
ޒާޔާ (ސީޒަން 2) – 21

“ތިހާ ބޯ ފަޅައިގެން ދަންޏަ ކީއްކުރަން ޒަމްލާ ކަލޭ ކައިރީ ބަހައްޓައިގެން ތިއުޅެނީ؟” ކުއްލިއަކަށް ފަހަތުން މީހަކު ވާހަކަ ދެއްކުމުން ދެމީހުނަށް އެކީ ފަހަތަށް ބަލައިލެވުނެވެ. އެ ސުވާލު ކުރި މީހަކު ހުރީ އެ މީހުނަށް ފުރަގަސްދީގެންނެވެ. ކެފޭގައި ހުރި ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. “އޭ. އެހެން މީހުން ދައްކާ ވާހަކައިގެ ދެމެދަށް ވަދެގަތުން އެ ވަރަށް ކަޑަކަމެއް އިނގެ ބްރޯ..” ރިފާއު އެއްވެސް ޖެހިލުންވުމަކާ ނުލައި އެ މީހާއާ ދިމާއަށް ބުންޏެވެ. “މީހުންގެ އަބުރާ އިއްޒަތާ ކަރާމާތަށް އަރައިގަތުން ތިއަށްވުރެ މާ ބޮޑަށް ވެސް ކަޑަ. މަ ހިއެއް ނުކުރަން ނަރސިސިސްޓިކް ވެގެން ގޮސް މީހަކު ހައްދުން ނައްޓާނެ ކަމަކަށް!” އެ މީހަކު އެހެން ބުނެ އިޒްވާމެނާ ކުރިމަތިވާނެހެން އެނބުރުނެވެ. އެ މީހެއްގެ ސޫރަ ފެނުމާއެކީ އިޒްވާއަށް ކުރެވުނީ މުޅި ދުނިޔެއަށް އޭނާ ފަޟީޙަތް ވެއްޖެކަމުގެ އިހުސާސެކެވެ.
************
“ލިއަމް…؟؟؟؟” އެ މީހެއްގެ ސޫރަ ފެނުމާއެކީ ރިފާއުއަަށް ބުނެވުނެވެ. ރިފާއުގެ ދެލޯ އޭނާއަށް ދެއްކީ ލިއަމްގެ ސޫރައެވެ. ރިފާއުގެ ދެ ބުމަ ކައިރިވި ގޮތުން އޭނާ އޮޅުންގަނޑެއްގެ ތެރޭ އިންކަން އަންގައިދެއެވެ.
އެއްވެސް އަސަރެއް ނެތް ގޮތަކަށް އެ ޒުވާނާ ހިނިތުންވެލައިގެން ހުރިއިރު އިޒްވާގެ މޫނުމަތިން ނުތަނަވަސްކަމުގެ ކުލަވަރުތައް ފާޅުވަމުން ދިޔައެވެ.
“ޒާމިލް ބިން ލިއަމް އިބްރާހީމް… ސާފު؟” ވާނުވާވެފައި އިން ރިފާއުއަަށް ކުރިމަތީ އެ ހުރީ ކާކުކަން އެނގިއްޖެއެވެ. “ގާނޫނީ ވަކީލުންނާ ބައްދަލުކޮށްގެން ބޭކާރު ކަންކަން ތި ކުރެވެނީ އިޒްވާ..” ޒާމިލް ފުރަތަމަ ފަހަރަށް އިޒްވާގެ ނަމުން މުޚާތަބު ކުރިއެވެ. ޒާމިލް ޤަބޫލުކުރާ ގޮތުގައި އެ ފަދަ މީހުންނަށް އިޚްތިރާމް ހައްޤުވެގެން ނުވެއެވެ.
އިޒްވާއަށް އެކަން ބަރުދާސްތެއް ނުކުރެވުނެވެ. ފަޅި ސިކުންތުކޮޅެއް ތެރޭ މީހާ ރުޅިއައިސްގެން ފުފިއްޖެއެވެ. އެކަމަކު، އިނދެވުނު ތަނުގެ ގޮތުން ހަޅޭއްލަވައިގަންނަން ވެސް ނުކެރުނެވެ.
