
ތަޤްދީރުގެ ނިޔާ (1): މި ލޯތްބާއި ތި ވަޢުދު – 39

“މިއައު…” ޓީވީ ސްކްރީނުން އަމިއްލަ މީހާގެ އަޑާއި ސޫރަ ފެނުމާއެކު ރޫޔާއަށް ދެތިން ފަހަރު ކަޅި ޖަހައިލެވުނެވެ. އަޅުވައިފައި އިން ވީޑިޔޯއިން ދައްކަމުން ދިޔައީ ރަޒާންގެ ބުޅާ ހޯދަން އޭނާ ތެޅުނު ހާލެވެ. މިއައު އަށް ގޮވަމުން، ކަބަޑުތައް ހުޅުވަމުން، އަމިއްލަ މީހާ އުޅޭ ވައްތަރު ފެނިފައި ރޫޔާ ގަތް ލަދުން މޫނު އަނބުރައިލެވުނެވެ.
“މިއައު މިއައު މިއައު މިއައު”
“ތިއީ މަގޭ އަތުން ރަޒާން ޖަހާ ގަތް މިއައު މިއައު”
“މިއައު މިއައު މިއައު މިއައު”
“ތިއީ މަގޭ އަތުން ވީއްލިގެން ދިޔަ މިއައު މިއައު”
ޓީވީ އިން ދެން އިވެން ފެށި އަޑާއެކު ރޫޔާ އަނގަ ހުޅުވުނު ގޮތަށް ލައްޕަން ވެސް ނޭނގުނެވެ.
“ރަޒާން. ހަމަ މިހާރު ޓީވީ ނިއްވާލާ” ފަހަތުން ރަޒާންގެ ހުނުމުގެ އަޑު އިވުމާއެކު ރޫޔާ އަވަހަށް ފަހަތަށް އެނބުރުނެވެ. ދެއަތް އުރައިގެން، އެއްމިޔަކަނުން ހީލައިގެން ހުރި ރަޒާން އަތުގައި އޮތް ރިމޯޓް އަތުލަން ދުއްވައިގަތެވެ.
“މިއައު މިއައު މިއައު މިއައު” ޓީވީގެ އަޑު ދަށުން ރަޒާން ލަވަ ކިޔަން ފެށުމާއެކު ރޫޔާ މޫނު ކުނި ކޮށްލިއެވެ.
“މީދާ ނުހިފާ، ހޯނު ނުހިފާ މިއައު މިއައު”
“އައިސް އަލަމާރި މަތިން ރަސްކަން ކުރާ މިއައު މިއައު”
“ރަޒާން. ދެން!!!” ރޫޔާ އަޑަށް ބާރު ލައިފައި ގޮވައިލުމާއެކު ރަޒާން ހޭން ފެށިއެވެ. ރޫޔާ އޭނާއާ ގާތްވެލުމާއެކު ދެއަތް ހުޅުވައިލުމަށްފަހު ރޫޔާ ގައިގައި އޮޅުލައިގަތެވެ.
“އެހާ ރީތި ލަވައެއް ނުކިޔާ ދޫކޮށްލަން ބޭނުން ނުވީ…” ރޫޔާގެ އިސްތަށިގަނޑު މަތީ ފިރުމަމުން އޭނާގެ ދެލޮލަށް ރަޒާން ބަލައިލިއެވެ. “އަހަރެންގެ ދެލޮލުގެ ނޫރު.. މި ހިތުގެ ހަމަޖެހުން”
“ބުނެވެސް ނުލާ އަންނަ ވާހަކަ” ރޫޔާ ލޯ އަޅައިލިއެވެ.
“ބުނީމަ ސަޕްރައިޒަކަށް ނުވާނެ ދޯ”
“ތި ދެން މީހުން ސަޕްރައިޒް ދޭ ގޮތް ތަ؟”
“ކާކު ބުނީ ސަޕްރައިޒް ނިމުނީއޭ؟” ރޫޔާގެ ކޮލުގައި ބޮސް ދިނުމަށްފަހު ރަޒާން އެންމެ ފަހުން ރިމޯޓު ނަގައި އެ ލަވަ ނިއްވައިލިއެވެ. ރޫޔާގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ.
“އިށީންދެ” ކާމޭޒު ދޮށުގައި އިން ގޮނޑި ދުރުކޮށްލުމަށްފަހު ރަޒާން ރޫޔާ އިށީންނަން ދެން މަޑުކޮށްލިއެވެ. ގޮނޑީގައި ރޫޔާ ހަމަޖެހިލުމާއެކު އޭނާ މިސްރާބު ޖެހީ އުނދުނާ ދިމާލަށެވެ.
