ނޭނގޭހެ ހާދަ ލޯބިވޭ 28
“ޔަމާން ކުއްލިއަކަށް ޚިޔާލު ބަދަލު ވެގެން އެއުޅެނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެ، އަހަރެން ވިސްނާފަ އޮތް ގޮތެއް ބަދަލެއް ނުވޭ. މީހެއްގެ ހިތުގަ އޮތް ޝައްކެއް ފިލުވާނެ ގޮތެއް އަހަންނަކަށް ނޭނގެ” މީރާ އިސްޖަހައިގެން އިނދެ ބުންޏެވެ.
“ކޮން އިރަކުންތަ މީރާ ގޮތް ދޫކުރާނީ؟” ޔަމާން ރުޅި އައިސްގެން މީރާއާ ދިމާއަށް އެނބުރިފައި އަހާލިއެވެ.
“ޔަމާން ގޮތް ދޫކޮށްބަލަ، ތި ޝައްކު ފިލުވަބަލަ، އަހަރެން ކިތައް ފަހަރުތަ ބުނާނީ؟” މީރާވެސް ރުޅިއައިސްފައި ބާރަށް ބުންޏެވެ.
“ޔަމާން… މީރާ… ކިހިނެއްތަ ވެގެން ތިއުޅެނީ؟ ކޮން ކަމަކާތަ ތި ޒުވާބު ކުރަނީ؟ ކޮން ކަމަކާ ޝައްކު ވެގެންތަ ޔަމާން ތިއުޅެނީ؟” ނަދީމާ ކަންބޮޑުވެފައި އެހިއެވެ.
“މަންމަ އަހާބަލަ ޔަމާން ކައިރީ، ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ޔަމާން އުޅެނީ؟ އަހަރެން މިހާރު ކިތައް ފަހަރު ބުނެފިންތަ؟” މީރާ އިންތަނުން ތެދުވެފައި ބުންޏެވެ.
“ސާބަސް! އަބަދުވެސް ދެމީހުން އުޅޭނީ ތިހެންތަ؟ ދުވަހަކުވެސް ދެމީހުން އެއްގަލަކަށް ނާރާނީތަ؟ މަންމައަށް ހީވަނީ އަދިވެސް އަވަހީ ހެން ކައިވެނި ކުރަން އުޅޭލެއް” ރުޅިއައިސްފައި ނަދީމާ ފަހަރަކު މީހަކަށް ބަލަމުން ބުންޏެވެ.
“އަހަންނަށްވެސް ހީވަނީ ތިހެން… ތި ޝައްކު ފިލުވައިގެން ނޫނީ ދެން އަހަންނާ ވާހަކަ ދައްކަން ޔަމާން ނާންނާތި” އެހެން ބުނެފައި މީރާ ކޮޓަރިން ނިކުތެވެ.
ރުޅި އައިސްފައި ހުރި ޔަމާން ދެއަތުން މޫނު ފޮހެލިއެވެ.
ޔަމާންއާ މީރާއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ނަދީމާވެސް މީރާގެ ފަހަތުން ނިކުތެވެ. ނަމަވެސް މީރާގެ ކޮޓަރިއާ ހަމައަށް ދިޔައިރު މީރާ ވަދެ ދޮރު ތަޅުލައިފިއެވެ. ދެފަހަރަކު ޖަހާލުމުންވެސް މީރާ ދޮރު ނުހުޅުވުމުން ނަދީމާ ކޮޓަރިއަށް ދާން އެނބުރުނު ވަގުތު ތާނިޔާ ކޮޓަރިން ނިކުތެވެ.
“ތާނީ، ކޮން ކަމަކާތަ މިދެމީހުން ޒުވާބު ކޮށްގެން އުޅެނީ؟” ނަދީމާ އެހިއެވެ.
ނަދީމާގެ އަތުގައި ހިފައިގެން ގޮސް ސިޓިންގް ރޫމް ސޯފާގައި އިށީނދެ އެދުވަހުގެ ހުރިހާ ވާހަކައެއް ތާނިޔާ ނަދީމާއަށް ކިޔާދިނެވެ.
“ދެން ކީއްވެ ދެމީހުން ރުޅި އަންނަންވީ؟” ނަދިމާއަކަށް ވީ ގޮތެއ ނުވިސްނުނެވެ.
“ފަހުން މީރާއާ ދޮންބެއާ ދެމީހުން ދެއްކި ވާހަކައެއް އަހަންނަކަށްވެސް ނޭނގެ، އެކަމަކު އޭގެ ފަހުން ރުޅި އައިސްގެން އެއުޅެނީ… އަހަންނަށް ހީވަނީ ދޮންބެ ހީކުރަނީ ކަންނޭނގެ މީރާ އަދިވެސް ރާހިލްއާއޭ އިންނަން ބޭނުންވަނީ… އެހެންވެ ކަންނޭނގެ…” ތާނިޔާ ބުންޏެވެ.
“ޔަމާންވެސް އެއީ މޮޔައެއްތަ؟ އަޅެ މިހުރިހާ ދުވަހު މީރާ އެ އިންތިޒާރު ކުރަނީ ޔަމާންއާ ކައިވެނި ކުރެވޭނެ ދުވަހަކަށް، އެކަމަކު ރާހިލް އައިސް އެއްޗެއް ބުނާ އިރަށް ޔަމާން ވެއްޖެތަ އެކަހަލަ ޝައްކެއް ކުރަން؟ ޕިސްޕިސް…” ދެފަރާތަށް ބޯހަލުވާލަމުން ނަދީމާ ބުންޏެވެ.
