
ތަޤްދީރުގެ ނިޔާ (1): މި ލޯތްބާއި ތި ވަޢުދު – 38

“މަރުހަބާ. ޑރ. އަޅުގަނޑު ދިން ދަޢުވަތު ޤަބޫލުކުރި ކަމަށްޓަކައި ޝުކުރުވެރިވަން” އަތުގައި އޮތް ފޯނު ފަޓުލޫނުގެ ޖީބަށް ލަމުން ނަސީރު ރޫޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ކުޑަދޮރު ކައިރިން ދުރަށް ޖެހިލަމުން އޭނާ މޭޒުދޮށުގައި އިން ހުސް ގޮނޑިއަކަށް އިޝާރަތް ކޮށްލިއެވެ. “އިށީންދޭ!” ނަސީރުގެ އަޑު ބާރު ނުވިޔަސް، އެ ކުރީ އަމުރެއް ކަން ރޫޔާއަށް ރޭކާލަން މާގިނަ ސިކުންތުކޮޅެއް ނުނެގިއެވެ. ކޮނޑު ސީދާ ކޮށްލުމަށްފަހު، މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ އެ ގޮނޑީގައި އިށީނެވެ.
“ޑރ ބޭނުންވާ އެއްޗެއް އޯޑަރ ކުރޭ. ބިލް މަތިން ހާސްވާނެ ކަމެއް ނެތް” މޭޒުމަތީ އޮތް މެނޫ ފޮތް ނަގަމުން ނަސީރު ރޫޔާއަށް ބޯ ޖަހައިލިއެވެ. މެނޫ އަށް ސަމާލުކަން ދިނުމަށްފަހު އޭނާ ގަނޑު އެއްލަން ފެށީ، ކަމުދާނެ މީރު ކާއެއްޗެއް ފެނޭތޯ ބަލަން ވެގެންނެވެ.
ނަސީރުގެ ޢަމަލުތަކާމެދު ވިސްނަމުން، މޭޒުމަތީ އޮތް މެނޫ ފޮތަށް ކަޅި އެއްލައިލިއެވެ. ފަޅި ސިކުންތުގައި އޭނާ ނަޒަރު ބަދަލުކޮށްލީ ނަސީރަށެވެ.
“ނަސީރު ސަރ.” އުނދަގުލާއެކު މޫނުމައްޗަށް ހިނިތުންވުމެއް ގެންނަމުން ރޫޔާ ގޮވައިލިއެވެ. “ކީއްވެގެން ކުއްލިއަކަށް އަޅުގަނޑާ ތި ބައްދަލުކުރީ؟” ދެޚިޔާލެއްގައި ހުރެފައި ރޫޔާ ހިތު ތެރޭ އޮތް ސުވާލު ކޮށްލިއެވެ.
ސުވާލުގެ ޖަވާބުގެ ބަދަލުގައި މުޅި ކޮޓަރި ތެރެއަށް ވެރިވެގެން ދިޔައީ ފުން ހިމޭން ކަމެވެ. ނަސީރުގެ ހަރަކާތަށް މަޑުޖެހުމެއް އައުމާއެކު، ރޫޔާގެ ހިތް އަވަސްވިއެވެ. އުނގުމަތީ އޮތް އަތް ގޮށް މުއްކަވައިލެވުނީ، ޖަވާބާމެދު ކެތްމަދުވެފައި ހުރެއެވެ.
“ރަނގަޅު ސުވާލެއް.” ކޮޓަރި ދޮރު ކައިރީ މަޑުކޮށްގެން ހުރި ވެއިޓަރަށް އިޝާރަތް ކުރަމުން ނަސީރު ހަށިގަނޑު ސީދާކޮށްލިއެވެ. “ޑޮކްޓަރު ކޯންޗެއް ބޭނުމީ ކާން؟” ރޫޔާގެ ސުވާލަށް ޖަވާބުގެ ބަދަލުގައި ނަސީރުވެސް ކުރީ ސުވާލެކެވެ. ރޫޔާގެ ޖަވާބަށް އިންތިޒާރުގައި ހުރެ، އޭނާ އެ މޫނަށް ރަނގަޅަށް ބަލައިލިއެވެ.
ނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ މޭޒުމަތީ އޮތް މެނޫ ނެގިއެވެ. ފަހަރަކު ގަނޑަކުން ގަނޑެއް އެއްލަމުން ދިޔަ ރޫޔާގެ ބޮލުގައި ރިއްސައިގަތީ، ދުވަހަކުވެސް އަޑުއަހައި ފައި ނުވާ، ބީރައްޓެހި ނަންތައް، އެ ގަނޑުތަކުން ފެނިފައިއެވެ. ނަގާނެ ރަނގަޅު އެއްޗެއް ނުރަނގަޅު އެއްޗެއް ނޭނގޭ ހާލު އޭނާ އެ ފޮތް ލައްޕައިލިއެވެ.
“ސަރ އާއި އެއް އޯޑަރ އެއް ނަގާނީ” ވެއިޓަރަށް އެ މެނޫ ފޮތް ހަވާލުކޮށް ލަމުން ރޫޔާ ޖަވާބު ދިނެވެ.
“މައްސަލައެއް ނެތް.” ނަސީރު ބޯ ޖެހުމަށްފަހު ވެއިޓަރަށް އޯޑަރު ދިނެވެ. ވެއިޓަރު އަވަހަށް އަތުގައި އޮތް ޓެބްލެޓުން އެ އޯޑަރު ނެގުމަށްފަހު އެ ކޮޓަރިން ނިކުތެވެ.
“ޑޮކްޓަރު ގެ ހާލު ކިހިނެއް؟” މޭޒުމަތީ ދެއަތް ބާއްވަމުން ނަސީރު ރޫޔާ އާ ސުވާލު ކުރިއެވެ. “ކިހިނެއް ހޮސްޕިޓަލުގެ މާހައުލު؟ އާ އިންޓާނުން މި މަހު ފެށި ވާހަކަ އަޑުއެހިން؟ ކިހިނެއް ވަނީ އެކުދިން؟”
“ރަނގަޅު.. އެކުދިންވެސް ހަމަ ރަނގަޅު…”
“ގުޑް.. ދެން ކޮންކަމެއް ހޮސްޕިޓަލުން ރަނގަޅު ކޮށްލަންވީ؟ ނިއު މެޝީން؟ މެޑިކްސް؟” ނަސީރުގެ ކޮންމެ ސުވާލާއެކު ރޫޔާގެ ހިތް ދިޔައީ އިތުރަށް އުނދަގޫވަމުންނެވެ.
