
ނޭދެން ވަކިވާކަށް – 45

ޔޫލީ މަޑުމަޑުން ގޭޓު ކޮއްޕާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީ ތަގުދީރުގެ ނިޔާއަށް އަމާން ދެމުންނެވެ.
ގެސްޓް ހައުސް ގެ އެތެރެއަށް ޔޫލީ ވަދެގެން ދިޔައީ ނަފުސަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކުއެވެ. އެ ގެސްޓްހައުސްގެ ލޮބީ ސަރަހައްދު އޮތީ ވަރަށް ފަޅުކޮށެވެ. މުޅި ސަރަހައްދުން ފެންނަން ހުރި ހިމޭންކަމާއި، ސީލިންގުގައި ހަރުކޮށްފައިވާ ފަނޑު ރީނދޫ ބޮކީގެ އަލިން މުޅި ތަނުން ސިފަވަނީ ބިރުވެރި މާހައުލެކެވެ. ލިފްޓަށް އަރައިގެން އޭނާ ގޮސް މަޑުކޮށްލީ ފަސްވަނަ ފަންގިފިލާއަށެވެ.
ލިފްޓުން ނުކުތްއިރު އެ ފަންގިފިލާގެ ކޮރިޑޯ އޮތީ ވަރަށް އަނދިރިކޮށެވެ. ފާރުތަކުގައި ކުލަފަނޑު ވެފައިވާއިރު، ބިންމަތީގައި އޮތް ކާޕެޓުން ދުވަނީ މުސްކުޅި ވަހެކެވެ. އޭނާ ހިނގާލާފައި ގޮސް މަޑުކޮށްލީ ކޮރިޑޯގެ އެންމެ ކަނާތްފަރާތު ފާރުގައި ހަރުކޮށްފައިވާ، ރަން ކުލައިގެ ނަންބަރެއް ޖަހާފައިވާ ‘506’ ބޯޑު ކައިރިއަށެވެ. އެ ބޯޑަށް ބަލަހައްޓައިގެން ހުރިއިރު ޔޫލީގެ ހިތުގެ ތެޅުން ހުރީ އިންތިހާއަށް އަވަސްވެފަ އެވެ. ނޭވާލާން އުނދަގޫވެ، އޭނާގެ ދެ އަތްތިލަ ވަނީ ފިނިވެފަ އެވެ.
ޔޫލީ މަޑުމަޑުން އޭނާގެ ތުރު ތުރު އަޅަމުން ދިޔަ އަތް އުފުލާލައި ‘506’ ނަންބަރު ކޮޓަރީގެ ދޮރުގައި ޖަހާލިއެވެ. އޭނާގެ ކޮންމެ ހަރަކާތަކުން މަޖުބޫރީ ފެންނަމުން ދިޔައެވެ.
އޭނާ ދޮރުގައި ޖަހާލި ތަނާހެން، އެއްވެސް ހިފެހެއްޓުމެއްނެތި، ދޮރު އަމިއްލައަށް މަޑުމަޑުން ކުޑަކޮށް ހުޅުވިގެންދިޔަ އެވެ. މިކަމުން ވެސް ޔޫލީގެ ނަފުސަށް ލިބިގެން ދިޔައީ އިތުރު ބިރުވެރިކަމެކެވެ.
