. ނަމަވެސް ވާރޭ ބޯކުރަން ފެށުމުން އެހެން ގޮތެއް ނެތިގެން އެންމެފަހުން އަނެއްކާވެސް އޮފީސްތެރެއަށް ނީލާ ވަދެއްޖެއެވެ. ނީނާމެންތިބޭ ކެބިންގެ ގޮނޑިއެއްގައި ނީލާ އިށީނެވެ. އޭސީ ނިއްވާލާފައި ހުރިނަމަވެސް އޮފީސްތެރެ އަދިވެސް ވަރަށް ފިންޏެވެ. ވެހެމުންދިޔަ ވާރޭގެ ސަބަބުން ފިނިކަން އިތުރުކޮށްދީފައި ވެއެވެ. ނީލާ ދެއަތުން ދެއަތުގައި ފިރުމާލަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ލޯމަރާލީއެވެ. އަނިލްވެސް ނީލާއާއި ދާދިގާތުގައި ހުރި ގޮނޑިއެއްގައި އިށީނދެ ނީލާގެ މޫނަށް ފުންކޮށް ބަލާލިއެވެ. ފެންތިކިތައް ހަރުލާފައިހުރި ނީލާގެ ހަންއޮމާން މޫނަށް ނަޒަރު ހުއްޓާލައިގެން އިން އަނިލްގެ ހިތަށް ތަފާތު ޚިޔާލުތައް ވެރިވަމުން ދިޔައެވެ. ބޭއިޚްތިޔާރުގައި މަޑުމަޑުން އަނިލްއަށް ނީލާއާ ގާތްވެވިއްޖެއެވެ. ދެލޯމަރާލައިގެން އިން ނީލާއަށް ސިހިފައި ލޯހުޅުވާލެވުނީ އަނިލްގެ ތުންފަތް ނީލާގެ ކޯތާފަތުގައި ޖައްސާލުމުންނެވެ. ދާދިގާތުން އަނިލްގެ މޫނު ފެނުމާއެކު ސިހިފައި ނީލާ ފުންމައިގެން ތެދުވިއެވެ. އަނިލްވެސް ހާސްވެފައި ދުރަށް ޖެހިލިއެވެ. އަނިލްގެ އެހަރަކާތުން ސިހުންލިބި، ނީލާ ހަލުވި ފިޔަވަޅުތަކެއްގައި އޮފީހުން ނުކުމެގެން ދުއްވައިގަތެވެ. ވެހެމުން ދިޔަ ވާރެއަށްވެސް ބެލުމެއް ނެތި ނީލާ އޭނާގެ ގެޔަށް ދެވެންދެން ހުއްޓުމެއްވެސް ނެތި ދުވަމުން ދިޔައެވެ. ކުރެވުނު ކަންތައް ހިތަށްއަރައި އަނިލް ކަންބޮޑުވެގެން ބޮލުގައި ދެއަތުން ހިފަހައްޓާ ލެވުނެވެ. ނީލާހިތަށް އަރާނެ އެއްޗެއް ނޭނގޭތި އަނިލް އިންތިހާއަށް ދެރަވެސް ވިއެވެ. ހާސްވެގެން ގޮސް މިއޮއް ފިނީގައިވެސް އިސާހިތަކު އޭނާ ދާހިއްލައިފިއެވެ.
ތެމިފޯވެގެން ގެޔަށް އައި ނީލާ މަޑުކޮށްލުމެއްވެސް ނެތި ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފާޚާނާއަށް ވަދެ ލޯގަނޑު ކުރިމައްޗަށް ހުއްޓުނުއިރު އޭނާއަށް މާނޭވާ ލެވެމުން ދެއެވެ. ދެލޯމަރާލުމާއެކު ލޮލުގެ ތެރޭގައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގެންފިއެވެ. އަނިލް އޭނާގެ ކޮލުގައި ބޮސްދިނުމުން އެކަމާ އޭނާ ހިތްހަމަ ނުޖެހި ރުޅިވެސް އައިސްފިއެވެ. މޫނުވެސް އެތައް ފަހަރަކު ދޮވެފިއެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ އަނިލްއަކީ މިހާރު އޭނާގެ ވާންއުޅޭ ފިރިމީހާއެވެ. ވީއިރު އެވަރުގެ ކަމަކާ އޭނަ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ މުސްތަޤުބަލްގައި ހުރިހާ ގުޅުމެއް ބާއްވަންޖެހޭނީ އަނިލްއާ އެކީގައެވެ. އަނިލްގެ އެވަރުގެ ބީހުމަކަށް އޭނާއަށް ކެތްނުވާއިރު މުޅިއުމުރު އަނިލްއާ އެކީ ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ އިޝާންގެ ކޮންމެ ބީހުމަކަށް އިޚުތިޔާރަކާއި ނުލައި ނީލާއަށް ހިތިގެ އަޑިން މަރުޙަބާ ކިޔެނީ ކީއްވެގެން ހެއްޔެވެ؟ އިޝާންވެސް އޭނާ ދެކެ ލޯބިވާނޭ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް މިއަދު އޮފީސްތެރެއިން ފެނުނު މަންޒަރުންވެސް އޭނާގެ ހިތަށް އިތުރަށް ތަދުވުން ނޫންކަމެއް ނުވިއެވެ. އެކަމަކު އަދިވެސް އިޝާން އޭނާއާ ވާހަކަ ދައްކާ ސަމާސާ ކުރަން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތަށް އިތުރު އަނިޔާތަކެއް ދޭން ހެއްޔެވެ؟ ނީލާ ފާޚާނާގައި ހުއްޓައި މަންމަ ގޮވާއަޑު އިވުމުން އަވަސް ކޮށްލައިގެން ނުކުތެވެ.
