Skip to content
އެސްފިޔަ

ޒައިނަބް – 9

Listen to this story Audio · 22:24 Powered by Esfiya Voice
0:00 22:24

ޒައިނަބްއާއި އަހުސަލް ރުޅިއައިސްފައި މަރިޔަމްއަށް ބަލަން ތިއްބެވެ. އޭރު މަރިޔަމް ބުނާނެ އެއްޗެއް ނޭނގި އިސްޖަހައިގެން ހުއްޓެވެ.

“މަރިޔަމް ދެންދޭ ގެއަށް… މިހާރު އެއޮއް ބާރަ ޖަހަނީ.. މަރިޔަމްއަށް ކުރެވުނު ކަންތަކާމެދު ދެރަވެ އަހަރުމެންގެ ފަރާތުން މާފް ބޭނުން ވާނަމަ މާދަމާ މިގެއަށް އަންނާތި އަހަރުމެންނާއެކު ރުޤްޔާކުރާ މީހާގެ ގެއަށް ދާން…. މަރިޔަމްއަށް މާފް ކުރެވޭނީ މިހުރިހާ ކަމަކުން އަހަރުމެން ސަލާމަތްވާ ދުވަހަކުން..”

އަހުސަލް ރުޅިއައިސްފައި ބުންޏެވެ.

މަރިޔަމް އާއެކޭ ބުނެ އެގެއިން ނިކުމެގެން ދިޔައިރުވެސް ގާވެފައި ހުރި ބުދެއްހެން ޒައިނަބް ހުރިތާ ހުއްޓެވެ.

އަނެއް ދުވަހުގެ ހެނދުނު ހެނދުނާ އަހުސަލް އިސްމާއިލް އެގެއަށް ގެނެސް ރޭގައި ހިނގާދިޔަ ހުރިހާ ކަމެއް އިސްމާއިލްއަށް ކިޔާދިނެވެ. އަދި އެކަމުން ސަލާމަތް ވުމަށް އިސްމާއިލްގެ އެއްބާރުލުން ބޭނުންވާ ކަމުގައިވެސް ބުންޏެވެ. އަހުސަލް އެވާހަކަތައް އިސްމާއިލްއަށް ކިޔާދިންއިރު ޒައިނަބްވެސް އޭނާއަށް ކުރިމަތި ވަމުންދިޔަ ބިރުވެރި ކަންކަންވެސް ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ. ކުރިން އިސްމާއިލަށް ސިހުރާއި ޝައިތާނުންގެ ކަންކަން މާބޮޑަށް ގަބޫލު ނުކުރެވުނު ނަމަވެސް ޒައިނަބްއާއި އަހުސަލްގެ ވާހަކަތައް އިވިފައި އެއާއިލާއަށް ކުރިމަތި ވަމުން މިދާ ކަންކަމުގައި ސިހުރުގެ ކަމެއް އުޅޭކަމަށް ގަބޫލު ކުރެވުނެވެ.

އެދުވަހު ހެނދުނު ހަތެއް ޖަހަނިކޮށް މަރިޔަމް ޒައިނަބް މެންގެ ގެއަށް ދިޔައެވެ. އޭރު އިސްމާއިލްވެސް އެގޭގައި އިނެވެ.

“މަރިޔަމް މިގޭ ބިއްދޮށުގައި އެއްޗެއް ބޭއްވީމޭ ބުނީމެއްނު.. އޭތި ބޭއްވިތަން ދައްކަން ހިނގާ..” މަރިޔަމް ފެނުމާއެކު އަހުސަލް ބުންޏެވެ.

އަހުސަލް އެހެން ބުނެގޮސް ބަދިގެ ފަޅިން ގޯތިތެރެއަށް ނިކުތެވެ. މަރިޔަމްއާއި އިސްމާއިލްވެސް އަހުސަލްގެ ފަހަތުން ހިނގައިގަތެވެ. ޒައިނަބްވެސް އެމީހުންނާއެކު ދާން ބޭނުންވެފައި ހުރިނަމަވެސް އަހުސަލް ބުނުމުން އޭނާ ގޭތެރޭގައި މަޑު ކުރީއެވެ.

ތިންމީހުން ހިނގާފައިގޮސް ގޭގެ ބިއްދޮށުން ޒައިނަބް ގަސް ހައްދާފައި ހުންނަ ދިމާލަށް ނިކުތެވެ.

ގަސްތަކުގެ ކައިރިއަށްގޮސް މަރިޔަމް ހުއްޓި އެދިމާލުގައި ހުރި ގަސްތަކުގެ ތެރެއަށް އަތް ދިއްކޮށްލިއެވެ. އެއީ އަހުސަލްއަށް އޭގެ ކުރީދުވަހު ކަޅު ފޮތިކޮޅު ފެނިފައިވާ ތަނެވެ. ނަމަވެސް އަހުސަލް އެހެން ނުބުނެ މަރިޔަމް އަމިއްލައަށް އެތަން ދައްކަންދެން މަޑު ކުރިއެވެ. މަރިޔަމް ދެއްކީ އެ ގަސްތަކުގެ ފަހަތުން އޮންނަ ރުއްތަކުގެ ބުޑާއި ދިމާލެވެ. ކުރީދުވަހު އަހުސަލްއާއި ޒައިނަބް އެހިސާބު ނުވެސް ބަލައެވެ. އެމީހުން ހޯދީ ޒައިނަބް ހައްދާފައިވާ ގަސްތަކުގެ ތެރެއެވެ. އެތަނުން ފެނުނު ފޮތިކޮޅު އަހުސަލް ކޮތަޅަށް ލުމަށްފަހު ޑަސްބިން ކައިރީގައި ބޭއްވިގޮތަށް އަދިވެސް އެބައޮތެވެ.

މަރިޔަމް ގޮސް އެ ރުއްތަކުގެ ކައިރިއަށް ގުދު ވުމަށްފަހު ބިންމަތީގައި ހުރި ފަތްތައް އަތުން ހާވަމުން އޭނާ އެބުނާ އެތި ހޯދަން ފެށިއެވެ. އިސްމާއިލްއާއި އަހުސަލްވެސް އެދިމާލަށް ގުދުވެ ބިންމަތިން އެއްވެސް އެއްޗެއް ފެނޭތޯ ބެލިއެވެ.

“މިތާނެތް އެކައްޗެއްވެސް..”