ދޮރު ހުޅުވިގެންދިޔަ ހިނދު، އެތެރެއިން ފެނުނު މަންޒަރުން ޔޫލީގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ އެވެ. އެ ކޮޓަރީގެ ދޮރުމަތީގައި ހުރީ ނުރައްކާތެރި ސިފައެއް ލިބިފައިވާ މީހެކެވެ. އޭނާގެ އިސްކޮޅު ދިގުވެފައި، ހަށިގަނޑު ބިޔައެވެ. އޭނާ ލައިގެން ހުރި ބޮޑު ސޯޓު އޭނާގެ އުނުގައި ހަރުނުލާ ވުމުގެ ސަބަބުން އެ ސޯޓު ފައިބައިގެން ވެއްޓެން އުޅޭހެން ވެސް ހީވެއެވެ. މަތިން އެއްޗެއް ލައިފާ ނެތުމުން އެ ހަށިގަނޑުގެ ބޮޑު ބައި ވަނީ ހާމައަށެވެ. އަތުގަޔާއި މޭގައި ޓެޓޫ ޖަހާ ފުރާލާފައިވާއިރު އެ މީހާގެ ނުރައްކާތެރިކަން އިތުރު ވެގެންދިޔައެވެ. އަދި އޭނާގެ ދިގު އިސްތަށިގަޑު މައްޗަށް ނަގާ ހުޅިއެއް ޖަހާލާފައިވާއިރު އެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ނުލަފާ ކަމެވެ. އެ ބިރުވެރި ސިފަ ފެނިފައި، ޔޫލީގެ ލޮލުން ކަރުނައިގެ ނިޝާން ފެންނަން ހުރި އިރު އޭނާ ވަނީ ހަރަކާތް ހުއްޓި ގަބު ވެފައެވެ.
ޔޫލީއަށް ލިބުނު ސިހުމާއިއެކު ފަހަތަށް ފިޔަވަޅެއް އަޅަން އުޅުނު ވަގުތު، އެ ބިޔަ ފިރިހެން މީހާ އޭނާގެ އަތުގައި ހިފައި، އެތެރެއަށް ވައްދަން އުޅެމުން، ގަދަފަދަ، އަދި ބަރު އަޑަކުން އަމުރުވެރި ރާގެއްގައި ބުނެލި އެވެ.
“އާދޭ އެތެރެއަށް… ލަސްނުކޮށް ވަދޭ!”
*****
މާން ޒޯޔާގެ އެޕާޓްމެންޓުގެ ބެލް ޖަހާލިއިރު، އޭނާ ހުރީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޒޯޔާ އޭނާގެ އަމިއްލަ ނަފުސަށް ގެއްލުމެއް ދީފާނެ ކަމުގެ ނުރައްކާތެރި ބިރުވެރިކަން ހިތުގައި އުފެދިފައި ވުމުން، އޭނާ ވީ އެންމެ އަވަހަކަށް އެތަނަށް އައީ ކަންބޮޑުވެފައި ހުރެއެވެ. އެ ހިޔާލުތަކުގެ ސަބަބުން ޔޫލީގެ ހަބަރެއް ނުވެގެން ވެފައިވީ ހާސް ވެސް އޭނާ ހަނދާން ނެތް ފަދައެވެ.
ޒޯޔާގެ ފަރާތުން އެއްވެސް ހިލަމެއް ނުވުމުން، މާން އަނެއްކާވެސް ބެލް ޖަހާލަމުން އަވަސްއަވަހަށް ފޯނު ނަގައި ޒޯޔާގެ ނަންބަރަށް ޑައިލްކޮށްލިއެވެ.
ދޮރު ހުޅުވާލެވުނު އަޑާއިއެކު ޒޯޔާގެ ގިސްލުމުގެ އަޑުވެސް އިވިގެން ދިޔައެވެ. އަވަސް އަވަހަށް ފޯނު ކަނޑާލާ ޖީބަށް ލަމުން މާން އެތެރެއަށް ވަދެލިއެވެ. މާންގެ މޫނުމަތީގެ ކުލަވަރު ފުސްވެ، ހައިރާންކަމެއް ވެރިވެގެންދިޔައީ ޒޯޔާ ލައިގެން ހުރި ނިވާކަންކުޑަ ހެދުން ފެނިފައެވެ. ޒޯޔާ ލައިފައިވާ ކަޅު ކްރޮޕް ޓޮޕަކީ ހަމައެކަނި އޭނާގެ މޭމަތި ކިރިޔާ ކިރިޔާ ފޮރުވާލަން ބޭނުންކޮށްފައިވާ ހަނި ފޮތިކޮޅެއް ފަދަ އެއްޗެކެވެ. އެ ކަޅު ޓޮޕް ގައި އަތެއް ނެތެވެ. ހަމައެކަނި ވާ ކޮޅަކުން ހިފަހައްޓާލާފައި ވާއިރު އޭނާގެ ރީތި ފްލެޓް ބަނޑު އެއްވެސް ހުރަހެއް ނެތި ފެންނަން ހުއްޓެވެ. ލައިފައިވާ ސޯޓު ކޮޅުގެ ކުރު ކަމުން ބުޑު ފޮރުވިފައި ވަނީ ހަމަ ކިރިޔާއެވެ. ގޮތަކަށް ހަށިގަނޑު އަނބުރާލި ނަމަވެސް ފެންނާނެކަން ގައިމެވެ.
