Skip to content
އެސްފިޔަ

ލޯބިވޭ އަނަންތަކަށް… – 13

Listen to this story Audio · 11:07 Powered by Esfiya Voice
0:00 11:07

މާމުއި ހަނދު

އިރުވައި މޫސުމުގައި އަންނަ ބޮޑު ބަންދުގެ ދުވަސްވަރު އަތުވެއްޖެއެވެ. މިއީ ކައިވެނީގެ ފަހުން ޔުންއާއި މީކާއިލް އެކަނި ދެވޭ ފުރަތަމަ ދަތުރެވެ. އެކަމު އަހަންނަށް އޭނާގެ ކައިރީގައިވާ ގޮނޑީގައި އިންނަން އުނދަގޫވިއެވެ. އެއީ އެ ރެއަށް ފަހުއެވެ. ދެތިން ހަފުތާ ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް ފިނިފެންމާ ބަގީޗާގައި ބޮސްދިން ވާހަކަ އަދިއަދަށްވެސް ނަން ނުގަނެއެވެ. އޭގެ ފަހުން މާ ބޮޑު ކަމެއް ވެފައެއްވެސް ނެތެވެ. ޔުން އަދިވެސް މީކާއިލް ބޮސްދިން ގޮތުން ކަމެއް ޝައްކު ކުރަމުން ދިޔައެވެ. އޭގެ ފަހަތުގައި އިޝްގީ އިހުސާސްތައް ވާކަމަށް ޔުން ޝައްކު ކުރަމުން ދިޔައެވެ.

“ރަނގަޅުތަ؟ އެއްވެސް ބުއިމެއް ބޭނުންފުޅުވޭތޯ؟” ޔުނީފޯމު އަޅައިގެން ހުރި އަންހެން ކުއްޖަކު ސުވާލު ކުރަމުން ދިޔައެވެ.

“ނޫނޭ! އެއްވެސް އެއްޗެއް ބޭނުމެއް ނޫން…” މީކާއިލް ހިފައިގެން އިން ފޮތް ލައްޕާލަމުން ބުންޏެވެ.

“އިތުރު އެއްވެސް ޚިދުމަތެއް ބޭނުންފުޅުވާނަމަ ބުނެލައްވާ.” އެ ކުއްޖާ އެހެން ބުނުމަށްފަހު ދުރަށް ދިޔައެވެ.

“އަހަރެން މިހާރު ފޫހިވޭ އެބަ! އަބަދާ އަބަދު އެއް ސުވާލުތަކެއް ކުރަނީ…” މީކާއިލް ޔުންއާއި ގާތްވަމުން ބުންޏެވެ.

“ދެން… އަހަރެން ކޮންކަމެއް ކުރަންވީ؟ ކަލޭގެ މަންމަ ތިހާ ފުރިހަމަ އަދި ފިރިހެންވަންތަ ދަރިއަކު ވިހޭމާ ވާނެގޮތް އެއީ. އެކަމާ ބެހޭގޮތުން ކީތް ކުރަންވީ؟” ޔުން ހިފައިގެން އިން ފޮތުގެ ސަފުހާއެއް އެއްލަމުން ބުންޏެވެ.

“މިއީ އަހަރެން މި ބުނާ ގޮތަކީ…” މީކާއިލް ޔުންގެ އަތުގައި ހިފާލިއެވެ. އަދި ޔުންގެ ބޮލުގައި ހިފާ އޭނާގެ ކޮނޑުމަތީގައި ބާއްވާލިއެވެ. ދެމީހުން އެކަކު އަނެކަކުގެ ކޮނޑުގައި ލެނގިލައިގެން އިނެވެ. ޔުން ކިޔަން އިން ފޮތް ލައްޕާލަމުން މީކާއިލްގެ އަތުގައި ބާރަށް ހިފާލިއެވެ.

