އަނދިރިވުމުން 10 ވަނަބައި
” ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑާއި އަންހެނަކާއި ފިރިހެނެއްގެ ހުނުމުގެ އަޑު ދޯ ؟ އެހެންވީރު މިކަމުގެ އަޑީގަ ވަރަށްބޮޑު ސިއްރެއް ވާނެ. ” އޭނާގެ އަތުގައިވާ ފޮތަށް ބަލާންހުރެ ކާސިންފުޅު ވާހަކަ ދެއްކިއެވެ.
ޓޯޗްބައްތީގެ އަލީގެ އެހީގައި ކާސިންފުޅު އެފޮތްބަލަމުން ކިޔަމުން ދިޔައިރު، ހާސްކަމާ ނުތަނަވަސްކަމާއެކު ވަށައިގެން ހޯދާލަ ހޯދާލަ ހުރުން ނޫން އެހެންކަމެއް ނިހާޔަތަކަށް ނުކުރެވެއެވެ.
” ނިހާޔަތު ފިޔަވާ އެހެން އަންހެންކުއްޖަކާ ސިފާންއާ ދެމެދު ގުޅުމެއް ހިނގާދިޔަކަން އެނގޭތަ ؟ ” ކުއްލިއަކަށް ނިހާޔަތަށް ބަލާލަމުން ކާސިންފުޅު އެހިއެވެ. ކާސިންފުޅުގެ އެސުވާލުގެ ސަބަބުން ނިހާޔަތު ދިޔައީ ސިއްސައިގެންނެވެ.
” މިއީ ވަރަށް މުހިންމު މަޢުލޫމާތެއް …… އެއްވެސް އޮޅުވާލުމެއް ނެތި ސާފްބަހުން ޖަވާބު ދޭތި. ” އަނެއްކާ ވެސް ކާސިންފުޅު ވާހަކަ ދެއްކިއެވެ. އަޑާއި ހަރަކާތުން ފާޅުވީ ކަމުގެ މުހިންމުކަމެވެ.
” އަހަރެންނަށް އެނގުމަކުން ތިކަހަލަ އެއްވެސް ކަމެއް ނުހިނގާ. ” ނިހާޔަތު ޖަވާބު ދިނެވެ.
އޭނާ ބޭނުންވަރަށް ގޭތެރެ ބަލާ ނިންމުމަށްފަހު ކާސިންފުޅު ނުކުތީ ގޯތިތެރެއަށެވެ. އަދި އަވަސް އަވަހަށް މައްޗަށް ބަލާލަ މުން ސިއްރު ސިއްރުން ކޮންމެވެސް ކިޔެވެއްޔެއް ކިޔަވާން ފެށިއެވެ.
މޫސުމް މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ.
ދިހަވަރަކަށް މިނިޓް އެގޮތުގަ މަޑުކުރުމަށްފަހު ކާސިންފުޅު ހިނގައިގަތީ އެގޭގެ ނުރަސްމީ ފަރާތަށެވެ. އޭރު އޭނާ ހުރީ ކޮންމެ ވެސް ވަރަކަށް ހާސްވެ ނުތަނަވަސް ވެފައެވެ. އޭނާގެ ފަހަތުން ޑޮކްޓަރާއި ނިހާޔަތު ވެސް ހިނގައިގަތެވެ.
” މި ހުރިހާކަމަކީ ވެސް ސިފާނާއި ގުޅިފައިވާ ކަންކަން. ނިހާޔަތުމެން މިރަށަށް ބަދަލުވުމުގެ ކުރިން ސިފާން މިރަށަށް އައި ތަ ؟ ” ހިނގަމުން ހިނގަމުން ކާސިންފުޅު ސުވާލު ކުރިއެވެ.
” އާން ….. ދެފަހަރަށް އައި …. ފުރަތަމަ އައީ ފިހާރައިގެ ބޭނުމަކު. އެފަހަރު ވަރަށްގިނަ ދުވަހު މިކޮޅުގަ މަޑުކުރި. ދެން އައީ ތިންވަރަކަށް މަސްފަހުން. އެފަހަރު އައިސް މިގެ ނިންމީ. އެފަހަރު ވެސް ހަފުތާއެއްހާ ދުވަސްވި. ” ކަމެއް ހަނދާން ކުރާ ފަދައަކުން އިރުކޮޅަކު ހުރުމަށްފަހު ނިހާޔަތު ވާހަކަދެއްކިއެވެ.
” އެހެންތަ؟ ވަރަށް ރަނގަޅު. މިކަހަލަ ކަންކަމުގައި ތެދުމަޢުލޫމާތު ވަރަށްމުހިންމު. ” ނިހާޔަތަށް ބަލާލަމުން ކާސިންފުޅު ބުންޏެވެ.
