
ނޭދެން ވަކިވާކަށް – 44

މެސެޖް ހުޅުވާލުމާއިއެކު ޔޫލީގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ކަންތައް ވީ އޭނާ ހީކުރިގޮތާއި ހިލާފަށެވެ. އެއީ ޒޯޔާއެއް ނޫނެވެ. އަދި މާން އެއްވެސް ނޫނެވެ! ނަމަވެސް އެ ފޮޓޯގެ ބަދަލުގައި އާދައިގެ މަތިން އޭނާއަށް ލިބޭ މާން އާއި ޒޯޔާގެ ފޮޓޯ އަކަށް ވީނަމަ ވެސް މާ ރަނގަޅު ވީހެވެ. ދެން އައީ އިންޒާރެކެވެ. ޔޫލީގެ ފައިދަށުން ބިންގަނޑު ދެމިގެންގޮސް، އޭނާ ފުން އަނދަވަޅަކަށް ވެއްޓެމުންދިޔަ ފަދަ އިހުސާސްއެއް މުޅި ހަށިގަނޑަށް ދެމިގެން ދިޔައެވެ. ސިކުނޑި ސުމަކަށް ގޮސް، ހަރަކާތް ހުއްޓި އޭނާ ގަނޑު ވިއެވެ.
*****
“މަ ބުނިން ދޯ މުހިންމު ކަމަކު ގުޅާނަމޭ.. އެކަމަކު ކަލެއަށް ފޯނު ނެގޭ ކަމަކަށް ނުވެއޭ… ކިހާ ވަރަކަށް ގުޅިއްޖެ ތަ؟” ޒޯޔާގެ އަޑު ބާރުކަމުން މުޅި ގޭތެރޭ އެ އަޑު ގުގުމާލާފައި ވިއެވެ. އެ އަޑުގައި ވަނީ ކެތްތެރިކަން ކޮޅުންލާފައިވާ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެކެވެ.
“އަޅެ… ވަރަށް ބޮޑަށް ސޮރީއޭ… އަހަރެން ރޭގަ ނުނިދާ ހުރީމަ، އޮފީސް ނިންމާލާފައި އައިސް ސޯފާގައި ޖައްސާލިތަނާ ނިދުނީ އޭ… ކިހިނެއްތަ ވާންވީ މިހާރު؟” ރިލްވާން މަސައްކަތްކުރީ ޒޯޔާގެ އެ ގަދަފަދަ ރުޅިގަނޑު ކޮންމެވެސް ވަރަކަށް މައިތިރި ކުރެވޭތޯއެވެ.
“ނެތޭ މާ ގިނަ ވަގުތެއް … އަހަރެން ލޮކޭޝަން ފޮނުވާލީމަ އެ ތަނަށް ދާންވީ .. ރޫމް 506 ގަ ޔޫލީ އަށް މީހަކު އިންތިޒާރު ކުރާނެ .. ކަލޭ ކުރަންޖެހޭ ކަމަކީ އޭނާ އެ ތަނަށް ވަންނަ ތަނާއި ނުކުންނަ ތަން ސިއްރިޔާތުގައި ވީޑިއޯކޮށް ހަދަންވީ… ކޮޓަރިތެރޭގައި ކުރިންސުރެ ކެމެރާ ބެހެއްޓިފަ ހުންނާނެ، އެހެންވީމަ އެބައި ވަރަށް ފުރިހަމައަށް އޯކޭވާނެ… މިރޭ އަށެއް ޖަހާއިރު ޔޫލީ އެތަނަށް ދާނެ… އަދިވެސް މާން ހުރީ އޮފީހުގައި، އެހެންވީމަ އެކަމާވެސް ހާސްވާކަށް ނުޖެހޭނެ،” ޒޯޔާ ވަރަށް ފަރުވާތެރިކަމާއެކު ރިލްވާންއަށް އޭނާގެ ނުބައި ރޭވުން ކިޔައިދެމުންދިޔައެވެ.
