
ގާތުގާ…. – 69

” އެކަމަކުވެސް ހުރިހާ ބޮލޭމްއެއް ނަގާފާނަން އިނގޭ… ވަރަށް ހޮޓް އިނގޭ ރޭގަ……” އެއްލޯ މަރައިލަމުން ދަހިވެތި ގޮތަކަށް އަހަރެންނަށް ބަލައިލަމުން ނަވީން ބުނެލިއެވެ. ލަދުން ތުންފަތުގައި ދައިގަނެވުމާއިއެކުގައި ނަވީން ބުނި އެއްޗަކާއި ދޭތެރޭގައި ވިސްނައިލެވުނީ އަހަރެންނަށް ދެނެވެ. ރޭގައި އުޅެވުނު ގޮތް ރޭކައި ލުމާއިއެކުގައި އަހަރެންނަށް ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގައި ލެވުނީ ދެނެވެ. ހުއްޓުން އެރީ ކޮޓަރިތެރެ އޮތް ހާލަތު ފެނުމުންނެވެ.
********
އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓައި ލެވިފައިވީ ބޮޑު މާޓުކުރި ވަނީ ބިންމައްޗަށް ވެއްޓި ތަޅައިގެން ގޮސްފައެވެ. އޭގެ މުށިކޮޅުތައް ވަނީ ކޮންމެވެސް ވަރަކަށް ފާރާއި ކައިރި ވާނެ ފަދަ ގޮތަކަށް އެއްކައިރި ކޮށްލެވިފައެވެ. ބެލްކަންޏަށް ނިކުމެވެން ހުރި ބިއްލޫރި ދިގު ދަމާ ދޮރުގައި ހަރުކުރެވިފައިވި ދޮރުފޮތިގަނޑުވަނީ އެއްފަރާތް ނެއްޓިގެން އެލިފައެވެ. އެއީ އަހަރެންނަށް ދަމާއިލެވުނު ގަޑީގައި ވެފައި އިން ގޮތެކެވެ. އެ މަންޒަރު އަހަރެންގެ ލޮލުގެ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ.
ހުޅުވާފައި ހުރި ކުލޯސެޓޮގެ ދޮރުން އެތެރެ އަހަރެންނަށް ފެނުނެވެ. ބައެއް ހެދުންތައް ވަނީ ބިންމަތީގައެވެ. ޑްރެސިން ޓޭބަލްގެ މަތީގައިވީ އެއްޗެހިތައް ވަނީ ބިންމަތީގައެވެ. އޭގެ ތެރެއިން ބައެއް ފުޅިތައް ތެޅިފައި ވިއެވެ. އަދި ހަމަ އެހެންމެ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާއިލެވިފައިވީ ބޮޑު ސޯފާސެޓު ވެސް ވަނީ އޭގެ މަގާމުން ނުހަނު ބޮޑަށް ކެހިގެން ގޮސްފައެވެ. އޭގެ ދަށުގައިވީ ކާޕެޓު ގަނޑަށް ވެސް ވަނީ ލޮޅުން އަރާ ހަޑިވެފައެވެ. ކުރުކޮށް ބުނާނަމަ ކޮޓަރި ތެރެއަށް ހީވަނީ ކުޑަވަރެއްގެ ނަގޫރޯޅިއެއް އައިސްފައި އޮތް ހެނެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އެނދުގެ ބެޑްޝީޓު ވެސް ވަނީ ކޮންމެވެސް ވަރަކަށް ނެއްޓި، ބާލީސްތަކުން ވެސް ބައެއް ބިންމަތީގައެވެ. އަހަރެންނަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނީ ރޭގެ މަންޒަރުތައް ވަކި ވަކިން ލޮލުގެ ކުރިމަތީގައި ސިފަވާން ފެށުމުންނެވެ.
” ސޯ މައި ލަވް…. ލެޓްސް ގޯ ޝަވާރ ޓުގެދާރ….” އަހަރެންގެ ފަހަތުގައި ހުއްޓިލި ނަވީން މަޑުމަޑުން އަހަރެންނަށް އަޑު އިވޭ ވަރަށް އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އަހަރެން ދެލޯ ހުޅުވަމުން ނަވީންއަށް ބަލައިލީމެވެ.