“ދަރިފުޅާ، ކޮބާތަ މައްސަލައަކީ؟” އެނދުގައި އިން ޝަފީގު ތެދުވެގެން އައިސް ޔަމާން ކައިރީ އިށީނދެ ޔަމާންގެ ބުރަކަށީގައި ފިރުމާލިއެވެ.
ކުރީ ދުވަހުގެ ހުރިހާ ވާހަކައެއް ޔަމާން ބައްޕައަށް ކިޔާދިނެވެ. އަދި އެރޭ ޔަމާންއާ މީރާގެ މެދުގައި ދެކެވުނު ވާހަކަވެސް ކިޔާދިނެވެ.
“ޔަމާންއަށް ތިހެން ހީވިޔަސް މީރާ އެބުނީނު އޭނަ ބޭނުމެއް ނުވެޔޭ ދެން ރާހިލްއާ ގުޅޭކަށް؟ ދެން ކީއްވެ ޔަމާން މީރާގެ ވާހަކަ ގަބޫލު ނުކުރަނީ؟” ޝަފީގު އެހިއެވެ.
“ބައްޕައަށްވެސް އެނގެއެއްނު މީރާގެ ގޮތް؟ އޭނަ އެހެން އެ ހަދަނީ އަހަރެން ދެރަ ވެދާނެތީ، އަދި އަހަންނާ މީރާ އިންނަން މަންމަ ބޭނުންވާ ވަރު މީރާއަށް އެނގޭތީ” ޔަމާން ބުންޏެވެ.
“އަދިވެސް މީރާއާ ވާހަކަ ދައްކަބަލަ، ދެމީހުން ވެގެން ދެން ތިކަންތައް ހައްލު ކުރޭ. ބައްޕަ ބުނާނީ ޔަމާންވެސް މީރާއަށް އިތުބާރު ކުރާށޭ. ބައްޕަގެ ހިތް ބުނަނީ އޭނަ ބޭނުމެއް ނުވާނެޔޭ ދެން ރާހިލްއާ ގުޅޭކަށް، މީރާއަކީ ވިސްނޭ ކުއްޖެއް، އެއީ އިރުއިރުކޮޅާ ކަންކަމާ މެދު ހިޔާލު ބަދަލު ކުރާ ކަހަލަ ކުއްޖެއް ނޫން. މާލެ އައިސް ކައިވެންޏަށް ތައްޔާރު ވެގެން ޔަމާންގެ އިންތިޒާރުގަ މީރާ އެހުރީ، ދެން މިހާރު ކައިވެނީގެ ކަންތައް ހަމަޖައްސަންވީ ވަގުތު ޖެހުނީމަ މީރާއާ މެދު ޔަމާންގެ ހިތުގަ ތިކަހަލަ ޝައްކެއް އުފައްދާކަށް ނުވާނެ. މީކީ ކުޅިވަރެއް ނޫން، ޔަމާން ތި ހިޔާލު ހިތުން ފޮހެލާފަ މީރާ ބުނާ އެއްޗެއް ގަބޫލު ކުރޭ” ޔަމާންއަށް ވިސްނައިދިނުމަށް ޝަފީގު މަސައްކަތް ކުރިއެވެ. މީރާއާ މެދު ޔަމާންއަށް ވެފައި އެވަނީ ކުށްހީއެއް ކަން ޝަފީގުއަށް ޔަގީންވެއެވެ.
ޔަމާން އެއްޗެއް ނުބުނެ އިނީއެވެ.
“މިރޭ ވަރަށް ލަސްވެސް ވެއްޖެ، ޔަމާން، ދަރިފުޅު ރަނގަޅަށް ވިސްނައިފިއްޔާ އެނގޭނެ ކަންތައް ކުރަން ވީ ގޮތް. ބައްޕަ ބުނަން އޮތް އެއްޗަކީ ވިސްނަން މާ ގިނަ ވަގުތު ދުއްވާނުލައްޗޭ… ދެން މިރޭ ދޭ ނިދަން” ޝަފީގު ޔަމާންގެ ކޮނޑުގައި ހިފާލާފައި ބުންޏެވެ.
އޮފީސް ނިމިގެން ރާހިލް ގެޔަށް ދިޔައީ އިސްހާގު ބުނުމުންނެވެ. ފެން ވަރާލަން ބޭނުން ވެފައި ހުރުމުން ސިޓިންގްރޫމްގައި މަޑުނުކޮށް ސިޑިއާ ދިމާއަށް ދިޔަ ރާހިލް ހުއްޓުނީ ހާފިޒާ ގޮވާލުމުންނެވެ. ރާހިލް ހުއްޓިފައި އެނބުރި ބަލާލި އިރު ހާފިޒާއާ އިސްހާގުއާ އެކު ވިދާދްއާ ވިދާދްގެ މަންމަވެސް އިނެވެ.
“ވިދާދް ރޭގަ މަންމަ ކައިރީ ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން މަންމަ މިގެޔަށް މިއައީ ރާހިލްގެ މަންމަ ކައިރީ އަހާލަން، އެކަމަކު ރާހިލްގެ މަންމަ ބުނީމަވެސް ގަބޫލު ކުރަން ދަތި ވެގެން މިއުޅެނީ… ރާހިލް ބުނެބަލަ، އެއީ ތެދެއްތަ؟” ރާހިލް އައިސް އިށީނުމުން ސާމިޔާ އަހާލިއެވެ.
