
ތަޤުދީރު – 32

އާޔަތުގެ ފިޒިއޯތެރަޕީ ސެޝަން ނިމުމުން ކޮންމެދުވަހެކޭ އެއްގޮތަށް މިއަދުވެސް އަޒާން ދިޔައީ ބާސްކިންރޮބިން އިން އައިސްކްރީމް ބޯށެވެ. ފިޒިއޯތެރަޕީއަށްދާ ދުވަހެއް ވިއްޔާ ނިންމާލާފައި ގެއަށް ދިއުމުގެ ކުރިން އަޒާން އަބަދުވެސް އާޔަތު ގޮވައިގެން ކާރުގައި މާލެ ވަށާ ބުރެއްޖެހުމަށްފަހު އައިސްކްރީމް ބޯން ދެއެވެ. އާޔަތުއަށް އެންމެ ކަމުދާ އައިސް ކްރީމް ހިފައިގެން އައިސް ކާރުގައި ތިބެގެން އެކި ވާހަކަތަކުގައި ތިބެ އެ ބޮމުން ދިޔައެވެ.
”ބައި ދަ ވޭ….އަޒާންއަށް ކިހިނެއް އެނގުނީ އަހަރެންގެ ފޭވްރިޓް އައިސްކްރީމް ފްލޭވާ؟ ދެޓްސް ސޯ ސަސް އަސްލު….އަހަރެން ހިތަށްއެރިއޭ ކިހިނެއްހޭ އަހަރެންގެ ފޭވްރިޓް އެއްޗެހި މި އެނގެނީ….ފުރަތަމަ ވައިޓް ލިލީސް….އޭރު އަދި އަޒާންއަށް އަހަރެން ނުވެސް އެނގޭނެ“ އަތުގައި އޮތް އައިސްކޯން ގައި ދޫ ޖައްސާލަމުން އާޔަތު ލޯ ހަނި ކޮއްލިއެވެ.
”ދެން ތީ ސުވާލެއްވެސް އޮވެގެންވާނެ ކަމެއް ނޫނެއްނު…..އެމީހަކު ހިތް އެދޭކަމެއް ހޯދުމަކީ މާ އުނދަގޫ ކަމެއް ކަމަށް އަހަރެން ނުދެކެން….. އެހެން ނޫނަސް އެހާ ލޯބިކޮށް ހުންނަނީ ހަމަ ލިލީ އެއްހާ ޗާލު ވިއްޔާ ކަމަނާ…..މަގޭ ލޯބި ލިލީ“ އާޔަތުގެ ތުންފަތް ކައިރީ ތިރީގައި ހޭކިފައި ހުރި އައިސްކްރީމްކޮޅު އަޒާންގެ އަތުގެ ބޮޑުވާ އިނގިލިން ފޮހެލުމަށްފަހު އިނގިލިން ރަހަ ބަލާލިއެވެ. އާޔަތު ލޯ ބޮޑުކޮށްލާފައި ބަލާލީ އަޒާން ކުއްލިއަކަށް އެކުރިކަމެއް ޤަބޫލުނުކުރެވިގެނެވެ.