އިޒްވާގެ ހިތަށް އެރިއެވެ. މިއަދު އެތާ އޭނާގެ ބަދަލުގައި ޒާޔާ އިން ނަމަ އެތާ ތިބިއްޔާ ތިބިހާ ބައެއް ޒާޔާގެ ދިފާއުގައި ތެދުވާނެތާއެވެ. އެކަމަކު އޭނާ ވެއްޖެއްޔާ އެއްވެސް މީހަކު އިޒްވާއާ ވެގެންނެއް ނޫޅޭނެއެވެ.
އެ ކުރެވުނު ޚިޔާލުން އެކަނި ވެސް، ޒާޔާއާ ދޭތެރޭ އެ ހިތުގައި އޮތް ހަސަދަވެރިކަން ބޮޑުވެގެން ދިޔައެވެ.
ޒާމިލް މަޑުމަޑުން ހިނގާލާފައި އައިސް އިޒްވާ މެން ތިބި މޭޒު ކައިރީ އިށީނެވެ. އަދި ރިފާއު ކައިރީ ވާހަކަނުދެއްކުމަށް އަތުގެ އިޝާރާތުން އެންގިއެވެ.
ލައިގެން އިން ކަޅުކުލައިގެ ޓީޝާޓުގެ ދެކޮނޑުމަތީ ޒާމިލްގެ އަތްތިލަ ހިންގާލީ ހިރަފުސް ފޮޅާލާ ބީދައަކުންނެވެ. “އިޒްވާއަށް އަހަރުންގެ ދިރިއުޅުން ހަލާކުކޮށްލުން އެއީ މިހާ ފަސޭހަކަމެއް ދޯ.” ޒާމިލް ބުންޏެވެ. އިޒްވާ އެއިން ގޮތަށް އިނީއެވެ. ދެންވެސް ވާހަކަ ދެއްކީ ޒާމިލެވެ. “މަގޭ މަންމަގެ މަގާމު އަތުލައިގެން، މަގޭ ބައްޕަ ޖަލަށް ލައިގެން ކަލެއަށް ކޮންކަމެއް ހާސިލުވާނެކަމަށް ތިއުޅެނީ؟ ކަލޭގެ ހައްގެއް ވެސް ނޫން މަގޭ ކޮއްކޮއަކީ. ކޮން ފޮތަކުތަ އަންގަވާފަ އޮތީ މީހުންގެ ދަރިން އެހެން ޖަހައިގަންނަން؟” ޒާމިލް ކިތަންމެ ރުޅިއައިސްފައި ވިޔަސް އޭނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އިޒްވާގެ އަތުގައި އޮތް އުލުގައި ހިފާ ބާރުކޮށްލިއެވެ. ރިފާއު އިނީ އިޒްވާ ކޮށްފާނެ ކަމަކަށް ޚުޝިޔާރުވެގެންނެވެ.
ޒާމިލް އިޒްވާގެ އަތަށް ބަލައިލިއެވެ. “ތި އޫ އަޅުގަނޑުގެ އަތަށް ހަރާލަންތޯ ކަމަނާފާނު ތިއުޅުއްވަނީ؟” މާތް ބަހުރުވައިން ވާހަކަ ދެއްކިޔަސް ޒާމިލްގެ ރާގުގައި ވީ މަލާމާތެވެ. އިޒްވާގެ އަތުގައި އޮތް އޫ ދުރަށް ހޫރައިލިއެވެ. ރުޅި އައިސްގެން ގޮސް އަމިއްލަ ނަފްސު ހިފަހައްޓާލަން އުނދަގޫ ކަމަކަށް ވެއްޖެެއެވެ.
“ތިހިރި ތިހިރީ. ތިޔަ އިންނެވި ގާނޫނީ ވަކީލަށް ވެސް ފެނެއެއްނު ތިހިރަ މީހާއަށް ވާގޮތް. މީހުނަށް ނުހައްގުން އަނިޔާ ދީފަ ތިމާއަށް ފަސޭހައިގަ ނޫޅެވޭނެ. މަގޭ ބައްޕަގެ މުދާތައް އަތުލަން ހިތަށް ވެސް ނާރުވައްޗެ! އެއީ ނުވާނެ ކަމެއް. މަގޭ މައިންބަފައިން ދުރުކުރުވަން އުޅުނަސް އެކަމެއް ނުވާނެ!” ޒާމިލްގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. ޒާމިލްގެ ދެ ލޯ ފެންކަޅިވެގެން ދިޔައީ އޭނާއަށް ކުރެވެމުން ދިޔަ މައްސުނި އިހުސާސްތަކެއްގެ ސަބަބުންނެވެ.