“ގަދަ މީހެކޭ ދޯ … ހާދަހާ އަވަހޭ އެކަމަކު ކަންތައްތައް ޕްލޭން ކޮށްލި ލެއް.. ޔަގީންތަ ތި މަޅިއަށް އޭނަ ފެތޭނެކަން .. އަންނާނެކަން؟” ރިލްވާން ސުވާލު އުފެއްދިއެވެ.
“އެއްވެސް ޖަވާބެއް އަދިއެއް ނާދޭ.. އެކަމަކު ގަޑި ކައިރި ކޮށްލާފަ އަދި ވައްޓާލާނަން އެ ކޮޅަށް އެއްޗެއް.. ހީވޭ ހަމަ ކާމިޔާބު ވާނެހެން .. އޭނާ އަކީ ވަރަށް ހިތްހެޔޮ، އަދި މީހުންނަށް އިތުބާރު ކުރާ ކަހަލަ މީހެއްނު، ކަލޭ ބުނާހެން،” ޒޯޔާ ރިލްވާންއަށް ޖެއްސުމުގެ ރާގެއްގައި ބަހަކުން ޖަހާލަމުން ޖަވާބުދިނެވެ.
“ބަލަމާ ދޯ” ރިލްވާން ޒޯޔާގެ އެ ޖެއްސުމުގެ ބަހަށް ރައްދެއް ނުދިނެވެ.
“މްމްމްމް.. ދެން ބޭއްވީ .. އެކަމާ އުޅޭ.. އަދި އެބަހުރި ވަރަށް ގިނަ ކަންކަން ކުރަން،” ޒޯޔާ ފޯނު ކަނޑާލުމުގެ ކުރިން އަވަސްއަވަހަށް ބުނެލިއެވެ.
ރިލްވާންއާ ދެއްކި ވާހަކަ ނިމުމާއިއެކު، ޒޯޔާ އަނެއްކާވެސް ފޯނުން މީހަކަށް ގުޅާލަމުން، އެ ފޯނު މަޑުމަޑުން ކަންފަތުގައި ޖަހާލިއެވެ.
އެ ހިނދު، އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެންދިޔައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެ މޫނުމަތިން ފެނުނު ހަރުކަށިކަމާއި، ނުލަފާކަމާއި، ރުޅިވެރިކަމުގެ އެއްވެސް ނިޝާނެއް މިހާރަކު ފެންނާކަށް ނެތެވެ.
އެ މޫނު މަތިން މިހާރު ފެންނަނީ ހިތާމައެވެ. ވޭނެވެ. ދެ ލޮލަށް ކަރުނަ ވެސް ވަނީ ޖަމާ ވެފައެވެ. ކޮންފަދަ މޮޅު އުކުޅެއް ހެއްޔެވެ. ކޮންފަދަ މޮޅު، ހުނަރުވެރި އެކްޓިންއެއް ހެއްޔެވެ! އޭނާ ކުރިމަތީ މީހަކުވެސް ހުރީއެއް ނޫނެވެ. އޭނާ އެ ގުޅާ މީހަކާ ވާހަކަ ދެއްކުމަށް ވީ ތައްޔާރީއެއް ކަމަށް ވެސް ވެދާނެއެވެ.
*****
ޔޫލީގެ ފޯނަށް އައި އިންޒާރުގެ މެސެޖަށް ފަހު އޭނާއަށް ހަމައަށް އެއްތާ ހުރެވެނީ އެއް ނޫނެވެ. މިރޭ އަށެއް ޖަހާއިރު އެ ބުނާ ތަނަކަށް އޭނާ ނުގޮސްފިނަމަ، ލިބިފައިވާ އެ ބިރުވެރި ފޮޓޯ މުޅި ދުނިޔެއަށް ލީކުކޮށްލާނެ ކަމުގެ އިންޒާރު އޮތީ ލިބިފައެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޝިފްނާގެ ބަރަހަނާ ފޮޓޯއެކެވެ.