“އޯހް.. ކޯންޗެއް ތިހެދީ؟” ރޫޔާ ބޯ އަރި ކޮށްލުމަށްފަހު އަހައިލިއެވެ. ރަޒާން ޖަވާބު ނުދީ އޭނާ ކުރިމަތީ ކާ ތަށްޓެއް ބެހެއްޓިއެވެ.
“ސީފުޑް ޕާސްތާ؟”
“ހޫމް. އަނގަ ހުޅުވަބަލަ” ރަޒާން އުލުން ޕާސްތާ ކޮޅެއް ނެގުމަށްފަހު ރޫޔާ އަނގަޔާ ކައިރިކޮށްލިއެވެ.
“ރަޒާން. އަހަރެން އަމިއްލައަށްވެސް ކެވޭނެ” ރަޒާންގެ އަތުން އޫ އަތުލަން ވެގެން ރޫޔާ އުޅުނެވެ.
“އަހަރެން އަތުން ކާލީމަ މާ މީރު ވާނެ”
“ރަޒާން…”
“ސޭ އާ” ރަޒާން ގޮތް ދޫ ނުކުރާނެކަން އެނގުމާއެކު ރޫޔާ ބިސްމި ކިޔުމަށްފަހު އަނގަ ހުޅުވައިލިއެވެ. ޕާސްތާ ކޮޅު ހަފަމުން ރޫޔާ ރަޒާނަށް ބަލައިލިއެވެ. ރަޒާން ބަލަން އިން ގޮތުން އޭނާގެ ހިތް އުނދަގޫ ވާން ފެށިއެވެ.
“ރޫޔާ..” ރަޒާންގެ އަޑު ކުއްލިއަކަށް ބަރުވެގެން ދިޔަހެން ރޫޔާއަށް އިހުސާސް ކުރެވުނެވެ. ނޭވާއެއް ނަގަމުން އޭނާ އިސްނަގައި ރަޒާނާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ޔޫޝާ މާލެ އައި ކަން އެނގޭތަ؟” ރަޒާންގެ ސުވާލު އިވުމާއެކު ރޫޔާއަށް ބޭއިޚްތިޔާރުގައި ނޭވާއެއް ބޭރުކޮށްލެވުނެވެ. މަޑު މަޑުން ބޯ ޖަހައިލީ ރަޒާނަށް ޖަވާބު ދޭން ވެގެންނެވެ.
“މިއަދު ހޮސްޕިޓަލަށް އައި. ރަޒާން…” ރޫޔާ ދެޚިޔާލެއްގައި ހުރެފައި ރަޒާންގެ އަތުގައި ހިފައިލިއެވެ. “ކަމެއް ވެގެންތަ އުޅެނީ؟”
ރޫޔާގެ ނަޒަރު ގައިވާ ހާސްކަން އިހުސާސް ކުރެވުމާއެކު ރަޒާން ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ރޫޔާ ކައިރީގައި އިން ގޮނޑީގައި އިށީނެވެ. އޭނާގެ ދެއަތުގެ ތެރެއަށް ރޫޔާގެ ދެއަތް ގެނައެވެ. ރޫޔާގެ ވާއަތު ކަށި އިނގިލީގައި އަޅައިފައި އިން އަނގޮޓި މަތީ ފިރުމަމުން އޭނާ ރޫޔާއަށް މޫނު ހަމަކޮށްލިއެވެ. ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން އޭނާއަށް ރާއިފްގެ ފަރާތުން ލިބުނު ކޯލެވެ.
“ދޮންބޭ.. ހަނދާން އެބަހުރިތަ ރަނާ އޮޕަރޭޓް ކުރި ޑޮކްޓަރ؟ ދެންމެ އެ ޑޮކްޓަރ އާއި އުވައިސް ރެސްޓޯރެންޓަށް ވަންނަނިކޮށް ފެނިގެން މިގުޅާލީ؟ އަނެއްކާ އެ ޑޮކްޓަރަކީ ނަސީރު ބައިގެ މީހެއްތަ؟”
ރާއިފްގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަން ފެށުމާއެކު ބޭއިޚްތިޔާރުގައި އޭނާއަށް ރޫޔާގެ އަތަށް ބާރުކޮށްލެވުނެވެ.
