Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް – 46

Listen to this story Audio · 12:54 Powered by Esfiya Voice
0:00 12:54

ޔޫލީއަށް ލިބުނު ކުޑަކުޑަ ފުރުސަތުގެ ބޭނުންކޮށް، ސަލާމަތުގެ ހިލަމެއް ހޯދުމަށްޓަކައި ދޮރާ ދިމާއަށް ދުއްވައިގަނެވުނީ މުޅި ނަފުސުގައި ހުރި ބާރެއް ލަމުންނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައިރު މީހާ ތުރުތުރު އަޅައެވެ. ދޮރާ ހަމައަށް ފޯރައި އޭނާގެ ތުރުތުރު އަޅަމުންދިޔަ އަތުން ދޮރުގެ ތަޅުގައި ހިފާލެވުނެވެ.

ތަޅު އަނބުރާލަން އުޅުނު ހިނދު، ފަހަތުން އިވުނީ ރުޅިވެރިކަމުން ފުރިގެންވީ ބިރުވެރި ހަޅޭކެއްގެ އަޑެވެ. އެ ބިޔަ ފިރިހެން މީހާ ތަދުން ކެތްނުވެގެން އުޅެމުންވެސް، އޭނާއަށް އަރާފައިވާ މަސްތުގެ ބާރަކާއިއެކު ފަހަތުން އައިސް ޔޫލީގެ ހެދުމުގައި ހިފާ އަނބުރާ ކޮޓަރިތެރެއަށް ދަމައިގަތެވެ. ހެދުން ވީދިގެން ދިޔަ އަޑާއިއެކު، ޔޫލީގެ ކަރުނުން ފުރިގެންވީ ދެލޯ ބޮޑުވެ، ނޭވާ ކަރުތެރޭގައި ތާށިވިއެވެ. ދޮރުގެ ތަޅުން އޭނާގެ އަތް ކެހިގެން ދިޔައީ، އޭނާގެ ހުރިހާ އުންމީދެއް މުޅިން ފުނޑުފުނޑު ކޮށްލަމުންނެވެ.

އެ ބާރުގަދަ އަތުތެރޭ ޔޫލީ ދިޔައީ ގަދަ ހަދަމުންނެވެ.

“ކިހާ ދެރަ ކަމެއް .. މައިތިރި ވެބަލަ.. އަދިވެސް މަށަށް ކޮށްލެވުނު ވަރު ކުޑައީތަ… ހޭ އަރުވާ ލާނަމޭ މީއްޗަކު” އެ މީހާގެ ރުޅިވެރި ކަމުން ފުރިގެންވީ ބަސްތައް އަޑު އިވުނެވެ.

އެ ވަގުތު ދޮރުގައި މީހަކު ވަރަށް ބާރަށް ޓަކިޖަހާ އަޑު އިވުނެވެ. ޔޫލީގެ ހެދުމުގައި ހިފަހައްޓައިގެން ހުރި އެ ބިޔަ ފިރިހެން މީހާ ސިހިފައި ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރުގައި ތަޅަމުންދިޔަ ބާރުގަދަ މިނުން، އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ފެނިގެންދިޔައެވެ. ޔޫލީ ސަލާމަތްވުމަށް ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން އެ މީހާ ރުޅިއައިސް ރަތްވެފައި ހުރެ، ޔޫލީ އެއްފަރާތަކަށް ކޮއްޕާލިއެވެ. ޔޫލީ ވެއްޓި އޭނާގެ ބޯ ގޮސް ޖެހުނީ އެނދުގެ ލަކުޑި ދާރާ ގައެވެ. ޖެހުނުލެއް ބާރު ކަމުން އޭނާގެ ބޮލަށް ބަރު ވެގެން ދިޔުމާއިއެކު މުޅި މާހައުލު އެނބުރިގަތް ފަދަ އިހުސާސެއްވިއެވެ. ނިތްކުރި ފަޅައިގެން ގޮސް ލޭ އޮހޮރެން ފެށިއެވެ.