އެ ފޮޓޯ އާއިއެކު އައި އިންޒާރުގައި ވަނީ، މި ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ ނުކުންނާނެ ނުރައްކާތެރި ނަތީޖާގެ ވާހަކައެވެ. އަދި އޭގެ ފަހުން ލިބުނީ މިކަން ސިއްރުކޮށްގެން ހުންނާނެ ގޮތުގެ އިރުޝާދުތަކެވެ. ނަމަވެސް، މިފަދަ ނުލަފާ، ނުރައްކާތެރި މީހުންނަށް އިތުބާރު ކުރެވިދާނެ ހެއްޔެވެ؟ ޔޫލީ އެ ތަނަށް ދިޔަ ނަމަވެސް، އެމީހުން އެކަން ސިއްރުކޮށްދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެބަ އޮތް ހެއްޔެވެ؟ ހިތުގެ ކަނެއްގައި އޮތް ބިރުވެރިކަމާއިއެކުވެސް، ޝިފްނާއަށް ގުޅާފައި މި ވާހަކަ ހިއްސާކުރަން އޭނާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. ނަމަވެސް، ލިބިފައިވާ އިންޒާރުގެ ބިރުވެރިކަން ބޮޑުކަމުން، އެ ފިޔަވަޅު އަޅަން އޭނާގެ ނަފުސު ނުކުޅެދިފައި ވިއެވެ.
ސިޓިންރޫމުގެ ފާރުގައި ހުރި ބޮޑު ގަޑިއަށް ޔޫލީގެ ނަޒަރު ހުއްޓުނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމަކާއި ނުތަނަވަސްކަމާއި އެކުގައެވެ. ގަޑިން ހަތް ގަޑި ފަނަރަ ވެއްޖެއެވެ. މާން ގެއަށް އަންނާނެ ނަމައޭ އޭނާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ. މާން ގެއަށް އައި ނަމަވެސް، މިފަދަ ވާހަކައެއް މާން އާއި ހިއްސާކުރަން އޭނާއަށް ކެރޭނެ ހެއްޔެވެ؟ ނުވަތަ މި ފަދަ ދަނޑިވަޅެއްގައި މާންގެ ކިބައިން އެކަށީގެންވާ ފަދަ އިތުބާރެއް ހޯދަން އޭނާ ހުރީ ތައްޔާރަށް ހެއްޔެވެ؟
އެކަހަލަ ހިޔާލުތަކެއްގައި އިންދާ އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެ އަޑު ދެކެވެސް މިހާރު އޭނާ ބިރުގަނެ ފޫހިވާން ފަށައިފިއެވެ. ކަންވީ ހީކުރި ގޮތަށެވެ. އެއީ ވެސް އެ ނުލަފާ މީހާގެ މެސެޖެކެވެ. ބިރުން އަތް ތުރު ތުރު އަޅާ ހާލު އެ މެސެޖު ޔޫލީ ބަލައިލިއެވެ.
ސްކްރީނުން ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުން، ޔޫލީގެ ދެލޯ ބޮޑުވެގެންދިޔައީ އޭނާ ހީކުރި ވަރަށްވުރެވެސް އެ ހަގީގަތް ހިތިވެފައި ވުމުންނެވެ. މިފަހަރު އޭނާއަށް ލިބުނީ ހަމައެކަނި ފޮޓޯއެއް ނޫނެވެ. އެއީ މުޅި ނަފުސު ވިރިގެންދާ ފަދަ ވީޑިއޯއެކެވެ. އެއީ ދުވަހަކުވެސް ދެކެން ބޭނުންނުވާ، އަދި ހިތަށްވެސް ގެންނަން ނުކުޅެދޭ ފަދަ މަންޒަރެކެވެ. އޭނާގެ އެންމެ ގާތް، އެންމެ އިތުބާރުކުރާ އެކުވެރިޔާގެ އެފަދަ ނުބައި، ދަށުދަރަޖައިގެ އަމަލުތަކެއް އޭނާގެ ލޮލުން ދެކޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނެތެވެ. އެއީ ހަމަ ޝިފްނާއެވެ. ބަލާ ބެލުމަށް އެއީ އެ ފިރިހެން މީހާ އަމިއްލައަށް ނަގާފައިވާ ވީޑިއޯއެއްކަން އެނގެއެވެ. އެ ވީޑިއޯއިން އެ ފިރިހެން މީހާގެ މޫނު ފެންނަން ނެތް ނަމަވެސް، ޝިފްނާގެ ނިވާކަންކުޑަ ހަރަކާތްތަކާއި، އެ ފިރިހެން މީހާގެ ހަށިގަނޑުގެ ބައިތަކުން އެ ދެމެދުގައި ހިނގަމުންދާ ލަދުވެތި ޖިންސީ އަމަލުތައް ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. ޝިފްނާ ފިރިހެނަކާއި އެކު އެ ފަދަ ސިއްރު ގުޅުމެއް ބާއްވަމުންދާ ކަމުގެ ކުޑަ މިންވަރެއްގެ ހިލަމެއްވެސް ޔޫލީއަށް ކުރިން ލިބިފައި ނުވުމުން، މިއީ އޭނާއަށް ލިބުނު ބަޔާން ނުކުރެވޭފަދަ ބޮޑު ސިހުމެކެވެ.
