Skip to content
އެސްފިޔަ

ލޯބިވޭ އަނަންތަކަށް… – 15

Listen to this story Audio · 9:59 Powered by Esfiya Voice
0:00 9:59

ތިބާއާއެކު އަނަންތަކަށް…

ނިމިދިޔަ ރެއާއެކު ޔުންއާއި މީކާއިލް ދެ މީހުންގެ ދޭތެރޭގައި ދުރު ނުކުރެވޭނޭ ފަދަ ގާތްކަމެއް އުފެދިގެން ދިޔައެވެ. ދެ މީހުންވެސް އެކަކު އަނެކަކަށް އިހުސާސްތައް ބަންޑުން ވެގެން ދިޔައެވެ. ހޭލެވުނު އިރުއްސުރެ އެކަކު އަނެކަކުގެ އަތުން ދޫކޮށްނުލައެވެ. —- އެހާވެސް ލޯބިންނެވެ. މީކާއިލް އަމިއްލައަށްވެސް އޭނާގެ އިހުސާސްތައް ދެނެގަނެވުނު ފަދައެވެ. ޔުން އާ ނުލާ އޭނާގެ ހަޔާތް މިހާރު ފުރިހަމަ ނުވާނެކަން އޭނާއަށް ވިސްނެއެވެ. މާމުއި ހަނދުގެ އުޒުރު ބޭނުންކޮށް ޔުން އާ ގާތްވުމަށް ފުރުޞަތުގެ ބޭނުން ހިފީއެވެ.

މީކާއިލް ފާހާނާއިން ނުކުންނަމުން ބުންޏެވެ. “ބަލަ މިހާރު ކަންނެތް ވާން ފެށީތަ؟ ނޫނީ ލަދު ގަންނަނީ ތަ؟” މައްލަވަ ކުރާ ރާގެއްގައި ފަސޭހަކަމާއެކު ބުންޏެވެ.

“ނޫން!! އެކަހަލަ ވާހަކަ ނުދައްކާ!” ޔުން ލަދުރަކި އަޑަކުން ބުނަމުން ބަނާތުން މޫނު ފޮރުވާލިއެވެ.

“ކޮބާ؟ ތި ލަދު ގަތީ އެއްނު؟ އަދި މަށާއެކު އިތުރަށް ވަގުތު ހޭދަކުރަން ބޭނުންތަ؟” މީކާއިލް އެނދާ ގާތްވަމުން ސުވާލު ކޮށްލިއެވެ. ތުވާލިން އިސްތަށިގަނޑު ހިއްކަމުން ގެންދިޔައެވެ. “އަވަހަށް ތެދުވޭ! މިހާރު ހެނދުނު ނުވައެއް ޖެހީ! ނޫނީ… އުރާލައިގެން ފާހާނާއަށް ގެންގޮސް ދޭންވީތަ؟” މީކާއިލް މައްލަވަކުރާ ރާގަކަށް ބުންޏެވެ.

“ނޫން! މި ތެދުވީއޭ!” އަދިވެސް ނިދިއަޑުން ވާހަކަ ދައްކަމުން ޔުން ތެދުވެވޭތޯ ބެލިއެވެ. އެނދުގެ ހިރުއްދައިގައި ހިފަހައްޓައިގެން ތެދުވެ ތުވާލި ހިފައިގެން ފާހާނާއަށް ވަންނަން ދިޔައެވެ. އެ ވަގުތުވެސް ދެ މީހުންގެ ހަތަރު ކަޅި ހަމަ ކުރަމުން އެކަކު އަނެކަކަށް ފުން ނަޒަރަކުން ބަލަމުން ދިޔައެވެ.

ތާޒާވެލައިގެން ދެ މީހުންނަށް ވެސް ކޮޓަރިން ނުކުމެވުނު އިރު ދިހައެއް ޖަހާ ބޮޑު ވަނީއެވެ. “ކަލޭގެ ތިޔަ މޭކަޕަކާ ހަދައިގެން ސައިވެސް ނުލިބޭނެ ކަންނޭނގެ މިއަދު.” މީކާއިލް ޔުންގެ އަތުގައި ހިފައި ޖޯޑުކޮށްލަމުން ބުންޏެވެ. ބޭރުގައިވާ ގޮނޑުދޮށް އެހާމެ ހިތްގައިމެވެ. އިރުގެ ހޫނުގަދަ ދޯދިތަކުން ހިޔާވުމަށް ދެ މީހުން އެކުގައި ކުޑައެއްގެ ދޮށަށް ދިޔައެވެ. ކައިރީގައިވާ ކުޑަ ގަހުވަޚާނާއިން ގަހުވައަކަށް ބުނުމަށްފަހު ދެ މީހުންވެސް އިށީނެވެ. “އިތުރު އެއްޗެއް ބޭނުންތަ؟” މީކާއިލް މެނޫ ބަލައިލަމުން ބުންޏެވެ.