“އަމިއްލަ އެދުމައިގެން ފޯވެފަ ހުންނަ މީހަކާ އެކީ ކިހިނެއް ބަޔަކު މަސައްކަތް ކުރާނީ؟ ރަނގަޅު މުސާރަ ގަނޑެއް ވެސް އެއިން މީހަކަށް ނުދޭ. ތިމާއަށް ފައިދާވާނެ ކަމަށް އެމީހުނަށް ލިބެންވާ އިންޝުއަރެންސް ވެސް ނުދޭ. ދެން ކިހާވަރަކަށް ކުންފުނިތަކަށް ނުފޫޒު ފޯރުވާނީ؟ އަހަންނަށް އެކަންޏެއް ނޫނޭ ގެއްލުން ވަނީ އިޒްވާ ތިހެން ކަންތައް ކުރާތީ. މި ވާހަކަ ދައްކަން ކެރޭ އެކަކު ވެސް ފުލުހުންގެ އިދާރާގަ ނުހުރޭ. ކީއްވެ؟ ވަޒީފާއިން ކަނޑާލަފަނެތީ. އަހަންނަށް އެނގޭ ތީނދަ ވަކީލު ބޭނުންކޮށްގެން އިޒްވާގެ ބޭނުންތައް ފުދުނީމަ ދެން ވަރިހަމަ ވާނެ އޭނައަށް ކޮންމެ ގޮތެއް ވިޔަސް….. ތިކަހަލަ ޖައްބާރު މީހެއްގެ ދަށުވެފަ އަހަންނެއް ނުހުންނާނަން. މަގޭ އާއިލާއަށް ކަލޭ ދުއްތުރާ ނުކުރިނަމަ ކަލޭގެ ދެ ލޮލުން މި ދުވަސް ދެކެން ނުޖެހުނީސް.”
“ދެން ކަލޭ މަންމަ ލާންވީނު އެ މަގާމަށް. ނުވެގެން އުޅޭ ކަމެއްނު ތީ.” އިޒްވާއަށް ނީނދެވިގެން ބުންޏެވެ. އިޒްވާގެ ކަޅު ހިތުގައި ސާފު ހުދު ތިއްކެއް ނުޖެހުނަސް ރިފާއުއަަށް ކޮންމެވެސް ގޮތެއް ވެފައި އިންކަން، އޭނާގެ އެ ހިމޭންކަމުން ބުނެދެއެވެ. ފަށުވި އިބާރާތްތަކުން ސިފަކޮށް ނުދެވުނަސް، އެ ހިތުގައި ޒާމިލް ދައްކަމުން ދިޔަ ވާހަކަތައް ވަކިހިއްޕަމުން ދާކަން އެނގިގެން ދެއެވެ.
“މަގޭ މަންމަ ވީމައެއް ނޫން…” އިޒްވާ ދަތްކުޑިވިކާލިއެވެ. “ބަހަނާ ނުދެއްކިޔަސް އެނގެޔޭ. ކަލޭ މަންމަ އެ މަގާމަށް ގެނެވުނީމައެއްނު ކަލެއަށް ބޯކޮށް ލާރި ލިބޭނީ.” އިޒްވާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެކަމަކު އެއަކަށް އިޒްވާ ނުބެލިއެވެ. އިޒްވާ ބެލީ ޒާމިލް ޖެހިލުންވޭތޯއެވެ. ނުވަތަ ޒާމިލް ބިރުގަނޭތޯއެވެ. އެހެނަސް، އޭނާ ހީކުރި ފަދަ އެއްވެސް ކުލަވަރެއް ޒާމިލްގެ މޫނުމައްޗަކުން ނުފެނުނެވެ. ޒާމިލްގެ ދެލޯ ކަރުނައިން ވިދަމުން ދިޔަޔަސް އޭނާ އިނީ ހިނިތުންވެލައިގެންނެވެ. އެކަމާވެސް އިޒްވާ ހަސަދަވެރިވިއެވެ.