އިސްމާއިލް މަރިޔަމްއާއި ދިމާލަށް ރުޅިއައިސްފައި ބަލާލަމުން ބުންޏެވެ.

މަރިޔަމް އަނެއްކާވެސް އިތުރަށް އެ ރުއްތަކުގެ މޫގަނޑު ކައިރި އަތުން ހާވަން ފެށިއެވެ.

ގަލާއި ހިކިފައިވާ ފަތާއި ރުއްތަކުގެ މޫތައް ފިޔަވައި އެހެން އެއްޗެއް އެތާކު ނެތެވެ. މަރިޔަމް އެބުނާ ބަނދެފައި އޮތް އެތި އަދި އޭތި ބަނދެފައިވާ ކަޅު ފޮތިކޮޅުގެ އަސަރެއްވެސް އެތާކު ނެތެވެ.

“ކަލެއަށް ޔަގީންތަ މީ އެތަންކަން… ދޮގު ދޯ ތިހަދަނީ!”.

އިސްމާއިލް ރުޅި އައިސްފައި އެހިއެވެ.

“މީ ހަމަ އެތަން.. މީހަކު އޭތި ނެގީ ކަންނޭނގެ…”

މަރިޔަމް އަހުސަލްގެ މޫނަށް ބަލަންހުރެ ބުންޏެވެ.

ދިހަވަރަކަށް މިނެޓު އެތަން ހޭވި ފަހުން އިސްމާއިލަށް ރުއްތަކުގެ މޫތަކުގެ ތެރެއިން ވީދިފައި އޮތް ކަޅު ފޮތިކޮޅެއް ފެނުނެވެ.

“ތީ… ތީ އޭތި ބަނދެފަ އޮތް ފޮތި.. ހަމައޭގެ ފޮތިކޮޅެއްތީ..”

މަރިޔަމް ބިރުންހުރެ ފަހަތަށް ޖެހިލަމުން ބުންޏެވެ.

އިސްމާއިލް އޭތި ނަގަން އުޅުމުން އަހުސަލް އެއްކަލަ ކޮތަޅު ހިފައިގެން އައިސް އެ ފޮތިކޮޅުވެސް އެއަށް ލިއެވެ.

އަހުސަލް މަރިޔަމް ކައިރީގައި ރުޤްޔާކުރާ މީހާ ކައިރިއަށް ދާނީ މާދަމާ ކަމުގައި ބުނެ މަރިޔަމް ގެއަށް ފޮނުވާލިއެވެ. އަހުސަލްއާއި އިސްމާއިލްގޮސް ގޭތެރެއަށް ވަތްއިރު ފާތުން އައިސްގެން އުޅޭތީ ޒައިނަބް އޭނާއަށް ސައި ހަދަން އުޅެއެވެ.

އަހުސަލްގޮސް ފާތުންނަށް ހުރިހާ ކަމެއް ކިޔާދިނެވެ. ރޭގައި މަރިޔަމް އެގެއަށް އައިސް ދެއްކި ވާހަކައާއި ރޭގައި ހިނގާދިޔަ ހުރިހާ ކަމެއްވެސް ކިޔާދިނެވެ. އަދި ގޯތިތެރެއިން ފެނުން ފޮތިކޮޅުގެ ވާހަކަވެސް ކިޔާދިނެވެ. އެވާހަކަތައް އިވިފައި ވީ ދެރައަށްވުރެ ބޮޑަށް ފާތުން ރުޅިއައެވެ. އޭނާގެ ލޯބިވާ ދަރިފުޅުގެ އުފާވެރި ހަޔާތް އެފުށް މިފުށަށް ޖަހާލަން މަރިޔަމް ކުރި ކަންތަކަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ ކަމުގައިވެސް ފާތުން ބުންޏެވެ.

ޒައިނަބްއަށް ކުރިމަތި ވަމުންދިޔަ ކަންކަމުގެ ހަގީގަތް ނޭނގޭއިރު ޒައިނަބްގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިފައި ވީނަމަވެސް މިއަދު ޒައިނަބްގެ ހިތަށްވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައެވެ. ކަމުގެ ހަގީގަތް އެނގި ސާފުވާން ފެށުމުން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ. ނަމަވެސް މިހުރިހާ ކަމަކުން ސަލާމަތް ވުމަށް ދެން ކުރަންޖެހޭނެ ކަންކަމާއި، އެކަންކަން ކުރަންފެށުމުން ދެން ކުރިމަތިވާނީ ކޮންފަދަ ބޮޑުކަމެއް ކަން ނޭނގޭތީ ޒައިނަބުގެ ހިތުގައި އެކަމުގެ ބިރު އޮތެވެ.

އެރޭ ނިދަން ވަތްއިރު ޒައިނަބް ބޭނުންވީ ކޮރިޑޯގެ ބޮކިތައް ދިއްލައި ގޭތެރެ އަލިކޮށްފައި ބޭއްވުމަށެވެ. އަހުސަލްވެސް ޒައިނަބެކޭ އެއްފަދައިން ހިތް ބިރުގަނެފައި ހުރިވަރުން އެކަމަށް ވަރަށް ފަސޭހައިން އެއްބަސްވިއެވެ. އާދައިގެ މަތިން ޒިކުރުތަކާއި ދުޢާތައް ކިޔުމަށްފަހު އެދެމަފިރިން އެރޭ ނިދީ ގޭތެރޭގެ ހުރިހާ ބޮކިތަކެއް ދިއްލައި އަލި ކޮށްގެންނެވެ. މިހާރަކަށް އައިސް ގިނަ ރޭރޭ ނިދީގައި ޒައިނަބް ސްލީޕް ޕެރެލައިޒް ވީނަމަވެސް އެރޭ އެފަދަ ކަމަކާއި ދިމަލެއް ނުވެއެވެ. ކޮޓަރީގައި މީހަކު ޓަކިޖަހާ އަޑެއްވެސް އަދި ކޮރިޑޯގައި މީހަކު ހިނގާ އަޑެއްވެސް އެރެއަކު ނީވެއެވެ. ރޭގަނޑުގެ އަރާމު ނިންޖަށް ފަހު ޒައިނަބަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އެފަދަ އަރާމު ނިންޖަކުން ޒައިނަބަށް އެ ނިދާ ލެވުނީ އެތަކެއް ރެއެއް ފަހުންނެވެ.

