Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 26

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
October 18, 2016 8 Mins Read
26 Comments

“މިއަދު ކޮޓަރީގަ…” ސުވާލު ކުރަން އުޅެފައިވެސް ޔަމާން ހުއްޓާލިއެވެ.

ޔަމާން ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި މީރާ އިނެވެ. ނަމަވެސް ޔަމާން އިތުރު އެއްޗެއް ނުބުނެ ލެޕްޓޮޕަށް ބަލަން އިނެވެ.

“ކީކޭ އަހަން ތި އުޅުނީ؟ މިއަދު ކޮޓަރީގަ ވީ ކިހިނެއްހޭތަ؟ ނޫނީ ދެއްކީ ކޮން ވާހަކައެއްތޯ ބަލަންތަ އުޅުނީ؟” ޔަމާން އިތުރަށް އެވާހަކަ ނުދައްކާނެ ހެން ހީވުމުން މީރާ އަހާލިއެވެ.

“ނޫން، އެއީ މީރާގެ އަމިއްލަ ކަމެއް، އަހަރެން ނުކުރާނަން އެއްވެސް ސުވާލެއް” ޔަމާން ބުންޏެވެ.

“ކޮން އިރަކު އަހަރެންގެ ކަންތައް އަހަރެންގެ އަމިއްލަ ކަންތަކަށް ވީ؟” ޔަމާންގެ މޫނަށް ބަލާލަމުން މީރާ ސުވާލު ކޮށްލިއެވެ.

“މީރާ… ތިހެންނެއް ނޫނޭ މިބުނީކީ…” ޔަމާން އެވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ.

“ޔަމާން ބުނެގެންތަ ރާހިލް އަހަރެންގެ ކޮޓަރިއަށް ވަނީ؟” މީރާ އަހާލިއެވެ.

އަނގައިން ނުބުނެ ޔަމާން ބޯ ޖަހާލިއެވެ.

“ކީއްވެ؟” މީރާ އެހިއެވެ.

ޔަމާން އަނެއްކާވެސް ހިމޭނުން އިނީއެވެ.

“ޔަމާން…” މީރާ ޔަމާންގެ ނަމުން ގޮވާލީ ޖަވާބެއް ބޭނުން ވާތީއެވެ.

“ހީ ލަވްސް ޔޫ މީރާ…” ޔަމާން ބުންޏެވެ.

“ދެން…؟” އެންމެ ލަފްޒަކުން މީރާ ސުވާލު ކޮށްލިއެވެ.

“އެއީ މަލާކްގެ ބައްޕަ…” ޔަމާން މަޑުމަޑުން ބުންޏެވެ.

“އެކަން އަހަންނަށް އެނގެޔޭ” ޔަމާންގެ ހިތުގައި ވާ އެއްޗެއް މީރާއަށް ވިސްނެން ފެށިއެވެ.

“މީރާ އަދިވެސް ރާހިލް ދެކެ ލޯބިވޭތަ؟” މީރާއަށް ބަލާލަމުން ޔަމާން އަހާލީ ހިމޭން ވަގުތުކޮޅަކަށް ފަހުއެވެ.

“ކިހިނެއް ޔަމާންއަށް ހީވަނީ؟” އެހެން އެހުމުން ޔަމާން ދެކެ ރުޅި އައި ނަމަވެސް އެކަން ނުދައްކާ މީރާވެސް ކޮށްލީ ސުވާލެކެވެ.

“މީރާ، އައި ނީޑް ޓު ނޯ…” ޔަމާން ބޭނުން ވީ މީރާ ތެދަށް ޖަވާބު ދޭށެވެ.

“އަހަރެން ހިއެއް ނުކުރަން މިހާ ދުވަސް ފަހުން ޔަމާން ތި ސުވާލު އަހަންނާ ކުރާނެ ކަމަކަށް… އަހަންނަށް އަދިވެސް ސާބިތުކޮށް ނުދެވެނީތަ އަހަރެން ލޯބި ވަނީ ކާކު ދެކެ ކަން؟ ޔަމާންއަށް ޝައްކު ވަނީތަ؟ ރާހިލް ޔަމާން ކައިރީ ކީކޭ ބުނެގެން ތިއުޅެނީ؟” މީރާއަށް އެންމެ ފަހުން ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. އެނދުން ތެދުވެފައި ޔަމާންއާ ދިމާއަށް ބަލަން ހުރެ ސުވާލު ކުރަމުން ދިޔަ އިރު މީރާ ރުޅިއައިސްފައި ވާ ވަރު ޔަމާންއަށް އެނގުނެވެ.

“މީރާ، އިހަށް ރުޅި ނައިސް ހަމަ ޖެހިބަލަ…” ޔަމާންވެސް ތެދުވެ މީރާގެ އަތުގައި ހިފާލާފައި ގެނެސް އަނެއްކާ އެނދުގައި ބޭންދިއެވެ.

“މީރާ، އަހަރެން އަބަދުވެސް ބޭނުން ވަނީ މީރާގެ އުފާ… މީރާ ރާހިލް ދެކެ ލޯބި ވަންޏާ ބުނެބަލަ، އަހަރެން ރުޅިއެއް ނާންނާނަމޭ، މީރާ ބޭނުން ވަނީ ރާހިލްއާ ގުޅެން ކަމަށް ވަންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް… މީރާ ހަމަ ބުނެލަން ޖެހޭނީ…” މީރާ ހަމަޖެހިލުމުން ޔަމާން މީރާ ކައިރީ އިށީނދެފައި ވާހަކަ ދެއްކީ މީރާއަށް ވިސްނައި ދިނުމަށެވެ.