މިފަދަ ނާޒުކު، ނުރައްކާތެރި ވަގުތެއްގައި އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނާކަށް މާން ބޭނުމެއް ނުވިއެވެ. ޒޯޔާ އާއި މިވަގުތު ދެބަސްވެ، އިތުރު ހަމަނުޖެހުމެއް އުފެއްދުމުގެ ޚިޔާލެއް އޭނާގެ ނެތެވެ.
“އާ ޔޫ އޯކޭ؟ ކިހިނެއްތަ ވީ ؟ އަނެއްކާވެސް އެ މީހާ ބިރު ދެއްކީތަ؟ ދެން ހިނގާބަލަ ތި މައްސަލަ ރިޕޯޓް ކުރަން” މާން ކަންބޮޑުވެފައި ހުރެ ޒޯޔާގެ އަތުގައި ހިފާލައި، ގޮސް ސޯފާގައި ބައިންދަމުން އަޑުގައި ކަންބޮޑުވުން އެކުލެވިގެންވާ ރާގެއްގައި ބުނެލިއެވެ.
“ނޫން ނޫން .. އޭރުން ވެސް ހަމަ އަހަރެން ސަފާ ކުރަން ޖެހޭނީ.. ރައިޓް ނައު އައި ވޯންޓް އަ ޝޯލްޑާ ޓު ކްރައި އޮން… އޯކޭ ތަ..” ގިސްލުމުގެ ތެރެއިން ޒޯޔާ އާދޭހުގެ ރާގެއްގައި ހުއްދައަށް އެދުނެވެ.
“ޔާ އިޓްސް އޯކޭ ..” މާން ބޭނުން ނުވި ނަމަވެސް ހާލަތުގެ ނާޒުކު ކަމުން ޒޯޔާގެ އެދުމަށް އިންކާރު ކުރަން ފަސް ޖެހުނެވެ. އޭނާގެ އަތް ހުޅުވާލާ ޒޯޔާއަށް މަރުހަބާ ކިޔާލިއިރު މި ވެއްޓުނު އަނދަވަޅު އޭނާއަށް ރޭކާވެސް ނުލިއެވެ.
*****
ޔޫލީ ހާސްވެ ތުރުތުރު އަޅަމުންދާ ހާލު، އެ ބިޔަ ފިރިހެން މީހާގެ ބާރުގަދަ އަތުތެރެއިން ސަލާމަތްވުމަށް މަސައްކަތްކުރަމުން ފަހަތަށް ޖެހިލަން އުޅުނެވެ. ނަމަވެސް އެ ކޮޓަރީގެ ދޮރު ލެއްޕި، ތަޅު ލެވުނު އަޑާއެކު ޔޫލީގެ މެއަށް ފިނިވެގެން ދިޔައެވެ.
“އާދޭ އެތެރެއަށް… ގަދަ ހަދާނެ ކަމެއް ނެތް!” އެ ބިޔަ މީހާ އޭނާގެ ހަރުކަށި، ބަރު އަޑުން ބުނެލަމުން ޔޫލީގެ އަތުގައި ހިފައި ކޮޓަރިތެރެއަށް ދަމައިގަތެވެ.