މެންދުރުފަހު ވެހެންފެށި ވާރޭ އަދިވެސް ހުއްޓާކަށް ނޫޅެއެވެ. އިޝާންވެސް މިރޭ ރެސްޓޯރެންޓަށް ދިއުމުގެ ބަދަލުގައި ކާއެއްޗެއްސަށް އޯޑަރކޮށްގެން ގެނައީއެވެ. ނީލާވެސް ރޭގަނޑު ކައިގެން ގިނައިރުނުކޮށް ނިދަން އޮށޯތެވެ. އޭނާގެ ބޮލުގައި ރިހުން އަދިވެސް ރިއްސައެވެ. ރޭގެ ފިނިކަމާއި އަރާމުކަމާއެކުވެސް އަނިލްގެ ލޮލަކަށް ނިންޖެއް ނައެވެ. މިއަދު ކުރެވުނު ކަންތަކުގެ ސަބަބުން ސިކުނޑި ހާސްކުރަމުން ދަނީއެވެ. އިޝާންގެ ހާލަކީވެސް ހަމައެފަދައެވެ. ނިދަން އުޅެއުޅެ އޭނާއަށް ނިދޭގޮތެއް ނުވިއެވެ. ރޭގެ ހަނދާންތައް އާވަނީއެވެ. ޖަވާބު ނުލިބޭ ސުވާލުތަކަކުން ހިތަށް އުނދަގޫ ކުރަމުން ދަނީއެވެ. އެނދުގައި ފުރޮޅި ފުރޮޅި ނިދޭގޮތް ނުވުމުން އިޝާން ތެދުވެ ލެޕްޓޮޕް ހުޅުވާލިއެވެ. މާބޮޑު ޝައުޤުވެރިކަމެއް ނެތްނަމަވެސް ފިލްމެއް އަޅުވާލައިގެން އޭނާއޮތީ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.
ރޭދެބައިވިފަހުން ވާރޭ ތުނިކޮށްލައިފިއެވެ. ފިލްމު ނިމެން ގާތްވެފައި ހުއްޓައި ބޭރުދޮރުގައި މީހަކު ޓަކިޖަހާލި އަޑުއިވުނެވެ. ހީވިގޮތެކޭ ހިތައި އޮއްވައި އަނެއްކާވެސް އެއަޑު އިވިއްޖެއެވެ. އިޝާން މަޑުމަޑުން ގޮސް ކޮޓަރިން ނުކުތެވެ. އަދި ހަމައެހާމެ މަޑުން ފިޔަވަޅު އަޅަމުން ގޮސް ސިޓިންރޫމުގެ ކުޑަދޮރު ކައިރިއަށް ހުއްޓި ފޮތިގަނޑު ހިއްލާލާފައި ބޭރު ބަލާލިއެވެ. ވިއްސާރަކޮށް އޮތުމުން ބޭރު ވަރަށް އަނދިރިއެވެ. އިޝާން ބޭރު ބޮކި ދިއްލާލާފައި ބޭރުބަލާލިއެވެ. މިހާރު ދޮރުމަތީ މީހަކު ހުރިކަން އެނގެއެވެ. ޖެހިލުންވެ ހުރެވެސް އިޝާން ކުއްލިއަކަށް ދޮރުހުޅުވާލިއެވެ. ކުރިމަތީހުރި އަންހެން ކުއްޖާފެނިފައި ހައިރާންވެގެން ބަލަން ހުރެވުނީ އެއީ ހަމަ ނީލާކަން ޔަގީން ނުވެގެންނެވެ. ރަތްކުލައިގެ ތުނިފޮތީގެ މަތިކޮޅަކާއި ކަޅުކުލައިގެ ޓައިޓް ހަރުވާޅެއްގައި ހުރިއިރު ބޮލުގައި ޝޯލްއެއް ނެތެވެ. އެރާޅުބާނީ ދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ދޫކޮށްލާފައެވެ. ނުކިޔަމަންތެރި ބައެއް އިސްތަށިތަށް، ޖެހޭ ވަޔާއެކު މޫނުގައި ބީހެމުން ދިޔައެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާފައިހުރި އިރު ދެލޮލުގައިވެސް ވަނީ އަނދުން އަޅާފައެވެ. އެސްފިޔަތަކުގައި އަޅާފައިހުރި މަސްކަރައިގެ ސަބަބުން އެރީތި ލޮލަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ.
