Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަނދިރިވުމުން 11 ވަނަބައި

mohamed neer Level 210 Stories100 Stories
August 8, 2013 4 Mins Read
8 Comments

އެގާރަވަނަބައި

ފިތުރުޢީދުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރަން

     ” އެހެންވީރު އުފާކުރޭ …. ޑޮކްޓަރާއެކު އެގެއަށް ގޮސް ރަނގަޅަށް ނިދާލާ. އޭރުން ހަމައަކަށް އެޅިދާނެ. ” ނިހާޔަތުގެ ބޮލުގަ ފިރުމާލަމުން ކާސިންފުޅު ވާހަކަ ދެއްކީ މިވަގުތައް އެންމެ މުހިންމުކަންތައް އިސްކުރަމުންނެވެ.

     ” އާން. ” އަނގައާއި ބޮލުގެ އިސާރާތުން ނިހާޔަތު ބުންޏެވެ.

     ޑޮކްޓަރާއި ނިހާޔަތު ކާރާއި ދިމާއަށް ހިނގައިގަތް އިރު ވެސް ކާސިންފުޅު ކޮންމެވެސް ސިއްރު ކިޔެވެއްޔެއް ކިޔަވަމުން އެ ހިސާބުގައި ހިނގަމުން ދިޔައެވެ. ޑޮކްޓަރާއި އެކުގަ ހިނގަމުން ދިޔަ ނަމަވެސް ނިހާޔަތުގެ ހިތުން ބިރުވެރިކަން ފިލާ ނުދެއެވެ. އެހެންވެ ދެތިން ފަހަރަކު ފަހަތަށް އެނބުރެމުން ކާސިންފުޅަށް ބަލާލެވުނެވެ. ކާސިންފުޅުގެ ފަރާތުން ފެންނަމުންދަނީ ހަމަޖެހުމުގެ އަސަރުތަކާއި ކުލަވަރެވެ.

     ނިހާޔަތު ގޮވައިގެން ޑޮކްޓަރ ގެއަށް ދިޔައިރު ޑޮކްޓަރު އައުން ލަސްވެގެން އޭނާގެ އަންހެނުން ބަލްގިސް ހުރީ ދޮރޯށި ކައިރިއަށް ނުކުމެއެވެ.

     ނިހާޔަތު ގޮވައިގެން ޑޮކްޓަރ ގޮސް އޭނާގެ އަންހެނުންނާއި ހަވާލުކުރަމުން ވެގެން އުޅޭގޮތް ކިޔައިދީ، ދެން ކަންތައް ކުރާންވީ ގޮތް ބުނެދިނެވެ.

     ނިހާޔަތު ގޮވައިގެން ބަލްގިސް ގޭތެރެއަށް ވަންނާން ހިނގައިގަތުމުން ޑޮކްޓަރ ގޮސް ކާރަށް އަރާ ދުއްވާލިއެވެ.

     ޕޮލިހުންގެ ބޭކަލުން އެގެއަށް އައިއިރު ވެސް ކާސިންފުޅު ހުރީ އެތަނުގައެވެ. މުޅި ހިސާބަށް ފެތުރިފައިވަނީ ކުނިވަހެވެ. އެހެންކަމުން އެބޭކަލުންނަށް ވެސް ވަރަށް އުނދަގޫ ވިއެވެ.

     މަރާލުމަށްފަހު ފޮއްޓަކަށް ލާފައިވާ ތުއްތުތުއްތު ކުއްޖާގެ ކުނިވެފައިވާ ހަށިގަނޑު ފެނުމުން ޕޮލިހުންގެ ބޭކަލުންގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. ބުނާނެ އެއްޗެއް ނޭނގި އެކަކު އަނެކަކަށް ބަލާލަމުން ބޯ ހޫރާލީ ނުތަނަވަސްކަމާ ކަންބޮޑު ވުމާ އެކުގައެވެ.

