އަހަރެންގެ ވާހަކަ (ބާވީސްވަނަ ބައި)
ކޭސްއާއިބެހޭ މުޙިއްމު މަޢުލޫމާތުތަކެއް ލިބިގެން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވީއެވެ. ޝާޔަލްގެ ފޯން ރެކޯރޑްތައް ވަނީ މާނިއު ހޯދާފައެވެ. އޭގެން ފާހަގަ ކުރެވޭ ކަންތައްތައް ނޯޓުކުރުމަށްފަހު އެހެނިހެން ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދެކެވުނެވެ. ޝާލް ފުރާ ދުވަސްކަމުން އަހަރެން ތަންކޮޅެއް އަވަހަށް ގެއަށް އައީއެވެ. ފެންވަރާލައިގެން ޖައްސާލިތަނާ ނިދިއްޖެއެވެ. މެންދުރުނަމާދުގެ ބަންގީގެ އަޑަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އެއީ ޙަޤީޤަތަށްވީނަމަ.. ނޫން ނޫން އެހެންނެއްނުވާނެއެވެ. ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯހޫރާލެވުނެވެ.
“ޝިމްބޭ.. އާދެބަލަ..” ނޫރު އައިސް އަތުގައި ހިފާލުމުން ބޭރަށް ނިކުތުމަށް އެދުނެވެ. ނޫރު އުރާލައިގެން ނިކުތްއިރު އެންމެން ސިޓިންގރޫމުގައި ތިއްބެވެ. ނޫރު ދެއްކީ އޭނަ ސުކޫލުގައި ކޮށްފައިވާ މަސައްކަތެވެ. އެންމެން އެއްކޮށްލައިގެން އޭނަ ބޭނުންވީ ފޮނިކަޑާލާށެވެ. އޭނަގެ މަޢުސޫމުކަންފެނި ހިނިވެސްއައެވެ.
“ނަމާދަށް ދާން މިދަނީ އިނގޭ..” ނޫރުގެ ކޮލުގައި ހިފާލަމުން އަހަރެން ކޮޓަރިއާއި ދިމާލަށް ދިޔައީމެވެ. މެންދުރުގެ ކެއުމަށްފަހު އެންމެން ތައްޔާރުވަމުންދިޔައީ އެއަރޕޯރޓަށް ދިއުމަށެވެ. އެއަރޕޯރޓްގައި ގިނައިރު ވާނެތީ މަންމައާއި ނޫރު މަޑުކުރީ ގޭގައެވެ. ނޫރު ދާން ބޮޑާހޭކިނަމަވެސް މަންމަ ވަރަށް ފަސޭހައިން އޭނަ ހަމައަކަށް އަޅުވައިފިއެވެ.
ފެރީގައި ޝާލީ އިނީ އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. ކުޑައިރުއްސުރެ އޭނަ ކަނޑުދަތުރުކުރަން ބިރުގަނެއެވެ. އޭނަ ބިރުން އުޅުނު ގޮތުން ކިއާރާއާއި ޝިއުޒް ދިމާކުރިއެވެ. ދޮންބެ ހިނިތުންވެލަމުން އޭނަގެ ބޮލުގައި ފިރުމާލުމުން ޝިއުޒްއާއި ދިމާލަށް ދޫނެރެ ވައްތަރު ޖައްސަންފެށިއެވެ. މިއުވާންއާއި ވަކިވުމަށްފަހު އޭނަގެ ކިބައިން ކުރީގެ އުފާވެރިކަން ފެންނަންފެށީ ދުވަސްކޮޅެއްފަހުންނެވެ.