ދޮރުގައި މީހަކު ޖެހިގަތް އަޑާއިއެކު ދޮރު ފަޅައިގެންދާ ފަދަ ގޮތަކަށް ހުޅުވިގެންދިޔައެވެ.

އެތެރެއަށް ފިޔަވަޅު އަޅާލީ މާހިން އެވެ! އޭނާގެ ފަހަތުން އިތުރު ދެ މީހުން ވަރަށް އަވަސްއަވަހަށް ކޮޓަރިތެރެއަށް ވަދެގެން އައެވެ. މާހިންގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި، ހަށިގަނޑުގެ ކޮންމެ ނާރަކުން ފާޅުވަމުންދިޔަ ގަދަފަދަ ރުޅިއެވެ. އޭނާގެ ދެލޮލުން އަލިފާން ކަނޑައިގެންދާ ފަދަ ގޮތަކަށް އެތަނުގައި ހުރި ބިޔަ މީހާއަށް ބަލައިލުމަށްފަހު، އަތުގެ ހަމަލާއެއް އޭނާގެ މޫނަށް ދޫކޮށްލިއެވެ.

“ފިއްޓޭ .. ޓޭކް ކެއާ އޮފް ދިސް ޕެތެޓިކް ބަސް** ..” މާހިން އޭނާގެ ރަހްމަތްތެރިޔާ އަށް އިރުޝާދު ދެމުން ލަސް ކޮށްލުމެއްނެތި ގާތް ވެލީ ޔޫލީ އާއެވެ. އޭނާ ޔޫލީ ގާތަށް ތިރި ވެލާ ޔޫލީގެ އަތުގައި ހިފާލިއެވެ. އެ ހަށިގަނޑު ވަނީ ހަކަތަ ނެތި ވަރުބަލި ވެފައެވެ. އެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމާއި ވަރުބަލިކަމުން އޭނާ ހީވަނީ ބޮޑު ހަނގުރާމައެއްގައި އުޅުނު ހެނެވެ. އެ މަންޒަރު ފެނުމުން މާހިންގެ މެޔަށް ނުބައި ގޮތެއްވިއެވެ. އޭނާ ޔޫލީގެ އުނަގަނޑުގައި ހިފަހައްޓާ ކޮޅަށް ނަގައިދިނެވެ.

ބޯ އެބުރުމެއް ހުރުމުގެ ސަބަބުން، ޔޫލީ އޭނާގެ ބޯ މާހިންގެ މޭ މަތީގައި ބާއްވާލިއެވެ. މާހިން ޔޫލީ ގާތް ކޮށްލަމުން އެ ކޮޓަރިން ނިކުތެވެ.

*****

ޒޯޔާ ހަމައަކަށް އަޅުވާ، އޭނާ ކާން އިންކާރުކުރުމުން އޭނާ އާއި އެކު ކައިގެން މާން އަށް ގެއަށް އާދެވުނު އިރު މެންދަމު ބާރަ ޖަހަނީއެވެ. އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަނީ ލޯބިވާ އަނބިމީހާގެ މޫނު ބަލައިލުމަށެވެ. ޔޫލީ މިހާރު އޮންނާނީ ނިދާފައެވެ. ނަމަވެސް އޭނާއާއި ކުރިމަތިލީ ފަޅުކަމެވެ. ކޮޓަރިއަކު ޔޫލީއެއް ނެތެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އެ ވާނީ ސްޓަޑީގައި އިންދާ ނިދުނީ ކަމަށެވެ. މާން ފާހާނާއަށް ވަދެލީ ނިދަން ތައްޔާރުވެލައިގެން ޔޫލީއަށް ގޮވަން ސްޓަޑީއަށް ދިއުމަށެވެ.

