އަހަރެންގެ ވާހަކަ (އެކާވީސްވަނަ ބައި)
“ޝާޔަލް..” އޭނަ ބުނުމަށް މަސައްކަތްކުރަމުންދިޔައީ އެހެންނެވެ. މުޅިދުނިޔެވެސް އެނބުރިގެންދިޔަ ކަހަލައެވެ. އިތުރު ސުވާލެއް ނުކުރެވެނީސް ޑޮކްޓަރއާއެކީ ޒައިކް އެތެރެއަށް ވަދެއްޖެއެވެ. ޒައިކްގެ ބޯވަނީ ބެންޑޭޖުކުރެވިފައެވެ. ދިރުމެއްނެތް މީހެއްފަދައިން އެކޮޓަރިން އަހަރެންނަށް ނިކުމެވުނެވެ. ޝާޔަންއާއި ޒައިކްގެ ޙަޔާތް ބަރުބާދުކުރަން މަސައްކަތް އެކުރީ ޝާޔަލް ހެއްޔެވެ؟ ދުނިޔެއަށް އުފަންވެސް ނުވާ ފުރާނައެއް މަރުވެގެން އެދިޔައީ ހަމަ ޝާޔަލްގެ ސަބަބުން ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ހަމައެކަނިހުރި ދައްތައަށް އެޙާލު ޖައްސަން އޭނަ ފަސްނުޖެހުނީބާއެވެ؟ ލޭގެ ގުޅުންމަތިންވެސް ހަނދާންނެތޭވަރަށް އޭނަގެ ހިތުގައި ނަފްރަތުވަނީ ހެއްޔެވެ؟ އަހަރެން އެކުއްޖަކު އަނތްބެއްގެ މަޤާމަށް ގެންނަން ބޭނުންވާ ކުއްޖަކީ ޤާތިލެއްހެއްޔެވެ؟ އެމަޢުސޫމު މޫނުގެ ފަހަތުގައިވަނީ އަނިޔާވެރިއެއް ހެއްޔެވެ؟ ދެފައިން ވާގިދޫވާހެން ހީވުމުން އަހަރެން ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނީމެވެ.
ކަމުގައި ފަސްޖެހިގެން އަނިޔާވެރިވި މީހުންނަށް ޙައްޤު އަދަބުދެވޭނީ ކިހިނެއްހެއްޔެވެ؟ ފުންމައިގެން ތެދުވެ އަހަރެން އަވަސްވެގަތީ ވީހާވެސް އަވަހަކަށް އޮފީހަށް ދިޔުމަށެވެ. އެވަގުތު ކުރިމައްޗަށް އެރީ އެމޫނު ދެކެން އަހަރެން ބޭނުންނުވާ މޫނެވެ. ޝާޔަލްގެ އަތުގައި ހިފައިގަންނަމުން އަހަރެން އޭނަ ގެންދިޔައީ ހޮސްޕިޓަލްގެ ބިއްދޮށްފަރާތަށެވެ.
“ޝިމާލް ކީއްތަ ތިކުރަނީ ތަދުވެޔޭ..” އަހަރެންގެ އަތުން ވީއްލަން މަސައްކަތްކުރަމުން އޭނަ ބުނެލީ ހިތްހަމަނުޖެހިފައެވެ.
“ތަދުވޭދޯ؟ އަމިއްލަ ދައްތައަށް އެޙާލު ޖެއްސިއިރު އެންމެ ފަހަރަކުވެސް ހިތަކަށް ނާރާތަ އޭނައަށް ވާނެ ގޮތަކާ ދޭތެރޭ؟ އިޙްސާސްކުރެވޭތަ އޭނަ ހަށިގަނޑުގައި އަޅަމުންދާވޭން؟ ތީ އަޅެ ފަހެ އިންސާނެއްތަ؟” ރުޅިއައިސްފައި ހުރިވަރުން ވާހަކަ ދެއްކުނީވެސް ބާރަށެވެ.