” ހިނގާބަ…..” އަހަރެންގެ އަތަށް ދަމައިލަމުން ނަވީން ބުނެލިއެވެ. ހީލަމުން އަހަރެން ނަވީންއާއި ދުރަށް ޖެހިލީމެވެ. އަދި އަހަރެންގެ މޭމަތީގައި އޮޅާލެވިފައިވީ ރަޖާގަނޑުގައި ރަނގަޅަށް ހިފަހައްޓާއިލަމުން ފާހާނާއާއި ދިމާއަށް ދުއްވައިގަތީ ނަވީންގެ އަތުނުވެ ފާހާނާއަށް ވަނުމަށެވެ. ފާހާނާއަށް ވަންނަމުން އަހަރެން އަވަސް އަވަހަށް ދޮރު ލައްޕައިލަން އުޅުނީމެވެ. ނަމަވެސް ހުޝިޔާރުކަމާއިއެކުގައި އައިސް ނަވީން ނުހަނު އަވަހަށް ފާހާނާއަށް ވަދެއްޖެއެވެ.
ދެންވެސް ނަވީންގެ އަތު ނުވާން ވެގެން ހެމުން ހެމުން އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. ނަވީންގެ ލޮލުން އޭރުވެސް ދެމުން ދިޔައީ ލާނެތް ކަމުގެ ކުލަވަރެވެ. ހީވަނީ އަދިވެސް ހިތް ނުފުރިގެން އުޅެނި ހެނެވެ. އެކަން ވާނީ އެހެން ކަންވެސް އަހަރެންނަށް އެނގެއެވެ. ނަވީންގެ އެ ސިފައަކީ އަހަރެންނަށް އާ ސިފައެއް ނޫނެވެ.
ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާހާނާއިގެ އެއްބިއް ފުރޭންދެން ހަރުކުރެވިފައިވީ ބޮޑު މޫނު ދޮންނަތަށީގައި ޖެހިފައި އަހަރެން މަތަ ވިއެވެ. އިތުރަށް ފަހަތަށް ޖެހޭނެ ތަނެއް ނެތުމުން އަހަރެން ގައިގާ އޮޅައިލެވިފައިވީ ރަޖާގަނޑުގައި ހިފަހައްޓާއިލަމުން ނަވީންއާއި ހަތަރުކަޅި ހަމަކޮށްލިމެވެ.
އަހަރެންގެ ދެފަރާތުން މޫނު ދޮންނަ ތަށީގައި އަތް ވިދެލުމާއިއެކުގައި ނަވީން އަހަރެންނާއި ދިމާއަށް މަޑުމަޑުން ގުދުވެލިއެވެ. އޭރުވެސް އެ ދެލޮލުގައި ވިދަވިދައި ހުރީ މަސްތުކަމާއި ލާނެތްކަމުގެ އިންތިހާއެވެ.
” އަދިވެސް ހިތެއް ނުފުރޭ…..” އަހަރެންގެ މޫނާއި މޫނު ގާތްކޮށްލަމުން ނަވީން ބުނެލިއެވެ. އަހަރެންނަށް ހިންދިރުވައި ލެވުނީ އަހަރެންގެ ހިތް ވެސް ނުފުރޭތީއެވެ. އަދި ނަވީންގެ އެ އަމަލުން ހިތް އަވަސް ވެގެން ދިޔަވަރުންނެވެ.
” ނަވީންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ…..” އަހަރެން މަޑުމަޑުން ނަވީންގެ މޫނުގައި ޝަހާދަތް އިނގިލިން ފިރުމައިލަމުން ބުނީމެވެ.
” އެކަން އެނގެޔޭނުން އަބަދުވެސް ….” ލާނެތްކަމުން ފުރިގެންވީ ހިނިތުންވުމެއް ދެމުން ނަވީން ބުނެލިއެވެ.
