Skip to content
އެސްފިޔަ

އަނދިރި ދުނިޔޭގެ ރަސްގެފާނު – 8

Listen to this story Audio · 9:18 Powered by Esfiya Voice
0:00 9:18

“އީތަން… އަހަރެންނަށް މާފުކުރޭ. އަހަރެންގެ ފަހަތުން ނާންނާތި! އައި ޑޯންޓް ވަނާ ހަރޓް ޔޫ!!” އިލީނާ ކަރުނައިގެ ތެރެއިން ބުނެލުމަށްފަހު، މިރިއަލްއާއެކު އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭރު އީތަން އިނީ ތެދުވެ ގަސްބުޑުގައި އިށީނދެ ގެނެވެ. އޭނާގެ ނަޒަރު ހުރީ އެމީހުން ދިޔަ ދިމާލަށެވެ. ވިއްސައިގެން ގޮސް ޖެހުނު ބާރު މިނުން އޭނާގެ އަނގައިން ކުޑަކޮށް ލޭ އައިސްފައި ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ދެލޮލުގެ ކުލަ ގަދަ ނޫކުލައަކަށް ބަދަލުވެގެން ދިޔައެވެ. އަދި އޭނާގެ ރުޅިގަދަ ހަޅޭކުގެ އަޑު މުޅި މާހައުލުގައި ގުގުމައިގެން ދިޔައެވެ.

****

ގަސްތަކުގެ ކަނު އަނދިރިކަމާއި ފުން ހިމޭންކަމުގެ ތެރެއިން މިރިއަލްއާއެކު ވިދުވަރެއްހާ ހަލުވިކޮށް ދުވަމުން ދިޔައިރު، އިލީނާއަށް އިޙްސާސްވަމުން ދިޔައީ އޭނާގެ ފައިތިލަ ބިމުގައި ނުޖެހި، ވައިގެ ތެރޭގައި އުދުހެމުންދާ ފަދަ ލުއި ކަމެކެވެ. ވަށައިގެންވާ ބިޔަ ގަސްގަހާގެހި ފެންނަމުންދިޔައީ އަނދިރީގެ ތެރެއިން ފަހަތަށް ދެމެމުން ދިޔަ ހިޔަނިތަކެއްގެ ސިފައިގައެވެ. ގަނޑުފެން ފަދަ ފިނިރޯޅިތައް އޭނާގެ މޫނުމަތީގައި ބީހި ލަމުން ދިޔަ ކޮންމެ ހިނދުކޮޅަކު، ހަށިގަނޑުގެ އެތެރޭގައި ހިނގަމުންދިޔަ ބިރުވެރިކަމާއި، ޖެހިލުންވުމުގެ އިހުސާސްތައް ދިޔައީ ފިނި ވަމުންނެވެ. އެ ބޯ ޖަންގަލީގެ ނިވަލުން ނުކުމެވުނުއިރު، ފެންނަން ހުރީ އެތައް ޤަރުނެއްވީ، ކަޅު ކުލައިގެ ހިލައިން ބިނާކޮށްފައިވާ އާސާރީ ބޮޑު ގެއެކެވެ.