“ކީކޭ ތި ކިޔަނީ؟ އަހަންނަކަށް ނުވިސްނޭ ޝިމާލް ތިކިޔާ އެއްޗެއް؟” އޭނަގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. އެކްޓްކުރަންވެސް ހާދަ މޮޅެވެ. ހުރިހާ ކަމެއްކޮށްފައި އެއްވެސް ކަމެއް ނޭނގޭކަމަށް ހެދެނީއެވެ.
“ޝާޔަލްއަށް ހަމަ ރަނގަޅަށް އިނގޭނެ އަހަރެން މިކިޔާ އެއްޗެއް.. އަހަރެންގެ ކުރިމަތީގައި މާ މަޢުސޫމު މީހަކަށް ވާން އުޅޭނެކަމެއްނެތް.. އަހަރެން މިއަހަނީ ޝާޔަންއަށް އެޙާލު ޖެއްސީ ކީއްވެހޭ؟ އޭނަ ޝާޔަލްއަށް ކޮން ގެއްލުމެއްހޭ ދިނީ؟” އޭނަގެ ދެކޮޑުގައި ހިފާ ތަޅުވައިގަންނަމުން އެހީމެވެ.
“ޝިމާލް ތި ބުނީ ދޮންތައަށް އެހެން ހެދީ އަހަންނޭތަ؟ އަހަރެން ކީއްކުރަން އެކަހަލަ ކަމެއް ކުރަންވީ؟” އޭނަ ރޯންފެށިއެވެ. ނަމަވެސް އަހަރެންގެ ހިތަކު މިއަދު އެފޭކް ކަރުނަތަކުގެ ސަބަބުން ހަމްދަރުދީއެއް ނުއުފެދުނެވެ.
“ތިޔެއް އެނގޭނީ ހަމަ ޝާޔަލްއަކަށްނު.. އަހަންނަށް އިނގޭ އަހަރެން ކިތަންމެ ވަރަކަށް އެހިޔަސް ޝާޔަލް ނުބުނާނެކަން.. އަހަރެން ހުއްޓާލާނީ ސަބަބު ހޯދާފަ.. އަދި ބުނަން އަހަރެންގެ ކޮއްކޮއާއިވެސް ދުރުގަ ހުރޭ.. އަހަރެން ބޭނުމެއްނޫން ތިކަހަލަ މީހެއްގެ ހިޔަނިވެސް އޭނަގެ ހަޔާތަށް އެޅޭކަން..” ޝަހާދައިނގިލި ދިއްކޮށްލަމުން އަހަރެން އޭނައަށް އިންޒާރުދިނީމެވެ. އޭނަ ދެކަކޫމައްޗަށް ތިރިވިއެވެ. އެމަންޒަރު ބަލަން ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ.
ސަރގެ ކެބިންއަށް ވަތްއިރު މާނިއު ލެޕްޓޮޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އުޅެއެވެ. އަހަރެން ނެގީ ޝާޔަންގެ ފޯން ރިކޯޑެވެ. ޝާޔަންއަށް ޒަޚަމުތަކާއިއެކީ ފެނުނު ދުވަހު އެންމެ ފަހުން ގުޅާފައިއިނީ ކޮން ނަންބަރަކަށްތޯ ބަލަން އަހަރެން ބޭނުމެވެ. ނަންބަރު ފެނުމުން އަހަރެން ފޯންނަގާ އެނަަންބަރަށް ޑައިލްކޮށްލުމާއެކީ ސްކްރީނަށް އެރީ “ޝާޔަލް”ގެ ނަމެވެ.
“ޝިމާލް ކިހިނެއްވީ؟” ސަރ އެތެރެއަށްވަތްކަންވެސް އެނގުނީ ވާހަކަދެއްކީމައެވެ.
“ސަރ ޝާޔަން ހޭއަރައިފި.. އޭނަ ބުނީ ޝާޔަލްގެ ނަން އެކަނި.. އެހެން އެއްވެސް ވާހަކައެއް ނުބުނޭ…” އަހަރެން އަޖްވަދުސަރ އާއި ދިމާލަށް އެނބުރިލަމުން ބުނީމެވެ.
“ހޫމް.. އެކަމަކު އެއްވެސް ހެއްކެއްނެތި އަހަރުމެންނަށް އޭނަ ހައްޔަރެއް ނުކުރެވޭނެ..” އަހަރެންނަށްވެސް އެކަން އެނގެއެވެ.