“ޝައްނު..” ޝާލީގެ އަޑަށް އަހަރެންނަށް ލިބުނީ ޙައިރާންކަމެވެ. ޝާޔަލް އެއަރޕޯޓުގައި ކީއްކުރަނީ ހެއްޔެވެ؟ އަނެއްކާ އަހަރުމެންނަށް ފާރަލަނީކީ ނޫންބާއެވެ؟ އަހަރެން ބަލާލިއިރު ޝާލީ ގޮސް ޝާޔަލްއާއި އަރާ ހަމަކުރަނީއެވެ. ހުއްޓުވަން ބޭނުންވިޔަސް އަހަރެންނަށް ޖެހުނީ ކެތްތެރިވާށެވެ.
“ޝާލް..” ގިނައިރުވާން ފެށުމުން އަހަރެން ގޮވާލީމެވެ. ޝާޔަލްގައިގާ ބައްދާލުމަށްފަހު އޭނަ އަންނަން ހިގައިގަތްތަނުން އަރިއަޅާލިއެވެ. ޝިއުޒްއަށް ނުހިފެއްޓުނުނަމަ އޭނަ އޮންނާނީ ބިންމަތީއެވެ. އަނެއްކާ ޝާޔަލް ގަސްތުގައި ކުރިކަމެއް ނޫންބާއެވެ؟ ގޮނޑިބަރީގައި އެމީހުން އިށީނުމުން އަހަރެން ދިޔައީ ޝާޔަލްގެ ފަހަތުންނެވެ.
“އަހަންނަކަށް ނުބުނެވޭތަ ޝާލްއާއި ދުރުގަ ހުންނާށެކޭ..” އޭނަގެ އަތުގައި ހިފައިދަމައިގަންނަމުންބުނީމެވެ.
“އަހަރެން..” އޭނަ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނަގެ ބަހަނާތައް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫނެވެ.
“މިއަދު އޭނައަށް ކަމެއްވިނަމަ އަހަރެންމީ ކިހާ ނުބައިމީހެއްކަން އެނގުނީސް.. ހަނދާންކުރާތި މީގެ ފަހުން ޝާލްއާއި މަށާ ދުރުގަ އުޅޭ.. އެހެންނޫނީ..” އޭނަ ދުރަށް ކޮށްޕާލަމުން އަހަރެން ބުނީމެވެ. ޝާލީމެން ތިބި ދިމާލަށް ދިޔައިރު އެމީހުން ވަރަށް ފޯރީގައި ފޮޓޯ ނެގުމުގައި އުޅެއެވެ. ޝާލީގެ އުފާވެރިކަން ފެންނަ ކޮންމެ ފަހަރަކު ހިތަށް ހަމަޖެހުން ލިބެއެވެ. ތަންކޮޅެއް ދުރުގައި އަހަރުމެންގެ ހަރަކާތްތަކަށް ބަލަމުންދިޔަ މިއުވާން ފެނުމުން ހިތުގައި ރިހުމެއް އުފެދުނެވެ. ފެނުނަސް ނުފެންނަ ކަމަށް ހެދިގެން އަހަރެން ޝާލީމެން ކުރިމަތީ ގޮތްދެއްކީމެވެ
ޝިއުޒްއާއި ޝާލީ އެތެރެއަށްވަނުމުން އަހަރެމެން އަވަސްވެގަތީ މާލެދިއުމަށެވެ. ފެރީއަށް އެރިއިރު ހަތެއްޖަހާ ބޮޑުވެއްޖެއެވެ. ކަންދިމާކުރި ގޮތުން ޝާޔަލްވެސް އައީ އަހަރުމެން އައި ފެރީންނެވެ. އޭނަގެ ކޮންމެ ހަރަކާތަކަށް އަހަރެން ދިޔައީ ފާރަވެރިވަމުންނެވެ. އެހެން މީހަކަށް ޝައްކުކުރެވޭ ފަދަ ހެއްކެއް ނުފެންނަހާހިނދަކު އޭނައަށް ޝައްކުކުރުން ހުއްޓައެއްނުލެވޭނެއެވެ. މުޅި ދަތުރުގައިވެސް އޭނަ އިނީ އިސްޖަހާލައިގެންނެވެ.
