Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 1

ހަށިގަނޑުގައި ޖަހާފައިވާ މަސްތަކުގެ ސަބަބުން ހިނގާ ބިގާވެ އުޅެން އުނދަގުވާކަން ޝަރީފާ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ވެސް އެނގެއެވެ. ގޭދޮރުމަތި ކުނިކެހުމަށްފަހު ދުރުގައި ހުރި ޖަސްތުގަނޑާއި ގޯނިގަނޑު ހިފައިގެން އައިސް އެއްކޮށްފައި ހުރި ކުނިތައް އެއަށް އަޅަން އުނދަގުލުން ތިރިވިއެވެ. ލައިގެން ހުރި މާޖެހި ހައުސްކޯޓް ގަނޑު ކުޑަކޮށް މައްޗަށް ޖައްސާލީ އެތެރެއިންލާފައި ހުރި ހަރުވާޅު ފެންނަ ވަރަށެވެ. ބޮލުގައި އޮތް ކަންބުރުގާ ވެސް ދެފަރާތުން ގޮށެއް ޖަހާލާ އެއްފަރާތަކަށް އެއްލިއެވެ. “ހޫނ ކަންތަކާ މިޖެހުނީ…. ސޮރާ! ނިކަން ދެން މިމަގުން ދޭބަލަ. މިދަޅުން ޖަހާނަން” ބައިސްކަލުގައި ދިޔަ ފިރިހެން ސޮރަކު ބޮއެފާ އެއްލި ދަޅު ޖެހުނީ ޝަރީފާގެ ފައި ބުޑުގައެވެ. ބައިސްކަލާއި ދިމާލަށް އެދަޅު އެއްލަމުން ޝަރީފާ ހަޅޭއްލަވާ ގަތެވެ. އެފިރިހެން ކުއްޖާ ވެސް ފަސްއެނބުރި ބަލާލަމުން ބައިސްކަލްގެ ދުވެލި ބާރުކޮށްލީ ހިނިގަނޑެއް ޖަހާލަމުންނެވެ. ކުނިތައް އަޅާފައި ހުރި ގޯނިގަނޑު ހިފައިގެން ކޮޅަށް އުނދަގުލުން ތެދުވި ޝަރީފާ އަށް ‘އައްދިއްޔޯއި’ އޭ ބުނެވުނީ މާގިނައިރު އިށީނދެ އިނދެފައި ތެދުވުމުން ފައިގެ ކަކުލަށް އެރި ތަދަކުންނެވެ. ކުރިމަތީ ހުރިގޭ ދޮރުމަތީގައި ހުރި ނުވަ ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހީގަތީ ޝަރީފާ އަށް ތަދުވީމައެވެ. އިލޮށިފަތި ހިފައިގެން ޝާރީފާ އެކުއްޖާ ވެސް ފަހާ ދުއްވައިގަތެވެ. “އަނހަ ޝަރީފާ! ތިޔޯ…ކީއްވެ އެސޮރު ފަހާ ތިދުވަނީ… ތިހެން ދުވީމަ ޝަރީފާ އަށް އަޅެ އެސޮރު އަތުވާނެތަ” މަގުމަތިން ދިޔަ ހުސޭނަށް ޝަރީފާ ދުވާ ތަން ފެނުމުން ބުނެލިއެވެ. “ކީއްކުރާނީ މިހިސާބުގައި އުޅޭ ކޮންމެ ކުއްޖަކު ވެސް ބަލާނެ މަށަށް އުނދަގުލެއް ކުރެވޭތޯ. ހެޔޮވާނެ ކުޑަކުއްޖަކަސް. ކީއްކުރާނީ މީ މަށަށް ހުރި ގޮތް. ދެއަންހެންދަރިން ބޮޑުވި އިރު ވެސް މިކަހަލަ ފަސޭހައެއް ނުކޮށްދޭނެ މަށަށް. މިކަން ނިމުމަށްފަހު ދެން ވީ ސައި ހަދަން. އެމީހުން ތެދުވާއިރު މިކަން ނުކޮށްފިއްޔާ ވެސް އުނދަގުވާނީ މަށަށް. ރޭގައި ކުމްކުމް ބާގީ ވެސް ބެލުނީއެއް ނޫން މި ސަޖޫލް އަށް ނޫޑްލްސް ކައްކަ ދޭން ވެގެން. މިއަދު ރިޕީޓްގަނޑު ވެސް ނޭނގެ ފެންނާނެ ކަމެއް. އެވެސް އެނގުނީ މިއަދު ކަނޑާލަން” ތަންކޮޅެއް ދުރުގައި ހުރި ބަރޯއަކަށް ކުނި ގޯނި ލަމުން ގޯނި މަތީގައި އިލޮށިފަތި ވެސް ބާއްވާލިއެވެ. އަދި ބަރޯ ދެފަރާތުގައި ހިފައިގެން ރަށުގެ ކުނި އުކާލަން ހަމަޖައްސާފައި އޮތް ދިމާލަށް މިސްރާބުޖެހީ ހަޅެއްލަވަމުންނެވެ. އެހެން ދާއިރު މަގުމަތިން ދާ މީހަކު އެއްޗެއް ބުންޏަސް އެއަށް ވެސް ޖަވާބުދެއެވެ.