” ނިހާޔަތު! ވަރަށް ހިތްވަރު ގަދަކުރާތި …. އިރާދަ ކުރެއްވިއްޔާ މިފަހަރު ހުރިހާކަމެއް ހަމައަކަށް އެޅޭނެ. ” ނިހާޔަތަށް ހިތްވަރު ދިނުމުގެ ގޮތުން ޑޮކްޓަރ ވާހަކަ ދެއްކިއެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ގަސްތަކުތެރޭން ދައުރުވެލި އަލިފާންކަނި ވަކިހިސާބަކަށް ގޮސް ބިންގަނޑުތެރެއަށް ގެއްލިއްޖެ އެވެ. ފެނުނު މަންޒަރުން ގަތް ބިރާއެކު ނިހާޔަތަށް އަވަސް އަވަހަށް ޑޮކްޓަރގެ އަތުގައި ހިފަހައްޓާލެވުނެވެ.
ފެނުނު މަންޒަރާއެކު ކާސިންފުޅުގެ ހިނގުމަށް ބަދަލު ގެނެސްފިއެވެ. ފިޔަވަޅު އަޅާން ފެށިގޮތުން ހީވަނީ ބިންގަނޑު ފަޅާލާން އުޅޭހެންނެވެ. އެކަމުގެ ސަބަބުން ނިހާޔަތު ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް އަނގައަކުން ނުބުނެއެވެ. އެކަމުގެ އަޑީގަ ކޮންމެވެސް ސިއްރެއް ވާނެކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ފަހަރަކު ސަރަހައްދެއްގަ ހިނގަމުންދިޔަ ކާސިންފުޅުގެ ފިޔަވަޅުތަކަށް ހުއްޓުންއައީ އޭނާގެ ފައި ބިންގަނޑުތެރެއަށް ގަނބައި ގަތުމުންނެވެ.
ކާސިންފުޅު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. ކުރިން ފެނުނު އަލިފާންކަނި ގޮސް ގެއްލުނީ އެހިސާބަށް ކަމުގަ ނިހާޔަތަށް ގަބޫލު ކުރެވުނެވެ.
” ޑޮކްޓަރ! ކޮންމެވެސް ގޮތަކުން މިތަން ކޮނެވޭތޯ ބަލަމާ. ” ޑޮކްޓަރަށް ބަލާލަމުން ކާސިންފުޅު ބުންޏެވެ.
ކާސިންފުޅު އެހެން ބުނުމާއެކު ޑޮކްޓަރ އަވަސް އަވަހަށް ޖީބުން ފޯނުނަގައި ބިމަށް އަލިކުރަމުން އެތަން ކޮންނާނެ އެއްޗެއް ފެނޭތޯ މަސައްކަތް ފެށިއެވެ.
އެހިސާބުން ފެނުނު ވަޅިތިލައެއް ކަހަލަ އެއްޗެއްގެ އެހީގަ އެތަން ކޮނުމުގެ މަސައްކަތް ޑޮކްޓަރާއި ކާސިންފުޅު ކުރަމުން ދިޔައެވެ. އެގޮތުން ފަސްވަރަކަށް މިނިޓް ކުރި މަސައްކަތުން، އެތަނުގަ ވަޅުލާފައިވާ ހަންފޮއްޓެއް ކަހަލަ އެއްޗެއް ފެނިއްޖެއެވެ. އެއާއެކު ވަރަށް ގަދައަށް ވިދާލިއެވެ. ހަމައެހެންމެ ޖަހާލި ބާރު ގުގުރީގެ އަޑާއެކު ތިންމީހުން ދިޔައީ ސިއްސައިގެންނެވެ. ނިދިފައި އޮތް މަލްސާއަށް ހޭލެވި ރޯން ފެށީ ވެސް އެވަގުތުއެވެ.
ކާސިންފުޅާއި ޑޮކްޓަރ ކުރި މަސައްކަތުން އެފޮށި ވަޅުގަނޑުން ނެގިއެވެ. އެއާއެކު މުޅިތަނަށް ފެތުރިގެން ދިޔައީ ޒާތެއްގެ ކުނި ވަހެކެވެ. އެވަހުގެ ސަބަބުން ނޭވާލާން އުނދަގޫވެ ނިހާޔަތު ކޮންމެވެސް ވަރަކަށް އޯކަށް ވެސް ދެމުނެވެ. އެވަސް ދުވަނީ އެ ފޮށީގައިވާ އެއްޗެއްގެ ސަބަބުން ކަމުގައި ތިންމީހުނަށް ވެސް ގަބޫލު ކުރެވުނެވެ.
އެފޮއްޓަކީ ވަރަށް އައު ފޮއްޓެއް ނަމަވެސް އޭގެ ޒިބުވަނީ ދަބަރުޖަހާ ހަލާކުވެފައި ކަމަށްވާތީ ޒިބެއް ނުދެމުނެވެ. ބޮޑަށް ގަބޫލުކުރެވެނީ އެހެން ވެފައިވަނީ އެފޮށު އެތަނުގަ ވަޅުލާފައި އޮންނަތާ ގިނަދުވަސް ވުމުގެ ސަބަބުން ކަމަށެވެ.