“އެއީ ތެދެއް” ފަސްޖެހުމެއް ނެތި ރާހިލް ބުންޏެވެ.
ސާމިޔާ ވިދާދްއަށް ބަލާލިއެވެ. އެދުވަހު އެގެޔަށް ސާމިޔާއާ އެކު ވިދާދް އައީ އަންނަން ބޭނުން ވެގެންނެއް ނޫނެވެ. ރޭގައި ހުރިހާ ވާހަކައެއް ކިޔާ ދިނުމުން ސާމިޔާއަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ހާފިޒާ ބުނުމުން ނޫނީ ގަބޫލެއް ނުކުރާނަމޭ ބުނެ އެ ދުވަހު ސާމިޔާ އެގެޔަށް ވިދާދް ގެނައީ ގަދަކަމުންނެވެ. އެކަމާ ބެހޭ އިތުރު ވާހަކައެއް ސާމިޔާ ނުވެސް ދައްކައެވެ. އެހެން ކަމުން އެވަގުތު ސާމިޔާ ބުނާނެ އެއްޗަކާ މެދު ވިދާދް އިނީ ކަންބޮޑުވެފައެވެ.
“މިކަން އެނގުމަށް ފަހު ވިދާދް ރާހިލްއާ އިންނަން އަހަރުމެން ގަބޫލެއް ނޫނޭ ބުނެފިއްޔާ…؟” ސާމިޔާ އަހާލިއެވެ.
“މަންމާ…!” ވިދާދްއަށް ގޮވާލެވުނެވެ.
“ހާފިޒާ ބުނެބަލަ، މީ ސިއްރު ކުރާ ވަރުގެ ކަންތައްތަކެއް ނޫނެއްނު؟ މިހާ ދުވަސް ވީ އިރު ރާހިލްގެ ފަރާތުން މިކަހަލަ ކަމެއް ފެނިދާނެއެކޭ ކުޑަކޮށްވެސް ހިތަކަށް ނާރާ… ދެން ކިހިނެއް އެއްވެސް ސުވާލެއް ނެތި ރާހިލްއާ ވިދާދް ކައިވެނި ކުރަން އެއްބަސް ވެވޭނީ؟” ސާމިޔާ އެހިއެވެ.
“އަހަރެންނަށްވެސް ނޭނގޭތީ ކުރިން ނުބުނެވުނީ، ވިދާއަށް އެނގޭނެ އެކަން” ރާހިލް ބުންޏެވެ.
“މަންމާ، އަހަރެން ރާހިލްއަށް އިތުބާރު ކުރަން. އަހަރެން ބޭނުމެއް ނޫން މިކަމުން އަހަރުމެންގެ ކައިވެންޏަށް އެއްވެސް ހުރަހެއް އެޅޭކަށް، އަދިވެސް އަހަރެން ބޭނުމީ ރާހިލްއާ ކައިވެނި ކުރަން” ވިދާދް ބުންޏެވެ.
“ވިދާއަށް އެންމެ ރަނގަޅުތަ ދޮންމަންމައަކަށް ވާންވެސް؟” ސާމިޔާ އަހާލިއެވެ.
“އަހަރެން ވާނީ ދޮން މަންމައަކަށް ނޫން، ރާހިލްގެ ދަރިފުޅުގެ މަންމައަކަށް އަހަރެންވެސް ވާނީ” އިސްއުފުލާ ސާމިޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ވިދާދް ބުނެލިއެވެ.
ހައިރާންވެފައި ރާހިލްއަށް ވިދާދްއާ ދިމާއަށް ބަލަން އިނދެވުނެވެ. ވިދާދްގެ އެ ޖުމްލައާއެކު ރާހިލްގެ ހިތުގައި ވިދާދްގެ މަގާމު އެތައް ދަރަޖައެއް އުފުލިގެން ދިޔައެވެ.
ސާމިޔާއާ ހާފިޒާވެސް ހައިރާންވެފައި ވިދާދްއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
“އަހަރެންގެ ހިޔާލު ބަދަލެއް ނުވާނެ މިކަމުގައެއް މަންމާ، އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް މި ކައިވެނި ކުރަން” ވިދާދް އިތުރުކޮށްލިއެވެ.
“ރާހިލްގެ ހޮވުމާ މެދު މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ، ވިދާދް ސާބިތު ކޮށްދީފި ތީ ރަނގަޅު ކުއްޖެއްކަން… ހާފިޒާ، އަހަރެން މިހިރީ ރާހިލްއާ އެއްކޮޅަށް، ދެން ހާފިޒާވެސް ގޮތެއް ނިންމާ. ސާމިޔާ ބުނަނީ ކީކޭ؟ ވިދާދް އެ ނިންމީ ރަނގަޅު ނިންމުމެއްތަ؟ މި ކައިވެންޏާ ތި އާއިލާއިން ގަބޫލުތަ؟” އެހާ އިރު ވަންދެން އެއްޗެއް ނުބުނެ އިނދެފައި އިސްހާގު ބުންޏެވެ.
“ވިދާދްގެ ނިންމުމަކީ ތީ ކަމަށް ވަންޏާ އަހަރުމެންގެ މައްސަލައެއް ނެތް، އަހަރުމެން ގަބޫލު” ވިދާދްއަށް ބަލާލަމުން ސާމިޔާ ހިނިތުން ވެލިއެވެ.