“އެންމެ ދުވަހަކު ރާހިލް އައިސް އެއްޗެއް ބުނާ އިރަށް ޔަމާންއަށް ކިހިނެއްތަ ވެގެން ތި އުޅެނީ؟ އަހަރެން އެތައް ފަހަރަކު ނުބުނަންތަ ދެން ރާހިލް އަޔަސް އަހަރެން އޭނައަކާ ނުގުޅޭނަމޭ؟ އަހަންނަކަށް ނުވިސްނޭ މިއަދު ކުއްލިއަކަށް ޔަމާން ތިގޮތަށް ވިސްނަން ވީ ސަބަބެއް…” މީރާ އަނެއްކާވެސް ތެދުވިއެވެ.

“މީރާ ބުންޏޭ ތިހެން… އެކަމަކު މީރާ ނުބުނޭ މިހާރު މީރާ ރާހިލް ދެކެ ލޯތްބެއް ނުވެޔެކޭވެސް…” ޔަމާންގެ އަޑުވެސް ބާރުވިއެވެ.

“މިވީ ތިން އަހަރު ތެރޭ ޔަމާންއަކަށް ނުވިސްނުނުތަ އަހަރެން ލޯބި ވަނީ ކާކު ދެކެ ކަމެއް؟ އަހަރެންގެ ހިތަކުން އަދި އެ ދުވަސްތަކުގެ ހަދާނެއް ނުފިލާ، އެކަމަކު އޭގެ މާނައަކީ އަހަރެން އަނެއްކާ ރާހިލްއާ އިންނަން ބޭނުމެކޭ ނޫން… އަހަރެން ރާހިލްއަށް މާފު ކުރިޔަކަސް އޭގެ މާނައަކީ ރާހިލް ބުނެލާ އިރަށް އަހަރެން ދުވެފަ އޭނަ ކައިރިއަށް ދާނަމެކޭ ނޫން… ޔަމާންއަކަށް ނޭނގޭތަ އެކަމެއް؟ ނޫނީ… ނޫނީ އެދުވަހު އޮފީހުގަ… އެހެން ވެގެންތަ ތިހެން ތި ވިސްނަނީ؟” މީރާއަށް ގަބޫލު ނުކުރެވިފައި އަހާލިއެވެ.

“އަދިވެސް ނުބުނެވޭ އެހެންނެއް” ޔަމާން ބުނެލިއެވެ.

މީރާ ރުޅިއައިސްފައި ޔަމާންއާ ދިމާއަށް ބަލަން ހުއްޓެވެ.

“މީރާއަށް ދުވަހަކުވެސް ބުނެވޭނެތަ އެހެން؟” ޔަމާން އަހާލިއެވެ. މީރާ ރުޅި އަޔަސް ޔަމާން ބޭނުންވީ އެއީ ތެދަކަށް ވާނަމަ މީރާ އެހެން ބުނާށެވެ.

“އަހަރެން ލޯބި ވަނީ ކާކު ދެކެކަން، ނޫނީ ލޯބި ނުވަނީ ކާކު ދެކެކަން އަދިވެސް ޔަމާންއަށް ސާބިތުކޮށްދޭން ޖެހެންޏާ އަހަންނަށް ހީވަނީ އަހަރުމެން އަދި ކައިވެނީގެ ވާހަކަ ލަސްކޮށްލަން ވީހެން… ލޯބި ވިޔަސް އިތުބާރު ނުކުރެވެންޏާ އެކީގައެއް ނޫޅެވޭނެ، ހީކުރަން ޔަމާންއަށް ޖަވާބު ލިބިއްޖެ ކަމަށް…” ރުޅިއަށް ވުރެ ބޮޑަށް ވީ ދެރައިން މީރާ ބުނެލިއެވެ. އަދި ޔަމާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އެކޮޓަރިން ނިކުތެވެ.

މީރާ ދިޔަ ފަހުންވެސް ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން ޔަމާންއަށް ހުރެވުނެވެ. ހަދަންވީ ގޮތެއް ނުވިސްނިފައި ޔަމާންއަށް ހުރެވުނީ މީރާ ސީދާ ޖަވާބެއް ނުދިނުމުންނެވެ. ނަމަވެސް އެއީ މީރާ ޔަމާންއާ ކުރި ސުވާލެއް ނަމަ ޔަމާންވެސް ކަންތައް ކުރާނީ އެހެން ކަންނޭނގެއެވެ. ދެއަތުން މޫނު ފޮހެލަމުން ޔަމާން އެނދަށް ވެއްޓިގަތެވެ.

އޭގެ ފަހުން ދެދުވަސް ވީ އިރު މީރާ ޔަމާންއާ ވާހަކައެއް ނުދައްކައެވެ. ޔަމާންވެސް ހުރީ މީރާއަށް އަދިވެސް ވިސްނާލުމަށް ފުރުސަތު ދީގެންނެވެ. މީރާގެ ހިތުގައި ރާހިލްއަށް ޓަކާ ވާ އިހުސާސްތަކާ މެދު އަދިވެސް ޔަމާންއަށް ޝައްކު ވަނީއެވެ. މީރާ މިއަދުވެސް ރާހިލް ދެކެ ލޯބި ވާހެން ޔަމާންއަށް ހީވަނީއެވެ. އެދުވަހު ސީދާ ބަހުން މީރާ ރާހިލް ދެކެ ލޯތްބެއް ނުވެޔޭ ނުބުނީ އެހެން ވެގެން ކަމަށް ޔަމާން ހީކުރިއެވެ. ނަމަވެސް ޔަމާންއަށް ނުވިސްނުނީ މީރާ އެހެން ކަންތައް ކުރީ ޔަމާން އެފަދަ ސުވާލެއް މީރާއާ ކުރުމުން ކަމެވެ.