ތ.ގުރައިދޫ އަށް އުފަން ޝަރީފާ އަހްމަދު، އެއީ ޒުވާން ދުވަސްވަރު އެރަށުގެ އެންމެ ރީތި އަންހެންކުއްޖާއެވެ. ޒުވާން ފިރިހެން ކުދިންތައް މަށަށް މަށަށް ގޮވާ ހުއްޓާ ޝަރީފާގެ ހިތުން ޖާގަ ހޯދީ އެރަށު މުޝްތަރީގޭ އާދަނެވެ. އާދަނުގެ މައިންބަފައިން އޭނާ އަށް އުމުރުން ދެއަހަރުގައި ވަނީ މިދުނިޔެ ދޫކޮށްފައެވެ. އާދަނުގެ އެއްބަނޑު އެއްބަފާ ހުންނަނީ ދެ އަންހެނުންނެވެ. ދެމީހުން ވެސް މީހުންނާއި އިނދެގެން ކައިރި އެހެން ރަށްތަކުގައި އުޅެއެވެ. މުޝްތަރީގެ އަކީ އާދަނުގެ ބައްޕަގެ ގޯއްޗެކެވެ. އާދަނުގެ ބައްޕަގެ މުދާ ތިންބެއިންގެ މެދުގައި ބެހުމަށްފަހު ދެއަންހެން ކުދިންނަށް ވީ ބައި ވަނީ ހުރި ހަމައެކަނި ކޮއްކޮއަށް ދީފައެވެ. ރަށުގައި މަސްވެރިކަން ކޮށްގެން ލިބޭ ރުފިޔާއިންނާއި އެހެން މީހުންނަށް މަސްކަނޑާދީގެން އަދި ވަޑާމުގެ މަސައްކަތްކޮށްގެން އާދަނަށް ލިބޭ ލާރިން މިވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ވަނީ ރަނގަޅު ފެންވަރަކަށް އެގެ ހަދާފައެވެ. އެއްބަނޑު ދެ އަންހެނުން އާދަނަށް އެގެ އެއްކޮށް ދީފައި ވިޔަސް އެދެބޭންނަށް ވީބައި ވެސް ވަނީ ވަކިކޮށްދީފައެވެ. މުޅި ގެ ވަށައިގެން ބޭރު ފާރުގައި ޕިންކް ކުލަލާފައި ހުރުމުން ވެސް އާދަނަކީ ވަރަށް ސަރުކާރާއި އެއްކޮޅު މީހެއް ކަން އެނގެއެވެ.

ޝަރީފާ އާއި އިނދެގެން އެގެއަށް ގެނައި ފަހުން ގޭތެރޭގެ ހުރިހާ ކަމަކަށް ސަމާލުވިއެވެ. އުފާވެރި ކައިވެންޏަކަށް ލިބުނު ދެއަންހެން ދަރީން ސަޖޫލް އާއި ބަތޫލް އަކީ އެދެމަފިރިންގެ ދެލޮލުގެ ނޫރެވެ. ސަޖޫލް އަށް ނަވާރަ އަހަރު ވީއިރު ބަތޫލް އަށް ވީ އަދި ސަތާރަ އަހަރެވެ. ދަރިން ވިހައިގެން ދުވަސްތައް ގުނަމުން ދިޔަ ޝަރީފާ ހަށިގަނޑަށް ބަދަލުތަކެއް އައިސްފައި ހުއްޓަސް އެމޫނު މަތިން އަދިވެސް އޭރުގެ ރީތިކަން ފާޅުވާން ހުރެއެވެ. ދޮން ހަށިގަނޑަކާއި މާކުރު ނޫން އިސްކޮޅެކެވެ. ޝަރީފާ ކޮންމެ ސިފައެއްގައި ހުރި ނަމަވެސް އާދަނު އަދިވެސް ޝަރީފާ ދެކެވި ލޯތްބަށް ބަދަލެއް ނާދެއެވެ. ދަރިންނާއި އަނބިމީހާ އަކީ އާދަނުގެ ދިރިއުޅުމުގެ އެއްބައެވެ.

ޝަރީފާ އަށް އެހީވެދިނުމުގައި އަލްޔާ ބަދިގޭގައި އުޅެއެވެ. އަލްޔާ އަކީ ޝަރީފާ އަށް ބޮޑުދައިތަ ކިޔާ އުމުރުން ވިހި އަހަރުގެ ކުއްޖެކެވެ. ޝަރީފާގެ ވެސް ޅަ ދުވަހުގައި މައިންބަފައިން ވަކިވެފައި ވުމުން މީހަކާއި އިނުމާއި ހަމައަށް ބަލާފައި ވަނީ އަލްޔާގެ މައިންބަފައިންނެވެ. އަލްޔާ އަކީ ދެމަފިރިއެއްގެ ހުރި ދެދަރިންގެ ތެރެއިން އެންމެ ބޮޑު ކުއްޖާއެވެ. ރަށުގެ މުޅިން އެހެން އަވަށެއްގައި އަލްޔާގެ ބައްޕަ އަބްދުއްޝަކޫރުގެ ގެ “އޮއޭސިސް” ހުރި އިރު މިދުވަސްކޮޅު އަލްޔާ ޝަރީފާ ކައިރީގައި ހުރީ އެއްބަނޑު އެއްބަފާ އުމުރުން އަށާރަ އަހަރުގެ ކޮއްކޮ ޖުނާލް އަށް ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ ގައި ތިބުމުންނެވެ. އަލްޔާ އަކީ ސްކޫލްގައި މަސައްކަތްކުރާ ހީވާގި ސްޕަރވައިޒަރެކެވެ. ޅަ އުމުރުގައި އެފަދަ މަތީ މަގާމެއް އަލްޔާއަށް ލިބުނީ ލިބިފައި ހުރި ތަޢުލީމެއްގެ ސަބަބުންނެވެ. އަބްދުއްޝަކޫރަކީ ރަށު ކޯޓުގެ ގާޒީއެވެ. އަލްޔާގެ މަންމަ މިޔާނާ އަކީ ގޭތެރޭގެ މަސައްކަތަށް އެންމެ އެކަށޭނެ އަންހެނާއެވެ. އަލްޔާ އާއި ޖުނާލް ދެކެ އެދެމަފިރިން އިންތިހާއަށް ލޯބިވެއެވެ.