“ކޮބާ އަހަރެން މިތާ ލާރީގެ ވާހަކަ ދައްކާފަ؟ ތީ އެއްނު އަދިވެސް ލިބޭ އެއްޗެއް މަދުވެގެން އުޅޭ މީހަކީ.. އެހެންވެތާ އަހަރެންގެ ބައްޕަގެ މުދާތައް ވެސް ޖަހައިގަންނަން ތިއުޅެނީ.. ހީވަނީ ދޯ ދުނިޔެ ދޫކޮށް ދާއިރު ހުރިހާ އެއްޗެއް ގެންދެވޭނެޔޭ.. ބުނަން…! ކުރިން ތި މަގާމުގަ އިނީ އަހަރެންގެ މަންމަ ނޫންކަމުގަވިޔަސް އަހަރެން އެ މީހެއްގެ ހައްގުގަ ވާހަކަ ދައްކާނަން. އަދި މަގޭ މަންމަ މަގާމަށް އެނބުރި އަޔަސް، މަންމައެއް އަހަންނަކަށް ނުދޭނެ އެހެންމީހުނަށް ދޭވަރަށްވުރެ އިތުރަށް. އެއީ ވަޒީފާގެ މައިދާނުގަ މަގޭ މަންމަ ގެންގުޅޭނެ އުސޫލު.. އެ އުސޫލު ނެތީ ކަލޭ ކިބައިގަ….”
“ޒާމިލަށް ތި ހެދެނީ ބޮޑު ގޯހެއްކަން އަދި ނޭނގެނީ.” އިޒްވާ އިންޒާރެއް ދިނެވެ. ނުސީދާކޮށް އިޒްވާ އެ އިއްވާލީ ކޮން އިންޒާރެއްކަން ޒާމިލަށް ވަގުތުން ނަގައިގަނެވުނެވެ. “އެހާ ބާރު އޮތިއްޔަ ވަޒީފާއިން ވެސް ކަނޑާލެވޭނެ. އެކަން އެނގިހުރެއޭ މަ މި އައީ. އިޒްވާއަށް ތި ނޭނގުނީ އިޒްވާއަށް ތި ހެދެން އުޅެނީ ކިހާ ބޮޑު ގޯހެއްކަމެއް. ކިހިނެއް އެނގޭނީ އަހަރެން ވަޒީފާއިން ކަނޑާލާއިރަށް އިޒްވާގެ މަގާމު ގެއްލިދާނެކަމެއް… ހެހެ… ތަނެއް ހިންގުމާ ހަވާލުވެ ހުންނަ ވެރިއަކު، އެމީހެއްގެ އަމިއްލަ ފައިދާއަށް ގޯސްކަމެއް ކޮށްފިއްޔާ، އެ މީހެއްގެ ދަށުގަ ތިބޭ ކޮންމެ ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ. ވަގުތީ ފައިދާއެއް ވެރިޔާއަށް ލިބިދާނެ. އެކަމަކު އެ ވަގުތީ އުފަލާ ފައިދާ ގެއްލެން ނަގާނީ ކުޑަ ހިނދުކޮޅެއް…. ދެން ދިޔައީ….ސަލާމް.”
ޒާމިލް ހިނގައިގަތްތާ އިރުކޮޅެއް ނުވެ ރިފާއު ވެސް ދެން ދަނީއޭ ބުނެ އެތަނުން ދިޔައީއެެވެ. އިޒްވާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. އަދި ބޮލުގައި އަތް އަޅައިލެވުނެވެ. ޒާމިލަކީ އިޒްވާ ހީކުރިވަރަށްވުރެ މާ ޚުޝިޔާރު މީހެއްތާއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ރިފާއުގެ ވިސްނުމާ ވެސް ކުޅެލީއެވެ. ޒާމިލްގެ ހުރިހާ ބަހެއް ރައްދުކުރީ އިޒްވާއަށެވެ. އެހެނަސް، އެ ބަސްތަކުން ކިރިޔާ ވެސް އަސަރެއް ކުރީ، ބަސް ރައްދުވާންޖެހޭ ފަރާތް ނޫން އެހެން ފަރާތަކަށެވެ.
************
ގެއަށް ވަދެވުނުއިރު ފެނުނު މަންޒަރެއްގެ ސަބަބުން އިޒްވާ ހުއްޓުން އެރިއެވެ. އޭނާ އަށް ފެނުނީ ރާމިޝް ޒަމްލާގެ ކޮޓަރި ދޮރުމަތީ ވާހަކަތަކެއް ދައްކަން ހުއްޓައެެވެ. ދައްކަނީ ކޮން ވާހަކަތަކެއް ކަމެއް ސާފެއް ނުވެއެވެ. ދެ ތިން ފަހަރަކަށް އެ ދޮރުގައި ޓަކި ޖެހިތަން ވެސް އިޒްވާއަށް ފެނުނެވެ.
