” މީހުންތައް ކުއްޖަކު ވެއްޓެއްޖޯއޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. މީހުންތައް ހަޅޭއްލަވަން ފެށުމުން ޖަލީލުއަށް ވީތެއް ނޭނގި މޫދާއި ދިމާލަށް ނަގިލި އެއްލައިލެވުނު ވަގުތަކީ މުއާވިޔަތަށް ފަތައިގަނެފައި ނަގިލި ހޫރައިލި ދިމާލަށް ދެވުނު ވަގުތެވެ. ކުއްލިއަކަށް ބަންލާފައި އެނަގިލި ވެއްޓުނީ މުއާވިޔަތުގެ ބޮލަށްށެވެ. މަންޒަރު ބަލަން ތިބި އެންމެންނަށް ލޯ މަރައިލެވުނީއެވެ.
ޖަލީލުއަށް މާޒީގެ ދޮރުން ނިކުމެވުނީ ހަމަ ކުއްލިއަކަށްށެވެ. އޭރު ދެލޯ މަރައި ބާރުކޮށްގެން ހުރިއިރު ގަނެފައި ހުރި ބިރު އޭނާގެ މޫނުމަތިން ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވެއެވެ. ހަގީގަތަކަށް ބުނަނީނަމަ އޭނާއަށް އިތުރަކަށް އެކެހިވެރި މާޒީގެ މަންޒަރުތައް ބަލާކަށް ކެތެއް ނުކުރެވޭނެއެވެ. އެއަށް ބޮޑަށް އޭނާގެ ހިތަށް ދަތުވާން ފަށައިފިއެވެ. އޭރު އެއްވެސް އިހުތިޔާރަކާއި ނުލާ އޭނާގެ ލޮލުން ކަރުނައިގެ މުތީތައް ނިރަމުން ދިޔައެވެ.
” ކާފަ.. ކާފަ..” ލޯ މަރައިގެން ހުރި ޖަލީލުއަށް ކުއްލިއަކަށް ޖޯލިން ތެދުވެވުނީ މުފީދާގެ އަޑަށްށެވެ. އޭނާއަށް ވަގުތުން ކޯތާފަތުގައި ރޮނގެން ހެން އެޅި ފައިވާ ކަރުނަތަށް ފޮހެލެވުނީ އަތުގައި އޮތް ސިޓީ އުރަވެސް ފުރަގަހަށް ލަމުންނެވެ. އެވަގުތު މުފީދާ އޭނާއާއި ދިމާލަށް ބަލަން ހުރި ގޮތުން އިސްޖަހައިލެވުނީ ކުށްވެރިޔަކު ފަދައިންނެވެ.
” ކާފަ ރޮނީތަ؟” ޖަލީލުއާއި ދިމާލަށް ތޫނު ނަޒަރަކުން ބަލައިލަމުން މުފީދާ އަހައިލިއެވެ.
” ނޫން.. ނޫން.. އެ އެ އެއި އެއީ އަސްލު މާ ބޮޑަށް ހަނދާން ވަނީ.. ކަތްދަ މަތިން ހަނދާންވަނީ.” ޖަލީލު ބުނި އެއްޗަކުން އެތެރެއިން ހެވުނެއް ކަމަކު އެކަން ނުދައްކާ މުފީދާ ހިނގައިގަތީ ޖަލީލު އެހަދަނީ ދޮގުކަން އެނގި ހުރެއެވެ. ޖަލީލުގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އެކަން ދެނެ ގަންނާކަށް މާ ގިނަ އިރެއް ނުވެސް ނެގިއެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލުމަށް ފަހުގައި ވެސް މުފީދާއަށް ފަސް އެނބުރި އަނެއްކާވެސް ބަލައިލެވުނީ ޖަލީލު ” ދަރިފުޅާ” އޭ ކިޔައި ގޮވައިލުމުންނެވެ.
” އާނ ކާފަ. ކިހިނެއް ވީ؟” މުފީދާ އަހައިލިއެވެ.
” ކާފަ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތް.” ޖެހިލުންވެހުރެ ވެސް ޖަލީލު މަސައްކަތް ކުރީ މުފީދާއަށް ހަގީގަތް ހާމަ ކުރެވޭތޯއެވެ.