ޔަމާން ކަންތައް ކުރި ގޮތުން ދެރަވެ ރުޅި އައިސްފައި މީރާ ހުރީ ޔަމާންއަށް ވިސްނޭނެ ކަމުގެ އުންމީދުގައެވެ. އެދެމީހުންގެ މެދުގައި ބޮޑު މައްސަލައެއް ޖެހިއްޖެ ކަން ތާނިޔާއާ ޝިހާދްއަށް އެނގުނެވެ. ތާނިޔާ ސުވާލު ކުރުމުން އެވާހަކަ ދައްކަން ބޭނުން ނޫން ކަމަށް ބުނެ ވީގޮތް ބުނަން މީރާ ދެކޮޅު ހެދިއެވެ. ޔަމާންވެސް ނުބުނާނެ ކަން އެނގޭތީ ތާނިޔާ ޔަމާންއާ ސުވާލުވެސް ނުކުރެއެވެ.

ގެޔަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް އެރޭ ކާންވެސް ރާހިލް ނުނިކުމެއެވެ. ގޭގައި ގެންގުޅޭ މިލީ ހާފިޒާ ބުނެގެން ރާހިލްއަށް ގޮވުމުން ބަނޑުހައި ނުވާ ކަމަށް ބުނެފައި ރާހިލް އޮތީ ކާހިތްވެސް ނުވެފައެވެ. މީރާ ދެއްކި ވާހަކައިން ރާހިލްގެ ހުރިހާ އުންމީދެއް ވަނީ ގެއްލިފައެވެ. އެދުވަހު މީރާއާ މެދު އެގޮތަށް ކަންތައް ނުކުރެވުނު ނަމައޭ ރާހިލް ހިތަށް އެރި ވަރެއް ނޭނގެއެވެ. ނަމަވެސް ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ.

މިއަދު ރާހިލްއަށް މި ލިބެނީ އެދުވަހު ރާހިލް ކުރި ކުށުގެ ސަޒާއެވެ. އެދުވަހު މީރާ ދޫކޮށްލާފައި އައިސް، ކުރެވުނީ ރަނގަޅު ކަމެއް ނޫން ކަން ވިސްނި މީރާ ދެކެ ރާހިލްއަށްވެސް ލޯބި ވެވިއްޖެކަން އިހުސާސް ކުރެވުނު އިރު ވަގުތު ފާއިތު ވެއްޖެއެވެ. މިއަދު މީރާ އެހެން މީހެއް ދެކެ ލޯބި ވެ އެމީހަކާ ގުޅެން ބޭނުން ވިޔަސް ރާހިލްއަށް ޝަކުވާ ކުރާނެ ފުރުސަތެއް ނެތެވެ.

ދެން އޮތީ މަލާކް އަލުން ރާހިލްއާ ދުރުވިޔަ ނުދިނުމެވެ. ރާހިލް ދުނިޔޭގައި ހުރިހާ ދުވަހަކު އެކުއްޖާއާ ވަކިނުވާނެ ކަމަށް ވަޢުދު ވަމުން އެތައް އިރަކު ވިސްނަން އޮވެފައި ރާހިލް އެނދުން ތެދުވީ އެގާރަ ޖެހިތަނާއެވެ. އެވަގުތު މަންމައާ ބައްޕަ އުޅޭނީ ނިދަން ކަން އެނގުނު ނަމަވެސް ދެން އިތުރަށް އެންމެ ދުވަހަކަށްވެސް މަލާކްގެ ވާހަކަ އެމީހުންނަށް ސިއްރުކޮށްފައި ބާއްވަން ބޭނުން ނުވާތީ އަލަމާރީގެ ވަތްގަނޑުން ލިޔުންތައް ނަގައިގެން ރާހިލް ކޮޓަރިން ނިކުތެވެ.

މަންމަމެންގެ ކޮޓަރި ދޮރުމަތީ އިރުކޮޅަކު ހުރެފައި ރާހިލް ޓަކި ޖަހާލިއެވެ. ދެތިން ސިކުންތު ތެރޭ ހާފިޒާ އައިސް ދޮރު ހުޅުވާލިއެވެ.

“ރާހިލް! މިހާ ލަސްކޮށްފަ… ކަމަކުތަ ތިއައީ؟” އެވަގުތު ރާހިލް އައުމުން ހައިރާން ވެފައި ހާފިޒާއަށް އަހާލެވުނެވެ.

“ބައްޕަ ނިދީތަ؟” ކޮޓަރި ތެރެއަށް ބަލާލަމުން ރާހިލްވެސް ކޮށްލީ ސުވާލެކެވެ.

“އަދި ނުނިދާ” ބޮޑަށް ދޮރު ހުޅުވާލަމުން ހާފިޒާ ޖަވާބު ދިނެވެ.

“މަންމައާ ބައްޕައާ ވާހަކައެއް ދައްކާލަން ވެގެން… މުހިންމު ކަމަކު” އެތެރެއަށް ވަދެ އެނދުގައި އިން އިސްހާގުއަށް ބަލާލާފައި ރާހިލް ބުންޏެވެ.

“އާނ، މުހިންމު ވާހަކައެއް ވީމަތާ މިގަޑީގަ ތިއައީ… އިށީނދޭ… ބުނެބަލަ ދެން…” ރާހިލް އިށީނުމުން އިސްހާގު ރާހިލްގެ ވާހަކަ އަޑުއަހަން ތައްޔާރުވިއެވެ. ހާފިޒާވެސް އެނދުގައި އިސްހާގު ކައިރީ އިށީނެވެ.

“އަހަރެން ވަރަށް ގިނަ ދުވަސް ވަންދެން ބައްޕްމެންނަށް ކަމެއް ސިއްރުކޮށްގެން މިއުޅެނީ… އެވާހަކަ ބުނަން މިއައީ” ރާހިލް ފެށިއެވެ.

އިސްހާގުއާ ހާފިޒާ އެކަކު އަނެކަކަށް ބަލާލާފައި އަނެއްކާވެސް ރާހިލްއަށް ބަލަން ތިބީ ރާހިލް ދައްކާ ވާހަކަ އަޑުއެހުމަށެވެ.