ފާހާނާ އިން ނިކުމެ ސްޓަޑީ އަށް ދިއުމަށް މާން އަވަސް ވެލިއެވެ. އެ ވަގުތު ފޯނަށް އައި ނޮޓިފިކޭޝަން އަށް އިޖާބަ ދެމުން ފޯނު ނަގައި ބަލައިލިއެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖެކެވެ. އެއީ ފޮޓޯއެކެވެ. މާހިން އާއި ޔޫލީ ގެސްޓް ހައުސް އެއްގެ ކޮޓަރިން ނިކުންނަ ތަނެވެ. ޔޫލީގެ ބޯ މާހިންގެ މޭގައި ބާއްވާލާފައި ވާއިރު މަހިން އަތް ވަނީ ޔޫލީގެ އުނަގަނޑުގައި ވަށާލެވިފައެވެ. ޔޫލީއަށް ލިބިފައިވި ގެއްލުމާއި އެ ބޮލުން އޮހޮރިފާވި ލޭގެ ނިޝާނެއް އެ ފޮޓޯއިން ފެންނާކަށް ނެތެވެ. ޔޫލީއަށް ބޯ އަޅާ ލެވިފައި ވަނީ ޒަހަމް ވެފައިވީ ފަޅި މާހިންގެ މެއަށް ވާ ގޮތައް ކަމުން އޭގެ ނިޝާނެއް ނެތީއެވެ. އެ ފޮޓޯ ނެގި މީހާވެސް ހުރީ ވަރަށް ހުޝިޔާރުކަމާއިއެކު، ހުރިހާކަމެއް ސިއްރުވާނެ ފަދަ ގޮތަކަށް އެ މަންޒަރު ކެމެރާއަށް އަރުވާފައެވެ. އެއާއިއެކު، ޔޫލީ އެ ގެސްޓްހައުސަށް ވަންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް މާން އަށް ލިބުނެވެ.

އެ މަންޒަރުތައް ފެނުމާއިއެކު މާންގެ ލޭ ހޫނުވެ، ދަތްތައް ފިއްތާ ލެވުނީ ހިތަށް ލިބުނު ފުން ވޭނަކުންނެވެ. އޭނާގެ މޭގެ ތެރޭގައި ހިތް ރޮމުންދިޔައެވެ. ލޯބީގެ އިއުތިރާފަކަށް ފަހުވެސް ޔޫލީ އޭނާއަށް ބޭވަފާތެރި ވަމުން އެދަނީ ކީއްވެ ހެއްޔެވެ؟ ޔޫލީ ދެއްކި ވާހަކަތަކުން އޭނާގެ ހިތުގައި އުފެދިފައިވި ޝައްކުތައް ފިލައި، ހަމަޖެހުމެއް ލިބިފައިވަނިކޮށް މި ފެނުނީ ކޮންފަދަ ހިތްދަތި މަންޒަރެއް ހެއްޔެވެ؟ އެ ފަދަ ތާކަށް ދާން ޖެހޭ އިތުރު ސަބަބެއް އޮންނާނެ ހެއްޔެވެ؟ މާހިން ވެސް އެ އުޅެނީ ކޮން ފަދަ ލަދު ކުޑަ ގޮތަކަށް ހެއްޔެވެ؟ އެއީ އޭނާގެ ފަހަރި ކަން ހަމަ އޭނާއަށް ނޭނގެނީ ހެއްޔެވެ؟ ޔޫލީ އަށް އޭނާ އަކީ އަހަރެންގެ އަނބިމީހާ ކަމަށް ގަބޫލު ނުކުރެވޭ ނަމަ އެ ކަން އަހަރެން އޭނާއަށް އަންގައިދޭން ވީ ހެއްޔެވެ؟ އެ ހާސްކަމާއި ވަސްވާސްތަކުގެ ތެރޭގައި ހުރެ، މާން ސްޓަޑީގެ ދޮރު ހުޅުވާލީ އެއްވެސް އުންމީދެއް ނެތް ފުން މާޔޫސްކަމަކާއި އެކުއެވެ. އާއެކެވެ؛ ޔޫލީއެއް އެތާކު ނެތެވެ.

އޭނާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ކޯތާފަތްމައްޗަށް އޮހޮރިގެން ދިޔައީ އިޚުތިޔާރަކާއި ނުލައެވެ. މަޑުމަޑުން އެ ހިތާމަވެރިކަން ރުޅިއަށް ބަދަލުވެ، ހިތުގައި ޔޫލީ އަށްޓަކައި އޮތް ލޯބީގެ މަގާމު ފަނޑުވެ ނަފުރަތާއި ރުޅިވެރިކަމުގެ ހިޔަނި އެޅިގެން ދިޔައެވެ.

*****

ހޮސްޕިޓަލުގެ އެދުގައި އޮތް ޔޫލީ އިރު ކޮޅު ކޮޅާއި އޭނާގެ ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލައެވެ. އޭނާ ކޮންމެވެސް މީހެއްގެ މެސެޖަކަށް ނުވަތަ ކޯލަކަށް އިންތިޒާރުކުރާ ކަހަލައެވެ. ނަމަވެސް، މެންދަމުން އަލިވެ ދޭއް ޖެހި އިރުވެސް އޭނާ އެ އެދޭ ކޯލެއް ނައެވެ. މާން އަދިވެސް ގެއަށް ނުދަނީ ހެއްޔެވެ؟ ނުވަތަ ގެއަށް ދިޔަނަމަވެސް އޭނާއަށް އެއްވެސް ޚަބަރެއް ނުވަނީ ކީއްވެ ހެއްޔެވެ؟

ޔޫލީ އިސްވެ މާން އަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. އަދި މާހިން ގުޅަން އެދުމުންވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މާން އަދިވެސް ހުރީ ޒޯޔާ ގާތުގައި ހެއްޔެވެ؟ ގެއަށް ދިޔަނަމަ ޔޫލީ ގޭގައި ނެތްކަން އެނގި އޭނާއަށް ކޮންމެވެސް ގުޅަން މަސައްކަތް ކުރާނެ ނޫން ހެއްޔެވެ؟

ޔޫލީގެ ދެލޮލުން ފުރިގެން އައި ކަރުނަތައް ހިފަހައްޓާލަން އޭނާ އަށް ވަނީ ނުކުޅެދިފައެވެ. ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް އޮހޮރެމުން ދިޔައިރު، އިސާހިތަކު މަޑު ގިސްލުމެއްގެ އަޑުވެސް ކޮޓަރިތެރެއަށް ފެތުރިގެންދިޔައެވެ.

މާހިން އަވަސް އަވަހަށް ޔޫލީ އާއި ކައިރިވެލަމުން، އޭނާގެ ތުރުތުރު އަޅަމުންދިޔަ އަތްތިލައިގައި ހިފަހައްޓާލައި ހިތްވަރުދޭން މަސައްކަތްކުރިއެވެ.

“މިގަޑީގަ ދޮންބެ ބިޒީއެއް ނުވާނެ ދޯ؟” މާހިން ކަންބޮޑުވުމާއިއެކު އަހާލިއެވެ.

“އައި ތިންކް ހީ އިސް…” ރުއިމުގެ ތެރެއިން ޔޫލީ ވޭނުން ފުރިގެންވީ ރާގެއްގައި ބުނެލިއެވެ.

“ސްޕިލް…” މާހިން ކޮންމެވެސްވަރަކަށް އަމުރުވެރި ރާގެއްގައި ބުނެލީ، ޔޫލީ ކޮންމެވެސް ބޮޑު ކަމެއް ސިއްރު ކުރަމުންދާކަން އޭނާއަށް ޔަޤީން ވެފައިވާތީއެވެ. މިކަމާއި އެ ކޮޓަރިއަކަށް ޔޫލީ ދިއުމާއި ގުޅުމެއް އެބަހުރި ބާވައެވެ. އެ ވާހަކަ ވެސް ޔޫލީ ގާތު އަހާ އަހާ ވެސް ހިއްސާ ނުކުރިއެވެ.

“މާން އިސް ވިތް ޒޯޔާ” ޔޫލީ އެ ހިތްދަތި ވާހަކަ ދައްކަން ފެށިއެވެ. އަދި ޝިފްނާގެ އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމެއްނެތި އޭނާއަށް ފޮނުވާ މެސެޖު ތަކާއި މާން އާއި ޒޯޔާގެ ގުޅުމުގެ ވާހަކަ މާހިން އަށް ކިޔާދިނެވެ.