” ކޮން ވާހަކައެއް؟” ކުރިއަށް ދެތިން ފިޔަވަޅު އަޅަމުން މުފީދާ އަހައިލިއެވެ. ޖަލީލަށް އަނެއްކާވެސް އިސްޖަހައިލެވުނީއެވެ. މިއީ ހަގީގަތް ހާމަ ކުރަން ރަނގަޅު ވަގުތެއް ނޫނޭ އޭނާގެ ހިތް ބުނަނީއެވެ. އަނެއްކޮޅުން މިދުވަސްކޮޅު މުފީދާގެ ދެމަފިރިންގެ ތުންފަތުގައި ދުވެލަ ދުވެލައި ހުންނަ ހިނިތުންވުމަކީ ވަގުތީ އެއްޗަކަށް ހަދާކަށް އޭނާ ބޭނުން ނުވަނީއެވެ.
” ފަހުން…” ޖަލީލުގެ ދުލުން ބޭރުވީ ހަމައެކަނި މި ބަހެވެ. މުފީދާވެސް ޖަލީލުއާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލައިލަމުން މަޑުކުރުމެއް ނެތި ގޭތެރެއަށް ވަނެވެ. އޭރު ކޮނޑު މައްޗަށް “ޖައުފާނު” ރުކުގެ ކުރުބާ އިހަލެއް ލައިގެން ލިޔާގަތުވެސް އާދެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މުފީދާގެ ބަނޑަށް 8 މަސްވެއްޖެއެވެ. ވޭތުވެދިޔަ ފަސް މަސްތެރޭގައި އެކި ގޮތްގޮތުން މުފީދާމެންނަށް ހަގީގަތް ހާމަ ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ނިއުމާ އަނބުރާ އައިސްދާނެތީ އޭނަ އަބަދުވެސް ހުންނަނީ ބިރުންނެވެ. ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފުލުންނެވެ. ނިއުމާގެ ބިރުވެރި ހަބަރު ދީ އެދެމަފިރިންގެ އުފާތައް ފޭރިގަނެވެނީ އޭ އޭނާގެ ހިތް ބުނަނީ އެވެ. ނަމަވެސް އެވާހަކަ ނުބުނެ ހުއްޓާ ނިއުމާ އައިއްސްފިނަމަ އެދެވެނީ މާ ބޮޑު ހިތާމައެއް ކަން ވެސް އޭނާ ދަނެއެވެ.
އެންެމެ ރަނގަޅު ވަގުތަކަށް އިންތިޒާރު ކޮށްކޮށް ހުރި ޖަލީލު ނުވެސްވިސްނާ ހުއްޓާ އެފުރުސަތު ލިބިގެން ދިޔައީ އެއްރެއެއްގެ ކެއުމުގެ ވަގުތުގައި ލިޔާގަތު ބުނި އެއްޗަކުންނެވެ.
” ކާފަ. އަސްލު ހިޔެއް ނުވޭ ކާފަ އެއްބަސް ވާނެ ހެނެއް. އެކަމް ވެސް ކާފަ ހާސްނުވޭ ކާފަ ނުދަންޏާ އަހަރެންވެސް ނުދާނަން. މިހާރު މުފީދާގެ ބަނޑަށްވެސް 8 މަސްވީ. މުފީ މެން ރަށުގަ ހުރެއެއްނު މިއަތޮޅު އެންމެ މަޝްހޫރު ފޫޅުމާތް ކަމަނަ. މުފީގެ ފުރަތަމަ ފަހަރު ވީމަ އަހަރެން.. އަހަރެން ހިތަށް އެރީ އެރަށަށް ދާން ވިހަން ދެކަށް…” އެއީ ލިޔާގަތުގެ އެދުމެވެ.