ދިގު ދަތުރަކަށްފަހު، ގުއާމަށް ރޭލު މަޑުކޮށްލިއެވެ. ރީތި ގޮނޑުދޮށްތަކެއް އެތަނުގައި ވެއެވެ. އުސް އިމާރާތްތަކުގެ އަރީގައި ގަސްތައް ހައްދާފައިވެއެވެ. ރުއްތައް ހޭޅިފަށުގައި ހައްދާފައި ހުއްޓެވެ.

މީކާއިލްއާއި ޔުން ކުއްޔަށް ހުންނަ ގެއަށް ދިޔައެވެ. ތަނުގެ ބޮޑުކަމުން ޔުންގެ ޖަޒުބާތުތައް، ފޮޅުނު މަލެއް ފަދައެވެ. މޭވާގެ އެކި ބާވަތްތައް މޭޒުގައި އަތުރާލާފައި ވެއެވެ. — ފުޅިތައް އަރިމަތީގައި އަތުރާލާފައި ވެއެވެ.

“ހާދަ ފުރިހަމައޭ! މިތަނުން މޫދުވެސް ފެނޭ!” އުފަލުން ހިނިތުންވެފައި ހުރެ ޔުން ކިޔަމުން ދިޔައެވެ. އޭރު މީކާއިލް ކޮޓަރީ ބަޔަށް ފައިސާ ދައްކަމުން ދިޔައެވެ.

“މިއީ ނިދާ ކޮޓަރި ދޯ؟” ޔުން އެހެން ބުނިހެން އެނދާ ދިމާއަށް ބަލައިލިއެވެ. ފަލަނގު ފޭލި މަތީގައި ފިނިފެން މަލުގެ ފިޔަތައް އަތުރާލާފައި ވެއެވެ. ސަނދުވާ ދަމާފައި ވެއެވެ. ބައިވަރު ބާލީސްތައް ފަރުމާއަކަށް އެތުރިފައި ވެއެވެ. ޔުން ލަދުގަތެވެ. ލޯބިވެރިންނަށް ތައްޔާރު ކޮށްފައިވާތީއެވެ. އަދި އިރުކޮޅެއް ވަންދެން ތަން ވިޔަރި ވެފައި ހުއްޓެވެ.

މީކާއިލް އަންނަތަން ފެނުމުން ޔުން އެ ދިމާއަށް ބަލައިލިއެވެ. “ޔުން؟ ޔުން؟ ކިހިނެތްވެފައި ތިހުރީ؟” މީކާއިލް ހާސްވެފައި ހުރެ ސުވާލު ކުރިއެވެ. “އެ ކީއްވެ ގަބުވެފައި ތިހުރީ؟” މީކާއިލް ޔުންއާއި ގާތްވަމުން ސުވާލު ކޮށްލިއެވެ.

“އާނ. މި ހުރެވެނީ ހައިރާންވެފައި… މި ކޮޓަރީގެ ފުރިހަމަކަމުން… ކީކޭ ކުރިން ބުނީ؟” ޔުން ކަނާތުން ވާއަތުގެ އުޅަނބޮށީގައި އަތްލަމުން ބުންޏެވެ.

“އަހަރުން މިއަހަނީ ދެން ކޮންތާކަށްތޯ ދާނީ؟” ޔުންއާއި ދިމާއަށް ފުން ނަޒަރަކުން ބަލަމުން މީކާއިލް ބުންޏެވެ.