” ހައި” އިޝާން އާގަމަވެފައި ހުއްޓައި ނީލާގެ ޖާދުވީ އަޑު އިވިގެން ދިޔައެވެ. އިޝާންއަށް ތެޅިގެންފައި އަނެއްފަރާތަށް އެނބުރެވުނީ މިއީ ފެންނަން ހުވަފެނެއް ކަމުގައި ހީވާތީ އެދިމާ ބަލަން ބޭނުން ނުވެގެންނެވެ. އިޝާން އިރުކޮޅަކު އެގޮތަށް ހުރުމަށްފަހު އެނބުރިލީ އިރުވެސް ނީލާ އިޝާންއަށް ބަލަން ހިނިތުންވެފައި ހުއްޓެވެ.
” އަހަރެން ނުވައްދާނަންތަ؟….ވާރޭގަތަ ބަހައްޓާނީ؟…” ލާނެއްގޮތަކަށް ހީލަމުން ނީލާ އަހާލިއެވެ. ތުނިތުނިކޮށް ވެހެމުންދާ ވާރޭގެ ތިކިތައް ނީލާގެ އިސްތަށިގަނޑާއި މޫނުގައި ބޮސްދީފައި ދާމަންޒަރުފެނިފައި އިޝާންއަށް އާޝޯޚުވެފައި ބަލަން ހުރެވުނެވެ. އައިބެއް ނެތް އެރީތި ހަށިގަނޑުގެ ފާޅުވަމުންދާ ވަނާތައްފެނިފައި ކޮންމެ ފިރިހެނަކުވެސް ދީވާނާ ވާނޭކަން ޔަގީނެވެ.
” މާޝާﷲ! ހާދަ ރީއްޗޭ!” ނީލާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ފުންކޮށް ބަލާލުމަށްފަހު އިޝާން ހިތާހިތާ ކިޔާލިއެވެ. މިފަދަ ގޮތަކަށް ނީލާ ފެނުމުން އިޝާން ހުރީ ބަސްހުއްޓި ހަރަކާތްވެސް ހުއްޓިފައެވެ.
” ހެލޯ ބޭބީ!…..އަހަރެން ދާންވީތަ ނޫނީ ވަންނަން ވީތަ؟…” އަނެއްކާވެސް ނީލާ ހަމަ އެރާގުގައި އަހާލިއެވެ. އިޝާން އަވަސް އަވަހަށް އިސްޖަހާލިއެވެ. އޭނާއަށް ހުރީ ބުނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ހިތްވެސް އަވަސްވަމުން ދަނީ އިންތިހާއަށެވެ. އިޝާން ހިންދިރުވާލަމުން އެތެރެއަށް ޖެހިލާފައި ނީލާ ވަންނަން ތަން ދެއްކިއެވެ. ނީލާ ހިނިތުންވެލާފައި ފަރިހިނގުމެއްގައި އައިސް ސިޓިންރޫމް ސޯފާގައި އިށީނދެލިއެވެ. އިޝާން ދޮރުލައްޕާލުމަށްފަހު ހަނދާނެގޮތެއް ނޭނގިގެން ދޮރުކައިރީ މަޑުކޮށްލިއެވެ.
” އާދެބަލަ މިތަނަށް!…..ކީއްވެތަ މިރޭ މާދުރުގަ ތިހުންނަނީ….” ނީލާ އަތުން އިޝާރާތްކޮށްލަމުން އިޝާން އައުމަށް އެދުނެވެ. އިޝާން މަޑުމަޑުން ގޮސް ވަކިންހުރި ސޯފާގައި އިށީނދެލިއެވެ. އިޝާން އިނީ ނީލާހުރިގޮތުން ނީލާއާ ދިމާ ބަލާލަންވެސް ނުކެރިފައެވެ. ނީލާ މަޑުމަޑުން ތެދުވެގެން އައިސް އިޝާންގެ އުނގުގައި އިށީނެވެ. އިޝާން ތެދުވަން މަސައްކަތް ކުރުމުން ނީލާ އެކަން މަނާކުރިއެވެ. ނީލާގެ ފިނިވެފައިވާ އިނގިލިތަކުން އިޝާންގެ މޫނުގައި ބީހެން ފެށުމުން އިޝާން އަށް ލޯމަރާލެވުނެވެ.
” ނީލް ކޮފީއެއް ބޯނަންތަ؟….” ނީލާގެ އަތް ދުރައްޖައްސާލަމުން އިޝާން އަހާލިއެވެ. އޭނާ ބޭނުންވީ ނީލާއާ ދުރަށްދާށެވެ.
