Skip to content
އެސްފިޔަ

ލޯބިވޭ އަނަންތަކަށް… – 14

Listen to this story Audio · 8:38 Powered by Esfiya Voice
0:00 8:38

މާމުއި ހަނދު

“ޔުން؟ ޔުންވެސް މި ރަށުގައި ތަ؟… އީނާއާއި އެކު ދޯ އައީ؟” ސުޒާނާ މީކާއިލްގެ އަތުގައި ހިފާލަމުން ބުންޏެވެ.

ޔުންއަށް ކުރިމަތިން ފެނުނު މަންޒަރުން މީހާ އެފުށް މިފުށަށް ޖެހުނު ފަދައެވެ. “ސުޒާނާ… މިކޮޅަށް ތަ ޗުއްޓީއަށް އައީ؟” ޔުން ސުވާލު ކޮށްލިއެވެ. މި ތަނުން ދާން އުޅެފިނަމަ ސުޒާނާއަށް ކަމެއް ޝައްކު ވާނެކަން އޭނާއަށް ވިސްނެއެވެ.

“ނޫނޭ… ކޮންމެވެސް ތަސްވީރުތަކެއް ނެގުމަށް… އެ މީހުން ބުނާ ފޮޓޯޝޫޓަކަށް މިއައީ ކިތަންމެ އަންނަ ހިތް ނުވިޔަސްވެސް…” ސުޒާނާ ވަރަށް ތަމުސީލީ ގޮތަކަށް ދެރަވެލާފައި ބުންޏެވެ. “ނަސީބެއްނު މީކާއިލް ހުރިކަން… އޭރުން އަހަރެން ފޫއްސެއް ނުވާނެ ވިއްޔަ!” މީކާއިލްގެ ކޮނޑަށް ލެނބެމުން ސުޒާނާ ބުންޏެވެ. “ކޮބާތަ އީނާ؟ އޭނާ ކަލޭ ހޯދާނެ އެއްނޫންތަ؟ ހެޔޮ އޭނާ ގާތަށް ދިޔަޔަސް…” ސުޒާނާ ތަށީގައި ހުރި ފަނިފޮދު ބޯލަމުން ބުންޏެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ސުޒާނާގެ މޭކަޕު ޖަމާޢަތް އެތަނަށް ހާޒިރުވިއެވެ. އަދި އަވަހަށް މޭކަޕު ކުރުމަށް އައުމަށް އެންގިއެވެ.

ސުޒާނާ ވީހާވެސް އަވަހަކަށް ތެދުވެ މީކާއިލްގެ އަތުގައި ހިފާލިއެވެ. “ހިނގާބަލަ އަހަންނާއެކު! ފޮޓޯޝޫޓު ނިމެންދެން މަޑުކުރަން ހިނގާ… އެތަނުގައި ކަލެއާއި ބައްދަލުކޮށްލުމަށް ބޭނުންވާ މީހުންވެސް އެބަ ތިބި…” ޔުން ދުރުގައި ހުރެ ދެ މީހުންގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ބުނެދޭން ނޭނގުނަސް އޭނާގެ ހިތަށް ތޫނު އަސަރެއް ކުރަމުން ދިޔައެވެ.

“މި ބުނީއެއްނު އަހަރެން އެހެން މީހަކާއިއެކު ކަމެއް ރާވާފައި އެބަ އޮތޭ!” މީކާއިލް އަތް ފޮޅާލަމުން ބުންޏެވެ. އެވަރުންވެސް މީކައިލްގެ އަތުން ސުޒާނާ ދޫކޮށެއް ނުލިއެވެ.

“ކަލޭމެން ދެ މީހުން އެކުގައި ދޯ އައިސްގެން ތިއުޅެނީ؟ އެހެންނެއް ނޫން ދޯ؟” ސުޒާނާ މީކާއިލްއަށް ބަލައިލަމުން ބުންޏެވެ.

އޭރު ޔުން ސުޒާނާ ހުރި ދިމާއަށް އެނބުރިފައި ބުންޏެވެ. “ނޫން! އަހަރުން އައިސް މިއުޅެނީ އީނާއާއި އެކު. ފަހުން ބައްދަލުވާނެކަމަށް އުންމީދު ކުރަން… ދަނީއޭ ސުޒާނާ…” އެހެން ބުނިހެން ޔުން އެހެން ދިމާއަކަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އޭރު މީކާއިލް ކަންބޮޑުވެފައިވާ މޫނެއް ހަދާލިއެވެ.