“ނަސީބެއް ހުކުރު ދުވަސްކަން. ބޮއްތި ތިހެން ފަތިހާ ހޭލާ އިރު ކީއްވެތަ މޯނިންގް ވޯރކަށް ނުދަނީ. ނިކަން ފަތިސް ނަމާދު ކޮށްލައިގެން ދޭބަލަ ކުޑަކޮށް ހިނގާލަން. އޭރުން ހަށިގަނޑަށް ލުއި ވާނީ” ފިޔާތޮށި ކުލައިގެ އަތްކުރު ޓީޝާޓް ކޮޅަކާއި ކަޅު ކުލައިގެ ކަކުލުން ތިރިއަށް ހުރި ޖީންސުބުރީގައި އުނދުން ކައިރީގައި ރޮށި ފިހަން ތައްޔާރު ކުރަމުން ދިޔަ އަލްޔާ ވާހަކަދެއްކީ މޭޒު ކައިރީގައި ފިޔާ ކޮށަން އިން ޝަރީފާ އާއެވެ. އަލްޔާގެ ބަހަށް ތާއީދު ކުރުމުގެ ގޮތުން ޝަރީފާ ވެސް ބޯޖަހާލިއެވެ. “އެކޮއި ބޮއްތި ވެސް ބޭނުމޭ ދާން. އެކަމަކު މިހާ މަސައްކަތް ގިނައިރު ކިހިނެއް ދާނީ. އެކަމަކު ބޮއްތި މިހާރު ރޭގަނޑު ކެއުން ހުއްޓާލައިފިން. އާދަނުބެ ވެސް ބުނި އެކޮއި ތިބުނި ހެން” ފިޔާތަކުގެ އާވީގެ ސަބަބުން ދެލޮލުން އައިސް ހުރި ފެންތައް ފޮހެލަމުން ޝަރީފާ ވާހަކަދެއްކިއެވެ. “ކޮބާ މިއަދު ބޭބެ” އަލްޔާ އެބުނީ އާދަނުގެ ވާހަކައެވެ. “ވެއްޖެ ރައްޓެއްސަކާއި ބައްދަލުކުރަން ބޭރަށް ގޮސް. ތި ނިމުނީތަ. ދޭބަލަ ބާތު އާއި ސަޖޫ އަށް ގޮވާލަން. މީހަކު ނުގޮވާފިއްޔާ ތިބެދާނެ އަނެއްކޮޅުން އޮށްސެންދެކަށް ވެސް… އަދި މެންދުރުގެ ކެއުން ޖެހޭނެ ޕޮލިސް ސްޓޭޝަނަށް ގެންގޮސްދޭން. އެކުދިންނަށް އެންމެ މީރު އެއްޗެހި ތައްޔާރު ކުރަން ބޮއްތި މިއުޅެނީ. ލައި ވާނެ ބޮއްތި އަށް މިކަން ކޮށްލަދޭން” ކޮށާފައި ހުރި ފިޔާތައް އެހެން ތައްޓަކަށް އޮށްސާލުމަށްފަހު ކައިރީގައި ހުރި ތަށިން ކެރެޓެއް ނަގަމުން ފަރިތަ ކަމާއެކު ކޮށަމުން ޝަރީފާ ވާހަކަދެއްކިއެވެ. ތަވާ އުނދުންމަތިން ބޭލުމަށްފަހު ރޮށިި ލާ ތަށީގައި މަތިޖަހާ މޭޒުމައްޗަށް އަރުވަމުން އަލްޔާ ހިނގައިގަތީ ޝަރީފާގެ އެދުމަށް އިޖާބަ ދެމުންނެވެ.

ގޭތެރޭގެ މަސައްކަތުގެ އިތުރުން ޝަރީފާ އަކީ އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ކޮންމެ ވަގުތަކު ކާއެއްޗެހި ކައްކާ ގެންގޮސްދޭ މީހާއެވެ. އެމަސައްކަތުން ވެސް ޝަރީފާ އަށް ރަނގަޅު އާމްދަނީއެއް ލިބެމުންދާތީ މަސައްކަތުގައި ދެމިހުރީ އުފަލާ އެކުގައެވެ. ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ވެސް ޝަރީފާ އަށް މުހާތަބް ކުރަނީ ދައްތަގެ ނަމުންނެވެ. ޝަރީފާ ނޫނީ އިތުރު އެހެންބަޔަކު ކައްކާކަށް އެކުދިން ވެސް ނޭދެނީއެވެ. ސްޓޭޝަނުގައި ބަދިގެ އެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން ކައްކާ ހަދަނީ ޝަރީފާގެ ގޭގައެވެ. ދުވާލުގެ ޝެޑިއުލް ކިތަންމެ ބުރަ ވިޔަސް ޕޮލިސް ސްޓޭޝަނަށް ގަޑިއަށް ކާއެއްޗެހި ގެންދިއުމަށް ޝަރީފާ ވަރަށް ބޮޑަށް އިސްކަން ދެއެވެ.