އެ ވީޑިއޯ އާއި ދޭތެރޭ ވިސްނާނެ ވަގުތެއް ޔޫލީ އަކަށް ނުލިބުނެވެ. ދެން އައީ އަނެއްކާވެސް ބިރުވެރި އިންޒާރުތަކެވެ. ގަޑިއަށް ބުނެފައިވާ ތަނަށް ނައިސްފި ނަމަ ވާނެ ގޮތެވެ. ކިތަންމެ މިކަހަލަ އެއްޗެއް އެބަހުރިކަން ހަނދާންކޮށްދެމުން، އެމީހާ ދިޔައީ ޔޫލީ މުޅިން ބަލިކަށި ކޮށްލަމުންނެވެ.
*****
ސިކުނޑީގައި އެނބުރެމުންދިޔަ ހިޔާލުތަކާއި ކަންބޮޑުވުންތަކުގެ ސަބަބުން، މިއަދު މާންގެ ސަމާލުކަން އޮފީހުގެ މަސައްކަތްތަކަށް ދެވުނީ އިންތިހާއަށް ކުޑަކޮށެވެ. އާދައިގެ މަތިން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިންމާލެވޭ ފަދަ މަސައްކަތްތައްވެސް ދިގުލައިގެން ދިޔައީއެވެ. ޒޯޔާ ހޮސްޕިޓަލުން ދޫކޮށްލައިގެން ގެއަށް އައިސްފައިވީ ނަމަވެސް، އޭނާގެ ހާލަތު ހުރިގޮތުން ސަލާމުގައި ހުންނަން ޖެހުމުން، އިތުރު އެތައް ކަމެއް މާންގެ ބޮލުގައި އެޅިފައިވިއެވެ. އެހެންކަމުން ވަގުތު ދިޔަގޮތް ވެސް ރޭކާ ނުލައި، އިރުއޮއްސި މުޅި މާހައުލަށް އަނދިރިކަން ވެރިވެގެން ދިޔައިރުވެސް މާން އަށް އޮފީހުން ނިކުމެވޭ ގޮތެއްނުވިއެވެ.
އަތުކުރީ ގަޑިއަށް ނަޒަރު ހިންގާ ލެވުނު އިރު، ގަޑިން ހަތްގަޑި ބައިވަނީއެވެ. އެހާ ބޮޑަށް ލަސްވެފައި ވުމުން، މާން އަވަސްއަވަހަށް ބާކީ ހުރި މަސައްކަތްތައް ނިންމާލައި މޭޒު މަތި ހަމައަކަށް އަޅުވަން ފެށިއެވެ. މުޅި ދުވަހު އޭނާއަށް ޔޫލީގެ އެއްވެސް ޚަބަރެއް، އަދި ފޯނުކޯލެއްވެސް ލިބިފައި ނުވުމަކީ އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފުން އުނދަގުލަކާއި ނުތަނަވަސްކަމެއް ވެރިކުރުވި ކަމެކެވެ. މަސައްކަތް ނިންމާލާފައި ކެބިންގެ ދޮރުން ނުކުމެލި ތަނާ، އޭނާގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ސްކްރީނަށް އަރާފައި އިން ނަން ފެނިފައި މާންގެ މޭގަނޑު ފިނި ވެގެންދިޔައެވެ. ގުޅަނީ ޒޯޔާއެވެ. ރޭގެ ހާދިސާތަކާއި ޒޯޔާގެ ނާޒުކު ހާލަތު ހިތަށް އެރުމާއިއެކު، މާން އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.