އެ މީހާގެ މޫނުމަތީގައި ހުރި ނުރައްކާތެރި ވަހުޝީ ނިޔަތް ފެނި، ޔޫލީގެ ލޮލުން ކަރުނު ހިކި، އޭނާގެ ގައިން ލޭހިކުން ކަހަލަ އިހުސާސެއް ކުރެވުނެވެ. އެ މީހާ އޭނާގެ ގައިގައި އަތް ކާއްތަން ފެށުމާއިއެކު، ޔޫލީ ބިރުން ރޮއެ ގަންނަމުން އާދޭސްކުރަން ފެށިއެވެ.
“ޕްލީޒް… އަޅެ އަހަރެންގެ ގައިގައި އަތްނުލާ! ޕްލީޒް… މިއީ އަހަރެން މިތަނަށް އައި ސަބަބެއް ނޫން!” ޔޫލީ ގިސްލަމުން ބުނެލިއެވެ. “އަހަރެން ގާތު ބުނީ މިތަނަށް އައިސް އެއްބަސްވުމަކަށް ދާނެ ވާހަކަ …. ޝިފްނާގެ އެއްޗެހި ނައްތާލައި، އެކަން ސިއްރުކޮށްދޭން އަހަރެން އެއްބަހެއް ނުވަން މިކަހަލަ ގޮތަކަށް އުޅޭކަށް! ”
އެ ބިޔަ މީހާ ޔޫލީގެ އާދޭސްތަކަށް ކުޑަކޮށްވެސް އަޅައެއް ނުލިއެވެ. އޭނާ މަލާމާތުގެ ރާގެއްގައި ހީލަމުން ޔޫލީއަށް އިތުރަށް ގާތްވެލިއެވެ. ޔޫލީ އޭނާގެ ފިރިމީހާގެ ނަން ބޭނުންކޮށް، ބިރުދައްކަން މަސައްކަތްކުރިއެވެ.
“އަހަންނާ ކުޅެން ނުހަދާ! އަހަންނަކީ މަޝްހޫރު ވިޔަފާރިވެރިޔާ މާންގެ އަނބިމީހާ! އަހަންނަށް ކަމެއް ވެއްޖެނަމަ، ނުވަތަ އަހަރެންގެ އަބުރަށް އުނިކަމެއް އަތުވެއްޖެނަމަ ހީކުރަނީތަ މާން ތި މީހާ ދޫކޮށްލާނެހެން.. ބަދަލު ހިފަން އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ! ކަލޭމެންނަށް އޭނާގެ ކިބައިން ސަލާމަތެއް ނުވެވޭނެ!” ޔޫލީ ބިރުވެރިކަމާއިއެކު ވެސް އިންޒާރުދިނެވެ.
ނަމަވެސް، ޔޫލީގެ އެ ބަސްތައް އަހާފައި އެ މީހާގެ މޫނުމަތިން ފެނުނީ ބިރުގަތުމުގެ ބަދަލުގައި، މަލާމާތުގެ ކުލަވަރެކެވެ. އޭނާ ފާޑަކަށް ހީލަމުން، ޔޫލީ އާއި ދިމާއަށް ޖެހިލިއެވެ.
“ކަލޭގެ ފިރިމީހާ މާން ތަ؟ މާން ކަލެއަށް ޓަކައި ބަދަލުހިފަން އަންނާނެ ހެން ކަލެއަށް ހަމަ ހީވަނީތަ؟” އެ މީހާ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ. “ކަލެއަށް އެނގޭތަ ކަލޭގެ ފިރިމީހާ މިވަގުތު ވީ ކޮންތާކުކަން، އަދި ކުރަމުން ދަނީ ކޮން ކަމެއްކަން؟ ބަލަން ބޭނުންތަ؟”
ޔޫލީ ހައިރާންވެފައި ދެލޯ ބޮޑުކޮށްލި ވަގުތު، އެ މީހާ އޭނާގެ ޖީބުން ފޯނު ނަގައި، ސްކްރީން ޔޫލީގެ މޫނާއި ނުހަނު ގާތް ކޮށްލިއެވެ.