“އަހަރެންގެ ކުއްޖަކު އެބަހުރި…” ރާހިލް ބުންޏެވެ.

“ކުއްޖެކޭ…؟ ކާކުގެ ކުއްޖެއް؟ ކޮން އިރަކު؟ ކިހިނެއް؟” ހާފިޒާއަށް އެއްފަހަރާ އެތައް ސުވާލެއް ކޮށްލެވުނެވެ.

“މިބުނީނު އަހަރެންގެ ކުއްޖެކޭ…” ރާހިލް ބުނެލިއެވެ.

“އެނގިއްޖޭ ތިކަން، މިބުނީ ކާކުހޭ އެ ކުއްޖާގެ މަންމައަކީ؟ ކިހާ ވަރެއްގެ ކުއްޖެއްހޭ؟” ހާފިޒާ ހިތްހަމަ ނުޖެހިފައި އިންކަން އަޑުގައިވި ނުރުހުމުން އެނގެއެވެ.

“ހަ އަހަރު… އެއީ—” ރާހިލްއަށް އެވަރަށް ބުނެވުނު އިރަށް ހާފިޒާ ވާހަކަ ދައްކަން ފެށިއެވެ.

“އެހާ ދުވަސް ވީ އިރި އަދި ކިރިޔާތަ ތި ވާހަކަ ރާހިލްއަށް ބުނެވުނީ؟” ހާފިޒާ އެހިއެވެ.

“އަހަންނަކަށްވެސް ނޭނގެޔޭ، ދެހަފްތާ ވަރު މިވީ އަދި އަހަންނަށް އެނގުނުތާ” ރާހިލް ބުންޏެވެ.

“ދެން…؟ ކިހިނެއް އެނގުނީ؟” ހާފިޒާ ސުވާލު ކުރިއެވެ.

“އިހަށް މަންމަ އަޑު އަހާބަލަ، އަހަރެން މިއުޅެނީ ކިޔާ ދޭށޭ” ރާހިލްވެސް ހިތްހަމަ ނުޖެހުނެވެ.

“ހާފިޒާ، އިހަށް މަޑުކޮށްބަލަ… ރާހިލް، ދެން ކިޔާބަލަ” ހާފިޒާ އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު އިސްހާގު އެކަން ހުއްޓުވާފައި ރާހިލްއަށް ކުރިއަށް ގެންދިޔުމަށް ބުންޏެވެ.

“އަހަރެން ކުރިން… މީހަކާ އިނިން…” ރާހިލް ބުންޏެވެ.

“ކީކޭ…؟” ހާފިޒާއާ އިސްހާގުއަށް އެއްފަހަރާ އަހާލެވުނެވެ.

“އަހަރެން ކުރިން މީހަކާ އިނީމޭ… އެއީ ހަ އަހަރު ކުރިން…” ރާހިލް ހުރިހާ ވާހަކައެއް މަންމައާ ބައްޕައަށް ކިޔާދިނެވެ.

“ގަބޫލެއް ނުކުރާނަން…” ރާހިލް ވާހަކަ ދައްކާ ނިމުމުން ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލަމުން ހާފިޒާ ބުނެލިއެވެ.

“މަންމަ ގަބޫލު ނުކުރިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ، މި ބަލާލީމަ އެނގޭނެ މީ ތެދެއް ކަން” ރާހިލް އަތުގައި ހުރި ލިޔުންތައް ބައްޕައަށް ދިއްކޮށްލިއެވެ.

“އެއީ ތެދެއް ހާފިޒާ، އަހަރުމެން ބޭނުން ވިޔަސް މީ ނުވާ ކަމަކަށް ނުވާނެ” ލިޔުންތައް ބަލަން އިނދެ އިސްހާގު ބުންޏެވެ.

“ދެން ރާހިލް ތި ބުނަނީ އެހާ ދުވަސް ކޮށްފަ ތި އަންހެން ކުއްޖާ ކުއްލިއަކަށް މާލެ އައިސް ރާހިލް ފެންނަ އިރަށް އޭނަގެ ދަރިއަކީ ރާހިލްގެ ދަރިއެކޭ ބުނީމަ އެކަން އަހަރުމެން ގަބޫލު ކުރާށޭތަ؟ ނުކުރެވޭނެ… ކާކަށް އެނގެނީ އެއީ ކޮންކަހަލަ އަންހެނެއް ކަމެއް؟ އެއީ ރަނގަޅު މީހެއް ނަމަ ރާހިލްއަކީ ކާކުކަން ނޭނގި ރާހިލްއާ އޭނަ ކައިވެންޏެއްވެސް ނުކުރީސް… މާލެއަށް އައިސް ރާހިލްއަކީ ކޮން އާއިލާއެއްގެ ކާކުކަން، ކިހާ ވަރެއްގެ މީހެއްކަން ބަލާފަ އޭނަގެ ދަރި ރާހިލްގެ ބޮލަށް ޖަހަން އެއުޅެނީ… ރާހިލްއަކަށް ނޭނގޭނެ އެކަހަލަ އަންހެނުންގެ ގޮތެއް… އަހަންނަށް އެނގޭ އޭނަ އެއުޅެނީ ކީއްކުރަން ކަން…” ހާފިޒާއަށް ވިސްނުނު ގޮތަށް ހާފިޒާ ވާހަކަ ދައްކަމުން ދިޔައެވެ. އެއަޑު އަހަމުން ދިޔަ ވަރަކަށް ރުޅި ގަދަވަމުން ދިޔަ ރާހިލް މަންމައާ ދިމާއަށް އެއްޗެއް ނުބުނަން އިން ނަމަވެސް އެހެން ގިނަ އިރަކު ނީނދެވުނެވެ.