“މަންނު… އަހަރެން… އަހަރެން ވަރަށް ބިރުގަނޭ! އަޅެ ޕްލީޒް… ހެލްޕް މީ… އާދެބާ ޕްލީޒް! އައި ވޯންޓް ޓު ޑައި… އައި ކާންޓް ޑޫ ދިސް އެނީމޯ…” ކަރުނައާއި ގިސްލުމުގެ ތެރެއިން ޒޯޔާގެ އަޑު ނިކުތީ ހާސްވެ، ފިތިފައިވާ ކަހަލަ ނިކަމެތި ރާގެއްގައެވެ.
އެ އަޑުއަހާފައި މާންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. “ކާމް ޑައުން، ޒޯ… ޕްލީޒް، ގިވް މީ އަ މިނެޓް! އަހަރެން ހަމަ މިހާރު މިދަނީ… ޕްރޮމިސް މީ ދެޓް ޔޫ ވޯންޓް ޑޫ އެނީތިންގް ސްޓުޕިޑް!” މާން ބާރު ފިޔަވަޅުތަކެއްގައި ލިފްޓާ ދިމާއަށް މިސްރާބު ޖަހަމުން ހާސްވެފައިވާ ރާގެއްގައި ބުނެލިއެވެ.
“ޕްލީޒް މަންނު… އަހަރެން ކައިރިއަށް އާދޭ… އަހަރެންނަށް ދެން ކެތެއްނުވާނެ…” ޒޯޔާގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ އާދޭހެވެ.
“އަހަރެން މި ދަނީއޭ! ޖަސްޓް ބީ ކާމް… އޯކޭ؟” ޒޯޔާ އެފަދަ ނުރައްކާތެރި ވާހަކަތަކެއް ދެއްކުމުގެ ފަހަތުގައި އޮތް މަކަރުވެރި މަޤުޞަދު މާން އަށް އެއްގޮތަކަށްވެސް ރޭކާ ނުލައި، އޭނާ އަވަސްއަވަހަށް ރައްދުދިނެވެ.
އަނެއްކޮޅުން ޒޯޔާގެ އެއްވެސް އަޑެއް ނީވި، ހަމައެކަނި ގިސްލުމުގެ އަޑުއިވެން ފެށުމުން މާން އަނެއްކާވެސް ހާސްވެފައި ބުނެލިއެވެ. “ޕްރޮމިސް މީ…”
“އައި… އައި ޕްރޮމިސް…” ނަފުސުގެ ބާރު ހުސްވަމުންދާ ކަހަލަ ގޮތަކަށް، ގިސްލުމުގެ ތެރެއިން މަޑުމަޑުން ޒޯޔާ ބުނެލި އަޑު މާން އަށް އިވުނެވެ.
*****
އެއްވެސް ދިރުމެއް ނެތް މައްޔިތެއް ފަދައިން، ޔޫލީ ހަރަކާތްތެރިވަމުންދިޔައީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޭނާ އަށް މިދެވެނީ ކޮންކަހަލަ ނުރައްކާތެރި، ބިރުވެރި މަޅިއެއްގެ ތެރެއަށް ކަން ސިކުނޑީގެ ކަނަކުން އޭނާއަށް ރަނގަޅަށް ބުނެދެމުން ދިޔައެވެ. ނަމަވެސް، އެ ވަގުތު އޭނާގެ އަތްފައި ބަނދެވިފައިވީ ބުނެދޭން ނޭނގޭ ފަދަ ވަރުގަދަ މަޖުބޫރީ އަކުންނެވެ.