އެ ސްކްރީނުން ފެނުނު މަންޒަރުން ޔޫލީގެ މުޅި ދުނިޔެ އެއްފަހަރާ ހުއްޓުނު ކަހަލަ އިހުސާސެއްވިއެވެ. އެއީ ލައިވް ފުޓޭޖެކެވެ. ބަލާބެލުމަށް ޒޯޔާގެ އެޕާޓްމެންޓެވެ! އެތަނުގެ ސޯފާގައި، ޒޯޔާ ވަނީ މާންގެ އަތު ތެރޭގައެވެ. ޒޯޔާ ލައިގެން ހުރި ނިވާކަންކުޑަ ހެދުމުގެ ސަބަބުން ވެސް އެ ދެމެދުގައިވި ގުޅުން އަދި ހިނގަމުންދާ ކަންކަން ޔޫލީއަށް ނަގައިގަނެވުނު ފަދައެވެ. މާން އިނީ ޒޯޔާގެ ގައިގައި ބައްދާލައިގެން، އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.
އެ މަންޒަރު ފެނިފައި ޔޫލީގެ ހިތް ކުދިކުދިވެ، ދުނިޔެ އެނބުރިގަތް ފަދަ ވޭނެއް ލިބުނެވެ. އޭނާގެ ދެލޮލުން އޮހޮރިގެން ދިޔަ ކަރުނައާއި އެކު، އޭނާއަށް މެއާ ދިމާއިން އަތްއަޅާލެވުނީ ލިބުނު ފުން ސިހުމާއި ނަފުސާނީ ވޭނުގެ ބޮޑުކަމުންނެވެ. ކުރިމަތިން ފެންނަން އެ ހުރީ ހިތުގައި އުފެދިފައިވި ޝައްކު ޔަގީނަށް ބަދަލުވާނެ ވަރު ހެއްކެއް ނޫން ހެއްޔެވެ؟
*****
މާޝާއާއި ރާހިލް ތިބީ ޓެކްސީއެއްގެ ފަހަތު ސީޓުގައި އިށީނދެލައިގެންނެވެ. އެ މީހުންގެ މަންޒިލަކީ މާންގެ ޕެންޓްހައުސްއެވެ. އެ މީހުން މާލެ އައީ މާޝާގެ ކެންސަރު ބައްޔަށް ފަރުވާކުރުމުގެ ގޮތުން ދެވޭ ފުރަތަމަ ކީމޯތެރަޕީ ސެޝަން މިއަދު ނިންމާލުމަށްފަހުއެވެ. ކެންސަރު ހެދިފައިވާ މިންވަރާއި، އެ ބަލީގެ ބާވަތަށް ބަލައި، ޑޮކްޓަރުން ވަނީ ޖުމްލަ ތިން ކީމޯ ސެޝަން ނެގުމަށްފަހު ސާޖަރީއަކަށް ދިއުމަށް ލަފާދީފައެވެ.
“ދެން މާހިން އާއި މާން އަށް ގުޅާފައި ބުނަންވީނު އަހަރުމެންނަށް މާލެ އާދެވުނު ވާހަކަ؟” ރާހިލް ކަންބޮޑުވުމެއް އެކުލެވިގެންވާ ރާގެއްގައި އަހާލިއެވެ.