ޒައިނަބް ފަތިސް ނަމާދަށް ހޭލާ އުޅެނިކޮށް އަހުސަލްވެސް ހޭލައިގެން ނަމާދުކޮށްގެން ކޮންމެވެސް ކަމެއްގައި ގޯތިތެރެއަށް ނިކުމެ އުޅުނެވެ.

“ޒައިނަބް އާދެބަލަ ވަރަށް އަވަހަށް…”

ވަލުދޮރާށި ފަޅީގައިހުރެ އަހުސަލް ވަރަށް ބާރަށް ގޮވާލުމުން ޒައިނަބް ދުވެފައި ކަހަލަ ގޮތަކަށް އެދިމާލަށް ނިކުތްއިރު އަހުސަލް ގަސްތަކާއި ދިމާލަށް ބަލަން ހުއްޓެވެ.

ޒައިނަބް ފެނުމުން ގަސްތަކުގެ ފަހަތުގައި ހުންނަ ރުއްތަކާއި ދިމާލުގެ ބިންމައްޗަށް އަހުސަލް އިޝާރާތް ކޮށްލިއެވެ. ކުރިން އެދިމާލުން ބިންމަތީގައި ކޮނެ ފަސްލާފައި ހުރިހެން ހީވި ތަނުގައި މިހާރު ހުރީ ކޮންމެވެސް އެއްޗެއް ދަމާ ކޫއްތާފައި ގެންގޮސްފައިވާ ފަދަ ނިޝާނެކެވެ. އެއީ އިއްޔަ އަހުސަލްމެން އެދިމާލަށް ނިކުމެ އުޅުނު އިރުވެސް ބިންމަތިން ފެނިފައިނުވާ މަންޒަރެކެވެ. އެހެންކަމުން އެއީ ރޭގައި ވެފައިވާ ކަމެއްކަން އަހުސަލްއާއި ޒައިނަބަށް ޔަގީންވިއެވެ.

ބިންމަތީގައި ދިގުކޮށް ރޮނގެއް ފަދައިން ހުރިތަނުގެ ކޮޅުގައި އޮތީ ކަޅު ފޮތިގަނޑަކުން ބަނދެ ބަންދު ކޮށްފައިވާ އެއްޗެކެވެ. އަހުސަލްއާއި ޒައިނަބަށް ދެލޯ ބޮޑުކޮށްގެން އެ އެއްޗަށް ބަލަން އިރުކޮޅަކު ތިބެވުނެވެ.

އެވަގުތު ގޯތީގެ ފާރުގެ ބޭރުން އަންހެނެއްގެ ހުނުމުގެ އަޑު އިވެންފެށިއެވެ. އަހުސަލް ބާރަށްގޮސް ބޭރުގައި މީހަކު ހުރިތޯ ބަލާލިއެވެ. ނަމަވެސް އެތާ ކައިރި އަކުން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެއީ އެދެމީހުންނަށް ހީވި ގޮތެއް ކަމުގައި ނިންމުމަށްފަހު އަހުސަލް އަނެއްކާވެސް ގޮސް ބިންމަތީގައި އޮތް އެއްޗަށް ބަލަން ފެށިއެވެ.

“އެއީތަ މަރިޔަމް އެބުނި އެއްޗަކީ؟..”

ޒައިނަބް ބިރުންހުރެ ބިންމަތީގައި އޮތް އެއްޗާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ.

“ނޭނގެ… އެކަމަކު މިވެސް މިއޮތީ ހަމަ ކަޅުފޮތިން ބަނދެފަ ދޯ.. ވެދާނެ މީ އޭތި ކަމަށްވެސް.. ޒައިނަބް މީއްޗާ ކައިރި ނުވާތި!.. ޒައިނަބް ގޮސް ގޭތެރެއަށް ވަދޭ..”

އަހުސަލް ބިރުން ހުރެ ޒައިނަބް ގޭތެރެއަށް ވެއްދުމަށްފަހު އިސްމާއީލަށް ގުޅައި ސަލީމު ގޮވައިގެން އެގެއަށް އައުމަށް ބުންޏެވެ.

ސަލީމު އައިސް ބިންމަތީގައި ރޮނގެއްހެން ފެންނަން ހުރި ތަނަށް ބަލަން ހުރިއިރު އިސްމާއިލްއާއި އަހުސަލްވެސް ސަލީމް ކައިރީގައި ތިއްބެވެ. އޭރު ޒައިނަބް އެތަން ބަލަން ދުރުގައި ހުއްޓެވެ.

“މިތަނަށް ބަލާފަ ހީވަނީ މީ ރޭގެ ކަމެއްހެން.. ކޮންމެވެސް މީހެއް މިގެއަށް ރޭގަ ވަދެފަ މިހުރީ ދޯ..”

ސަލީމް އެހެން ބުނުމުން އަހުސަލް އާއެކޭ ބުނެ ބޯޖަހާލިއެވެ. އަދި އެމީހުންނަށް އިއްޔަވެސް އެތަން ނުފެންނަ ކަމުގައި ބުންޏެވެ.

“ރޭގައި މިދިމާލުން އެއްވެސް އަޑެއް އިވުނުތަ؟”

ސަލީމް އެހިއެވެ.

“ނޫން.”

އަހުސަލް ދިނީ ކުރު ޖަވާބެކެވެ.

އެއީ ކާކު ބޭއްވި އެއްޗެއްބާއެވެ؟ އަދި އެއީ ކޮންއެއްޗެއް ބާއެވެ؟ މަރިޔަމް ވަނީ އޭނާކުރި ހުރިހާ ކަމަކަށް އެއްބަސްވެ އެކަމަށް މާފަށްވެސް އެދިފައެވެ. އަދި އޭނާ ހެދި ސިހުރު ބާތިލްކުރަން އެހީވާނެ ކަމުގައިވެސް ބުނެފައެވެ. ވީއިރު މިއީ މިހާރު ކާކު ބޭއްވި އެއްޗެއްބާއެވެ؟.

ޒައިނަބާއި އަހުސަލްގެ ސިކުނޑީގައިވެސް އެނބުރެމުން ދިޔައީ ހަމަ އެއް ސުވާލުތަކެކެވެ.