“ރާމިޝް!” އިޒްވާ ގޮވައިލިއެވެ. މަޑުމަޑުންނެވެ. ރާމިޝް ސިހިފައި ފަހަތް ބަލައިލިއެވެ. އޭނާ ލަދުގަންނަ ގޮތްވިއެވެ. “ކީއްކުރަން ޒަމްލާއަށް ތި ގޮވަނީ؟ އެކުއްޖާއަށް އުނދަގުވާނެއްނު… ދޭ ނިދަން.” އިޒްވާ އެހެން ބުނެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ރާމިޝް އަށް އިރުކޮޅަކު ހުރިތާ ހުރެވުނެވެ. ހައިރާންވެފައެވެ. ކުއްލިއަކަށް އޭނާގެ މަންމައަށް މި އައީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ ޒަމްލާއޭ ބުނެ މަންމަގެ ދުލުން ހެޔޮ ބަހެއް މި އިވުނީ އަލަށެވެ. އަނެއްކާ މީ ކޮންކަމެއްބާވައެވެ؟
***********
އިޒްވާއަށް އޮތީ ނުނިދިފައެވެ. ފިކުރު ކުރެވެނީއެވެ. އޭނާއާ ދޭތެރޭ މިގޮތަށް ކަންތައްތައް ވަނީ ކީއްވެބާވައެވެ؟ ގޯސްކޮށް އެތައް ކަމެއް ކުރެވުނީމަބާވައެވެ؟ މިއަށްވުރެ ރަނގަޅަށް އުޅެންވެއްޖެ ކަންނޭނގެއެވެ. މިއަށްވުރެ ފުރިހަމައަށް ކަންތައްތައް ބައްޓަންކުރަން ވެއްޖެ ކަންނޭނގެއެވެ. އޭރުން އޭނާއަށް ވެސް ހަމަޖެހިލައިގެން އުޅެވޭނެތާއެވެ.
ކޮންމެއަކަސް އެރޭ އިޒްވާއަށް ނިިދުނީ މިކަހަލަ ފިކުރުތަކެއްގައި އޮއްވައެވެ. ދެން އުފެދޭ ސުވާލަކީ، އިޒްވާ އެ ވިސްނި ވިސްނުންތަކާ އެއްގޮތަށް އޭނާގެ ޢަމަލުތައް ހުންނާނެ ކަމާމެދު އުފެދޭ ސުވާލެވެ. ރަނގަޅަށް އުޅުނަސް، އޭނާއަށް އެ ގޮތުގައި އުޅެވޭނީ ކިހާދުވަހަކު ކަމާމެދު އުފެދޭ ސުވާލެވެ.
************
ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަހަކަށް ބަދަލުވެއްޖެއެވެ. މި ވޭތުވެގެން ދިޔަ މަހުގެ ކޮންމެ ހަފްތާއެއްގެ ކޮންމެ ދުވަހެއްގެ ވެސް ރޭދުވާ ފާއިތުވެގެން ދަނީ ދިރިއުޅުމުގައި އެކި މީހުނަށް އެކި ކުލަ ދައްކުވައިދެމުންނެވެ. އެކި މީހުނަށް އެކި މޫސުން ކުރިމަތިކުރުވަމުންނެވެ. އެއްބަޔަކަށް ބަހާރު މޫސުމެވެ. އެބައިމީހުންގެ ދިރިއުޅުމުގެ ގުލްޝަނުގައި ބަހާރު މޫސުމުގެ މާތައް ފަރިވެ ފޮޅެމުން ދެއެވެ. އަދި އަނެއްބަޔަކަށް ޚަރީފު މޫސުމެވެ. ގަލަމުގެ ދެއްޔަކުންވެސް އެބައިމީހުން ކުރިމަތިލަމުންދާ ހިރާސްތައް ބަޔާންކޮށްދޭން އުނދަގޫވާނެއެވެ.
