
ނޭދެން ވަކިވާކަށް – 47

“ދޮންބެ ކޮބާ؟” މާހިން ސުވާލުކޮށްލީ ޔޫލީ އަށެވެ.
“އައި ހޭވް ނޯ އައިޑިއާ… އެ ދުވަހުގެ ފަހުން އަދި މާން ލޮލަކަށް ނުފެނޭ. އަހަރެން ގެއަށް އައިއިރުވެސް މާން އެއް ނޫޅޭ…” ޔޫލީގެ އަޑުގައިވީ ފުން މާޔޫސްކަމާއި ނިކަމެތިކަމެކެވެ.
“ޑޯންޓް ޕެނިކް އިނގޭ .. ދޮންބެ ފޯންވެސް ނުނަގާތީ މި އުޅެނީ” މާހިން ކޮފީ ތަށި ތުނބުގައި ޖަހާލަމުން ބުނެލިއެވެ.
“ވަޓް .. މާހިން އާއި މައްސަލައެއް ޖެހުނީތަ؟” ޔޫލީ ހައިރާންކަމާއި އެކު ކަންބޮޑުވެފައިވާ ހާލު އަހާލިއެވެ.
“ނޮޓް ދެޓް އައި ނޯ އޮފް… އެނީވޭސް ދޮންބެ ހޯދަން ވަރަށް ބޭނުންވެގެން އަސްލު މި އައީ ވެސް މި ގެއަށް … އެކަމަކު ކިހިނެއް ދެން ހަދާނީވެސް.. ” މާހިން މާޔޫސްކަމާއިއެކު ބުނެލިއެވެ.
*****
ޝިފްނާގެ ހަޔާތަށް މި ކުރިމަތިވީ ކޮންފަދަ ކަޅު އަނދިރި ދުވަހެއް ހެއްޔެވެ؟ އޭނާގެ ފޯނަށް މެދުކެނޑުމެއްނެތި އެކި ނަންބަރުތަކުން އަންނަމުންދިޔަ މެސެޖުތަކާއި ނޮޓިފިކޭޝަންތަކުން އޭނާގެ ނަފުސު މުޅިން ސުންނާފަތިކޮށްލިއެވެ. އެ ފޮނުވަމުންދަނީ އޭނާގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކެވެ!
އެ އެއްޗިއްސަކީ، މާހިން ފިޔަވައި އިތުރު އެއްވެސް މީހެއްގެ އަތުގައި ހުންނާނެ އެއްޗެއް ނޫނެވެ. މާހިން އެވަރުގެ ބޮޑު ހިތްދަތިކަމެއް، އެވަރުގެ ނުބައި އަނިޔާއެއް އޭނާއަށް ދީފާނެ ހެއްޔެވެ؟ މާހިން އޭނާއަށް އެވަރުގެ ކަމެއް ކުރަން އޭނާ މާހިން އަށް ދިނީ ކޮން އަނިޔާއެއް ހެއްޔެވެ؟ އެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ޝިފްނާ ބޭނުންވެފައިވީ ނަމަވެސް، މާހިން އޭނާގެ ކޯލުތަކަށް ޖަވާބު ނުދިނުމުގެ ސަބަބުން އެއްވެސް ޖަވާބެއް ޝިފްނާއަކަށް ނުލިބުނެވެ.
މިވަގުތު އޭނާއަށް ވަނީ އިންތިހާއަށް އެހީތެރިއަކަށް ބޭނުންވެފައެވެ. އެ ކަރުނަތައް ފޮހެ ދީ، މި ބިރުވެރި ތޫފާނުން ސަލާމަތްކޮށްދޭނެ އޯގާތެރި އަތެއް އޭނާގެ ހިތް އެދެމުންދިޔައެވެ. އެ އަތަކީ މާހިންގެ އަތަށް ވާން އޭނާގެ ހިތް އެދުނު ނަމަވެސް މާހިންގެ ގޮތް ނޭނގޭ ދުރުކަން އޭނާއަށް އިހްސާސްވެއެވެ.
ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން، އޭނާ ގޮސް ޔޫލީގެ ގެއާ އަރާހަމަވި ވަގުތަކީ، އެގޭގެ ޑްރައިވަރު ޖޯދިޝް ގެއަށް ވަންނަމުންދިޔަ ވަގުތެވެ.