މިރިއަލް އެ ގަނޑުވަރުގެ ބިޔަ ދަގަނޑު ދޮރާށި ހުޅުވާލުމާއެކު، އިލީނާ އޭނާގެ ފަހަތުން ވަނެވެ. މުޅި ތަނުން ދުވަމުން ދިޔައީ ޒަމާންވީ ލަކުޑިއާއި ހިކިފައިވާ ރަތް ފިނިފެންމަލުގެ މީރުވަހެވެ. ކަނު އަނދިރީގެ ތެރޭގައި އިލީނާގެ ދެލޮލަށް މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާ ނުކުރާހާ ސާފުކޮށް ފެންނަމުންދިޔައެވެ. އުސް ފުރާޅުގައި އެލުވާފައިވާ ކްރިސްޓަލް ޗެންޑެލިއަރުތަކުގެ ވިދުމާއި، ފާރުތަކުގައިވާ ގަދީމީ ކުރެހުންތަކާއި، ލަކުޑީގައި ކަނޑާނަގާފައިވާ ފަންނުވެރި ބިންވަޅުތައް އޭނާއަށް ފެންނަމުންދިޔައީ އިރުގެ އަލީގައި ނުވަތަ މާކަރީ ބޮޑު ލައިޓެއް ދިއްލުމުން ފެންނާނެހާ ސާފުކޮށެވެ. ބޮޑެތި ކުޑަދޮރުތަކުން ފުރޭނިގެން އައި ހަނދުގެ ރިހި އަލި އެ ގޭގެ އެޅިލުމުން، މުޅި މާހައުލަށް ވެރިވެފައިވަނީ ނާމާން ނަމަވެސް ހިތްގައިމު ކަމެކެވެ. އިލީނާ އެ ގަނޑުވަރެއް ފަދަ ގޭގެ އެތަންމިތަނަށް ނަޒަރު ހިންގަމުން މިރިއަލްގެ ފަހަތުން ހިނގަމުންދިޔައެވެ. އޭނާ ހުއްޓުނީ މިރިއަލްގެ ބުރަކަށީގައި އޭނަގެ ހަށިގަނޑު ޖެހުމުންނެވެ. އެއާއެކު ލުއި އެހެނަސް ބަރު ހުނުމެއްގެ އަޑު މިރިއަލްގެ އަނގައިން ބޭރުވިއެވެ. އިލީނާގެ މޫނަށް މިރިއަލްގެ އެ ހަރަކާތުން ލަދުވެތިކަން ވެރިވި ނަމަވެސް އިސްދަށަށް ޖަހައި އެކަން ފަރުދާ ކޮށްލިއެވެ.

“އިލީނާގެ މަންމަމެން ކާރިޔަށް ގެޔަށް ދާން ބޭނުންނަމަ ފުރަތަމަ ޖެހޭނީ ތި ބާރުތައް ކޮންޓްރޯލްކުރަން ދަސްކުރަން! އެންޑް ދެއާ އިޒް އަ ލޮޓް ޔޫ ނީޑް ޓޫ ނޯ! އެކަމަކު ފުރަތަމަ ކަންތައް ފުރަތަމަ!”. މިރިއަލް އޭނާގެ ހަށިގަނޑު އެކޮޓަރީގައި ހުރި ގޮނޑިއެއްގެ މައްޗަށް ދޫކޮށްލަމުން ބުންޏެވެ. އޭނާ އެހެން ބުނެލުމުން އޭނާގެ ބަރު އަޑު އެ ބޮޑު ކޮޓަރީގެ ތެރޭގައި ގުގުމައިގެން ދިޔައެވެ. އެމީހުންނަށް މިހާރު އެ ތިބެވެނީ އެ ގޭގެ 2 ވަނަ ބުރީގައި ހުރި މިރިއަލްގެ ޝާހީ ކޮޓަރީގައެވެ. “ތި ހަށިގަނޑުގައިވާ ބާރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އިލީނާގެ އަމިއްލަ ނަފްސާއި، އިލީނާ ލޯބިވާ އެންމެން އަމިއްލަ އަތުން މަރުވެދާނެ! އައިމް ނޮޓް ޓްރައިން ޓު ސްކެއަރ ޔޫ! އެކަމަކު އިލީނާވެސް ބޭނުމެއް ނުވާނެ މަންމަމެނަށް ގެއްލުމެއް ވާކަށް ދޯ! އެހެންވީމަ ލެޓްސް ގޯޓު ދަ ފަރސްޓް ލެސަން! އެންމެ ފުރަތަމަ ކަމަކީ ތި ސިކުނޑިއަށް ވަންނަ ހުރިހާ އަޑުތައް ވަކިކޮށް، ހަމައަކަށް އެޅުވުން! އެންޑް އެވެރީތިން ހެޕެންސް ހިޔާ ސްޓޭސް ހިޔާ! އަންޑަސްޓޭންޑް؟”. މިރިއަލް އެހެން ބުނުމުން އިލީނާ އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. އޭނާ ހުރީ އޭރުވެސް ވަށައިގެންވާ އަޑުތަކުން ބޮލަށް އުނދަގޫ ވެފައެވެ.