“އެންމެ ރަނގަޅު، އަހަރެން ރާހިލްގެ ދަރިފުޅާ ބައްދަލު ކުރާނަން، އެކަމަކު އަހަރެންގެ ޝަރުތަކީ ރާހިލްއާ ވިދާދްގެ ކައިވެނި އަވަސް ކުރުން” ވިސްނާލާފައި ހާފިޒާ ބުންޏެވެ.
“ރާހިލް، އެންމެ ރަނގަޅުތަ؟” އިސްހާގު އަހާލިއެވެ.
ރާހިލް ފުރަތަމަ ވިދާދްއަށް ބަލާލިއެވެ. ވިދާދް ބޯ ޖަހާލުމުން ރާހިލް އެ ޝަރުތާ އެއްބަސް ވިއެވެ.
އެދުވަހު ހަވީރު ރާހިލް މަލާކް ކައިރިއަށް ގޮސްފައި ރާހިލްގެ މަންމައާ ބައްޕަ މަލާކްއާ ބައްދަލު ކުރަން ބޭނުން ވާހަކަ މީރާ ކައިރީ ބުންޏެވެ. މީރާ އެދުނީ އަނެއް ދުވަހު ހަވީރު މީރާމެން ގެޔަށް އެމީހުން އައުމަށެވެ. ރާހިލް އެއްބަސް ވިއެވެ.
ރާހިލް ހާފިޒާ ގާތު އެވާހަކަ ބުނުމުން ހާފިޒާ ބޭނުންވީ ރާހިލްމެން ގެޔަށް މަލާކް ގެންނާށެވެ. ނަމަވެސް ރާހިލްވެސް އިސްހާގުވެސް އެކަމާ ދެކޮޅު ހެދުމުން އެންމެ ފަހުން ހާފިޒާ އެއްބަސް ވިއެވެ.
ގޭ މީހުން ކައިރީ އަނެއް ދުވަހު ރާހިލްގެ މަންމައާ ބައްޕަ އަންނަ ވާހަކަ ބުނުމުން އެންމެންވެސް އެގޮތާ ގަބޫލުވިއެވެ. މީރާ އެވާހަކަ ދެއްކީ މަލާކް ކައިރިއަށް އައިސްފައި ރާހިލް ދިޔުމުންނެވެ. އެދުވަހުވެސް ރާހިލް މަލާކްއާ ބައްދަލު ކުރީ ގޭދޮރުމަތިންނެވެ. އެންމެން ކައިރީ އެވާހަކަ ބުނި އިރު ޔަމާންވެސް އެތާ އިނެވެ.
އައިސްފައި ހުރި ރުޅީގައި މީރާ އަދިވެސް ޔަމާންއާ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ކުރީރޭ ޝަފީގުއާ ވާހަކަ ދެއްކި ފަހުން ޔަމާން ވަރަށް ވިސްނިއެވެ. ޔަމާން ބޭނުންވީ މީރާއާ ދެމީހުން އެކަނި ތިބެ އެވާހަކަ ދައްކާ އެކަން ހައްލު ކުރާށެވެ. ނަމަވެސް އެދުވަހު އެފަދަ ފުރުސަތެއް މީރާ ޔަމާންއަކަށް ނުދެއެވެ.
އެދުވަހު މަލާކްއާ ރާހިލްގެ އާއިލާ ބައްދަލު ކުރަން ބޭނުން ވާހަކަ ބުނުމުން އެކަމާ ޔަމާން އެއްޗެއް ނުބުނުމުން މީރާ ހައްތަހާ ރުޅި ގަދަވިއެވެ. އެކަމާ ކަންބޮޑުވެ ހާސްވެފައި އިން މީރާއަށްވެސް އެންމެ ފަހުން އެރޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ.
ވާހަކަ ދައްކަން ތިބެފައި މަޣްރިބް ނަމާދަށް ގޮވުމުން ޔަމާންއާ ޝަފީގު މިސްކިތަށް ދިޔުމުން މީރާވެސް ކޮޓަރިއަށް ވަދެ ނަމާދުކޮށްލިއެވެ. އެއަށް ފަހު އިރުކޮޅަކު ވިސްނަން އިނދެފައި އޯވަރނައިޓް ދަބަހެއް ނަގައިގެން މީރާއާ މަލާކްއަށް ދެދުވަހަކަށް ބޭނުން ވާނެ އެއްޗެހި އަޅާފައި ލުބްނާއަށް ގުޅާލިއެވެ. ދުވަސްކޮޅެއް ކުރިން ލުބްނާގެ ގޭގައި، ހުޅުމާލޭގައި ދެދުވަހެއް ވަންދެން ހުރެލަން އައުމަށް ލުބްނާ ދީފައިވާ ދައުވަތު އަދިވެސް އޮތްތޯ މީރާ އަހާލިއެވެ. ލުބްނާ ވަގުތުން އާއެކޭ ބުނެ ކޮންމެ ވަގުތަކު އަޔަސް އެންމެ ރަނގަޅު ކަމަށް ބުނުމުން މީރާ ހަމަ އެވަގުތު ގެއިން ނިކުތީ ބޭރަށް ދަނީ ކަމަށް ބުނެ ތާނިޔާއަށް މެސެޖް ކޮށްލާފައެވެ.
މީރާއާ މަލާކް ޓަރމިނަލް އިން ނިކުތް އިރު ލުބްނާ މީރާމެން ބަލާ އައިސް ހުއްޓެވެ.
“އޯހް، ލުބްނާއްތަގެ މަލާ ހާދަ ލޯތްބޭ މިރޭ…” މީރާމެން ފެނުމާއެކު ލުބްނާ އައިސް މަލާކް ގައިގައި ބައްދާލިއެވެ.