”ހޫން އެއްކަލަ ރޯމިއޯ ދެން ފެށުނީ އޭ ދޯ….. ހަމަ އަސްލުވެސް އަހަރެން ހީނުކުރަން އަޒަާން ތީ އެހާ ޗީޒީ މީހެއް ކަމަކަށް…..ފްލާޓް ކުރުމުގައި ވެސް ހައްދެއް ނޯވޭ“ އާޔަތު ދެ ފަރާތަށް ބޯ ހޫރާލަމުން ޕިސްޕިސް ލައްވާލިއެވެ. ފަހަކަށް އައިސް އަޒާން އާއި އާޔަތު އާއި ދެމެދު އެކުވެރިކަން ދިޔައީ ބަދަހިވަމުންނެވެ. އަޒާން ބަހައްޓާ ގާތްކަމާއި އަޅާލުމަށް މަޑުމަޑުން އާޔަތު ދިޔައީ އާދަވަމުންނެވެ. ފުރަތަމަކޮޅުގައި ގޮތްދޫ ނުކޮށް އެއްވެސް މީހަކަށް އާޔަތުއަށް އެހީތެރި ވުމަށް ފުރުސަތު ދޭން ދެކޮޅުހަދަމުން ދިޔައީ މީހަކަށް ބުރައަކަށް ވެދާނެތީއެވެ. އެއްވެސް މީހަކަށް ބުރައަކަށް ވުމަށް އާޔަތު ނޭދެއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އާޔަތުއަށް ވިސްނުނީ އެންމެންވެސް އާޔަތުއަށް ކަންކަން އެކޮށްދެނީ އާޔަތުދެކެވާ ލޯތްބެއްގެ ސަބަބުން ކަމެވެ. އެންމެން ވެސް ހުރިހާ ކަމެއް ކޮށްދެނީ ހިތުންރުހުމުންނެވެ. އެކަން މިއަދު އާޔަތު އުފަލާއެކު ބަލައިގަނެއެވެ. ފުރަތަމަ ނުހިނގޭކަން އެނގުނު ދުވަހުން ފެށިގެން އާޔަތު ދިޔައީ އެއްވެސް މީހަކާ އަނގައިން ވެސް ބުނެނުލާ އަމިއްލަ ނަފްސު އެކަހެރި ކުރަމުންނެވެ. ގިނަ ވަގުތު އިނދެވެނީ އަނގައިން ނުބުނެ ފިކުރެއް ކުރުމުގައެވެ. އެކަމުން އަރައިގަތުމަށް އާޔަތުގެ އާއިލާ މީހުންގެ އިތުރުން އަޒާން ވަރަށް ބޮޑަށް އެހީވިއެވެ.
ނޭގުމެއްގެ ތެރޭގައިވެސް އާޔަތުގެ ހިތް ދިޔައީ އަޒާންއަށް ލެބެމުންނެވެ. ކުރީގައި އަޒާންއާ ދޭތެރޭ ވިސްނުނީ އެޓޭޗް ވެފައި ހުރުމުން ކަމަށް އާޔަތުއަށް ހީވިއެވެ. ނަމަވެސް މިހާރު އާޔަތުގެ ހިތް ބުނަނީ އެހެން އެއްޗެކެވެ. އެހިތުގައި އާ ވިންދެއް ޖަހަން ފަށައިފައިވާ ކަހަލައެވެ. ކޮންމެގޮތެއް ވިއަސް އާޔަތު އަކީ ފަސޭހައިން ބެހިގެންދާނެ މީހެއް ނޫނެވެ. އެހާ ބޯހަރުވެފައި ފަސޭހައިން ގޮތްދޫ ނުކުރާނެއެވެ. އަމިއްލަ އިހްސާސްތައް ފަސްއަޅައި ފޮރުވުމަކީ ނުލާހިކު މޮޅުކޮށް އާޔަތު ކޮށްލާކަމެކެވެ. އަޒާން އާއި ދެމެދު ކޮންމެ ދުވަހަކުވެސް އެތަކެއް ޖެއްސުމަކާއި މަޖާކުރުމާއި ދެބަސްވުން ކުރިއަށް ދެއެވެ. އެކަކު އަނެކަކަށް ދެބަސްވެ ކޯޅުންގަނޑެއް ނުހިންގައިފިނަމަ އަޒާން އާއި އާޔަތުގެ ދުވަސް ފުރިހަމަ ނުވާ ކަހަލައެވެ.