ޔުން ޗުސް ކަނޑާލަމުން ބުންޏެވެ. “ނޫން… މި ހިތްގައިމު މަންޒަރުންވެސް އަހަރެންގެ ހައިކަން ފިލައިދާފަދަ.” އަވި އައިނު ނަގަމުން ޔުން ބުންޏެވެ. “މީކާއިލް؟ އަހަރެމެން… މިއީ މިހާރު… ހަމަ އަސްލުވެސް ކައިވެނި ކޮށްގެން އުޅޭ ދެ މީހުން ދޯ؟” ޔުންގެ އެ އިބާރާތުން ހިތުގައި އަދިވެސް ޝައްކުތަކާއި ވަހުމުވާކަން މީކާއިލްއަށް ދޭހަވިއެވެ.

“ހާސްނުވެބަލަ! އަހަރެން ދެން ކަލޭ ދޫކޮށްލާފައި ނުދާނަމޭ!” މީކާއިލް ބުންޏެވެ. ގަހުވަ ތަށިތައް އައިހެން ރުފިޔާ ދެއްކިއެވެ. ޔުންއަށް ތަށި ދިއްކޮށްލަމުން ބުންޏެވެ. “ގަހުވަ ބޮއެގެން ހިނގާ މޫދަށް އެރެން؟” މީކާއިލް ޔުންއާއެކު އިތުރަށް ވަގުތު ހޭދަކުރަން ބޭނުންވިއެވެ.

“ހޫނ. ދާންވީ…” ޔުން އެއްބަސްވަމުން ގަހުވަ ތަށީގައި ހިފިއެވެ. “އެހެން ނޫނަސް ވެސް އަހަރެމެން ކޮންތާކަށް ވަކި ދާނީ؟ ކައިވެނި ކުރީމަ، އަހަރެން އުޅެން ޖެހޭނީ މީކާއިލް ބުނާ ގޮތަކަށް ނޫންތަ؟” ޔުން ހިނިތުންވަމުން މީކާއިލްގެ އަތުގައި ހިފިއެވެ. ކުއްލިއަކަށް ފަހަތުގައި ހުރި މީހަކު ހަޅޭއްލަވައިގެން އަޑަށް އެ ދިމާއަށް ދެ މީހުންވެސް ނަޒަރު ހިންގާލިއެވެ. “ސުޒާނާ؟؟” ޔުންގެ މޫނުގައި ވަނީ ހާސްކަމާއި ބިރުވެރިކަމެވެ.

ސުޒާނާ ފަހަތުގައި ހުރެ ގަބޫލުވެސް ނުކުރެވިގެން އުޅުނެވެ. އޭނާގެ މުޅި ދުނިޔެ ހީވަނީ ފަނާވެ ދިޔަހެންނެވެ. “މީކާއިލް؟؟ ކައިވެނި….؟؟” ސުޒާނާ ވަގުތުން އެތަނުން ދުވެފައި ދިޔައެވެ. އެޅި ކޮންމެ ފިޔަވަޅަކުން އޭނާ މީކާއިލްއަށް ވީ ލޯބި ފުނޑުފުނޑު ވަމުން ދިޔައެވެ.

“އޭރުވެސް ބުނީމެއްނު! އޭނާ…” ޔުން ހާސްވެ ހުރެފައި ބުނަން އުޅުނެވެ. ނަމަވެސް ވަކި ހިސާބަކުން މިކާއިލް މެދުކަނޑާލިއެވެ.

“ހާސް ނުވެބަލަ. އޭނާއަށް އެނގުނަސް އެއީ މާ ބޮޑު ކަމެއް ނޫނެއްނު؟” އޭރު ޔުން މީކާއިލްގެ އަތުން ދޫކޮށްލިއެވެ.