” ތީ ދެން ކާފަ ކައިރީ އަހާވަރުގެ ކަމެއްތަ؟ ކާފަވެސް ބޭނުމެއް ނޫން މިރަށުގަ.. މިގޭގަ އުޅޭކަށް..” ޖަލީލުއަށް އުފަލުން ގޮސް ފުންމައިގަނެވުނީ ހަގީގަތް ހާމަ ނުކޮށްވެސް ނިއުމާގެ ވަކިތަކުން ސަލާމަތް ވެވިދާނެ ފުރުސަތެއް ލިބުމުންނެވެ. ނަމަވެސް ލިޔާގަތުއަށް ހައިރާންވެފައި ބަލަން ހުރެވުނީ މިރަށުން ބޭރަށް ދާ ވާހަކަ ބުނުމުން ޖަލީލު ފުމެން ފެށުމުންނެވެ. ލިޔާގަތު ހަނދާން ހުންނަ ފެށީއްސުރެ ޖަލީލު ދުވަހަކުވެސް ރަށުން ބޭރަށް ގޮސްފައެއް ނުވެއެވެ. ރަށުން ބޭރަށް ދާ ވާހަކަ ދެއްކިޔަސް އޭނާ ފާޅުގައި ދެކޮޅު ހަދާނެއެވެ.
” ކާފަ އަސްލުވެސް ތިހުރީ މިރަށް ދޫކޮށް ފަ ދާ ހިތުންތަ؟” ގަބޫލް ނުކުރެވިފައި ހުރެ ލިޔާގަތުއަށް އަހައިލެވުނެވެ. ޖަލީލުއަށް ބުނެވުނު ބަސް މަތިން ހަނދާން ވެވުނީ ދެނެވެ.
” އެއީ އަސްލު.. އަސްލު ކާފަޔަށް ހީވަނީ މިކޮޅުގަ މުފީދާ އެކަނި ވިހައިގެން އުޅެން ވަރަށް އުނދަގޫވާނެހެން. މިހާރުވެސް އެޔޮއް ބޮޑު ބަނޑާއިއެކު އެފަކީރު އުޅޭގޮތް ކާފަޔަށް ވުރެ ރަނގަޅަށް އިނގޭނެ މީހަކު ނުހުންނާނެ. އެމަންޖެޔަށް އެމަންޖެގެ މަންމަމެންގެ އެހީތެރިކަން ލިބެއްޖިއްޔާ މާ ރަނގަޅެއްނު. ކާފަވެސް މިހާރު މިހުރީ މުސްކުޅި ވެފަ. އަބަދު އެއްގެޔެއްގަ ތާށިވެގެން ހުރީމަ ކާފަގެ ހިތަށްވެސް ހަމަޖެހުމެއް ނުލިބޭނެއްނު ދޯ.” މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފާޅު ކުރަމުން ޖަލީލު ބުންޏެވެ. ލިޔާގަތު ހިނިތުންވެލާފައި އެހެން ދޯ އޭ ބުންޏެއް ކަމަކު މުފީދާގެ ހިތްް އެވާހަކަތައް ގަބޫލް ކުރާކަށް ނޭދުނެވެ. ނިއުމާ ރަށުން ފިލައިގެން ދިޔަފަހުން ޖަލީލުގެ އަމަލަށް އައިސްފައިވާ ބަދަލުތައް އޭނާއަށް ވަނީ ފާހަގަ ކުރެވިފައެވެ.
އޭގެ ދެތިން ދުވަސް ފަހުން ޖަލީލުއާއި ލިޔާގަތުގެ ދެމަފިރިން މުފީދާގެ ވަޒަނަށް ބަދަލުވިއެވެ. އާމިނާއި މުހައްމަދު ފުޅުވެސް އެކަމާއި އުފަލުން އުޅުނިއިރު ހީވަނީ އެހެން ކަމެއް ވެގެން އުޅޭ ހެންނެވެ. ނިއުމާގެ ކަޅު ހިޔަނިން ސަލާމަތްވީ އޭ ހިތައި ޖަލީލުވެސް ހުރީ ނުލާހިކު އުފާވެފައެވެ. އުފާލާއި ހިތްހަމަ ޖެހުމުގައި ބަނޑުގައި އޮތް ދަރިފުޅާއިއެކު ދިރިއުޅެމުން ދިޔަތާ 9 މަސް ވީ ތަނާހެން އެދަރިފުޅު ދުނިޔެއަށް ނޭވާ ލިއެވެ. ފުރިހަމަ ސިއްހަތެއްގައި އޮތް އެލޯބި ލޯބި ފިރިހެން ދަރިފުޅު އަތުގައި ބީހިލުމާއިއެކު ޖަލީލުގެ ލޮލުން ހުސްވުމެއް ނެތި ކަރުނަ ފައިބައި ގަތެވެ. އެންމެ ފަހުން ނިއުމާ އޭނާގެ އާއިލާއާއި އުމުރަށް ވަކިވީކަމުގެ ފެހި ސިގްނަލް ލިބިގެން ދިޔައެވެ.