ގަޑިން ދިހައެއް ޖެހުމުގެ ކުރިން ޝަރީފާ މެންދުރަށް ކައްކާ ނިންމާލިއެވެ. ގެއިން ބޭރަށް ގެންދަންޖެހޭ ކާއެއްޗެއްސާއި ކުދިންނަށް ކެއްކި ކާއެއްޗެހިތައް ތައްޔާރުކޮށް ނިމުމުން ލުހާނަމާދު ކޮށްލަން ޝަރީފާ އެތެރެ ކޮޓަރިއަށް ވަނެވެ. އޭރު ސަޖޫލް ދެކަންފަތަށް ހެޑްސެޓް ޖަހާލައިގެން ސިޓިންގްރޫމުގައި ހުރި ސޯފާ ގޮނޑީގައި އޮތެވެ. ގޮނޑިން ތިރިއަށް ބޯ އެލުވާލާއިގެން އޮތްއިރު ދެފައި ވަނީ ސޯފާގެ ލެގޭ ބައިގާ އަޅުވާލާފައެވެ. ދެފަރާތަށް ބޯތަޅުވާލަމުން ޝަރީފާ ޖެހިގެން ހުރި ބަތޫލްގެ ކޮޓަރި އަށް ބޯދިއްކޮށްލިއެވެ. އެވަގުތު އެނދު ބެޑްޝީޓް ބަދަލުކުރަން އުޅުނު ބަތޫލް ފެނި ޝަރީފާ ގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ބަދިގެ ފަރާތުގައި މަންމަ އަށް ކަމެއް ކޮށްނުދިނަސް އަމިއްލަ ކޮޓަރި ރީތި ކުރުމުގައި ދެކުދިންގެ މެދުގައި ވަނީ ވާދަވެރިކަން ހިފާފައެވެ. އެންމެ ރީތި ކޮޓަރިއެއް ހޮވަން އަބަދުވެސް ޖެހެނީ އާދަނަށް ނުވަތަ ޝަރީފާއަށެވެ.

“މާތްކަލާކޯ! ސަޖޫޫ ތިހެން އޮށްވަ ގޮހޮރު އަނގައިން ނިކުމެދާނެ” ގުރާފެހިކުލައިގެ ކުރުތާގެ ދެފަރާތަށް ދަމާލަމުން ކޮޓަރިން ނިކުތް އަލްޔާ އަށް ސޯފާގައި އޮތް ސަޖޫލް ފެނުމުން ދެލޯ މުދުނަށް އެރިއެވެ. ” ސަޖޫ” ދެވަނަ ފަހަރަށް އަލްޔާ ސަޖޫލް އަށް ގޮވާލީ އެއްވެސް ޖަވާބެއް ނައުމުންނެވެ. ދޮރާ ހަމައިގާ ހުރި ފެން ފައިވާނަށް އެރެން ދިޔަ އަލްޔާ އަށް މޮޅު ހިޔާލެއް އައުމުން އަނބުރާލާފައި ގޮސް ހުއްޓުނީ ސަޖޫލްގެ ކައިރިއަށެވެ. ހެޑްސެޓް އަޅައިގެން އޮތް ސަޖޫލް އަޮތީ ލަވައިގެ މަސްތުގައި ޖެހި ދެލޯ މެރިފައެވެ. ކައިރީގައި ހުރި ކުޑަމޭޒު މަތިގައި ހުރި ފެންޖަގު އަރިކޮށްލުމަށްފަހު ސަޖޫލްގެ މޫނަށް އަމާޒުކޮށްލިއެވެ. އިސާހިތަކު ފެންތައް ސަޖޫލްގެ މޫނަށް އަމާޒުވިއެވެ. ގުޅަވަރަކަށް ވެއްޓިޖެހުނީ ސޯފާގެ ބުޑަށެވެ. “އަޅޭ މަގޭ ހެޑްސެޓް. ނަސީބެއްނު. ކީއްތިކުރީ ލައި” ސަޖޫލް ހިތްހަމަނުޖެހުނެވެ. “އަލްހަމްދުލިއްލާހި. ލިބިދާނެ އަނިޔާ އަކުން ސަޖޫ ސަލާމަތްކޮށްދިނީ” ދެވަނަ ބަހެއް ނުބުނެ އަލްޔާ މިސްރާބުޖެހީ ބަދިގެއާއި ވީ ދިމާލަށެވެ. ހަމަ އެހާ އަވަހަށް ބަދިގޭގައި ހުރި މަތިޖަހާ ތަށިތައް ހިފައިގެން ޕޮލިސް ސްޓޭޝަނާއި ވީ ދިމާލަށް ދަތުރު ފެށިއެވެ.