“އޭނާގެ ގޮތް އިނގޭ އަހަންނަށް! މިހާރުވެސް ޔަގީން އޭނާގެ އިންސްޓަގުރާމުގައި އެ ވާހަކަ ޝާއިޢު ކުރަން އުޅޭނެކަން. އެހާ ކަންތައް ބޮޑު މީހެއް އެއީ…” ޔުންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

“ބަލަ، އޭނާ ކޮންމެ ކަމެއް ކުރިޔަސް އަހަރެން މި ހުރީއެއްނު. ޔުން އިތުރަށް ހާސް ނުވެބަލަ.” މީކާއިލް ޔުންގެ އަތުގައި ހިފާލަމުން ބުންޏެވެ. ޔުން މީކާއިލްގެ އަތުގައި ހިފާލަމުން މޫދާ ދިމާއަށް މިސްރާބު ޖެހިއެވެ. “އަވަސް ކުރޭ.” މިކާއިލް ޔުންއާއި ދިމާއަށް ބަލަމުން ބުންޏެވެ. ދެ މީހުންވެސް އެކުގައި ވެލިގަނޑުމަތިން ދުވެފައި ދިޔައެވެ.

މޫދުގެ ސަތަހަ ހޫނުކޮށް އޮތް ނަމަވެސް އަޑީގައި ފިނިކަން ހުއްޓެވެ. ދެ މީހުން އެކީގައި ގޮސް މޫދަށް ފުންމައިގަތެވެ. އެކަކު އަނެކަކަށް ފެން ޖަހާ ސަކަރާތް ޖަހަން ފެށިއެވެ. ސަމާސާ ކުރުމުގައި އެތަކެއް ވަގުތެއް ހޭދަކުރުމަށްފަހު، ދެ މީހުންވެސް މޫދުން އެއްގަމަށް އެރިއެވެ.

“ހީކަރުވާ އެބަ! ހިނގާ އިހަށް ކޮޓަރިއަށް ދާން؟” ޔުން ތުވާއްޔެއް ނަގާ ގައިގައި އޮޅާލަމުން ބުންޏެވެ. “ނޫން! މީކާއިލް.” މީކާއިލް ކުއްލިއަކަށް ޔުން އުރާލިއެވެ. އޭރުވެސް ލަދުން މަރުވާ ވަރު ވެފައި އޮތް ޔުން ބިމަށް ފޭބޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޔުން އިތުރަށް އެއްޗެކޭ ނުބުނެ މީކާއިލްގެ ކަރު ވަށައިގެން ދެ އަތް އަމުނާލިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ދެ މީހުންވެސް އަވަސްވެގަތީ ފާހާނާއަށް ވަނުމަށެވެ. ތުވާލި ހިފައިގެން ދެ މީހުން އެއްކޮށްހެން ވަނެވެ.

ޔުން ފާހާނާއިން ނުކުމެވުނު އިރު އޭނާގެ ފޯނު ސޯނާވަމުން ދިޔަ އަޑު އިވުނެވެ. އަވަސް އަވަހަށް ކާކުތޯ ބަލައިލިއެވެ. “ކީކޭ، އީނާ؟”

“ނިކަން ބަލައިލަބަލަ ކިލާސް ކުދިންގެ ގުރޫޕު!” އީނާގެ އަޑު އައީ އެހާވެސް ބާރަށެވެ. އޭނާގެ އަޑުގައި ހާސްކަމެއް ވެއެވެ.

ކަމަކު ދާކަށް ނެތެވެ. ދެންމެ ޔުންއާއި މީކާއިލް އަތް ޖޯޑުކޮށްގެން ތިބި މަންޒަރު ވަނީ ގުރޫޕަށް ލައިފައެވެ. އޭގެ އިތުރުން ސުޒާނާ ވަނީ ޔުންއާ ބެހޭ ގޮތުން ވަރަށް ނުބައި ދޮގު ވާހަކަތަކެއްވެސް ފަތުރާފައެވެ. ވަކި ވަކިން އެހެނިހެން ކުދިންވެސް އެ ޚަބަރުތައް ތެދުތޯ ބަލަން ޔުންއަށް ގުޅާފައިވެއެވެ. އެ ވަގުތު ޔުންއަށް ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ. ނޭވާލާން އުނދަގޫވެ ހާސްވާ ގޮތްވިއެވެ. މި މަންޒަރު ފެނި މީކާއިލް ދުވެފައި ފާހާނާއާ ދިމާލުން އައެވެ.