“އަހަރެންގެ ކޮއްކޮ ރާއިފަށް ފެނުނު..” ރަޒާން ރޫޔާއާ ނަޒަރު ވަކި ނުކޮށް ފެށިއެވެ. “އުވައިސް އާއި ރޫޔާ ރެސްޓޯރެންޓަށް ވަންނަނިކޮށް…”
ރޫޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ރަޒާނަށް އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ އޭނާ ތެދު ބުނަން ވީ ހެއްޔެވެ؟
މަޑުމަޑުން އިސް ޖެހުމަށްފަހު ރޫޔާ ރަޒާންގެ އަތުގައި ހިފައިލިއެވެ. އޭނާއަށް ހަޤީގަތް ބުނެވެން އެބަ އޮތެވެ. އެހެނަސް އަނގައިން ބަސް ބޭރުވުމަށްފަހު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ވިސްނަން ޖެހިފައި އޮތީ އެންމެ މީހެއް ދެމީހެއް މަތިންނެއް ނޫނެވެ. އޭނާއާ ގުޅުން އޮތް ކޮންމެ މީހެއްގެ ފުރާނައާއި ކުރިމަގާ މެދު ވިސްނަން އޭނާއަށް މަޖުބޫރެވެ. ބުނެވޭ ބަހަކާއެކު ޝަފަޤަށް އަނިޔާގެ ދޮރުތައް ހުޅުވިގެން ދާނެއެވެ. ފާޅު ކޮށްލެވޭ ސިއްރަކުން ޔަމީންމެންގެ މުޅި މުސްތަޤުބަލު ބިމާހަމަވެ، އަޅިއަށް ވެގެން ހިނގައިދާނެއެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ބޭސް ފަރުވާ ހޯދުމަށް، އޭނާގެ ގާތަށް އަންނަ އެތައް ބަލިމީހުންގެ ހައްޤުތައް ވެއްޔާ މޮޑެވިގެން ދާނެ ކަމުގެ ބިރު އެބަ އޮތެވެ.
ގޮތް ހުސްވެފައިވާ ގައިދީއެއް ފަދައިން، އޭނާ ވަނީ ނަސީރުގެ ދަލުގައި ބެދި، ކަސްތޮޅު އެޅިފައެވެ.
އެ ހަޤީގަތް ރަޒާނަށް ހާމަކޮށް ތިލަ ކޮށްދޭނެ އެއްވެސް މަގެއް، ފުރުސަތެއް މިއަދަކު ނެތެވެ.
“ނަސީރަށް އެނގުނީ އަހަންނާއި ރަޒާން ގުޅުމެއް އޮތް ކަން” އޭނާއަށް ބުނެވެން އޮތީ އެވަރެވެ. “ނަސީރުއަށް އެނގޭ އަހަންނާ ރަޒާން އިންނަން އުޅޭކަން… އޭނާ ޤަބޫލުކުރާ ގޮތުގައި ޔޫޝާ އާއި ރަޒާން ވަރިވީ އަހަންނާ ހެދި”
“އޭނާ އެހެން އެއްވެސް ކަމެއް ކުރިތަ؟” އޭނާގެ ދެއަތުން ރޫޔާގެ މޫނުގައި ހިފައިލަމުން ރަޒާން ސުވާލު ކުރިއެވެ.
ރޫޔާ ފުންނޭވާއެއް ނެގިއެވެ. މަޑުމަޑުން އޭނާ ބޯ ހޫރައިލިއެވެ.
“ދެން ނަސީރުގެ ވާހަކަ ނުދައްކަމާ..” ރޫޔާ މަޑުމަޑުން ރަޒާންގެ އަތު ތެރެއަށް ވަދުނެވެ. މައުޟޫ ބަދަލުކޮށްލަން ވެގެން ރޫޔާ ރަޒާނަށް ބަލައިލިއެވެ. “އަހަރެމެން އަދިވެސް މިއުޅެނީ ރާޝިދުބޭ ގާތު ކައިވެނި ކުރަން އުޅޭ ވާހަކަ ނުބުނެވިގެން. ރަޒާން މަންމަމެންވެސް” ރޫޔާ ޝަކުވާގެ ރާގަކަށް ބުނުމާއެކު ރަޒާން އިސްދަށަށް ޖަހައިލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“އައްދެ.. އަދި އަހަރެން ހީކުރީ އަހަރެން އެކަނި ކަމަށް ކައިވެނި ކުރަން ކެތް މަދު ވެފަ ހުރީ” ދެ އިނގިލިން ރޫޔާގެ ނޭފަތުގައި ހިފައި ފިއްތައިލިއެވެ. “ހިނގާ ދެން އަންނަ ހަފްތާ އެކަން ކުރަން”
“ހޫމް”
***
“ޑޮކްޓަރަށްވެސް އެކަން އެނގޭދޯ. އަސްލު ވަރަށް ދެރަވި ޑރ. ރޫޔާ ނުބެހޭ ކަންތަކުގެ ތެރެއަށް ބޯ ވައްދައިގެން އުޅޭތަން ފެނުނީމަ.. ތިއީ މި ހޮސްޕިޓަލު ދުށް އެންމެ މޮޅު އެއް ޑޮކްޓަރު.”