      އެގާރަ ޖަހާކަން ހާއިރު ނިހާޔަތަށް ސިފާން ފޯނުކުރިއެވެ. ނިހާޔަތު ފޯނު ނެގުމުން ސިފާން ބުނީ މިރޭ ރާއްޖެއައި ވާހަކަ އާއި މާދަމާ ރަށަށް ދާނެ ވާހަކައެވެ. ނިހާޔަތު ސިފާނާއި ވާހަކަ ދެއްކި ނަމަވެސް ދިމާވެގެން މިއުޅޭ ކަންތަކާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

     ނިހާޔަތު ބޭނުންވި ފަދައިން މާގިނައިރު ވާހަކަ ނުދައްކާ ސިފާން ފޯނު ބޭއްވިއެވެ. އެހެންކަމުން ނިހާޔަތަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

     ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ޕޮލިހުންނާއި އެބޭކަލުން ގެނައި ޑޮކްޓަރުން ގުޅިގެން ހިތްވަރާއި ކެތްތެރިކަމާއެކު ކުރި މަސައްކަތުން އެހަށިގަނޑުގެ ޓެސްޓްތައް ނިންމާލިއެވެ.

      އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް ވެރިވެގެން ދިޔަ ހަލަބޮލިކަމާއެކު އެކުއްޖާގެ ވާހަކަ ވެސް ރަށުތެރެއަށް ފެތުރިއްޖެ އެވެ. މަރާލުމަށްފަހު ފޮއްޓަކަށްލާ ބަންދުކޮށް ވަޅުލާފައިވާ އެކުއްޖާއަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއްކަމާއި އެކަމެއް ހިންގި ފަހުން ދުވަސްތަކެއް ވޭތުވެގެން ގޮސްފައިވާކަމަށް އެންމެން ވެސް ބުނަމުން ދިޔައެވެ. އަދި އެކުއްޖާ އެފެނުނު ތަނުގެ ސަބަބުން ސިފާންއާމެދު ގިނަބަޔަކު ސައްކުކުރާން ފެށިއެވެ.

     އެހަށިގަނޑާމެދު ކުރާންޖެހޭ އެންމެހާ ކަންތައްތައް ކޮށް ނިންމާލުމަށްފަހު ވަޅުލިއެވެ.

     ދުވަސްނުފުރާ ވިހެއުމަށްފަހު މަރާލާ ފޮއްޓަކަށްލާ ވަޅުލާފައި އޮއްވާ ފެނުނު ތުއްތުތުއްތު ކުއްޖާގެ މަރުގެ ތަޙުޤީޤު ފެށިއްޖެ އެވެ. އެއާއެކު މުޅި ރާއްޖޭގެ ސަމާލުކަން އެކަމަށް ހުސްވެގެން ދިޔައިރު ޕޮލިހުން ބުނަމުން ދިޔައީ އެމައްސަލަ ވަރަށް އަވަހަށް ނިންމާނެ ކަމަށާއި އެކަން ނިންމާނީ ރައްޔިތުން ސުވާލު ވެސް ނުއުފެދޭހާ ވަރަށް ކަންކަން ބަލައިގެން ކަމަށެވެ. ހަމައެހެންމެ އެކަމަށްޓަކައި ނުކުރާނެ އެއްވެސް ކަމެއް ނޯއްނާނެކަމަށާއި ނުބަލާނެ ތަނެއް ވެސް ނޯއްނާނެކަމަށެވެ.

     ހެނދުނު ދިހައެއް ޖެހިއިރު މާލޭންއައި ދޯނިން ސިފާން ރަށަށް އައިއިރު ރޭގަ ހިނގާދިޔަ ކަންތަކުގެ އެއްވެސް ހިލަމެއް އޭނާއަކަށް ނުވެއެވެ. އެހެންކަމުން އޭނަ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

     އަވަސް އަވަހަށް ދަބަސް ހިފައިގެން ސިފާން ގެއަށް ދިޔައިރު އެސަރަހައްދުގަ ހަރަކާތްތެރި ވަމުންދަނީ ޕޮލިހުންނެވެ. އޭރު އެސަރަހައްދަށް ނުވަނުމަށް އަންގައި ލިޔުންތަކެއް ވެސް ހަރުކޮށްފައި ހުއްޓެވެ. އެކަމުގެ ސަބަބުން ލިބުނު ހައިރާންކަމާއި ހިތަށް ވެރިވި ނުތަނަވަސްކަމުގަ ސިފާން އަވަސްވެގަތީ ނިހާޔަތަށް ފޯނު ކުރާށެވެ. އެހެނަސް ޖީބުން ފޯނު ނެގުމާއެކު ފެނުނީ ޕޮލިހުންގެ އިސްބޭކަލުންނާއި ކައުންސިލަރުން އައިސް އެގޯތިތެރެއަށް ވަތް މަންޒަރެވެ.