އެމީހުން ފަރުވާގެ މެދު ތެރެއިން މާލެ އައުމުގެ އެންމެ ބޮޑު މަޤުޞަދަކީ މާޝާގެ މި ނުރައްކާތެރި ހާލަތުގެ ވާހަކަ މާން އަށާއި މާހިން އަށް ކިޔައިދިނުމެވެ. ބައްޔާއި ހަނގުރާމަކުރަމުންދާ މިދަނޑިވަޅުގައި، އޭނާގެ ލޯބިވާ ބޭބެއާއި ކޮއްކޮ ދެކިލައި، އެ މީހުންގެ އޯގާތެރިކަން ހޯދުމަށް މާޝާގެ ހިތް އޮތީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންކަމުން، ދެވަނަ ކީމޯ ސެޝަން ނެގުމުގެ ކުރިން އޭނާ ބޭނުންވީ އެ ދެމީހުން ކައިރިއަށް އައިސް ހަގީގަތް ހާމަކުރާށެވެ.
ނަމަވެސް، މާޝާގެ ހިތުގައި އޮތް ބިރާއި ނުތަނަވަސްކަމެއްގެ ސަބަބުން އޭނާ ފަސްޖެހެމުން ދިޔައެވެ.
“ދެން މިރެއަކު ނޫން އެކަމާ އުޅޭނީ، ދޯ؟ އަހަރެން ދޮންބެ ކައިރީގަވެސް އަދި މާހިން ކައިރީގަވެސް ބުނިން މިއަދު އަންނާނަމޭ. ދޮންބެ ބުނި އެއާޕޯޓަށް ބަލާ އަންނަންވެސް. އެކަމަކު އަހަރެން ބުނިން އޯކޭވާނެ އޭ، ރާހިލް އާއިއެކު ދާނީ ގެއަށް ށޭ… އައި ވޯންޓް ރެސްޓް ބިފޯ އައި ޓެލް ދެމް ދިސް ނިއުސް…” މާޝާގެ އަޑުގައިވީ ވަރުބަލިކަމާއި ފުން މާޔޫސްކަމެކެވެ. އެ ބިރުވެރި ހަގީގަތް އެ މީހުންނާ ހިއްސާކުރާނެ ހިތްވަރެއް އޭނާގެ ކިބައިގައި މިވަގުތު ނެތީ ކަމުގައި ވެސް ވެދާނެއެވެ.
“މާޝް… ޔޫ ނީޑް ޓު ފޭސް ދިސް. ހިތްވަރު ކުރާތި، އައިމް އޯލްވޭސް ވިތް ޔޫ،” ރާހިލް މާޝާގެ އަތުގައި ލޯތްބާއި އެކު ބާރަށް ހިފާލަމުން، އޯގާތެރިކަމާއިއެކު ހިތްވަރުދިނެވެ.
*****
އެ ފުޓޭޖުން ފެނުނު މަންޒަރުން ޔޫލީގެ ހިތް ކުދިކުދިވެ، މުޅި ދުނިޔެ އެނބުރިގަތް ފަދަ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް، އެ ފުން ވޭނުގެ ތެރެއިންވެސް އޭނާ ނޭވާއެއް އެތެރެއަށް ދަމާލާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން، އޭނާގެ ފިރިމީހާގެ ދިފާއުގައި ސާބިތުކަމާއިއެކު ވާހަކަދެއްކިއެވެ.
“އަހަރެން… އަހަރެން ތި ދައްކާ އެއްވެސް ވާހަކައަކަށް، އަދި ތި ދައްކާ މަންޒަރަކަށް އިތުބާރެއް ނުކުރާނަން!” ޔޫލީ އަޑަށް ބާރުލަމުން ބުނެލިއެވެ. ” އަހަރެންނަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ މާން އަންނާނެ! އޭނާ ކަލޭމެންނަށް ދުވަހަކުވެސް މާފެއް ނުކުރާނެ! ހަނދާން ކުރާތި އަހަރެން ގައިގަ އިގިލި ކުރި ޖައްސާލިޔަސް އޭނާ ކަލޭ ހޯދާނެ” އެ ބަސް ތަކަށް އޭނާ އެއްވެސް އިތުބާރެއް ނުކުރި ނަމަވެސް އެ އަޑުގައި ވީ ސާބިތުކަމެވެ.