“ޝަފަޤްގެ ބަނޑަށް ހަމަހަށް ދޯ މިއޮތީ.. ޕްރިއެކްލަމްޕްސިއާ…”
“ސެޝަން ފޯޓީ ސެވެން، އިންކްރީޒް ވޮލްޓޭޖް ބައި ޓުވެންޓީ ޕަސެންޓް. ޕޭޝަންޓް ހޭޒް ބީން އަން ރެސްޕޮންސިވް ޓު ޕްރިވިއަސް ޕްރޮޓޮކޯލްސް”
“އަހަރެން އެ އިންވެސްޓިގޭޝަން ކުރިއަކަށް ނުގެންދާނަން”
އަހަރެންގެ އަމިއްލަ ދެއަތުން ނަސީރުގެ ދެއަތަށް ހަތިޔާރު ލައިދިނީ..”
“ޑރ. ރޫޔާ!! ޑރ.ރޫޔާ” ޔަމީންގެ އަޑު އިވުމާއެކު ރޫޔާއަށް ދެތިން ފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. އަންގި ލައްވައިފައި އިން ދެއަތާއި، ކުރިމަތީ ހޭނައްތާފައި އޮތް ޕޭޝަންޓް ފެނުމާއެކު ރޫޔާއަށް ހުރެވުނު ތަން ރޭކާ ލެވުނެވެ.
“ޔެސް؟”
“އައި ހޭވް ގޮޓް ދަ ކްރިޓިކަލް ވިއު، ޑޫ ޔޫ ވޯންޓް ޓު ޓޭކް ދަ ސިސްޓިކް ޑަކްޓް ނައު؟” ޔަމީން ގެ ސުވާލާއެކު ރޫޔާ ނަޒަރު ބަދަލުކޮށްލީ ކައިރީގައި އިން މޮނީޓަރަށެވެ.
“ޑޮކްޓަރަށްވެސް އެކަން އެނގޭދޯ. އަސްލު ވަރަށް ދެރަވި ޑރ. ރޫޔާ ނުބެހޭ ކަންތަކުގެ ތެރެއަށް ބޯ ވައްދައިގެން އުޅޭތަން ފެނުނީމަ.. ތިއީ މި ހޮސްޕިޓަލު ދުށް އެންމެ މޮޅު އެއް ޑޮކްޓަރު.”
ނަސީރުގެ އަޑު ކަންފަތުގައި އަނެއްކާވެސް ގުގުމަން ފެށިއެވެ. ދެލޯ މަރައިލުމަށްފަހު އޭނާ އެ އަޑުތައް ސިކުނޑިން ފޮހެލެވޭތޯ އުޅުނެވެ. ނޭވާއެއް ނެގުމަށްފަހު އުޅުނީ ޓިޝޫތައް ވަކިކުރަންށެވެ.
އެހެނަސް….
މޫނުގައި ތަތް އެއްޗެއް ޖެހިއްޖެހެން އިހުސާސް ކުރެވުމާއެކު ރޫޔާއަށް ދެލޯ މަރައިލެވުނެވެ. މޮނީޓަރުގެ އަޑާއެކު އޭނާ އަވަހަށް ދެލޯ ހުޅުވައިލިއެވެ. ބަލިމީހާ ކަފައި ލައިފައި އޮތް ދިމާލުން ލޭ ފުރިގެން ބޮކި ޖަހަމުން ދާ މަންޒަރު ފެނުމާއެކު އޭނާ ދެލޯ ބޮޑުވިއެވެ.
“ޕްރެޝަރު އިޒް ޑްރޮޕިން” އެނެސްތީސިއޮލޮޖިސްޓްގެ އަޑު ބާރެވެ. “އެއިޓީ އޯވަރ ފިފްޓީ އެންޑް ފޯލިން.. ހާޓް ރޭޓް ވަން ތާޓީ..”
“ރީހާ ސަކްޝަން.. ޔަމީން ގެޓް މީ އަ ހެމޯސްޓަޓް” ރޫޔާ އަވަހަށް ކަންތައް ހަމައަކަށް އަޅުވަން އުޅުނެވެ.