” ނޫން….އަހަރެން ބޭނުމީ އެހެންކަމެއް….”އިޝާންގެ ކަދުރާގައި އަތްއަޅުވާލާފައި މޫނު ކައިރިކޮށްލަމުން ނީލާ ބުންޏެވެ. އެވަގުތު ނީލާގެ ލޮލުގައިވާ މަސްތުކަން ފެނިފައި އިޝާންގެ ހިތް ތެޅިގަތެވެ. ނީލާ ބޭނުންވަނީ ކޮންކަމެއްކަން އިޝާންއަށް ދެނެގަނެވުމުން ބިރުވެސް ގެންފިއެވެ.
” އަހަރެން ކޮފީއެއްބޯލާނަން….” އިޝާން އަވަސް އަވަހަށް ތެދުވެގެން ގޮސް ފެންހޫނުކުރަން ޖެއްސިއެވެ. ނީލާވެސް ދެތުވެގެން ގޮސް އިޝާންގެ ފުރަގަހުން ބައްދާލިއެވެ. އިޝާން ސިހިފައި ފަހަތަށް ޖެހިލިއެވެ.
” ނީލް…އެތާމަޑުކޮށްލާ! އަހަރެން އެބައަންނަން ކޮފީ ހަދައިގެން….” އިޝާން ނީލާގެ ކޮނޑުގައި ހިފައި އަނެއްފަރާތަށް އަނބުރާލަމުން ބުންޏެވެ.
” މާތްކަލާނކޯ! އަނެއްކާ ނީލް މޮޔަވީކީ ނޫންތަ…” ނީލާ އުޅޭގޮތުން އިޝާން ހިތާހިތާ ކިޔާލިއެވެ.
ދެކޮފީ ހިފައިގެން ގޮސް އިޝާން އެއްކޮފީ ނީލާއަށް ދިނެވެ. ނީލާ އޭގައި ހިފިނަމަވެސް އެންމެ އެތިފޮދެއްވެސް ނުބޮއެ ބެހެއްޓީއެވެ. އިޝާން ހަމަޖެހިލައިގެން ކޮފީބޯން ފެށިތަނާ ނީލާ އައިސް ގޯނާކުރަން ފެށިއެވެ. ނީލާގެ ގޯނާތަކަށް އިޝާން ކެތްވޭތޯ ބަލަމުންދިޔައެވެ. ކޮފީބޮއެ ނިމިގެން އިޝާން ޖޯޑުބަހައްޓާފައި އެނބުރިލީ ވަގުތު ނީލާ އިޝާންގެ ގައިގާ ބައްދާލިއެވެ.
” ފެންފޮދެއް ބޯލަން…” އިޝާން އަނެއްކާވެސް ބަހަނާއެއް ދައްކަމުން ނީލާ ދުރުކޮށްލިއެވެ. ނީލާ ނުރުހިފައި އިޝާންއާ ދިމާބަލާލިއެވެ. އަދި ދުވެފައި ގޮސް ސޯފާމައްޗަށް ވެއްޓިގެންފައި ރޯންފެށިއެވެ. ނީލާ އެގޮތަށް ރޯންފެށުމުން އިޝާންއަކަށް ކެތެއް ނުކުރެވުނެވެ. ނީލާ މަސަލަސް ކުރެވޭތޯ ވާހަކަ ދައްކަން ފެށިއެވެ.
” ލޯބީ ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟…ކީއްވެ އަހަރެންދެކެ ލޯބިނުވަނީ؟..” ނީލާ ރޮމުން ރޮމުން ޝަކުވާކުރިއެވެ.
” އަހަރެންވެސް ލޯބިވެޔޭ ނީލްދެކެ….ޕްލީޒް ގަބޫލުކޮށްބަލަ!” އިޝާން ދެރަވެލާފައި އެހެން ބުނުމުން ނީލާ ފުންމައިގެން ތެދުވެ އިޝާންގެ ގައިގާ އޮޅުލައިގަތެވެ. އިޝާންވެސް ނީލާ ގަޔާލާ ބޮނޑިކޮށްލަމުން ނިތްކުރީގައި ބޮސްދިނެވެ. ނީލާ މަޑުމަޑުން އިޝާންގެ ކަނދުރާގައި ތުންފަތް ޖައްސާލުމުން އިޝާންއަށް ތެޅިގަނެވުނެވެ. ނަމަވެސް ނީލާ އެއަށްވުރެ މާހުޝިޔާރެވެ. އިޝާންއަށް ދުރަށް ނުދެވޭވަރަށް ހިފަހައްޓާލިއެވެ. އެވަގުތު ނީލާގެ ގައިގާ އާދަޔާ ޚިލާފު ބާރެއްހުރިހެންވެސް އިޝާންއަށް ހީވިއެވެ. ނީލާގެ އަތްދަށުން އިޝާންއަށް ސަލާމަތްނުވެވި، އޭނާގެ ހިއްސުތައްވެސް ޒުވާންކަމުގެ އޮޔެގައި ބެހިގެން ހިނގައްޖެއެވެ. އޭނާގެޒުވާން ހަށިގަނޑުގައި މިއަދާ ހަމަޔަށް ނިދާފައިވާ ފިރިހެންވަންތަކަން ހޭލައިފިއެވެ. އިޝާން އޭނާގެ އަތްދަނޑިމައްޗަށް ނީލާ އުފުލާލައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. އިޝާންގެ އެނދުގައި ނީލާ ބާއްވާލުމަށްފަހު، އިޝާންވެސް އެގޮދަޑީގެ މަޑުކަމުގެ ތެރެއަށް ނީލާއާ އެކު ގެނބިގެން ދިޔައެވެ. އެފިނިފިނި މެންދަމުގެ ފިނިކަން އިތުރުވަމުން ދިޔަވަރަކަށް ދެހިތުގައި ހިނގާ ލޯބީގެ ޖަޒުބާތު ހޫނުވަމުން ދިޔައެވެ. އެންމެފަހުން އެހޫނުން ދެމީހުންގެ އިތްފަތްތެރިކަމުގެ ފޭރާންވެސް އަނދާއަޅިއަށްވެ ނިމިއްޖެއެވެ. ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަދަ ފޮނި ފޮނި އަރާމެއް ލިބުމުން އިސާހިތަކު ދެމީހުންގެ ލޯމެރި ފުންނިދީގެ ތެރެއަށް ޣަރަޤު ވެއްޖެއެވެ.