“ދެން ހެޔޮ މަންމާ! މީރާއަކީ މަންމަ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ. އޭނަ މާލެ އައިސް އަހަރެންނާ ދިމާ ވެގެން ތިންމަސް ވީ އިރުވެސް ނުވެސް ބުނޭ މަލާކްގެ ވާހަކައެއް. އަހަންނަށް އެނގިގެން އެހީމަ އޭނަ ބުނީ. މަންމަ ތި ހީކުރަނީ ރަނގަޅަކަށް ނޫނޭ، އެއީ ވަރަށް ރަނގަޅު ކުއްޖެއް” ރާހިލް ބުންޏެވެ.

“ރަނގަޅޭ؟ ހަމަ ތެދެއް މިބުނީ. ތި ކުއްޖަކީ ރާހިލްގެ ކުއްޖެއް ނޫން، އަހަރެން ނުކުރާނަން ގަބޫލެއް. ތިހެން ކިޔައިގެން އެއްވެސް މީހެއްގެ ދަރިއެއް މިގެޔަށް ގެންނަން ރާހިލް ނޫޅެއްޗޭ. ތި އަންހެން ކުއްޖާ ތިހިރީ ރަނގަޅަށް ރާހިލްގެ ބޮލަށް ވަދެފަ، ދެން އަނެއްކާ އިންނަން ކަންނޭނގެ ބުނާނީ، ހަމަ ބުނެލާ އިރަށް ރާހިލް ދާނަން ދޯ އޭނަޔާ އިންނަންވެސް؟” ހާފިޒާ ހައްތަހާ ރުޅި ގަދަވަމުން ދިޔައެވެ.

“އާނ މަންމާ. މީރާ އާނއެކޭ ބުނާ އިރަށް އަހަރެން މީރާއާ އަލުން އިންނާނަން، އެކަމަކު އޭނަ ބޭނުމެއް ނުވޭ ދެން އަހަންނާ އިންނާކަށް. ބައްޕާ، އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު މިގެޔަށް ގެންނަން، އެކަމަކު މީރާ ބުނަނީ ފުރަތަމަ އަހަރެންގެ އާއިލާއަށް ހުރިހާ ކަމެއް ބުނެދޭށޭ، އޭގެ ފަހުންނޭ އަހަންނަށް އަހަރެންގެ ދަރިފުޅު ބޭރަށް ގެންދެވޭނީ… އެއީވެސް ދޮގެއް ނޫން… މަލާކްއަކީ އަހަރެންގެ ދަރިއެއް ކަން އޭނަ ފެންނަ އިރަށް މަންމައަށްވެސް އެނގޭނެ، އެހެން މީހުންނަށްވެސް އެނގޭނެ، އެކަމަކު އެއްވެސް މީހަކަށް ނޭނގޭނެ އަހަރެން މީރާއާ އިން ކަމެއް… މީރާ ބޭނުމެއް ނުވޭ މަލާކް އުފަން ވީ ގޮތާމެދު އެއްވެސް މީހަކު ސުވާލު ކުރާކަށް، އެހެންވެ އޭނަ ބޭނުން ވީ ފުރަތަމަ ހުރިހާ ކަމެއް މަންމަމެންނަށް އެނގެން” ރާހިލް މަންމައާ ބައްޕައަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ނަމަވެސް ހާފިޒާ ހުރީ ރާހިލް ދައްކާ ވާހަކަ ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރާކަށް ހާފިޒާ ބޭނުމެއް ނޫނެވެ. ނުވެސް ދަންނަ އަންހެން ކުއްޖަކާ ރާހިލް ކައިވެނިކޮށް ދަރިއަކު ހުރުން އެއީ ހާފިޒާ ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި އެއަންހެން ކުއްޖާ ރާހިލްގެ ބޮލުގައި ދަރިއަކު އަޅުވަން އެކުރާ މަސައްކަތް ހާފިޒާ އެއްގޮތަކަށްވެސް ކާމިޔާބު ވިޔަ ނުދޭނެއެވެ.

“އަހަރެން ބޭނުމެއް ނޫން ތި ކުއްޖާ ބަލާކަށް. އަހަރެން މި ބުނަނީ ފަހު ފަހަރަށް. ރާހިލްގެ ނުހުންނާނެ ކުއްޖެއް، ކުރިން ތި ކުރެވުނު ކައިވެންޏަކީ ރާހިލް މޮޔަކަމުން ކުރެވުނު ކަމެއް، އެކަން ދެން ރާހިލް ހަނދާން ނައްތާލާ. ރާހިލް އިންނާނީ ވިދާދްއާ، އޭގެ ފަހުން ރާހިލްއަށް ދަރިއަކު ލިބޭނީ. ތި އަންހެން ކުއްޖާ ހަމަ ބުނެލާ އިރަށް ގޮތް ނޭނގޭ ކުއްޖަކު ބޮލުގަ އަޅާކަށް ރާހިލްއަކަށް ނުޖެހޭނެ، އާއިލާއަށް އަންގަން ވީ ކަމެއް ވިއްޔާ މިހާރު އެނގިއްޖެ، އަހަރެން ބޭނުމެއް ނޫން ތިކުއްޖާ މިގެޔަށް ވައްދާކަށް.

އަހަރެން ގަބޫލު ކުރަން ރާހިލް ކުރިން މީހަކާ އިންކަން، އެކަމަކު އެނިމުނީ، ދަރިއަކު ހުރިއްޔާ އެނގެން ޖެހޭނީ ހަ އަހަރު ފަހުންނެއް ނޫން، އެއީ ރާހިލްގެ ދަރިއެއް ނަމަ އޭނަ ރާހލްއަށް އެންގީސް، އެކަމަކު ނާންގާ މިހާ ދުވަހު އެހުރީ އެހެން ނޫން ވީމަ. ތި ބުނާ އަންހެން ކުއްޖާއާ އޭނަގެ ދަރި މިގެޔަށް ގެންނަ ވާހަކަ ރާހިލް ދެން ނުދައްކާތި، އެކަމެއް ނުވާނެ.