ކެމެރާތައް އަތުރާފައި ވަނީ ފޮޓޯ ނެގުމަށް އެންމެ ފުރިހަމަ ގޮތަށެވެ. އެކި ހިސާބުގައި އަލިކަން ފޯރުކޮށްދޭނެ ބޮކިތައް ހަރުކޮށްފައި ހުއްޓެވެ. އެ ހަލަބޮލި މާޙައުލުގައި މީކާއިލް ހުރީ ޑައިރެކުޓަރު ގާތުގައެވެ.

ޑައިރެކުޓަރު މީކާއިލްއާއި ސަލާން ކޮށްލަމުން ބުންޏެވެ. “ތިއީ ސުޒާނާގެ ރައްޓެއްސެއް ދޯ؟ ތިއީވެސް ފޮޓޯނަގާ މީހެއްތަ؟”

“ނޫން. އަހަންނަކީ ފޮޓޯ ނަގާ މީހެއް ނޫން. ސުޒާނާ ބުނެގެން އައީ…” މީކާއިލް ކުރުގޮތަކަށް ކިޔައިދެމުން ސަލާމުން އަތް ވަކިކޮށްލިއެވެ.

“ހާދަހާ ފިރިހެންވަންތަ މީހެކޭ ތިއީ އެކަމު… ކަލޭވެސް ރަނގަޅުވާނެ ފޮޓޯޝޫޓަށް އަރަން… ބޭނުންތަ؟” އެ މީހާ ވާހަކަ ދައްކަމުން ދިޔައެވެ. “އެހެންވެ ދޯ ސުޒާނާ އަސްލު ބޭނުންވީ…” އޭނާގެ ވާހަކަ މެދުކަނޑާލީ ސުޒާނާއެވެ.

“ޑައިރެކުޓަރު! މީކާއިލް ވަރަށް ފައްކާ ދޯ؟” ސުޒާނާ ތަންކޮޅެއް އަޑު ބާރުކޮށް ބުންޏެވެ.

“އަސްތާ! ހާދަހާ ޗާލޭ ސުޒާނާ.” ޑައިރެކުޓަރު އެއްބަސްވަމުން ބުންޏެވެ.

“ކޮން ވާހަކައެއް ތި ދެއްކީ މީކާއިލްއާއި ދެ މީހުން؟” ސުޒާނާ އެ މީހާއާއި ގާތްވެލާފައި ސުވާލު ކޮށްލިއެވެ. އެ ވަގުތު މީކާއިލްއަށް ކަމެއް ފާހަގަވިއެވެ. ޝައްކާއި ވަހުމުގައި ވަނިކޮށް އަނެއްކާވެސް ސުޒާނާ ސުވާލު ކޮށްލިއެވެ. “މީކާއިލް! ކިހިނެތް ވަނީ އަހަރެން ލައިގެން މިހުރި ހެދުން؟”

“ވަރަށް ރީއްޗޭ! ދެން އަހަންނަށް ދެވިދާނެތަ؟” މީކާއިލް އަވަހަށް އެ ތަނުން ދެވޭތޯ މަސައްކަތް ކުރިއެވެ.

“އެހެންތަ؟ އަހަރެން ވަރަށް އުފާ ވެއްޖައިން.” ސުޒާނާ ދެ މިޔަކަން ކަންފަތާއި ހަމައަށް ގެންދަމުން ބުންޏެވެ.

“ސުޒާނާ! އަހަރުން ކަމެއް ކުރަން އެބަ އޮތް… އިހަށް ދަނީ.” މީކާއިލް ސުޒާނާއާއި ފުރަގަސްދެމުން ބުންޏެވެ.

“ކީއްވެ އެހާ އަވަހަކަށް ދާން ތިއުޅެނީ؟ ފޮޓޯޝޫޓު ނިމެންދެން މަޑުކޮށްލާ!” ސުޒާނާ މީކާއިލްގެ އަތުގައި ހިފާލަމުން ބުންޏެވެ. ފަހަތުން ކޮންމެވެސް މީހަކު އެ ދެމީހުން އެކުގައިވުމަށް ތައުރީފު ކުރަމުން ދިޔައެވެ.

“ނޫނޭ. އަހަރުން ދަނީ!” މީކާއިލް އަވަހަށް އެތަނުން ސަލާމަތް ވެވޭތޯ ހިނގައިގަތެވެ. އޭނާގެ ފަހަތުގައި ސުޒާނާ ހުއްޓި ހުރެ ނުލަފާ ހިނިތުންވުމެއް ދައްކާލިއެވެ. އޭނާގެ ލޯ ހީވަނީ ބާޒެއްގެ ދެ ލޯ ހެންނެވެ.