“ތިއްތި ހޮސްޕިޓަލަށް ދެވޭނެތަ؟” ފެރީން ފައިބަމުން ކިއާރާއެހިއެވެ. އޭނަގެ އާއިލާގެ މީހަކު އެދުމަތިކޮށްފައިވުމުން ގޮވާލަންދާން ބޭނުންވަނީއެވެ.
“ކިއާ.. ދާންވީމަ ގުޅާލާ..” އޭނަ ގޮވައިގެން ވޯޑާއި ހަމައަށް ގޮސްފައި އަހަރެން ބެލީ އަވަހަށް ޝާޔަންގެ ޙާލު ބެލުމަށެވެ. އޭރު އަހަރުމެންގެ ޓީމުގެ ބައެއް މީހުން އެތަނުގައި ހަރަކާތްތެރިވަމުންދިޔައެވެ. ޝާޔަންގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންވެސް އުޅެމުންދިޔައެވެ.
“ފާރައަށް މީހުން ތިއްބަސް ވީކަމެއް ނެތެއްނު.. އަދިވެސް ބުނާނެ ތިމަންނަމެންމީ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ މީހުންނޭ.. އެމަންޖެއަށް ކަމެއްވިނަމަ..” ޝާޔަންގެ ކާފަގެ ނުރުހުމުގެ ބަސްތައް ކަންފަތުގައި ޖެހުނެވެ. ހީވީ އެހުރިހާ އެއްޗެއް އެބުނީ ސީދާ އަހަރެންނާއިދިމާލަށް ހެންނެވެ.
“ބައްޕާ ޝާޔަންއަކަށް ކަމެއްނުވޭނު.. ބައްޕަ ހަމަޖެހިބަލަ..” ޝާޔަންގެ ބައްޕަ އޭނައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެންމެންގެ މޫނުމަތިން އަހަރެންނަށް ފެނުނީ ހިތްހަމަނުޖެހުމާއި ނުރުހުމެވެ. އަނެއްކާ ޝާޔަންއަށް ކިހިނެއްވީ ހެއްޔެވެ؟
“ކިހިނެއްތަ ހަމަޖެހިގެން ހުންނަނީ.. ޑޮކްޓަރާ ވާހަކަ ދައްކައިގެން ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދަން ހިނގާ.. މިތާ ބާއްވައިގެން މިނޫންވަރެއް ނުވާނެ..” ކިތަންމެވަރަކަށް ހަރުކަށިކަން ދައްކަން މަސައްކަތްކުރިނަމަވެސް އެއަޑުގައިވަނީ ވޭނެއެވެ. އެއާއިލާގެ ފުރާނައަކީ ޝާޔަންފަދައެވެ.
“ކިހިނެއްވެގެން މިއުޅެނީ؟” ޝާޔަންގެ ކޮޓަރީގެ ފާރައަށްހުރި މީހެއްގާތު އަހަރެން އަހާލީމެވެ.
“ސަމް ވަން އެޓޭކް ޝާޔަން..” ބޯމައްޗަށް ބަރުއެއްޗެއް ވެއްޓުނުހެން ހީވިއެވެ. ޝާޔަންއަށް ނަފްރަތުކޮށް އޭނަގެ ވަސްވެސް މިދުނިޔެއިން ފިލުވާލަން އެއުޅެނީ ކާކު ހެއްޔެވެ؟ މިފަހަރު ހަމަ ޤައިމުވެސް މީ ޝާޔަލްގެ ކަމެއް ނޫނެވެ.
“މީހަކު އެތަނަށް ވަތްއިރު ކަލޭމެން ތިބީ ނިދާފަތަ؟” އަހަރެން ހަޅޭއްލަވައިގަތީމެވެ. އެމީހުން ކުށްވެރިން ފަދައިން އިސްޖަހާލިއެވެ. ޝާޔަންގެ ޙާލު ކިހިނެއްކަމެއްވެސް ނޭނގެއެވެ. އަހަރެންނަށް ބޮލުގައި ދެއަތުން ހިފަހައްޓާދެވުނެވެ.