ކޮންމެގޮތަކުން ނަމަވެސް އެފޮށި ހުޅުވޭތޯ ކާސިންފުޅާއި ޑޮކްޓަރު މަސައްކަތް ކުރަމުން ދިޔައިރު، ނިހާޔަތު ހުރީ އެއް
އަތުން ނޭފަތް ބަންދު ކޮށްގެންނެވެ.
” މިގެއަށް ދިމާވެގެން މިއުޅޭ ނުރައްކަލުގެ އަސްލަކީ މިއީ. މީގަ ވަރަށް ބޮޑު ސިއްރެއްވާނެ. ” ނިހާޔަތަށް ބަލާލަމުން ކާސިންފުޅު ބުންޏެވެ.
ވަޅުކޮންނަން ގެންގުޅުނު ވަޅިތިލައިގެ އެހީގަ އެފޮށި ކަފާލުމުގެ މަސައްކަތް ކާސިންފުޅާއި ޑޮކްޓަރު ކުރަމުން ދިޔައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނާ ވަގުތު ފިޔަވާ އެހެން ހުރިހާ ވަގުތެއް ކާސިންފުޅު ހޭދަކުރަމުން ދިޔައީ އޭނާގެ ސިއްރު ކިޔެވެލި ކިޔެވުމާ އެކުގައެވެ.
ފޮށީގެ މަތިން ބައެއް ކަފާލައި ފޮށި ހުޅުވާލި ވަގުތު މުޅިތަނަށް ފެތުރިގެން ދިޔަ ކުނިވަހަށް ކެތް ނުވެގެން ނިހާޔަތަށް ހޮޑު ލެވުނުއިރު ކާސިންފުޅާއި ޑޮކްޓަރު ތިބީ ނޭފަތް މަތީގަ އަތް އަޅައިގެންނެވެ.
ފޮށިތެރޭގަ ވަނީ މަރުވެފައި ތުއްތުތުއްތު ކުއްޖެކެވެ. އެކުއްޖާ ވަނީ ކުނިވެފައެވެ. ފެނުނު މަންޒަރުގެ ސަބަބުން ނިހާޔަތު ރޮމުން ދިޔައިރު ޑޮކްޓަރާއި ކާސިންފުޅުގެ ފަރާތުން ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. ދޮވާކުނިވަހުން އެހިސާބުގަ މަޑުކޮށްލުމަކީ ވެސް ކެތްވާވަރުގެ ކަމަކަށް ނުވެއެވެ.
” ޑޮކްޓަރ! ….. އަވަހަށް ޕޮލިހަށް ގުޅާ. އަދި މިގެ ހުންނަތަނާއި ވެގެން އުޅޭގޮތް ބުނެދީ. ” ފޮށީގެ މަތި ލައްޕާލަމުން ކާސިންފުޅު ވާހަކަ ދެއްކިއެވެ.
ޑޮކްޓަރ އަވަސް އަވަހަށް ފޯނުނަގާ ރަށުގަހުރި ޕޮލިސް ސްޓޭޝަނަށް ގުޅާލިއެވެ. ހަމައެހެންމެ ކާސިންފުޅު ބުނި ފަދައިން ކަންތައް ކުރިއެވެ.
” އަހަރެން މިތަނުގަ މަޑުކުރާނަން …… ޑޮކްޓަރ ދޭ ނިހާޔަތުމެން ގެންގޮސް ޑޮކްޓަރ އުޅޭ ގެއަށް ލާފައި އަންނާން. ” ޑޮކްޓަރާއި ނިހާޔަތަށް ބަލާލަމުން ކާސިންފުޅު ވާހަކަ ދެއްކިއެވެ.
” ކާސިންފުޅު އެކަނި މިތަނުގަ ހުރުން ރަނގަޅުވާނެތަ؟ ” އަވަސް އަވަހަށް ނިހާޔަތަށް އަހާލެވުނެވެ.
” އާން. ތިކަމާ ނުވިސްނާ. މިހާރު މިއޮތީ ހުރިހާކަމެއް ހަމައަކަށް އެޅިފައި. މިކަމުގަ ނިހާޔަތުގެ ހިއްސާއެއް ނުވާނަމަ ނިހާޔަތަކަށް އެއްވެސް ނުރައްކަލެއް ނެތް. އެއްގޮތަކަށް ވެސް ދެރަނުވޭ. ” ވަށައިގެން ހޯދާލަމުން ކާސިންފުޅު ވާހަކަ ދެއްކިއެވެ.
” ތިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އަޅުގަނޑަކަށް ނޭނގެ …… ގަބޫލުކުރޭ. ” ރޮމުން ރޮމުން ކަހަލަގޮތަކަށް ނިހާޔަތު ވާހަކަ ދެއްކިއެވެ.
ނުނިމޭ
One Comment
Comments are closed.
sifAnge kameh dho