މީކާއިލް ފުރަތަމަ ދިޔައީ ކުރިން ޔުންއާއި އޭނަ އިށީނދެގެން އިން ދިގުގޮނޑިއާ ދިމާއަށެވެ. ނަމަވެސް އެތަނުގައި ޔުން ފެންނަން ނެތުމާއެކު އޭނާ މިސްރާބު ޖެހީ ކޮޓަރިއަށެވެ. ޔުންގެ ނަން ތަކުރާރުކޮށް ގޮވުމާއެކު މުޅި އެޕާޓުމަންޓު ބަލަމުން ދިޔައެވެ. ނަމަވެސް އެއްވެސް ތާކު ޔުންގެ ނިޝާނެއް ފެންނަން ނެތުމާއެކު ފޯނު ނަގާ އޭނާއަށް ގުޅާލިއެވެ. ފޯނު ސޯނާވާން ފެށީ ހެދުން އަޅާ ބައިންނެވެ. މީކާއިލް ހާސްވީ ދެނެވެ. ހަމަގައިމުވެސް އިތުރު ޔުންއާއި ގާތް އިތުރު މީހަކު މިތަނުގައި ނޫޅޭނެކަން މީކާއިލްއަށް ޔަގީނެވެ. ޔުން ދިޔަ ތަނެއް ވިސްނުމަށް ޚިޔާލުގައި ހުއްޓާ ކުއްލިއަކަށް އެޕާޓުމަންޓުގެ ދޮރު ހުޅުވިގެން ދިޔައެވެ.

އެ އަޑަށް ފާހާނާގައި ހުރި މީކާއިލް ބޮޑުކޮޓަރިއަށް ނުކުތެވެ. “ޔުން؟ ކޮންތަކު އުޅެފައި ތިއައީ؟”

“މިއައީ އަޑީ ހެދުމެއް ގަނެލައިގެން…” ޔުން ކޮތަޅު ހިފައިގެން ވަންނަމުން ބުންޏެވެ.

“އަޅެ ބުނެފައި ދިޔަ ނަމަ؟” މީކާއިލް ނިތްކުރީގައިވާ ދާތައް ފުހެލަމުން ބުންޏެވެ.

“ކިހިނެތް ބުނާނީ؟ ސުޒާނާ ކަލޭ ކައިރީގައި ހުއްޓާ… އެހެން ނޫނަސް، ސުޒާނާއާއި އެކު ވަގުތު ހޭދަކުރާނެ ކަމަށް އަހަރެން ހީކުރީ… އެއްވެސް ކަމެއް ގޯހެއް ނޫން… އަހަންނަށް ވިސްނޭ!” ޔުން ކޮތަޅު ހިފައިގެން ބޮޑު ކޮޓަރި ބައިން ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ނަމަވެސް މިކާއިލް ޔުންގެ އަތުގައި ހިފާ ގާތްކޮށްލިއެވެ. އެ ވަގުތު ކޮޅަށްވެސް މީކާއިލްއަށް ވެރިވި ދެރަކަމާއި ހާސްކަން ފިލައިގެން ދިޔަހެން ޔުންގެ ގައިގައި ލޯބިން މޮޑެގަތެވެ. ޔުން ހިފައިގެން ހުރި ކޮތަޅުވެސް މުށިތަކު މައްޗަށް ވެއްޓުނެވެ.

“އަހަރެން މިހުރީ ދިޔަ ތަނެއް ނޭނގިގެން ހާސްވެފަ!” މީކާއިލް ޔުންގެ އިސްތަށިގަނޑާ ދިމާއަށް ފުންކޮށް ނޭވާލަމުން ބުންޏެވެ. “މިއީތަ ޔުން ތިޔަ ބުނާ އިހުސާސްތަކަކީ؟” މީކާއިލް ކޮށްލީ އެހާވެސް ފުން ސުވާލެކެވެ. ޔުންގެ ހިތް ތޮޅިގަތެވެ. ކުރީގެ ހަނދާނެއް ވިއެވެ.

~~~

“ދެން އެއްބަސްވެބަލަ! ކަލޭމެން ދެ މީހުން އެކަކު އަނެކަކަށް އިހުސާސްތައް ހުންނަކަން!” އީނާ ޔުންއާއި ގާތްވަމުން ބުންޏެވެ.