“ޑރ. ރޫޔާ؟؟”
“އަވަސް. އައި ހޭވް ނިކްޓް ދަ ރައިޓް ހެޕަޓިކް އާޓަރީ”
ރީހާ އިތުރު އެއްޗެކޭ ނުބުނެ ސަކްޝަން ކެތީޓަރުން އެ ސަރަހައްދު ސާފުކޮށްލިއެވެ.
ސާފުވުމާއެކު ރޫޔާއަށް ކަފައިގެން ދިޔަ ލޭ ހޮޅީ ފެނުނެވެ. ވީ ގޮތް ރޭކާލާން ފެށުމާއެކު އޭނާގެ ދެއަތް ތުރުތުރު އަޅައިގަތެވެ. އޭނާގެ ފަރުވާ ކުޑަކަމުން މި ދެވުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟
“ޔަމީން، ޓޭކް އޯވާ ދަ ފީލްޑް” ޔަމީނަށް ހަދަން ވީ ގޮތް ކިޔައިދެމުން ރޫޔާ ރީހާއަށް ބަލައިލިއެވެ.
“ރީހާ، ޑރ. ރާޝިދަށް ގުޅާ. ބުނޭ ތިއޭޓަރ 3 އަށް އަންނާށޭ. ލޭ ހޮޅިއަކަށް ބޮޑު ގެއްލުމެއް ލިބިގެންނޭ….” ރޫޔާ ދެން ބަލައިލީ އެނެސްތީސިއޮލޮޖިސްޓަށެވެ. “ހައު އިޒް ހަރ ޕްރެޝަރ؟”
“ސިކްސްޓީ އޯވަރ ފޯޓީ. އައި އޭމް ޕުޝިން ބްލަޑް އެންޑް ވަސޮޕްރެސަރސް. ބަޓް ޝީ އިޒް ލޫޒިން އިޓް ފާސްޓަރ ދޭން އައި ކޭން ރިޕްލޭސް އިޓް.”
“ކީޕް ޕުޝިން” ރޫޔާ ބޯ އަނބުރައިލީ ރީހާއަށެވެ. “ރީހާ، ވެން ޔޫ އާރ ޑަން ވިތް ދެޓް. އައި ނީޑް ޓޫ މޯ ޔުނިޓް އޮފް ޕެކްޓް ސެލް އެންޑް ފޯ އޮފް އެފް.އެފް.ޕީ އެންޑް އައި ނީޑް ދެމް ހިއަރ ފައިވް މިނެޓްސް އެގޯ. ޓެލް ދެމް ވީ ހޭވް އޭން އާރޓީރިއަލް ބްލީޑިން….”
ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ޔަމީނަށް ބަލައިލިއެވެ. ދެން ކަންތައް ކުރަން ވީ ގޮތާ މެދު އޭނާ އަވަހަށް ވިސްނައިލިއެވެ.
“ޔަމީން. އައި އޭމް ގޮއިން ޓު އޯޕެން. ވީ ކެނޮޓް ކޮންޓްރޯލް ދިޒް ލެޕްރޯސްކޮޕިކަލީ…..”
ފަރުވާ ކަމާއެކު ރޫޔާ އަވަހަށް އޭނާގެ ކުށް ރަނގަޅު ކުރަން އުޅުނެވެ. ބަލިމީހާގެ ބަނޑު ފަޅައި ލުމަށްފަހު މައްސަލައިގެ އަސްލު ހޯދުމަށްފަހު ކްލޭމްޕް އަޅުވައި ބާރުކޮށްލާ، ލޭ އައުން ހުއްޓުވިއެވެ.
“ހައު އިޒް ދަ ޕްރެޝަރ ނައު؟”
“ކަމިން އަޕް، އެއިޓީ އޯވާ ފިފްޓީ.. ނައިންޓީ އޯވާ ސިކްސްޓީ”
ނޭވާއެއް ދޫކޮށްލެވުނީ އެއަށްފަހުއެވެ.
“ގުޑް ޖޮބް އެވްރިވަން… އެންޑް އައި އެޕަލޮޖައިޒް ފޯ މައި މިސްޓޭކް” ރޫޔާގެ އަޑާއެކު މުޅި ތިއޭޓަރ ހަމަ ހިމޭންވިއެވެ.
***
މުޅި އޮފީހުގެ ތެރޭގައި ގުގުމަމުން ދިޔައީ ފާރުގައި ހަރުކޮށްފައި އިން ގަޑި ހިނގަމުންދާ އަޑެވެ. މެންދުރުގެ ރަތް އަވި ކުޑަދޮރުން އޮފީހަށް އެޅިފައިވާއިރު، ޖައްސައިފައިވާ އޭސީ އިން އެ އޮފީހުގައި ކުޑަ ފިނިކަމެއް ވެއެވެ.