ޒާޔާމެންގެ މަސައްކަތައިގެން އެ މީހުން ކުރިއަށް ދަމުން ދިޔައިރު އެ މީހުނަށް ނޭނގުނު ކަމަކީ ޒަމްލާ ގެ ދިރިއުޅުން އެކީ ބަދަލުވަމުންދާ ކަމެވެ. ކުރިން ލޯތްބެއް އަޅާލުމެއް ނުލިބުނު ކުއްޖާއަށް މިއަދު ލޯތްބާ އަޅައިލުން ލިބެމުންދާ ކަމެވެ.
ވޭތުވެ ދިޔަ މަހު، އިޒްވާ އަމިއްލައަށް ޒަމްލާގެ ޙާލު ބަލައި ހެދިއެވެ. ޑިއުޓީ ގަޑި ނޫނިއްޔާ ގޭގައި އުޅެންޏާ އުޅެނީ ޒަމްލާ ގޮވައިގެންނެވެ. ޒަމްލާއާ ރީތިކޮށް ވާހަކަ ދައްކާ ހަދައެވެ. އެއްޗެއް ކަންޏާ ކަނީ ވެސް ޒަމްލާއަށް ދީގެންނެވެ. ރޭގަނޑު ޑިއުޓީ ނިމިގެން ގެއަށް އަންނަންޏާ އަންނަނީ ޒަމްލާއަށް ކޮންމެވެސް ހަދިޔާއެއް ނުވަތަ ކާނެ އެއްޗެއް ހިފައިގެންނެވެ.
އިޒްވާގެ ފަރާތުން ކިތަންމެ ލޯތްބަކާ އަޅާލުމެއް ލިބުނަސް އިޒްވާއަށް އިތުބާރުކުރަން ޒަމްލާއަށް އުނދަގޫވެފައިވިއެވެ. އިސްވެ އެއްވެސް ވާހަކައެއް ޒަމްލާއަށް ދަައްކާކަށް ނުކެރެއެވެ. ޒަމްލާއަަށް ހީކުރެވިފައިވިއެވެ. އިޒްވާ އެެއުޅެނީ ޒަމްލާ އޭނާގެ މައިންބަފައިންނާ ހަމައަށް ގެންގޮސްދޭށެވެ. އެކަމަކު އެކަމުގެ އެެއްވެސް އިޝާރާތެއް މިވީހާ ތަނުގައި ވެފައެއް ނެތެވެ.
ޒަމްލާގެ ޙާލު ބަލަން ކޮންމެ ރެއަކު އެ ގެއަށް ވަންނަ މަލައިކާއަށް ވެސް މި ފެންނަ މަންޒަރުތައް ޤަބޫލެއް ނުކުރެވެއެވެ. އެހެންވެ އޭނާއަށް ވީވަރަކުން އިޒްވާއަށް ފާރަލަމުން ގެންދިޔައެވެ. އެކަމަކު ވެސް މަލައިކާއަށް އެއްވެސް ކަމެއްގެ އިޝާރާތެއް ވެސް ނުވެއެވެ.
************
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. މިރެއަކީ ވެސް މަލައިކާ ވަންހަނާވެގެން އެ ގޭތެރޭ އުޅެމުން ދިޔަ ރެއެކެވެ. ކަޅުފޮއެ އަނދިރި ރެއެކެވެ. ހަނދުގެ އަލިކަން ފަނޑު ރެއެކެވެ.
ޒަމްލާއަށް ނިދިފައި އޮތުމާއެކީ މަލައިކާ އެ ކޮޓަރިން ނުކުތެވެ. ނުކުތްއިރު ވަރަށް ދުރުން އިޒްވާ އާއި ރާމިޝް ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އެހެންވެ އެ ހުރިތާ ހުރެ ރަނގަޅަށް ކަންފަތް ހުޅުވާލީ އެ ދެމައިން ދައްކަމުން ދާ ވާހަކަތައް އަޑުއެހުމުގެ ނިޔަތުގައެވެ.
“މަންމަ ރާމިޝްގެ ކަންކަމާ އެހާ އަޅާނުލަނީ ތީ ބޮޑު ފިރިހެން ކުއްޖެއް ވީމަ. އެކަމަކު މިހާރު ކޮންމެ ރެއަކު ނުނިދަ ޒަމްލާގެ ކޮޓަރި ދޮށުގަ ކޮންކަމެއް ތި ކުރަނީ؟ މަންމައަށް ކިޔާދީ ތެދަށް.” އިޒްވާއާއި ރާމިޝް ތިބީ ގޭގެ ޓެރެހުގައެވެ.