 

ކައިރީގައި އޮންނަ ލ. އަތޮޅު ގަމު މުކުރިމަގު އަވަށުގައި ހުންނަ އަލުވިމާގެ އަކީ އާދައިގެ ގޮތަކަށް ހަދާފައި ހުންނަ ގެއެކެވެ. ފުރާޅުގައި ޖަހާފައިވާ ޓިނުތަކުގައި ދަބަރު ޖަހާ ހުރީ ބާވެފައެވެ. މައިދޮރުގެ ތިރިން ހުރީ ހަލާކުވާން ފަށާފައެވެ. ފާރުގެ އެއްބައިގާ ސިމެންތި ޖަހާފައި ހުރި އިރު އަނެއްބައި ހުރީ އެޅި ގަލުން ރާނާފައި ހުރި ގޮތަށެވެ. މައި ދޮރުގެ ދެފަރާތަށް ކަނޑާފައި ހުރި ކުޑަ ދޮރުތަކުގެ ދޮރުފަތްތައް ހުރީ ކުލަތައް ފައިބާ ފީވެފައެވެ. ކިރިޔާ ތަންޑުއަޅުވާލެވޭ ކަމެވެ. މައި ދޮރުން އެތެރެއަށް ވަންނަ އިރު ފެންނަން ހުރީ ތިން ކޮޓަރިއެވެ. ކުރިއަށް ހަދާފައި ހުރި ހަނި ގޯޅިގަނޑުން ނިކުމެވެނީ ގޯތި ތެރެއަށެވެ. ގޯތިން ވެސް މަގުގެ ބިތްދޮށަށް ނިކުމެވޭ ގޮތަށް  ހާމައަށް ހުންނަ ދޮރެއް ކަނޑާފައި ހުއްޓެވެ. ގޮތީގެ ވަށާފާރު ހުރީ އާދައިގެ އިސްކޮޅެއް ހުންނަ މީހެއްގެ އުނަގަނޑާއި ހަމައިގައެވެ. ބޭރުން މަގުމަތިން ދާ މީހުންނަށް ގޯތިތެރެ ރީއްޗަށް ފެންނަން އޮވެއެވެ. އެއްފަރާތުގައި ތަފާތު ވައްތަރުގެ ގަސްގަސް ހައްދާފައި ހުއްޓެވެ. މިރުސް ގަހާއި ކޮޕީފަތެވެ. ހިކަނދިފަތާއި ރާނބާ ފަތެވެ. ފޭރާއި ކެޔޮނިރެވެ. ނިރު ގަހުގައި އިން ކެޔޮގަނޑު ވެސް އިނީ ދޮންވާތަށް އަޅާފައެވެ. އަނެއްފަރާތުގައި ވަކިން ހަދާފައި ހުރި ބަދިގޭ ފުރާޅުމަތިން ނަގާފައި ހުރި ދަނޑިއަކަށް ބިލެއް ވެލެއް އަރުވާފައި ހުއްޓެވެ. އެއާއި ޖެހިގެން އަރުވާފައި ހުރި ފެޝަންފުރުޓްވެޔޮގެ ބައެއް ބިލެތާއި އެކުވެފައި އޮތެވެ. ބަދިގެ އާއި އިންވެގެން ހުރި ހިޔާކޮށްފައި ހުރި ތަންކޮޅެއްގައި ފޮމެކާ ޖަހާފައި ހުރި މޭޒެއް ބަހައްޓާފައި ހުއްޓެވެ. މޭޒު ކައިރީގައި ލަކުޑިން ހަދާފައި ހުރި ހަތަރު ގޮނޑި ހުއްޓެވެ. މޭޒުމަތީގައި ދަގަނޑު ފެންބޯތައްޓެއް ބަންޑުން ޖަހާލާފައި އޮތްއިރު މޭޒާއި ދިމާލުން މަތީގައި ކާއެއްޗެހި މަތީގައި ޖަހާ ގޮށްޓެއް އެލުވާލާފައި އޮތެވެ. އޭގައި އަށްސާލެވިފައިވާ ކަންވާރުގަނޑު އޮތީ ބަދިގެއަށް ވަންނަ ދޮރުގެ ފުރަގަހުގައި ވެލި އަޅާފައި އޮތް ފުޅިއެއްގައި  ބާރަށް އައްސާލާފައެވެ. ތިރީގައި އޮތް މަޑު ދޮންވެލިގަނޑު އޮތީ ސާފުކޮށް ކުނިކަހާ އެއްވަރުކޮށްލާފައެވެ. މަތިން ކަނެއްގައި ފަސްވޯޓްގެ ބޮތްކެއް އިނެވެ.  ބަދިގެ އާއި ޖެހިގެން އުސްކޮށް ނަގާފައި ހުރި ފުނޑާ ދައެއް ކައިރީގައި ހުރި ގޮނޑިމަތީގައި މިހާރު ވެސް ފުނޑަން ފެނާއި ހުނި ހަވާދު ތައްޔާރު ކޮށްފައިހުއްޓެވެ. ގޯތި މެދުގައި ހުރި ބިޔަ ބަނބުކެޔޮ ގަހުގައި ރޯނު ގަނޑަކުން އައްސާފައި އިން ދެކުކުޅު އިނެވެ. ބަނބުކެޔޮ ގަހުން މުޅި ގޯތި ތެރެއަށް ހިޔާ އެޅިފައި ހުރުމުން ގުދުރަތީ ފިނި ވައިރޯޅިތައް ހުއްޓުމެއްނެތި ލިބެމުން ދިޔައެވެ. ހިޔަލުގައި ހުރި ހުނިގާނާ ގޮނޑިއެއް މަތީގައި އިށީނދެގެން އިން ކުޑަމަނިކެ އިނީ ފަރިތަކަމާއެކު ހަނޑޫ ހޮވާށެވެ. ކައިރީގައި ކުޅެން އުޅުނު ހަ އަހަރުގެ ޔޫޝައު ހުރީ ހުސް ސޯޓް ކޮޅުގައެވެ. ކުކުޅުތަކަށް ކުޑަމަނިކެ ހޮވަން އިން ހަނޑޫ ދޮލަނގުން އިރުކޮޅަކާ ހަނޑޫ މުށެއް ނަގާ ޔޫޝައު އުކާލައެވެ. ހަނޑޫ ފުށްތައް ކާލުމަށްް ކުކުޅުތައް ބިންގަނޑަށް ތުން ހަރާލާ ގޮތް ފެނުމުން ޔޫޝައު ހިނިގަނޑެއް ޖަހާލައެވެ. “ދަރިފުޅާ ދޫންޏާ ތިގޮތަށް ކިހާ ހަނޑުލެއް ތި ބޭކާރު ކުރަނީ. މިހާރު ވެސް މިގޭ މީހުންގެ އެއްދުވަހުގެ ކެއުމަށް ވާވަރަށް ހަނޑޫ ބިމަށް އަޅައިފި. ނިކަން ދޭބަލަ އެބައުޅޭ ތިއްތި ބޯވަ ނަގަން ދާން. ދޭބަލަ ތިއްތި ކައިރިއަށް” ކައިރީގައި ހުރި އަދަރާދު ގޮޮނޑިއެއް މަތީގައި ހަނޑޫ ދޮލަނގު ބަހައްޓަމުން ޔޫޝައު އަތުގައި ހިފާ ކައިރިއަށް ގެނެސް ތިރިއަށް ޖެހިފައި ހުރި ސޯޓްގެ ރަބަރު ގަނޑުގައި ހިފާ މައްޗަށް ޖައްސާލަމުން ކުޑަމަނިކެ ބުންޏެވެ. އަދި ޔޫޝައުގެ ނޭފަތް ކައިރިން ތިރިއަށް ފައިބާފައި ހުރި ރޯގާކޮޅު ވެސް ކުޑަމަނިކެ އަތުން ސާފުކޮށްލުމަށްފަހު އަވީލާފައި ހުރި ބޮނބިތަކުން ބޮނބި ގަނޑެއްގައި ފޮހެލިއެވެ. “ދަރިފުޅާ ދެއަތް ދޮވެގެންދޭ” ގޭގެ މައި ބަޔަށް ވަންނަން ޔޫޝައު ދުއްވައިގަތުމުން ކުޑަމަނިކެ ބާރަކަށް ގޮވާލިއެވެ. އިވުނަސް ސަކަރާތް ޖަހަން އާދަވެފައި ހުރި ކުޑަކުޑަ ޔޫޝައު ގޭގެ މައި ބަޔަށް ވަންނަން ދުއްވައިގަތީއެވެ.