ސަލީމު ކޮންމެވެސް ދުއާތަކެއް ކިޔައި އޭނާގެ ދެއަތަށް ފުމުމަށް ފަހު އޭތި ނެގިއެވެ. އެއީ ކަޅު ފޮތިގަނޑަކުން ބާރުކޮށް ބަނދެ ގޮށް ޖަހާފައި އޮތް އެއްޗެކެވެ. ސަލީމު އޭގައިވާ ބައެއް ގޮއްތައް މޮހާލުމަށް ފަހު އޭތި ކޮންމެވެސް ވަރަކަށް ނިއުޅާލިއެވެ. އަދި އޭގެ އެތެރޭގައިވަނީ ކޮންއެއްޗެއްތޯ ބެލިއެވެ. އޭގެ އެތެރޭގައި ބަންދުކޮށްފައި ހުރީ ހިކިފަތާއި ވެއްޔެވެ.

“މި ވެދާނެ ތިމީހުން ބިރުދައްކަން މީހަކު ކުރި ކަމަކަށްވެސް… ނޫނީ ސިހުރެއްގެ ކަމަކަށްވެސް ހަމަ ވެދާނެ…. ޖެހޭނީ ޔަގީން ކުރަން.. މީގެ ހަގީގަތް ހޯދެން ދެކަށް އެކަކުވެސް މީގައި އަތް ނުލާ މީތި ކޮތަޅަކަށް ލާފަ ބާއްވާ..”

ސަލީމު އޭތި ކޮތަޅަކަށް ލުމަށްފަހު ގޯތިތެރޭގައި ހުރި ތެލި ބަހައްޓާ އަށި ދަށުގައި ބޭއްވިއެވެ. އަދި އޭތީގެ ހަގީގަތް ހޯދެންދެން އެއްވެސް މީހަކު އެއާއި ކައިރި ނުވުމަށް ބުންޏެވެ.

ސަލީމުގެ ފަރާތުން މާއެދެވޭ ޖަވާބެއް ނުލިބުމުން ޒައިނަބް ވަރަށް ހިތްހަމަ ނުޖެހުނެވެ. ހިނގަމުންމިދާ ކަންކަމަށް މީހާވެސް އަވަހަށް ނިމުމެއް ގެންނަން ބޭނުންވެފައި ހުރިވަރުން ސަލީމުއަށް ބަލަންހުރެ ޒައިނަބް ކުސް ތަޅާލިއެވެ. ވާނީވެސް އެހެންތާއެވެ. ޒައިނަބަށް ކުރިމަތިވަމުން މިދާ ބިރުވެރި ކަންތަކުން މިންޖުވާން އޭނާ އެވަނީ ނުހަނު ކެތްމަދު ވެފައެވެ.

އެހިސާބުން ޒައިނަބްއާއި އަހުސަލް ސަލީމުއަށް މަރިޔަމްގެ ވާހަކަ ކިޔާދިނެވެ. މަރިޔަމް އެއްބަސްވި ކަންކަމާއި މަރިޔަމް އައި ރޭގައި ހިނގާދިޔަ ކަންކަންވެސް ކިޔާދިނެވެ. އަދި އޭނާ ސަލީމުއަށް ހުރިހާ އެއްޗެއް ކިޔާދޭނެ ކަމަށް އެއްބަސްވި ވާހަކަވެސް ބުންޏެވެ.

އެވާހަކަތައް ކަނުލާ އަޑުއެހުމަށްފަހު ސަލީމު އެދުނީ ވީހާވެސް އަވަހަކަށް މަރިޔަމް އެތަނަށް ގެނައުމަށެވެ. އެވަގުތު ޒައިނަބް މަރިޔަމްއަށް ގުޅާފައި އެގެއަށް އައުމަށް އެދުނެވެ. ބައި ގަޑިއެއްހާއިރުގެ ތެރޭގައި މަރިޔަމް ޒައިނަބްމެންގެ ގެއަށް ދިޔައެވެ. މަރިޔަމް އައުމުން ޒައިނަބް މަރިޔަމްއަށް ސަލީމު ތައާރަފު ކޮށްދިނެވެ. އަދި ސަލީމު ކުރާ ހުރިހާ ސުވާލަކަށް ތެދުތެދަށް ޖަވާބު ދިނުމަށް ވަރަށް އާދޭހާއެކު ބުންޏެވެ. މަރިޔަމް އެކަމަށް އެއްބަސްވުމުން

އަހުސަލްގޮސް މަރިޔަމްއަށް އެއްކަލަ އެތި ލާފައި އޮތް ކޮތަޅު ދައްކާލިއެވެ. މަޑު ނޫކުލައިގެ ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި އޮތް އެ އެތި ފެނިފައި މަރިޔަމްއަށް ބިރުން ފަހަތަށް ޖެހެވުނެވެ.

“މީހަމަ އެ ގޮށް..”

މަރިޔަމް އަނގަ މަތީގައި އަތް އަޅަމުން ބުންޏެވެ.

“އެ ގޮށް ކިހިނެއްވީ؟..”

ސަލީމު އެހިއެވެ.

“އެމީހާ އަހަރެން އަތަށްދިން އެތީގައިވެސް ހަމަތިހެން ގޮށްޖަހާފަ ހުރީ.. ”

މަރިޔަމް އެހެން ބުނުމުން ޒައިނަބް އަހުސަލްގެ މޫނަށް ބަލާލިއެވެ.

“ޔަގީންތަ؟.”

އަހުސަލް އެހިއެވެ.

މަރިޔަމް އާންއެކޭ ބުނެ ބޯޖަހާލިއެވެ. އޭރުވެސް އޭނާހުރީ އަނގަމަތީގައި އަތް އަޅައިގެންނެވެ.

“އަހަރެން ތި ގޮށް އެހާބޮޑަށް ހަނދާން ހުރީ ކީއްވެކަން ބުނަންތަ.. އެމީހާ އަހަރެން އަތަށް މިގެ ކައިރީގައި ބާއްވާށޭ ކިޔާފަ ހަމަ ތިކަހަލަ އެއްޗެއް ދިނީ.. އޭތި ދިނީމަ އަހަރެން އެހިން ކީއްވެހޭ އޭގަ އެވަރަށް ގޮއްޖަހާފަ އެހުރީ.. އެމީހާ ބުނީ އެ ގޮށްތައް ނުނައްޓައްޗޭ..”

މަރިޔަމް އިތުރަށް ކިޔައިދިނެވެ.

“މަރިޔަމްއަށް ޔަގީންތަ މީހަމަ މަރިޔަމް ތިބުނާ އެތިކަން؟.”

ސަލީމް ބޭނުންވީ އިތުރަށް ޔަގީން ކުރާށެވެ.