ދެން ތިބުނަނީ އޭނަ ބުނާ އިރަށް އިންނާނަމޭ އަނެއްކާވެސް… ރާހިލް ވިދާދްއާ މެދު ވިސްނަބަލަ، ރާހިލްއާ ކައިވެނި ކުރަން ތައްޔާރު ވަމުން ދާއިރު ވިދާދްއަށް މީގެން އެއްވެސް ކަމެއް އެނގޭތަ؟ އުހުނ! އަންގާނެ ކަމެއްވެސް ނެތް. މި ވާހަކަ މިހިސާބުން ހުއްޓާލާ. ރާހިލް އެކަހަލަ މީހަކާ އިންނާކަށް އަހަރުމެން ގަބޫލެއް ނުވާނަން، ކުރިން ތިހެން ތިވީ އަހަރުމެންނަށް ނޭނގި، އަހަރުމެންނަށް އެނގިގެން ރާހިލް ތިކަހަލަ މޮޔަ ކަމެއް ކުރިޔަކަ ނުދޭނަން. ތި ވާހަކައެއް މިގޭ އެހެން މީހަކަށް އެނގޭކަށްވެސް އަހަރެން ބޭނުމެއް ނޫން. ދެން ރާހިލް ދޭ ނިދަން” ހާފިޒާ ވާހަކަ ނިންމާލިއެވެ.

“މަންމާ، މަންމަ އެއްވެސް ކަމެއް ގަބޫލު ކުރަން ދެކޮޅު ހެދީމަ މަންމައަށް ހީވަނީތަ އެއީ ނުވާ ކަންތައްތަކަކަށް ވާނެ ކަމަށް؟ މަންމަ ގަބޫލު ކުރިޔަސް ނުކުރިޔަސް މަލާކް ވާނީ އަހަރެންގެ ދަރިއަކަށް. އަހަރެންގެ ހިތުގަ އެކަމާ މެދު އެއްވެސް ޝައްކެއް ނެތް. މީރާއާ އަހަރެން ނީންނަ ކަމަކަށްވެސް ނުވާނެ، އަހަންނާ މީރާއަށް ދަރިއަކު ނުލިބޭ ކަމަކަށްވެސް ނުވާނެ. ދެން ތިބުނަނީ މިގެޔަކަށް މަލާކް ނުވެއްދޭނެޔޭ، އަހަރެންގެ ދަރިއަކަށް ނުވަދެވޭ ތަނެއްގަ އަހަރެންވެސް ނުހުންނާނަން. އަނެއްކާ ވިދާދްއަށް އެނގޭނެ ހުރިހާ ކަމެއްވެސް، އަހަރެން ކިޔާ ދީފިން، އޭނަ ގަބޫލު ކުރާ އިރު ކީއްވެތަ މަންމަ ގަބޫލު ނުކުރަންވީ؟ ބައްޕަވެސް ވިސްނަނީ މަންމަ ވިސްނާ ގޮތަށްތަ؟” ކޮޅަށް ތެދުވެފައި ރާހިލް މަންމައާ ބައްޕައާ ވާހަކަ ދެއްކި އިރު އެއަޑުގައި ނުރުހުން ވިއެވެ.

“ހާފިޒާ، ރާހިލް އެބުނަނީ ތެދެއް، ހާފިޒާ ގަބޫލު ނުކުރިޔަކަސް ވީ ކަމެއް ނުވާ ކަމަކަށް ނުވާނެ، ރާހިލް އެބުނަނީ އެއީ ހަމަ ރާހިލްގެ ދަރިއެކޭ، އޭނަ ފެނުނީމަ އެނގޭނެޔޭ، ގަބޫލު ނުކުރެވެންޏާ ހާފިޒާވެސް އެކުއްޖާ އެއްފަހަރު ނަމަވެސް ދެކެލަންވީނު؟ ރާހިލް އެބުނަނީ ތެދެއްތޯ އެނގިދާނެއެއްނު އޭރުން؟” އެހުރިހާ އިރު އެއްޗެއް ނުބުނެ އިން އިސްހާގުއަށް ރާހިލްގެ ވާހަކައާ ދެކޮޅެއް ނުހެދުނެވެ.

“އަހަރެން ނުކުރާނަން ގަބޫލެއް” ހާފިޒާ، އޭނަގެ ހުންނަ ގޮތް ދޫނުކުރާ ރާގުގައި ބުނެލިއެވެ.

“އެންމެ ރަނގަޅު، މަންމަ ތި ނިންމީ މަންމަގެ އެންމެ ފަހުގެ ނިންމުން ކަމަށް ވަންޏާ އަހަރެންވެސް ގޮތެއް ނިންމާނަން. މީރާ ގަބޫލު ވިނަމަ އަހަރެން އޭނަޔާ އިންނަން އެއްވެސް ވަރަކަށް ފަސް ނުޖެހުނީމުސް. ދެން މަލާކް، މަންމަ ގަބޫލު ނޫނިއްޔާ އަހަރެން ނެތިން މިގެޔަށް އޭނަ ގެންނާކަށް، އެކަމަކު ދެން އަހަރެންވެސް މިގެޔަކު ނުހުންނާނަން. އަހަރެން ވިދާދްއާ އިންނާނަން، އެކަމަކު ވިދާދްވެސް، އަދި ފަހުން އަހަންނަށް ލިބޭ ދަރިއަކުވެސް ދެން މިގެޔަކަށް ނުގެންނާނަން” އުމުރުގައިވެސް ފުރަތަމަ ފަހަރަށް މަންމައާ ބައްޕަ ކުރިމަތީގައި ރާހިލް އެމީހުންނާ ދެކޮޅަށް ވާހަކަ ދެއްކިއެވެ.

