Skip to content
އެސްފިޔަ

އާރާ – 9

Listen to this story Audio · 7:55 Powered by Esfiya Voice
0:00 7:55

ނައިލް އޭނާގެ އެކުވެރިންނާއެކު ދުވެވޭ އެންމެ ބާރުމިނެއްގައި ދުވެ ގަސްބޯވެފައިވާ ސަރަހައްދެއްގައި މަޑުކޮށްލިއެވެ. އޭނާ އަށް ވަރުބަލިކަން އިހުސާސްކުރެވި މާނޭވާ ލެވެއެވެ. (ކުރީގެ ޕާޓްއާއި ގުޅޭ)

“ކަލޭ ތިއީ ކާކު؟” ނައިލް ބުނެލިއެވެ. “އަހަރެންނަކީ ޝިފާޒް….ޝަމްހީދުގެ ވަރަށް ގާތް ރައްޓެއްސެއް” ޝިފާޒް ބުނެލިއެވެ. “ތިއީ ކިހިނެއް ހޯދި އެއްޗެއް” ނައިލް ބުނެލިއެވެ. “އެއީ ވަރަށް ދިގު ވާހަކައެއް” ޝިފާޒް ބުނެލިއެވެ. “ހިނގާ ދަމާ ކޮފީއަކަށް” ޝިފާޒް ބުނެލިއެވެ. “ހިނގާ ދަމާ” ޝައްފާން ބުނެލިއެވެ. ނައިލް ޝިމާލް އަދި ޝައްފާން ވެސް އެމީހުންނާއެކު ކޮފީއަކަށް ދިޔުމަށް އެއްބަސްވިއެވެ. ސަބަބަކީ ޝިފާޒް ނަމަކަށް ކިޔާ އެމީހާގެ މައުލޫމާތު ހޯދުމަށް ޝައުގުވެރިވުމެވެ. ޝިފާޒް އަކީ ޝަމްހީދުގެ އެކުވެރިއެކޭ ބުނިނަމަވެސް  އެމީހުންގެ ސިކުނޑި ކޮންމެވެސް ވަރަކަށް ޝިފާޒް އާއެކު ދިޔުމަށް ދެކޮޅުހަދައެވެ. ޝިފާޒް އަކަށް މުޅިން އިތުބާރެއް ނުކުރެވެއެވެ. “ކަލެއަށް އިނގޭތަ މާލިކް އަކީ ކާކުކަން” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ނައިލް ބުނެލިއެވެ. “އާނ އޭނައަކީ ރެޑްވިންގްސް ގޭންގުގެ ލީޑަރު…އަހަރެމެން ދިޔައިރު އޭނަ ނެތީ ކީއްވެ…ކޮންތާކަށް އޭނަ ދިޔައީ” ޝިފާޒް ބުނެލިއެވެ. ” އޭނަ ދިޔައީ ރައްޓެއްސެއް ރަށައް އައިސްގެން ޖެޓީއަށޭ ކިޔާފެ” ޝައްފާން ބުނެލިއެވެ. “މިހާރު އަހަރެމެން ހޯދާނެ…ރައްކާތެރި ހިސާބަކަށް ދާންވީ އަވަހަށް” ޝިފާޒް ބުނެލިއެވެ. ވެއިޓަރު ދުފާ އެއްޗިއްސާއެކު ބިލު ގެނެއްސިއެވެ. ގަދަޔައް ދުފަމުން ދިޔަ ޝިފާޒް އަތް ކޮށްޕާލީ ޖީބު އެތެރެއަށް ވޮލެޓު ނެގުމަށެވެ. އެވަގުތު އޭނާގެ ޖީބުގައި ހުރި މަސްތުވާތަކެތި ބިންމައްޗައް ވެއްޓުނެވެ. ނައިލް ގެ ލޮލުގައި އެ އެ އެއްޗެހި އަޅައިގަތެވެ. އޭނާ ހުރީ ހައިރާންވެފައެވެ. ޝިފާޒް އަވަސް އަވަހަށް އެ އެއްޗެހި ނަގަން ފެށިއެވެ. އޭނަގެ މޫނުގައި ވަނީ ބިރުވެރިކަމެކެވެ. ނައިލް ޝައްފާނުގެ ކަންފަތް ބުޑުގައި ސިއްރުން ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު ވިސްނާލުމަށްފަހު ބުނެލިއެވެ. “ޝިފާޒް އަހަރެންނާއެކު ޑީލެއް ހަދާފާނަންތަ” ނައިލް ބުނެލިއެވެ. “އެއީ ކޮންކަމެއް” ޝައުގުވެރިކަމާއެކު ޝިފާޒް ބުނެލިއެވެ. ” އަހަރެމެންނަށް މިހާރު މި ފެނުނީ ކަލޭ ކުރާ ކަންތައް” ނައިލް ބުނެލިއެވެ. އެވަގުތު ޝިފާޒް ރުޅިވެރިކަމާއެކު ފިސްތޯލެއް ނަގާލައި ނައިލްގެ ކަރުގައި ޖައްސާލިއެވެ. ކެފޭގެ އެސަރަހައްދުގައި އެވަގުތު ނައިލްމެން ފިޔަވާ އެހެން މީހުން ނެތްކަމުން ރަށުގެ ރައްޔިތުންގެ ސަމާލުކަން އެކަމަށް ނުހުއްޓެއެވެ “ހަދާންކުރާތި މިކަން އެއްވެސް މީހަކަށް ހިއްސާ ކޮށްފިނަމަ ކަލެއާއި ކަލޭގެ އެކުވެރިންގެ ދުވަސް ދުއްވާލާނަން” ޝިފާޒް ބާރަށް ހަޅޭލަވައިގަތެވެ. “ކަލޭ ހަމަޖެހިބަލަ އަހަރެން އެވާހަކަ ހިއްސާ ނުކުރާނަން އެއްވެސް މީހަކަށް…..ކަލޭ ތިގެންގުޅޭ ޑްރަގްސް އެތެރެކުރާ މީހެއް އަހަރެންނަށް އިނގޭ ކަލޭ ބޭނުމިއްޔާ ގިނަ އަދަދަކަށް ލިބޭނެ ގޮތް ހެދިދާނެ” ނައިލް ބުނެލިއެވެ. “އެއީ ކާކު ކިހިނެއް އެއީ” ޝިފާޒް ބުނެލިއެވެ. “ކަލޭ އަހަރެމެންނަށް ފިސްތޯލުތަކެއް ދީފިނަމަ ހުރިހާ ކަމެއް ހަމަޖައްސަދޭނަން” ނައިލް ބުނެލިއެވެ.”އެންމެ ރަނގަޅު އެކަމަކު މަކަރު ހަދާ އޮޅުވާލަން ނަހަދާތި އެކަހަލަ އެއްވެސް ކަމެއް ކުރިއްޔާ ކަލޭމެން ހޯދާފައި ކަލޭމެންގެ ދުވަސް ދުއްވާލާނަން” ރުޅިވެރި ރާގެއްގައި ޝިފާޒް ބުނެލިއެވެ.ނައިލް ބޭނުވި ގޮތައް ކަންތައް ވުމާއެކު ނައިލްގެ މޫނަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. “މިއޮތީ އެމީހާގެ ނަންބަރު” ނައިލް ފޯނު ސްކްރީނު ޝިފާޒް އަށް ދައްކާލިއެވެ. “ހިނގާ ދެން އަހަރެމެންގެ ދަތުރު ފަށަމާ މިރަށުގައި އިތުރައް މަޑުކޮށްފިނަމަ އަހަރެމެން ނުރައްކަލައް ހުށަހެޅިދާނެ” ޝިމާލް ބުނެލިއެވެ. ހުރިހާ އެންމެން ވެސް ބޭނުންވީ ދަތުރު އަވަހަށް ފެށުމަށެވެ. ޝިފާޒް ނައިލްއަށް އިތުބާރުކޮށް 4 ފިސްތޯލު ދިނެވެ. ނައިލްމެން ބޯޓުގައި ނައްޓާލިވަގުތު ޝިފާޒް ޖެޓީ ސަރަހައްދުގައި ހުރިއެވެ. ފަޅުތެރެއިން ނުކުމެ ބޯޓު ދުއްވަން ފެށުމާއެކު ކަނޑުން ނަގާ ބިޔަ ރާޅު ތަކާއެކު ބޯޓު ވަރަށް ތަޅުވައެވެ. ބޯޓުގެެ ހުންގާނުގައި ހިފައިގެން ހުރި ނައިލްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ.