“ވަޓް … ރިއަލީ؟” މާހިންގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމާއި ރުޅިވެރިކަމުގެ ކުލަވަރެކެވެ. ނަމަވެސް އިސާހިތަކު އޭނާގެ ހިތަށް ވެރިވި ހިޔާލަކުން އޭނާގެ މޫނުމަތިން ފަނޑު ހިނިތުން ވުމެއްގެ އަސަރު ފެނިގެން ދިޔައެވެ. މާހިން އިތުރަށް ވާހަކަ ކުރިއަށް ގެންދަން ބޭނުން ވި ނަމަވެސް އެ ވަގުތު ޔޫލީގެ ހާލު ބަލަން ޑޮކްޓަރާއި ނަރުހަކު އައުމުން ވާހަކަ މެދުކެނޑުނެވެ. ޔޫލީ އަވަސްއަވަހަށް ކަރުނަތައް ފޮހެލައި، އަމިއްލަ ނަފުސު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.

*****

“ކިހާ ދެރަ ކަމެއް .. ގޭގެ ދޮރު ވައްޓާލާ ވަރު އެބަ ކުރެއޭ.. މިހާ ލަސް ގަޑިއެއްގަ ކާކުތަ މޮޔަ ވަނީ” ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަން އެކުލެވޭ ރާގެއްގައި ކުދި ކިޔަމުން ގޭގެ މައި ދޮރާއި ދިމާއަށް ޒޯޔާ އައެވެ.

ދޮރު ހުޅުވާލުމާއި އެކު ބޮޑު ބިޔަ މީހަކު އެތެރެއަށް ދެމިގަތެވެ.

” ޒޯޔާ ބުނަން ކަލެޔާ ހެދި އަހަންނަށް ވަރަށް އަނިޔާ ވެއްޖެ .. އެ ވަރުންވެސް އެއްބަސްވި އަދަދު ނުދޭން ތިއުޅެނީ… ހާދަ ވަރަކަށް މަގޭ ގައިގަ ތަޅާލައިފި އޭ… ” އެ މީހާ ރުޅިގަދަވެފައި ހުރެ ޝަކުވާކޮށްލިއެވެ. ތެދެކެވެ. އެ މީހާގެ މޫނުމަތީ އެތައް ތަނަކުން ކަޑައިގެން ގޮސްފައިވާއިރު މޫނު ވަނީ ދުޅަވެފައެވެ.

” ނުޖެހޭނެ ދޭކަށް… ހައިއްޓެ ކައިރި ބުނިން ދޯ ކީއްކަން ކުރަން ވީ .. އެ ކަން ނުވީމަވެސް އަދި މަ ވީ ލާރި ދޭން .. ނައްޓާލާ މިތަނުން.. އިތުރު ވާހަކަ އެއް ދައްކާކަށް މަށެށް ބޭނުމެއްނޫން” ޒޯޔާ އެ މީހާއަށް ރައްދު ދިނީ ރުންކުރު ރާގެއްގައެވެ.

” ބުނަން ޒޯޔާ… ތި ހެދެނީ ގޯހެއް… ހަނދާން ކުރާތި .. ތީގެ ހިތި ދައްކާލާނަން..” ހައިއްޓެ އިތުރަށް މަޑުކުރުމެއްނެތި، ޒޯޔާއަށް އިންޒާރެއް ދިނުމަށްފަހު އެތަނުން ނުކުމެގެންދިޔައެވެ.

ހައިއްޓެ ރުޅިއައިސްގެން ނުކުމެގެންދިޔަ ވަގުތަކީ، ރިލްވާން އައިސް ޒޯޔާގެ އެޕާޓްމެންޓަށް ވަތް ވަގުތެވެ.