“ސަރ ޝާޔަން އެންމެ ފަހުން ގުޅާފައޮތީވެސް ޝާޔަލްއަށް….” ފޯން ރެކޯރޑް ނަގާ ދައްކާލީމެވެ.
” ޝާޔަލްއަކީ އަންހެންކުއްޖެއް.. އޭނަ އެކަނި މިހުރިހާ ކަމެއް ނުކުރެވޭނެ.. ކޮންމެވެސް އެހެންމީހަކުވެސް އޭނައާއެކީގަ އެބަވޭ.. ސައުވީސް ގަޑިއިރު އޭނައަށް ފާރަވެރިވާންޖެހޭ އެބަ.. މާނިއު.. ޝާޔަލްގެ ހުރިހާ ކަމެއް އަހަރެން ހޯދަން ބޭނުން.. އޭނަ ދާ ތަންތަނާއި ބައްދަލުވާ މީހުންނާއި ދާގަޑި.. ވަން މޯ ތިން.. ޝާޔަލްގެ ފޯން ރެކޯރޑްތައްވެސް އަހަރެން ބޭނުން..” މާނިއު އޭނަގެ މަސައްކަތައިގެން ކުރިއަށްދިޔައެވެ. އެބުނީވެސް ތެދެކެވެ. އެންމެ ސިކުނޑިއަކުން އެހާ މޮޅަށް ޕްލޭންތައް ކުރާކަށް ނޭނގޭނެއެވެ. ޝާޔަލް އެމީހަކާއި ކޮންމެވެސް ވަގުތަކުން ބައްދަލުކުރާނެއެވެ.
އެވަގުތު އެތެރެއަށް ވަދެގެން އައީ އީވާއެވެ. އޭނަ ވަދެގެން އައިގޮތަށް ސަރގެ މޭޒުކައިރީ އިށީނދެލިއެވެ.
“އަޅުގަނޑު ވަރަށްގިނަ މަގުތަކުގަ ހުރި ސީސީޓީވީ ފޮޓޭޖުތައް ބަލައިފިން.. ވޭތުވެދިޔަ ދެހަފްތާގެ ކޮންމެ ދުވަހަކުވެސް ޝާޔަން އޭޓީއެމްއަށް ގޮސް ފައިސާ ނަގާފަވަނީ..” ކުއްލިއަކަށް ޝާޔަންއަށް އެހާގިނަ ފައިސާގެ ބޭނުންޖެހުނީ ކީއްވެހެއްޔެވެ؟ އޭނަގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. އޭނަގެ ކުޑަ އިޝާރާތަކަށް އެމީހުން ތިބެނީ ފައިސާ އޮއްސަން ތައްޔާރަށެވެ. ވީއިރު..
“އަޖައިބެއް؟ ފަހަރެއްގަ ވެދާނެއްނު އޭނަ މީހަކަށް ދޭންކަމަށް ފައިސާ ނަގަނީ.. ކުރިން އަހަރެން ބުނިހެން ބްލެކްމެއިލްގެ ކަމަކަށްވުން އެކަށީގެންވޭ.. އީވާ ޝާޔަންގެ ފޯނު ރިކޯރޑްތައް ޗެކްކުރޭ.. ފައިސާ ނެގި ގަޑީގަ ނޫނީ އޭގެ ފަހުން ނޫނީ ކުރިން އޭނަ ގުޅާފަވަނީ ކާކާތޯ؟” އީވާ ބޯޖަހާލަމުން މޭޒުދަށުގައި އިށީނެވެ.
“ޒައިކްއަށްވެސް އެވަނީ ހަމަލާދީފަ… ބަލަންޖެހޭ އޭނައަށް ހަމަލާ ދިނީ ކާކުތޯ؟” އަހަރެން ހަނދާންކޮށްދިނީމެވެ.