” ހޫމް…. ” އަހަރެން ނަވީންގެ މޭމަތީގައި އަތް ވިދެލަމުން ބުނީމެވެ.
” ” ދެން ގިވްމީ މޯރ ގާރލް……” ނަވީން އަހަރެންގެ ކަނދުރާގައި މޫނު ފޮރުވައިލަމުން ބުނެލިއެވެ.
” ނަވީން…. ޕްލީޒް ފަހުން ދެން….” އަހަރެން އިންކާރު ކުރީމެވެ. ހަށިގަނޑުގައިވީ ވަރުބަލި ކަމާއި މުޅި ގައިގާވެސް ރިއްސަމުން ދާތީއެވެ.. އަދި ހަމަ އެހެންމެ އަހަރެން ހުރީ ނުލާހިކު ބަނޑުހައިވެސް ވެފައެވެ.
” ބަނޑުހައިވީ ދޯ އަސްލު މާ ބޮޑަށް…..” ނުހަނު އަވަހަށް އަހަރެންގެ ހާލަތު ނަވީންއަށް ނަގައި ގަނެވުނެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.
” މަރިއްތަ ކައިރީގައި ބުނަންތަ އެއްޗެއް ގެންނަން ކޮޓަރިއަށް….” ނަވީން އަހައިލިއެވެ.
” ނޫން ފެންވަރާލައިގެން އަހަރެން ދާނީ ތިރިއަށް ދޯ….” އަހަރެން ފެންމާގަނޑު ދޫކޮށްލަމުން މާގަނޑު ދަށަށް ވަންނަމުން ބުނީމެވެ.
” އޯކޭ…. ފައިގަ ރިއްސާތަ….” އަހަރެންގެ ފުރަގަހުން ނަވީން ގާތްވެލަމުން އަހައިލިއެވެ. ކުޑަކޮށް ހުއްޓުން އަރާފައި އަހަރެންނަށް ނަވީންއަށް ބަލައިލެވުނެވެ. އަހަރެންގެ ހަމަ އެއްވެސް ކަމެއް ނަވީން ހަނދާން ނުނެތޭ ހެއްޔެވެ؟
” ކިހިނެތްވީ….؟” އަހަރެންގެ ބަލައިލުމުން ނަވީން އަހައިލިއެވެ.
” ކަމެއް ނުވޭ….” އަހަރެން ދެފަރާތަށް ބޯ ހޫރައިލަމުން ބުނީމެވެ.
” ފެންވަރާލައިގެން ސައި ބުއީމަ ޒާނާ އޯކޭ ވާނެ… ” ނަވީން އަހަރެންގެ އިސްތަށިގަނޑު ކަނދުރާ މަތިން އެއްފަރާތް ކޮށްލަމުން ކަނދުރާގައި ބޮސްދެމުން އޯގާތެރިކަމާއިއެކުގައި ބުނެލިއެވެ.
ފެންވަރައިގެން ނިކުމެ ނަވީން ބޭރަށް ދާން ތައްޔާރުވާތަން ފެނުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.
” ކޮންތާކަށް ދަނީ…؟” އަހަރެން ނަވީންއާއި ގާތް ވެލަމުން ނަވީންގެ ގަމީހުގެ ގޮށްތައް އަޅުވައި ދެމުން އަހައިލިމެވެ.
” އޮފީހަށް….” ނަވީން ބުނެލިއެވެ.
” ސައިވެސް ނުބޮއެތަ ދަނީ……؟” އަހަރެން ތުންކޮޅު ދަމައިލަމުން ބުނީމެވެ.
” ޔެސް ޑާރލިންގް….. އާރޖެންޓް މީޓިންއެއް…. އަހަރެން އައިސް ސައިބޯނަން އިނގެ…. ޒާނާ ސައިބޯތި އިނގޭ އަހަރެންނަށް މަޑުނުކޮށް……” އަހަރެންގެ ނިއްކުރީގައި ބޮސްދީފައި ނަވީން އަވަސް އަވަހަށް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.