އިރުގެ އަލިކަން ފަނޑުވަމުންގޮސް މުޅި ރަށައް އަދިރިކަން ވެރިވެއްޖެއެވެ. ނިދިފައި އޮތް އާރާ ހޭލެވުނީ އޭނާ ކަންފަތުގައި ޖެހުނު ރިންގު ޓޯނާ އެކުއެވެ. ފޯނު ނަގައި ކަންފަތް ބުޑުގައި ޖައްސާލިއެވެ. “މިރޭ 8 ޖަހާއިރު ވޮލީ ކުޅެން އަންނާތި” ފޯނުން ގުޅައިގެން ހުރެ އައިޝާ ބުނެލިއެވެ. ވޮލީ ކޯޓަށް އާރާ ދިޔައީ އާދަނު އާއިއެކުގައެވެ. ވޮލީ ކޯޓު ކައިރިއަށް އާރާ ފޭބުމުން އާދަނު އަވަސް އަވަހަށް ސައިކަލުގައި ހިނގައްޖެއެވެ. އެވަގުތު ވޮލީ ކޯޓު ކައިރީ މަގުމަތީގައި ފަރުހާން ހުއްޓެވެ. “އަސްލުތަ؟ ނުވާނެ އެހެން….އެހެންވިއްޔާ ތި ގާތްގަޑަކަށް ހުރިހާ ބާރެއް ލިބުނީ” ފޯނުން ފަރުހާން ވާހަކަ ދައްކަމުން ދިޔައެވެ. އާރާ ވޮލީ ކޯޓު އެތެރެއަށް ހިނގާ ގަތްއިރު މި އަޑު ކަންފަތުގައި ޖެހުނެވެ. ޝައްކުކުރެވޭ ކަހަލަ ނަޒަރަކުން އޭނާ ފަރުހާން އާއި ދިމާލަށް ނަޒަރު ހިންގާލިއެވެ. ވޮލީ ކުޅެ ނިމުމުން އާރާ ދަނޑުން ނިކުންނަނީއެވެ. އެވަގުތު  އާރާ އާއި އެއްވަރަކަށް އައިޝާ ހިނގައިގަތެވެ. ” އާރާ ގާތު ބުނަން ހަދާން ނެތުނީ…އެބައިން ވަރަށް ބޮޑު ވާހަކައެއް” އައިޝާ ބުނެލިއެވެ. “އަނެއްކާ ކޮން ވާހަކައެއް؟” ޝައުގުވެރިކަމާއެކު އާރާ ސުވާލުކޮށްލިއެވެ.”އަހަރެންގެ ބައްޕަގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރާ ގޮސް ބޮޑު އާމްދަނީއެއް މިހާރު ލިބޭ…މިހާރު ބައްޕަ ބޭނުންވަނީ އަހަރެން ކިޔަވަން އިގިރޭސި ވިލާތައް ފޮނުވުމަށް” އައިޝާ ބުނެލިއެވެ. “އަސްލުތަ؟ ވަރަށް ބޮޑަށް މަރުހަބާ އައިޝާ” ހައިރާންވެ ހުރެ އާރާ ބުނެލިއެވެ. އައިޝާގެ އާއިލާ އަކީ ކުރީގައި އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. ނަމަވެސް އައިޝާގެ ބައްޕަ، ރަޝީދުގެ ބުރަ މަސައްކަތުން ވިޔަފާރިން ބޮޑު ކުރިއެރުމެއް ހޯދިއެވެ. އައިޝާ ބޭނުންވީ ޑޮކްޓަރުކަން ކިޔަވާށެވެ. އިގިރޭސިވިލާތުގެ މޮޅު ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ލިބުމަކީ ހަމަ ޔަގީނުންވެސް އައިޝާގެ ހުވަފެންތަކުގައި ކުލަޖެހިގެން ދާނެ ކަމެކެވެ.