“ޝިފްނާ… ޔޫލީ މެޑަމް އެތެރޭގައި އުޅުއްވަނީ! އަންނަނީ… އަންނަނީ…” ޝިފްނާއަކީ އާންމުކޮށް އެ ގެއަށް އައިސްއުޅޭ، އެމީހުންނަށް ވަރަށް ފަރިތަ މޫނަކަށް ވާތީ، ޖޯދިޝް ހިނިތުންވެލަމުން ގޭޓު ހުޅުވާލަދިނެވެ.
“މެޑަމް ހުންނަނީ ކިޗަން ގަ!” ޖޯދިޝް އެހެން ބުނެލުމަށްފަހު، އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
މަޑު، އަދި ވަރުބަލި ހިނގުމެއްގައި ޝިފްނާ އެ ގޭތެރެއަށް ވަދެގެން އައި ވަގުތު، ކުއްލިއަކަށް ކަންފަތުގައި ޖެހުނު އަޑަކުން އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ބަދިގެއަށް ވަންނަން ދިޔަ މީހާ، އެތެރެއިން އިވިގެންދިޔަ މާހިންގެ އަޑު ޖެހުމާއިއެކު ސިހިގެން ދިޔައެވެ. އެމީހުންނަށް އޭނާ ނުފެންނާނެހެން، ޝިފްނާ އަވަސްއަވަހަށް ފާރާ ނިވާ ވެލަމުން މަޑުޖެހިލީ ނަފުސު ހަމައަކަށް އަޅުވާލަން މަޖުބޫރުވުމުންނެވެ.
*****
މާންގެ ކުންފުނިން ކުރިއަށް އޮތް ކޮންސްޓްރަކްޝަން ޕްރޮޖެކްޓަކަށް ބޭނުންވާ ސާމާނު ގަތުމުގެ އެއްބަސްވުމަކަށް ތައްޔާރުވަމުންދިޔައެވެ. އެ ޕްރޮޖެކްޓަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ހުށަހަޅާފައިވަނީ އިންޑިއާގެ ޗެންނާއީގެ ސަޕްލަޔަރެކެވެ.
މިއީ މާލީ ގޮތުން ވަރަށް ބޮޑު ހޭދައެއް ހިނގާނެ، ކުންފުނީގެ މުސްތަގްބަލާ ގުޅިފައިވާ މުހިންމު މުއާމަލާތަކަށް ވާތީ، އެ މަޝްވަރާތަކުގައި ބައިވެރިވުމަށް މާން ނިންމިއެވެ. މި ދަތުރުގައި އޭނާގެ އަރިހުގައި ގެންދިޔައީ ކުންފުނީގެ ޕްލޭނިންގް ޑިޕާޓްމަންޓުގެ ވެރިޔާ އިމްތިޔާޒެވެ. ތަކެތީގެ ފެންވަރާއި، ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި، މުދާ ފޯރުކޮށްދޭނެ ތާވަލުތައް މުރާޖައާ ކުރުމަކީ އިމްތިޔާޒުގެ ޒިންމާއެކެވެ. މާން އިމްތިޔާޒަށް އިތުބާރުކުރީ ފުރިހަމައަށެވެ.
ބައްދަލުވުން ދިޔައީ މާން އުންމީދުކުރި ވަރަށްވުރެވެސް މާ ރަނގަޅަށެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ ދިގު މަޝްވަރާތަކަށްފަހު، އޭނާގެ ކުރިމަތީގައި އޮތް ފައިލް ކުރިއަށް ޖައްސާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.
“އަހަރުމެން މި މަޝްވަރާކުރަންޖެހޭ ހުރިހާ ކަމެއް މިހާރު މިވަނީ ނިމިފައި. މާދަމާގެ ނިޔަލަށް އިސްލާހުކޮށްފައިވާ ކޯޓޭޝަނާއި ސްޕެސިފިކޭޝަންތައް ފޮނުވާލާ ދެއްވާތި. އަހަރުމެންގެ ޓީމުން އެ ބަލައިލުމަށްފަހު، އެއްބަސްވުމާ ހަމައަށް ދާނަން.” މާން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.
ސަޕްލަޔަރު ބޯޖަހާލިއެވެ. ” މަރުޙަބާ، މިސްޓާ މާން. މާން އާއި ބައްދަލުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް.”