ލިޔާގަތުގެ ދެމަފިރިންވެސް އުފަލުން ގޮސް އެކުއްޖާގެ ގައިގާ އޮޅުލައި ބައްދާލާއިރު ހީވަނީ އެހެން ކަމެއް ވެގެން އުޅޭ ހެންނެވެ.
” މީ އަހަރެން ކޮންމެހެން މުފީ އާ ދޭތެރެ ޝައްކު ކުރާތި ބުނާ އެއްޗެއް ނޫން. ހަމަ މުފީއަށް ރަނގަޅަކަށް ބުނާ އެއްޗެއް. ފަހަރެއްގަ މުފީދާ ހީކޮށްފާނެ މިހާރުގެ އަނބިން ހީކުރާ ގޮތަށް ދަރިއެއް ލިބުމަށްފަހު ބޭވަފާތެރި ވިޔަސް މަށަކީ ވަރި ކުރެވޭހައި ހިތްވަރު ގަދަ ފިރިއެއް ނޫނޭ. އެކަމް ހަނދާން ކުރާތި! ބޭވަފާތެރި ވެއްޖިއްޔާ އަހަރެންނެއް މަޑަކުން ނުހުންނާން. ކައިވެނީގެ ވޭތުވެދިޔަ 1 އަހަރު ތެރޭގަ މުފީ އަހަންނަށް ވި ވަފާތެރިކަން އަބަދަށްވެސް ދިގު ލަންޖެހޭނެ.އަހަރެން އަބަދުވެސް މުފީއަށް އިތުބާރު ކުރަން. އެކަމްވެސް އިންސާނާގެ ހިތަކީ ބަދަލު ވާ އެއްޗަކަށް ވުމުން މިހެން މިބުނީ. އަދި އަބަދުވެސް ހަނދާން ބަހައްޓަތި. އަހަރެންގެ މުސްކުޅި ކާފަގެ ހިތު ޖެހޭ ވަރުގެ ބަހެއް ނުބުނާތި. ބުނެފިނަމަ އަހަންނަކަށް އަމިއްލަ ނަފްސަށް ބާރެއް ނުފޯރުވޭނެ.” ލިޔާގަތު އެދުވަހުގައި މުފީދާ ކައިރީގައި ބައިންދަމުން ބުންޏެވެ. މުފީދާ ބޯ ޖަހައިލީ އެނަސޭހަތްތައް ކިތަންމެ ރަނގަޅަށްވެސް ގަބޫލް ކުރެވޭތީއެވެ. އެއީ އޭނާވެސް ބޭނުންވާ ގޮތެވެ.
ލިޔާގަތުއާއި މުފީދާގެ އެލޯބިލޯބި ފިރިހެން ކުއްޖާއަށް އޭގެ އެއްހަފްތާ ފަހުން ނަން ކިޔިގެން ދިޔައެވެ. އެލޯބިލޯބި ކުއްޖާގެ ނަމަކަށް ލިޔާގަތު ހަމަޖެއްސީ ލުފްޝާންއެވެ. އެނަން މުޅި އާއިލާ އެންމެންނަށް ކަމުދިޔައީއެވެ.
7 އަހަރު ފަސް
” ދަރިފުޅާ. މަދަރުސާއަށް ދާން އާދެބަލަ އަވަހަށް. ގަޑި ޖެހެނިއްޔޭ.” ބަދިގޭ ތެރޭގައި ހުރެފައި ބާރަކަށް މުފީދާ ގޮވަމުން ދިޔައެވެ.
” ދަރިފުޅާ ލުއްކޯ. ލުއްކޯ.” އެތެރެއިން ޖަވާބެއް ނުލިބުމުން މޭޒުމައްޓަށް ތަށިތައް ނަގަމުން ދަކުރާރުކޮށް މުފީދާ ގޮވަން ފެށިއެވެ.
” ޔަގީނޭ އަދި ނުވެސް ތެދުވާނެކަން. ” ދުސް ތަޅާލަމުން މިހެން ބުނެފައި މުފީދާ ބަދިގޭގެ ދޮރުން ނިކުންނަން އުޅެނިކޮށް ފެނުނު މަންޒަރުން މަޑުޖެހިލެވުނީއެވެ.
