
ތަޤުދީރު – 33

”ހަހަހަހަ….ބަލަ އަމިއްލައަކަށްނު ފުރަތަމަ އެކަމަށް އެއްބަސްވީ…..ދެން ކޮން މަޖުބޫރެކޭ ތިކިޔަނީ…..ކަލޭއާ ކަމެއް ހަވާލު ކުރީމަ ގޮސް އެމަންޖެ ދެކެ ލޯބިވެގެން ތިއުޅެނީ…..އަދި ހަވާލުކުރި ޓާސްކު ވެސް ނިންމީއެއްނޫނޭ….އަހަރެން ބުނީ އެ *$@/% މަރާލަން…. އެކަމު ކަލޭއަށް އެކަންވެސްވީ އެއްނޫން….. ހީވަނީ ދެން މަ ހެން ތިކަން ކުރަންވީ“ ފުރަގަސް ޖަހައިގެން ހުރި ހަރުވަރުގެ ފިރިހެން މީހާ އިންޒާރެއް ފަދައިން ބުނެލިއެވެ.
”ކަލޭ ފުރަތަމަ މަށާ ހަވާލު ކުރީ އާޔަތު މަރާލާކަށް ނޫން އެނގޭ…..މިހާރުދެން ވާހަކަ އޮޅުވާލާނެ ކަމެއްނެތް…..އަހަރެންގެ ކޮއްކޮ އޭ ކިޔައިގެން ބިރުދެއްކީ ވެސް ކަލޭއެއް ނޫންތަ؟ އަހަރެން ގާތު ބުނީ އާޔަތު އުޅޭ ނޫޅޭގޮތް ބަލާ ފާރަލާން…..އެކަންވެސް ކޮއްދިނިން…..ދެން ކަލޭގެ ގޮތްކުޑަ މުޑުދާރު ސިއްރުތައް އާޔަތުއަށް ފަޅާ އަރާފާނެކަމުގެ ބިރަށް ކަލޭ އޭނަގެ ދުވަސް ދުއްވާލަން ރޭވީ…..މަބޭނުމެއް ނޫން މީހެއްގެ މަރަށް ޒިންމާވާކަށް…..އެހެންވީމަ ދެން މީގެ ފަހުން ކަލޭގެ އެއްވެސް ކަމަކާ މަށެއް ބައިވެރިއެއް ނުވާނަން…….ވަރަށް ސަލާމް“ ހޫޑްއިން ބޯ ފޮރުވައިގެން ހުރި ޒުވާނާ ފަސްއެނބުރި އެތަނުން ނުކުނަން ހިނގައިގަތެވެ.
”އޭ މިހިރަ ބަ*$@/% ކަލޭ ހީކުރީތަ މާ ފަސޭހައިން ސަލާމަތް ވެވޭނޭ….ކަލޭ ހަނދާން ނެތުނީދޯ މަ މީ ކަލޭގެ ބަފައޭ…..ބޭނުން ހާ އެއްޗެއް މަށަށް ގޮވާފަ ތިހެން ނުދެވޭނެ އެނގޭ…..މަގޭ ފަރާތުން ލިބޭ ލާރިންނޭ ކަލޭ ތިހާ އަރާމާ ލައްޒަތުގައި ތިއުޅެނީ“ ހަރުވަރުގެ ފިރިހެން މީހާ ހަޅޭއްލަވައިގަތެވެ. އެ ޒުވާނާ އެނބުރި ބަލާވެސް ނުލާ ނުކުމެގެން ދިޔައީއެވެ.
………………………………
ހަވީރުގެ ވަގުތު މަހީރް އިނީ ސަލްޓަން ޕާކުގެ ބެންޗެއްގައެވެ. ޑިއުޓީ ނިންމާލާފައި ގެއަށް ދިއުމުގެ ބަދަލުގައި މަހީރްގެ މަންޒިލަކަށްވީ ސަލްޓަން ޕާކެވެ. ދިރިއުޅުމުގައި ކަންކަން ވެގެންދާގޮތާމެދު މަހީރްއަށް ވިސްނާ ފިކުރު ކުރެވެނީއެވެ. އާއިލާ ތެރޭގައި ހިނގާފައިވާ ހާދިސާ ތަކުން ވިސްނަން މަޖުބޫރުވަނީއެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ އިޒްޔަންގެ ކުއްލި ވަކިވެ ދިޔުމުން ލިބުނު ހިތްދަތި ކަމަކީ ދުވަހަކުވެސް ފިލައިދާނެ ކަމެއް ނޫނެވެ. ކޮއްކޮމަތިން ހަނދާން ވުމުން މަހީރްގެ ދެލޯ ފެންކަޅިވެ މަންޒަރު ފުސްވިއެވެ. އެދަނޑިވަޅުގައި މީކައިލްގެ އޯގާތެރިކަމާއި އަޅާލުން ނުލިބުނު ނަމަ އެ ހިތާމައިން އަރައިނުގަނެވި މިއަދާހަމައަށްވެސް މަހީރް ވާނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަން ޔަޤީނެވެ. ނަމަވެސް އެ ދުވަހު އެހީތެރިކަމެއް ދިއްކޮށްލި މީހާ މިއަދު މިވަނީ މަހީރްއާއި ދުރުވެފައެވެ. މީކައިލް މަތިން ހަނދާން ވުމުން މަހީރްއަށް އިތުރަށް ރޮވެން ފެށުނެވެ.
މަހީރްގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ދަބަސް ހާވާލާފައި ފޯނު ނެގިއިރު ގުޅަނީ މީކައިލްއެވެ. ފޯނު ނަގަން ހިތަށް އަރާފައި ވެސް މަހީރްގެ ހިޔާލު ބަދަލުވިއެވެ. ވޭތުވި މަދު ދުވަސްކޮޅުގައި މީކައިލް މަހީރްއާ ދޭތެރޭ ކަންތައް ކުރިގޮތް ހިތަށް އަރާފައި މަހީރް ފޯނު ނަގަން ބޭނުން ނުވީއެވެ. ފޯނު ރިންގުވެ ކެނޑެންދެން މަހީރް ބަލަން އިނެވެ. އިރުކޮޅެއްތެރޭ ދެން ލިބުނީ މީކައިލްގެ މެސެޖެކެވެ. ވީހާވެސް އަވަހަކާ ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ ބުނެ ކޮއްފައިވާ މެސެޖެކެވެ. މަހީރް ބޭނުން ދުވަހެއް އަދި ވަގުތެއް ފޮނުވުމަށް އެމެސެޖުގައި ވިއެވެ. މަހީރް ފުން ނޭވާއެއް ބޭރުކޮށްލަމުން ފޯނު ދަބަހަށްލީ އަދި އެ މެސެޖަށް ޖަވާބު ދިނުމަށް ތައްޔާރު ނޫނޭ ހިތަށް އެރުމުންނެވެ.
……………………………
ކެބިންތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަޒާން އިރު އިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލާ ގޮތުން ހީވަނީ މީހަކަށް އިންތިޒާރު ކުރަމުން ދާހެނެވެ. ތަޅުގައި ހިފައި އަނބުރާލުމުން ދޮރު ހުޅުވުނު އަޑަށް އަޒާންގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. ފަސް އެނބުރި ލަސް ފިޔަވަޅުތަކުގައި ގޮސް ދޮރު މަތީ ހުރި މީހާއާ ސަލާމްކޮށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ދޮރުމަތީގައި ހުރީ އިސްކޮޅުން ދިގު ބިޔަ ޒުވާނެކެވެ. ބުޅި އިސްތަށިގަނޑު ތުނިކޮށް ކޮށާލާފައި ހުރި އިރުވެސް ކުދި ބުޅި ހުއްޓެވެ. ތުބުޅި މަތިމަސް ހުރީ ކިރިޔާ އެނގޭ ވަރަށެވެ. އެޒުވާނާ ހިނިތުން ވެލަމުން އަޒާންގެ ސަލާން ބަލައިގަނެ އަޒާން އާއެކު ގޮސް ސޯފާ ތަކުގައި އިށީނެވެ.
”އަޅުގަނޑަކީ ޔޫސުފް ޒަރާރް….. އަޅުގަނޑުގެ ޓީމާ ފޯނުން ދެކެވުނު ވާހަކައަށް މަޝްވަރާ ކޮށްލާ އެއްބަސްވުމެއް ހަދަން ތިކޮޅުން އެދިލެއްވީމަ އަޅުގަނޑު މިއައީ…..އަޅުގަނޑަކީ ޓީމް ލީޑަރު އަދި އެޖެންސީގެ ވެރި ފަރާތް“ އެ ޒުވާނާ އަމިއްލަ ތައާރަފެއް ދިނެވެ.
”އާދެ ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުގެ އެދުމަށް އެހާ ބުރަކޮށް އުޅެމުންވެސް ދުރުވީމަ….އަޅުގަނޑަށްވެސް އެނގޭ ޒަރާރް އަކީ ކޮންމެ ކޮންމެ މީހަކާ ބައްދަލުކޮށް އެެއްބަސްވުންތައްވާ މީހެއް ނޫންކަން…..ހަޤީޤަތުގައި ވެސް ރާއްޖޭގައި ތި ގޭންގަކީ އެންމެ ނަން މަޝްހޫރު އަދި އެންމެ ފުޅާކޮށް ކުރިއަށްދާ އެއް ގޭންގަށް ވީމަ އިތުބާރު ކުރަން ބޭނުންވީ“ އަޒާންގެ ވާހަކަ ހުއްޓާލަން ޖެހުނީ ޒަރާރް އަތުން އިޝާރާތް ކޮށް ހުއްޓާލުމަށް އެންގުމުންނެވެ. އެވީ ގޮތެއް ނޭގި އަޒާން ދަތް ކުނޑި ވިކާލިއެވެ.
”ލުކް އަޒާން …..ފުރަތަމަ ކަމަކަށް އަހަރެންނަކީ ގޭންގެއް ގެންގުޅޭ މީހެއް ނޫން އަހަރެން ހިންގަނީ ސްޕައި އެޖެންސީއެއް….ދެވަނަ ކަމަކަށް ލެޓްސް ޖަސްޓް ކަޓް ދަ ކްރެޕް އެންޑް ގެޓް ޓު ދި ޕޮއިންޓް….. މަ މީ ވަރަށް ސްރެއިޓް ފޯވާޑް މީހެއް….ސޯ އެހާ ފޯމަލްކޮށް ވާހަކަ ނުދައްކާ ލެޓްސް ޑިސްކަސް ބިޒްނަސް….. އަހަރެން އަމިއްލައަށް މިއައީވެސް އަޒާން ޒާހިރު ކަން އެނގުނީމަ….އެހެންޏާ ޓީމް މެމްބަރެއް އާންމުކޮށް ފޮނުވާނީ ބައްދަލުވުން ތަކަށް“ ޒަރާރްގެ ވާހަކަ ހުރިގޮތުން އަޒާންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. މަލާމާތުގެ ހިނިތުންވުމެއް ކަމެއް ނޫނީ ޒަރާރްގެ ވާހަކަތަކާ ގަޔާވެވުމުން ދިން ހިނިތުން ވުމެއް ކަމެއް ނޭގެއެވެ.
ދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ޒަރާރް ދިން ގަނޑުތަކެއްގައި އަޒާން ސޮއިކޮށް ނިންމާލުމުން ޒަރާރް ގަނޑުތައް ނަގައިގެން ތެދުވެ ކޯޓު ސީދާކޮށްލާ ރޫތައް ފިލުވާލިއެވެ. އަދި އަޒާންއާ ސަލާމް ކޮށްލަމުން އެތަނުން ނުކުމެގެން ދިޔައެވެ. ޒަރާރް ދިއުމުން އަޒާން ސޯފާއަށް ހަށިގަނޑު ދޫކޮށްލިއެވެ. ކުރިމަތިވެފައިވާ ބޮޑު ކޮޅިގަނޑުތެރެއަށް ފުންމާލަން ނިންމީ ކޮޅިގަނޑުގެ ހުރި ނުރައްކާތެރިކަމަށް ބަލާލުމެއް ނެތިއެވެ. އެކަމުން ފަހުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނުމަށް ވުރެ އަޒާންއަށް މުހިންމުވީ ކޮޅިގަނޑުގެ އެންމެ އަޑި ބެލުމެވެ. ކަންކަމާ ވިސްނިވަރަކަށް އަޒާންގެ ބޯ ހާސްވަމުން ދިޔައެވެ. ސޯފާއިން ތެދުވެ ކޮފީމެޝިނުން ކޮފީއެއް ހަދައިގެން އެބުރި އައިސް ސޯފާގައި އިށީނީ ބޮލުރިހުމަށް ލުޔެއް ލިބޭތޯއެވެ.
………………….
އާޔަތު އެނދުގައި އޮށޯވެލައިގެން އޮތީ ފިކުރަކަށް ގެއްލިފައެވެ. އެކްސިޑެންޓުގެ ފަހުން މިހާރު ގާތް ގަނޑަކަށް މަހެއް ވަނީއެވެ. އާޔަތުގެ ކަމަކީ ކަންކަމާ ވިސްނާ ފިކުރު ކުރުމެވެ. އޮފީހަށް ދިއުން ހުއްޓި ކުރާނެ ކަމެއް ނެތުމުން އާޔަތު ހުންނަނީ ފޫހިވެފައެވެ. އަމިއްލަ ނުކުޅެދުންތެރިކަން އިހްސާސްވާ ހިނދަކު ބަޔާންކުރަން ދަތި ހިތްދަތިކަމެއް ހިތަށް ވެރިވެއެވެ. އެހެން އޮއްވާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ދިނުމުން އަވަސް އަވަހާ ޓީޝާޓުގެ އަތުން މޫނު ފޮހެލީ ބަލިކަށިކަން އެހެން މީހުނަށް ނުދައްކާކަށް ނޫނެވެ. އާޔަތުގެ ކޮންމެ ހިތާމައެއް އަދި ހިތްދަތި ކަމެއް ލޯބިވާ މީހުނަށް ދައްކާ އެމީހުން ދެރަ ކުރަން ބޭނުން ނުވާތީއެވެ.
ބާލީހުން ބޯ ހިއްލާލަމުން އެތެރެއަށް ވަނުމަށް އާޔަތު ގޮވިއެވެ. ދޮރު ހުޅުވާލާފައި ވަނީ ހައިކާއެވެ. ހައިކާ ފެނުމުން އާޔަތުގެ މިލާފައިވާ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އާޔަތުގެ އެކްސިޑެންޓަށް ފަހު ހައިކާ އެގެއަށް އަންނަލެއް ގިނަވިއެވެ. ކުރިން ބޭރަށް ނުކުންނަން ޖެހިލުންވާ ހައިކާ މިހާރު ބޭރަށް ނުކުންނަލެއް ގިނަވިއެވެ. އަދިވެސް ބައެއް ފަހަރު ޖެހިލުންވެ ފަސްޖެހެވެއެވެ. ނަމަވެސް އެތައް ހިތްވަރެއްލައި އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ ހައިކާ މަސައްކަތް ކުރެއެވެ. އެހާ ހިތްވަރު ހައިކާއަށް ދިން މީހަކީ އާޔަތުއެވެ. މިއަދު އާޔަތު ކަހަލަ އެކުވެރިއެއް ލިބުނީތީ ހައިކާ ޝުކުރުވެރިވެއެވެ. އެހެންކަމުން އެކުވެރިޔާގެ މި ކަޅު ދުވަސްތަކުގައި ހިތްވަރުދޭން އެންމެ ކުރީ ސަފުގައި ހައިކާ ހުންނާނެއެވެ.
ހައިކާ އައިސް އާޔަތު ގާތު އެނދުގައި އިށީނެވެ. އާޔަތު ތެދުވަން އުޅުމުން ހައިކާ އެހީވިއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ދެމީހުން އެތަކެއް ވާހަކަ އެއް ދައްކަން ތިއްބެވެ. އެދެމީހުން އެއްތަން ވިއްޔާ ވާހަކަ ހުސްނުވާނެއެވެ. އެގޮތުގައި އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ދެމީހުން ނުކުތީ ސިޓިން ރޫމަށެވެ. އާޔަތު ވީލްޗެއާއަށް އެރުމަށް ހައިކާ އެހީވިއެވެ. އެރެއަކީ އެންމެން މޫވީއެއް ބެލުމަށް ރާވާފައި އޮތް ރެއެއް ކަމުން ޔަލްވީއާއި މަހީރްވެސް ޑިއުޓީ އިން އައިސް ތައްޔާރީތައް ވުމުގައި އުޅުނެވެ.