ފޯނު އެލާރމް ވުމާއެކީ އިޝާންއަށް ހޭލެވުނެވެ. ދެލޯހުޅުވާލުމަށްފަހު ފޯނުނަގައި އެލާރމް އޮފްކޮށްލިއެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. އެވަގުތު އިޝާން ކުއްލިއަކަށް ނީލާގެމަތިން ހަނދާންވެ ވަށައިގެން ހޯދާލެވުނެވެ. ނަމަވެސް ނީލާއެއް ނެތެވެ. ނީލާ ފާޚާނާގައި އުޅެނީކަމުގައި ހީކޮށް އިޝާން އިރުކޮޅަކު މަޑުކޮށްލިއެވެ. ފާޚާނާއިން އެއްވެސް އަޑެއް ނީވުމުން އިޝާން ތެދުވެގެން ގޮސް ފާޚާނާއިގެ ދޮރުހުޅުވާލިއެވެ. ނަމަވެސް އެތާކުވެސް ނީލާއެއް ނެތެވެ. އިޝާން އެނބުރި އައިސް އެނދުގައި އިށީނެވެ. ނީލާ ގެޔަށްދިޔައީ ކޮންއިރަކު ބާއޭ އިޝާންގެ ހިތަށްއެރިއެވެ. އިޝާންއަށް އޭނާގެ ފޭރާމެއް ނެތް ހަށިގަނޑު ފެނިފައި ރޭގެ ހާދިސާ ހަނދާންވުމުން ތިރީތުންފަތުގައި ދައިގަންނަމުން ލޯމަރާލެވުނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އިޝާން ލޯހުޅުވާލިއެވެ. ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު އިޝާން ތުވާލިހިފައިގެން ފާޚާނާއަށް ވަދެއްޖެއެވެ.
ފެންވަރަށް ހުރިއިރުވެސް އިޝާންއަށް ވިސްނެމުން ދިޔައީ ރޭގައިވީ ކަންތަކާމެދުގައެވެ. އެވަރުގެ ބޮޑު ފާފަޔަކަށް ފަސޭހަކަމާއެކު އިޝާންއަށް އަރައިގަނެވުނު ގޮތަކާމެދު ޚުދު އޭނާވެސް ވަނީ ހައިރާންވެފައެވެ. މަންމަ އެއްގެ ލޯބި ނުލިބި ބޮޑުވި ނަމަވެސް މާމަގެ ފަރާތުން އޭނާއަށްވަނީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައެވެ. އަދި އަދަށްދާންދެންވެސް އަންހެން ކުއްޖަކާއެކު ލޯބީގެ ގުޅުމެއް އޭނާ ހިންގާފައެއް ނުވެއެވެ. ނަމަވެސް ނީލާއާއެކު ރޭގައި އޭނާއަށް އެކުރެވުނީ މިހާތަނަށް އޭނާގެ ޙަޔާތުގައި ކުރެވުނު އެންމެ ބޮޑުކުށެވެ. އެއީ ދުވަހަކުވެސް އޭނާ ކުރަން ބޭނުންވި ކަމެއްނޫނެވެ. ކައިވެނިން ބޭރުގައި އެފަދަ ނަހަމަ ގުޅުންތައް ހިންގާ މީހުންދެކެވެސް އޭނަ އިންތިހާޔަށް ރުޅިއާދެއެވެ. ނަމަވެސް މިއަދު އޭނަވެސް މިވީ އެފަދަ މީހަކަށެވެ. އޭނާގެ ނަފްސު ކޮންޓްރޯލުން ނެއްޓިގެން މިކުރެވުނު ކަންތަކުގެ ސަބަބުން އިޝާން އިންތިހާއަށް ދެރަވިއެވެ. އަމިއްލަ ނަފުސު މުޑުދާރުކުރެވުނުކަން ހިތަށްއަރާފައި އިސާހިތަކު ލޮލުން ކަރުނަ ހިލިއްޖެއެވެ. ނީލާގެ ސަބަބުން އޭނާއަށް ކުރަން ނުވާވަރުގެ ވިޔާނުދާ ކަމެއްކުރެވުނީތީ ނީލާދެކެވެސް ރުޅިއާދެވިއްޖެއެވެ. ނަމަވެސް ނީލާގެ އެއާދަޔާ ޚިލާފު މިޖާޒުގެ ސަބަބުން އިޝާން އަދިވެސް ވަނީ ހައިރާންކަމެއްގެ ތެރޭގައެވެ. ނީލާ ފަދަ ލަދުރަކި މަޑުމައިތިރި އަންހެން ކުއްޖަކު އެފަދަ ގޮތަކަށް އުޅުނީތީއެވެ. ރޭގައި ނީލާގެ ފަރާތުން ފެނުނު ޖެހިލުން ކުޑަކަން ހިތައް އަރާފައި އެއީ ހަމަ ނީލާބާއޭވެސް އިޝާންގެ ހިތުގައި ސުވާލު އުފެދުނެވެ. އިޝާންއަށް އަދިވެސް ރޭގައި ހިނގާދިޔަ ކަންތައް އެއީ ހަގީގަތެއްކަން ގަބޫލުކުރަންވެސް ދައްޗެވެ. ނަމަވެސް ފެންނަން ހުރިހެކިތަކުން އެއީ ހަގީގަތެއްކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރެވެ.