އަލުވިމާގެއަކީ ކުޑަމަނިކެގެ ފިރިމީހާ ހަސަންފުތަށް ސަރުކާރުން ދީފައިވާ ގެއެކެވެ. އެގޭގައި ދިރިއުޅެނީ އެދެމަފިރިންނާއި އެމީހުންގެ ތިން ފިރިހެން ދަރިންނެވެ. އުމުރުން ހަތާވީސް އަހަރުގެ އަފްހަމް އަކީ އެދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅެވެ. މީގެ ހަތްއަހަރު ކުރިން އެރަށު މުދިންގޯތީ ދޮންމޫސަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރަފީފާ އާއި އަފްހަމް ވަނީ ކައިވެނިކޮށްފައެވެ. ޔޫޝައު އެއީ އެދަމަފިރިންގެ ދަރިއެވެ. މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން އެދެކުދިންގެ ކައިވެނި މިއަދާ ހަމައަށް ވެސް އުފާވެރިއެވެ. ކުޑަމަނިކެ އާއި ހަސަންފުތުގެ ދެވަނަ ދަރިފުޅު ލޫކް އަށް ފަންސަވީސް އަހަރެވެ. ފުލުހުންގެ ވަޒީފާ އާއި މުޅިން އަލަށް ގުޅުމަށްފަހު ލޫކް ވަނީ ރާއްޖެތެރެއަށް ޓްރެއިނިންގް ޕްރޮގްރާމްއެއްގައި ދަތުރު ފަށާފައެވެ. ލޫކް އަކީ މިހުންނާއި ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ދެން ހުރީ ހަގު ދަރިފުޅު ސޯޅަ އަހަރުގެ ނައުފާންއެވެ. މިއަހަރު މީ ނައުފާންގެ ކިޔެވުމުގެ އެންމެ ފަހު އަހަރެވެ. އެދަރިފުޅަށް ކިޔަވާ ދިނުމަށްޓަކައި ކުޑަމަނިކެ އާއި ހަސަންފުުތު ރެއާއި ދުވާލު މަސައްކަތް ކުރެއެވެ. ގޭގައި އިނދެގެން މޭވާ އާއި މިރުސް ވިއްކައިގެން ކުޑަމަނިކެ އަށް ބަނޑު ފުރާ ކާލެވޭ ވަރަށް އާމްދަނީ އެއް ލިބޭއެވެ. ހަސަންފުތު މަސްވެރިކަން ކުރަނީ ވެސް އެދަރިފުޅަށް ރަނގަޅަށް ކިޔަވާ ދިނުމަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިންޖީނުގޭގައި ވަޒީފާ އަދާ ކުރާ އަފްހަމް ވެސް ލިބޭ އެހެނިހެން ގަޑިތަކުގައި މީހުންނަށް ކަރަންޓް މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދައެވެެ. ރަފީފާ އަކީ ގޭގައި އިނދެ ފެހުމަށް ލޯބިކުރާ މީހެކެވެ. ނަމަވެސް ރަނގަޅު ފަހާފޮށްޓެއް ނުލިބުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި އޭގެ ބޭނުން ރަފީފާ އަށް ނުކުރެވެއެވެ. އެހެންކަމުން ގޭގައި ބޭނުންކުރަން މަދުމަދުން ފަހާ އުޅެނީއެވެ. ފަގީރު ހާލުގައި އުޅޭ ބައެއް ވިިޔަސް އަދި ބޭރުން އަލުވިމާގެ ބަލާލަން ލޮލަށް ހަޑިވިިޔަސް އެގޭ ހަތަރުފާރުން އެތެރޭގައި ދިރިއުޅޭ މީހުންނަކީ ގަދަރުވެރި ބައެކެވެ. އަވަށްޓެރިންގެ ލޯބި ހޯދާފައިވާ ބައެކެވެ. ސާފުތާހިރު ކަމަށް ލޯބިކުރާ ދީންވެރި ބައެކެވެ. އެދެމަފިރިންގެ މިހާރުގެ އުއްމީދަކީ ލޯބިވާ ދަރިފުޅު ލޫކްއެވެ. އެދަރިފުޅުގެ ފަރާތުން ފައިދާ އެއް ވާނޭ ކަމަށް އެދެމަފިރިން އުއްމީދު ކުރެއެވެ.