~~~

އެ ހަނދާންވެ ޔުންއަށްވެސް އެ ބުނާ އިހުސާސްތަކަކުން އަސަރު ކުރުވިއެވެ. އަދި މީކާއިލްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އޭރު އެޕާޓުމަންޓުގެ ދޮރުން ސޯނާވާން ފެށިއެވެ. ސުޒާނާ ބޭރުގައި ހުރެ ޓަކިދެމުން ދިޔައެވެ. މީކާއިލްއަށް ސުޒާނާ ގޮވަމުން ދިޔައެވެ. “މީކާއިލް، އެއީ ސުޒާނާ ކަންނޭނގެ އެކަމު އޭނާ ކިހިނެތް؟” ޔުން ޖުމުލަ ފުރިހަމަ ނުކުރެވުނެވެ.

“އޭނާ ބަހައްޓާ… އަހަރެން ދައުވަތެއް ނުދެން އޭނާއަކަށް… މިހެން ބައްދާލައިގެން ތިބެން ހިނގާ!” މީކާއިލް ޔުންގެ އިސްތަށިގަނޑުން ވަސްގަތެވެ.

ބޭރުގައި ހުރެ ސުޒާނާ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ. “ކޮށިގަނޑުގައި އިން ކުއްޖާ ބުނީ މިއީ މީކާއިލްގެ އެޕާޓުމެންޓަކީ… ފަހަރުގައި އޭނާ އަދިވެސް ބޭރުގައި އުޅެނީ ބާ؟” އިރުކޮޅަކު ހުރުމަށްފަހު ސުޒާނާ އެނބުރި ސަރައްކާލި ތެރެއަށް ހިނގައިގަތެވެ.

“އަހަންނަށް ހީވަނީ އޭނާ ގޮއްސިހެން! އެކަމު، މީކާއިލް، އޭނާއާއި މެދު ނުވިސްނާ ދޫކޮށްލާނީ ކިހިނަކުން؟” ޔުން ޝަކުވާ ކޮށްލިއެވެ.

“ކޯއްޗެކޭ ތިޔަ ބުނީ؟” މީކާއިލް ޔުންގެ ބޮނބިފަޅި މަތީގައި އަތް ބާއްވާލަމުން ބުންޏެވެ.

“އަހަރެމެން ދެ މީހުން އެއްކޮށް ފެނުމަކީ ހިރާހެއް ނޫންތަ؟ ކުރިންވެސް ކިރިޔާ އޭނާއަށް ފަޅާ ނޭރީ!” ޔުން މީކާއިލްއަށް ބަލައިލަމުން ބުންޏެވެ.

“ކޮލެޖުގައި އުޅޭ އެހެނިހެން މީހުންނަށް އެނގިދާނެތީ ކަލޭ ހަމަ އެހާ ބިރުގަނޭތަ؟” މީކާއިލް ޔުންގެ ނިތްކުރިއަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ލައްވާލަމުން ބުންޏެވެ.

“އެއެއް ނޫން! އޭނާއަށް އިނގިއްޖެނަމަ މުޅި ކޮލެޖަށް އެނގުނު ފަދަ! އެހެންނޫނަސް އަހަންނޭ ކިޔައިގެން ކިޔާނެ އެއްޗެއްވެސް ނޭނގެ އޭރަށް. އަހަރެން ދަސްވެނިވާންދެން ވެސް އޭނާ އެ ފަތިވަރު ދަމާނެ!” ޔުން ހާސްވެފައި ހުރެ ބުންޏެވެ. “އެހެން ނޫނަސް އެއީ ނޭނގޭ ކަމެއްތަ ސުޒާނާ ކަލެއާ ގަޔާވާކަން؟” ޔުން މީކާއިލްގެ ފުން ކަޅިއަށް ބަލައިލަމުން ބުންޏެވެ.

“އޭނާއަށް އަހަރެން އަޅައެއް ނުލަން! އަހަރެމެންގެ މާމުއި ހަނދެއް ނޫންތަ މިއީ؟ އޭނާ ދޫކޮށްލާފައި އަހަރެމެންނާއި މެދު ވިސްނާ!… ދެން މިހާރުން ފެށިގެން ޔުން އުޅެންވާނީ މަށާއެކު.” މީކާއިލް ޔުންގެ ތުންފަތާއި  ގާތްވަމުން ދިޔައެވެ. ދެ މީހުންވެސް ބައިވެރިވެ ފުންކޮށް އެކަކު އަނެކަކަށް ބޮސްދެމުން ދިޔައެވެ. ރޭގަނޑު ދިގުވަމުން ދިޔަހެން މާމުއި ހަނދު ހާސިލުވަމުން ދިޔައެވެ…

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.