މޭޒު ދޮރުގައި އިށީންދެ އިން ރޫޔާ އަމިއްލަ އަތަށް ނަޒަރު ހިންގައިލިއެވެ. އަތް މަސާޖު ކުރަމުން އޭނާ ލޯ މަރައިލިއެވެ. ސިފަ ވީ އޮޕަރޭޝަން ތިއޭޓަރު ނަމްބަރު ތިނެކެވެ. ލޭގެ ވަސް ނޭފަތުގައި އަނެއްކާވެސް ޖެހުނު ހެން އޭނާއަށް ހީވިއެވެ. ނަސީރުގެ ބަސްތައް ކަންފަތުގައި ގުގުމަން ފެށިއެވެ.
“ޢާއިޝާ” މީހަކު ދޮރު ހުޅުވައިލި އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ އިސްނަގައި ދޮރަށް ނަޒަރު ހިންގައިލިއެވެ. ރާޝިދު ވަދެގެން އައި މަންޒަރު ފެނުމާއެކު އޭނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. ދައްކަން އެއުޅެނީ ކޮން ވާހަކައެއް ކަން ރޫޔާއަށް އެނގެއެވެ.
“އަހަރެން ރޫޔާގެ އޮޕަރޭޝަން ނޯޓާއި ތިއޭޓާރ ފުޓޭޖު ރިވިއު ކޮށްފަ މިއައީ..” ރާޝިދު ބުނި ޖުމުލައާއެކު ރޫޔާ ނިތްކުރި މަތި ފިރުމައިލެވުނެވެ.
“ޢާއިޝާއަށް ހެދުނީ ބޮޑު ގޯހެއް. އަހަރެން ދޮގު ހަދާކަށް ނެތިން. އެފަދަ ސިޗުއޭޝަނެއްގައި ބަލިމީހާ ގެއްލިގެން ދިޔުމުގެ ޗާންސް ވަރަށް ބޮޑު” ރާޝިދު ރޫޔާ ކުރިމަތީ އިން ގޮނޑީގައި ހަމަޖެހިލިއެވެ. ރޫޔާގެ ކިލަނބުވެފައިވާ މޫނަށް ބަލައިލުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލިއެވެ. “އެކަމަކު އޭގެ ފަހުން ކަންތައްތައް ހަމައަކަށް އެޅުވީވެސް ޢާއިޝާ. ޑެލެގޭޓްކޮށް ސިޗުއޭޝަން ކޮންޓްރޯލް ކުރީ އިތުރު އެހެން މީހެއްނޫން.”
“އެކަމަކުވެސް… އަހަރެން ކިރިޔާ އެ މީހާ….” ރޫޔާއަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. “އަހަރެންގެ ފަރުވާ ކުޑަކަމުން… އަހަރެންގެ ފުރިހަމަ ސަމާލުކަން އޮޕަރޭޝަނަށް ދިން ނަމަ”
“ނަމަ ނަމަ އަކުން ރިހައެއް ނުކެއްކޭނެ. އެކަމަކު އެވާހަކައެއް ނޫން ދައްކަން މިއައީ”
ރޫޔާ ރާޝިދަށް ބަލައިލިއެވެ.
“ވަރަށް އަވަހަށް އެމް އެންޑް އެމް ބައްދަލުވުން އޮންނާނެ. އަހަރެން މިއަދު ވީ ކަންތައްތަކާމެދު ތެދުވެރި ވާނަން.” ރޫޔާ ބޯ ޖަހައިލިއެވެ. “ސިޗުއޭޝަން އަވަހަށް ކޮންޓްރޯލް ކުރި ވާހަކަވެސް ބުނާނަން. ތަފްސީލުކޮށް….”