އާދައިގެ މަތިން މިއަދު ވެސް އަލްޔާ އެދަނީ ޕޮލިސް ސްޓޭޝަނަށް ޝަރީފާ ދިން ތަށިތައް ހިފައިގެންނެވެ. މައި ދޮރުން އެތެރެއަށް ވަދެ ވަކިން ހުރި ކުޑަކުޑަ ކޮޓަރި އާއި ދިމާލަށް ދިޔައީ އެއީ ފުލުހުން ކެއުމަށް ހާއްސަ ކޮށްފައި ހުންނަ ކޮޓަރިއަށް ވީމައެވެ. ޖޯލީގައި ތިބި ދެތިން ކުއްޖަކު ޖެއްސުންކޮށްލާ ތުނބުން ފުމެލިއެވެ. އެ ހުރިހާ ކުދިންނަށް ވެސް އަލްޔާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ތަނުގައި ތިބި ހުރިހާ ކުދިންނާއި ވެސް އަލްޔާ އާ މެދު ވަނީ އެކުވެރިކަން އުފެދިފައެވެ. ހުރިހާ ކުދިން ކައި ނިމެންދެން އަލްޔާ ބޭރު ޖޯލީގައި މަޑުކޮށްލިއެވެ. ފޫހިވެފައި ހުރެ ދެކޮޅަށް ހިނގަން ފެށީ އަތުގަޔާއި ފައިގެ އެތަންމިތާ މަދިރި ހަފަން ފެށުމުންނެވެ. އެއްފަރާތުގައި ހުރި ޖޭމުގަހާއި ކައިރިވެލީ އެއްގޮތަކަށް ވެސް އެތަނުގައި މީހަކު ހުރެދާނެ ކަމަކަށް ނޫނެވެ. ނިވަލުގައި ފޯނުގައި ހުރި މީހަކު އެނބުރިލީ އަލްޔާ އެމީހަކާއި ދާދި ކައިރީގައި ހުއްޓައެވެ. ދެމީހުން ދެމީހުންނަށް ބަލަން ތިބެވުނީ ހިޔާލީ ދުނިޔެއެއްގައެވެ. ޔަގީނުން ވެސް ފުރަތަމަ ނަޒަރުން ވެސް އަލްޔާގެ ހިތް ކިޔައިފިއެވެ. ލަދުން ނަޒަރު ވަކިކޮށްލީ ވެސް އަލްޔާއެވެ. ޒުވާނާ އަލްޔާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށުމާއެކު ޖެހިލުންވެފައި ހުރެ އަލްޔާ ޖެހެނީ ފަހަތަށެވެ. މީކާކު ހެއްޔެވެ؟ މި މީހާ ކައިރިއަށް އެއަންނަނީ ކީއްވެ ހެއްޔެވެ؟ މީ އަދި މިހާތަނަށް މި ސްޓޭޝަނުން ފެނިފައިވާ މީހެއް ނޫނެވެ. މީ އަނެއްކާ ފުލުހެއްބާއެވެ؟ ރަތްކުލައިގެ ބެނިއަންގައި ޒުވާނާ ކިތަންމެހާ ވެސް ފުރިހަމައެވެ. އަލްޔާ އެންމެ އަޅައިގަތީ ޒުވާނާގެ ފުރިހަމަ އިސްކޮޅާއެވެ. ޖޭމުގަސް ކައިރީގައި ހުރި ޓިނުގަނޑުގައި އަލްޔާ އަށް ލައްވެލެވުނީ އިތުރަށް ފަހަތަށް ޖެހެން ޖާގައެއް ނެތުމުންނެވެ. ޒުވާނާ އަލްޔާ ގެ މޫނަށް ބަލަން ހުރެ އަތް އުފުލާލީ އަލްޔާ ގެ މޫނާއި ދިމާލަށެވެ. ޒުވާނާގެ އަތްތިލައިގެ ބަނޑުފުށުން އަލްޔާގެ ކޯތާފަތުގައި ޖެހުނު ވަގުތު އަލްޔާގެ ދެލޯ ބޮޑުވީ ދުވަހަކު ވެސް ނުވާވަރަށެވެ. އަލްޔާ އެންމެ އަޖައިބުވީ އަލްޔާ އަށް ވީގޮތް ފެނި ޒުވާނާ ހޭން ފެށުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. Ushaali