އިޝާން ފެންވަރައިގެން ނުކުމެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ލޯމަތީ ސިފަވީ ރޭގެ މަންޒަރެވެ. އިޝާން މަޑުމަޑުން ގޮސް އެނދުގައި އިށީނެވެ. ނީލާއޮށޯވެ އޮތް ބާލީސްނަގައި މޫނުގައި ޖައްސާލިއެވެ. ނީލާގެ ގައިންދުވި މީރުވަސް ބާލީހުގައި ހަރުލާފައި ހުއްޓެވެ. އެވަސްޖެހުމާއެކު ނީލާގެ ރީތި ސޫރަ އޭނާގެ ލޯމަތީ އެއްވެސް ހުރަހެއްނެތި ސިފަވަމުންދިޔައެވެ. އެހަނދާންވުމުން އިޝާންގެ ގައިން ހީބިހި ނަގާ ގޮތްވިއެވެ. އިޝާން އެނދުމައްޗަށް ބާލީސް އެއްލާލުން އަވަހަށް ތެދުވީ އެޚިޔާލުތަކާ ދުރަށް ދިއުމަށެވެ. ބާލީސް އެއްލާލި ވަގުތު ބާލީހުން ޖެހިފައި މުށިތަކު މައްޗައް ކޮންމެވެސް އެއްޗެއް ވެއްޓިއްޖެއެވެ. އިޝާން ރަނގަޅަށް ބަލާލިއިރު އެއީ ރޭގައި ނީލާގެ އަތުގައި އަޅާފައި އޮތް ކެވެލިކޮޅެކެވެ. އިޝާން މަޑުމަޑުން ގޮސް ކެވެލިކޮޅު ނެގިއެވެ. އިރުކޮޅަކު އެއަށް ބަލަން ހުރުމަށްފަހު ޑުރެސިންޓޭބަލްގެ ވަތްގަނޑުތެރެއަށްލިއެވެ. އިޝާން މިސްކިތަށް ދިޔުމަށްޓަކައި ގެއިން ނުކުތްއިރު މަގުމަތިވަނީ އަލިވެފައެވެ.
ނީލާއަށް މިއަދުވެސް ހޭލެވުނީ އޭނާގެ މަންމަ އެތައް ފަހަރު ގޮވިފަހުންނެވެ. ކަންނެތްކަމާއެކު ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. ލޯގަނޑުކުރިމަތީ ހުއްޓި ބުރުގައި ބޭސްޖަހައި ދަތްއުނގުޅަން ފެށިއެވެ. ދެލޯމަރައިގެން ހުރެ ދަތްއުނގުޅަމުން ގޮސް ލޯހުޅުވާލި ވަގުތު ލޯގަނޑުން އޭނާގެ އަމިއްލަ ސޫރަފެނިފައި ނީލާ ސިހިގެންދިޔައެވެ. އޭނާގެ އަމިއްލަ ސޫރައަށް ބަލަންހުރީ ގަބޫލުކުރަން ދަތިވެފައެވެ. ލޮލުގައި އަނދުންއަޅައި ތުންފަތުގައި ލިޕްސްޓިކް ޖައްސާފައި އެހުރީ ހަމަ އޭނަބާއޭ ނީލާގެ ހިތަށްއެރިއެވެ. އޭނާ ނިދަން އޮށޯތީ މޭކަޕްކޮށްގެން ނޫންކަން އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ދެން އޭނާއަށް މޭކަޕްކުރެވުނީ ކޮންއިރަކުބާއެވެ. ފެންވަރަށް ހުރިއިރު ނީލާއަށް އޭނާގެ ހަށިގަނޑަށް އާދަޔާ ޚިލާފުގޮތެއްވެފައި ހުރިކަމުގެ އިހުސާސެއް ކުރެވުނެވެ. ބަނޑުކޮޅަށް ވާންވެ، ކުޑަކޮށްތަދުވެސް ވެއެވެ. ލޯގަނޑުކުރިމައްޗަށް ހުއްޓި ނީލާ އޭނާގެ ހަށިގަނޑަށް ރަނގަޅަށް ބަލާލިއެވެ. ނަމަވެސް އެއްވެސް ތަފާތުކަމެއް އޭނާއަކަށް ނުފެނުނެވެ.