އާޔަތުގެ ޗޮކްލެޓް އައިސްކްރީމް ބޮއެ ނިމުނުއިރު މުޅި އަތުގައާއި އަނގަމަތީގައި ހޭކިފައި ހުއްޓެވެ. ޓިޝޫ ފޮށިން ތެތް ޓިޝޫއެއް ނަގައި އަޒާން ދިއްކޮށްލިއެވެ. އޭގައި ހިފައި އާޔަތު އަތް ފޮހެން ފެށިއެވެ. ”އަހްހް….އަމް ސޯ މެސީ….އައިސްކޯން ބޯންވެއްޖެއްޔާ މިވަރު ނުވެ ނުދާނެ“ އާޔަތު އަމިއްލައަށް ކުދި ކިޔަމުން އަތް ފޮހުނެވެ.
އަޒާން ސީޓުގެ ކުރިއަށް ޖެހިލަމުން އާޔަތުއާ ދިމާއަށް ގުދުވެލިއެވެ. ކުދިކިޔަން އިން އާޔަތު ކިހިނެއްވީހޭ ބުނެ ބުމަ އަރުވާލިއެވެ. އަޒާން ދެން ކުރިކަމަކުން އާޔަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާޔަތުގެ ތުންފަތް ކައިރީ ހޭކިފައި ހުރި އައިސްކްރީމްކޮޅުން އަޒާން ރަހަބަލާލީއެވެ. އަދި އެވަރުން ފުދުނުހެން ހީއެއް ނުވެއެވެ. އިތުރަށް ގާތްވެލަމުން އަޒާން އެތުންފަތުގެ ފޮނިމީރުކަން ލިބިގަތެވެ. މަޑުމަޑުން އާޔަތުގެ ލޯ މެރުނެވެ. ހީވީ އަޒާންއަށް ލިބުނު ފެހި ސިގުނަލެއް ހެނެވެ. އަޒާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެގޮތުގައި ތިއްބާ އަޒާންގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތުކޮޅު ދެމިގެންދާން އަޒާން ބޭނުންވިއެވެ. ފޯނު ރިންގުވުމުން ފޯނު ދެކެވެސް ރުޅިއާދެވުނީ އެހެންވެއެވެ.
”ސަމްވަންސް ކޯލިން“ އާޔަތު ދުރުވެލަމުން ފޯނަށް އިޝާރަތް ކޮށްލީ ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުންނެވެ. ”މްމްމްމް….ޑެލިޝިއަސް“ އާޔަތުގެ ނިތުގައި ބޮސްދެމުން އަޒާން ފޯނު ކަންފަތުގައި ޖަހާލީ ހިނިތުން ވެލައިގެން އިނދެއެވެ. އާޔަތުގެ މޫނު ވަގުތުން ރަތް ވިއެވެ. އަޒާންގެ މޭގައި އަތްވިއްދާ ދުރަށް ކޮއްޕާލަމުން ކަޅިވެސްއަޅާލިއެވެ.
އަޒާންގެ މޫނަށް ސީރިއަސްކަން ވެރިވީ ފޯނުން ދެއްކި ވާހަކައަކުންނެވެ. ފަހުން ގުޅާނެކަމުގައި ބުނެ ފޯނު ކަނޑާލަމުން ބުނީ ދާން ޖެހިއްޖެ ކަމުގައެވެ.
”ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟“ އަޒާންގެ މޫޑު ބަދަލުވިތަން ފެނި އާޔަތު އެހިއެވެ.
”އޮފީސް ކަމެއް….ސަމްތިން ކޭމް އަޕް….ޑާރލިންގް ލެޓްސް ގޯ ހޯމް….ދެޓް ވޯޒް ދި ބެސްޓް މޮމެންޓް އެވާ“ އާޔަތުގެ ކޮލުގައި ފިރުމާލަމުން އަޒާން ބުންޏެވެ. އެބުނީ ކީކޭކަން ނަގައިގަނެވުމުން އާޔަތު ލަދުން އަނެއްފަރާތަށް އެނބުރުނެވެ. އާޔަތުގެ ލަދުވެތިކަން ފެނި އަޒާންގެ ހިތް ލޯބިން ފުރުނެވެ. އެއީ މަދުން ނޫނީ އާޔަތުގެ ނުފެންނަ ސިފައެކެވެ.