    އައްސަލާމް އަލައިކުމް ލޮބުވެތި ކިޔުންތރިން…… އުޝާލީގެ ތިންވަނަ ވާހަކައިގެ ފުރަތަމަ އެޕިސޯޑަށް މަރުހަބާ. ވާހަކަގެނެސްދެވުން ލަސްވިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން. ފުރަތަމަ އެޕިސޯޑް ކަމުދާނެކަމަށް ހިކުރަން. ހުރިހާ ކުދިންވެސް ކިޔާލާފައި ކޮމެންޓް ކޮށްދިނުން އެދެން. ވާހަކަ ކަމުނުދާ ކުދިންވެސް ކޮމެންޓް ކުރައްޗެ.
    ޝުކުރިއްޔާ. ހުރިހާ ކުދިންނަށް ވެސް އުފާވެރި ރޭގަނޑަކަށް އެދެން.

  2. Saandy

    ވަރަށް ވަރަށް ރީތި… އެކަމަކު ޕެރެގްރާފުތައް މާ ދިގުކަން ފާހަގަކުރެވުނު… ޕެރެގްރާފުތައް ކުރުކޮށްލަނިކޮށް ވަރަށް ބަރާބަރުވާނެ… 2ވަނަ ބައި އަވަސްކޮށްލައްޗޭ

    1. Ushaali
      Saandy

      thanx saandy. dhn faharakun rangalhu kuraanan. inshallah… 😉

  3. Saandy

    އުޝާލީގެ މިވާހަކަ ގެނެސްދެނީ ކޮން ދުވަސްތަކެއްގައިކަން ބުނެލަދީފާނަންތަ؟

    1. Ushaali
      Saandy

      dhe dhuvahun eh dhuvahu genesdheyn mi visnany. inshallah 😉

  4. hayyu

    Sifakurun obi.. Dhigu inthizaareh ge nimun mee 🙂 :*

    1. Ushaali
      hayyu

      thanx love hayyu. hayyu vedhin helpah varah bodah thankyou…. 😉

  5. ageeiu

    Nice vaanehen heevany

    1. Ushaali
      ageeiu

      thanx 😉

  6. Fathun

    Awsome. Next part avas

    1. Ushaali
      Fathun

      thanx 😉

  7. RaM

    V inthixaaru koffin Ushaali ge vaahaka akah tq. Vv reethi

    1. Ushaali
      RaM

      awww… thanx ram

  8. manje

    OMG Ushaali is back … Yayyyy .. Kihaa dhuvaheh ushaali ge story akah inthixaaru kuraathaa .. Nus kIyaaLa Commnt Ves mikohlly

    1. soru
      manje

      dhen faharakun kiyaalaafa comment kurahche nge 😉

    2. Ushaali
      manje

      thanx love manje…. 😉

  9. cindrella

    Nice v furihama???

    1. Ushaali
      cindrella

      thanx cindrella

  10. no one care

    v reethi,, next part pload kohdheyny kon irakun?

    1. Ushaali
      no one care

      thanx no one care. next part maadhan. inshallah 🙂

  11. Thaathi

    V v v rythi mi part..when next part

    1. Ushaali
      Thaathi

      thnx thaathi. next part maadhan. inshallah:-)

  12. ???

    Ulhaalige vaahaka eh kiyan libeythy vv ufaa vehje. Vaahaka varahvx rythi ekam aharuge kaivenyakah 6 aharuge kujjeh libuny kihinehtha??

    1. Ushaali
      ???

      thnx sweety mistake faahaga kolla dhineema. now rangalhu koffin…;-)

  13. ikko

    vv rythi higey.ekam ege sifa koh dhin iru maa dhigu koh sifa kohdhyfa huryma v hadi. aneh hen hama v rythi

    1. Ushaali
      ikko

      thanx ikko. next time rangalhu vaane 🙂

  14. Navya

    Vaahaka reethi vaane hen heevey?

    1. Ushaali
      Navya

      thankyou navya. 🙂

  15. Shaa

    ushaali story salhi ingey ??

  16. Eenoooo

    Ushaali ge storythah v salhi. Mi storyves v furihama vaanekamah ummeedhu kuran. Waiting for next part.

  17. nayha

    V v nice. Waiting for next part

  18. nasru

    sifa kurun mi othy over vefa ey buneveyneee….sorry to say this

  19. Anonymous

    Wow varah reethi vaahaka eh mee

  20. shaa

    Wow nice

  21. Ibbe

    Ushaalige hurihaa vaahaka eh vx v salhi. Sifakurun over ehnun. Aslu ethaanga hurevey kahala feel eh ve. I like it.

Comments are closed.