ނަވީން ދިޔުމުން އަހަރެން އަނެއްކައިވެސް ވަށައިގެން ކޮޓަރި ތެރެއަށް ބަލައިލީމެވެ. ކޮޓަރި ތަރުތީބު ކުރަން އުޅޭނީ ސައިބޮއެގެން އައިސްއޭ ހިތަށް އަރާފައި އަހަރެން ކޮޓަރިން ނިކުތީ ބަދިގެއަށް ދިއުމަށެވެ.
ސިޓިން ރޫމު ހުރަސްކޮށް އަހަރެން ބަދިގެ ފަރާތަށް ދިޔައީމެވެ. ގޭތެރެއިން އެއްވެސް މީހެއް ފެންނަން ނެތް ކަމުގައި ވިޔަސް ލައިބްރަރީގެ ދޮރު ހުޅުވާފައި ހުރުމުން ނަވީންގެ ބައްޕަ ގޭގައި އުޅޭކަން އަހަރެންނަށް އެނގުނެވެ.
“އަނހާ… ތި އައީ ދޯ… ބަލީތަ….؟” އަހަރެން ފެނުމާއިއެކުގައި ހިނިތުންވެލަމުން މަރިއްތަ އަހައިލިއެވެ.
” ނޫން … މާލަހުން ނިދުނީމަ….” އަހަރެން ވަރަށް ނުކެރިފައި ހުރި ފަދަ ގޮތަކަށް ހުރެފަ ބުނީމެވެ.
” އެހެންތަ….؟ މަރިއްތަ ހީކުރީ ހެނދުނު ނުފެނުނީމަ ބަލީ ކަމަށް… އެހެންޏާ ވަރަށް ހެނދުނާ ޒާނާ ފެންނާނެ ވިއްޔާ…. ދެން ގޮވާލަންވެސް ދާން ނުކެރުނީ ނަވިންވެސް އުޅޭތީ އުނދަގޫ ވެދާނެތީ…. ވަރަށް ބަޑުހައި ވެއްޖެ ދޯ… ކޯއްޗެއް ކާނީ… ރޮށިތަ؟ ފްރައިޑް ރައިސްވެސް މި ނިމުނީ…..” އުނދުން ނިއްވައިލަމުން ތެލީގައި މަތި ޖަހަމުން މަރިއްތަ ބުނެލިއެވެ. މަންމައެއް ފަދައން މަރިއްތަ އަހަރެންނާއި ދޭތެރޭގައި ކަންތައް ކުރެއެވެ.
” އަހަރެން އެކަނި ކާލަފާނަން… މަރިއްތަ ދެން ދޭ އަރާމު ކޮށްލަން… ހެނދުނުވެސް އެކަންޏޭނުން އުޅެން ޖެހުނީ ދޯ…..” އަހަރެން ހިތްހެޔޮ ކަމާއިއެކުގައި ބުނީމެވެ.
” މައްސަލައެއް ނެތެ…..” މަރިއްތަ ހިނިތުންވެލަމުން ބަދިގެއިން ނިކުމެގެން ބިއްދަށް ފަރާތަށް ދިޔައެވެ.
އަހަރެން މޭޒުމައްޗަށް ކާން ހެދީމެވެ. ފްރައިޑް ރައިސްއާއި ކުކުޅު މަހާއި ސެލަޑާއި ޖޫސްވެސް އަހަރެން މޭޒުމަތީގައި އަތުރައިލީމެވެ. ނަވީންގެ ބައްޕަވެސް ގޭގައި އުޅޭތީ އަހަރެން ނިންމީ ނަވީންގެ ބައްޕައަށްވެސް ކާން ގޮވާލާށޭވެ.
ފަސްޖެހިފައި ހުރެވެސް އަހަރެން މަޑު ހިނގުމެއްގައި ގޮސް ލައިބްރަރީގެ ދޮރު ކުރިމަތީގައި ހުއްޓިލީމެވެ. އެއާއިއެކުގައި މޭޒުކައިރީގައި ކޮންމެވެސް މަސައްކަތެއް ކުރަން އިން ނަވީންގެ ބައްޕަ އަހަރެންނަށް ފެނިއްޖެއެވެ. ގޮވާލަން ނުކެރިގެން އަހަރެން ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލީމެވެ.