………………………….
”ކޮއްކޯ ދައްތައަށް ފެން ފޮދެއް ދީބާ“ މެޑިކަލް ވޯޑުގައި ބާއްވާފައި އޮތް ދުވަސްވީ އަންހެން މީހާ ޔަލްވީއަށް ގޮވިއެވެ. ވޯޑުގައި ބާއްވާފައި ތިބި ބަލިމީހުންގެ ހާލު ބަލަމުން ފަހަރަކު ބަލިމީހަކާ ވާހަކަ ދައްކަން ހުރި ޔަލްވީ އަވަހާ ދިޔައީ އެ ދައްތައަށް ފެންފޮދެއް ދޭށެވެ. ތައްޓަކަށް ފެން އެޅުމަށްފަހު ދައްތަގެ ބުރަކަށީގައި ހިފާ ތެދުކޮށް ތުބުގައި ފެންތަށި ޖައްސާލަދިނެވެ. ތަށިއެއްކޮށް ހުސްކޮށްލުމަށްފަހު ދައްތަ އެނދުގައި އޮށޯވެލިއެވެ.
”ޝުކުރިއްޔާ ކޮއްކޯ…. ތީ ވަރަށް ހިތްހެޔޮ ކުއްޖެއް…. ދައްތަގެ ހެޔޮދުޢާ ތިކުއްޖާއަށް…ދައްތަގެ ފަހު ވަގުތުކޮޅު ދައްތަ ކައިރީ ހުރެލަދީފާނަންތަ؟“ އެ ދައްތަ ޔަލްވީގެ އަތުގައި ހިފާލިއެވެ.
”ދައްތާ…އެހެން ނުބުނޭ…ދައްތަ ރަނގަޅުވާނޭ އަދި އިންޝާ اللَّٰه….ކޮބާ ދައްތަގެ އާއިލާ ކުދިން؟“ ޔަލްވީ ދައްތަގެ ބޮލުގައި ފިރުމާލަދިނީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
”ނޫން ކޮއްކޯ….ދައްތަގެ ނިމުން މިއައީ ދެން….އެހުރީ ދައްތަ ބަލާ އައިސް….ދައްތަގެ ކުދިން މިދުނިޔޭގައި ތިއްބަސް ދައްތައަކަށް އަޅާނުލާނެ….މިއެނދުގައި އޮންނަތާ 2 މަސްވީއިރު އެއިން ކުއްޖެއް އައިސް ވަދެ ނުލާ….ތިކުދިންގެ ހިތްހެޔޮ ކަމުން ދައްތަ ތިބަލާދެނީ….އެކަމަށް اللَّٰه އަށް ޙަމްދުކުރަން….. لَا إِلٰهَ إِلَّا الله مُحَمَّدٌ رَسُولُ الله“ އެވަގުތު ހީވީ ދައްތަގެ ފަހު ނޭވާހެނެވެ. ޔަޤީން ކުރުމަށް ޔަލްވީ ދައްތަގެ ވިންދު ހުރިތޯ ބެލިއެވެ. އާއެކެވެ. އެދައްތަ މިދުނިޔެއާ ވަކިވީއެވެ. ޔަލްވީ އަވަސްވީ އެހެން ނަރުހުންނަށް އަންގައި ކުރަންޖެހޭ ކަންތައް ކުރުމަށެވެ.
ޔަލްވީ ކުރަންހުރި މަސައްކަތްތައް ނިންމައި ވޯޑުން ނުކުތްއިރު ލިއަމް އަންނަތަން ފެނުނެވެ. ”ހެއި ޕްރިންސެސް….އޯލް ގުޑް؟ ޔޫ ލުކް ސޯ ޑަލް….ވަޓްސް ރޯންގް ބޭބީ؟“ ލިއަމް އައިސް ޔަލްވީގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.