”މިކުދިން ފިލްމު ބަލަން ތައްޔާރު ވަނީ ދޯ“ އަދީލް ކޮޓަރިން ނުކުމެ ސިޓިންރޫމުގައި ހަރަކާތްތެރިވަމުން ދިޔަ ކުދިންނާ ވާހަކަ ދެއްކިއެވެ. ހައިކާ ހިނިތުންވެލަމުން އަދީލް ގާތު އެމީހުންނާ ބައިވެރިވުމަށް ބުންޏެވެ.
”ތިކުދިން ފިލްމު ބަލާލާ….ބޭބެމެން މުސްކުޅި މީހުނަކަށް ކަމަކުވެސް ނުދާނެ ޅަކުދިން ބަލާ ފިލްމު ތަކެއް“ އަދީލް ހައިކާ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. ފަހަކަށް އައިސް ހައިކާވެސް އެގެއަށް އައިސް އުޅޭތީ އަދީލްމެންގެ ދެމަފިރިންނާ ވަރަށް ގާތް ގުޅުމެއް އުފެދިފައި ވެއެވެ. އެމީހުން ދެކެނީ ހައިކާ އަކީވެސް އެމީހުންގެ އާއިލާ ކުއްޖެއް ގޮތުގައެވެ.
”ހުންނާނެ ޕޮޕްކޯން ހަދާފަ މަތި ޖެހި އެއްޗަކަށް އަޅާފަ….ތިކުދިން ކާން ވީމަ ނަގާ އިނގޭ…..ދައްތަމެން މިދަނީ ބޭބެގެ ރައްޓެއްސެއް ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތީ ބައްދަލު ކޮއްލަންދާން“ ޒީނާ ހައިކާ ގެނެސް ޕޮޕްކޯން ޓައްޕު ދައްކާލިއެވެ.
”ވާއު ޔަމް…..ހާދަ ބައިވަރު ޕޮޕްކޯންއެކޭ ދޯ…..ތޭންކްސް ޒީއްތަ ތީ ހަމަ ބެސްޓު“ ހައިކާ ޒީނާގެ ގައިގަ ކުޑަކޮށް ބައްދާލިއެވެ. ހިނިތުން ވެލަމުން އެއީ ކަމެއް ނޫނޭ ބުނެ ޒީނާ ވަނީ ބޭރަށް ދާން ތައްޔާރު ވާށެވެ.
ސޯފާތައް ދުރުކޮށް ބިންމަތީގައި ބޮޑު ދެ ކުއިލްޓް އަޅައި ކުދި ކުޝަންތައް ރާވައި އެކިވައްތަރުގެ ލުއި ކާނާ ތަކާއި ފިނި ބުއިންތައް ގެނެސް އަތުރާލިއެވެ. އެތައް ދުވަހަކަށް ފަހު އެންމެން އެކުގައި ވަގުތު ހޭދަކޮށް މަޖާކޮށްލުމަށް ޔަލްވީއާއި އަޒާން ރޭވި ރޭވުމެކެވެ. އާޔަތުގެ މޫޑު ރަނގަޅު ކޮއްލުމަށްށާއި ވޭތުވެ ދިޔަ ދުވަސްތަކުގައި ޔުވާންއާ އޮތް ގުޅުން ހީނަރުވެފައި އޮތުމުން ކަންކަން ހަމައަކަށް އަޅުވައި އެންމެން އެކީ ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައެވެ.
”މިހާރު އެޔޮއް 8 ޖަހަނީ އަދިވެސް އަޒާން އެއް ނާދޭ…..ނުވާވަރުން ޖެހޭނެ ކަންކަން ރާވަން….މިފިރިހެނުންނަކީ ވަކި މާ ގަޑިއަށް އުޅޭބައެއް ނޫނޭ…..އަހަރުމެން ކިރިޔާ ރެޑީވެލަން ގަޑިކޮޅެއް ނަގާއިރަށް މި މީހުން އަހަރުންނަށް ނުގޮވާ އެއްޗެއް ނޯންނާނެ…..މި ލިއަމްވެސް ހީވާނީ އަހަރެން ލަސްވާ އިރަށް ރޮލަށް ކާލަފާނެހެން……7:30 ގަ އަންނަން ބުނި މީހާ އަދިވެސް އައީއެއް ނޫން…..ވަރަށް ފޫހިވޭ ދެން….ބަލައްޗެ އައިމަ ކުޅި ދައްކާލާނަމޭ…..ހުރިހާ ޕްލޭންއެއް ހަދާފަ މިތަން ރެޑީކުރަންވެސް ހެލްޕްވީއެއް ނޫނޭ…..އަޒާން އިޒް ސޯ ފޭކް…..ކަޓު ޖައްސާ މީހެއް ހުވާ“ ކުދި ކުޝަންތައް ރާވަމުން ޔަލްވީ ދިޔައީ ކުދި ކިޔަމުންނެވެ. އާޔަތު އާއި ހައިކާ ހިނިއައިސްފަ ބަލަން ތިއްބެވެ. މަހީރްވެސް ޔަލްވީ އާއެކު އެއްޗެހި އެތުރުމުގައި އުޅުނެވެ.