“ތިއަށް.. ފުރިހަމައަށް ޖަވާބު ދޭން އަޅުގަނޑަކަށް ނޭނގޭ…”
“އޯހް…” ނަސީރު ހޭ އަޑު މުޅި ކޮޓަރި ތެރޭ ގުގުމައިލިއެވެ. “މާ ކުއްލިއަކަށް ކަންނޭނގޭ މިސުވާލު މިކުރެވުނީ..” ކޮޓަރި ދޮރު ހުޅުވުނު އަޑާއެކު ނަސީރު މަޑު ޖެހިލިއެވެ. ޓްރޭ ހިފައިގެން އެ ކޮޓަރިއަށް ވަދެގެން އައި ވެއިޓަރު ފެނިފައި ނަސީރު ރޫޔާއަށް ބަލައިލިއެވެ. “ވަރަށް މީރު ވާނެ މި މީހުން ކައްކާ އެއްޗެހި. މި ރެސްޓޯރެންޓަކީ އަހަރެންގެވެސް ހިއްސާ އޮންނަ ރެސްޓޯރެންޓެއް. ޑޮކްޓަރު މިތަނުން ކާން ނޫނީ އިވެންޓެއް ހޯސްޓު ކުރަން ބޭނުންނަމަ މި މީހުންނަށް ހޮސްޕިޓަލުގެ އައި.ޑީ ދައްކާ… ފަހަރެއްގައި ކެއުން ހިލޭވެސް ކޮށްލެވިދާނެ”
“ނޫން… އަޅުގަނޑަށްވެސް ކެއުމަށް ލާރި ދެއްކެވޭނެ.. އެވަރު ކުރާނެ ކަމެއް ނެތް” ނަސީރަށް ދަރަނި ވާން ބޭނުންނުވާތީ ރޫޔާ އަވަހަށް ދެކޮޅު ހެދިއެވެ. ނޫނެކޭ ބުނަންވެގެން އޭނާ ދެއަތްވެސް ހޫރައިލެވުނެވެ.
“ޑޮކްޓަރު ދައްކާ ވާހަކަ.. ދޯ ސަންޖޭ؟” މޭޒުމަތީ ކާތަށިތައް އަތުރަން އުޅުނު ވެއިޓަރަށް ނަސީރު ދޯ ދިނެވެ.
“ބޮސް ބޭ ބުނާގޮތް ރަނގަޅު ވަނީ” ސަންޖޭ ރޫޔާއަށް ހީލަމުން ޖަވާބު ދިނެވެ. އެ ޖަވާބު އިވިފައި ރޫޔާއަށް އުނދަގޫވިއެވެ.
ވެއިޓަރު ދިޔުމާއެކު، ދެމީހުންވެސް ކާންފެށިއެވެ. ކެއުމުގެ މެދު ތެރެއިން ނަސީރު ދިޔައީ އެކި އެކި ވާހަކަ ދައްކަމުންނެވެ. ކާނާ ތައްޔާރު ކުރާގޮތުން ފެށިގެން ބޭނުން ކުރީ ކޮން ތަރުކާރީތައްވެސް ހިއްސާކުރަމުން ދިޔައެވެ.
“ޔޫޝާ ގެ ޚަބަރެއް ވިތަ؟” އެ ސުވާލާއެކު ރޫޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އަވަސް އަވަހަށް އޭނާ އިސްނަގައި ނަސީރަށް ބަލައިލިއެވެ. އަތުގައި އޮތް އޫ، ތަށި ތެރެއަށް ދޫކޮށްލުމަށްފަހު އޭނާ ނަސީރާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ނޫން” ރޫޔާ ޖަވާބު ދިނީ، ނަސީރަށް އެކަން އެނގޭކަން އެނގި ހުރެއެވެ. “ޔޫޝާ ވީ ކޮންތާކު؟..” ރޫޔާ ދެބުމަ ގޮށްޖެހުނެވެ. “ނޫން. ރަނގަޅު ސުވާލަކީ ނަސީރު ޔޫޝާ އަށް ހެދީ ކިހިނެއް؟”
ރޫޔާއަށް ބަލަން ހުރެފައި ނަސީރު ނޭވާއެއް ދޫކޮށްލިއެވެ. ރޫޔާއަށް ރަނގަޅަށް ބަލައިލުމަށްފަހު އޭނާ މަޑުމަޑުން ބޯ ހޫރައިލިއެވެ. “އަދަބު ދިނީ… ބަސްނާހާ ދަރިންނަށް އަދަބު ދިނުމަކީ މައިންބަފައިންނަށް ލިބިފައި އޮތް ހައްޤެއް.”
“ހަމަ އެގޮތަށް.. އިމުން ބޭރުވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ވެރިންނަށް ލިބިފައި އޮތް ބާރެއް…” ރޫޔާއާއި ހަތަރު ކަޅި ހަމަކުރަމުން ނަސީރު ޖުމުލަ ފުރިހަމަ ކޮށްލިއެވެ. ކުރިން ފެންނަން ހުރި އޯގާތެރިކަން އެ މޫނު މަތިން އެކީ ފިލައި ގޮއްސިއެވެ.
“އިމުން ބޭރުވީ؟!” ހިތުތެރޭ ފެތުރިގެން ދިޔަ ބިރުވެރިކަމުގެ ރާޅާއެކު ރޫޔާ ގާތަށް ރުޅިވެސް އައެވެ. “ހޮސްޕިޓަލު ތެރޭ ބޮޑު ވައްކަމުގެ ޖަރީމާއެއް ހިނގަމުންދާއިރު، އިމުން ބޭރުވީ އަޅުގަނޑުތޯ ބުނަން ތިއުޅެނީ؟”
“ޑޮކްޓަރަށްވެސް އެކަން އެނގޭދޯ. އަސްލު ވަރަށް ދެރަވި ޑރ. ރޫޔާ ނުބެހޭ ކަންތަކުގެ ތެރެއަށް ބޯ ވައްދައިގެން އުޅޭތަން ފެނުނީމަ.. ތިއީ މި ހޮސްޕިޓަލު ދުށް އެންމެ މޮޅު އެއް ޑޮކްޓަރު.” ޖޫސްތަށިން ކޯވަރެއް ދަމައިލުމަށްފަހު، ނަސީރު ހަމަޖެހިލަމުން ބުނެލިއެވެ. “އެހެން މީހުންހެން ބީރު ކަންފަތް ދީ އެކަންތައް އެއޮތް ގޮތަށް ދޫކޮށްލި ނަމަ، އަހަންނަށް ޔޫޝާ މާލެއިން ފޮނުވައިލާކަށް ވެސް މަޖުބޫރެއް ނުވީސް”
ނަސީރުގެ އެ ބަހާއެކު ރޫޔާގެ ނޭވާ ހުއްޓުން އެރިއެވެ. ނަސީރުގެ ވާހަކަ ހުރިގޮތުން ހީވަނީ، ޔޫޝާ ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ ސަބަބުން ހެންނެވެ.