”ވަރަށް މުސްކުޅި ދައްތައެއް ނިޔާވީ…. އެދައްތަގެ ނެތް އަޅާލާނެ މީހެއްވެސް…. ވަރަށް ދެރަ“ ލިއަމް އާ އެއްހަމައެއްގައި ޔަލްވީ ހިނގަމުން ދިޔައެވެ.
”ކެން އައި އާސްކް ޔޫ ސަމްތިންގް؟…..ޖިހާދަކީ ޓްރަސްޓެބަލް މީހެއްތަ؟ ކީއްވެ ލިއަމްގެ ޕީއޭ އެއްގޮތުގައި ޔަންގް ކުއްޖެއް ނުހުންނަނީ؟“ ޔަލްވީ ކުއްލިއަކަށް ފެށި ވާހަކައިން ލިއަމްގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ.
”އައި ތިންކް އިޓްސް ޓައިމް ޓު ޓެލްޔޫ އެވްރީތިންގް…..ހިނގާ އަހަންނާއެކު“ ލިއަމް ފުން ނޭވާއެއް ލާފައި ޔަލްވީގެ އަތުގައި ހިފައިގެން ހިނގައިގަތީ ވީއައިޕީ ކޮޓަރިތައް ހުންނަ ފަންގިފިލާއަށެވެ. ލިއަމް ގޮސް ހުއްޓުނީ ވީއައިޕީ ބައިގެ ސެކިއުރިޓީ ތަޅެއްލާފައި ހުންނަ ކޮޓަރީގެ ދޮރު ކުރިމަތީގައެވެ. ޖީބުން ނެގި ކާޑު ކީޕެޑުގައި ޖައްސާލުމާއެކުހެން އެއްފަރާތަށް ދޮރު ކެހިގެން ދިޔައެވެ. ހުޅުވުނު ދޮރުން ލިއަމް އެތެރެއަށް ވަނުމާއެކު ޔަލްވީވެސް ފަހަތުން ހިނގައިގަތެވެ.
އެހެން ކޮޓަރިތަކެކޭ އެއްފަދައިން އެތާގައިވެސް ހުރީ ބަލިމީހުން ބާއްވާ އެނދެކެވެ. އެނދުގައި އޮތް މީހާ ރަނގަޅަށް ފެންނަވަރުވީ އެތެރެއަށް ވަނީމައެވެ. ކާޑިއެކް މޮނީޓަރެއް ގުޅާފައި އޮތް ފިރިހެން މީހާ ބަލިގޮތަކަށް އެނބުރިލީ ލިއަމް އެމީހާގެ އަތުގައި އަތް ޖައްސާލުމުންނެވެ. ”ޔަލް…..މީ އަހަރެންގެ ބައްޕަ ޖުނެއިދު….އަހަރެންގެ އުމުރުން 10 އަހަރުން ފެށިގެން ބައްޕަ އެއޮންނަނީ އެހާލުގައި….. މީގެ އެތައް އަހަރެއް ކުރިން ދިމާވި ހާދިސާއެއްގައި ބައްޕަގެ ބޮޑު އެކްސިޑެންޓެއް ހިނގައި މުޅިމީހާ އެއްކޮށް ޕެރެލައިޒްވީ…..5 އަހަރު ވެންޓިލޭޓަރުގެ އެހީގައި އޮވެފައި ބައްޕަ އަނބުރާ އަހަރުމެން ގާތަށް އައީ…..ވަރަށް ވޭނުގައި އުޅެފައި ބައްޕަ އެއޮތީ…..މިހާރު އެކަމް ވަރަށް ބޮޑުތަން ރަނގަޅުވެފައި ވަނީ…..ބައްޕަ ކިޔާ އެއްޗެއް މާ ބޮޑަށް ސާފު ނުވިއަސް މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކޭ“ ލިއަމް އިސް ޖަހާލަމުން ދެ ޖީބަށް އަތް ޖަހާލައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