ވިސްނުމެއްގައި ހުރެ ނީލާ ސުކޫލަށް ވަދެގެން ދިޔައިރު އޭނާއާ ދިމާއަށް ކަޅިޖަހާނުލައި އިޝާން ބަލަން ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ. ނީލާ އިޝާންއާ ދިމާ ބަލާވެސް ނުލައި ކެބިންއަށް ވަދެގެން ދިއުމުން އިޝާންވެސް އޭނާގެ ކެބިންއަށް ވަދެ ގޮނޑީގައި އިށީނެވެ. ރޭގައި ދެމީހުންގެ މެދުގައި އެވަރުގެ ބޮޑުގުޅުމެއް ހިނގުމުންވެސް ނީލާ އިޝާން ފެންނަކަމަށްވެސް ނުހެދިއެވެ. އެހެން އެކަންވާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެނަކަށް ވެހުރެވެސް އިޝާންއަށް އެއުޅެނީ ރޭގައި ކުރެވުނުކަންތައް ހިނދުކޮޅަކަށްވެސް ސިކުނޑިން ފިލުވާ ނުލެވިގެންނެވެ. ދެން ނީލާ އެހާ ހަމަޖެހިލާފައި އެހުރީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީބާއެވެ؟ އިޝާން ހީކުރީ ނީލާއަށް ލަދުން އޮފީހަށް އަންނަންވެސް ނުކެރޭނެ ކަމަށެވެ. ތިމާގެ އިތްފަތްތެރިކަން ގެއްލުމުންވެސް އެއްވެސް އަސަރެއް ނުކުރަނީބާއެވެ؟ ނީލާގެ އާދަޔާ ޚިލާފުކަމާމެދު އިޝާން އަޖާއިބު ވެއްޖެއެވެ.
އިޝާން އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދެވޭތޯ ބެލިނަމަވެސް އޭނާގެ ސިކުނޑިވަނީ ނީލާއަށް ހުސްވެފައެވެ. ނީލާއާމެދު ވިސްނުން ފިޔަވައި އިތުރުކަމެއް ނުކުރެވެއެވެ. ނީލާވެސް އޭނާގެ ކެބިންގައި އިނދެ މަސައްކަތައް ސަމާލުކަން ދެވޭތޯ އުޅެއެވެ. ނަމަވެސް އޭނާއަށް ކުރެވޭ ތަފާތު އިހުސާސެއްގެ ސަބަބުން ހިތްނުތަނަވަސް ވަނީއެވެ. ކުރީދުވަހެކޭ އެއްގޮތަށް ވަރުބަލިވެ ނިދިއަންނަނީއެވެ. އަދި ހެނދުނު ހޭލިއިރު ހުރެވުނު ގޮތާމެދު ހިތުގައި ސުވާލު އުފެދެނީއެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި މަސައްކަތާއިގެން ކުރިޔަށްދިޔައެވެ.
ބުރޭކްގަޑިޖެހުމާއެކު ފަހަރަކު މީހަކު އޮފީހުން ނުކުންނަން ފެށިއެވެ. އަނިލް ތެދުވީ ނީލާ ދިޔައީތޯ ބަލާލުމަށެވެ. ނީލާގެ ކެބިން ކައިރިއަށް ގޮސް ބަލާލިއިރު ނީލާއޮތީ މޭޒުގައި ބޯއަޅައިގެން ނިދިފައެވެ. ނީލާ ބަލީބާއޭ އަނިލްގެ ހިތަށްއެރިއެވެ. ދެކޮޅު ހޯދާލުމަށްފަހު ކެބިންގެ ތެރެއަށް އަނިލް ވަނެވެ. އަދި ނިދާފައި އޮތް ނީލާގެ ގާތަށް ހުއްޓި ނީލާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އެމޫނުގެ މައުސޫމުކަން ފެނިފައި އަނިލްގެ ހިތުގައިވާ ލޯބި އުތުރި އަރައިގެން ދިޔައެވެ. އަނިލް ގުދުވެލާފައި ނީލާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ހިނިތުންވެލަމުން ކެބިންއިން ނުކުންނަން ހިނގައިގެން ވަގުތު ކެބިންގެ ދޮރުމަތީގައި އަނިލްއަށް ބަލަހައްޓައިގެންހުރި އިޝާންފެނިފައި އޭނާ ކަންބޮޑިވިއެވެ. އިޝާން ބަލަންހުރިގޮތުން އޭނާއަށް އަނިލްކުރި ކަންތައް ފެނުނުކަން އަނިލްއަށް ޔަގީންވިއެވެ. އިޝާންހުރީ އަނިލްދެކެ ރުޅި އައިސްފައެވެ.