“ޑޮކްޓަރު…. އަހަރެން ދެކޭ ގޮތުގައި، ކޮންމެ އިންސާނެއްގެވެސް ބަލިފައެއް ވޭ” އަތުގައި އޮތް އޫ ތަށިތެރެއަށް ލުމަށްފަހު ނަސީރު ދެއަތް ނަގައި ޖެހިއެވެ. އެ އަޑާއެކު އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ވަތް އުވައިސްގެ އަތުގައި އޮތް ފައިލް ފެނިފައި ރޫޔާ ދެލޯ ހަނިކޮށްލެވުނެވެ. ކަންތައްތައް ދާން މިއުޅެނީ ކޮން މިސްރާބަކުން ހެއްޔެވެ؟
“ޔޫޝާ ގެ ބަލި ފަޔަކީ ޔޫޝާ ގެ މަންމަ.. އަހަރެންގެ ބަލި ފަޔަކީ…” ރޫޔާގެ ނަޒަރު އޭނާއަށް ސީދާ ވުމާއެކު، ނަސީރު މަޑު ޖެހިލިއެވެ. ބޯ ކުޑަކޮށް އަރި ކޮށްލުމަށްފަހު އޭނާ ލުއި ގޮތަކަށް ހީލިއެވެ. “އެކަން ހާމަކުރާކަށް އަހަންނެއް ނެތިން…”
“ޔޫޝާގެ މަންމައަށް ކިހިނެއް ހެދީ؟” ރޫޔާގެ ދުލުން އެ ސުވާލު ބޭރުވި ގޮތުން، ނަސީރުގެ ޢާއިލާގެ މާޒީ އެނގޭކަން ނަސީރަށް ވިސްނުނެވެ. އޭނާ ގޮނޑީގައި ހަމަޖެހިލުމަށްފަހު މަޑު މަޑުން ހޭން ފެށިއެވެ.
“ހާސްނުވޭ. އަހަރެން ކުރިން ބުނިހެން…” އުވައިސްގެ އަތުން ފައިލް ނެގިއެވެ. “ޑޮކްޓަރު ގެ ޢަމަލުތައް އެހެން މީހުންނަށް ފަސޭހަވާނެ ގޮތަށް ބަހައްޓަމުން ދާނަމަ، ކަންތައް ދާނީ ރަނގަޅު ވަމުން…” ފައިލް ހުޅުވައިލަމުން ނަސީރު ބުންޏެވެ. ގަނޑެއް އެއްލުމަށްފަހު އޭނާ މަޑު ޖެހިލިއެވެ. މަޑުމަޑުން އިސްނެގުމެއް ނެތި ރޫޔާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ޝަފަޤް ކިހިނެއް؟” ނަސީރުގެ ދުލުން ޝަފަޤްގެ ނަން ބޭރުވުމާއެކު ރޫޔާ އެކީ ހުއްޓުން އެރިއެވެ. ކޮންމެވެސް ދިމާލަކުން ނުރައްކަލުގެ ރަނގަބީލުގެ އަޑު ގުގުމަން ފެށިއެވެ. ވާން އުޅޭގޮތް ނޭނގުނަސް، ކަންތައްތައް ގޯހުން ދާން އުޅޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.
“ޝަފަޤްގެ ބަނޑަށް ހަމަހަށް ދޯ މިއޮތީ.. ޕްރިއެކްލަމްޕްސިއާ…” ގަނޑަށް އަނބުރާ ނަޒަރު ހިންގައިލަމުން ނަސީރު ނޭވާއެއް ނަގައިލިއެވެ. “އައި.ވީ.އެފް މެދުވެރިކޮށް ލިބުނު ބޭބީއެއް ދޯ.. އޭގެ ކުރިން ދެފަހަރަށް ބައިގެން ދިޔަ، ޕްރެގްނެންސީއެއް ޓާމިނޭޓް ކުރަން ޖެހުނު. އަސްލުވެސް، ވަރަށް ހިތްދަތި އިމްތިހާނެއް. އަހަރެން ހަމްދަރުދީވަން ވަސީމާއި ޝަފަޤްގެ ހާލާމެދު…”
“ތިއީ ކާކު ޝަފަޤާއި ވަސީމަށް ހަމްދަރުދީވަން؟ އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ، މަކަރާ ހީލަތުން ފައިސާ ހޯދަން އުޅޭ މީހަކަށް ކިހިނެއް އެހެން އިންސާނަކާ މެދު ހަމްދަރުދީ ވާނީ؟ އަނިޔާވެރިކަމުން އާރާއި ބާރު ހޯދަން އުޅޭ މީހަކަށް ކިހިނަކުން އެހެން އިންސާނެއްގެ ވޭން އެނގޭނީ؟” ބިރުގެ މައްޗަށް ބާރު ފޯރުވި ރުޅިއާއެކު ރޫޔާ ދަތްކުނޑި ވިކައިލިއެވެ.
“ވަސީމާއި ޝަފަޤާއި މެދު ހަމްދަރުދީ ވަމޭ؟ ބަލަ ފުރަތަމަ އަމިއްލަ ދަރިންނަށް ކަންތައް ކުރި ގޮތް ބަލާބަލަ.. އަމިއްލަ އާއިލާއަށް ނުދެވުނު ކުލުނެއް އެހެން މީހަކަށް ދެވޭނީ ކިހިނެއް؟” ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޫޔާ ހަށިގަނޑު ތެދުކޮށްލިއެވެ. “ނަސީރަށް ހީވީތަ، ކަލޭއަށް އަހަރެންގެ ލޯބިވާ މީހުން މިކަމުގެ ތެރެއަށް ގެނެސް އަހަންނަށް ބިރު ދެއްކޭނެހެން؟ އަހަންނެއް ނުހުންނާނަން އަހަންނަށް އިތުބާރުކުރާ އެންމެންނަށް ގެއްލުން ލިބޭ މަންޒަރު ބަލާކަށެއް.”
“ޑރ. ރޫޔާ. އިށީނދޭ!” އިންޒާރުގެ ރާގަކަށް ނަސީރު އަމުރުކުރިއެވެ. އޭނާ ވައްކަޅިން ރޫޔާއަށް ބަލައިލީ، ރޫޔާ އޭނާގެ އަމުރަށް ތަބާވިތޯ ބަލަން ވެގެންނެވެ. ކޮޅަށް ހުރި ރޫޔާ ފެނިފައި ނަސީރު ބޯ ހޫރައިލިއެވެ.