“ކުއްލިއަކަށް މިހެން އައިމަ އުނދަގުލެއް ނުވާނެތަ؟” ޓެކްސީއަށް އަރާފައި މީރާ އަހާލިއެވެ.
“ނޫން، ނުވާނެ އުނދަގުލެއް، އެކަމަކު އަހަރެން ހީކުރީ ވީކްއެންޑެއްގަ ކަމަށް އަންނާނީ” ލުބްނާ ބުންޏެވެ.
“މާދަން މިކޮޅުން އޮފީހަށް ދާ ގޮތަށް ރެޑީ ވެގެން މިއައީ” މީރާ ބުންޏެވެ.
“މަލާއަށް ކިހިނެއް ހަދާނީ؟” ލުބްނާ އަހާލިއެވެ.
“މަލާ ދާނީ މާދަން މަންމައާ އެކީ މަންމަ އޮފީހަށް، ދޯ ދޫނީ؟” މީރާ ބުންޏެވެ.
ލުބްނާ މީރާއަށް ބަލާލިއެވެ.
“މީރާ، ހުރިހާ ކަމެއް އޯކޭތަ؟” ކަމެއް ވެއްޖެހެން ހީވުމުން ލުބްނާ އަހާލިއެވެ.
“ފަހުން…” މަލާކްއަށް ބަލާލަމުން މީރާ ބުންޏެވެ.
އެރޭ ކައިގެން މަލާކް ނިންދަވާފައި މީރާއާ ލުބްނާ އެގޭ ސިޓިންގްރޫމްގައި ތިބެފައި ލުބްނާ ދެވަނަ ފަހަރަށްވެސް ހުރިހާ ކަމެއް ރަނގަޅުތޯ އަހާލިއެވެ.
ވެގެން އުޅޭ ގޮތް މީރާ ލުބްނާއަށް ކިޔާދިނެވެ.
“ދެން… ނުވެސް ބުނެތަ މީރާ ތިއައީ؟ އެމީހުން މީރާ ނުހޯދާނެތަ؟” ލުބްނާ އަހާލިއެވެ.
“ތާނީއަށް މެސެޖް ކޮށްލިން ބޭރަށް ދާ ވާހަކަ ބުނެފަ، އެކަމު ކާ ގަޑިއަށް ނުގޮއްސިއްޔާ ގުޅާނެ” ގަޑި ބަލާލާފައި މީރާ އެހެން ބުނި އިރަށް ތާނިޔާ މީރާގެ ފޯނަށް ގުޅިއެވެ.
“މީރާ، ހާދަ ލަސްވަނީ؟ ކިހާ އިރަކު އާދެވޭނީ؟” މީރާ ފޯން ނެގުމުން ތާނިޔާ އަހާލިއެވެ.
“ތާނީ، އަހަރެން މިރޭ ނުދާނަން ގެޔަކަށް” މީރާ ބުންޏެވެ.
“ކީއްވެ؟ ކޮންތާކު ތިހިރީ؟” ތާނިޔާ އަހާލި އިރު އެއަޑުގައި ކަންބޮޑުވުން އެކުލެވިގެން ދިޔައެވެ.
“އަހަރެން މިހިރީ ފްރެންޑެއްގެ ގޭގަ” މީރާ ބުންޏެވެ.
“މާދަން އަންނާނަން ދޯ؟” ތާނިޔާ އެހެން އަހާލީ އަނެއް ދުވަހު ރާހިލްމެން ގޭ މީހުން އަންނަން ވާ އިރަށް މީރާ ގެޔަށް އަންނާނެ ކަމުގައި ޔަގީން ކޮށްފައެވެ.
“ނޭނގެ ތާނީ” މީރާ ވަކި ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ.
“އެކަމު މާދަން އެމީހުން އަންނާނެއެއްނު؟” ތާނިޔާއަށް ބުނެވުނެވެ.
“ދެން ފަހުން ތިކަމާ ވިސްނާނީ. އިހަށް އަހަރެން ބޭނުން ވަނީ މި ހުރިހާ ކަމަކާ ދުރަށް ދާން…” މީރާ ބުންޏެވެ.
“ދޮންބެ ދެކެ ރުޅިއައިސްގެންތަ ތި ދިޔައީ؟” ތާނިޔާ އަހާލިއެވެ. އެއާއެކު ކާމޭޒު ކައިރީ ތާނިޔާގެ ކުރިމަތީ އިން ޔަމާން ތާނިޔާއަށް ބަލާލިއެވެ.
“ތި ވާހަކަ ނުދައްކާ ތާނީ، ތާނީމެން ކައިގެން ނިދާ. ދެން ބާއްވަނީ” ތާނިޔާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ މީރާ ފޯން ކަނޑާލިއެވެ.
“ކީކޯ ބުނީ؟” ތާނިޔާ ފޯން ކަންފަތާ ދުރުކޮށްލުމާ އެކު ނަދީމާ އަހާލިއެވެ.
“މީރާ ބޭނުން ވަނީ މިހުރިހާ ކަމަކާ ދުރަށް ދާށޯ… ރައްޓެއްސެއްގެ ގޭގަޔޯ ހުރީ” ތާނިޔާ ބުންޏެވެ.
“ދެން އިހަށް އަޅާނުލާ، ފަހުން ގުޅާފަ ވާހަކަ ދައްކާނީ” ނަދީމާ ބުންޏެވެ.