“ކަލޭ ފުރަތަމަ ދާ ތާކަށް…” ޔުން ވިސްނާލުމަށްފަހު ޖަވާބެއް ދިނެވެ. “އެކަމު އިހަށް ހިނގާބަލަ ބޭރަށް ބަލައިލަން… އަޅެއް ރީއްޗެއް ނޫންތަ؟ ހިތްގައިމު ދޯ މި މަންޒަރު؟” ޔުން ސުވާލު ކުރަމުން އިމާރާތުގެ ބޭރަށް މީކާއިލުގެ އަތުގައި ހިފައިގެން ނުކުތެވެ. “މިއީ އަހަރެންގެ ކޮލެޖު މަސައްކަތާއި ކަލޭގެ ކުންފުނީގެ މަސައްކަތަށްފަހު، އަރާމުކޮށްލަން ވަރަށް ފުރިހަމަ ތަނެއް…” ޔުން މީކާއިލްގެ އަތުގައި ހިފާ ހުރެ ބުންޏެވެ. މޫދުގެ ގަދަ އަލި ނޫކުލައެވެ. ރީތި ދޮން ކުލައިގެ ދޮންވެއްޔެވެ. “މިތަނުގައި ގަހުވައެއް ނުވަތަ ދަޅެއް ބޯލަން ތިބެގެން އޮއްސެމުން ދާ އިރުގެ ހިތްގައިމު މަންޒަރަށް ބަލައިލެވޭނެ. މިތާގައި އަހަރެންގެ މުޅި ހަޔާތްވެސް ހޭދަކުރާ ހިތްވަނީ!” ޔުން ހަޅޭއްލަވައިގަތެވެ.

މީކާއިލް ލޯ ބޮޑުކޮށްލަމުން ބުންޏެވެ. “އަހަރެން ހިއެއް ނުކުރަން މާމުއި ހަނދު ކަލެއަށް މިހާ ވަރަށް ކަމުދާނެ ކަމަކަށް…”

“މިއީ ޗުއްޓީއެކޭ… އަހަރެން އުފާ ނުވާންވީ ސަބަބެއް އެބަ އޮތްތަ؟” ޔުން ޝަކުވާ ކޮށްލިއެވެ. “އެހެންނޫނަސް، އަހަރެން ވަރަށް އުފާ ވެއްޖައިން… އަހަރެމެން ދެމީހުން މާމުއި ހަނދަށް އާދެވުނީތީވެ.” ޔުން މީކާއިލްގެ މޫނަށް ބަލައިލުމަށް އިސް އުފުލާލަމުން ބުންޏެވެ.

“ތިޔަ ބުނީ ކީކޭ؟” މީކާއިލް ޔުންގެ އަތުގައި ހިފާލައިގެން ހުރެ ބުންޏެވެ.

“މި ބުނީ… އަހަރެމެން އުޅުނީ ވަރަށް ބުރަކޮށް. އެހެންނު؟ ވާހަކަ ވެސް ދައްކާލަން ފުރުޞަތުވެސް ނުލިބޭ…” ޔުން މީކާއިލްގެ މޫނަށް ބަލައިލުމަށް އިސް އުފުލާލިއެވެ. “އަހަރެން ބޭނުން ކަލެއާ ގާތްވާން…” ޔުން ވަރަށް މައުސޫމު ކަމާއެކު ބުންޏެވެ. މީކާއިލްގެ އިނގިލިތަކުން ދޫކޮށްލަމުން ޖަވާބަކަށް މަޑުކޮށްގެން ހުއްޓެވެ.

“ތިޔަ ވާހަކަ ދައްކަނީ މިރޭގެ ވާހަކައެއް ނޫން ދޯ؟” މީކާއިލް މައްލަވަ ކުރާ ރާގަށް ސުވާލު ކޮށްލިއެވެ.

“އާހް. ހަނދާން ނައްތާލާ! ހުވާ މިބުނީ!” ޔުން ހިތްހަމަ ނުޖެހިގެން މީކާއިލް ދޫކޮށްލާފައި ކޮޓަރީގެ ބަޔަށް ވަނެވެ. ޔުން ހީކުރަމުން ދިޔައީ މިއީ އޭނާ އަމިއްލައަށް ހީކުރާ ގޮތެއް ކަމަށެވެ. މީކާއިލްގެ އިހުސާސްތައް ޔުންއަކަށް ނޭނގުނެވެ. ‘ފަހަރުގައި އަހަންނަކީ ކުޅޭ އެއްޗަކަށްވެސް ވެދާނެ އެއްނޫންބާ؟’ ޔުންއަށް ޝައްކުގެ ތެރެއިން އިތުރު ނުބައި ޚިޔާލުތައް ވެރިވަމުން ދިޔައެވެ.