“ހީވި މިހެން ކަންތައްތައް ވެގެން ދާނެ ހެން..” އަތުގައި އޮތް ފައިލް މޭޒުމައްޗަށް އެއްލައިލުމަށްފަހު ނަސީރު ގޮނޑީގައި ލެނގިލިއެވެ. “ރަނގަޅަށް ބަލާ! އެއަށްފަހު ދެން ބުނޭ ތި ބުނާއެއްޗެއް”
މޭޒުމަތީ އޮތް ފައިލަށް ނަޒަރު ހިންގައިލުމަށްފަހު ރޫޔާ އަވަހަށް އެ ފައިލް ނެގިއެވެ. ފައިލް ހުޅުވައިލުމާއެކު މޭޒުމައްޗަށް ވެއްޓިގެން ދިޔައީ އެ ފައިލް ތެރޭ ހުރި ގަނޑު ތަކެވެ. ވެއްޓެމުން ދިޔަ ކޮންމެ ގަނޑުގެ ކަނުގައި އިނީ، އޭނާ ދަންނަ ކޮންމެވެސް މީހެއްގެ ފޮޓޯގަނޑެވެ. ކައިރީގައި އޮތް ގަނޑު ނަގައި އޭނާ ރަނގަޅަށް ކިޔައިލިއެވެ. ކަނުގައި އިން ޔަމީން ގެ ފޮޓޯ ފެނިފައި އޭނާގެ ދެލޯ ބޮޑުވިއެވެ. އެހެން ގަނޑެއް އޭނާ ނެގިއެވެ. އެ ގަނޑުގެ ކަނުގައި އިނީ މާއިޝާގެ ފޮޓޯގަނޑެކެވެ. އެހެން ގަނޑެއް އޭނާ އަވަހަށް ނެގީ، ވިސްނަމުންދިޔަ ޚިޔާލު ސާބިތު ކުރަންވެގެންނެވެ. އެ ގަނޑުގައި އިނީ މައިރާގެ މަންމަ ހަދިއްތައާ ބެހޭގޮތުން ތައްޔާރުކޮށްފައި އޮތް ރިޕޯޓެވެ. ގަނޑު ތަކުގެ ތެރެއިން އޭނާގެ ދޮންބައްޕަ ވާފިރުގެ ފޮޓޯ ގަނޑެއްވެސް ފެނުނެވެ.
ރޫޔާއަށް އެގަނޑުތަކުގައި ހިފަހައްޓައިގެން ހުރެވުނީ ގަޔަށް ލެވުނުހާ ބާރެއް ލައިގެންނެވެ. ރުޅިވެރިކަމާއެކު އޭނާ ނަސީރަށް ބަލައިލިއިރު، އެ ދެލޮލުން ކަނި ބުރަމުން ދިޔައެވެ.
“މިހާރު ޑރ. ގެ ހާލު އަމިއްލައަށް ވަޒަން ކުރެވޭނެކަމަށް އަޅުގަނޑު ހީކުރަން” ނަސީރު ގޮނޑިން ތެދުވެ، ގަމީހުގެ އަތްކުރި ރަނގަޅުކޮށްލަމުން ރޫޔާ އާ ދިމާލަށް ހިނގައިގަތެވެ. “އިތުރު ހެކި ބޭނުންވާނަމަ…” އިންޒާރުގެ ރާގަކަށް ބުނަމުން، އޭނާ މޭޒުމަތީ ޕެންޑްރައިވެއް ބޭއްވިއެވެ. “އަޅުގަނޑު އުންމީދުކުރަނީ، އެންމެންނަށް ފައިދާކުރާނެ ގޮތަށް ޑރ. ކަންތައް ކުރާނެ ކަމަށް. ޑރ އަށް ނޫނީ ޑރ ލޯބިވާ އެއްވެސް މީހަކަށް ގެއްލުމެއް ދޭކަށް އަހަންނެއް ބޭނުމެއް ނޫން. އެކަމަކު އަހަންނަކީ އެހާ ކެތްތެރި މީހެއްވެސް ނޫން. އެހެންވީމާ” ރޫޔާގެ ކޮނޑުމަތީގައި އަތް ބޭއްވުމަށްފަހު ނަސީރު ބާރުކޮށްލިއެވެ. “ދެން ޑރ. އަމަލުކުރާނެ ގޮތަކާމެދު ރަނގަޅަށް ވިސްނައިލުން ބުއްދިވެރި”
***
ކޮޓަރިއަށް ވަދެވުމާއެކު ރޫޔާ އަވަހަށް އަތުގައި އޮތް ދަބަހާއި އެ ފައިލް އެނދުމައްޗަށް އެއްލައިލިއެވެ. މޭމަތީ އަތް އަޅައިގެން ހުރެ އޭނާ ދެފަރާތަށް ހިނގަންފެށީ މާނޭވާތަކެއް ނަގަމުންނެވެ. ލޯ މަރައިލާ ކޮންމެ ފަހަރަކު ބުއްދީގެ ލޯ ކުރިމަތީ ކުޅެވިގެން ދަނީ މީގެ ގަޑިއިރެއް ކުރިން ވީ ކަންތައްތަކެވެ. އެއަތް އުނަގަނޑުގައި ވިއްދައި ލުމަށްފަހު، އަނެއް އަތުން އޭނާ ނިތްކުރި ފިރުމައިލިއެވެ. މޭމަތީ ފިރުމަމުން އޭނާ އެނދު ކައިރީ ހުއްޓުނެވެ. ފައިލް ތެރޭގައިވާ ގަނޑުތައް ނަގައި އަލުން އެ ހުރިހާ ގަނޑުތަކެއް ކިޔަންފެށިއެވެ. ކިޔައިލެވޭ ކޮންމެ ގަނޑަކާ އެކު އޭނާއަށް ހީވީ މުޅި ހަށިގަނޑު ބަރުވަމުން ދާހެންނެވެ.
“އިތުރު ހެކި ބޭނުންވާނަމަ…” އެއްލި ކަޅިން، އޭނާގެ ދަބަސް ލޮލުގައި އަޅައިގަތުމާއެކު ރޫޔާގެ ކަންފަތުގައި ގުގުމައިލީ ނަސީރުގެ އަޑެވެ. އަތުގައި އޮތް ގަނޑުތައް އެނދުމަތީ ބޭއްވުމަށްފަހު އޭނާ ޖެހިލުންވެ ހުރެ ދަބަސް ހުޅުވައިލިއެވެ. އޭގައި ތެރޭ އޮތް ޕެންޑްރައިވް އަތަށް ނެގުމަށްފަހު އެއަށް ރަނގަޅަށް ބަލައިލިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން، ސްޓަޑީ މޭޒުމަތީ އިން ލެޕްޓޮޕް ހުޅުވައިލިއެވެ. ލެޕްޓޮޕަށް ޕެންޑްރައިވް ޖެހުމަށްފަހު އޭނާ އަވަހަށް އެ ޕެންޑްރައިވް ހުޅުވައިލިއެވެ. ތާރީޚުތައް ޖަހައިފައި އިން ފޯލްޑަރުތަކެއް ފެނުމާއެކު އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ވިސްނަންވީ ކޯންޗެއްކަން ނޭނގިހުރެ އޭނާ އޭގެ ފޯލްޑަރަކަށް ފިތައި ލުމަށްފަހު، އެ ފޯލްޑަރު ތެރޭ އިން ވީޑިޔޯ އަޅުވައިލިއެވެ. ދެވަނަ ސިކުންތުގައި ފެނުނު މަންޒަރާއެކު އޭނާއަށް ބޭއިޚްތިޔާރުގައި ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.