ޝިފްނާއަކީ ހަމައެކަނި އޭނާގެ އެންމެ ގާތް އެކުވެރިޔާ އެކޭ ނުބުނެވޭނެއެވެ. އެ ދެމެދުގައި އޮތީ އޭގެ މާ ގާތް، އުޚުއްވަތްތެރި ގުޅުމެކެވެ. އެ ރަހްމަތްތެރިޔާ ދެކެ ޔޫލީ ވަނީ ތެދުވެރި، ފުން ލޯތްބެކެވެ. އެކުވެރިޔާގެ އަބުރާއި އިއްޒަތަށް ކިލަނބު ކަމެއް ލިބި، ދެރަގޮތެއް ވެގެންދާތަން ބަލަން ހުރުމަކީ ޔޫލީ އަށް ކެތް ކުރެވޭ ވަރު ކަމަކަށް ނުވާނެއެވެ. އަދި އެކަން ހުއްޓުވުމުގެ ނުވަތަ ބަދަލުކުރުމުގެ ކުޑަ ވެސް އުންމީދެއް އޭނާގެ އަތުގައި އޮވެ، އެކަމަށް ފަސްޖެހިއްޖެ ނަމަ، އަމިއްލަ ނަފުސު މުޅި އުމުރުދުވަހު އޭނާ ކުށްވެރިކުރަމުން ދާނެއެވެ. އެހެންކަމުން، އޭނާގެ ކޮންމެ ފިޔަވަޅެއްގައި، ކޮންމެ ނޭވައެއްގައި މިއަދު ވީ ބަރުދަން ބޮޑު މަޖުބޫރީ އެކެވެ.
އެ ހާސްކަމުގެ ތެރޭގައި ހުއްޓައި، ޔޫލީގެ އަތުގައި އޮތް ފޯނު ހުއްޓުމެއްނެތި ވައިބްރޭޓް ވެ، ނޮޓިފިކޭޝަންތަކުގެ އަޑު ގުގުމައިގެން ދިޔައެވެ. ޔަގީނެވެ. އެއީ އެ ނުލަފާ، އަނިޔާވެރި މީހާގެ ފަރާތުން އަންނަމުންދިޔަ އިންޒާރުގެ މެސެޖުތަކެވެ. އެއް މެސެޖެއް ތިން ފަހަރަށް ތަކުރާރުކޮށް އައިސްފައިވާއިރު، އެ ސްކްރީނުން ފެންނަން އޮތް އަކުރުތައް ހީވަނީ އޭނާގެ ހިތަށް ހަންޖަރަކުން ހަރަމުން ދިޔަހެންނެވެ.
‘ޑޯންޓް ބީ ލޭޓް.. ޔޫ އޮންލީ ހޭވް ޓެން މިނެޓްސް.’
ލޮލުން ފައިބައިގެން ކޯތާފަތް މައްޗަށް ވެއްޓުނު ހޫނު ކަރުނަ ތިކި އަތުގެ ނުފުށުން އަވަސްއަވަހަށް ފޮހެލަމުން، ޔޫލީ ފުން ނޭވައެއް އެތެރެ ކޮށްލިއެވެ. އަދި އަމިއްލަ ނަފުސަށް ހިތްވަރު ހޯދަމުން، ކުރިމަތިލާންޖެހޭ އެ ނުރައްކާތެރި ހަނގުރާމައަށް އޭނާގެ ހަށިގަނޑު ތައްޔާރު ކޮށްލަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ.
*****
‘ފަހި މަންޒިލް’ އަކީ މާލޭގެ ކުދި، ހަނގު ގޯޅިތަކުގެ ތެރެއިން ގޯޅިއެއްގައި ހުރި އާދައިގެ މެދު މިނުގެ ގެސްޓްހައުސް އެކެވެ. އިމާރާތުގެ ބޭރުފުށުން ފެންނަނީ ވަގުތުގެ ސަބަބުން ކުލަ ފަނޑުވެ، ބާވެފައިވާ ކުލައެކެވެ. ތިރީގައި ހުރި އެންޓްރެންސް ގޭޓު މަތީގައި ހަރުކޮށްފައިވާ ކުޑަ ނަން ބޯޑުގެ ފަނޑު އަލި، ކަނު އަނދިރި މަގުމައްޗަށް އެޅިފައިވާއިރު، އެ ތަނުން ސިފަވަނީ ފަޅުކަމާއި ބިރުވެރިކަމެވެ. އެއީ ގިނައިން ބޭރު މީހުންނާއި، ކުރު މުއްދަތަކަށް މަޑުކޮށްލަން އަންނަ މީހުން ވަދެއުޅޭ، އެކަހެރި ތަނެކެވެ.