”މިދެމީހުން އެބަ ތިއްބެއްނު އަދި ހެވިފަ….ވަރަށް މަޖާ އެބަވޭ ދޯ“ އާޔަތު އާއި ހައިކާ ދިމާއަށް ޔަލްވީ ކުދި ކިޔާލިއެވެ. އާޔަތު ހެވިފައި އިނދެ ބޮލުން އިޝާރާތް ކުރީ ގޭގެ ދޮރާ ދިމާއަށެވެ. ޔަލްވީ ފަސްއެނބުރި ބަލާލިއިރު އަޒާން އާއި ލިއަމް ދޮރު ކައިރީ ތިއްބެވެ. ލިއަމް ހެވިފައި ހުރިއިރު އަޒާން ހުރީ ދޮރުގައި ލެގިލައިގެން ނިތައް ރޫގިނަ ކޮއްލައިގެނެވެ. ޔަލްވީ ވަގުތުން ލޯމަރާލަމުން ދުލު ކުރީގައި ދަތް އަޅާލިއެވެ. އެދެމީހުން އެތާގައި ތިބޭތާ ވީ ކިހާއިރެއް ކަމެއްވެސް ނޭގެއެވެ. އާޔަތު އާއި ހައިކާ ވެސް އެއްޗެއް ބުނީކީ ނޫންވިއްޔާއެވެ.
”އަހަރުމެން ނެތި އަހަރުމެންގެ މަސްކައި ރޯސްޓުކޮށް ކުދި ކުރަނީ ދޯ މީ…. މެޑަމްމެނަށް ވަކިވައްތަރެއްގެ ޗިޕްސްއެއް ނޫނީ ކެވެނީކީއެއްނޫން…..ދެން އެ ހޯދަން މުޅި މާލެ ކުޑަކޮށް ދުއްވަން މިޖެހެނީ…..އެވަރުންވެސް އަހަރުންނެއްނު މި ގޯސްވީ“ ޗިޕްސް ކޮތަޅު ޔަލްވީއަށް ދިއްކޮށްލަމުން އަޒާންވެސް ކުދި ކިޔާލިއެވެ. އަޒާންއަށް ރައްދު ނުދީ ޔަލްވީއަކަށް ނުހުރެވުނެވެ. ދެމީހުންގެ ޒުވާބުގަނޑު ފެށުނީ އެހިސާބުންނެވެ. ލިއަމް އެދެމެދަށް ނުވަތް ނަމަ ދެމީހުން ބޮޑު ތަޅާފޮޅުންގަނޑެއް ފެށީހެވެ.
”މި ހަމަ އާއިލީ ކަމެކޭ ދޯ…..ދައްތަ ނުތޮޅެންޏާ ކޮއްކޮ ޖެހޭނެ ތޮޅެން“ އަޒާން ބަނޑަށް އިވޭވަރަށް ކުސްތަޅާލިއެވެ.
”އެކްސްކިއުޒްމީ؟ ވަޓް ޑޫ ޔޫ މީން؟“ އަޒާން ބުނި އެތި އާޔަތުއަށް ރަނގަޅަށްވެސް އިވުނެވެ.
”ނަތިން ލަވް…..އެހެން ބުނި އެއްޗެއް ނޫން“ އަޒާން އަވަހާ ވާހަކަ އޮއްބާލީ އާޔަތު ފަށައިފިއްޔާ އޭނައަށް ސަލާމަތެއް ނެތްކަން ރޭކާލުމުންނެވެ. އަޒާން ގޮސް އާޔަތު ގޮނޑިން ނަގައި އުފުލާލިއެވެ. އާޔަތު ދެކޮޅު ހަދަމުން ދިޔައީ އަމިއްލައަށްވެސް ވާނެ ކަމުގައި ބުނަމުންނެވެ. އެންމެން ކުރިމަތީ އަޒާން އުޅޭގޮތުން އާޔަތު އިނީ ލަދުންނެވެ. އަޒާންގޮސް އާޔަތު ކުއިލްޓް މަތީ ބޭންދިއެވެ. އަދި އާޔަތު ގާތުން ތަންކޮޅެއް ހަދައި އެތަނުގައި އިށީނެވެ. ޖެހިގެން ލިއަމް އާއި ޔަލްވީވެސް އިށީނެވެ. މަހީރް އާއި ހައިކާ ވެސް އެމީހުންގެ ޖާގައިގަ ހަމަޖެހިލިއެވެ.
”ކޮބާ ޔޫވީ ނާދޭތަ….ގުޅީމަ ބުނި ދޯ އަންނާނަމޭ“ އަޒާން ލިއަމް ގާތު އެއްސެވެ. ލިއަމް ބޯ ޖަހާލިއެވެ.
”އެޔޮއް އައީނު….އާދޭ އަވަހާ އިށީނަން ފަށަން ވެއްޖެ“ ދޮރު ހުޅުވާލާފައި ވަތް ޔުވާން ފެނި ލިއަމް ބުންޏެވެ. ހިނިތުންވެލަމުން ޔުވާން އައިސް ހައިކާ ކައިރީ ހުރި ހުސް ޖާގައިގަ އިށީނެވެ. ޔުވާން ފެނުމުން ހައިކާ ހިނިތުން ވެލިއެވެ. ޔުވާންވެސް ރައްދުގައި ހިނިތުންވުމެއް ބަދަލު ކޮއްލިއެވެ.
”މިންމި ކޮބާ ތަ މައިކް މިހާރު ހާދަ ނުފެނޭ ދޯ….މާ ބުރަކޮށް އުޅޭ ދުވަސް ކޮޅަކީތަ؟“ އަޒާން ކުއްލިއަކަށް މީކައިލް މަތިން ހަނދާންވެގެން އަހާލިއެވެ.
”ނޭގެ މިންމިއަކަށް….ލިއަމްބެގެ ކްލޯޒް މީހެއް ނޫންތަ އެއީ….ލިއަމްބެ ކައިރީ އަހާބަ….މިންމިއަށް ކިހިނެއް އެނގެނީ ކައި ވީތަނެއް“ މަހީރްގެ މޫނުގެ ކުލަވަރު ވަގުތުން އޮއްސުނެވެ.