“ތިކަން އަހަރެން ބަލަމުން މިގެންދަނީ.. އަޙްސަންގެ ފަރާތުން އެނގުނު އަވަށްޓެރިންނަށްވެސް އެހެންމީހަކު ޝާޔަންގެ އެޕާރޓްމެންޓަށް ވަންނަނިކޮށް ފެނިފަ ނުވާކަން.. އެހެންވީމަ އަހަރުމެންނަށް އިނގޭ މިއީ ދުރުހިލޭ މީހެއްގެ ކަމެއްނޫންކަން.. ޝާޔަންގެ އާއިލާގެ ތެރެއިންކަން މިކަމެއް ހިނގާފަ މިވަނީ.. އެކަމަކު ސަބަބު..” ސަރ ހުރިހާ ލިޔެކިޔުންތަކަށް ބަލަންފެށިއެވެ. މަންޒިލު ފެންނަން އޮތް ކަމުގައިވިޔަސް ދާންވީ ދިމާލެއް ނޭނގުނެވެ. ޝާލީގެ ފޯން އައީ އަހަރެން ވިސްނުމުގެ ތެރެއަށް ގޮސްގެއްލިފައިހުއްޓައެވެ.
“ތިއްތީ ބިޒީ ނޫނިއްޔާ އާދެވިދާނެތަ ބަލާ..” ފުރަތަމަވެސް އޭނަ ކުރީ ސުވާލެވެ. އަތުކުރީގައި އޮތްގަޑިއަށް ބަލާލަމުން އަހަރެންނަށް ހައިރާންކަން ލިބުނެވެ.
“ޝާލް އިޓްސް ޓޫ ލޭޓް.. މިގަޑީގަ ކޮންތާކަށް ދާން ތިއުޅެނީ؟” ޝާޔަލްގެ ސަބަބުން އަހަރެންގެ މޫޑުވަނީ ގޯސްވެފައެވެ.
“ޝައްނު ކައިރިއަށް.. މާދަމާ ޝާލް ފުރަމެއްނު.. އެހެންވެ މީޓް ކޮށްލަން..” ޝާޔަލްގެ ވާހަކަ ބުނުމުން އަހަރެން ޤަބޫލުވާނެކަމަށް އޭނަހީކުރީ ކަންނޭނގެއެވެ.
“ތިއްތި ބުނަން ވާހަކައެއް.. ޝާލްއޭނައާއި ބައްދަލުކުރާކަށް ތިއްތިއަކަށް ނުފެނޭ..” ބުނަން ބޭނުންވިޔަސް ބައެއް ވާހަކަތަކަކީ ވަޒީފާގެ ގޮތުން ޙިއްސާކުރެވޭނެ ވާހަކަތަކެއްނޫނެވެ.
“ކީއްވެ ތިއްތީ؟” އެއަޑުގައިވަނީ ޝަކުވާއެވެ. އޭނަގެ އެންމެގާތް ރަޙްމަތްތެރިޔާއަކީ އަނިޔާވެރިއެކޭ ބުނަންކެރޭނެ ހެއްޔެވެ؟
“އެއީ ތިއްތި ބުނީމަ.. އިތުރު އެއްވެސް ސުވާލެއްނުކޮށް ތިއްތި ބުނީތީ ޤަބޫލުކޮށްފާނަންތަ؟” އޭނަ މާޔޫސްކަމާއެކީ އާނއެކޭ ބުނަމުން ފޯން ބޭއްވިއެވެ. އަހަރެން އެދެފިނަމަ އޭނަ ޝާޔަލްއާއި ބައްދަލުނުކުރާނެކަން އަހަރެންނަށް އިނގެއެވެ. އަވަހަށް ޝާލީ ފުރައިގެން ދާން އުޅޭކަމީ ނަސީބެކެވެ. އެހެންނޫނީ ފަހަރެއްގައި މިކަންތައްތަކުގެ ތެރެއަށް އޭނައަށްވެސް ވަދެވިދާނެއެވެ. ފޯން ބޭއްވުމަށްފަހު ސަރގެ ކެބިންއަށްވަތްއިރު އޭނަ ފިކުރުބޮޑުވެފައި އިނެވެ.
“އަހަރެމެންނަށް އޮތީ އެއް ހަފްތާ.. އެހެންނޫނީ ކޭސް އެހެން ބަޔަކަށް..” އެއްގޮތަކަށްވެސް އެހެންވާކަން އަހަރެން ބޭނުމެއް ނޫނެވެ. މިކޭސް އަހަރުމެންގެ އަތުން ދިޔަދީގެންނުވާނެއެވެ.