ހޮސްޕިޓަލުގައި އާއި ނޭޕާލުން އޭނާއަށް ވަނީ ނުފެންނަން ޖެހޭ އެތަކެއް މަންޒަރު ތަކެއް ފެނިފައެވެ. އެކްސިޑެންޓްގެ ސަބަބުން، ޗިސްޗިސް ވެފައިވާ ހަށިގަނޑުތަކާއި، ފިހި ރޯފިލައި ފައިވާ މިނި މަސްތަކަކީ އޭނާއަށް އާ އެއްޗެއް ނޫނެވެ. އެހެނަސް، ލެޕްޓޮޕް ސްކްރީނުން ފެންނަމުންދާ މަންޒަރުތަކަކީ ޑޮކްޓަރަކަށްވެ ހުރެވެސް އޭނާއަށް ބަލަން ފަސޭހަވި މަންޒަރު ތަކެއް ނޫނެވެ.
“ނޫން.. ޔޫޝާ… މަގޭ ދަރިފުޅާ… މަންމަ ސަލާމަތްކުރޭ” އަމީރާގެ ވޭނީ ހަޅޭކުގެ އަޑާއެކު އިވެމުން ދިޔައީ ހުދު ކޯޓާއި މާސްކު އަޅައިގެން ހުރި މީހުންގެ އަޑެވެ.
“ސެޝަން ފޯޓީ ސެވެން، އިންކްރީޒް ވޮލްޓޭޖް ބައި ޓުވެންޓީ ޕަސެންޓް. ޕޭޝަންޓް ހޭޒް ބީން އަން ރެސްޕޮންސިވް ޓު ޕްރިވިއަސް ޕްރޮޓޮކޯލްސް” އެ ޑޮކްޓަރުގެ އަމުރުގެ ފަހަތުން އަމީރާ ހަޅޭއްލަވައިގަތެވެ.
އެހެން ޑޮކްޓަރެއް އަމީރާގެ ބޮލުގައި އެލެކްޓްރޯޑް އަޅުވައި ރަނގަޅު ކޮށްލިއެވެ. އެހެން ޑޮކްޓަރަކު، އަމީރާ އައްސައިފައި އިން ބެލްޓުތައް ޗެކު ކޮށްލިއެވެ. އެއަށްފަހު އެންމެން އެކީ އެ އެނދާ ދުރުވިއެވެ. މެޝިނު ކައިރީގައި ހުރި މީހާ ފިތަކަށް ފިއްތައިލި މަންޒަރު ރޫޔާއަށް ފެނުނެވެ. އެއާއެކު އަމީރާގެ ހަށިގަނޑަށް އައި ބަދަލާއެކު ރޫޔާ އޯކަރުވައިގަތެވެ. އަވަސް އަވަހަށް އަނގަމަތީ އަތް އަޅައިލުމަށްފަހު، ލެޕްޓޮޕާއި ދުރަށް ޖެހިލިއެވެ. ފުންނޭވާތަކެއް ނަގަމުން އޭނާ މޭމަތީ ފިރުމަން ފެށިއެވެ.
ފުސްވެފައިވާ ލޮލަކާއެކު އޭނާ އަނެއްކާވެސް ސްކްރީނަށް ނަޒަރު ހިންގައިލިއެވެ. އަމީރާގެ ހަޅޭކުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެ ވީޑިޔޯ ނިމުމާއެކު އެހެން ވީޑިޔޯއެއް ފެށުނެވެ. އެ ބިރުވެރި މަންޒަރުތައް އިތުރަށް ބަލާކަށް ރޫޔާގެ ހިތް ކުޅަދާނައެއް ނުވިއެވެ. އަވަސްއަވަހަށް އަތުގައި ހުރި ބާރެއް ލައިފައި ލެޕްޓޮޕް ބަންދުކޮށްލިއެވެ. އެއާއެކު މުޅި ކޮޓަރި ހިމޭންވިއެވެ. އޭނާގެ ނޭވާލާ އަޑު ފިޔަވައި އިތުރު އަޑެއް އެކޮޓަރި ތެރެއަކުން ނީވެއެވެ.
ޔޫޝާ އޭނާއަށް އެހީވާން ހުއްޓައިލީ ކީއްވެގެން ކަން ރޫޔާއަށް ރޭކާލީ ދެނެވެ. ނަސީރުގެ އަނިޔާވެރިކަމުގެ ނުބައިކަން އޭނާއަށް ރަނގަޅަށް އިހުސާސްކުރެވުނީ އެވަގުތެވެ. އަމިއްލަ ދަރިއަށް ބިރުދައްކަން ވެގެން، އަމިއްލަ އަނބިމީހާއަށް އަނިޔާ ދިން މީހަކަށް ރޫޔާ ނޫނީ ރޫޔާ ދަންނަ އެހެން މީހަކަށް ނުބައި ނުދީ ނުހުންނާނެކަން ޚުދު ރޫޔާއަށް ވިސްނުނެވެ.
ފުންނޭވާތަކެއް ލަމުން އޭނާ މޫނު އަނބުރައިލީ އެނދާ ދިމާލަށެވެ. ސީދާ ބަހުން ބުނާނަމަ، އެނދުގެ ގޮދަނޑި މަތީ އޮތް ގަނޑު ތަކަށެވެ. ބެލްކަނީ ލައިޓުން އެކޮޓަރިއަށް އެޅިފައިވާ އަލިން، އެ ގަނޑުތަކުގައި ހުރި ސޫރަތައް ފާޅުވިއެވެ. އެ ފޮޓޯ ގަނޑުތަކުގެ ދަށުގައި، ލިޔުންތަކެއް ލިޔެފައިވާ ގަނޑުތަކުން އެކި މީހުންގެ ނަންތައް ސާފުވިއެވެ.
އޭނާ ހަމަ ރަނގަޅަށްވެސް ނަސީރު ތައްޔާރު ކުރި މަޅީގައި ޖެހި ގައިދު ވެއްޖެއެވެ.