”އަހަރެންގެ ދިރިއުޅުމަކީ އެހާ ފަސޭހަ ދިރިއުޅުމެއް ނޫން…..މިހާރު މިހެން ހުއްޓަސް ވަރަށް ވޭނުގައި އުޅެ އަހަރެން ބޮޑުވީ…..އެހާ ޅަ އުމުރެއްގައި މަންމައާއި ބައްޕަގެ ލޯބިން މަހުރޫމްވީ…..ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އަހަރެން އުޅުނު ހާލެއް…..ބުނީމެއްނު ދޯ ޖިހާދު ކީއްވެހޭ އަހަރެންގެ ޕީއޭ އެއް ގޮތުގައި ބަހައްޓަނީ؟ އެއީ އަހަރެން އެކަނި ހާލުގައި އުޅުނު އިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމައެކަނި މީހަކީ…..އަހަރެންގެ ކުރިއެރުމުގެ ފަހަތުގައި ވަނީ ޖިހާދުބެ…..ޖިހާދުބެ އަކީ އަހަރެންގެ ބައްޕަގެ ހުރި ހަމައެކަނި ކޮއްކޮ….އެހެންވެ އަހަރެން ޖިހާދުބެއާއި މެހެކްއަށް އަޅާލަން ޖެހެނީ“ ލިއަމް އަށް ވާހަކަ ކުރިއަށް ގެންދިއުމަށް ފަސޭހައެއް ނުވިއެވެ. އެ ހިތި މާޒީ އަލުން ހުޅުވާލަން ޖެހުމުން ލިއަމްގެ އަރުތެރެ ބެދި ނޭވާ ތާށިވެއެވެ. އެއީ ދުވަހަކުވެސް ހަނދާން އާ ކުރަން ބޭނުންވީ ދުވަސް ތަކެއް ނޫނެވެ. ނަމަވެސް މިއަދު ހިތްވަރެއް ލާފައި ނަމަވެސް ޔަލްވީއަށް އެވާހަކަތައް ކިޔައިދޭން އޭނާ ބޭނުންވެއެވެ. އާފެށުމެއް ފަށާއިރު އެއްވެސް ކަމެއް ސިއްރުކުރެވިފައި ބާއްވާކަށް ލިއަމް ނޭދެއެވެ.
ނޭވާ ލާން އުނދަގޫވާން ފެށުމުން ކަނުގައި ހުރި ސޯފާގައި ލިއަމް ގޮސް އިށީނެވެ. ކޮފީމޭޒު މަތީގައި ހުރި ފެންފުޅި ޔަލްވީ ގޮސް ލިއަމްއަށް ދިއްކޮށްލުމުން އޭގައި ހިފިއެވެ. ފެންފޮދެއް ބޯލައި ކަރުތެރެ ތެންމާލުމަށްފަހު ޔަލްވީގާތު ޖެހިގެން އިން ސޯފާގައި އިށީނުމަށް އިޝާރާތް ކުރިއެވެ. ލިއަމް އެދުނު ފަދައިން ޔަލްވީ ގޮސް އިށީނެވެ.