ރާމިޝް ބޯ ކަހައިލިއެވެ. ހަމަ ބުނަންވީބާއެވެ؟ އެ ވިސްނުމުގައި ހުއްޓާ އަނެއްކާ ވެސް އިޒްވާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެދުނެވެ.
“އަހަންނަށް ޒަމްލާ ވަރަށް ކަމުދޭ. އަހަރެން…. އަހަރެން… ޒަމްލާ ބޭނުން.” އިޒްވާ ހޭން ފެށިއެވެ. ރާމިޝް ރަކިވިއެވެ. “ތިހާ ދުރުދުރުން އުޅެގެން ނުވާނެއްނު. ދެ މީހުން އެއް ގެއެއްގަ އުޅޭއިރު ބައްދަލުކޮށްބަލަ. އެހާ ބޮޑު ކަމެއް ނޫނޭ އެއީ.” އިޒްވާ އެހެން ބުނެ ހެމުން ހެމުން އެތަނުން ހިނގައިގަތެވެ. ރާމިޝްއަށް ހީވީ އޭނާގެ ބޯ މަތިން ބޮޑު ހިލަގަނޑެއް ނެގިހެންނެވެ. އެހާ ވެސް އޭނާގެ ބޮލަށް ފަސޭހަވެއްޖެއެވެ. ހިތަށް ހަމަޖެހުން ލިބިއްޖެެއެވެ. މިއީ، މިހާ ފަސޭހައިން ވާނެ ކަމެއް ކަމަކަށް ރާމިޝް ހިއެއް ނުކުރެއެވެ. އެކަމަކުވެސް އޭނާގެ ހިތުގައި އަދިވެސް އެއްވާހަކައެއް ނުހުއްޓި އެބަ ދައުރުވަމުން ދެއެވެ. އެއީ، މަންމައަށް މިހާ ބޮޑު ބަދަލެއް މި އައީ ކިހިނަކުން ކަމާ މެދުގައެވެ.
ޒަމްލާގެ ކޮޓަރި ދޮރުމަތީ ހުރި މަލައިކާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޒަމްލާގެ ކަންކަމުގައި ބަސް ބުނަން އިޒްވާއަކީ ކާކު ހެއްޔެވެ؟ މަލައިކާގެ ދެ ލޮލަށް އިޒްވާ ފެނުމުގެ ކުރިން އޭތި އެތަނުން އުދުއްސައިގަތީ އޭތީގެ އަތުން އިޒްވާ މަރާލެވިދާނެތީއެވެ.
***************
އަބަދު އެއްކަމެއް ނުހުއްޓި ތަކުރާރުވަމުން ދިޔައީ ހަމައެކަނި ރާމިޝްގެ ހިތަކު ނޫނެވެ. ޒާމިލްގެ ހިތުގައިވެސް ދައުރުވަމުން ދިޔައީ ހަމަ އެ ފަދަ ސުވާލުތަކެކެވެ. އިޒްވާއާ ކުރިމަތިލި ދުވަހުގެ ރެއިން ފެށިގެން ކުއްލިއަކަށް ފުލުހުންނަށް ލިބެންވާ މުސާރަ ވެސް ބޮޑުކޮށްފިއެވެ. އެތައް ފުލުހުންނަކަށް ލިބެންވާ އަސާސީ ހައްގުތައް ވެސް ހޯދައިދީފިއެވެ. އަދި މީގެ އިތުރުން ޒާމިލް ފެންނަ ކޮންމެ ފަހަރަކު އިޒްވާ ބަދަލުކޮށްލަނީ ހިތްހެޔޮ ހިނިތުންވުމެކެވެ.
ޒާމިލް އަޖައިބުވާހާވެއެވެ. މިއީ އިޒްވާ އަހަރުމެންނަށް ދައްކާ ދަޅައެއްބާއެވެ؟ އަހަރުމެން ބައްޕަމެނަށް ޓަކައި ކުރަމުންދާ މަސައްކަތް ހުއްޓުވަން ކުރާ ކަމެއްބާވައެވެ؟ ގައިމު ވެސް އެއްކަމެއް ޒާމިލަށް ޔަޤީންވެއެވެ. އެއީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން، ރިފާއު އިޒްވާއަށް އެއްވެސް ކަމެއްގައި އެހީތެރި ނުވެދޭނެކަމެވެ.