“ތިހިރީ އެއަންހެނާއާ ޖެހިގެން ރާހިލްއަށް އައި ބަދަލު، ދެން ކިހިނެއް އެވަރުގެ މީހަކާ ރާހިލް އިންނަން އަހަންނަށް ގަބޫލު ވެވޭނީ؟” ރާހިލް ދޮރު ހުޅުވާލުމާއެކު ހާފިޒާ ބުންޏެވެ.

“މަންމައަށް ސާފު ނުވަނީތަ އަހަރެން ބުނި އެއްޗެއް؟ މީރާ ބޭނުމެއް ނުވެޔޭ އަހަރެންނާ އަލުން އިންނާކަށް. އަހަރެން ބުނީމަވެސް އޭނަ ދެކޮޅު ހެދީ… އެއީ މަންމަ ތިބުނާ ކަހަލަ އަންހެނަކަށް ވީ ނަމަ އޭނަ ދެކޮޅު ހަދާނެތަ؟ އޭނަ ބޭނުން ވަނީ ހަމައެކަނި އަހަރެންގެ އާއިލާއިން މަލާކް ގަބޫލު ކުރުން، އެހެން ކަމެއް މީރާ ބޭނުމެއް ނުވޭ. އެއީ މަންމަ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ މަންމާ، އޭނަފެނުނީމަ، އޭނަޔާ ބައްދަލު ވީމަ މަންމައަށް އެނގޭނެ އެއީ ކޮން ކަހަލަ ކުއްޖެއް ކަން… އެކަމަކު މަންމަ ކީއްކުރަން އޭނައާ ބައްދަލު ކުރަންވީ؟ މަންމަ ގަބޫލު ނުކުރިޔަސް އެންމެ ރަނގަޅު، އެކަމަކު މަންމަ ތި ވިސްނަނީ އަދި ރަނގަޅަކަށް ނޫން، މަލާކް ފެނުނު ދުވަހަކުން މަންމަ ދެރަ ވާނެ އޭނައާ މެދު ތިގޮތަށް ވާހަކަ ދެއްކުނީތީވެސް” ރާހިލް ކޮޓަރިން ނިކުތުމުގެ ކުރިން ބުންޏެވެ.

“ހާފިޒާ، އަހަރެން ކިހާ ދުވަހެއް މިހާރު މިހެން ކިޔާތާ؟ ތި ވިސްނުން ދޫކޮށްލަބަލަ، ތީ މާކުރީގެ ވިސްނުމެކޭ، މިހާރު އެއްވެސް ކުއްޖަކު ބޭނުމެއް ނުވާނެ އެކުދިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ މައިންބަފައިން ގޮތް ކިޔާކަށް، އެމީހުން ގޯސް ކަމެއް ނުކުރަންޏާ އަހަރުމެން ފާޑު ކިޔާކަށް ނުޖެހޭނެ. ރާހިލް ގަބޫލު ކުރަންޏާ އަހަރުމެން ކީއްވެ ޝައްކު ކުރަންވީ؟ އޭނައަށް ޔަގީން ވަންޏާ އެނިމުނީ، އޭނަ އެ އަންހެން ކުއްޖާއަށް އިތުބާރު ކުރޭ. އަނެއްކާ އެބުނީނު އެކުއްޖާ ބޭނުމެއް ނޫނޭ ރާހިލްއާ އިންނާކަށް؟ ވިދާދްއަށްވެސް އެނގޭ، ދެން ކީއްވެ ހާފިޒާ ގަބޫލު ނުކުރަންވީ؟ މިކަމުގަ ކުށްވެރި ވަނީ ހަމަ އަހަރުމެންގެ ރާހިލް، އޭނަ ކަންތައް ކުރި ގޮތުން މިހެން މިވީ. އެކަމަކު ހާފިޒާ ތި ރުޅި އަންނަނީ އެއަންހެން ކުއްޖާ ދެކެ…

ހާފިޒާ ކިހާ ދުވަހެއް ރާހިލް ކައިވެނިކޮށް އޭނައަށް ދަރިއަކު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާތާ؟ މިއަދު އެކަން ވެފައެއްނު މިއޮތީ؟ ރާހިލްގެ ދަރިއަކު އެހެރީ، ހާފިޒާ ނުވޭތަ އެކުއްޖާ ދެކެލާ ހިތެއް؟ ލޯބިން އުރާލާ ހިތެއް ނުވޭތަ؟ ތިހެން ކަންތައް ކޮށްގެން ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅު ހާފިޒާއާ ދުރު ވުން ނޫން ކަމެއް ނުވާނެ… އޭނަ އެދެނީ އަހަރުމެން އެކުއްޖާ ގަބޫލު ކުރުމެއްނު؟ ހާފިޒާއަކަށް އެކަމެއް ނުވާނެތަ؟ ހާފިޒާ އެއްބަސް ނުވިޔަސް ރާހިލްގެ ލެއަކީ އަހަރުމެންގެ ލޭ، ރާހިލްގެ ދަރިއަކީ ހަމަ އަހަރުމެންގެ ދަރިއެއް… އަހަންނަށް ޔަގީން އެއަންހެން ކުއްޖާއަކީވެސް ގޯސް ކުއްޖަކަށް ނުވާނެ ކަން. އެއީ ހާފިޒާ ތި ހީކުރާ ކަހަލަ ކުއްޖެއް ނަމަ އެގޮތަކަށް ނޫން އޭނަ ކަންތައް ކުރާނީކީ… ނޫންތަ؟ ވިސްނަބަލަ ހާފިޒާ… އަހަރުމެންނަށް ރާހިލް ގެއްލުމުގެ ކުރިން ހާފިޒާއަށް ވިސްނުނިއްޔާ ކިތަންމެހާވެސް ރަނގަޅު…” އަހަރުތަކެއް ވަންދެން އެކުގައި އުޅެމުންދާ ބައިވެރިޔާއަށް ވިސްނައިދެވޭތޯ އިސްހާގު މަސައްކަތް ކުރީ ދަރިފުޅުގެ ޓަކައެވެ. ރާހިލްވެސް މަލާކްއަށް ޓަކާ މަންމައާ ބައްޕައަށް ވިސްނައި ދޭން މަސައްކަތް ކުރި ފަދައިންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެފިނިމެންދަން 1