” ދަރިފުޅު ކީއް ކުރަން ހޭލާ؟ ފަތިސް ނަމާދު ކޮށްގެން ނުނިދަނީ ދޯ. ދޮންބެ އަދިވެސް ނުހޭލާ ދޯ. މާޝް ” ބަދިގޭ ދޮރު މަތީގައި ހުރި 3 އަހަރުގެ ކުއްޖާއާއި މުފީދާ ވާހަކަ ދެއްކިއެވެ. އެކުއްޖާ ދޮންބެ ނިދާފަހޭ އެހުމުން ބޯ ޖަހައިލިއެއް ކަމަކު އަނގައިން އިތުރު ބަހެއް ނުބުނެވެ. މުފީދާ އެކުއްޖާގެ ބޮލުގައި ފިރުމާލަމުން ކާން އިށީނނާށޭ ބުންޏެވެ.
” މަންމާ. މަ ވެސް ބޭނުން މަދަރުސާއަށް ދާން. ” ހިނގައިގަންނަން އުޅެފައިވެސް ހުރި ފިޔަވަޅު މަތީގައި މުފީދާއަށް ހުރެވުނީ އެކުއްޖާ ބުނެލި އެއްޗަކުންނެވެ.
” އަޅެ… މަންމަގެ މާޝް ގަނޑާ…” ހިނި އައިވަރުން މާޝަލްގެ ކޮނޑުގައި ހިފައިލަމުން މުފީދާއަށް ބުނެވުނެވެ.
” ދޮންބެ ބުނީ މާޝަލް އަކީ އަންހެން ނަމެކޯ. ދެން އަދި ބުނި މާޝް ކިޔަންޔާ ހީވަނީ މަންމަގެ އަންހެން ކުއްޖާ ހެންނޯ. އަދި ބުނި މާޝަލް ދޮންވެފަ ހިކިވެފަ ހެއާ ބްރައުން ވީމަ ކުދިންވެސް މާޝަލްއާ ދިމާކުރެޔޯ.. ” ތުންގަނޑު އޫ ކޮށްލަމުން މާޝަލް ބުންޏެވެ.
އެއީ އަސްލު ދޮންބެ ޖޭ ވަނީ ދަރިފުޅު ދޮންވީމަ ރީތިވީމަ… މަންމަޔަށް ހާދަ ރީތިވެގެންނޭ ދަރިފުޅަށް މާޝަލް ކީ… ދޮންބެ ކިޔާ އެއްޗަކަށް އަޅާނުލާ.. މަންމަގެ ލޯބި ލޯބި މާޝަލް އަކީ ބަސްއަހާ ކުއްޖެއްނު ދޯ..
ދެން.. ދަރިފުޅު މަދަރުސާއަށް ދާހިތް ވަނިއްޔޭ؟ މަންމަގެ ދަރިފުޅު އަދި ސްކޫލަށް ދާވަރެއް ނުވެއޭ. އަދި އެންމެ 3 އަހަރޭ ވީ… މިހާ އަވަހަށް ސްކޫލަށް ދަންޏާ އަވަހަށް ކާފަޔަކަށް ވާނީ އެއްނު. ފުރަތަމަ ދޭބަލަ މަންމަގެ ދޮން ދޫނި ސައިބޯން.. އެކަމް ދަރިފުޅު ބޭނުމިއްޔާ ސައިބޮއިގެން އަލިފް ބާ ކިޔަވާ ފޮތް ހިފައިގެން އިނދެ އިނގޭ… މަންމަ އަންނާނަން ދޮންބެ ހޭލައްވާލާފަ އިނގޭ… ” މުފީދާ އޭނާގެ ހަގު ދަރިފުޅުގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލަމުން މިހެން ބުނެލުމާއިއެކު ކިޔަމަންތެރި
ކަމާއިއެކު މާޝަލް ގޮސް ގޮނޑީގައި އިށީނީ ސައިބޮއި މަށްޓަކައިއެވެ.