އިމްތިޔާޒު ލިޔެކިޔުންތައް އެއްކޮށް ފައިލަށް އަޅަމުންދިޔަ ވަގުތު، މާން އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
“ހިނގާ ދާން. ވީ ހޭވް އަ ވެރީ އާލީ ފްލައިޓް ޓުމޯރޯ”
“ޔެސް ލެޓްސް ގޯ.”
ދެ މީހުން އެކުގައި އިމާރާތުން ނުކުމެ، ތައްޔާރަށް އޮތް ކާރަށް އެރިއެވެ.
މާން އިނީ ލިޔެކިޔުންތަކަށް ގެއްލިފައެވެ. ބައެއް އަދަދުތައް އަލުން މުރާޖައާ ކޮށްލުމަށްފަހު އޭނާ އެތަކެތި ބްރީފްކޭސްއަށް ލިއެވެ.
“އިންތި، މާދަމާ ހެނދުނު މުދާ ގެނެސްދޭނެ ތާވަލަށް ގެންނަންޖެހޭ ބަދަލުތައް ސަޕްލަޔަރާ ހިއްސާ ކުރަން ހަނދާން ކުރާތި”
“ހުމްމް.”
މާން ސީޓްގައި ހަމަޖެހިލައި، ކުޑަ ހިނދުކޮޅަކަށް ދެލޯ މަރާލިއެވެ.
އެހެން އިންތާ ކުޑަ އިރުކޮޅެއްފަހުން، ކާރުގެ ދުވެލި މަޑުހެން ހީވެ، އޭނާ ލޯ ހުޅުވާލައި ބޭރަށް ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ފާހަގަ ވީ ކާރު ދުއްވަމުން ދިޔައީ އެ ހޮޓަލަށް ދާން އާންމުކޮށް ދުއްވާ މަގުން ނޫން ކަމެވެ.
“މިއީ ހޮޓަލަށް ދާ މަގެއް ނޫނެއްނު؟” ޑްރައިވަރާއި އޭނާ ސުވާލު ކޮށްލިއެވެ.
އިމްތިޔާޒު ޑްރައިވަރާ ދިމާއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. “މައި ރޯޑްގައި ވަރަށް ބާރުބޮޑުވެގެން. މި މަގުން ދިޔައިމަ މާ އަވަސްވާނެ.” ޑްރައިވަރު އިނގިރޭސިން ވާހަކަ ދެއްކީ ފަރިތަކަމާއި އެކުގައެވެ.
މާން ބޭރަށް ބަލައިލިއެވެ. ހަމަހިމޭން ފަޅު މަގެކެވެ.
އޭނާގެ މޫނުމައްޗަށް ކަންބޮޑުވުމުގެ ކުލަވަރު ވެރިވިއެވެ. “އިންތި ކޮންކަހަލަ ޑްރައިވަރެއް ތި ހަޔާ ކުރީ؟”
އިމްތިޔާޒަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުލިބުނެވެ. ކާރު ކުއްލިއަކަށް މަޑުކޮށްލިއެވެ.
މާން ޑްރައިވަރާ ދިމާއަށް އެނބުރުނެވެ. “ކިހިނެއްވީ؟”
ޑްރައިވަރު އެއްވެސް އެއްޗެއް ނުބުނެ އިނެވެ.
ކުއްލިއަކަށް ދެ މީހަކު އައިސް ކާރުގެ ދޮރުފަތްތަކުގައި ހިފިއެވެ. އޭގެތެރެއިން އެކަކު މާން އިން ފަޅިން ދޮރު ބާރަށް ހުޅުވާލިއެވެ.
“ފައިބާ!”
މާން އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ހައިރާންކަން އެކުލެވޭ ރާގެއްގައި އަހާލިއެވެ. “ކީކޭ؟”
“ކާރުން ފައިބާށޭ!”