އެރޭ ފަހުން ގޭ އެއްވެސް މީހަކު ގުޅުމުން މީރާ ފޯނެއް ނުނެގިއެވެ. އެންމެންވެސް ބޭނުން ވާނީ މީރާ ގެޔަށް ގެންނަން ކަން މީރާއަށް އެނގެއެވެ. ނަމަވެސް ގެޔަށް ދާން ބޭނުން ނުވާތީ އެއްވެސް މީހަކު ދައްކާ ވާހަކަ އަޑު އަހަން މީރާ ބޭނުން ނުވީއެވެ.
އެރޭ ނިދަން އޮށޯވެފައި މީރާއަށް އޮވެވުނީ އެކި ކަންކަމާ ވިސްނާށެވެ. ލުބްނާއާ ދެމީހުން އެކި ވާހަކައިގައި ތިބެފައި ނިދަން ވަން އިރު އެކެއް ޖަހާ ބޮޑު ވެއްޖެއެވެ. ލަސްވެފައި ހުރި ނަމަވެސް މީރާއަކަށް ނުނިދުނެވެ. ޔަމާންގެ ހިތުގައިވާ ޝައްކު ފިލުވާނެ ގޮތަކާމެދު ވިސްނަން މީރާއަށް އޮވެވުނީއެވެ.
ޔަމާންއަށް އެހެން ހީވި ނަމަވެސް ރާހިލްއާ އަލުން ގުޅޭކަށް މީރާ ބޭނުމެއް ނޫނެވެ. މީރާގެ އެތައް މަސައްކަތަކާ އެކުވެސް ރާހިލްގެ ނަން މީރާގެ ހިތުން މުޅިން ފޮހެ ނުލެވުމަކީ މީރާގެ ކުށެއް ނޫނެވެ. އެހެން އެކަން އޮތް ނަމަވެސް މީރާ މިއަދު ބޭނުން ވަނީ ޔަމާންއާ ކައިވެނި ކުރާށެވެ. ދިރިއުޅުމެއް އުޅެން ބޭނުން ވަނީ ޔަމާންއާ އެކީއެވެ.
މީރާގެ ހިތުގައި މިއަދު ޔަމާންއަށް ދެވިފައވާ މަގާމަކީ ދުވަހަކުވެސް ރާހިލްއަށް ދެވޭނެ މަގާމެއް ނޫނެވެ. އެހިތުގައި މިއަދު ރާހިލްގެ ނަމަށް ވުރެ ބޮޑަށް ފެވިފައި ވަނީ ޔަމާންގެ ނަމެވެ. ރާހިލް މީރާގެ ލޯތްބަށް އެދި އާދޭސް ކުރުމުންވެސް އެ ލޯތްބަށް މީރާ އިންކާރު ކުރީ ޔަމާން ދެކެ ލޯބިވާތީއެވެ.
ވީއިރު އެކަން ޔަމާންއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ މީރާ އަދިވެސް ރާހިލް އާ ގުޅެން ބޭނުން ވާނެ ހެން ޔަމާންއަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ރާހިލް ކައިރީގައި މީރާއަށް އަމިއްލަ ނަފްސަށް ބާރު ނުފޯރުވޭހެން ޔަމާންއަށް އަދިވެސް ހީވަނީ ހެއްޔެވެ؟ ޔަމާންގެ ހިތުގައި ޝައްކު އުފެދުނީ އެހެން ވެގެން ހެއްޔެވެ؟ މީރާގެ ލޯތްބަކީ މިއަދު ޔަމާން ކަން މީރާ ޖެހޭނީ އަދިވެސް ޔަމާންއަށް ސާބިތު ކޮށްދޭން ހެއްޔެވެ؟ ނަމަވެސް ކިހިނެއް ހެއްޔެވެ؟ އެކަން ސާބިތު ކޮށްދޭން ދެން މީރާ ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟
އެޚީޔާލުތަކުން މީރާ އަނެއްކާވެސް އަންނަން ފެށި ރުޅިއެވެ. މީރާއަށް އަދިވެސް އެކަން ސާބިތުކޮށް ނުދެވެނީ ހެއްޔެވެ؟ މީރާ ބުނުމުން ޔަމާންއަށް ގަބޫލު ނުކުރެވޭ ނަމަ ދެން މީރާ ކުރާނެ ކަމެއް ނެތެވެ. މީރާ ޔަމާންއަށް އިތުބާރު ކުރާހެން ޔަމާންވެސް ޖެހޭނީ މީރާއަށް އިތުބާރު ކުރާށެވެ. މީރާގެ ބަސް ގަބޫލު ކުރާށެވެ.
އެރޭ ފަހުންވެސް ތާނިޔާ މީރާއަށް ގުޅިއެވެ. ނަމަވެސް މީރާ ފޯނެއް ނުނަގައެވެ. ފަހުން ނަދީމާ ގުޅުމުންވެސް މީރާ ފޯނެއް ނުނަގައެވެ. އޭގެ ފަހުންވެސް ތާނިޔާ އެތައް ފަހަރަކު ގުޅިއެވެ.