“ކަމެއް ވީތަ؟” މީކާއިލް ޔުންގެ އަރިކަށިމަތީގައި ހިފަހައްޓާލަމުން ބުންޏެވެ. ޔުންގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޮހިގަތީ ދެނެވެ. މީކާއިލްއަށް ފޯނުގެ އިސްކިރީނަށް އަރާފައިވާ ގުނައިނުލެވޭ ވަރަށް ބައިވަރު މެސެޖުތައް ދައްކާލިއެވެ. މީކާއިލްއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ސުޒާނާ އެ ވަރުގެ ކަމެއް ކޮށްފާނެއޭ ހިތަކަށް ނާރައެވެ. ދެ މީހުންވެސް އެ ހިތާމައިގައި ރަށަށް ގޮސް ކުރާނެ ކަންތައްތައް ވިސްނާލިއެވެ.

~~~

ހަފުތާއެއްގެ ޗުއްޓީއަށްފަހު، ކޮލެޖު ހުޅުވިގެން ދިޔައެވެ. ނަމަވެސް އެންމެ ފުރަތަމަވެސް މީކާއިލްއަށް މަޖުބޫރުވީ އޭނާގެ ވަޒީފާއިން ވަކިވުމަށެވެ. ކޮލެޖުގައި އޭނާގެ އަގު ވެއްޓިގެން ދިޔައެވެ. ހާލަތު ނިޔާކުރި ގޮތުން މީކާއިލް އެކަން ގަބޫލުކޮށް ކުރިއަށް ދެވޭތޯ ބެލިއެވެ. ނަމަވެސް މަސައްކަތުގެ މާޙައުލުގައިވެސް އޭނާގެ ނަން ފެވިފައިވަނީ ސިއްރުން ކޮލެޖުގެ ދަރިވަރަކާއެކު ގުޅުމެއް ބޭއްވި މީހެއް ގޮތުގައެވެ. ކޮލެޖުގައި އަދި އެއަށްވުރެ ކަންތައް ބޮޑެވެ.

ޔުން ކޮންމެ ދުވަހަކުވެސް އެ ނުލަފާ ސުޒާނާއާ ކުރިމަތިލާން ޖެހެއެވެ. އޭނާ ގެންގުޅޭ ބޮޑު ޖަމާޢަތުގެ މީހުން ޔުންއަށް ކުރަނީ ހަމައެކަނި މަލާމާތެއް ނޫނެވެ. ހާނިއްކަވެސް ކުރަނީއެވެ. ޔުން ފެންނަ އިރަށް ކުނި ބިސްވެސް ޖަހަނީއެވެ. ސޯހާއި ޖޫސް ފަދަ އެއްޗެހި ޔުންގެ ގަޔަށް ނޭޅޭ ދުވަހެއް ނުދެއެވެ. އީނާއާއެކު ޔުން އުޅޭތީވެ އޭނާއަށްވެސް އޭގެ އަސަރު ކުރެއެވެ. އީނާއަށް ވެސް ހަމަ ޔުންއަށް އޮތް ހުކުމް ބާއްވައެވެ. ކިލާހުގައިވެސް އެ ދެ މީހުން ބާކީ ކޮށްލާފައި ބަހައްޓައެވެ. އަދި ވަކިން ޚާއްސަކޮށް މީކާއިލް ރީތިވެގެން އުޅުނު ހުރިހާ އަންހެން ކުދިން ޔުންމެންނަށް ބަލަމުން ދިޔައީ ރުޅިވެރި ނަޒަރަކުންނެވެ. ސަޔާންއަށް އެ ޚަބަރު އިވުނުހެން ޔުން ސަލާމަތް ކޮށްދޭން ވަރަށް މަސައްކަތް ކުރިއެވެ. އެތައް ފަހަރަކު މަލާމާތް ކުރާ މީހުންނާއި ދެކޮޅަށް ނުކުމެ ޔުން ސަލާމަތް ކުރެވޭތޯ ބަލައެވެ. ނަމަވެސް މީކާއިލްއާއެކު ގުޅުމެއް ބޭއްވީތީވެ އޭނާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ހާމަނުކުރި ނަމަވެސް އޭނާގެ ހިތުގައި ޔުންއަށް ޓަކައި ފޮރުވާފައިވާ އިހުސާސްތައް ވާތީއެވެ.