Next

ރިޔާޝާ (5ވަނަ ބައި)

Next
October 18, 2016

ރިޔާޝާ (5ވަނަ ބައި)

Previews
October 17, 2016

އެފިނިމެންދަން 1

26 Comments!

  1. Mar Sha Marsha says:
    October 18, 2016 at 10:48 am

    އައްސަލާމް ޢަލައިކުމް ހުރިހާ ކުދިން، ވާހަކައް އިންތިޒާރު ކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ… ކުރިން ގެނެސްދެމުން ދިޔަހެން އަނެއްކާވެސް ގެނެސްދޭނަން މި ވާހަކަ، ހަފްތާއަކު ތިން ދުވަހު، 27 ވަނަ ބައި އަންގާރަ ދުވަހު، އިންޝާﷲ… ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް، އަދި މާޝާގެ އާއިލާއަށް ދިމާވި ހިތާމައިގައި ބައިވެރިވެ، ހެޔޮދުޢާ ކޮށްދިން ކުދިންނަށް ޝުކުރު އަދާ ކޮށްލަން ބޭނުން،
    ވާހަކައިގެ ނިމުން މިހާރު ކައިރި ވެއްޖެ… ވާހަކަ ކުރިއަށް ދާ ގޮތާމެދު ކިޔުންތެރިން ދެކޭ ގޮތް ބަލާލަން ވަރަށް ބޭނުން، ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ

  2. aal says:
    October 18, 2016 at 11:03 am

    Waaaau… Varh varh salhi hama ??
    Damn love this story ❤
    Waiting next part ah ??

  3. sathoo says:
    October 18, 2016 at 11:09 am

    v v reethi reethikoh bunyma kyhvve readers wait nukuran v adhah vure fehi maadhama akah edhen marsha ah luv u ummaah

  4. meenaa says:
    October 18, 2016 at 11:44 am

    vaahaka hama varah fahkaa varah salhi nimey iru kihinethbaa vaanee!!! meeraa libeynee kaakahbaa!!!!???

  5. Aishath says:
    October 18, 2016 at 11:44 am

    Raahil and meera please.

  6. Dan says:
    October 18, 2016 at 11:56 am

    Aslu, reethi vaany raahil aa meera aa gulhyneema. Because, at first the story started about both of them. Reethi midha goiy

  7. Mona says:
    October 18, 2016 at 12:17 pm

    Miadhu mi tuesday ey marsha…

    1. Hi says:
      October 18, 2016 at 1:02 pm

      Aan dhw

  8. shile says:
    October 18, 2016 at 12:23 pm

    Story Varah Reethi. Varah kiyaa hith vaa gothah kuriyah dhaa story eh
    Good Job Marsha.

  9. European says:
    October 18, 2016 at 12:31 pm

    Sorry for the loss..
    its a very nice story. but the uploaded part is a bit short. waiting eagerly for the next upload

  10. Nash says:
    October 18, 2016 at 12:46 pm

    Plxx plxx rahil & meera gulhuvadyy

  11. fai says:
    October 18, 2016 at 12:52 pm

    Haadhakurey thankolheh dhigukohbala

  12. RaM says:
    October 18, 2016 at 12:56 pm

    Vaahaka dhaa goiyy v fakkaa meera n Raahil gulhuvan beynumee plz

  13. Rsy says:
    October 18, 2016 at 1:05 pm

    VVVV reethi…

  14. bella says:
    October 18, 2016 at 1:38 pm

    Yamaan aa meeera gulhuvaa plxx

  15. rose says:
    October 18, 2016 at 2:11 pm

    Vvvv salhi mi part ves

  16. ninaa says:
    October 18, 2016 at 2:30 pm

    Mihaaru ingey kaneyge meera marry kuraanee yamaan aa kan . Aslu mi vaahakaige maigadu story v reethi . Ekam genesdhin goi ehaa kamakunudhey . Maa bodah past ge bai ga ves beykaaru baithah ginavun kahala kantha hureema. Dhen main 2 characters ge bai madhee. 2 meehun dharifulha ekoh spend kura time eh namaves genes dhin nama . Evaru kujje 2 meehun beynun vaane kaneyge . Romantic baives madhee. Yamaan n meera lovers ah vure bodah sifa kurevenee friends gothah . Heekuran mi comment positive koh nagaane kamah

  17. vishaa says:
    October 18, 2016 at 2:33 pm

    rrreeeethiii

  18. Appy says:
    October 18, 2016 at 3:07 pm

    V rythi kuriyah dhaagoii

  19. Khajja says:
    October 18, 2016 at 4:04 pm

    Wow v rythi n v inthizaaru kurevey mi vaahaka ah v vv interestin n waitin waitin next

  20. Faathun says:
    October 18, 2016 at 5:15 pm

    Raaahil and meera please.. vidhaadh and yamaan v gulhey..

  21. Aphy says:
    October 18, 2016 at 7:03 pm

    V reethi..v kamudhey story?

  22. lina says:
    October 18, 2016 at 7:25 pm

    Vara duvas kofa ki mi stry…
    Sorry to say… mira dariyaku huta yamana eko ulagoe balabala…..
    mira yaman and raahil aavas kiss kofa …
    ehan vima hadi….

  23. fany says:
    October 18, 2016 at 8:21 pm

    Yamaan nd meera plx plx plx eyrun reethivaani

  24. zaa says:
    October 18, 2016 at 8:52 pm

    nice.yamaan n meera gulhuvaba plx…plx…plx….waiting for next part

  25. rana says:
    October 19, 2016 at 7:26 pm

    maasha angaaratha nunyy buraasfathidhuvas tha

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 27←


All Right Reserved!