އިރުކޮޅަކުން ފަހަތުން މީކާއިލް ދުވެފައި އައިސް ޔުންގެ އަތުގައި ހިފިއެވެ. “އޭތް! އެއީ މަޖަލަކަށް ބުނި އެއްޗެއް!”

“އެއީ މައްސަލައެއް ނޫން. އަހަރެންވެސް އެ ވާހަކަ ބުނީ މަޖަލަކަށް…” ޔުން ދޮގެއް ހަދާލިއެވެ. “އަހަރެމެންގެ މާމުއި ހަނދަކީ ހަމަ ނަމެއްގައި އޮތް ކަމެއް ނޫންތަ؟” ޔުން ސުވާލު އުފެއްދިއެވެ.

ހިފާފައި ހުރި އަތަށް ދަމާލަމުން މީކާއިލްގެ ހަށިގަނޑާ ދިމާއަށް ޔުން ދަމައިގަތެވެ. އަދި ލޯބިވެރިންހެން ޔުންގެ ހަށިގަނޑު މޮޑެގަތެވެ. “ނޫން!!!… އަހަރެންވެސް ބޭނުން ކަލެއާ ގާތްވާން…” މީކާއިލް ޔުންގެ ލޮލާ ހަމަ ކުރަމުން ބުންޏެވެ. ދެ މީހުންވެސް ކޮލުގައި އެކަމުގެ ނިޝާންތައް ފާޅުވަމުން ދިޔައެވެ. އަދިވެސް އެއްފަހަރު ދެ މީހުން އެކުގައިހެން ބައްދައިގަތެވެ. ބުރަކަށިމަތީގައި އިނގިލިތަކުން ބާރުކުރަމުން ދިޔައެވެ.

~~~

“އަދި ތައްޔާރު ނުވެވޭތަ؟” މީކާއިލް ކޮޓަރީ ބައިގައި ހުރެގެން ގޮވާލިއެވެ.

“އާނ. އަދި މަޑުކޮށްލާ… ކަލޭގެ މަންމަ ވަރަށް ރީތި ބައެއް މިއޮތީ ގަނެފައި އެކަމު… އަހަރެން މީތި ލައިގެން ބޭރަށް ނުކުންނާކަށް ނުކެރޭނެ!” ޔުން ފާހާނާގައި ހުރެ ބުންޏެވެ.

“އެއީ ކީއްވެޔޯ؟” މީކާއިލް ގަމީހުގެ ގޮށްތައް ނައްޓަމުން ދިޔައެވެ. “ޔުން؟” މީކާއިލް ފާހާނައިގެ ދޮރު ހުޅުވާލަމުން ބުންޏެވެ.

“އަދި ނުވަދޭ!!…” ޔުން ހަޅޭއްލަވައިގަތެވެ. “އަޅެ މަޑުކުރާށޭ ބުނީމެއްނު؟!” ޔުން ހުރީ ތަންކޮޅެއް ކުރު އަޑީ ހެދުމެއް ލައިގެންނެވެ.

މީކާއިލް ހުއްޓުން އަރާފައި ހުރެވުނެވެ. އޭނާގެ މުޅި މޫނު ވަނީ ރަތްވެފައެވެ. ގަމީސް އެއްލާލާފައި އަވަހަށް ވަނުމުން މީކާއިލްގެ މަތީކޮޅު ހުރީ ހާމައަށެވެ. ވަރުގަދަ މަސްތައް އޭގެ އޮނިގަނޑު ހިފަހައްޓާފައިވެއެވެ.

“ކަލޭ ކީއްވެ ގަމީސް ނުލައި ތިހުރީ؟” ޔުން ލަދުރަކި ގޮތަކަށް ސުވާލު ކޮށްލިއެވެ.

“އަހަރެމެން މިދަނީ ބޭރަށޭ؟ ތަންކޮޅެއް ދިގު އެއްޗެއް ލައި.” މީކާއިލް ޔުންގެ ގައިގައި ތުވާއްޔެއް އޮޅާލަމުން ބުންޏެވެ.

“އެކަމު ކަލޭގެ މަންމައޭ މީތި ދިނީ…” ޔުން މީކާއިލްގެ ވަރުގަދަ ކޮނޑާ ދިމާއަށް ބަލަމުން ބުންޏެވެ.

“އެއީ މައްސަލައެއް ނޫން. މަންމައެއް މިތާކު ނެތެއްނު؟” މީކާއިލް ޔަގީންކަން ދެމުން ބުންޏެވެ.

“…އެހެން އަޑީ ހެދުމެއް ނުގެންނަން… ހިނގާ ކޮޓަރީ ފަޅީގައި ހުރި ކުޑަ ފެން ބަޔަށް އެރިގެން ތިބެން؟ ކަލޭ އެކަނި ނަމަ އަހަރެން ޖެހިލުމެއް ނުވޭ…” ޔުން އެއްވެސް ލަދެއް ނެތި ބުންޏެވެ.

މީކާއިލް މުޅީން އެކަށް ރަތްވެގެން ދިޔައެވެ. “ނޫން!! ހިނގާ އިހަށް އަޑީ ހެދުމެއް ގަންނަން ދާން… ތިޔަ ހެދުން އުނދަގޫ ވިއްޔާ…” ކަނދުރާ މަތީގައި އަތް ކާއްތަމުން މީކާއިލް ފާހާނާއިން ނުކުތެވެ. އެހާވެސް އޭނާ ލަދުގެންފައި ހުއްޓެވެ. ދެންމެ އައި ޚިޔާލެއްގެ ސަބަބުންނެވެ.