ކޮލެޖު ނިންމާފައި ގެއަށް އަންނައިރު މުޅި ގައިގައި އެކި މިލަތައް ހުރެއެވެ. ކުލަ ކާއްތާފައި ހުއްޓެވެ. ބިހުގެ ލޮނދި ވެސް މެއެވެ. އެ ކުރާ މަލާމާތަށް ކޮންމެ ދުވަހަކުވެސް ގެއަށް ވަދެވެނީ ދެރަވެ ރޮވޭ ހާލުގައެވެ. ކިރިޔާވެސް އެހީތެރިކަމެއް ވެދެނީ ޔުސްރާއާއި ތަހުސީންއެވެ. ޔުންއަށް އެއްބާރުލުން ދީ ހަދައެވެ. ދޭތެރެ ދޭތެރެއިން ޔުންއާއެކު ވަގުތުތައްވެސް ހޭދަ ކުރެއެވެ. ނަމަވެސް މިހާރު ޔުންއަށް ކުރެވެމުން ދިޔައީ އެ ގޭގައި އޭނާއަށް މިހާރު ހުރުމަށް ހުއްދަނުވާ ކަހަލަ އިހުސާސެކެވެ.

މީކާއިލް ވީ ހައްތަހާ ދުރެވެ. އޭނާއަށްވެސް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ޔުންއަށް ސަމާލުކަން ނުދެވޭ އިރު އޭނާގެ ކުންފުނީގެ ބޮޑެތި ވުނޭރުން އެކަކަށްފަހު އަނެކަކު ވަކިވަމުން ދިޔައެވެ. މީކާއިލްގެ ސިކުނޑި ހަމަ ސުމަކަށް ގެއްލި ދިޔައެވެ. އޭނާއަށް ވެވުނު މި ލޯބީގެ ސަބަބުން އޭނާގެ މުޅި ހަޔާތް އެފުށް މިފުށަށް ޖެހުނު ފަދައެވެ. ނަމަވެސް ޔުންގެ ސަބަބުން ފުން ލޯބީގެ އިހުސާސެއް އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ. ފުނިޖެހިފައިވާ ބޮޑެތި ލިޔެ ކިޔުންތައް ހުރި ފައިލު ލައްޕާލާފައި ގަޑިއަށް ލޯ އަޅާލިއެވެ. ދަންވަރުގެ ވަގުތު ފެށެން ގާތްވެފައިވާތީވެ، އޭނާ ގެއަށް ދިޔުމަށް އަވަސްވެގަތެވެ.

ގިނަ ރޭރޭ ޔުންއަށް ނިދި ޖެހެނީވެސް ރޯން އޮންނަ ހާލަތުގައެވެ. މީކާއިލްއާ ކައިވެނި ކުރުމީ މިހާ ބޮޑު ވޭނެއްކަން އެނގުނު ނަމަ މިކަމަށް އޭނާ އެއްބަސް ނުވީހެވެ. ގައިގައި ބާކީ ހުރި ހިތްވަރެއް ނެރެގެން ވިޔަސް މިހާރު އޭނާ ބޭނުންވަނީ އޭނާގެ ކާފަ ގާތަށް ދާށެވެ. ނަމަވެސް އޭނާ ގޮސް ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟ މީކާއިލްއާ ކައިވެނި ކުރީތީވެ ކާފަ ހުންނަނީ އެހާވެސް އުފާވެފައެވެ. ދާނެ ވަކި ދިމާއެއް، ހަދާނެ ވަކި ގޮތެއް، އެނބުރޭނެ ވަކި ފަރާތެއް، އެހީއަށް އެދޭނެ ފަރާތެއް، ނޭނގި އެކަނިމާ އެކަނި ޔުން ކޮޓަރީގައި އިނެވެ. ހަޔާތުގެ ކަންތައްތައް ހުރި ގޮތުން މިހާރު އޭނާގެ ސިކުނޑި ސުމަކަށް ވެއްޓިއްޖެއެވެ. ދެން އެންމެ ފަހު ގޮތަކަށް އޭނާއަށް ފެނުނީ…

(ނުނިމޭ…)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.