އަރުތެރެއިން ބޭރުވާން ތައްޔާރުވި ރުއިމުގެ އަޑު ކޮންޓްރޯލުކޮށް ހިންދިރުވައިލުމަށްފަހު ރޫޔާ ފުންނޭވާތަކެއް ދޫކުރަން ފެށިއެވެ. ކަނދުރާ މަތީ ފިރުމަމުން އޭނާ އިސްއުފުލައި ލައި ސީލިންގަށް ނަޒަރު ހިންގައިލިއެވެ. ކޮންމެވެސް ގޮތަކުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ އުޅުނެވެ.
މޭޒުމަތީ އޮތް ފޯނު ރިންގުވާ އަޑަށް ރޫޔާ އަވަހަށް ނަޒަރު ހިންގައިލެވުނީ އެ ފޯނަށެވެ. ސްކްރީނަށް، ނަން ނެތް ނަމްބަރު އަރައިފައި އޮތެއް ކަމަކު، ގުޅަނީ ކާކުކަން އޭނާއަށް އެނގުނެވެ. އެ ގުޅަނީ ކީއްވެގެންވެސް ކަން އެނގުނެވެ. ފުސް ލޮލަކުން އެ ސްކްރީނަށް ބަލަން ހުރެފައި، ފޯނު މޭޒުމަތިން ނުނަގައި، އެ ކޯލު ޤަބޫލުކޮށް ލުމަށްފަހު، ސްޕީކަރަށް ލިއެވެ. އިވިގެން ދިޔަ ނަސީރުގެ ބަރު އަޑާއެކު ރޫޔާ ދެލޯ މަރައިލިއެވެ.
“ޑރ. ރޫޔާ.. ކިހިނެއްތޯ؟” ނަސީރުގެ ސުވާލަށް ރޫޔާއަށް ޖަވާބެއް ނުދެވުނެވެ. އެއަށްވުރެ އޭނާގެ ހާލު މާ ގޯހެވެ.
“އެ ވީޑިޔޯ ފެނުނީ ދޯ.. ދެން އެނގޭ ދޯ ކަންތައްތައް ކުރަންވީ ގޮތް… އަހަރެންނަށް އުނދަގުލެއް ނުވާނެ ޑރ. ރޫޔާއަށް ފިލާވަޅެއް ދޭން. އެކަން ކުރަން އަހަރެން ކިތަންމެ ދެރަވިޔަސް، ޑރ. ރޫޔާ އަހަރެންނަށް މަޖުބޫރު ކޮށްފިއްޔާ ކުރާނަން.” ނަސީރުގެ އިންޒާރާއެކު ރޫޔާގެ އަތް ގޮށްމުއްކަވައިލެވުނީ ބާރަށެވެ. އިނގިލީގެ ނިޔަފަތި ހަންގަނޑު ތެރެއަށް ވަދެ، އަތުގެ ހަންގަނޑު ފަޅައިގެންގޮސް، ލޭ އަންނަން ފެށީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“އެހެންވީމާ، ޑރ. ރޫޔާ ކަން ކުރަންވީ ކިހިނަކުން ވިސްނޭ ދޯ.. ރަނގަޅަށް ކަންތައް ކޮށްފިނަމަ، އަހަރެން އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭނަން”
“އަހަރެން އިންވެސްޓިގޭޝަން ހުއްޓައި ލައިފިއްޔާ، އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެދޯ ތިބުނީ؟ ޔޫޝާ އާއި ޔޫޝާގެ މަންމައާއި ޔޫޝާގެ ކޮއްކޮމެންވެސް ލައިގެން؟” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ރޫޔާ އެންމެ ފަހުން އަނގަ ހުޅުވައިލިއެވެ. އެ އެންމެންގެ ރައްކާތެރިކުރަން ޔަޤީން ކުރަންވެގެންނެވެ.
“އާން. އަހަރެން ޔަޤީންކަން ދެމުން މި ބުނަނީ. ޑރ. ރޫޔާ އިންވެސްޓިގޭޝަން ހުއްޓައި ލައިފިނަމަ، އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ.. އޭގެ ބަދަލުގައި އެންމެނަށް ފައިދާވާނެ” ނަސީރުގެ އަޑުގައިވާ ސާބިތުކަން އިހުސާސްވުމާއެކު ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެން އެ އިންވެސްޓިގޭޝަން ކުރިއަކަށް ނުގެންދާނަން” އެ ބަސްތައް ބޭރު ކުރުންވީ އުނދަގުލަކަށެވެ. އެހެނަސް މަޖުބޫރުވީއެވެ.
“ރަނގަޅު، ތި ބަސްތަކާ އެއްގޮތަށް އަމަލު ކުރަންޏާ އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ…” އެއާއެކު އެ ކޯލް އެކޮޅުން ކަނޑައިލިއެވެ. ހަމަހިމޭން ވުމާއެކު، ރޫޔާ ދެފައި މައްޗަށް ވެއްޓުނެވެ. ލޭ ފައިބަމުންދާ އަތް އަނގަމަތީ އަޅައިލުމަށްފަހު އޭނާ އެނދުމަތީ އޮތް ގަނޑުތަކަށް ބަލައިލިއެވެ.
އޭނާގެ ދިރިއުޅުން، ނާމާން ހުވަފެނަކަށް ވީ ކޮން އިރަކު ހެއްޔެވެ؟
****
“ދެން ތިން ދުވަސްކޮށްލާފައި މިކޮޅަށް ދައްކާލަން އާދޭ” ބަލިމީހާއަށް ބޭސް ސިޓީ ހަވާލުކުރަމުން ރޫޔާ ހީލިއެވެ. ރޫޔާއަށް ޝުކުރު އަދާކުރުމަށްފަހު އެމީހާ ގޮނޑިން ތެދުވެ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އެ ބަލިމީހާއަކީ މިއަދުގެ ފަހު ޕޭޝަންޓަށް ވުމާއެކު ރޫޔާ ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ލެނގިލިއެވެ. މޭޒުމަތީ އޮތް ފޯނު ނަގައި ހުޅުވައިލީ މެސެޖު އެޕެވެ.