”އެއީ….އަހަރެން އެންމެ 10 އަހަރުގައި….މަންމައާއި ބައްޕަ ދުވަހަކުވެސް ޒުވާބުކޮށް ހަދާއަޑެއް ނާހަން….އެކަމަކު އެދުވަހު ފުރަތަމަ ފަހަރަށް އަހަންނަށް އިވުނީ މަންމައާއި ބައްޕަގެ ކޮޓަރިން އެއްޗެހިތަކެއް ތެޅުނު އަޑު….އަހަރެން އިނީ މަސް ޓޭންކު ކައިރީ މަސްތަކަށް ކާން އަޅަން….އިވުނު ބާރު އަޑުން އަހަރެން ދުވެފަ ދިޔައީ ވީގޮތެއް ބަލަން…..އެކޮޓަރިއާ ކައިރިވީ އިރު ފުރަތަމަ އިވުނީ މަންމަގެ ރުއިމުގެ އަޑު….ދޮރުން ތަންކޮޅެއް ހުޅުވާބެލީ މަންމައަށް ކަމެއްވީ އޭ ހިތާ….އެކަމް ދެން ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެއް…..ބައްޕަ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައި…..މަންމަ ހުރީ ބައްޕަ ކައިރީ ކޮޅަށް….ދެން ފެނުނީ ބައްޕަ މަންމަގެ ފައިބުޑަށް ވެއްޓި ރޮއެ އާދޭސް ކުރާތަން….އަހަންނަކަށް ނޭގޭ ވެގެން އުޅޭ ގޮތެއް….އެކަމު އަހަރެން ދުވަހަކުވެސް މަންމަ ފަރާތުން އުންމީދެއް ނުކުރަން އެކަހަލަ މަންޒަރެއް ފެނިދާނޭ…. ދެން ޖިހާދުބެ އައިސް އަހަރެން ގެންދިޔައީ އެތަނުން ދުރަށް…..އަހަރެންގެ ކޮޓަރިއަށް ވައްދާ ބޭރުން ތަޅުލީ….ވަރަށް ހަޅޭއްލަވާ ރުއިން ބައްޕަ ގާތަށް ދާން…. ބައްޕަ ސަލާމަތް ކުރަން…..އެވަގުތު އެތާގައި ނުހުރެ އަހަރެން ބައްޕައަށް އެހީވި ނަމަ މިއަދު ބައްޕަ އެޙާލުގައި ނޯންނާނޭ އަބަދުވެސް ހިތަށް އަރާ….އެކަމާ ވަރަށް ގިލްޓީވެސް ވޭ…..3 ވަރަކަށް ގަޑިއިރު ފަހުން ޖިހާދުބެ އައިސް ދޮރު ހުޅުވީ…. ދެން އަހަރެން ގޮވައިގެން ދިޔައީ ހޮސްޕިޓަލަށް….ބައްޕަ…..ބައްޕައޮތީ ވަރަށް…..ބައްޕަގެ ހާލު ވަރަށް ދެރަ…..މުޅިތާގައި ހުސް ލޭ ހުރީ….އަދިވެސް ލޯ ކުރިމަތިން އެމަންޒަރު ސިފަވޭ….ޖިހާދުބެ ބުނީ އެއީ މަންމަ ބައްޕައަށް ޖެއްސި ހާލޭ…..މަންމަ ކިބައިން ސަލާމަތްވާން ބައްޕަ ފިލަން ދުވުމުން މަންމަ ކާރުގައި ގޮސް ބައްޕަ އެކްސިޑެންޓު ކޮއްލީ….އެދުވަހަށް ފަހު ބައްޕަ އެ އޮންނަނީ އެހާލުގައި“ ލިއަމް ނިތުގައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއެވެ. އޭސީ ޖައްސާފައި ހުރިއިރުވެސް ލިއަމްހުރީ ދާހިއްލާފައެވެ. ޔަލްވީ ލިއަމްގެ އަތު ތެރެއަށް އަތް މަހާލަމުން އަނެއް އަތުން ލިއަމްގެ އަތުގައި ފިރުމާލިއެވެ.