“އެކަމަކުވެސް… ފުރަތަމަ ކޮޅު އަހަރެން ހުރީ ހުއްޓުން އަރާފަ”
“ދެޓްސް އެކްސްޕެކްޓަބަލް. ޢާއިޝާ އަވަހަށް އުޅުނީ ބްލީޑިން ކޮންޓްރޯލް ކުރަން. އަހަންނަށް އެނގޭ އެހެން ޑޮކްޓަރުންނަށް އެހާ ފަސޭހައަކުން އެކަން ނުކުރެވޭނެ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. ރޫޔާ ކުޑަ ހިނދުކޮޅަކަށް ލަސްވި ނަމަވެސް އެ ބަލިމީހާގެ ފުރާނަ މި ދުނިޔެއަކު ނުހުންނާނެ”
ރާޝިދު ތެދުވެ ހިނގައިގަތީ ފެން ކޫލަރު އާ ދިމާލަށެވެ. ތަށްޓަށް ފެން އެޅުމަށްފަހު އޭނާ އެ ތަށި ރޫޔާ ކުރިމަތީ ބެހެއްޓިއެވެ. އަނެއްކާވެސް ގޮނޑީގައި އިށީނުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“އަހަންނަށް އެނގޭ ޢާއިޝާ ބޮލު ތެރޭ ހައިޖާނެއް ހިނގަމުންދާކަން. އަހަންނެއް ނާހާނަން އެއީ ކޯންޗެއްތޯ. އެކަމަކު އަހަރެން ޤަބޫލު ކުރާގޮތުގައި އެ ޚިޔާލާއި ވިސްނުމުގެ ސަބަބުން ޢާއިޝާއަށް ގޯހެއް ހެދުނީ. ދޮގެއްތަ މިއީ؟”
ރާޝިދުގެ ސުވާލަށް ރޫޔާ ބޯ ހޫރައިލިއެވެ.
“ރާޝިދުބޭ.. އަހަރެން އިންވެސްޓިގޭޓް ކުރުން ހުއްޓައި ލައިފިން… ނަސީރަށް އެނގޭ އަހަންނާއި މައިރާ އާއި ޔޫޝާ މިކަމުގައި އުޅޭކަން..” ރޫޔާ ފެންތަށި އަތުގެ ތެރެއަށް ގެނައެވެ. ތަށީގައި ބޮޑުވައި އިނގިލިން ފިރުމަމުން އޭނާ ރާޝިދަށް ބަލައިލިއެވެ. “އޭނާ އަހަންނަށް މަޖުބޫރުކުރުވީ އެކަން ހުއްޓަން. އިތުރަށް ކުރިޔަށް ގެންދަން އުޅެފި ނަމަ، އަހަރެންނާ ގުޅުން ހުރި މީހުންނަށް އަނިޔާ ދޭނެކަމަށް އިޝާރަތް ކުރި.. ނުވިތާކަށް” އޭނާއަށް ދެލޯ މަރައިލެވުނެވެ. ޔޫޝާގެ މަންމަ ސިކުނޑީގެ ލޮލަށް ސިފަވުމާއެކު ރޮވުނެވެ.
“އަހަރެންގެ ސަބަބުން ޔޫޝާއަށް އަނިޔާ ލިބުނީ” ރޫޔާއަށް ބުނެވުނީ އެވަރަށެވެ. ޔޫޝާ ބުންޏެއް ކަމަކު، ޔޫޝާގެ މަންމައަށް ވެގެން ދިޔަ ކަންތައްތަކުގައި އަމިއްލަ މީހާގެ އަތެއް ވާކަން އިހުސާސްކުރެވުނެވެ.
“ރޫޔާ..”
“އަހަރެންގެ އަމިއްލަ ޚިޔާލުތައް ހަމައަކަށް އަޅުވަން ލީވް ނަގާނަން.. ދެހަފްތާ…”
“ނޫން. ރޫޔާ. އަހަރެން ހުއްދައެއް ނުދޭނަން” ރާޝިދުގެ އަޑު ހަރުވިއެވެ. ރޫޔާ ރާޝިދަށް ބަލައިލެވުނެވެ.
“ނޫން. ތިއުޅެނީ މައްސަލައިން ފިލަންވެގެން.. ރޫޔާއަކީ ފިލަން ޖެހޭ ވަރުގެ ފިނޑިއެއް ނޫން.”
ރޫޔާގެ ކަރުގައި ލަގޮނޑި ތާށިވިހެން ހީވިއެވެ.
“ދެން؟؟”
“ރޯޓާ އިން ރޫޔާ ނަން ނަގާނަން އަހަރެން. ހުރިހާ ސާޖަރީތަކުން. ރޫޔާގެ ކަމަކީ އިންޓާނުންނަށް ޓީޗިން ކްލާސް ނަގައިދިނުން، ސުޕަވައިޒް ކުރުން… އަހަރެން އަމިއްލައަށް އޯކޭ ނުދެނީހެން ރޫޔާއަށް އެއްވެސް އޮޕަރޭޝަނެއް ނުކުރެވޭނެ.”