“ޝިމާލް..” ޑޮކްޓަރ ގޮވާލުމުން އަހަރެން އެދިމާލަށް ދިޔައީމެވެ.
“ހައު އިޒް ޝީ؟” އަހަރެން އަހާލީމެވެ. ނޭވާ އަވަސްވެ ހިތުގެ ހިގުންވެސް އަވަސްވަމުންދިޔައެވެ.
” ކުރިންވެސް ބުނެފަ ވާނީ އޭނަގެ ސިކުނޑިއަށް ލޭފައިބަމުންދާ ވާހަކަ.. މީ ފުރާނައަށް ނުރައްކާ ކަމެއް.. މިއަދު މީހަކު އޭނައަށް ހަމަލާދޭން މަސައްކަތްކޮށްފަ އެވަނީ އެކަމަކު ﷲގެ އިރާދަފުޅުން އެމީހަކަށް އެކަން ކާމިޔާބެއް ނުކުރެވުނު.. އެކަމަކު އޭގެ ސަބަބުން އޭނައަށް ޝޮކެއްލިބިފަވަނީ.. އަދިވެސް ހެޔެއް ނާރާ.. ހޭނާރާކަމަށްވަންޏާ ކޯމާއަކަށް ދިއުންވެސް އެކަށީގެންވޭ..” އަހަރެންގެ ކޮޑުގައި ހިފަހައްޓާލައިގެންހުރެ ޑޮކްޓަރ އޮޅުންފިލުވައިދިނެވެ.
“ރާއްޖޭން ބޭރަށް ގެންގޮސްގެން އިތުރު ކުރިއެރުން ލިބިދާނެހެން ޑޮކްޓަރއަށް ހީވޭތޯ؟” ބައްޔަށް ޝިފާލިބެން ގޮތެއް އޮތްކަމަށްވަންޏާ އެކަމަށް މަސައްކަތް ކުރުމަކީ ނެތްކަމެއްނޫނެވެ.
“ޝާޔަންގެ ޙާލު ވަރަށް ނާޒުކު.. ތަނަކަށް ފޮނުވަން ހުއްދަދޭކަށް އަޅުގަނޑަކަށް ނުކެރޭނެ.. ހަމަ ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް ވެދާނެ.. ރަނގަޅުވެސް ވެދާނެ ނޫނީ މިހާރަށްވުރެވެސް ގޯސްވެދާނެ.. މިވާހަކަވާނީ ޝާޔަންގެ އާއިލާއާއިވެސް ހިއްސާކޮށްފަ..” އަހަރެންގެ ކޮޑުގައި ޖަހާލުމަށްފަހު ޑޮކްޓަރ އެތެރެއަށްވަނެވެ.
ނިތުގައި ޖަހާލެވުނީ މޫނުމައްޗަށް ވެރިވަމުންދާ އަސަރުތައް ފޮރުވޭތޯއެވެ. އަހަރެމެންނަށް ކުރެވެން އޮތްހައި މަސައްކަތެއް ކުރަމުންމިދަނީ ކޭސް ހައްލުކުރެވޭތޯއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކުރިމަތިވަމުންމިދަނީ އިތުރު ގޮންޖެހުންތަކާއެވެ. ހުރިހާކަމެއް އެނގޭއިރުވެސް ޝާޔަންވަނީ ދުލުން އެވާހަކަތައް ހާމަކުރުމަށް ނުކުޅެދިފައެވެ. މީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟
“ސަރ” މާނިއުގެ އަޑު އިވުމުން އަހަރެން އިސްއުފުލާބަލާލީމެވެ. އޭރު އޭނަ ހައިރާންވެފައި ކުރިމަތީގައި ހުއްޓެވެ.