“ކަލޭވެސް ތި އައީ ލާރި ހޯދަންތަ؟” ރިލްވާނަށް ލޮލުގެ ހިމަކޮޅުން ބަލައިލަމުން ޒޯޔާ ބުނެލީ އަދިވެސް ހަމަ އެ ރުޅިވެރިކަމާއި އެކުގައެވެ.

“ހާދަ މޫޑު ގޯސްވެފަ… ހަމަޖެހިބަލަ! ފުދޭވަރަކަށް ކާމިޔާބު ކޮށް ދޯ މިކަން މިވީ،” ރިލްވާން އެތެރެއަށް ވަދެ ސޯފާގައި އަރާމުކޮށް އިށީނދެލަމުން ހީލާފައި ބުނެލިއެވެ.

“ނައްޓާނެ ދޯ .. ކާމިޔާބު ވިޔަސް އޭނާއަށް ވީ ކަމެއް ނެތް ދޯ .. އޭނަ ލާރި ހޯދަން އަންނާކަށް” ޒޯޔާގެ ރުޅިގަނޑު މައިތިރި ވާ ގޮތެއް ނުވިއެވެ.

“ޕޮސިޓިވް ކޮށް ވިސްނަބަލަ… މިހާރު މާން އަށް އެ ދިޔައީ މާ ސަޅި އެއްޗިއްސޭ… އޭރަށް ދެން މާހިންގެ ކަންކަމުން އޭނާ އަށް މާ އުނދަގޫ ވާން ފަށާނެ… ދެން މާ ފަސޭހަވާނެ އެ ދެމީހުން ފަނި ކޮށްލަން.. ފަހަރެއްގައި ދެން އަހަރުމެން އެހާ އެކަމާއި ނޫޅުނަސް އެކަން ވެދާނެ،” ރިލްވާން މަސައްކަތްކުރީ ޒޯޔާގެ ހޫނުވެފައިވާ ސިކުނޑި ހަމައަކަށް އަޅުވައި ދެވޭތޯއެވެ.

“ހޫމް… ޓްރޫ.. އެކަމަކު ބުނަން މަ ބޭނުން ޝިފްނާގެ ފޮޓޯ ކޮޅު ލީކް ކޮށްލަން… އެ އަންހެނާ ވެސް އެއީ މާ ތުއި ވެގެން އުޅޭ މީހެއް” ޒޯޔާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ނުރައްކާތެރިކަމެވެ.

*****

“އަދިވެސް ދޮންބެ އަށް ނުގުޅޭ ތަ؟ ކީއްވެތަ އެކަކު ގުޅީމަވެސް މާން ފޯނު ނުނަގަނީ؟” ރާހިލް ސުވާލު ކުރީ މާހިން އާއެވެ. އެ ދެމީހުން ތިބީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮޓަރިއެއްގެ ތެރޭގައެވެ.

“ނުނަގައޭ.. މިހާރު އެކި އެއްޗިހިން ގުޅައިފީމޭ.. ޝިފޫ ބުނި އެހެން ނަންބަރެއް އޮފީސް ކަންކަމަށް ބޭނުން ކުރާ ވާހަކަ .. އެހެންވެ އެ ނަންބަރެއް ހޯދަން މި އުޅެނީ މިހާރު” މާހިން ރައްދު ދިނެވެ.

މާޝާގެ ހާލު ދެރަވެ، ގަދަޔަށް ހުން އައިސްގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނުތާ މިވީ ދެ ދުވަހެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރި ދުވަހު މާޝާއާއި ރާހިލް ވަނީ މާޝާގެ ކެންސަރު ބަލީގެ ހަގީގަތެއް މާހިން އަށް ކިޔައިދީފައެވެ. އެ ޚަބަރު ލިބުމުން މާހިންގެ ނަފުސަށް ލިބުނު ފުން ސިހުމާއި ރިހުން އަދިވެސް ފިލައިގެން ނުދެއެވެ.