ޔޫލީގެ އެ ބަސްތައް އަހާފައި އެ ބިޔަ ފިރިހެން މީހާ ބާރަށް ހީގަތެވެ. އޭނާ މަލާމާތުގެ ރާގެއްގައި ނުލަފާ ގޮތަކަށް ހެމުން، އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އަދި ކުއްލިއަކަށް ޔޫލީ އާއި ދިމާއަށް ގުދުވެ، އޭނާގެ އަތު ތެރޭ އެ ހިމަތޮޅި ހަށިގަނޑު ގައިދު ކޮށްލިއެވެ. އެ މީހާގެ އެއް އަތް ޔޫލީގެ މޭމަތީގައި ކާއްތަމުން ދިޔަ އިރު، އަނެއް އަތުން އޭނާގެ އުނަގަނޑުގައި ހިފަހައްޓާ ބާރުކޮށްލަމުން، ގަދަކަމުން އޭނާ އާއި ކައިރިވެ އެ ތުންފަތަށް ބޮސް ދޭން މަސައްކަތްކުރަމުން ދިޔައެވެ.
އެ ވަގުތު ޔޫލީގެ ހިތުގައި އުފެދުނު އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއިއެކު، ސަލާމަތްވުމަށްޓަކައި ޔޫލީގެ ސިކުނޑި ދިން އިންޒާރާއި އެކު އޭނާގެ މުޅި ހަށިގަނޑުގައި ހުރި ހުރިހާ ބާރެއް ނެރެ، އެ މީހާގެ ކުރިމަތި ފަރާތަށް ވަރުގަދަ ފައިގެ ހަމަލާއެއް ދިނެވެ.
އެ ހަމަލާއާއެކު ލިބުނު ގަދަފަދަ ވޭނުން، އެ ބިޔަ މީހާގެ އަނގައިން ނިކުތް ހަޅޭކުގެ އަޑު މުޅި ކޮޓަރީގައި ގުގުމައިގެން ދިޔައެވެ. އޭނާ ހުތުރު ބަހަކުން ގޮވާލަމުން، ތަދުން ކެތްނުވެގެން ކުރިއަށް ގުދުވެ، ދެކަކޫ މައްޗަށް ތިރިވެގެން ދިޔައެވެ.
ޔޫލީއަށް ލިބުނު ކުޑަކުޑަ ފުރުސަތުގެ ބޭނުންކޮށް، ސަލާމަތުގެ ހިލަމެއް ހޯދުމަށްޓަކައި ދޮރާ ދިމާއަށް ދުއްވައިގަނެވުނީ މުޅި ނަފުސުގައި ހުރި ބާރެއް ލަމުންނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައިރު މީހާ ތުރުތުރު އަޅައެވެ. ދޮރާ ހަމައަށް ފޯރައި އޭނާގެ ތުރުތުރު އަޅަމުންދިޔަ އަތުން ދޮރުގެ ތަޅުގައި ހިފާލެވުނެވެ.
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Whatt alhey yooly fakeeru salaamai vaanebaa. Zoyaa mihen ulhe varugadha bondieh bone adhi. Maan ves dhen hama meehakaa indhegen hureh eyna gaigoalhi vaakan engi hure ves ebadhey. Foohi vejje maan dhke
Happy to see this comment kokila modi … yooly salaamaiy veytho balan vaany next episode ga dho… Maan ah vaanuvaa neyngethy e dhany dho .. zoya ah vaa gothehves balan jeheynee dho.. Maan dheke ehaa avahah foohi nuvahcheyy
vaanuvaa neygeyhaa gamaaru vaakah nujehey bodu singa firiheneh, bodu viyafaari verieh
Sometimes with some things they are more stupid aslu dho .. ekamaku ves aslu maan varah nuvisnaa e ulheny 🙄😔
Whn nxt part? Im curious
Thank you for the comment Mauna 😊 next part will be published on Thursday 😊