“ވަރަށް ގުޅައިފިން މިކަން އަންގަން.. ސަރގެ ފޯނު ނިއްވާލާފަ އޮތީ..” އޭނަ ބުނެލިއެވެ. އަހަރެން ފޯންނަގާ ބަލާލީމެވެ. ނަމާދަށް އަރަން ފޯނު ނިއްވާލި ގޮތަށް އޮންކުރަން ހަނދާންނެތިފައި އޮތީއެވެ.
“އެނގިއްޖެތަ ކާކުކަން ޝާޔަންއަށް އެޓޭކްކުރީ؟” އަހަރެން އަވަސް އަވަހަށް އަހާލީމެވެ.
“ސަރ އެމީހަކު ހުރީ މޫނުނިވާކޮށްގެން.. ސީސީޓީވީ ފޮޓޭޖްތައް ޗެކް ކުރަމުން މިދަނީ..” އަހަރެން ބޯޖަހާލުމުން އޭނަ ހިގައިގަތެވެ. ސެކިއުރިޓީ އެހާ ވަރުގަދަކޮށްފައިވާއިރުވެސް އެކަންކުރީ ކިހިނެއްހެއްޔެވެ؟
އެއީ އަނެއްކާ ކާކުބާއެވެ؟ އޭނަ އެއައީ ކޮން މަޤުސަދެއްގައި ހެއްޔެވެ؟ ޝާޔަންއަށް އިންޒާރުދޭންބާއެވެ؟ ނޫނީ އޭނަގެ ފުރާނަ.. ވިސްނިވަރަކަށް ޖަވާބުނޭނގޭ އެތައް ސުވާލުތަކަކުން ބޯހާސްކުރުވަންފެށިއެވެ.
ކިއާރާގެއަށްލުމަށްފަހު އަހަރެން ދިޔައީ އޮފީހަށެވެ. މޭޒުމަތީގައި ހުރި ފައިލްތައް ނަގާ ވަކިވަކިން ބަލާލީމެވެ.
“ޝިމާލް..” ފޮރެންސިކް ލެބޯޓަރީގައި މަސައްކަތްކުރަމުންދާ ނިޝީއައިސްވަނެވެ. އޭނަ އަތުގައި ފައިލެއް އޮތުމުން އަހަރެން ކޮންއެއްޗެއްތޯ ސުވާލުކޮށްލީ އިޝާރާތުންނެވެ.
“ޝާޔަންގެ ބޮޑީއިން ފެނުނު ބްލަޑްއެއީ އެ ފެމެލީ މީހެއްގެ ބްލެޑެއްނޫން.. އެއްވެސް މީހެއްގެ ޑީއެންއޭއަކާ މެޗެއްނުވޭ.. ދެން އެޕާރޓްމެންޓުން ފެނިފަހުރީ ޝާޔަންގެ ބްލަޑް.. ފިންގަރ ޕްރިންޓްތައް އަދި ބަލަމުންމިދަނީ..” އޭނަ އޮޅުންފިލުވައިދިނެވެ. ޝާޔަލްއަށް ކުރަމުންދިޔަ ޝައްކު މަޑުމަޑުން އެހެންދިމާލަކަށް ދާންފަށައިފިއެވެ. ކުޑައިރުކޮޅަކުން ޓީމާއެކީ ސަރ އައިސްވަނެވެ. އަހަރެން ނިޝީގެ ފަރާތުން އެނގުނު ކަންތައްތައް ހިއްސާކުރީމެވެ.
“އެމީހަކު ބޭނުންވަނީ ކަންނޭނގެ އަހަރުމެން ކޮންފިއުޒު ކުރަން… ޝާޔަލްއަށް ޝައްކުކުރަން.. ފަހަރެއްގަ ވެދާނެ މީ ޕްރޮޕަޓީ ކޭސްއަކަށްވެސް.. ޝާޔަން މަރާލާފަ ޝާޔަލްގެ ބޮލުގަ އެކަން އަޅުވަން.. އޭރުން އެމީހަކަށް ފައިދާވަނީކަމަށް..” ސަރ އަހަރެންނަށް ބަލާލިއެވެ. އެއީވެސް ހަމަވުން އެކަށީގެންވާކަމެކެވެ. ޝާޔަންމެންގެ އާއިލާއަކީ މުއްސަނދި އާއިލާއެކެވެ. ޝާޔަންގެ މަންމަ ފަރާތު އާއިލާއަކީ އާއިލީ ވިޔަފާރި ހިންގާބަޔަކަށްވެފައި އޭނަގެ ބައްޕަގެ މިލްކިއްޔާތުގައި އެތައްވިޔަފާރިއަކާއި ރިސޯޓުތައްވެސްވެއެވެ.