*****

ޔޫލީއަށް ކުރިމަތިވި އެ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާއަށްފަހު، ހަފުތާއެއް ފާއިތުވެގެން ދިޔައިރުވެސް މާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަދި އެ ގޭތެރެއިން މާންގެ ހިލަމެއްވެސް ނުވެއެވެ. ގެއަށް މީހަކު ވަނަސް، ޔޫލީއަށް ބޭއިޚުތިޔާރުގައި ދޮރާ ދިމާއަށް ބަލައިލެވެނީ އެއީ މާން ކަމުގައި ވުމަށް އެދެވޭ ފުން އިންތިޒާރާއި އެކުގައެވެ. އޭނާގެ ބޮލުގައި ޒަހަމް ވެފައިވާ ތަން ފަނޑުކޮށް އެނގެން ހުރި ނަމަވެސް އިސްތަށިގަނޑުން ނިތް ފޮރުވުމުން އެ ޒަހަމް ފާޅެއް ނުވެއެވެ.

ގޭގެ ބެލް އަޅާލި އަޑަށް ޔޫލީ ސިހުނެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ މާހިންއެވެ. އެ މޫނު މަތިން ފެންނަނީ ހިތްދަތި ކަމެވެ. އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއް ނެތެވެ. އެ ލޯ ރަތް ވެފާ ވާއިރު މިހާރުވެސް ހުރީ ފެން ކަޅި ވެފައެވެ.

“މާހިން .. އާދޭ އެތެރެއަށް… ވަޓް ހެޕެންޑް .. އާ ޔޫ އޯކޭ” ޔޫލީ ކަންބޮޑުވެފައި ހުރެ، މާހިންގެ މޫނުމަތީގެ ކުލަވަރުން ކަމެއް ދެނެގަންނަން މަސައްކަތްކުރަމުން އަހާލިއެވެ.

“އައި ނީޑް އަ ކޮފީ…” މާހިން ވަރަށް ވަރުބަލި ރާގެއްގައި ބުނެލިއެވެ.

“ޝުއާ…” ޔޫލީ ހާސްވެފައި ހުރެ، އަވަސްއަވަހަށް ބަދިގެއާ ދިމާއަށް ހިނގައިގަންނަމުން ޖަވާބުދިނެވެ.

އެތެރެއަށް ވަދެ، ސޯފާގައި އިށީނދެލަމުން މާހިން ވަށައިގެން ގެއަށް ނަޒަރު ހިންގާލިއެވެ. އޭރުވެސް އޭނާގެ ހިތުގައި ބޮޑު ކަންބޮޑުވުމެއް އޮތްކަން މޫނުމަތިން ފެންނަމުންދިޔައެވެ.

“ދޮންބެ ކޮބާ؟” މާހިން ސުވާލުކޮށްލީ ޔޫލީ އަށެވެ.

“އައި ހޭވް ނޯ އައިޑިއާ… އެ ދުވަހުގެ ފަހުން އަދި މާން ލޮލަކަށް ނުފެނޭ. އަހަރެން ގެއަށް އައިއިރުވެސް މާން އެއް ނޫޅޭ…” ޔޫލީގެ އަޑުގައިވީ ފުން މާޔޫސްކަމާއި ނިކަމެތިކަމެކެވެ.

“ޑޯންޓް ޕެނިކް އިނގޭ .. ދޮންބެ ފޯންވެސް ނުނަގާތީ މި އުޅެނީ” މާހިން ކޮފީ ތަށި ތުނބުގައި ޖަހާލަމުން ބުނެލިއެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Zyv

    Whn nxt part? Avahah up koh dhehchey

    1. wish
      Zyv

      Thank you for the comment Zyv… vaahaka publish kohlany konme week aku Thursday ga 😊

  2. Koklila modi

    Konthaakah baa maan e dhiya ee. Huvaa mi maahin mi gotbeh neh meehekey dho

    1. wish
      Koklila modi

      Thank You for the comment kokila modi.. Wish heekuree mifaharu kokila story nukiyaa kamah thi ulheny.. maa lhun viyya comment mi aiyy… Maan dhiya thaneh hyvany dhen ahna part in ingeynehen … Maahin ah gotheh hadhan vehje dho

Comments are closed.