” ޒާނާ….. ކިހިނެތްވީ……؟’ ލޮލުގައިވީ ނަންބަރު އައިނު ނަގަމުން ނަވީންގެ ބައްޕަ އަހައިލިއެވެ…
” އަމްމް… ކޭން ބައްލަންވީނުންތޯ…..” އަހަރެން ވަރަށް ނުކެރިފައި ހުރެ އަހައިލީމެވެ.
ކުޑަހިނދުކޮޅަކު އެއްޗެއް ނުބުނެ އިނުމަށް ފަހު ލުއި ހިނިތުންވުމެއް ދެމުން ނަވީންގެ ބައްޕަ މޭޒު ކައިރިން ތެދުވިއެވެ.
” މައްސަލައެއް ނެތް… ހިނގާ…. ކޮބާ ނަވީން…..؟” ދޮރުން ނިކުމެ ހިނގައިގަންނަމުން ނަވީންގެ ބައްޕަ އަހައިލިއެވެ.
” ވަރަށް އާރޖެންޓް މީޓިންއެއް އޮތީމަ އޮފީހަށް ދިޔައީ….. ބައްޕަ ގޭގަ ނޫޅުއްވާތީ އަޅުގަނޑަށް ކާންވެސް ނުގޮވެނީ…..” އަހަރެން އަދަބުވެރި ކަމާއިއެކުގައި ބުނީމެވެ.
” އެއީ އެއްވެސް މައްސަލައެއް ނޫން….” ކުޑަކޮށް ހީލަމުން ނަވީންގެ ބައްޕަ ބުނެލިއެވެ.
” ގިނައިން ކަނީ ޝާލިޔާ ކައިރިން … އެހެންވެ އެ ނުފެންނަނީ….” ބަދިގެ ގޮނޑީގައި އިންށީނަމުން ނަވީންގެ ބައްޕަ ބުނެލިއެވެ.
ނަވީންގެ ބައްޕައަށް އަހަރެން ތަށިތައް ގާތް ކޮށްލަދީ ޖޫސްވެސް އަޅައިދިނީމެވެ. އަދި ފުރިޖުން ފިނި ފެންތައްޓެއްވެސް އަޅައިލަ ދިނީމެވެ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ބެހެއްޓޭތޯ އަހަރެން މަސައްކަތް ކުރީމެވެ.
އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި ނަވީންގެ ބައްޕަ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ކައި ނިމެންދެންވެސް އެއްވެސް ވާހަކައެއް ނަވީންގެ ބައްޕަ ނުދައްކައެވެ. ނަމަވެސް މާނަފުން ނަޒަރެއް ދޭތެރެއަކުން އަހަރެންނަށް ދެމުން ދިޔަކަން އަހަރެންނަށް ފާހަގަ ވަމުން ދިޔައެވެ.
” އަދި އެބައޮތް ޒާނާއަށް ބައްޕަ ދޭން ވެފަ އޮތް އެއްޗެއް….” ކައި ނިމިގެން ގޮނޑިން ތެދުވަމުން ނަވީންގެ ބައްޕަ ބުނެލިއެވެ.
” ލައިބްރަރީއަށް އާދޭ އިނގޭ… އޭރުން ދޭނަން…..” ނަވީންގެ ބައްޕަ ބުނެލިއެވެ. އެއަޑުގައި ގާތް ކަން ވިއެވެ. އަހަރެން ހިނިތުންވެލަމުން މަޑުމަޑުން ބޯ ޖަހައިލީމެވެ.
ކައިގެން ތަށިތައް ނެގުމަށް ފަހު ބަދިގެތެރެ ކުޑަކޮށް ސާފުކޮށްލުމަށްފަހު އަހަރެން ލައިބުރަރީއާއި ދިމާއަށް މިސްރާބު ޖެހީ ނަވީންގެ ބައްޕަ އެދިލެއްވީތީއެވެ. ލައިބުރަރީގެ ދޮރުމައްޗަށް އަރަމުން އަހަރެން ދޮރުގަ ޓަކި ޖަހައިލީމެވެ…
” ވަދޭ….” އެތެރެއިން ގޮވައިލި އަޑު އިވުނެވެ. އަހަރެން މަޑުމަޑުން ދޮރުހުޅުވާލާފައި އެތެރެއަށް ވަނީމެވެ.