” އިޝާން ބުރޭކަށް ނުދަނީތަ؟.” ހަމަޖެހޭގޮތް ދައްކަމުން އަނިލް ސުވާލުކޮށްލިއެވެ.
” ނޫނޭ…އަޅުގަނޑު މިދަނީ ބުރޭކަށްދާން…..އެކަމަކު ސަރ ކީއްތޯ ތިކުރައްވަނީ؟..” ނުރުހުމުގެ ރާގެއްގައި އިޝާން ސުވާލުކޮށްލުމުން އަނިލް ޖެހިލުންވެހުރެ އިޝާންއަށް ބަލާލިއެވެ. އިޝާންގެ ހިތުގައި އަނިލްއާމެދު ނުބައި ޝައްކެއް އުފެދުމުގެކުރިން ނީލާއާއި އަނިލްގެ ގުޅުމުގެ ވާހަކަ ބުނެދޭން އަނިލް ބޭނުންވިއެވެ.
” އިޝާން….އަޅުގަނޑަށް އެނގޭ އިޝާން ތިޔަސުވާލު ކުރީ ކީއްވެގެންކަން…..އެކަމަކު އިޝާން ގޯސްގޮތަކަށް އަޅުގަނޑާމެދު ވިސްނުމުގެ ކުރިން ވަރަށް މުހިއްމު ވާހަކައެއް އަޅުގަނޑު ބުނެލަން ބޭނުން….އެއީ އަދި އިތުރުމީހަކަށް ނޭނގޭ ސިއްރެއް….އަޅުގަނޑާ ނީލާގެ ކައިވެނިވަނީ ހަމަޖެހިފަ…..އިރާދަކުރެއްވިއްޔާ…މާގިނަދުވަހެއްނުވެ އަޅުގަނޑުމެން ކައިވެނިކުރާނަން….” އަނިލްގެ ވާހަކަ އަޑުއަހާފައި އިޝާންއަށް ލިބުނު ހައިރާންކަމުން ބަސްހުއްޓުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





sorry everyone…..internet massalaeh jehigen story upkurun lasvee….haveerun feshigen try kuranee…..finally up kurevijje…..goodnight
Nice❤❤❤❤
Wow v nice. Mi anekaa biru veri vaahakae tha.
Neel ah kihineh evanii konme reaku?? Jinni moya vanii tha?? ??
Elsaa saabas neelaa gulhenee ehkala gehlunu feyrukaalaagennun vvv reeti
Hyvany e ee feyruge jaadhoohen …naeesh vx e gothah hadhaigen dhw maa kaamiyaabu myhakah vegen eulheny ….v v rythi mi part vx ..
Biruveri vahaka akah nahadhahchey story….eyrun hadi vaane
vvv reethi
Wow vvv reethi?
Owwwhh… Ehkala feyru dhw… Next part avahah up kohdhehchey…
kihne tha mi vani alhe fahe….next part avas please….nice story
V sauguveri v reethi ekm biruveri waahak akah hedhyma ehaa salhi eh nuwaane neel ah mi cany kihineybaa?
naeesh sihuru hadhaafa dho hury feyrah, curious.
Haadha Heevey sihuru hadhaafahen anekka biruveri kamehulheneetha shine mivaahakaiga vvv reethi anebaikonirakutha up kuraanee
I don’t think it’s a horror story …..that is only a gauvas magic …I hate that naeesh huh…
I don’t think this is a horror story …..that is only a gauvas magic …I hate that naeesh huh…
biru veri vaahaka ehtha mi????
story varah reethi.. ehnveema naesh e rulhi aee ehnve dhw feyru gendhiyaima..
interesting
ވަރަށް ވަރަށް ރީތި… އަޅޭ… ނައީޝް ކުރާ ކަންތައް ދޯ… އެންމެފަހުން އިޝާން އަށް ދޯ ހުރިހާ ކަމެއް… ދެން އެހެންނޭ ވާނީ ތަނެއްގަ އެއްޗެއް އޮތިއްޔާ ނަގަންވޭ ވިއްޔަ ޖެއްސުމަށް ވިޔަސް…8ވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ
story plot badhalu kolleetha?
Shine avahah up kohdheebah. Kiyaahithun keiyy madhu vefa
Kobatha next part. Haadha lahay up vaale
Kon irakun next part up kohdheynii?? Eagerly waiting…