“ތީ ސީދާ އޭތި ކަމެއް ބުނާކަށް ނޭނގޭ.. އެކަމަކު ތީ ހަމަ އެކަހަލަ ގޮއްތަކެއް ޖަހާފަ އޮތް އެއްޗެއް… ހަމަ އެކަލަ ފޮތި ތީގަވެސް ތިހުރީ… އަހަރެން މިތަނަށް ގެނެސް ބޭއްވި އެއްޗެއް އަހަރެން ނުހުޅުވަން.. ހަމަ އޮތް ގޮތަށް ބޭއްވީ.. އެހެންވެ އޭގެ އެތެރޭގަ ހުރީ ކޮންއެއްޗެއް ކަމެއް ބުނާކަށް ނޭނގެ.. ތީ ހަމަ އެކަހަލަ އެހެން އެއްޗަކަށްވެސް ވެދާނެ…”

މަރިޔަމް ބިރުން އިނދެ ކިޔާދިނެވެ. މަރިޔަމް އެންމެ ފަހުން ބުނި ޖުމުލަ އިވިފައި ޒައިނަބްގެ އަތްފައި ފިނިވެގެން ދިޔައެވެ.

“އެ ސިހުރުހަދާ މީހާ ކައިރީގަ މަރިޔަމް ބުނިންތަ މިގޭގެ އެޑްރެސް؟..”

ޒައިނަބް އެހިއެވެ. މަރިޔަމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“މަރިޔަމް އެމީހާއަށް އަހަރެންނާ އަހުސަލްގެ ހުރިހާ މައުލޫމާތުވެސް ދިނިންތަ؟.”

ޒައިނަބް އެހިއެވެ. އަނެއްކާވެސް މަރިޔަމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އެވަގުތު ޒައިނަބް ގަނެފައިވާ ބިރު އެތައް ގުނައަކަށް ބޮޑުވެގެން ދިޔަފަދައެވެ.

“މަރިޔަމް.. ކަލޭ ތިހުރީ އަހަރުމެންގެ ހުރިހާ މައުލޫމާތެއް ބޮޑު ސިހުރު ވެރިޔަކާ ހިއްސާ ކޮށްފަ!.. އަހަރުމެންގެ ކައިވެންޏާ ދިރިއުޅުމުގެ އެތައްކަމެއް އަހަރުމެން ނުވެސް ދަންނަ މީހަކަށް ކިޔާދީ އަހަރުމެންނަށް ބޮޑު ދެރައެއް ދޭން ރާވާފަ…”

ޒައިނަބް ފެންކަޅިވެފައި ހުރެ މަރިޔަމްއާއި ދިމާލަށް ހަޅޭއް ލަވައިގަތެވެ.

“އަހަންނަށް ނުވިސްނުނީ… އަހަންނަށް މާބޮޑަށް ހަސަދަވެރި ވެވުނީ…. އެކަން ކޮށްގެން މިހުރިހާ ކަމެއް ވެދާނެ ކަމަކަށް އޭރަކު ނުވިސްނުން.. އަހަންނަށް މާފްކުރޭ..”

މަރިޔަމް އިސްޖަހައިގެން އިނދެ ބުންޏެވެ.

“ބަޔަކަށް މިވަރުގެ ބޮޑު ދެރައެއްދޭން ވިސްނިއިރު އެކަމުގެ ސަބަބުން ވެދާނެ ކަމަކާމެދު ނުވިސްނެނީތަ ހަމަ؟!..”

އެހެން ބުނިއިރުވެސް ރުޅި އައިސްގެން ޒައިނަބްގެ އަޑު ތުރުތުރު ލައެވެ. ހީވީ ދެންމެ ދެންމެ ގޮސް މަރިޔަމްގެ މޫނުމަތީގައި ޒައިނަބް ވަރުގަދަ ތަފާލެއް އަޅަން އުޅުނު ހެނެވެ.

ސަލީމް އެނބުރި ގެއަށް ދިއުމުގެ ކުރިން ހުރިހާ ކަމެއްގެ ހަގީގަތް ހޯދަން ވަގުތު ނަގާނެ ކަމަށާއި މިކަމަށް ކެތްތެރި ވުމަށް ޒައިނަބަށް ނަސޭހަތްތެރި ވިއެވެ.

އެދުވަހުގެ ގިނަވަގުތު ޒައިނަބް އިނީ ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ކައިރީގައި އުޅޭ މީހުންނަށް ހެޔޮކޮށް ހިތައި، ދީލަތި ކަމާއި އޯގާތެރިކަން އިސްކުރުމުން ޒައިނަބަށް ލިބުނު ބަދަލަކީ މިއީ ހެއްޔެވެ؟. އެންމެ ކައިރީގައި އުޅެފައި ފަސް އެނބުރޭ ވަގުތު ބުރަކަށްޓަށް ވަޅި ޖަހާނީ ކާކު ކަމެއްވެސް ނޭނގެއެވެ. ވަށައިގެން އުޅެނީ ހަރުފަ ކަމެއް އިންސާނުން ކަމެއް އެނގެނީވެސް މަދު ފަހަރަކުއެވެ. ހަމަހޭވެރިކަން ވާއިރު މިއޮންނަނީ ކައިރީގައި އުޅޭ ހަރުފަތައް ވިހަ ލާފައެވެ.

އެރޭ ޒައިނަބަށްވުރެ ކުރިން އަހުސަލް ނިދަން އޮށޯތެވެ. މުޅި ދުވަހު ކަހަލަ ގޮތަކަށް ގޯތިތެރެއިން ފެނުނު އެތީގެ ކަންތަކާއި އުޅެން ހަދައިގެން އަހުސަލް އެދުވަހު ހުރީ ވަރަށް ވަރުބަލި ވެފައެވެ. އެދުވަހު އެގެއަށް ޝިފާމެން އައިސް އުޅުނު ވަގުތު ތަކުގައިވެސް އޭނާގެ ކުދިން އޭތި އޮތް ދިމާލަށް ނުކުމެދާނެތީ އަހުސަލް ހުރީ ބަލަބަލައެވެ.

އަދި މުޅިދުވަހު ޒައިނަބް އެކަމާ ވިސްނަން އިންނާތީ ޒައިނަބް ހަމަ ޖެއްސޭތޯވެސް އެތައްއިރަކު އުޅެން ޖެހުނެވެ. އެހެންކަމުން މުޅި ދުވަސް ދިޔައީ ވަރުބަލި ކަމުގައެވެ.