އެރޭ މީރާއަށް ނިދުނީ ފަތިސް ނަމާދު ކޮށްގެން އޮށޯވެލި ފަހުންނެވެ. ދެން ހޭލެވުނީ ހައެއް ޖެހިތަނާ މަލާކް ގޮވުމުންނެވެ. އޭރު މިރާގެ ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ. ތެދުވެ ފެންވަރައިގެން މަލާކް ރީތިކޮށް ނިމުނު އިރު ހަމަ ރަނގަޅަށްވެސް މީރާގެ ބޮލުގައި ރިއްސަން ފަށައިފިއެވެ. ދަބަސް ހާވާލާފައި މީރާ އަވަހަށް ބޭސްގުޅައެއް ކާލީ އެއަށް ވުރެ ރިހުން ގަދަ ވެއްޖެ ނަމަ ދެން ކޮޅަށްވެސް ނުހުރެވޭނެކަން އެނގޭތީއެވެ. ސައިބޯން އިނދެފައި އެދުވަހު އޮފީހަށް ނުދެވޭނެ ވާހަކަ މީރާ ލުބްނާ ކައިރީ ބުނުމުން ލުބްނާ ކަންބޮޑުވިއެވެ. ނަމަވެސް މާބޮޑު ކަމެއް ނޫން ކަމަށް ބުނެ ލުބްނާ އޮފީހަށް ދިޔުމަށް ބުނެފައި ލުބްނާ ދިޔުމުން މީރާ ކޮޓަރިއަށް ވަދެ އޮށޯވެލީ ކުޑަ އިރުކޮޅަކަށް ނިދާލެވޭތޯއެވެ. އޮށޯތުމުގެ ކުރިން މީރާ ފޯން ނިވާލިއެވެ.
މީރާއަށް ހޭލެވުނީ އެގާރަ ގަޑި ބައިގައެވެ. މީރާގެ ބޮލުގެ ރިހުން އޭރު ވަނީ ވަރަށް ބޮޑުތަން ލުއި ވެފައެވެ. އޭރު މީރާ ކައިރީގައި މަލާކްވެސް ނިދާފައި އޮތެވެ. އެނދުމަތީގައި މަލާކް ކުޅެން ގެންގުޅުނު ކުޅޭ އެއްޗެހި ހުއްޓެވެ. އެކަނި ހުރެ ފޫހި ވެގެން ނިދިފައި އޮތް މަލާކްގެ މޫނަގައި ބޮސްދީފައި މީރާ ތެދުވެ މޫނު ދޮވެލާ ހަދައިގެން އައިސް ފޯން ހުޅުވާލިއެވެ.
ނަދީމާއާ ތާނިޔާގެ ކޯލްތަކުގެ އިތުރުން ޔަމާންވެސް ހަ ފަހަރު މީރާއަށް ގުޅާފައި އޮތެވެ. ވީހާވެސް އަވަހަކަށް ގުޅުމަށް އެދިފައި ތާނިޔާ މެސެޖްވެސް ކޮށްފައި އޮތެވެ. މީރާ އަވަސް އަވަހަށް އެއްޗެހިތައް ދަބަހަށް އަޅާލާފައި މަލާކްއަށް ގޮވާ ނަގާފައި މަލާކްއަށް ކާއެއްޗެއް ދީފައި ރީތިކޮށްލިއެވެ. އޭގެ ފަހުން ލުބްނާއަށް ގުޅާފައި މާލެއަށް ދާ ވާހަކަ ބުނެފައި ގެއިން ނިކުތީ ލުބްނާގެ ކޮއްކޮ ކައިރީ ބުނެފައެވެ.
މީރާ ފެރީގައި އިންދާ ޔަމާން ގުޅިއެވެ. ޔަމާން އެގުޅަނީ މީރާ ވީ ތަނެއް ނޭނގިގެން ކަންބޮޑު ވެގެން ކަން އެނގޭ އިރުވެސް މީރާ އެފޯނަށް ޖަވާބެއް ނުދިނެވެ. އޭގެ ފަހުން ތާނިޔާ ގުޅީ ގެޔަށް ގޮސް މީރާ ޓެކްސީ އިން ފައިބަނިކޮށެވެ. އެވަގުތު މީރާ ފޯން ނަގަން އުޅެނިކޮށް ބެޓެރި ހުސްވެގެން ފޯން ނިވުނީއެވެ.
މަލާކްގެ އަތުގައި ހިފައިގެން މީރާ ގެޔަށް ވަން އިރު ތާނިޔާއާ ޔަމާން ފޯން އަތަށް ލައިގެން ސިޓިންގްރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިއްބެވެ. ނަދީމާއާ ޝަފީގު ސޯފާގައި ތިއްބެވެ. މީރާ ފެނުމާއެކު ނަދީމާ މީރާގެ ނަމުން ގޮވާލިއެވެ. އެއާއެކު އެންމެން އެއްފަހަރާ މީރާއާ ދިމާއަށް ބަލާލިއެވެ.
“ސާބަސް މީރާއަށް، ގުޅާގުޅާ މިހާރު އެންމެން ވަރުބަލި ވެއްޖެ، ކޮންތާކުން ތި އައީ؟” އުނަގަނޑުގައި ދެފަރާތުން ދެއަތް ވިއްދާލަމުން ތާނިޔާ ރުޅި އައިސްފައި ހުރެ އެހިއެވެ.
“އަހަރެން ބުނީމެއްނު ރައްޓެއްސެއްގެ ގޭގައޭ ހުރީ؟” ތާނިޔާ ރުޅި އައިސްފައި އަހާލި ގޮތުން މީރާ ހިނިއައި ނަމަވެސް ސީރިއަސް ވެފައި ބުންޏެވެ.