“އަހަރެން ބެންޗު ކުރަން ތިއުޅެނީ؟”
“ނޫން.. އަޑުއަހާ.” ރާޝިދު ރޫޔާއާ ހަތަރު ކަޅި ހަމަކުރިއެވެ. “އަހަންނަށް އެނގޭ ރޫޔާއަކީ މޮޅު ސާރޖަނެއްކަން. އެކަމަކު އިންސާނަކަށް ވުމާއި ސާރޖަނަކަށް ވުމަކީ ދެކަމެއް. ބައެއް ދަނޑިވަޅުގައި އެ ދެ ޒިންމާ އެއްފަހަރާ ނުނެގޭނެ. އެއްބައި ހާލަތުގައި ސާރޖަނަކަށް ވާންވީ. އިހުސާސްތަކާއި ވިސްނުންތައް ހުއްޓައިލައިފައި ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް ކުރަންވީ. އެހެންނޫނީ އަނެއްކާވެސް މިއަދު ވީ ކަންތައް ވެގެން ދާނެ.” ރާޝިދު ރޫޔާއަށް ބޯ ޖަހައިލިއެވެ. “މި ވަގުތު ރޫޔާ ވާންވީ އިންސާނަކަށް. އެހެން މީހުންގެ އެހީތެރިކަން ހޯދަންވީ. އިހުސާސްތައް އިހުސާސް ކުރަންވީ. ސިކުނޑީގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވަނީ. ރޯން ބޭނުން ވަންޏާ ރޯން ވީ. ހޭންވީ.. އެހެން މީހެއް އެހީވާން އައުމުގެ ކުރިން އެހީއަށް އެދެންވީ. އެކަމަކު އެކަމެއް ނުކުރެވޭނެ ސާޖަރީ ތިއޭޓަރު ތެރޭގަ އެއް. ސާރޖަރީ ތިއޭޓަރު ތެރޭ ވާން ޖެހޭނީ ސާރޖަނަކަށް.”
ރޫޔާ އެ ބުނި ބަސްތަކާ މެދު ވިސްނަން ފެށިއެވެ. އެ ބަސް ތަކުގައިވާ ހަޤީގަތް ދެނެގަނެވެން ފެށުމާއެކު އޭނާ ބޯ ޖަހައިލިއެވެ. ފެންތަށިން ކޯވަރެއް ބޯލުމަށްފަހު އޭނާ ރާޝިދަށް ބަލައިލިއެވެ.
“ބޭބެ.. އަދި އެއް ވާހަކައެއް….”
***
“ކޮން ވިސްނުމެއްގަ؟” ފަހަތުން މީހަކުގެ އަޑު އިވުމާއެކު ރޫޔާ އިސްއުފުލައިލައި ބަލައިލިއެވެ. ސޯފާ ފަހަތުގައި ހުއްޓިހުރި ރަޒާން ފެނިފައި ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ސޯފާއިން ތެދުވިއެވެ.
“މާދަން ރާޝިދުބޭ އަންނާނެ އެއްނު..” ރަޒާންގެ އަތުގައި އޮތް ތުވާލި އަތުލުމަށްފަހު ރޫޔާ އެ ތުވާލި ރަޒާން ބޯ މަތީ އަޅައިލިއެވެ.
“ބޯ ރަނގަޅަށް ނުހިއްކައިފިނަމަ ރޯގާ ޖެހޭނެ.. ތިރިވޭ” އަމުރުވެރި ގޮތަކަށް ރޫޔާ އެހެން ބުނުމާއެކު ރަޒާނަށް ހެވުނެވެ.
“ބޮސް މޭންގެ ބޮސް ލޭޓީ ދޯ” ރަޒާން ރޫޔާގެ އިސްކޮޅަށް ތިރިވިއެވެ. ރޫޔާގެ އަތުގައި އޮތް ތުވާލިން އޭނާގެ ބޯ ހިއްކަމުން ދިޔައިރު، އެހުރިހާ އިރެއް ވަންދެން ރަޒާން ހުރީ އޭނާގެ މޫނަށް ބަލަންށެވެ.
“ރަޒާން.. އަހަރެން ސުވާލެއް ކުރަންތަ؟”
“ބޮސް ލޭޓީ އަހަރެން ކައިރިން ސުވާލުކުރަން ހުއްދަ ހޯދާކަށް ނުޖެހޭނެ” ރޫޔާގެ އުނަގަނޑުގައި ދެއަތް އަޅުވައިލަމުން ރަޒާން ޖަވާބު ދިނެވެ.
“ރަޒާންގެ މަންމަމެންނަށް އެނގޭތަ….”
“ދަރިފުޅާ ރަޒާން.. ސުބުޙާނަﷲ…”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Wgen next?
Next Sunday or Monday