~~~

ދެ މީހުންވެސް ރާޅުޖަހާ ފަށުގައި ހިނގަމުން ދިޔައެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅިތައް ލިބިގަންނަމުން ދިޔައެވެ. އަތް ގުޅުވާލައިގެން ގޮނޑުދޮށުގައި ހިނގަމުން ދިޔައެވެ. އޭގެ ފަހުގައި އެކުގައި ގަހުވަޚާނާގެ ބަޔަކަށް ދިޔައެވެ.

“އީނާ އެއީ ހަމަ ވަރަށް ގާތް ރައްޓެއްސެއް؟” މީކާއިލް މީރު ބުއިމެއް ބޮމުން ޔުންއާއި ސުވާލު ކޮށްލިއެވެ.

“އާނ. އީނާއަށް އަހަރެންގެ ހުރިހާ ވާހަކައެއް އިނގޭނެ.”

“އެހެންވީރު، ކަލޭގެ ސިއްރުތަކާ ބެހޭގޮތުން އޭނާއާއި ސުވާލު ކުރެވޭނެ ދޯ؟” މީކާއިލް ޔުންއާއި ދިމާއަށް ބުނަމުން ދިޔައެވެ.

“އާނ. އިނގޭނެ ކާފައަށްވެސް ނޭނގޭ ބައިވަރު ވާހަތައްވެސް. އެކަމު މިވަގުތު އަހަންނާ ސީދާ ސުވާލު ކޮށްބަލަ! ކޯއްޗެއް އެނގެން ބޭނުންވަނީ؟” ޔުން ހަމަ މީކާއިލް ދޭހާ ފުން ޖަވާބެއް ދިނެވެ.

“އެހެންތަ؟ ހުރިހާ އެއްޗެއްވެސް އެނގެން ބޭނުން…” މީކާއިލް ޔުންއާއި ގާތްވަމުން ބުންޏެވެ.

ދުރުން ހިނގާފައިދާ މީހުން ދޭދޭ ވާހަކަތައް ދައްކަމުން ދިޔައެވެ. އެ މީހުންނީ ކޮރެއާގެ ބައެއްކަމަށް ބުނަމުން ދިޔައެވެ.