“އެކަމަކު ފޯނު ނެގިދާނެއެއްނު ތި ބުނާ ރައްޓެއްސެއްގެ ގޭގަ ހުއްޓަސް؟ ރޭން ފެށިގެން މި ގުޅަނީ… މިއަދުވެސް ކިތައް ފަހަރު ގުޅައިފިން؟ އަދި ފޯން ނިވާވެސް ލައިފިއޭ… ކަމެއް ވިޔަސް ކިހިނެއްތަ އެނގޭނީ ފޯނު ނުވާލައިގެން އުޅުނީމަ…؟” ތާނިޔާ އަދިވެސް ރުޅި މަޑެއް ނުވެއެވެ.
“ތާނީ، އަހަރެން ދަމުން ދިޔައީ ތާނީއަށް މެސެޖް ކޮށްފަ، ފަހުން ގުޅިމަވެސް ބުނިން ކީއްވެ ކަން ދިޔައީ. ދެން ކޮން ކަމަކާތަ އެހާ ހާސް ވާންވީ؟” މީރާވެސް ރުޅި އަންނަން ފެށިއެވެ.
“ދެން އަޅާނުލާ، މީރާ އެއައީއެއްނު؟ އާދެބަލަ މާމަގެ ދަރިފުޅާ…” ނަދީމާ ތާނިޔާގެ ކޮނޑުގައި ހިފާލަމުން އެހެން ބުނެފައި މަލާކް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ނަދީމާގެ ފަހަތުން ޝަފީގުވެސް ދިޔައެވެ.
“މީރާ، އެނގޭތަ ދޮންބެ ހާސް ވެގެން އުޅުނު ވަރު؟ މީރާއަށް ނުގުޅިގެން އުޅެނިކޮށް އަދި ފޯނު ނިއްވާލީ…” ތާނިޔާ މީރާ ކައިރިއަށް އައިސް މަޑުމަޑުން ބުނެލީ ޔަމާންއަށް އަޑު އިވިދާނެތީއެވެ.
“އޭރު ފޯނު ޗާޖް ހުސްވެގެން ނިވުނީ، އަހަރެން ނިއްވާލީކީ ނޫން، އެހެން ނޫނަސް އަހަރެންނާ ނުގުޅިގެން މީހަކު ހާސްވެގެން އުޅޭކަށް ނުޖެހެއެއްނު؟” މީރާ ގަސްތުގައި ޔަމާންއަށް އަޑު އިވޭ ވަރަށް ބުންޏެވެ.
އެއާއެކު ޔަމާން އައިސް މީރާގެ އަތުގައި ހިފި ގޮތަށް މީރާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.








ސަލާމް ހުރިހާ ކުދިން… ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް… 29 އަންގާރަ ދުވަހު ގެނެސްދޭނަން އިންޝާﷲ… ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ…
????????????????
Nice.. Waiting for the next episode..
Vaahaka gendhaagoi v rythi.. Meera n yamaan v gulhey.. raahil n vidhaadh too.. Malaa ah 2 mom 2 dad libeyne.. Raahil a Meera gulhuvaifiya hadi vaane..
agree with u …. vaahaka v reethi
Nice but tooooooooooo shorrrrrrt marsha
woooooow….hama obiness to max??? yamaan n meera v loabi ulhey goi..heheh
Vvvvv reethi ingey.
Alhe kudakudhin thakehga ?
V reethi mipartuves
Meera nd rahil gulheny. Vidhad ves loabivany yaman dheke. Compromise kuruma vure ehn salhi. Meera ulhey gothun bola udhagu vey..yamaan kuri suvala meera ah javab nudheveh nun. Kthanme bunyas aslu mom nd dad vare nunvaane ehn myhun. Neygeyhe hadha loabivey miyaa gulheny ves meera nd rahil
I agree with u . Meera & yamaan bodah ulhenee friends gothah . Mi vaahakaiga eves character eh haadhaha loabivegen noolhey .
Agree with u
Agree wid u
Vvvvv reethi…☺?
Meera ah rahil libijjeyya yaman haadha dhera vaane ey dho…
Haadha kure ekamaku mihaa inthixaaru kohggen thibeiru
V nice….hama waitting ga
alhe mira and yamaan pls pls
mira and yaman ingey gulhuvaany
agree with fathun
I agree with Fathun
Vidaad ves Yamaan deke v.lwbi vae.. nd Meeraa yamaan deke ehaa lwbivaa iru ves Raahil ge nan nufohevenvy sababeh neh….Etanun visnae ehchaky Meraa kitamme yamaan a gulhen baenunviyas hiyy edeny egoikan…
Vidaad ves Yamaan deke v.lwbi vae.. nd Meeraa yamaan deke ehaa lwbivaa iru ves Raahil ge nan nufohevenvy sababeh neh….Etanun visnae ehchaky Meraa kitamme yamaan a gulhen baenunviyas hiyy edeny Egoinunkan
I always luv u r stories.. v v reethi mi baI ves nimunu iru nuves igunu
Yamaan n meera plx
yamaan and meera e ulhenee enmme loabikoh. yamaan ah eynaage zamaanvee loabi libun haqqu. anekka dhondharin dheke loabivaa dhonbappainnaai dhonmmain ves thibeykan engeyne eyrun. ehen meehunnah iburathakah ves vaane eyrun. meeraa aai yamaa gulhuvaa pls pls pls pls
same here yamaan and meera
marshaa mi story dhen niman ulhey…
haadha molhey marsh .. varah furihama story eh.. keep up the good work
wow nice.plx meera n yamaan gulhuvahje plx………waiting…waiting
Kobaatha meyaduge part avahah up koh deeba