މާން ވަގުތުން އިމްތިޔާޒަށް ބަލައިލިއެވެ. “މިއީ ކޮން ކަމެއް؟”
ނަމަވެސް އިމްތިޔާޒު އިނީ މާން އާއި ނަޒަރު ސީދާ ކޮށްލަން ވެސް ނުކެރިފައެވެ. އޭނާ އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
އެ ކުޑަކުޑަ ހަރަކާތުން މާން އަށް ޝޮކެއް ލިބުނެވެ. އަދި އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “އިމްތިޔާޒު؟”
އޭނާއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން، ބޭރުގައި ހުރި މީހާ މާންގެ އަތުގައި ހިފައި ބޭރަށް ދަމައިގަތެވެ. މާން އޭނާ ކޮށްޕާލަމުން އަމިއްލަ ނަފުސު ދިފާއު ކުރަން މަސައްކަތް ކުރިއެވެ. އެ ދެމެދުގައި ކުޑަ ހަނގުރާމައެއް ހިނގާލިއެވެ.
“އިމްތިޔާޒު! ހެލްޕް މީ .. ވަޓް ދަ ހެ* އިސް ދިސް؟”
އިމްތިޔާޒު ހުރީ ކާރު ކައިރީގަ އެވެ. ދެ މީހުންގެ ނަޒަރު ބައްދަލުވިއެވެ.
އިމްތިޔާޒުގެ މޫނުމަތިން ފެނުނު ހިމޭންކަމުން މާން އަށް ހުރިހާކަމެއް ރޭކާލިއެވެ.
“މިއީ ކަލޭ ރޭވި ކަމެއް؟؟…”
އިމްތިޔާޒު އަނގައިން އެންމެ ލަފްޒެއް ވެސް ނުނިކުމެއެވެ.
މާން އޭނާއާ ހަމައަށް ފޯރުމުގެ ކުރިން، ފަހަތުން އައި މީހަކު މާންގެ ބޮލުގައި ބަރު އެއްޗަކުން ޖެހިއެވެ. ލޯ މައްޗަށް އަނދިރިވެ، ފައިގެ ވާގި ދޫވާން ފެށިއެވެ. އޭނާގެ ބާރު ކެނޑެމުން ދިޔައެވެ.
އޭނާއަށް އެންމެ ފަހުން ފެނުނީ، އެއްވެސް އަސަރެއް ނެތި، ހިމޭންކަމާއިއެކު އޭނާއަށް ބަލަން ހުރި އިމްތިޔާޒެވެ. އެއީ އޭނާގެ ވިޔަފާރީގެ އަހުލުވެރިއެއްގެ އިތުރުން އޭނާގެ ރަހްމަތްތެރިއެކެވެ. މި ވަރުގެ ކަމެއް އޭނާ އެ ކުރީ ކީއްވެ ހެއްޔެވެ؟ ބަޔަކު އޭނާއަށް މަޖުބޫރެއް ކުރީ ހެއްޔެވެ؟
އެއަށްފަހު، މުޅި ދުނިޔެ އަނދިރި ވެގެންދިޔައެވެ.
*****
ހޭވެރިކަން ވުމާއިއެކު މާން އަށް އެންމެ ފުރަތަމަވެސް އިހުސާސްވީ ބޮލުގައި އުފެދިފައިވާ ގަދަފަދަ ރިހުމެވެ. ދެލޮލުގެ ފަހަތުން ސިކުނޑިއަށް ވާންވަމުން ދިޔަ ފުން ތަދެކެވެ. އޭނާ މަޑުމަޑުން އެސްފިޔަތައް ހުޅުވާލި ނަމަވެސް، އަނދިރިކަމުގެ ތެރެއިން ލޮލަށް އެޅުނު ތޫނު އައްޔާއި އެކު އަނެއްކާވެސް ދެލޯ މަރާލަން މަޖުބޫރުވިއެވެ.
ބޮލަށް ބަރުވެ، އަނގަތެރެ ވަނީ މުޅިން ހިކިފައެވެ. ސިކުންތުކޮޅަކަށް އޭނާއަށް ހުރެވުނީ ކޮންތާކުކަންވެސް ނޭނގިފައެވެ. ނަމަވެސް، މަޑުމަޑުން ހަނދާންތައް އާވާން ފެށިއެވެ.
އެ މަގެވެ. އެ މީހުންނެވެ. އަދި… އިމްތިޔާޒެވެ.
އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ކޮޓަރި އޮތީ ވަރަށް ފަނޑު އައްޔަކަށެވެ. ސިމެންތި ޖަހާފައިވާ ހުސް ފާރުތަކެވެ. ކޮޓަރީގައި ހުރީ އެންމެ ދަގަނޑު ދޮރެކެވެ. އަދި ފާރުގެ އެންމެ މަތީގައި ދަގަނޑު ތޭރި ޖަހާފައިވާ ކުޑަ ކުޑަދޮރެއް ހުއްޓެވެ.
މާން ހަށިގަނޑު ހަރަކާތް ކޮށްލަން އުޅުނެވެ. އެހެނަސް އޭނާގެ ދެއަތް ވަނީ އެ ބައިވެ ދަބަރު ޖަހައިފައި ހުރި ދަގަޑު ގޮނޑީގެ ފަހަތަށް ލައި ބަނދެފައެވެ. ދެފައިގެ ތަނބިކަށިވެސް ވަނީ ވާގަނޑަކުން ބާރަށް އައްސާފައެވެ.
“ޝިޓް!” މާންގެ ރުޅިވެރި އަޑު އެ ހުސް ކޮޓަރީގެ ފާރުތަކުގައި ޖެހި ގުގުމައިގެން ދިޔައެވެ.
އޭނާ ގޮނޑިން ސަލާމަތްވާން ގައިގައި ހުރި ބާރެއް ލާފައި މަސައްކަތް ކުރިއެވެ. ނަމަވެސް އެ ބަދެވުމުން ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ.
އޭނާ އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑި އޮތް ނަމަވެސް އޭގެ ބިއްލޫރިގަނޑު ވަނީ ރެނދުލާފައެވެ. ގަޑީގެ ކަށި ހުއްޓިފަ ހުރުމުން އެއީ މާ ބޭނުންތެރި އެއްޗަކަށް މި ވަގުތު ނުވިއެވެ. ފޯނެއް ނެތެވެ. ވޮލެޓެއް ނެތެވެ. ހޭނެތިފައި އޮތީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. މިއީ ބަޔަކު މީހުންގެ ފޭރުމުގެ އަމަލެއް ހެއްޔެވެ؟
އެ ވަގުތު ދަގަނޑު ދޮރު ހުޅުވުނެވެ.
ދެ މީހުން އެތެރެއަށް ވަނެވެ. ބަލާ ބެލުމަށް ހީވަނީ އިންޑިޔާ މީހުން ހެންނެވެ. އެކަކު މާންގެ ކައިރިއަށް އައިއިރު، އަނެކަކު ދޮރުމަތީގައި މަޑުކޮށްލިއެވެ.
“ގުޑް އީވްނިން، މިސްޓާ މާން.” ކައިރިއަށް އައިސް ހުއްޓުނު ހަށިގަނޑު ވަރުގަދަ ބިޔަ މީހާ ވާހަކަ ދެއްކި އިރު މޫނުމަތިން ފެންނަނީ އެއްވެސް ރަހުމެއް ނެތް، ފިނި، އަދި މަލާމާތުގެ ކުލަވަރެކެވެ.
މާން އިސްއުފުލައިލިއެވެ. “ތީ ކޮން ބައެއް؟ މިއީ ކޮންތަނެއް؟ ކަލޭމެންގެ ބޭނުމަކީ ކޮބާ”
އޭނާގެ ހަރަކާތްތަކުގައި ހުރީ މީހުން ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ތަޖުރިބާހުރި މީހެއްގެ ފަރުވާކުޑަ ގޮތެކެވެ. މާންގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީންއިރު، އޭނާގެ މޫނުމަތިން އެއްވެސް ބިރެއް ނުވަތަ ކަންބޮޑުވުމެއް ނުފެނެއެވެ.