މުފީދާވެސް އަވަސް އަވަހަށް ކޮޓަރިއަށް ވަތް އިރު ލުފްޝާން އޮތީ ފެންވަރައިގެން ތުވާއްޔާއިއެކު ނިދާފައެވެ. މުފީދާ ގަދަކަމުން ކަހަލަ ގޮތަކަށް ލުފްޝާން ނަގައި ތައްޔާރުކޮށް ސައިހަދައިގެން މަދަރުސާއަށް ގެންދެވުނު އިރު ޓީޗަރ ކިޔަވައިދޭން ފަށައިފިއެވެ. އެއީ ކޮންމެ ދުވަހުގެވެސް އާދައެވެ. މުފީދާއަށް ހަޅޭއްލަވައި ނުގަނެވެއްޖިނަމަ އޮތްތަނުން ހިއްލާލަންވެސް ލުފްޝާން ހިތަކަށް ނާރާނެއެވެ. އަދި މޮޅު ތަންކޮޅަކީ ފެންވަރައިގެން ނިކުމެވޭ އިރު މުފީދާއަށް އެތާގައި ނުހުރެވިއްޖެނަމަ އަނެއްކާވެސް ނިދާފާނެއެވެ.
ނަމަވެސް މާޝަލްއަކީ އޭގެ އިނދިކޮޅެވެ. ފަތިސް ނަމާދަށްވެސް ކާފަ ހޭލާ އުޅޭ އަޑަށް މާޝަލް ހޭލައެވެ. އަދި ހަމައެހެންމެ ކާފަ ނަމާދު ކުރާ ތަން ފެނެއްޖިނަމަ ފަހަތުން އައިސް ކާފާއާއި ބައިވެރި ވާނެއެވެ. މީހަކު އޭނަ ކައިރީގައި މިވަނި ކަމެއް ކުރާށޭ އެވަނި ކަމެއް ކުރާށޭ ކިޔާފައި އާދޭސް ކުރާކަށް ނުޖެހޭނެއެވެ. އެއްފަހަރު ބުނުމުން އޭނާއަށް ފުދޭނެއެވެ. މުފީދާ އަބަދުވެސް ބަލަނީ އެދެކުދިން ހަމަ ހަމަ އަށް ގެން ގުޅެވޭތޯއެވެ.ތަރުބިއްޔަތު ކުރުމުގަިއވެސް ވަކި ކުއްޖަކަށް ތަފާތު ކޮށްފައެއް ނުވެއެވެ. އެހެނަސް ދެކުދިންގެ އަމަލާއި އުޑާ ބިމާ ހައި ތަފާތެވެ.
މިފަދަ އެތައް ހިޔާލެއްގައި ހުރެ ގޭގެ ދޮރާއި ހަމައަށް އެރުމާއިއެކު މާޝަލް އުނގަށް ލައިގެން ގޭގެ ބޮޑު ކޮޓަރީގައި އެލުވާފައިވާ އުނދޯއްޔެއްގައި އިން އަންހެން މީހާ ފެނުމުން މުފީދާއަށް ބަލަން ހުރެވުނީ މިއީ ހުވަފެނެއްތޯ ސުވާލު އުފެދިފައެވެ. އެއީ އެމީހަކު މަރުވީކަމަށް އޭނާ ގަބޫލް ކުރި އިންސާނާއެވެ.އެއީ ހަމަ އޭނާގެ….
ނުނިމޭ..
10 Comments!
Comments are closed.




A salaam… Inshaa allah b4 1 wyk up kurevijje…. Enjoy nd lyv a cmmnt.. kmme cmmntehvx balaigannanan Insha allah.. So tell me hw u fyl…
Nd HAPPY TEACHERS day to all especially to all de Teachrs…
v nice and touching
Thnkyw..
E myhaa gandu aiy tha anekka… Varah reethi mi story… Next part kon irakun???
Lets c dw… thnkxxx… nxt prtvx vrh vrh vrh avahah Insha allah… Kyp waitin..
Niuma gandu aee dhw…vvv foohivey….???
Niuma gandu aee dhw…vvv foohivey….???
Lets c dw… thnk yuhh..
Kobaa vaahaka
Foari hure eii nun vaahaka Liyan
Ehkoh nunin mn yaa nuliyebala
Nuliye veny keeiive gn kan vx bunyma dhw igeny
Vaahaka kiyaahithun keii madhuvefa mithibeny