”މަށަކަށްވެސް ހަބަރެއް ނުވޭ މިހާރު…..ބައެއް ފަހަރު ބީކޭ ތެރެއިން ފެނޭ އެކަމް ވާހަކަ ދައްކަން ފުރުސަތެއް ނުލިބޭ….އަހަރުން ހީކުރީ މިންމިއާ މައިކްއާ ކަމެކޭ އޭރު އެހާ ކްލޯޒްކޮށް އުޅުނީމަ“ ލިއަމް ބުންޏެވެ.
މަހީރް އިތުރު އެއްޗެއް ނުބުނެ އިސްޖަހާލީއެވެ. އިތުރަށް މަހީރްގެ މޫޑު ގޯސްނުކުރުމަށް އެމީހުން އެވާހަކަ ނުދައްކަން ނިންމިއެވެ. ލިއަމް ނިންމީ ޔަލްވީ ކައިރީ ބުނެގެން ފަހުން މަހީރްއާ ވާހަކަ ދައްކާލާށެވެ.
މޫވީ ފެށިގެން ކުޑައިރުކޮޅެއް ނުވަނީސް އަންހެން ކުދިންތައް ބިރުން މޫނުގައި އަތް އަޅަން ފެށިއެވެ. އިންޑޮނޭޝިއާގެ ބިރުވެރި ފިލްމަކަށް ވުމުން އަސްލާ ވަރަށް ވައްތަރެވެ. ހީވަނީ ސްކްރީން ފަޅާލާފައި ދެންމެ ދެންމެ ބިރުވެރި އެއްޗެއް އައިސްދާނެހެނެވެ. އާޔަތު ބިރުން އުޅޭވަރު މީގެ ކުރިން އަޒާންއަށް ހުރީ ފެނިފައެވެ. އެހެންކަމުން އާޔަތު އިތުރަށް ބިރުގެންނެވުން އަޒާންއަށްވީ މަޖާ ކަމަކަށެވެ. މަޑުން އިނދެލާފައި ކުއްލިއަކަށް ކަންފަތް ދޮށުގައި ހަޅޭއްލަވައިގަނެއެވެ. ބިރުން އިން އާޔަތު ކޮންމެފަހަރަކު ސިއްސައިގެން ގޮސް ހަޅޭއްލަވަމުން އަޒާން ގައިގަ ހިފައިގަނެއެވެ. ޔަލްވީ އާއި ހައިކާވެސް އަޒާން ދިމާއަށް ހަޅޭއްލަވައިގަތީ ބިރުންނެވެ. ލިއަމް އާއި އަޒާން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.
”ވަރަށް މަޖާ އެބަވޭ ދޯ މި މީހުނަށް…..އަދި މާ ބިރު ކުޑަކަމަށް ހެދިގެން އެބައުޅެއޭ…..ޔަޤީން މި މީހުންވެސް އެކަނި ތިބެން ބިރުގަންނާނެ….ރަނގަޅަށް ވަންޏާ އެކަނި ފާޚާނާއަށްވެސް ވަންނަން ނުކެރޭނެ“ އާޔަތު އަޒާންއަށް ލޯ އަޅާލަމުން ބުންޏެވެ. އަޒާން އަދިވެސް ހެނީއެވެ.
ހައިކާ ފެންފުޅިއެއް ނަގަން ފްރިޖު ކައިރިއަށް ދާން ނުކެރިގެން އުޅުމުން ޔުވާން ހައިކާއާއެކު ދިޔައެވެ.
”ހެއި ތޭންކްސް ފޯ ކަމިން ވިތް މީ“ ހައިކާ ޔުވާންއަށް ހިނިތުން ވެލިއެވެ. ޔުވާން ހަމައެކަނި ބޯ ޖަހާލީއެވެ.
”ޔޫ ލުކް ގުޑް ތިހެން ފްރީކޮށް އުޅެން ފެށީމަ…..އިޓް ސޫޓްސް ޔޫ…..ހެޕީ ޓު ސީ ޔޫ ލައިކް ދިސް“ ޔުވާން ހައިކާއާ ހަތަރު ކަޅި ހަމަކޮއްލިއެވެ. ހައިކާ ލަދުން އިސް ޖަހާލީ ޔުވާންގެ އެ ތޫނު ނަޒަރުން އޭނާ ވިރިގެން ފައިބަން އުޅޭހެން ހީވާތީއެވެ. ޔަލްވީ ގޮވި އަޑަށް ދެމީހުން އެއްފަހަރާ ސިހުނެވެ. ހައިކާ ފެންފުޅި ހިފައިގެން އަވަސް އަވަހާ އެތަނުން ދިޔައެވެ. ހައިކާގެ ފަހަތުން ޔުވާންވެސް އެނބުރި އައެވެ.
……………………..
އާދުވަހަކަށް އިރުއަރައި ދުނިޔެ ދޮން ކުރަމުން ދިޔައެވެ. އޮފީސްތަކުގައި އުޅޭ މުވައްޒަފުންތައް އެމީހުންގެ ބްރޭކް ގަޑިތަކުގައި ކެފޭތައް ފުރަމުން ދިޔައެވެ. ހުޅުމާލޭގެ ހުންނަ ކުޑަ ކެފޭއެއްގައި އަޒާންވެސް އައިސް އިނެވެ. ލައިގެން އިން ކަޅު ގަމީހާއި ކަޅު ފަޓުލޫނުން އޮފީހުގައި އުޅެފައި އައިސް އިންކަން އެނގެއެވެ. ކުރިމަތީހުރި ކަޅު ކޮފީތަށިން އެތިފޮދެއް ބޯލަމުން އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ.
އަޒާންގެ އިންތިޒާރު ނިމުމަކަށް އައީ ކުރިމަތީހުރި ގޮނޑި ދަމާލާފައި ޒަރާރް އިށީނުމުންމެވެ. ކަޅު ކޮފީއަކަށް އޯޑަރު ދީފައި ޒަރާރް ނެގީ އައިޕެޑެކެވެ.