އެ އިމާރާތުގެ ގޭޓު ކައިރީގައި ޔޫލީއަށް ހުރެވުނީ ވަންނަން ނުކުޅެދި، އިންތިހާ ދަރަޖައަށް ބިރުގެންފައެވެ. އޭނާގެ ދެފައި ތުރުތުރު އަޅަމުން ދިޔައީ ހަށިގަނޑުން ބާރު ދޫވެގެންދާ ފަދައިންނެވެ. މޭގެ ތެރޭގައި ހިތް ބާރަށް ތެޅެމުންދިޔަ އަޑު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައިރު، ކޮންމެ ސިކުންތަކާއިއެކު އެ ހިތުގައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.
އެހެން ހުއްޓައި، އޭނާގެ އަތުގައި އޮތް ފޯނު އަނެއްކާވެސް ބާރަށް ވައިބްރޭޓް ވެލިއެވެ. އެ އަޑުން ސިހިފައި ޔޫލީ ފޯނުގެ ސްކްރީނަށް ބަލައިލިއެވެ.
‘ވަގުތެއް ނެތް! ތިހުރީ ގޭޓު ކައިރީ ކަން އެނގެއޭ. އަވަހަށް އެތެރެއަށް ވަދެ ލިފްޓުން ފަސްވަނަ ބުރިއަށް އަރާ… ރޫމް 506 އަށް ވަދޭ!’
އެ މެސެޖު ފެނުމާއިއެކު ޔޫލީގެ މުޅި ގައިން ހީބިހިނަގައިގެން ދިޔައެވެ. އެ މީހަކު އޭނާއަށް ފާރަލަމުން ދާކަން، އަދި އޭނާ ހުރި ތަންވެސް ސާފުކޮށް ބަލަމުންދާކަން އެނގުމުން އޭނާގެ ސިކުނޑި މުޅިން ސުމަކަށް ދިޔައެވެ. ދެން އޮތީ ކުރިއަށް ފިޔަވަޅު އެޅުން އެކަންޏެވެ. ޔޫލީ މަޑުމަޑުން ގޭޓު ކޮއްޕާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީ ތަގުދީރުގެ ނިޔާއަށް އަމާން ދެމުންނެވެ.
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
3 episodes with evil ZOYA. please change in next next episode
Thank You for the comment ELL… ZOYA akee evil kujjakah vaathy ehenves vaane.. dhen next episode ga vaa gotheh balaalamaa dho…
Alhe hama Yooli e thanah dhanytha?? Maan, do something!! Aaarrrrggghhhh, rulhi annany, plz dont do this to Yooli.. Yooli ge pic eh video eh libey irah Maan gaboolu kuraaneyey… kihinehtha dhen hadhaany?? Vaahaka vvv rythi ingey Wish. Aneh bai kiyan biruves ganey mihaaru eba…
Thank you for the comment Mar Sha… Dhen yooly hifehehteyna gotheh ves neiy thaa … e dhiya ee nu 😔. yooly ah e noon gotheh nufenuny dho e… Maan ah ves hageegaiy neyngeny ehnu dho… biruu gathas vaahaka kiyan vaane ingey 🤗 Wish vaahaka lityaa iruves hama varah dheravey 🫣
Wow mi prt ves vrh salhi ingey Wish.
I think I have to start reading all over again cuz i missed some dhww.
Lysm & tc.
I really missed u…
Thank you for the comment, Exxo! 🤍 You missed some parts, or did you forget the ones you read before? 😂 Anyway, I think re-reading the story from the beginning would help you reconnect with it even more, so it might actually be a good idea. I really miss you as well. It’s been a while, hasn’t it? 🥺❤️