“ނޯ ސަރ.. އެހެންވެގެން ނުވާނެ.. އަޅުގަނޑުމެން ރެޔާއި ދުވާލު މިކޭސް ސޯލްވް ކުރުމަށް މަސައްކަތް ކުރާނަން ﷲގެ އިރާދަފުޅާއެކީ..އަޅުގަނޑުމެންނަށް ކާމިޔާބުވާނެ އިންޝާﷲ..” އެއީ އަހަރެންގެ އަޒްމެވެ. އެންމެންގެ ވަރަށް ފޯރީގައި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
ރޭގަނޑުގެ އަނދިރިކަމަށްފަހު ދުވާލުގެ އަލިކަން ދުނިޔެމައްޗަށް ފެތުރިގެންދިޔައީ އަހަރެން ހޭލާ ހުއްޓެވެ. ދެލޮލަށް ނިދީގެ އަސަރެއް ނެތެވެ. އަހަރެން މާނިއު ގޮވައިގެން މިސްރާބުޖެހީ ޝާޔަން ޒަޚަމުތަކާއެކީ ފެނުނު ސަރަހައްދަށެވެ. އަހަރެން ބޭނުންވީ އަލުން އެސަރަޙައްދު ބަލާ ފާސްކުރާށެވެ. ފަހަރެއްގައި ހެއްކެއް ފެނިދާނެކަމުގެ އުންމީދުކުރެވޭތީއެވެ.
“ރަނގަޅަށް ބަލަން އެބަޖެހޭ އަދި އެއްފަހަރު.. ކުރިން ނުފެނި އޮތް އެއްޗެއް މިހާރު ފެނުމަކީ ހަމަ އެކަށީގެންވާ ކަމެއް..” އަތަށް އަންގި ލައްވަމުން ވަށައިގެންވާ ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލީމެވެ.
ހަދަންފަށާފައިވާ ތިންބުރީގެ އިމާރާތުގެ ހުރިހާ ތަނެއްބަލާ ފާސްކުރަން އަހަރެން ބޭނުމެވެ. އެންމެމަތީ ބުރިއަށް އަހަރެން އެރީމެވެ. މުޅިތަނުގައި ވަނީ ލަކުޑި ފިލައާއި ސިމެންތި އާއި ވެލި ގޯނިތަކެވެ. ބައެއް ގޯނިތައް ފެޅިގެން ވެލިތައް އެކި ތަންތަނަށް އޮއްސިފައިހުއްޓެވެ. އަހަރެން މަޑުމަޑުން އެއްކަނެއްގައިހުރި ވެލިބަސްތާތަކާއި ދިމާލަށް ދިޔައީމެވެ. އެންމެ ކައިރިއަށް ހުރި ގޯނި އެއްފަރާތަކަށް ޖައްސާލެވުނީ ވަކި މަޤްސަދެއް އޮވެގެންނެއްނޫނެވެ. ނަމަވެސް ހައިރާންކަންލިބުނީ ފުޑުފުޑުކޮށްލާފައިވާ ފޯނެއް ފެނުމުންނެވެ. ފޯނުގެ ބައިތައް ހެއްކެއްގެ ގޮތުގައި އަހަރެން ރައްކާކުރީމެވެ. ދުރުދުރަށް ނަޒަރު ހިންގާލުމުން ލޭގެ ނިޝާންތައް އެކި ދިމަދިމާއިން ފެންނަންހުއްޓެވެ. އިތުރު އެއްޗެއް ފެންނާކަށް ނެތެވެ. ވެލި ބަސްތާތައް ނަގައިބެލިނަމަވެސް އެހެން އެއްޗެއް ނުފެނުނެވެ. ތިރިއަށް ފައިބަން ސިޑިކައިރިއަށް ދިޔައިރު މާނިއު މައްޗަށް އަންނަނީއެވެ.
“ސަރ..” ބަންދުކޮށްފައިވާ ރަބަރުކޮތަޅުގައިވަނީ ރަންކުލައިގެ ކެވެލިކޮޅެކެވެ.