“ވުން އެކަށީގެންވޭ..އެއީ މަންމައާއި ބައްޕައަކީވެސް ތަނަވަސް އާއިލާއަކުން އައިސްފައިވާ ބައެއް.. ޝާޔަންގެ މައިންބަފައިން ތިބީ އެދެމީހުން… ދެން ފައިދާވާނީ ކާކަށް؟ ޒައިކް؟” އަހަރެންނަށް އަހާލެވުނެވެ. އަނެއްކާ މިއީ ޒައިކްގެ ކަމެއްނޫންބާއެވެ؟ އެކަމަކު އޭނަ އެކަން ކުރަންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ސަބަބެއް ނޭނގުނަސް ނުކުރާނެއޭ ބުނާކަށް ނުވާނެއެވެ. މިޒަމާނަކީ މައިންބަފައިންވެސް ދަރިންގެ މުދަލަށް ދަހިވެތިވެފައިވާ ޒަމާނެވެ.
“ޝާޔަން މަރާލައިގެން އޭނަގެ މުދަލެއް ޒައިކްއަށް ލިބޭނެ ގޮތެއް އޮވެދާނެ.. ފަހަރެއްގަ ޒައިކްއަށްވުންވެސް އެކަށީގެންވޭ.. ޝިމާލް ބަލާބަލަ ޒައިކްގެ ހުރިހާކަމެއް.. އަވަށްޓެރިންނާ ޝާޔަންގެ ރައްޓެހިންގެ ކައިރީގަ އަހައިގެންވެސް ދެމީހުންގެ ގުޅުން ކިހިނެއްތޯ؟ ބައެއް ފަހަރު އާއިލާގެ މެންބަރުންނަށް ނޭނގޭ ކަންކަން އަވަށްޓެރިންނާ ރައްޓެހިންނަށް އެނގޭނެ..” ޒައިކްގެ ހުރިހާ ކަމެއް ބަލަން ސަރ އަހަރެންނާއި ހަވާލިކުރިއެވެ. މިއީ މިހާރުވެސް ކުރަން ލަސްވެފައި އޮތްކަމެކެވެ. ކިތަންމެ މަޢުސޫމުކަމަކާއި ނިޔަނެތިކަމެއް ބޭރު ފުށުން ފެނުނަސް މީހެއްގެ އަމަލުތައް ހުންނާނެ ގޮތެއް ނޭނގޭނެއެވެ.
އަހަރެންނަށް ހަވާލުކުރެވުނު މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. ޒައިކްގެ ކޮންމެ ހަރަކާތެއް ކޮންމެ ވަގުތަކު ފޯރުކޮށްދޭނެ ފަދަ އިތުބާރުކުރެވޭވަރުގެ މީހަކު އެކަމަށް ހަމަޖެއްސީމެވެ. އޭނަގެ ފޯން ރެކޯރޑްތަކާއި އާއިލާއާއި އޭނަގެ ދިރިއުޅުމުގެ ހުރިހާކަމެއް ހޯދުމަށް މަސައްކަތްފެށީމެވެ. ބެލިބެލިމުން އޭނައަކީވެސް ޝާޔަންފަދައިން މުއްސަނދި އާއިލާއަކުން އައިސްފައިވާ މީހެއްކަން އެނގުނެވެ. ވަރަށް ބޮޑަށް މަސައްކަތްކޮށްގެންވެސް އެއަށްވުރެބޮޑަށް އޭނަގެ އާއިލާއާއިބެހޭ މަޢުލޫމާތެއް ނުލިބުނެވެ.