”އަޒާން ޒާހިރް އަހަރުމެންގެ މެދުގައި ވެވުނު އެއްބަސް ވުމާ އެއްގޮތަށް މިހާރުވާނީ މަސައްކަތް ފެށިފައި…..މީ އާދައިގެ ކަމެއް ނޫން….މިކަމުގެ ފަހަތުގައި ވަރަށް ބޮޑެތި ނުފޫޒުގަދަ މީހުންގެ އަތްތައްވޭ…..ކުރަން މާ ފަސޭހަކަމެއް ނޫން މީކީ….އެކަމު އަހަންނަށް ނުވާނެ ކަމެއް ނޯންނާނެކަން އަޒާންއަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ…..ކަމުގެ ބޮޑުކަމުން ސީދާ އަހަރެން އަމިއްލައަށް މިކަންތައް ބަލާ ހޯދަން ނިންމައިފިން…..ފުރަތަމަ ކަމަކަށް އެދުވަހުގެ އެކްސިޑެންޓް ހިނގުމުގެ އިރުކޮޅެއް ކުރިން ވަނީ ކަޅުކުލައިގެ ކާރެއް މިސް އާޔަތުގެ ފަހަތުން ފާރަލަމުން ގޮސްފަ…..ހުޅުމާލޭގެ އެކި ހިސާބުތަކުގައި ހުރި ކެމެރާތަކަށް އަރާފަ ވަނީ….ގިނަ އަދަދެއްގެ ފުޓޭޖުތައް ހުރީ ފޮހެލެވިފައި…..ބަލާބެލުމަށް ހެކް ކޮށްފައި އެ ޑިސްޓްރޯއި ކޮއްފައި އެހުރީ…..ވަރަށް މަސައްކަތުން ދެތިން ފުޓޭޖުވަނީ ރިކަވާ ކުރެވިފައި….އެހެންވީމަ އެކާރުގެ މައުލޫމާތު ހޯދެނިކޮށް އަޑީގައި ތިބި މީހުނަށް ވާސިލްވެވިދާނެ……މައްސަލައަކީ ކާރަކީ އިލީގަލީ ރާއްޖެ އެތެރެ ކުރެވިފައިވާ ކާރެއް…..ރަޖިސްޓްރީ ކުރެވިފައިވަނީ ކާކުގެ ނަންމަތީކަމެއް ނޭގޭ…..ހީކުރި ވަރަށްވުރެން އެމީހުން ހުޝިޔާރު….. ހީވަނީ ވަރަށް ޕްލޭންކޮއްގެން ކުރެވިފައިވާ ކަމެއްހެން…..އެހެންވެ އެވިޑެންސްއެއްވެސް ހޯދަން އެހާ އުނދަގުލީ“ ޒަރާރްއަށް މިހާތަނާ ލިބުނު ކުރިއެރުން ތަފްސީލުކޮށް އަޒާންއަށް ކިޔާދިނެވެ.
”ވަރަށް ބޮޑަށް ތޭންކްސް އައި ރިއަލީ އެޕްރިޝިއޭޓް އިޓް…..މިހާ ކުޑަ ވަގުތު ކޮޅެއްތެރޭގައިވެސް އެހާ ބޮޑު ކުރިއެރުމެއް ލިބުނީމަ އެބަ ޔަޤީންވޭ މީހުން ޔޫސުފް ޒަރާރްގެ ކުޅަދާނަކަމުގެ ވާހަކަ ދައްކަނީ އެހެން އެހެނެއް ނޫންކަން…..މޭން ޔޫ އާ ޓޫ ގުޑް ވިތް ދިސް…. އަމް ގްލޭޑް އައި ރީޗްޑް ޔޫ ފޯ ދިސް“ އަޒާން ހަޤީޤަތުގައިވެސް ޒަރާރްގެ މަސައްކަތްފެނި ހައިރާންވިއެވެ. މިހާތަނަށް ފުލުހުންނަށްވެސް ނުލިބުނު ކުރިއެރުން ޒަރާރް އެވަނީ އެންމެ 24 ގަޑިއިރު ތެރޭގައި ހޯދާފައެވެ.
”ކަންތައް ވީމަ ޝުކުރު އަދާކުރާނީ….އިޓްސް މައި ޖޮބް އެންޑް މައި ޕެޝަން….. އަދި އެއްވާހަކަ އަޒާން ހަނދާންކުރާތި ތިކުޅެވެނީ އަލިފާނާކަން…. ސީދާ ކޮން ބައެއް ކަން ނޭގުނަސް އަޒާންއަށްވެސް އެނގޭނެ މީ ނޯމަލް ބައެއްގެ ކަމެއް ނޫންކަން….ސޯ ކޮންސެކުއެންސެސް އަންނާނެ….ބީ ޕްރިޕެއާޑް ފޯ އިޓް…..މަވެސް އެކަން ދަނެގެން މިކަމާ ހަވާލުވީ….އައި ލައިކް ޓު ޕްލޭ ވިތް ފަޔާ“ ނުލަފާ ވައްތަރަކަށް ހިނިތުންވެލަމުން ޒަރާރް ބުނެލިއެވެ. އަޒާން ބޯ ޖަހާލީ ޒަރާރްގެ ވާހަކައާ އެއްބަސް ވެވޭތީއެވެ.