އޭގެ 2 ދުވަސް ފަހުން

ރޭގަނޑުގެ އަދިރިކަން މަޑުމަޑުން ފަނޑުވަމުން ގޮސް އިރުގެ ރަން ދޯދިތައް ފާޅުވެ އާ ދުވަހަކަށް އިރު އަރައިގެން ހިނގައްޖެއެވެ. އާރާ މަގުމަތީގައި މަޑުކޮށްގެން ހުރީ މަހުދީ ސައިކަލުގައި އޭނާ ބަލައި އަންނަދެން ނެވެ. ލަސްތަކެއް ނުވެ މަހުދީ އައުމުން އެ ދެ މީހުން ދިޔައީ ޖެޓީ ސަރަހައްދަށެވެ. ސަބަބަކީ މިއަދަކީ އާރާގެ އެންމެ ގާތް އެކުވެރިޔާ ކަމައްވާ އައިޝާ އިނގިރޭސި ވިލާތައް ފުރުމަށް ހަމަޖެހިފަ އޮތް ދުވަސް ކަަމަށް ވާތީއެވެ. އޭނާ ކިޔެވުމަށް ޔުނިވާސިޓީއިން ޖާގަ  ވަނީ ކަށަވަރު ކޮއްފައެވެ. އެވަގުތު ރަޝީދު އާއެކު އައިޝާ ކާރުން ފައިބަނީއެވެ. އައިޝާގެ އައިލާގެ ބަޔަކުވެސް އެ ސަރަހައްދުގައި ތިއްބެވެ. ހުރިހާ އެންމެން އައިޝާ އާށް މަރުހަބާ ކިޔާ ސަލާން ކުރުމުގައި އުޅުނެވެ. އާރާ އާއި ސަލާންކޮށް މަރުހަބާ ކިޔުމަށްފަހު އައިޝާ ލޯންޗައް އެރިއެވެ. މަޑު ނޫ ކުލައިގެ ފެންގަނޑުގެ ތެރެއިން ހުދު ފޮނުތައް އަރުވަމުން ލޯންޗު ރަށުގެ ފަޅު ތެރެއިން ނިކުމެއްޖެއެވެ. އެވަގުތު ހުދު ކުލައިގެ މުދާ އުފުލާ ބޯޓެއް ރަށުގެ ފަޅުތެރެއަށް ވަދެގެން އަންނަނީއެވެ. “އޭއި ކަލޭ ދޭ ޖެޓީގައި ވާގަނޑު އައްސަން” ޝިމާލް އާއި ދިމާލަށް ނައިލް ބުނެލިއެވެ. އެވަގުތު އާރާ ހުރީ އަދިވެސް ޖެޓީ ސަރަހައްދުގައެވެ. ސަބަބަކީ މަހުދީ ހުރީ އޭނާގެ މާމަ އަށް ގުޅައިގެންކަމައްވުމާއެކު، ގުޅައިގެން ހުރެ ސައިކަލު ނުދުއްވޭނެ ނެތީއެވެ. ޝަމްހީދު ބޯޓު އެއްސުމަށްފަހު ބޯޓުގައި ތިބި އެންމެން ބޯޓުން ނިކުމެ ރަށުތެރެއަށް ހިނގައިގަންނަން މިސްރާބު ހިފިއެވެ. ޖެޓީ ސަރަހައްދުގައި ހުރި އާރާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ޒައިންއެވެ. ޒައިން އެ ބޯޓު ކައިރިއަށް ހިނގައިގަތެވެ. އެވަގުތު ބޯޓުން އެންމެ ފުރަތަމަ ނިކުތީ ޝައްފާންއެވެ. އާރާ ހައިރާންވިއެވެ. ނައިލް ޝިމާލް އަދި ޝަމްހީދުވެސް އެވަގުތު ރަށައް ފޭބިއެވެ. އެ އެއަށްފަހު ޖެޓީ ސަރަހައްދުގައި އެމީހުން މަޑުކޮށްލައިގެން ތިއްބެވެ. ބެލެވޭ ގޮތުގައި އެމީހުން ތިބީ އޮލަ ވާހަކައެއްގައެވެ. އާރާ ހުރީ އޭނާ އަށް ކުރީގައި އަޑު އިވިފައިވާ ވާހަކަތަކުގެ ސަބަބުން ފިކުރުބޮޑުވެފައެވެ. އާރާ ހުރީ އެމީހުންނާ ގާތް ގަޑަކަށް ސަތޭކަ މީޓަރު ދުރުގައި ކަމަށްވުމުން އެމީހުން ދައްކާ ވާހަކަ އަޑެއް ނީވެއެވެ. ކުއްލިގޮތަކަށް ޝައްފާންގެ ލޮލުގައި އާރާ އަޅައިގަތެވެ. އޭނާ އާރާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ދަންނަ މީހަކު ފެނުނު ފަދައިންނެވެ. (ނުނިމޭ)