ފޯނު ރެކޯރޑްތަކުންވެސް ވަކި ޚާއްސަކަމެއް ނުފެނުނެވެ. އޭނަ ދާ ތަންތަނާއި ބައްދަލުކުރާ މީހުންނާއި ވަޒީފާއާއި ބެހޭ ގޮތުން ހޯދިނަމަވެސް ކޭސްއާއި ގުޅުންހުރި އެއްވެސް ކަމެއް ނުފެނުނެވެ.
“ސަރ އަވަށްޓެރިންނާ ވާހަކަ ދައްކާލަން އަޅުގަނޑަށް ފެނޭ.. އަދި ވަރަށް މުޙިއްމުކަމެއް ހަނދާންނެތިފަ ކަންނޭނގެ މިތިބީ؟” އަޙްސަން ޖުމްލަނިމޭއިރަށް އެންމެން އޭނަގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ދެއާއިލާގެވެސް މުދަލާއި ވިޔަފާރި ކޮން ކޮން ބަޔަކަށްތޯ ލިބެން އޮތީ ނޫނީ މުދާ އޮތީ ބަހާ ނިމިފަތޯވަނީ؟” އަޙްސަން ބުނެލިއެވެ. އަހަރެންވެސް މަޑުމަޑުން ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ.
ހެނދުނު ސަރގެ ހުއްދައާއިއެކު އަހަރުމެން އަނެއްކާވެސް ބެލީ ޒައިކްމެންގެ އެޕާރޓްމެންޓް އަލުން ބަލާ ފާސްކުރުމަށާއި އަވަށްޓެރިންގެ ފަރާތުން އިތުރު މައުލޫމާތު ހޯދުމަށެވެ. ހުރިހާ ދިމާލަކަށް ވަކިވަކިން ނަޒަރު ހިންގާ ބަލާލީމެވެ. އެތަން އޮތީ ހަމަ ކުރިންވެސް އޮތްގޮތަށެވެ. އެއްޗެހިތައް އެފުށްމިފުށަށްޖަހާ މުޅިތަން ގޮނޑަކަށް ހަދާފައެވެ. ޝާޔަންމެންގެ ނިދާކޮޓަރީގެ ބެލްކަންޏަށް ނިކުމެ އަހަރެން ބަލާލީމެވެ. އެވަގުތު ކުރިމަތީހުރި އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބެލްކަނީގައި ޒުވާން ދެކުއްޖަކުތިއްބެވެ. އެމީހުންގެ ނަޒަރުހުރީ ސީދާ އަހަރެންނާއިދިމާލަށެވެ. އެމީހުންނާއި ޝާޔަންއާއި ގުޅުމެއްވަނީބާއެވެ؟ އެމީހުންނަށް އިތުރު ކަންތައްތަކެއް އިނގެނީކަމަށްވެދާނެއެވެ. ހަމަޤައިމުވެސް ޝާޔަންމެންގެ ބެލްކަނީގައި ހިނގާ ހުރިހާކަމެއް އެމީހުންނަށް ފެންނާނެއެވެ.
އެމީހުންނާއި ސުވާލުކުރުމުން ކަމެއް އޮޅުންފިލާފާނެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނިކުމެވުނީ އީވާގެ ކުރިމައްޗަށެވެ.
“ހުރިހާ އެންމެންވެސް ދައްކަނީ އެއްވާހަކައެއް.. ދެމީހުން ވަރަށް ލޯބިން އުޅޭވާހަކަ.. އެއްވެސް މީހަކު ނެގެޓިވް ކޮމެންޓެއްނެތް ދީފައެއް..” މައްސަލައުޅެނީ ކޮންދިމާލެއްގައިކަން ހޯދަން އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނީއެވެ. ޝައްކުގެ ނަޒަރުން އިނގިލި ދިއްކުރެވޭނެ މީހަކު ހަމަ ނުފެންނަނީއެވެ.