     ސިފާން ފޯނުކުރުމުގެ ކުރިން ކައުންސިލްގެރައީސް އަހްމަދު ފާޒިމް އައިސް ސިފާނާއި ވާހަކަ ދައްކާން ފެށިއެވެ. އެގޮތުން ނިހާޔަތާއި ދަރިފުޅުވީ ޑޮކްޓަރުގެ ގޭގަ ކަމަށާއި ޕޮލިހުންގެ އިސްބޭކަލުންނާއި ކައުންސިލަރުން މިއައީ ސިފާން ބަލައި ކަމަށް ވެސް ބުންޏެވެ. ހަމައެހެންމެ ސިފާން ޕޮލިހަށް ހާޒިރުކުރަނީ ކީއްވެގެން ކަމަށް ވެސް ބުންޏެވެ.

     ފާޒިމްގެ އެވާހަކަތަކުގެ ސަބަބުން ސިފާންގެ ހާސްވުމާއި ކަންބޮޑުވުން ކުރިޔަށްވުރެ އިތުރުވެގެން ދިޔައެވެ. ހަމައެހެންމެ ޖަވާބު ލިބުން ދަތިވި އެތައް ބައިވަރު ސުވާލެއް އޭނާ ވަށާލިއެވެ.

     ފާޒިމްގެ ސުވާލުތަކަށް ޖަވާބުދެމުން ސިފާންބުނީ ތިކަމަކީ އޭނާއާ އެއްވެސް ގުޅުމެއްނެތް ވާހަކަތަކެއް ކަމަށާއި ތިއީ ކޮންމެ ވެސް އެހެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ. ހަމައެހެންމެ ތިބުނާ ދުވަސްވަރު މިގެ ހުންނާނީ ފަޅަށް ކަމަށްވާތީ ބޭނުން ކޮންމެ ބަޔަކަށް މިގެއަށް އައިސް ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު އޮންނާނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ތިކަމަކީ ކޮންމެ ވެސް ބަޔަކު ރާވައިގެން އޭނާގެ ދިރިއުޅުން ހަލާކުކޮށްލާން ކޮށްގެން އުޅޭ ކަމެއް ކަމަށާއި އޭނާގެ އަންހެނުންނާއި ކުއްޖާ ގޮވައިގެން އަންނަން ވެއްޖެކަމަށެވެ.

     ފާޒިމް ދައްކަމުންދިޔަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ސިފާން އުޅުނީ އެތަނުން ދާން ނަމަވެސް، ޕޮލިހުން އެދުނު އެދުމާ އެއްގޮތަށް އެބޭކަލުންނާއި އެކުގަ ޕޮލިސްސްޓޭޝަނަށް ދިއުމަށް ސިފާން އެއްބަސްވިއެވެ. މިވަގުތައް އެންމެ ރަނގަޅު ވާނީ އެގޮތްކަން ސިފާނަށް ވިސްނުނެވެ.

     މެންދުރުފަހު ދޭއް ޖަހާކަން ހާއިރެވެ. ޕޮލިސްސްޓޭޝަންގެ ތަޙުޤީޤު ކުރާ ކޮޓަރީގަ ޕޮލިހުންގެ ތިން ބޭކަލުންނާއި ސިފާން ތިއްބެވެ. އެކަމާ ބެހޭގޮތުން ޕޮލިހުންގެ ބޭކަލުން ސިފާނާއި ސުވާލުކުރަމުންދާތާ މިހާރު ދެގަޑިއިރަށްވުރެ ގިނައިރު ވެފައި ވާއިރު، ސިފާން އަދި ވެސް ބުނަމުންދަނީ އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށާއި އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް ނޭނގޭ ކަމަ ށެވެ. ހަމައެހެންމެ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމެއްގަ އޭނާ ނުހިފެހެއްޓުމަށާއި އޭނާ އަންހެނުންނާއި ކުއްޖައާ ބައްދަލުކުރާން ދާން ބޭނުންވާ ކަމަށެވެ.