“މީކާއިލް! އަހަންނަށް ހީވަނީ އެތިބީ ކޮރެއާގެ ބައެއްހެން… އަހަރެމެން އެނގިއްޖެއްޔާ ކިހިނެތް ހަދާނީ؟” ޔުން ހާސްވަމުން ދިޔައެވެ. ބޯން އިން ތަށި މީކާއިލްގެ އަނގައިގައި ޖެއްސިއެވެ.

“އަހަރެމެން މިތިބީ ގުއާމުގައޭ! ސިއޮއުލްއާ ވަރަށް ދުރުގައި.” މީކާއިލް ޔުންގެ އަތުގައި ހިފާލަމުން ބުންޏެވެ.

“ފާހާނާއަކަށް ދާން ވެއްޖެ!” ޔުން ކުއްލިއަކަށް ތެދުވެގެން ހިނގައިގަތެވެ. “މިތާގައި މަޑުކުރާތި!”

ފާހާނާކޮށް އަތް ދޮވުމުގައި އުޅުނު ޔުން ފުން ވިސްނުމަކަށް ގެއްލިފައިވިއެވެ. މީކާއިލް އޭނާއާ ރުޅިވީ ކަމަށް ހީކޮށްގެން ހުއްޓެވެ. ‘އަހަންނަށް އެނގޭ މީގެ ކުރިންވެސް ބޮސް ދިންކަން. އެކަމު އެރެއަށްފަހު… ހުރިހާ ކަމެއްވެސް ތަފާތު!’ ޔުން އަމިއްލައަށް ލޯގަނޑު ކުރިމަތީގައި ހުރެ ވިސްނަމުން ދިޔައެވެ. ދެން އޭނާއަށް ހަނދާންވީ އީނާ ދެއްކި ވާހަކައެވެ.

~~~

“ފަރިތަކުރުން؟ ޔުން! އެކަކުވެސް ފަރިތަކުރުމަށް ބޮސްނުދޭނެ!” އީނާ ޔުންއާއި ދިމާއަށް މައްލަވަ ކުރާ ރާގަކަށް ބަލަމުން ދިޔައެވެ.

“ނޫން… ކުރާނެ. އަހަރެންގެ ކާފައަށްވެސް އެ މަންޒަރު ފެނި ގަބޫލު ކުރި…” ޔުން އަމިއްލަ ކޮޅު ހިފެހެއްޓިއެވެ.

“ކަލޭ ހަމަ އެހާ މޮޔަ؟ ތިއީ އުޒުރެއް! ކަލޭމެން ދެ މީހުން ތިއީ ހަމަ ދެ ލޯބިވެރިން… ޚާއްސަކޮށް ތިޔަފަދަ ބޮސްދިނުން…” އީނާ އިތުރަށް ހެކި ދައްކައިދިނެވެ.

“އެހެންވިއްޔާ، ތިޔަ ބުނީ… އަހަރެމެން ދެ މީހުންވެސް އިހުސާސްތައް ވެއޭ؟” ޔުން އަމިއްލައަށް ވިސްނަމުން ދިޔައެވެ. އެ ހިސާބުން އަމިއްލަ ނަފުސު ޔުންއަށް ވަޒަން ކުރެވުނެވެ. އަދި އިހުސާސްތައް ވާކަމަށް ގަބޫލު ކުރެވުނެވެ.

~~~

ފާހާނާއިން ނުކުމެގެން އައި ޔުން ބާރު ދުވެލީގައި މީކާއިލް އިން ދިގުގޮނޑިއާ ދިމާއަށް ދިޔައެވެ. ބަލައިވެސް ނުލާ ‘މީކާ’އޭ ބުނިހެން ޔުންއަށް ފެނުނީ ބިރުވެރި މަންޒަރެކެވެ. ހަރުފައެއްހެން މީކާއިލްގެ އަތުގައި އޮޅާލައިގެން އިނީ އެއްކަލަ ސުޒާނާއެވެ.

(ނުނިމޭ…)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.