އަހުސަލް ނިދުމުން ޒައިނަބް އޭނާ ކައިރީގައި އޮށޯވެ ނިދޭތޯ ބެލިއެވެ. ނަމަވެސް ޒައިނަބްގެ ހިތުގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލެއް ފުނިޖެހެމުން ދިޔައެވެ. ސިކުނޑީގައި އެތަކެއް ހިޔާލެއް ގިނަވަމުން ދިޔައެވެ. ސީލިންގުގައި އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން ޒައިނަބް އޮތްއިރު އޭނާގެ ހިޔާލީ ދުނިޔޭގައި އެތަކެއް ކަމެއް ހިނގަމުން ދިޔައެވެ. ޒައިނަބަށް ނިދުނީ އެތައް އިރަކު އެހެން އޮތް ފަހުންނެވެ.

ނިދުންތާ މާގިނަ އިރެއްނުވެ ޒައިނަބަށް ހޭލެވުނީ ކުއްލިއަކަށް އަހުސަލް އޭނާގެ އަތުގައި ވަރަށް ބާރަށް ހިފުމުންނެވެ. އަހުސަލްގެ އަތުގެ އިނގިލިތަކަށް ބާރުލައިގެން އޮތްވަރުން ޒައިނަބްގެ އަތަށް ތަދުވެސް ވިއެވެ. އޭރު އަހުސަލް ދެލޯ މަރައިގެން އޮވެ ފުންކޮށް ނޭވާލަމުން ދިޔައެވެ. ހީވާގޮތުން އަހުސަލް އޭރުވެސް އޮތީ ނިދީގައެވެ. ނަމަވެސް އޭނާއޮތީ ހާސްވެގެން ގޮސް ދާހިއްލައި ގަނެފައެވެ.

“އަހުސަލް.. އަހުސަލް ހޭލަބަލަ..”

ޒައިނަބް އަހުސަލްއަށް ގޮވަންފެށިއެވެ.

ޒައިނަބް ކިތަންމެ ވަރަކަށް ގޮވިނަމަވެސް އަހުސަލް އަކަށް ހޭވެރިކަމެއް ނުވިއެވެ. އިތުރަށް އޭނާގެ ގަޔަށާއި މޫނަށް ބާރުލާފައި ދެކޮޅަށް ތެޅެމުން ދިޔައެވެ. އެމަންޒަރު ފެނިފައި ހުވަފެނެއްގެ ތެރޭގައި އަހުސަލް ކޮންމެވެސް ބިރުވެރި ކަމަކުން ސަލާމަތް ނުވެވިގެން އުޅެނީކަން ޒައިނަބަށް އެނގުނެވެ.

“އަހުސަލް ހޭލަބަލަ..”

ޒައިނަބް އަހުސަލްގެ ކޮނޑުގައި ހިފައި ތަޅުވައި ގަންނަމުން އަނެއްކާވެސް ގޮވަންފެށިއެވެ.

ކުއްލިއަކަށް މާނޭވާއެއް ލަމުން ތެޅިގަނެފައި އަހުސަލް ތެދުވިއެވެ. ބިރެއްފެނިގެން އުޅޭހެން ދެލޯ ބޮޑުކޮށްގެން ހުރެ އަހުސަލް ކޮޓަރީގެ ތެރެއަށް ވަށައިގެން ބަލަމުން ދިޔައެވެ.

އިރުކޮޅަކުން އަހުސަލް ތެދުވެގެންގޮސް ކޮޓަރީގެ ބޮކި ދިއްލިއެވެ. އަހުސަލްއަށް ކުޑަކޮށްވެސް ހަމަޖެހިލެވުނީ ކޮޓަރިތެރެއަށް އަލި ވުމުންނެވެ. އެނދުގެ ސައިޑްޓޭބަލް މަތީގައި ހުރި ފެންފުޅިން ފެންފޮދެއް ބޯލަމުން އަހުސަލް ހަމަޖެހިލެވޭތޯ ބެލިއެވެ. އޭރު ޒައިނަބް އެއްވެސް ބަހެއްނުބުނެ އަހުސަލްގެ މޫނަށް ބަލަން އިނެވެ. ހަމަ ޖެހިގެން އަމިއްލައަށް އަހުސަލް އޭނާއަށް ވީގޮތް ކިޔައިދޭނެ އިރަކަށް ޒައިނަބް މަޑުކުރިއެވެ.

“އަހަންނަށް ފެނުނީ ގޯތި ތެރޭގެ ގަސްތައް ކައިރީގަ އަހަރެން ހުއްޓާ..”

ފަސްވަރަކަށް މިނެޓު ހަމަހިމޭނުން އިނުމަށްފަހު އަހުސަލް ޒައިނަބްގެ މޫނަށް ބަލާލަމުން ބުންޏެވެ.

“ބިރުވެރި ހުވަފެނެއް ފެނުނީ ދޯ.. ކިހިނެއްވީ ހުވަފެނުގަ؟.”

ޒައިނަބް އަހުސަލްގެ ބޮލުގައި ފިރުމާލަމުން އެހިއެވެ.

“އާން… ހުވަފެނުގަ ފެނުނީ އެއްކަލަ އެތި ފެނުން ތަނުގަ އަހަރެން ހުއްޓާ … އޭރު ގޭތެރެއިން ޒައިނަބް އަހަންނަށް ގޮވާއަޑު އިވެނީ ގޭތެރެއަށް އަންނާށޭ ކިޔާފަ.. އެކަމަކު އަހަންނަކަށް އުޅެއުޅެވެސް ހުރިތަނުން ގުޑިވެސް ނުލެވުން.. އޭރު އަހަރެންގެ ފަހަތުގަ މީހަކު ހުރި.. އެކަމަކު އެމީހާގެ މޫނެއް ނުފެނުން… އަހަރެން އެނބުރިފަ އެމީއަށް ބަލަން ވަރަށް ޓްރައި ކުރިން އެކަމަކު.. ފަހަތަކަށް ނުބެލުނު….”

އަހުސަލް އޭނާއަށް ފެނުނު ހުވަފެން ޒައިނަބަށް ކިޔާދިނެވެ.

“މިއަދު އެ ކަންތައްގަނޑުގެ ތެރޭގަ އުޅުނީމަ މާބޮޑަށް ސްޓްރެސް ވެގެން ފެނުން ހުވަފެނެއް ކަންނޭނގެ.. ހިނގާ ނިދޭތޯ އުޅެންދޯ..”