     ” ސިފާން! … ދޮގު ނުހަދާ ތެދުބަހުން ވާހަކަދައްކާ. މިކަމުގެ ސަބަބުން ސިފާންގެ އަންހެނުންނާއި ދަރިފުޅު ވަނީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ނާމާންރޭތަކަކާ ކުރިލާފަ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރު ކޮށްފަ ….. އެދެމީހުންނާއި ބައްދަލު ކުރަން ސިފާނަށް ފުރުސަތު ދޭނަން. އަހަރެމެން މިހާތަނަށް ހޯދި ހޯދުންތަކާއި ބެލިބެލުންތަކުން އެންމެބޮޑަށް ސައްކު ކުރެވެނީ ސިފާންއާ މެދު. ދޮގު ނުހަދާ ތެދުބަހުން ވާހަކަދައްކާ. ” ޕޮލިސްސްޓޭޝަންގެ އިސްވެރިއެއްގެ ގޮތުގަ ހުރި އަބްދުލް ވާހިދު ވާހަކަ ދެއްކިއެވެ.

     ޕޮލިހުންގެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ސިފާން ދައްކަމުންދިޔަ ވާހަކަތައް ދިމާނުވުމާއި ހަމަނުޖެހޭކަން ސިފާނަށް ވެސް ވިސްނޭން ފެށިއެވެ. ހަމައެހެންމެ ޙަޤީޤަތް ހާމަ ކޮށްގެން ބެދޭނެކަން އެނގޭއިރު ދޮގުހަދާ އޮޅުވާލާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އިތުރު އުނދަގޫތަކެއް ކުރިމަތިވެ އޮޅުންތަކެއް އަރަމުންދާކަން ޔަގީންވެއެވެ.

     ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން އިން ސިފާނަށް އޭނާއަށް ކުރެވިފައިވާ އެ ބޮޑު ކުށާއިމެދު ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ދެރަވެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

     ކޮންމެގޮތަކަށް ކަންތައް ވި ނަމަވެސް ޙަޤީޤަތް ހާމަކޮށް އެކުށަށް ތަޢުބާވުމަށް ސިފާން ނިންމިއެވެ.

     މަޑުމަޑުން އިސްޖަހާލުމަށްފަހު އެވާހަކަތައް ކިޔައިދޭން ސިފާން ފެށިއެވެ.

     ސިފާންމެން ގޯތިތެރޭން ފެނުނު ތުއްތުކުއްޖާގެ މުޅަމަސްގަނޑާއި ބެހޭގޮތުން ސިފާން ކިޔައިދިނެވެ. ސިފާންގެ އެވާހަކަތައް ނިމުނުއިރު ޕޮލިހުންގެބޭކަލުން ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަމައެހެންމެ ސިފާންދެކެ ވަރަށްބޮޑަށް ރުޅި އައިސް ފައެވެ.

     ސިފާންގެ ކުށަށް ދޭންވާ އަދަބު ދިނުމަށްޓަކައި އޭނާ ބަންދު ކުރިއެވެ.

     ސިފާންގެ ފަރާތުން ފެނިގެންދިޔަ އިންސާނިއްޔަތުކަން ކުޑަ އެޢަމަލުގެ ސަބަބުން ނިހާޔަތު ގަސްދުކުރީ އަބަދުގެ އަބަދަށް ސިފާނާއި ވަކިވާށެވެ. އެހެންވެ އެހުރިހާ ވާހަކައެއް ދައްކައި އޭނާ ވަރިކޮށްދިނުމަށް އެދުނެވެ. ނިހާޔަތާއި މަލްސާއަށް ޓަކާ މިހާރު އެންމެ ރަނގަޅު ވާނީ އެގޮތްކަން ސިފާނަށް ވެސް ވިސްނުނެވެ.

     ސިފާންދެކެ ކިތަންމެ ރުޅިއައި ނަމަވެސް މަލްސާ ރަނގަޅަށް ބަލައިދިނުމަށް އެދި ނިހާޔަތުގާތު ސިފާން އާދޭސް ކުރިއެވެ.

     ސިފާންގާތު ނިހާޔަތު ބުނީ މަލްސާއަކީ އޭނާގެ ވެސް ދަރިއެއް ކަމަށެވެ. ހަމައެހެންމެ މަލްސާ ބޮޑުވާނީ ނިހާޔަތު ފަދަ ކެތްތެރި ތެދުވެރި ތަޢުލީމީ މީހެއްގެ ގޮތުގަ ކަމަށެވެ. އަދި އެހެން މީހުންގެ ލޯތްބާއި އިޚުތިރާމް ލިބިގެންވާ ގަދަރުވެރި ހަރުދަނާ އަންހެނެއްގެ ގޮތުގައި ކަމަށެވެ.