“އިތުރު އެއްޗެއް ނުފެނުނުތަ؟” ފަރާތްފަރާތްތަކަށް ބަލާލަމުން އަހާލީމެވެ. އޭނަ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. އެތަނުން ނިކުމެގެން މާލެއައިސް އޮފީހަށް ދެވުނުއިރު ނުވައެއްވެސް ޖަހައިފިއެވެ.
ބަނޑުހައިކަމުގެ އިޙްސާސްކުރެވެންފެށުމުން އަހަރެން މިސްރާބުޖެހީ އޮފީހާއި ދާދި ގާތުގައިހުރި ރެސްޓޯރެންޓަށްދިއުމަށެވެ. ނާސްތާކޮށް ނިންމާލިތަނާ ޝާޔަންގެ ޑޮކްޓަރގެ ފޯނުއައެވެ.
“ޝާޔަން ބޭނުންވަނީ ޝިމާލްއާއި ބައްދަލުކޮށްލަން..” މިދަނީއޭ ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ. ސައިކަލަށް އަރާ ބާރަށް ދުއްވާލެވުނީ އޭނަ ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީއެވެ. ހޮސްޕިޓަލަށް ވަދެ އައި ސީ ޔޫ އާއިހަމައަށް ދެވުނުއިރު ޑޮކްޓަރ ބޭރުގައި ހުއްޓެވެ.
“ޝިމާލް.. ހޭއެރިކަމުގަވިޔަސް ޝާޔަންގެ ޙާލު އަދިވެސް ވަރަށް ސީރިޔަސް.. ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ސިކުނޑިއަށް ލޭފައިބާފަވަނީ.. އެހާ އަނިޔާ ލިބިފަހުއްޓަ ހޭއެރުން އެއީ ހަމަ މިރެކަލްސްއެއް..” އެތެރެއަށް ވަންނަން އުޅެން ފެށުމުން ޑޮކްޓަރ ހުއްޓުވިއެވެ. ޑޮކްޓަރ އިޒްނަ ލިބުމުން އަހަރެން އެތެރެއަށްވަނީމެވެ.
“ހޭ..” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ނަމަވެސް މެޝިންތަކުގެ އަޑުން އަހަރެންގެ އަޑުވަނީ ވަޅުޖެހިފައެވެ. ޝާޔަން އޮތީ ދެލޯ މަރާލައިގެންނެވެ. އޭނައަށް އަދިވެސް ނޭވާ ލެވެމުންދަނީ އޮކްސިޖަންގެ އެހީގައެވެ. އޭނަ މަޑުމަޑުން ދެލޯ ހުޅުވާލީ އަހަރެންގެ ފިޔަވަޅުގެ އަޑު އިވުމުންކަމަށްވެދާނެއެވެ.
“ޝިމާލް..” ތުންފަތް ހަރަކާތްކުރިނަމަވެސް އަޑެއް ނުނިކުތެވެ. އެއާއެކު އޭނަގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
“ޕްލީޒް ޝާޔަން ރުއިމަކުން ވީ ކަމެއް ބަދަލެއް ނުވާނެ.. ނުވާކަމަކަށްވެސް ނުވާނެ.. އަހަރެމެންނަށް ބުނެދީ ޝާޔަލް އެހެން ކަންތައް ކުރަން ޖެހުނީ ކީއްވެކަން..” އަހަރެންގެ ވާހަކަ އަޑުއިވުމުން އޭނަގެ މޫނުމައްޗަށްވެރިވީ ހައިރާންކަމެވެ. އެއާއެކީ އޭނަ ބޯހޫރާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އޭނަގެ އިޝާރާތެއް އަހަރެންނަކަށް ނުވިސްނުނެވެ.
“ޝާޔަލްއެއްނު ތިޙާލު ޖެއްސީ؟ ކީއްވެ އޭނަ ހިތުގަ ޝާޔަންއާއި ދޭތެރޭ އެވަރަށް ނަފްރަތު އެވަނީ ކީއްވެ؟” ޝާޔަން އޮތް ޙާލު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ދެލޯ ކަރުނުން ފުރެއެވެ. އަހަރެންގެ އަތުގައި ކޮށްޓާލަމުން އޭނަ ދެފަރާތަށް ބޯހޫރާލިއެވެ. ޖީބުން ގަލަމެއްނަގާ އަހަރެން އޭނަ އަތަށް ލައިދީމެވެ.