އެ ބިރުވެރި ރޭ ފާއިތުވެ ދިޔަތާ މިއަދަށް ހަތަރު ދުވަސް ވީއެވެ. އެހެނަސް އެރޭ ހިނގައި ދިޔަ ކަންތަކުގެ ހިލަމެއް އޭނާ ފިޔަވައި އެކަކަށްވެސް ނުކުރެއެވެ. އޭނާ ފުރާނަ ފަދަ ލޯބިވާ ރަޒާންއަށާއި މައިރާއަށްވެސް އޭނާ އެދުވަހުގެ ކަންތައްތައް ސިއްރުކުރީއެވެ. އެ ވާހަކަތައް ދުލުން ބޭރުކޮށްލާ ނެހާ ހިތްވަރެއް އޭނާގެ ކަށީގައެއްނެތެވެ. އޭނާ އަކީ މިހާ ފިނޑި، ނިކަމެތި މީހެއްކަން އިހުސާސްކުރެވެން ފެށިއެވެ. ހިތުގެ އެންމެ ފުން މިނުގައި ހުރިހާ ހިތާމަތަކާއި އުދާސްތައް ވަޅުލައިގެން، ބޭރުފުށުން އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ކަމެއް އޭނާއަކަށް ނޭނގޭއެވެ. އޭނާއަށް އެ ދުވަސްތައް ބަރުދާސްތު ކުރެވޭނެ ބާއެވެ؟
މައިރާގެ ޗެޓު ލޮގު ހުޅުވައިލުމަށްފަހު ރޫޔާ ނޭވާއެއް ނަގައިލިއެވެ. ފޮނުވާނެ މެސެޖަކާ މެދު ވިސްނަން ހުރެފައި އޭނާ ޓައިޕްކުރަން ފެށިއެވެ. މެސެޖު ޓައިޕްކޮށް ނިމުމަށްފަހު އޭނާ އެ މެސެޖު ކިޔައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އެ މެސެޖު ފޮހެލުމަށްފަހު ފޯނު މޭޒުމައްޗަށް އެއްލައިލިއެވެ. ސިކުނޑި ތެރޭ ފުނި ޖެހުމުން ދިޔަ ޚިޔާލުތަކާ ދުރުވާން ވެގެން އަވަހަށް ޕީ.ސީ ހުޅުވައިލުމަށްފަހު، ޕޭޝަންޓުގެ ފައިލުތައް ކިޔަން ފެށިއެވެ.
ދޮރުގައި މީހަކު ޓަކި ދިން އަޑު އިވިފައި ރޫޔާ އިސްނަގައި ދޮރަށް ނަޒަރު ހިންގައިލިއެވެ. ވަދެގެން އައި އަންހެން މީހާ ފެނިފައި ރޫޔާ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ދެފައި މައްޗަށް ތެދުވެ، އެ އަންހެން މީހާއާ ދިމާލަށް ހިނގައިގަތެވެ.
“ޔޫޝާ.. ކޮން އިރަކު އައީ؟” ދެއަތް ހުޅުވައިލުމަށްފަހު ރޫޔާ ޔޫޝާ ގައިގައި އޮޅުލައިގަތެވެ. ޔޫޝާ ވެސް އަވަހަށް ރޫޔާގެ ގައިގައި އޮޅުލައިގަތެވެ. މޫނު މައްޗަށް ވެރިވި ދެރަ ހިނިތުންވުމަކާއެކު އޭނާ ދެލޯ މަރައިލިއެވެ.
“އިއްޔެ..” ރޫޔާ އާ ދުރަށަށް ޖެހިލަމުން ޔޫޝާ ޖަވާބު ދިނެވެ. “މަންމަ ގޮވައިގެން މިފަހަރު މިއައީ.. މި ހޮސްޕިޓަލުގެ ސައިކް ވާޑް ގައި އެޑްމިޓް ކޮށްފަ މިއައީ”
“އިށީންދެ” ޔޫޝާގެ ބަހާމެދު ވިސްނަމުން ކޮމްޕިއުޓަރު މޭޒު ކައިރީ އިން ގޮނޑިއަށް އިޝާރަތް ކުރަމުން ރޫޔާ ބުންޏެވެ. ރޫޔާވެސް އޭނާގެ ގޮނޑީގައި އިށީނެވެ. މިއީ ނަސީރު އޭނާއަށް ދިން ‘ހަދިޔާ’ އެއްކަން އެނގެން މާގިނަ ވަގުތެއް ނުނެގިއެވެ.
“ރޫޔާ..” މޭޒުމަތީ ބާއްވައި ލެވިފައި އޮތް އޭނާގެ އަތް މަތީ ޔޫޝާ އަތް ބޭއްވުމާއެކު ރޫޔާ އިސްނަގައި ޔޫޝާއަށް ބަލައިލިއެވެ. ޔޫޝާއާއި ހަތަރު ކަޅި ސީދާވިއެވެ. އެ ލޮލުން ފާޅުވަމުންދާ އަސަރުތައް ރޫޔާއަށް ނަގައިގަނެވުމާއެކު ނޭވާއެއް ދޫކޮށްލިއެވެ.
“ރޫ… އަހަރެން ތެދަށް ބުނާނަން. ބައްޕަ އަހަރެން ކައިރީ ރާއްޖެ އަންނަން ބުނި ހިސާބުން އަހަންނަށް ކަމެއް ރަނގަޅަށްވެސް ގޯސްވެއްޖެކަން އިހުސާސްކުރެވުނު. އަހަރެން ކަން ބަލަން ވެގެން އެހިން ބައްޕަ ކައިރީ ރޫ އާ ބައްދަލު ކުރަން އޯކޭ ހެއްޔޭވެސް.. ބައްޕަ ނުބުނޭ ނޫނެކޭ.. އެހިސާބުން އަހަންނަށް ރަނގަޅަށްވެސް ވިސްނުނު…” ރޫޔާގެ އަތަށް ބާރުކޮށްލަމުން ޔޫޝާ ރޫޔާއާ ކައިރި ވެލިއެވެ.
“ޔޫޝާ. އަހަރެން މިއިން އެއްވެސް ކަމެއް ނުކުރި ނަމަ… އެހެން އެންމެންހެން އަހަރެން ނުބެހޭ ކަންކަމާ ނުބެހި ދޫކޮށްލިނަމަ..” ޔޫޝާގެ އަތުގައި ހިފައިލަމުން ރޫޔާ އިސްދަށަށް ޖެހިއެވެ. “ޔޫޝާގެ މަންމައަށް…. އެވަރު” ފާއްދައިލި ކަރުނަތައް ވަންހަނާ ކުރަންވެގެން ލޯ މަރައިލި ވަގުތު ސިފަވެގެން ދިޔައީ މީގެ ތިން ދުވަސްކުރިން އޭނާއަށް ފެނުނު ވީޑިޔޯގެ މަންޒަރު ތަކެވެ. “ޔޫޝާ ކައިރީ އަހަންނަށް އެހީވާން ނޭހުނު ނަމަ… އަހަރެންގެ ސަބަބުން އެހެން މީހަކަށް ހާދަ ބޮޑު.. އަނި..” ޔޫޝާގެ އަތުތެރެއިން އޭނާގެ އަތް ނެގުމަށްފަހު، ކަރުނަތައް ފޮހެލިއެވެ.