     ނިހާޔަތުގެ އެވާހަކަތަކުގެ ސަބަބުން ސިފާނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހެންވެ އެތައް ފަހަރަކު ނިހާޔަތަށް ޝުކުރު އަދާކުރިއެވެ.

     ނިހާޔަތު މިނިވަންކޮށް އޭނާއާ މަލްސާއަށް ރަށަށް ދެވޭނެ ގޮތް ސިފާންގެ ރައްޓެހިން މެދުވެރިކޮށް އޭނާ ހަމަޖައްސައި ދިނެވެ.

     އަތުވެދާނެކަމަށް ހީވެސް ނުކުރާފަދަ ގޮތަކަށް މިއައި ތޫފާންގެ ސަބަބުން ސިފާންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. އެހެނަސް ދެން ކުރާނެކަމެއް ނެތެވެ. އެމީހަކު ކުރި ކަމެއް އެމީހަކަށޭ ބުނާ ފަދައިން މިކުށުގެ އަދަބު އޭނާއަށް ލިބެން ޖެހޭނެކަމުގަ ސިފާން ގަބޫލުކުރެއެވެ. ކިތަންމެ ވަރަކަށް ފޮރުވައިގެން ކިތަންމެ ސިއްރުންކުރާ ކަމެއް ވެސް ވަގުތު ޖެހުމުން ފަޅާ އަރާނެކަން ސިފާނަށް މިހާރު ގަބޫލުކުރެވެއެވެ.

     އެހެނަސް މިއަދަކު ކުރާނެކަމެއް ނެތެވެ. އެދަންވަރާއި އެއަނދިރިވުން ދެނެއް ނާއްނާނެއެވެ.

                              ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ދެބަދުނާމް

Next

އެހީގެއަގު 13 ވަނަބައި

Next
August 8, 2013

އެހީގެއަގު 13 ވަނަބައި

Previews
August 7, 2013

ދެބަދުނާމް

8 Comments!

  1. Shahoo says:
    August 9, 2013 at 6:18 am

    މުހައަމަދު ނީރުގެ ހުރިހާ ވާހަކައެއްވެސް ވަރަށް ކަމުދޭ، މުޅިން ތަފާތު ސްޓައިލެއް ހުންނަކަން ފާހަނގަވޭ 🙂

  2. aishath703 says:
    August 11, 2013 at 9:03 am

    ވަރަށް ރީތި

  3. އަހުމަދު says:
    August 14, 2013 at 8:38 am

    މިވާހަކަ އިތުރަށް ފުރިހަމަކޮށް ފޮތެއްގެ ސިފާގައި ނެރުން އެދެން. ވާހަކަ ވަރަށް ރީތި.

  4. mohamed neer says:
    August 15, 2013 at 8:21 am

    ތިން ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އާބަޔަކާއެކު ކައިރި މުސްތަގުބަލެއްގަ މިވާހަކަ ފޮތެއްގެ ގޮތުގަ ނެރޭނަން. ސިފާން ކަންތައް ކުރިގޮތް ވާހަކަފޮތުން އެނގި ލައްވާނެ. ޝުކުރިއްޔާ!

  5. kiyuntheriya says:
    October 4, 2015 at 10:37 am

    Vaahakaige main point nuvatha kunnu nethi vaahaka vaahaka akah nuvaane dhw. Thiya fotheh publish kuraanama keehkuran baa ey ma hithah araa mi site ah post kury. Thyge emme muhimmu haadhisaa nulaa post kurumuge beynumeh nei. Thi vaahaka ekey lonu nulaa kahkaafa oi garudhiya ehchekey evves thafaatheh nethennu

  6. kaisa says:
    December 9, 2015 at 5:14 pm

    E kujja maruvi gotheh vess nei mi vaahakaiga liyefa. Vaahaka fashaigen kiyai nimunu iruvess neygey vaahakaiga asslu v echeh.

  7. beauty says:
    April 2, 2016 at 9:37 pm

    e thuhthu kujjaa maraalaafa egothah sifan kanthah kuri sababu nethyma v dhera..

  8. Kiyuntheriys says:
    January 16, 2018 at 11:10 pm

    Keehvetha kuhja maraaligoiy kiyuntherinnah naanga ninmaalee

Comments are closed.



All Right Reserved!