“ސޭވް ޔާލް..” އުދަނގުލުން އޭނަ އަހަރެންގެ އަތުގައި ލިޔެލީ އެހެންނެވެ. ލިބުނު ޙައިރާންކަމާއި އެއްވަރަށް ސިކުނޑީގައި ފުނިޖެހުނު ސުވާލުތައް ވީ އިތުރެވެ.
” ތިބުނީ ޝާޔަލްއެއް ނޫނޭ މިކަން ކުރީ..” އަހަންނަށް ދޭހަވީ އެހެންނެވެ. އޭނަ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެހާ އަވަހަށް ޝާޔަލް އޭނަ ގާތަށް އައިސް ބިރުދެއްކީ ކަންނޭނގެއެވެ. ނޫނީ ޝާޔަން އަދިވެސް އޭނަ ހިމާޔަތްކުރަނީއެވެ. ކޮންފަދަ މާތް އަންހެންކުއްޖެއް ހެއްޔެވެ؟
“ދެން ކާކު ކުރިކަމެއް މީ؟” ޝާޔަންގެ ވާހަކަ ޤަބޫލުނުކުރެވުނަސް އޭނަ ކުރިމަތީގައި އެކަން ދައްކާކަށް އަހަރެން ބޭނުންނުވީއެވެ. އޭނަގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. އެވަގުތު އޭނަ ނޭވާލާން އުދަނގޫވެގެން ތެޅިފޮޅެންފެށިއެވެ. ނަސީބު ރަނގަޅުކަމުން ޑޮކްޓަރ އެވަގުތު އެތެރެއަށް ވަނެވެ. އަހަރެން ގާތު ބޭރުގައި މަޑުކުރުމަށް އެދުނެވެ. މަޑުކުރަން ބޭނުންވިޔަސް ސަރ ގުޅާފަ ވަރަށް އަވަހަށް އައުމަށް އެދުމުން ދާންޖެހުނީއެވެ.
ކޭސްއާއިބެހޭ މުޙިއްމު މަޢުލޫމާތުތަކެއް ލިބިގެން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވީއެވެ. ޝާޔަލްގެ ފޯން ރެކޯރޑްތައް ވަނީ މާނިއު ހޯދާފައެވެ. އޭގެން ފާހަގަ ކުރެވޭ ކަންތައްތައް ނޯޓުކުރުމަށްފަހު އެހެނިހެން ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދެކެވުނެވެ. ޝާލް ފުރާ ދުވަސްކަމުން އަހަރެން ތަންކޮޅެއް އަވަހަށް ގެއަށް އައީއެވެ. ފެންވަރާލައިގެން ޖައްސާލިތަނާ ނިދިއްޖެއެވެ. މެންދުރުނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނީ އާދަޔާ ޚިލާފު ހުވަފެނެއް ފެނިގެންނެވެ. އެއީ ޙަޤީޤަތަށް ވީނަމަ..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Wow…v reethi keep it up
wow. itx beautiful
Vv reethi mi part
wow .. mee hama habeys story eh .. nexxt prt avahah upkohla dhehchey angel..☺☺ alhey kn huvafenehbaa shimaal ah fenuny e ?..
Mi part vx v nice..next part ah nthizaaruga 😛
Alhe haadha reethi hisaabakun thi ninmaalee hama neyvaa higahahthaalaigen mi innanee mi vaahaka kiyaairu ????
Varah reethi story yei looking frwrd for the nxt prt…….. ??
Thafaathu reethi vaahaka eh mee☺
This is one of my fav story….Luv di story…Waitin fo nxt part…Pls upload sooon…..Cnt wait…
Varah rythi story thi ninmaaly haadha rythi hisaabakunney!
Thnks all 😀
Salhi
Vrh nice.. Avahah next part up kohlahchey.. This is one of my fav story 😉