އަހުސަލް އެހެންބުނެ އެނދުގައި އޮށޯތެވެ. އޭނާގެ ހިތުގައި އިތުރުވަމުންދިޔަ ބިރުވެރިކަން ފޮރުވައި ހަމަޖެހިލެވޭތޯ ބެލިއެވެ. އެއީ އަހުސަލް ބިރުން އުޅެފިނަމަ ޒައިނަބްއަށް ވާނެގޮތް އޭނާއަށް އެނގޭތީއެވެ.

އޭގެ ދެދުވަސް ފަހެވެ. އިސްމާއިލް ވަރަށް ބާރަށް އައިސް ޒައިނަބްމެންގެ ގެއަށް ވަތްއިރު ޒައިނަބް އާއި އަހުސަލް ގޭގެ ސިޓިންރޫމުގައި ތިއްބެވެ.

“މިތާ ކައިރީގަ ހުންނަ ސޯސަންގޭ ދޮންކަމަނައްތަ ދެންމެ އަހަރެން ފެނިގެން ވަރަށް އެހެންކަހަލަ ވާހަކައެއް ބުނެފި.. ދޮންކަމަނައްތަ ބުނީ ކުރީ ރެއަކު ދަންވަރު އެގޭ ކުޑަކުއްޖެއް ހޭލައިގެން އުޅުނު ގަޑީގަ އޭނަ ހުރީޔޯ އެގޭ ކުޑަދޮރު ކައިރީގަ… އެގަޑީގަ އޭނައަށް ފެނުނޯ ޒައިނަބްމެންގެ ގޭގެ ވަލުދޮރާށި ފަޅިން މީހަކު ވަދެގެން ދިޔަތަން. އެމީހާ އަތުގަ އޮތޯ ގޯންޏެއް ކަހަލަ އެއްޗެއް.. އެމީހާ ގޮސް މަޑުކުރީ އެތާހުންނަ ގަސްތައް ކައިރީގަޔޯ.. މަ އެހިން އެމީހާގެ މޫނު ފެނުންހޭ.. ދޮންކަމަނައްތަ ބުނީ އަނދިރި ކަމުން އެމީހާގެ މޫނެއް ނުފެނުނޯ.. އެއީ ދޮންކަމަނައްތަ އަށް ހީވިގޮތެއް ކަމަށް ހީކޮށް އެވާހަކަ އެއްވެސް މީހެއް ކައިރީގަ ނުދައްކާ ހުއްޓާ ރަށުތެރެއިން އިއްޔަ އިވުނީޔޯ މިގޭ ގޯތިތެރެއިން އެއްޗެއް ފެނިގެން އުޅޭ ވާހަކަ… އެހެންވެޔޯ އެވާހަކަ މިބުނީ.. ދޮންކަމަނައްތަ ބުނީ މިހާރު ޔަގީންވެއްޖެޔޯ އެއީ އެރޭ އޭނާއަށް ހީވިގޮތެއް ނޫންކަން..”

އިސްމާއިލް ކިޔާދެމުން ދިޔަ ވާހަކަތައް އަޑުއަހަން އަހުސަލްއާއި ޒައިނަބް ބިރުން ތިއްބެވެ.

އަހުސަލް ބޭނުންވީ އެކަމާ ބެހޭގޮތުން އަދުވެސް އިތުރަށް ކަމެއް ސާފުވޭތޯ ބަލާށެވެ. އެހެންކަމުން އަހުސަލް އިސްމާއިލްއާއި އެކު ދޮންކަމަނައްތަ މެންގެއަށް ދިޔައެވެ. އޭނާއަށް ފެނިފައިވާ މަންޒަރު އަދި އެއްފަހަރު ކިޔާދިނުމަށް އަހުސަލް އެދުނެވެ. ދޮންކަމަނައްތަ އެރޭ އޭނާއަށް ފެނުން ކަންތައް އަހުސަލްއަށް ކިޔާދިނެވެ. އަދި އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމުގައި ބުންޏެވެ. ނަމަވެސް އަނދިރީގެ ތެރެއިން އެމީހާގެ މޫނުގެ ސިފަ ނުފެންނަ ކަމުގައިވެސް ބުންޏެވެ.

އެދުވަހު އަހުސަލްގޮސް ގެއަށް ވަތްއިރުވެސް އޭނާއަށް ސިފަވަމުން ދިޔައީ އިސްމާއިލްއާއި އަހުސަލަށް ރުއްދަނޑުގެ ތެރެއިން ފެނުން މީހާއެވެ. އެމީހާވެސް އުޅުނީ ހަމަ ގޯންޏެއް ހިފައިގެން ނެވެ. އެއީ އަނެއްކާ އެކަކަށް ވެދާނެބާއެވެ؟..

އޭގެ އަނެއްދުވަހު އަހުސަލް ޒައިނަބް ގޮވައިގެން ރުޤްޔާކުރާ ސަލީމުމެންގެ ގެއަށް ދިޔައެވެ.

ސަލީމު އެގޭ ސިޓިންރޫމުގެ ސޯފާގައި ޒައިނަބް ބޭއްވުމަށްފަހު ކައިރީގައި އިނދެ ޤުރުއާނުގެ އާޔަތްތަކެއް ކިޔަވަން ފެށިއެވެ. ޒައިނަބް ދެލޯ މަރާލައިގެން ސަލީމު ކިޔަވަމުންދިޔަ އަޑުއަހަން އޮތްއިރު އޭނާގެހިތް އިރެއް އިރަކަށް ނުތަނަވަސް ވަމުންދިޔައެވެ. ނަމަވެސް ކިޔަވާތާ ބައިގަޑިއެއް ހާއިރު ވީފަހުން ހިތުގައިވާ ބިރު ފިލާގޮސް މީހާއަށް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނެވެ. ސަލީމު ކިޔަވާ ނިމުމުން ޒައިނަބް ތެދުވެ އިށީނެވެ. އޭރު އަހުސަލް ޒައިނަބްއާއި ދިމާލަށް ބަލަހައްޓައިގެން ކައިރީގައި އިނެވެ.