މަޑު ހިނގުމެއްގައި ގޮސް އަހަރެން އެ ކޮޓަރީގެ މެދުގައިވީ ބޮޑު މޭޒުގެ ކުރިމަތީގައި ހުއްޓިލީމެވެ. ވަތްގަނޑެއް ހުލުވައިލަމުން ނަވީންގެ ބައްޕަ އަހަރެންނަށް ދިއްކޮށްލީ ހިމަ ދިގު ފޮއްޓެކެވެ. އަހަރެން އެ ފޮށީގައި ހިފީމެވެ.
” ހުޅުވާފަ ބަލާލަބަލަ ކަމުދޭތޯ….” ނަވީންގެ ބައްޕަ ބުނެލިއެވެ. އަހަރެން މަޑުމަޑުން އެ ފޮށީގެ މަތި ހުޅުވައިލީމެވެ. ފޮށީގެ މެދުގައި ވިދަވިދައި އިނީ ރިހި ކުލައިގެ ނުހަނު ރީތި ފަށެކެވެ. ފަށުގެ ފުލުގައި އިނީ ހަނދެއް ސިފަވާނެފަދަ ކުރެހުމެއް އިން ކުޑަކުޑަ ބޮޅެކެވެ. އަހަރެންނަށް އެފަށް ވަރަށް ކަމުދިޔައެވެ. ވަރަށް ރީތި ވިއެވެ. އަދި ނަވީންގެ ބައްޕަ ދިން ހަދިޔާއެއް ކަމުން އަހަރެން އެ ހަދިޔާއަށް އިޚުތިރާމް ކުރީމެވެ.
” ޝުކުރިއްޔާ….” ހިނިތުންވެލަމުން އަހަރެން ޝުކުރު އަދާ ކުރީމެވެ.
” ތިއީ ނަވީން މަންމަގެ…. ދަރިފުޅާ ގުޅޭނެހެން ހަމަ ހީވާތި މިދިނީ…. ” ނަވީންގެ ބައްޕަ ބުނެލިއެވެ.
” އެހެންތޯ… ވަރަށް ރީތި… ވަރަށް ބޮޑަށް ޝުކުރިއްޔާ….” އަހަރެން އަނެއްކައިވެސް ޝުކުރު އަދާ ކުރީމެވެ.
” ހޫމް… ތިއީ ވަރަށް ގިނަ އުއްމީދުތަކެއްގެވެސް އަދި ވަރަށް ގިނަ ހަނދާންތަކެއްގެވެސް ފެށުން…. ” ނަވީންގެ ބައްޕަގެ އަޑުގައި އިންތިހާ ދަރަޖައިގެ ޖަޒުބާތުތަށް ވިއެވެ.
” ތިއީ މައުރާގެ ހަނދާންތަކައި ގުޅިފައިވީ ފަށެއް… ދަރިފުޅު ތި އަމާނާތައް ރައްކާތެރިވާނެކަމަށް ބައްޕަ ހީކުރަން….” ޔޫސުފް ޖަލީލްގެ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ފަށަކީ ނަވީންގެ ބައްޕައަށް ވެސް އަދި ނަވީންއަށްވެސް ވަރަށް ހާއްސަ ފަށަކަށް ވުމުން ވަރަށް އަމާނާތްތެރިކަމާއިއެކުގައި އެފަށް ބަލަހައްޓަން އަހަރެން ނިންމީމެވެ. އަދި ހަމަ އެހެންމެ އެއީ އަހަރެންގެ މައިދައިތަގެ ކުލަގަދަ ހަނދާނަކަށް ވުމުން އަހަރެންނަށްވެސް އެ ފަށް ވަރަށް ހާއްސަ ވެއްޖެއެވެ.
ނުނިމޭ