އާޔަތުގެ އެކްސިޑެންޓްގެ ހަޤީޤަތް ހޯދުމަށް އަޒާން މަސައްކަތް ފެށީ ފުލުހުންގެ ފަރާތުންވެސް އެއްވެސް ކުރިއެރުމެއް ނުލިބޭތީއެވެ. މަސްދުވަސްވީއިރު އެއްވެސް ކަމެއް ނޭގި އޮތުމުން އަޒާންއަށް ޝައްކުވާންފެށީ ނުފޫޒުގެ ބޭނުން ހިފައިގެން އެކަމަށް ހުރަސް އަޅަމުންދާކަމެވެ. އާޔަތުގެ ރައްކާތެރިކަމަށް ކޮންމެކަމެއް ކުރަންވެސް އަޒާން ހުރީ ތައްޔާރަށެވެ.
ޒަރާރްގެ ސްޕައި އެޖެންސީއަކީ މުޅި ރާއްޖެއަށް މަޝްހޫރު ކުންފުންޏެކެވެ. ގޮތް ނޭގޭ މަރުތަކާއި، މީހުން ރަހީނު ކުރުމާއި، ކޮރަޕްޝަންގެ ކަންކަން ރާއްޖޭގައި އާންމުވެފައިވާތީ އެކަންކަން ހުއްޓުވުމަށް ޒަރާރްގެ އަމިއްލަ ކުންފުނިން މަސައްކަތްކުރެއެވެ. އެތައް ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ”ޒީ އެޖެންސީ“ އަކީ ކުރިއަރަމުން އަންނަ އެންމެންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. ފުލުހުންނާއި ގުޅިގެންވެސް އެތައް ފަހަރަކު ޒީ އެޖެންސީ ވަނީ މަސައްކަތް ކޮށް ކާމިޔާބުވެފައެވެ. އެޖެންސީގެ މެމްބަރުންނަކީ ރާއްޖެއިން ބޭރުން ޙާއްސަ ތަމްރީނުތަކެއް ލިބިފައިވާ ހުނަރުވެރި ޒުވާނުންތަކެކެވެ. ޒަރާރްއަށް ކުރެވޭ އިތުބާރެއްގެ ސަބަބުން އަޒާންވެސް ޒަރާރް ކިބައިން އެހީތެރިކަމަށް އެދުނީއެވެ.
………………………
”ބަލަ މަށަކަށް ނޭގޭނެ ދޯ އޭނަ އެހާ ގަމާރުވާނެ ކަމަކަށް…..މަހީކުރީ އޭނަ އަހަރުންނަށް ލޯޔަލްވާނެ ކަމަށް އެކަމް އެ @$/% އަހަރުންނަށް ލަނޑުދޭން އެއުޅެނީ“ ބޮޑު ގޮނޑީގައި އިން ފިރިހެން މީހާ އަތުގައި ހުރި ތަށިން އެތިފޮދެއް ބޮމުން ކުރިމަތީ ތިބި ދެ ފިރިހެނުންނާ ވާހަކަ ދެއްކިއެވެ.
”ކަލޭ ކޮންމެ ގޮތެއް ހަދާފަވެސް އެ @$/% ހުއްޓުވާތި…..އޭނަ އަނގައިން އެއްޗެއް ނުކުތިއްޔާ އަހަރުން އެންމެންގެ ދުވަސްދިޔައީ…..އެ ޒާހިރުގެ ކުންފުންޏަކީ އެކަކަށްވެސް ދޫކުރާނެ ބައެއް ނޫން….އެމީހުންނާ ހަމައަށް އެހަޤީޤަތް އަދި ނުދާތީ އަހަރުމެންނަށް މިހެން މި ތިބެވެނީ“ ކަނާތް ފަރާތުގައި އިން ތަލަ ފިރިހެން މީހާ ބުނެލިއެވެ.
”އެ ތެދެއް….އަޑިއަޑިން މިކަން ނިމޭނޭ މަވެސް ހީކުރީ…..ކަމެއްގަ ނުބެދި ނިމެން އޮތް ކަމެއްމީ….އެކަމް ކީއްކުރާނީ އެ ނިކަމެތި އަންހެން ކުއްޖާ އަހަރުން ހީކުރިވަރަށް ވުރެ ހުޝިޔާރު…..ސީދާ އަރާ ބޮންތީގަ އޭނަ ހިފީ ފުރަތަމަވެސް….އަހަރުން ހީކުރިހާ އާދައިގެ ކުއްޖެއް ނޫން އެއީ….މުޅި އާއިލާ ނައްތާލަން މަސައްކަތް ކޮއްވެސް އެކަންވެސް ނާކާމިޔާބު މިވީ“ ތިން ވަނައަށް އިން ފިރިހެން މީހާވެސް އިތުރު ކޮއްލިއެވެ.
ތިން ފިރިހެނުން ތާސްކުޅެމުން ތައްޓެއްގައި ހުރި ޒާތެއްގެ ބުއިމެއް ބޮމުން އެކި ރޭވުންތައް ރާވަމުން ދިޔައީ މީހަކަށް ހިލަންވެސް ނުވާހާ ސިއްރުންނެވެ.
Comments (6)
Comments are closed.
Omgg i missed tqdr sm. Love todays ep💗💗. Can’t wait to see whos behind all this!!
Yess after a while tqdr is backkk. Lets see who’s the mastermind behind all this evil. Thankyou sm for the lovely comment. Lyy💗
haiiii… vrh reethi mi part ves ingay
i wonder who is behind those evil plann..
i think its azaan ge dad?? or idk
anyway, kon irakun next part?
cant wait hehe
when next?
Heyy! thankyou raajiha for the beautiful comment💗 yes the villain is so unpredictable right. Who could it be? I hope you will like the next episode as well. New episode will be out on Saturday or Sunday.
Next part kn irakun upload kuranee ?
Hii, next episode will be out on Saturday or sunday. Hope you will like the new episode as well💗