”ދެން މަންމަ ކޮބާ؟ މަންމަ އަށް ކިހިނެއްވީ؟“ ޔަލްވީ އެހިއެވެ. ލިއަމް ފުން ނޭވާއެއް ލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
”ނޭގެ ވީ ތަނެއް….އަހަރުމެނަށް އެހާ ހާލު ޖައްސާފައި ފިލީ….އޭގެ ފަހުން ދުވަހަކުވެސް ނުދެކެން….ބޭނުމެއް ނޫން ވީ ތަނެއް ބަލާކަށްވެސް….އެހާ ރަހުމް ކުޑަ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން….ޖިހާދުބެ ބުނި އޭނާގެ ލޯބިވެރިޔާ އާއެކު ފަޅާއެރީމަ އެދުވަހު ބައްޕައަށް އެހާ ހާލު އެ ޖެއްސީ….އަހަރެންނަށްޓަކާ ބައްޕަ އާދޭސްކުރި އާއިލާ ރޫޅާނުލުމަށް…. އޭނާއަށް މައާފުކޮށްފައި އަލުން ދިރިއުޅުން އާފެށުމަކުން ފަށަން ބައްޕަހުރީ ތައްޔާރަށް…..އެކަމު އޭނާ ބޭނުމެއް ނުވި އެގޮތެއް…..އޭނާ އެކުރި މުޑުދާރު ކަންތައް މުޅިދުނިޔެއަށް ފަލީޙަތް ވެދާނެތީ އަހަރެންގެ ބައްޕަގެ ދުވަސް ދުއްވާލަން މަސައްކަތްކުރީ އޭނާގެ ލޯބިވެރިޔާއާ ގުޅިގެން…..ދުވަހަކުވެސް މައާފެއް ނުކުރާނަން“ ލިއަމްގެ ދެލޮލުގައިވީ ނަފްރަތުގެ އަލިފާނެވެ.
”މެހެކް އާއި ޖިހާދުބެ އެކަނި އަހަރެންނަށް ކުޑަވެސް އެހީތެރިކަމެއް ދިއްކޮށްލީ….މެހެކްގެ މަންމަ ނިޔާވީ މެހެކްއަށް އަހަރެއްވެސް ނުވަނީސް ކިޑްނީ ފެއިލްވެގެން……އޭގެ ފަހުން ޖިހާދުބެ ކައިވެންޏެއް ނުކުރޭ….ބައްޕަ ބަލިވުމުން އަހަރެމެންގެ ގެއަށް ޖިހާދުބެ އާއި މެހެކް ބަދަލުވީ“ ލިއަމް އިތުރަށް ކިޔާދިނެވެ. ޔަލްވީ ލިއަމްގެ ބުރަކަށީގައި ފިރުމާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
…………………………….
”އަހަންނަކަށް ދެން މިކަމެއް ނުވާނެ…..ބުނި ގޮތަށް ކަންތައްވެސް ކޮއްދެވިއްޖެ އެއްނު…..އަހަންނަށް މަޖުބޫރު ނުކުރޭ ދެން“ ކަޅުކުލައިގެ ހުޑީ އަކުން މޫނު ނިވާކޮއްގެން ހުރި މީހާ ބުންޏެވެ.
”ހަހަހަހަ….ބަލަ އަމިއްލައަކަށްނު ފުރަތަމަ އެކަމަށް އެއްބަސްވީ…..ދެން ކޮން މަޖުބޫރެކޭ ތިކިޔަނީ…..ކަލޭއާ ކަމެއް ހަވާލު ކުރީމަ ގޮސް އެމަންޖެ ދެކެ ލޯބިވެގެން ތިއުޅެނީ…..އަދި ހަވާލުކުރި ޓާސްކު ވެސް ނިންމީއެއްނޫނޭ….އަހަރެން ބުނީ އެ *$@/% މަރާލަން…. އެކަމު ކަލޭއަށް އެކަންވެސްވީ އެއްނޫން….. ހީވަނީ ދެން މަ ހެން ތިކަން ކުރަންވީ“ ފުރަގަސް ޖަހައިގެން ހުރި ހަރުވަރުގެ ފިރިހެން މީހާ އިންޒާރެއް ފަދައިން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (3)
Comments are closed.
Heyyey…. When next partt
why is it taking so long..
anekkaa kameh v tha ..
plzzz when next part
Hey, next episode will be up today or tomorrow in sha allah. I have been unwell for a week. Sorry for the delay💗