“ހަމަޖެހިބަލަ. އަހަރުމެން ބޭނުންވަނީ ހަމައެކަނި ކުޑަ ވާހަކައެއް ދައްކާލަން. އެއްބާރުލުން ލިބިއްޖެ ނަމަ ހަމަ މިހާރު ވެސް ދާންވީ އެބުރި ގައުމަށް”
މާން ފިނި ނަޒަރަކުން އޭނާއަށް ބަލައިލިއެވެ. “ތި ކަހަލަ ކުދި ކުދި ވާހަކަ ދައްކަނީ މީހެން ބަނދެގެން ތަ؟ އަދި މި ހާލަތުގައި އަހަރެންގެ އެއްބާރުލުމަށް ވެސް އުންމީދު ކުރަނީތަ؟”
އެ މީހާ މާންގެ މަލާމާތަށް އަޅައެއް ނުލިއެވެ. “ކަލެއަކީ ވަރަށް ނަސީބުގަދަ މީހެއް، މިސްޓާ މާން. ކަލެއަށް ކާމިޔާބު ވިޔަފާރިއަކާއި، އެހާ ހިތްގައިމު ރީތި ޗާލު އަންބެއް ލިބިފައިވޭ… އަދި އަނބިމީހާ އާއި އެކީ ބޯނަސް އެއް ގޮތުން ކަލެއަށް އެއްވެސް ހައްގެއް ނެތް ވިޔަފާރިއެއް ވެސް ކަލެއަށް ތި ވަނީ ބޭނުން ގޮތެއް ހަދަން ލިބިފަ”
މާންގެ މޫނުމަތީގެ ކުލަވަރު ހަރުކަށިވިއެވެ. ދޮރުމަތީގައި ހުރި މީހާއަށް މާން ބަލައިލިއެވެ. އެ މޫނުމަތީގައި ހުރީ ރުޅިވެރިކަމާއި، ކޮންމެ ވަގުތަކުވެސް ހަމަލާއަކަށް ތައްޔާރަށް ހުރި ކަހަލަ ނުރައްކާތެރި ގޮތެކެވެ. އޭނާގެ ނަޒަރު މާންގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައިވާ ކަހަލައެވެ.
“ގެޓް ޓު ދަ ޕޮއިންޓް” ކުރިމަތީ އިން މީހާއަށް ނަޒަރު ސީދާ ކޮށްލަމުން މާން ބުނެލިއެވެ.
“ނަވީރާ”
އިރުކޮޅަކު މާން އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އެއަށްފަހު، އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ ކޮންމެވެސް ކަމެއް ވިސްނުނު ފަދައިންނެވެ.
“ނައީމް…” އާއެކެވެ. ނަވީރާ އަށް ނައީމް ލޯ އަޅާކަން މާން އަށް ވަނީ އެނގިފައެވެ.
އެ މީހާ ހިނިތުންވެލިއެވެ. “ކަލޭ ވަރަށް ހުށިޔާރު”
މާން ކުރިއަށް ޖެހިލަން އުޅުނެވެ. “އޭނާ ކައިރީ ބުނޭ ފިރިހެނެއްހެން ކުރިމައްޗަށް އަންނަން، ތިކަހަލަ ގުންޑާ އިންގެ ފަހަތުގައި ސޮޑެއް ހެން ފިލާ ނުހުރެ” މާންގެ އަޑު ވެސް ތަންކޮޅެއް ގަދަ ވިއެވެ.
“އޭނާ ބޭނުން ވަނީ ނާވީރާ … އެހެންވީމާ އެ ކުންފުނި އޭނާއަށް ދީފި ނަމަ ކަލޭ މިނިވަން ވީ. އެއީ ކަލޭ މި ދޭތެރެއަށް ފާ ނުވިނަމަ އޭނާއަށް ލިބޭނެ ހައްގެއް”
މާން ވޭނީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. “ނަވީރާ އަކީ އެއްވެސް އިރެއްގެ އޭނާގެ ހައްގެއް ނޫން .. ނުހައްގުން ނަވީރާގެ މުދާ ކެއީ ވެސް އޭނާ.. ވަން މޯ ތިންގް ނަވީރާ ވިލް ނެވާ ބީ ހިސް”
އެ މީހާ ގޮނޑިން ތެދުވިއެވެ. “ކަލެއަށް ތި ނިންމުން ނިންމޭ ވަރަށް ވުރެ ނިކަމެތިކޮށް މިއަދު ކަލޭ ފެންނަނީ.. އެހެންވީމަ އަދިވެސް ވިސްނާލާ”
އޭނާ ދޮރާ ދިމާއަށް އެނބުރުނު ވަގުތު، މާން އެހިއެވެ.
“އެއް ސުވާލު.”
އެ މީހާ މަޑުޖެހިލިއެވެ.