“ސަރ ޕްރެސް ކޮންފަރެސްއަށް ދާންޖެހޭ ގަޑިޖެހެނީ.. ވީ ހޭވް ޓު ގޯ..” އަޙްސަނުގެ ހަރަކާތްތައް އަވަހެވެ. އަހަރެންވެސް އެމީހުންނާއެކީ ހިގައިގަތީ ގަޑިނުޖެހި ދެވޭތޯއެވެ. ސުވާލުކުރަން ބޭނުންވިޔަސް ވަގުތުގެ ގޮތުން އެދެޒުވާނުންނާއި ބައްދަލުކުރެވޭކަށް ނެތެވެ. އެމީހުންގެ ސިފަ ސިކުނޑީގައި ރައްކާކުރީމެވެ.
އަހަރުމެންނަށް ދެވުނުއިރު ސަރހުރީ ނައިސްގެން ލަސްވެފައެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމެވެ. ނިތްކުރިމަތީގައިވަނީ އޮށްދާހިތްލާފައެވެ.
“ޝާޔަންއަށް ހަމަލާދޭން މަސައްކަތްކުރި މީހާ ވަދެފަވަނީ ނަރުސްހެދުމުގަ.. މޫނުމަތީގަ މާރސްކްވެސް އަޅާފަވަނީ.. މިވީޑިއޯއިން އޭނަ ވަންނަތަން ފެނޭ..” ސަރ ހުއްޓާފައިވާ ވީޑިއޯ ޕްލޭކޮށްލިއެވެ.
“ތިއީ އަންހެނެއްނޫން..އޭނަ ހިނގުމަށާއި ހަރަކާތްތަކަށް ބެލީމަ އިނގޭއެކަން..” އެންމެ ފެނިލުމަކުން އީވާއެކަން ދެނެގަނެފިއެވެ. އެމީހަކު މޫނުނިވާކޮށްފައި އެވަނީ އެހެންވެގެންތާއެވެ. އިތުރަށް ވާހަކަދައްކަން ތިބެވޭކަށް ނެތެވެ.
ޕްރެސް ކޮންފަރެސް ނިންމާލާފައި ނިކުތްއިރު އަހަރެންގެ ގައިގާ ހިރިލާނެވަރެއްވެސްނެތެވެ. ވަރުބަލިކަން ބޮޑަށް އިޙްސާސްކުރެވުނީ ތަނެއްގައި ހަމަޖެހިލެވުމުންނެވެ. އެތެރެހައްޓަށް ކާއެއްޗެއް ލުމުން ހަށިގަނޑު އެދެންފެށީ އަރާމުކުރުމަށެވެ. މަސައްކަތާއި ކުރިމަތީ ހިތާއި އަރައިރުންވަމުންނެވެ. ހަށިގަނޑުގެ ލޮޑުކަމާއެކު މަސައްކަތްކުރަން ޖެހުމުން ދޭން ޖެހޭ އެންމެ ފުރިހަމައަށް ސަމާލުކަން ނުދެވޭ ފަހަރުވެސް ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



V v v nice.
obi.. hama habeys..☺
V reethi ❤.. Waiting for the next part ?
varah varah reeethii
waiting 4 the next part
avahah upkohdheche
nice. next part vvas kohlachchey…
Varah varah reethi
Ooh hama habeys ingey mi story ☺☺☺☺
Varah salhie
zaik dho mihurihaa kameh mikurany
Vrh nice.. Waiting for the next part 😉
wow .. varah nice.. avahah up kohdhehcheyy..
Thank you all
Mashah heewanee shimaal and shaayan hen gulheynee.. eyrah warah reethi waane.. shaayal akaa shimaal eh nugulhey aslu.
Yagyn mi vaany e zaik ge kamakah…Story hama v nys…Ma fav…Luv di storyy…
23th Part mirey In Shaa Allah