“ރޫ…” ޔޫޝާއަށް ރޫޔާ ދައްކަމުން ދިޔައީ ކޮން ވާހަކައެއް ކަން ވިސްނުމާއެކު އޭނާއަށްވެސް އިސްޖަހައިލެވުނެވެ. “ދެން ތިބުނަނީ؟”
“އަހަރެން އިންވެސްޓިގޭޝަން ހުއްޓައިލީ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން”
“ރޫޔާ… ރޫޔާގެ ސަބަބަކުންނެއް ނޫން….” ޔޫޝާ އަވަހަށް ރޫޔާގެ ޖުމުލަ މެދު ކަނޑައިލިއެވެ. ރޫޔާގެ ދެއަތުގައި ހިފުމަށްފަހު ޔޫޝާ ރޫޔާއަށް ބަލައިލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ.
“ރޫޔާ. އަހަރެންގެ މަންމަ ތަހައްމަލު ކުރި އަނިޔާއަކީ ރޫޔާގެ ސަބަބުން ވީ ކަމެއް ނޫން. މިއީ ހަމަ ބައްޕަ އަމިއްލަ ކުރި ކަމެއް. ބައްޕަ އެ ވީޑިޔޯތައް ރޫޔާއަށް ދެއްކީވެސް ރޫޔާ ތިގޮތަށް ވިސްނާނެކަން އެނގޭތީވެ. ޚުދު އަހަރެންވެސް އުޅުނިން އެ ބިރުވެރި ކަމުގެ ތެރޭގައި.. އަހަރެންވެސް ވިސްނީ ތިގޮތަށް..”
“އެކަމަކުވެސް…”
“ރޫ.. ރޫ އެކަންޏެއް ނޫނޭ އިންސާފު ބޭނުންވެގެން އުޅެނީ ކީއް. އަހަރެން ބޮޑުވަމުން އައީ ބައްޕަގެ އަނިޔާވެރިކަން ތަހައްމަލުކުރަމުން. ބައްޕަ ދިޔައީ ބައްޕަ ބޭނުންހާ ގޮތެއް އަހަރެމެންނަށް ހަދަމުން.. ރޫ އާއި މައި.. ތި ދެމީހުން ވެގެން ދިޔައީ އަހަރެންގެ އެންމެ ފަހު އުންމީދަށް.. އަހަރެން ބޭނުންވީ އަހަންނަށް ވެވުނު ވަރަކުން ތި ދެމީހުންނަށް އެހީވާން.” ޔޫޝާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ.
“އެރޭ.. އަހަންނަށް ބައްޕަ އެ ވީޑިޔޯ ދެއްކި. މަންމަގެ އީސީޓީ ޓްރީޓްމެންޓް..”
އެ ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން ވެރިވިއެވެ. ރޫޔާ ޔޫޝާގެ އަތަށް ބާރުކޮށްލިއެވެ. ޔޫޝާގެ އިހުސާސްތައް އޭނާއަށް އިހުސާސްކުރެވުނެވެ.
“ޔޫޝާ.. އަހަންނަށް މަޢާފް ކުރޭ.. އަހަރެން މިހާ އެދުންބޮޑު، އަމިއްލަ އެދުމުން ފޯވެފައިވާ މީހަކަށް ވީތީ މާފުކުރޭ. އިންސާފަށްޓަކައި…”
“ރޫ.. ޔޫ އާ ނޮޓް ސެލްފިޝް”
“ނޫން. އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް. އަހަރެން ބޭނުންވީ ނަސީރު ބަލިކުރަން. އަހަރެން ބޭނުންވީ ނަސީރުގެ ސަބަބުން ހައްގުތައް ގެއްލުނު އެންމެނަށް އިންސާފު ހޯދައިދޭން.. އަހަރެންގެ އަމިއްލަ ދެއަތުން ނަސީރުގެ ދެއަތަށް ހަތިޔާރު ލައިދިނީ.. އަހަރެންގެ އެކަމަށް އެހާ ގަދަޔަށް ދެފައި ވިއްދައިގެން ހުރީމަ މިހުރިހާ ކަމެއް މިގޮތަށް މިވީ”
ރޫ… ކުށްވެރިޔަކީ ރޫއެއް ނޫން! އެއީ އަހަރެންގެ ބައްޕަ. މަގޭ މަންމަ އެނދުގައި ބަނދެ، ކަރަންޓު ޝޮކު ދޭން އަމުރުކުރީ ރޫއެއް ނޫނޭ! އެ އަނިޔާވެރި އަމުރު ނެރުނީ ހަމަ އަހަރެންގެ ބައްޕަ! ބައްޕަ ކުރި ފާފަތަކުގެ ބަދުނާމު ރޫގެ އަމިއްލަ ބޮލުގައި އަޅުވަން ނޫޅޭ. ޚުދު ބައްޕައަށް ވެސް އެ ހަގީގަތް އެނގޭ. އެ ހުރިހާ ކަމެއް އެނގިހުރެ، ބައްޕަ އެ މަސައްކަތް ކުރަނީ، އެއީ އަހަރެމެންގެ ކުށެއް ކަމަށް އަހަރެމެންގެ އަމިއްލަ ނަފުސަށް ގަބޫލު ކުރުވަން!”
ޔޫޝާގެ ބަސްތައް އަޑުއަހަމުން ރޫޔާ ނޭވާއެއް ނެގިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން ރޫޔާ ޔޫޝާ އަށް ބަލައިލިއެވެ.
“އަހަރެމެން ދެމީހުންވެސް ބޭނުންވީ އިންސާފު. އިންސާފު ހޯދަން މަސައްކަތްވެސް ކުރިން.. އެކަމަކު…” ޔޫޝާ ދުރަށް ބަލައިލިއެވެ..
“ދެން ކިހިނެއް އަހަރެމެން ހަދާނީ؟”
***
ބުޅަލަށް ކާން ދޭންވެގެން ރޫޔާ ފެންވަރައިގެން މިސްރާބު ޖެހީ ރަޒާންގެ އެޕާޓްމެންޓަށެވެ. ލިފްޓުން ފަނަރަ ވަނަ ބުރިއަށް ގޮސް، ރަޒާންގެ އެޕާޓްމެންޓު ދޮރު ހުޅުވައިލިއެވެ. އަނދިރި ކޮށް އޮތް އެ އެޕާޓްމެންޓުން ޓީވީގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ދެބުމަ ގޮށްޖެހުނެވެ. އަވަހަށް މައިދޮރު ލައްޕައިލުމަށްފަހު އޭނާ ގޮސް ހުއްޓުނީ ސިޓިން ރޫމު މެދުގައިއެވެ. ޓީވީގެ ސްކްރީނުން ފެންނަމުންދާ މަންޒަރުތައް ފެނިފައި އޭނާ ދެލޯ ބޮޑުވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Finally after a long wait 🥹🥹
Mi bai ves VRH FURIHAMA
Haadha curious kohlaafa ey thi nimmaaly, when’s next??
Lots of love 💖
Thank you
Yeah. More things are coming.
Been busy these days. In sha allah next Monday