“އިމްތިޔާޒަށް މިކަން އެނގޭތަ؟”
” ހޫ އިސް ދެޓް؟”
މާން އިސް ޖަހާލިއެވެ. އިމްތިޔާޒާއި މި ކުޅިގަނޑާއި ގުޅުމެއް ނެތް ހެއްޔެވެ؟ ދެން އޭނާގެ އަމަލުތައް އެހެން އެ ހުރީ ގައިމު ކީއްވެ ހެއްޔެވެ؟ މާން މަޑުމަޑުން އިސްއުފުލައިލިއެވެ.
“ނައީމް ކައިރީ ބުނޭ އަހަންނާއި ކުރިމަތިލާން”
އެ މީހާ ކުޑަކޮށް ހިނިތުންވެލިއެވެ. “ކަލޭ ކައިރި ބުނެފިން ދޯ ކަލޭ ތި އިނީ އަމުރު ކުރެވޭ ހާލަތެއްގައެއް ނޫނޭ.. އޭނާ އަށް ކަލެއާއި ބައްދަލުކުރަން ފެނިއްޖެއްޔާ ކުރާނެ” މަޑު ކުރުމެއްނެތި އެ ދެމީހުން އެ ކޮޓަރިން ނިކުތެވެ. ކޮޓަރީގެ ދޮރު ލެއްޕި ގެންދިޔުމާއި އެކު، ބޭރުން ތަޅު އަޅުވާލި އަޑު އެ ހުސް ކޮޓަރީގައި ގުގުމައިގެން ދިޔައެވެ. މާން އެކަނިވީއެވެ.
އޭނާ އަނެއްކާވެސް ދަތްތައް ޖައްސާ ބާރުކޮށްލައިގެން އިނދެ، ގައިގައި ހުރި ބާރެއް ލާފައި އެ ބަދެ ވުމުން ސަލާމަތްވާން ގަދަ ހަދާލިއެވެ. ނަމަވެސް ދަގަނޑު ގޮނޑީގައި ވަރުގަދައަށް އައްސާފައިވާ ވާގަނޑުތައް ގުޑުވާ ލެވެން ވެސް ނެތެވެ.
މާންގެ ހަޔާތުގައި މީގެކުރިންވެސް އެތައް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވެއެވެ. ވިޔަފާރީގެ ބޮޑެތި މުއާމަލާތް ތަކުގައާއި، އުނދަގޫ ހާލަތްތަކުގައި ހިޔާނާތާއި މަކަރާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް މިފަހަރު މިއީ މުޅިން ތަފާތު، މާ ނުރައްކާތެރި ހާލަތެކެވެ. އޭނާގެ އަމިއްލަ ވަޒަނާއި ލޯބިވާ އާއިލާއާ މާ ދުރުގައި، އެއްވެސް އެހީތެރިއެއް ނެތި އޭނާ މިވަނީ ބަންދުވެފައެވެ.
އޭނާގެ ސިކުނޑިއަށް ބަރުވެ، ނޭވާ ކުރުވަމުން ދިޔައީ ޔޫލީގެ ހަނދާންތަކުންނެވެ. އެ ހިތުގައި ފަނޑުވެ ފުސްވެފައިވާ ލޯބި އެ ނުރައްކާތެރި ހާލަތުގައި އާލާވިއެވެ. ދެން ދުވަހަކުވެސް އެ މޫނުމަތީގެ ހިނިތުންވުމާއި، ލޯބިން ފުރިގެންވާ ނަޒަރު ނުފެނިދާނެ ކަމުގެ ބިރު ހިތުގައި އުފެދުމުންނެވެ. އޭނާގެ ހިތް އެދި ގޮވަމުންދިޔައީ ޔޫލީއާއި އެންމެ ފަހަރަކު ނަމަވެސް ބައްދަލުވުމަށެވެ. އެ އަޑު އަހާލުމަށެވެ. ހިތުގައި އުފެދިފައިވި ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް މުޅިން ފޮހެވިގެން ގޮސްފައިވާއިރު، ހަނދާނުގައި ހުރީ ހަމައެކަނި ޔޫލީގެ ސޫރައެވެ.
އޭނާގެ ހިތުގައި އޮތް ހަމައެކަނި އަޒުމަކީ، ކޮންމެގޮތަކުންވެސް މި ހައްޔަރުން ސަލާމަތްވެ، އެނބުރި ލޯބިވާ އަނބިމީހާގެ ކައިރިއަށް ވާސިލުވުމެވެ.
***ނުނިމޭ***