“މިކަހަލަ ކަންކަން ރަނގަޅު ކުރެވޭނީ މަޑުމަޑުން.. މިކަމުން އެއްކޮށް ސަލާމަތްވާން އަދި ވަރަށް ދުވަސް ނަގާފާނެ.. އެއްވެސް ކަމެއް ކުއްލިއަކަށް ނިންމައެއް ނުލެވޭނެ.. ކެތްތެރިވާން ޖެހޭނެ…”

ސަލީމު ޒައިނަބަށް ނަސޭހަތް ތެރިވިއެވެ. އަހުސަލް އާއި ޒައިނަބްވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކަން ނިމޭށެވެ. ނަމަވެސް ސަލީމުގެ ބަސްއަހައިގެން މަޑުމަޑުން މިކަން ރަނގަޅު ވަންދެން ތިބުން ނޫންގޮތެއް އެމީހުންނަކަށް ނެތެވެ.

އެރޭ ކިތަންމެ ހަމަޖެހިގެން ޒައިނަބަށް ނިދުނު ނަމަވެސް އެރޭވެސް ޒައިނަބަށް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި ޒައިނަބް ހުރީ އެގޭ ގޯތިތެރޭގެ ގަސްތައް ކައިރީގައެވެ. ގަސްތަކުގެ ބިއްދޮށުން ހުންނަ ރުއްތައް ތަށުގައި އަންހެނެއް ހުއްޓިގެން ހުރިތަން ފެނުމުން ޒައިނަބް އެއީ ކާކުތޯ ބެލުމަށް އެމީހާ ކައިރިއަށް ޖެހިލިއެވެ. ނަމަވެސް އަނދިރީގެ ތެރެއިން އެމީހާގެ މޫނެއް ނުފެނުނެވެ. އިރުކޮޅަކުން އެމީހާ ބިންމައްޗަށް އަތް ދިއްކޮށްލިއެވެ.

“އެތާ އޮތް އެތި ކަލޭމެންނަށް ފެނުނީ ދޯ.. އެކަމަކު ކަލޭމެންނަކަށް އޭތި އެތާ ބޭއްވި މީހެއް ނޭނގެއެއްނު…”

ގަސްތަކުގެ ތެރެއިން އެހެންމީހަކު ބުނިއަޑު އިވުނެވެ.

ޒައިނަބް ބޭނުންވީ އެއީ ކާކު ބޭއްވި އެއްޗެއްތޯ ސުވާލު ކުރާށެވެ. ނަމަވެސް ޒައިނަބަށް އެހެން ނޭހިގެން އުޅެނިކޮށް ނިދިން ހޭލެވުނީއެވެ.

ޒައިނަބް ތެދުވެ އެނދުމަތީގައި އިނދެ ކުރުސި ކިޔުމަށްފަހު ދެއަތަށް ފުމެލައި މޫނުގައި އަތްހާކާލިއެވެ.

މަރިޔަމްގެ ފަހުން އެގޭ ގޯތި ތެރޭގައި ހަމަ އެކަހަލަ އެއްޗެއް އެ ބޭއްވީ ކާކުބާއެވެ؟. އެއީ އެ ސިހުރުވެރިޔާ ބޭއްވި އެއްޗެއް ބާއެވެ؟ ނޫނީ އެއީ އެ ސިހުރުވެރިޔާ ދީގެން އެހެން މީހަކު ބޭއްވި އެއްޗަކަށްވެސް ވެދާނެބާއެވެ؟. ކޮންމެވެސް ސަބަބަކާހުރެ އަދިވެސް މަރިޔަމް އެ ސިހުރުވެރިޔާގެ ނަމެއް ނުބުނެވެ. ވީއިރު އެމީހަކު ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟. ޒައިނަބްގެ ސިކުނޑީގައި އަނެއްކާވެސް އެތަކެއް ސުވާލުތަކެއް އެނބުރެން ފެށިއެވެ.

އެހެން އިންދައި ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވުމުން ޒައިނަބްގޮސް ނަމާދުކޮށްގެން ގޯތިތެރެއަށް ނިކުތެވެ. އޭރުވެސް އެއްކޮށް އިރުއަރައި އަލި ވާކަށް ނުފަށައެވެ. ޒައިނަބް ގޯތިތެރެ ކުނިކަހަން އުޅެނިކޮށް އެއްކަލަ ގަސްތައް ކައިރިން މީހަކު ނިކުމެގެން ދިޔަހެން ހީވުމުން ޒައިނަބް އެދިމާލަށް ބަލާލިއެވެ. ނަމަވެސް އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެއީ ޒައިނަބަށް ހީވިގޮތެއް ކަމުގައި ވެދާނެބާއެވެ؟.. ޒައިނަބަށް ފެނުނު ހުވަފެނުގެ ސަބަބުން ހިތުގައިވާ ބިރު އަދިވެސް ފިލައިގެން ނުދާތީ އެއީ އޭނާގެ ހިތަށް ވެރިވި ވަހުމަކަށް ވެދާނެބާއެވެ؟..

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Unknown

    Oh my gawd
    What’s happening
    What will happen to zainab
    Will she be ok
    Please upload the next part soon♥️

    1. Eyesh
      Unknown

      Thank you for this beautiful comment 🤍😘 will upload soon ingey. Keep reading to find out what happens next.

  2. Salma

    Meega abadhu Zainab and ahusal nidhumaa nidhaafa onna iru biruveri kanthah vumaa nidhaa heylumaa anehkaa aneh dhuvahu heylun noon kameh nuvey story kuriyakah nudhey boring

    1. Eyesh
      Salma

      Hey Salma thank you for your feedback… Its going slow because its actually based on a true story. I really appreciate your feed back. i will try to make it more interesting. Thank you for reading. 🤍😊

  3. liya

    very good i wonder who it is cant wait for next part

    1. Eyesh
      liya

      Thank you liya 😘 will upload soon.

  4. Vaahaka_by_Az

    Heyy! The story is so good so far. Curious vaa varun nuves hurevey. I keep thinking about what’s gonna happen next. Well, i feel like mariyam noon adhi ehen meeheh ge atheh eba vey mi sihuru kamuga. The black hedhun li meehaa might be zainab family meeheh ves dho. Alsoo saleem is vrh sus. What if saleem is the actual sihr hadhaa meehaa? Omg this is insanee!! Impatiently waiting for the next episode 💗💗

    1. Eyesh
      Vaahaka_by_Az

      Oh thank you dear 🤍 m so glad to know that you are so interested in this story. Hope you will enjoy the next part too 🫰🏻thank you so much for this beautiful comment 🥺

Comments are closed.