************
“މަންމާ.. ހިނގަ އެންމެން ފަޅު ރަށަކަށް ދާން.. ދަތުރު ހަދާލާ މަޖާކޮށްލަން..” އެއް ރޭ ކާން އިނދެ ލާއިމް ބުންޏެވެ. އެތަނުގައި ޒާޔާގެ އިތުރަށް ނިހާން ވެސް އިނެވެ. “މިކަމުގަ އުޅެނިކޮށް ދާންވީ؟” ޒާޔާ އެހިއެވެ. އޭނާއަށް އެ ޚިޔާލު ކަމަކު ނުދިޔައެވެ.
“ދަރިފުޅާ އަބަދު އެއްކަމެއްގަ ބޯ ހާސް ކުރުވާ އެއްޗެއް ނޫނެއްނު. ކިހާ ދުވަހެއް މި ވަނީ ތިހެން މާލޭގަ އުޅޭތާ..” ނިހާން ބުންޏެވެ. ނިހާން ވެސް އިނީ ރޭގަނޑުގެ ކެއުން ކާށެވެ. “ހްމްމް… ފަޅު ރަށަކަށް މަންމަ ނުދާނަން. މީހުން އުޅޭ ރަށަކަށް ހިނގަ.” ޒާޔާ ބުންޏެވެ. ލާއިމްގެ ދެލޯ ވިދައިގަތް ކަހަލައެވެ. ޒާޔާ އެހާ ފަސޭހައިން އެއްބަސްވީމައެވެ. “އަސްލުތަ؟؟ ޕްލޭން ކުރާނަން އިނގެ އެހެންވީމަ.. ދޮންބެއަށް އާދެވޭގޮތް ވަންޏަ ދޮންބެ ވެސް ގޮވައިގެން ދާނީ.” ލާއިމް ބުންޏެވެ.
**********
ހުސެއިން ކުރަމުން ދިޔަ ބުރަ މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފެށިއެވެ. ރާއްޖެއާ އެތައް ހާސް މޭލެއް ދުރުގައި އޮތް ޤައުމެއްގައި ދިރިއުޅެމުން ދިޔަ ޔާފިއު ރާއްޖެ ގެނެވޭ ގޮތް ވިއެވެ. އެ ޤައުމުގެ ދާޚިލީ ކަންކަމުގައި އުޅޭ ފަރާތްތަކާ މުޢާމަލާތް ކޮށްގެން އެ މީހުންގެ ބެލުމުގެ ދަށުގައި ޔާފިއު ބަހައްޓައިގެން ރާއްޖެ ގެންނަން ނިންމިއެވެ. އެއީ، އޭނާއަށް އެތައް ފުރުޞަތެއް ދިނުމުންވެސް، ރާއްޖެ އައުމަށް އެއްބަސްނުވީތީވެއެވެ.
************
“ރާމިޝް ދޭބަލަ ޒަމްލާ ގޮވައިގެން ބޭރަށް ގޮސްލަން.. އޭރުން އޭނަ ރާމިޝްއާ އިތުރަށް ގުޅުން ބަދަހިވާނެއްނު.” އިޒްވާ ބުންޏެވެ. އެ ދެމީހުން ތިބީ ގޭގެ ސިޓިންގް ރޫމުގައެވެ. “މާދަން ހަވީރު ދާންވީ ދޯ. ބިރުން އޭނަ ހުންނަނީ.. ވާހަކަ ދެއްކިޔަސް ނުދައްކަ.” ރާމިޝް ބުންޏެވެ. “އަޅާނުލަ.. އޭނަ ގޮވައިގެން އުޅެން ފެށީމަ ރަނގަޅުވާނެ.. އެކަމަކު ޒަމްލާގެ ގޭ މީހަކަށް އޭނަ ފެނިގެން ނުވާނެ!” އިޒްވާ ބުންޏެވެ. އޭނާ އެހެން ބުނިއިރު އެ މޫނުމަތީ ސީރިއަސް ކަމުގެ ކުލަވަރުތައް ވިއެވެ. “އެ ކީއްވެ؟” ރާމިޝްއަށް އަހައިލެވުނެވެ.
**********
(ނުނިމޭ)