މިރިއަލް އިލީނާގެ ކުރިމައްޗަށް ހުއްޓި، އޯގާތެރިކަމާއެކު އޭނާގެ ދެއަތުގައި ހިފަހައްޓާލިއެވެ. މިރިއަލްގެ އަތުގައި ހުރި އާދަޔާޚިލާފު ފިނިކަމުގެ އަސަރުތައް އިލީނާގެ ހަށިގަނޑަށް ފޯރުމާއެކު، އޭނާގެ ހިތުގައި އުތުރި އަރަމުންދިޔަ ހާސްކަން މައިތިރިވާން ފެށިއެވެ. “ދެލޯ މަރާލާ… ހިތުގެ ތެޅުން މަޑުޖައްސާލާ. ވަށައިގެންވާ އަޑު ތަކުތެރެއިން އެއް އަޑަކަށް ފޯކަސް ދީ، ހަށިގަނޑަށް އެހާ ބާރު ނުލާ ބަދަލުތަކަށް ދޫކޮށްލާ!”. މިރިއަލްގެ އަޑުގައިވީ މަޑުމައިތިރިކަމެވެ.

އިލީނާ މަޑުމަޑުން ދެލޯ މަރާލިއެވެ. އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ގަނޑުވަރުގެ ބޭރުގައިވާ ގަސްތަކުގެ ފަތްތައް ހަރަކާތްކުރާ އަޑާއި، އެތައް މޭލެއްގެ ދުރުގައި އުޅޭ ކުދި ދޫނިސޫފާސޫފީގެ ހިތުގެ ތެޅުމުގެ އަޑެވެ. އަނގައިގެ ތެރޭގައިވާ ތޫނު ދަތް ތަށް އެތެރެޔަށް ވަންނަން ފެށި އިހުސާސް އާއިއެކު، ހިރުގަނޑަށް އަޅަމުންދިޔަ ވޭން ކުޑަކުރުމަށްޓަކައި، އޭނާ ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. މަޑުމަޑުން އޭނާގެ ސިކުނޑި ހަމަޖެހި، ދެލޮލުގައި ވިދަމުންދިޔަ އަލިކަން ކެނޑި، އާދައިގެ ކުލައަށް ބަދަލުވިއެވެ. މިރިއަލް ހިނިތުންވެލަމުން ބުންޏެވެ. “ވަރަށް ފުރިހަމަ. އިނގޭތަ އިލީނާގެ ލޭގައި ވަނީ އާދައިގެ ބާރެއް ނޫން، އެއީ ޤަދީމީ ޝާހީ ވެމްޕަޔަރުންގެ ބާރު! ޔޫ އާރ އަ ރޯޔަލްޓީ!”. އިލީނާ ސުވާލުގެ ނަޒަރަކުން މިރިއަލްއަށް ބަލައިލުމާއިއެކު މިރިއަލް އިތުރު ވާހަކައެއް ނުދެއްކުމަށް އިޝާރާތް ކުރިއެވެ. އެއަށްފަހު ފަހަތުން އައުމަށް އިޝާރާތްކުރިއެވެ.

އާސާރީ ގަޑުވަރުގެ އެތެރޭގައި ވި ހަމަހިމޭންކަން މުގުރާ ލަމުން ދިޔައީ ބޭރުގެ ބިޔަ ޕައިން ގަސްތަކުގެ މެދުން ޖެހެމުންދިޔަ ފިނި ރޯޅީގެ އަޑެވެ. އެ ގޭގެ ތިރީ ފްލޯރގައި ހުރި ސިޓިންރޫމުގެ ތެރޭގައި އިލީނާ ހުރީ އަމިއްލަ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނާގެ ދެލޯ މެރިފައިވި ނަމަވެސް، އޭނާއަށް ވަށައިގެންވާ ކަންތައް ފެންނަމުންދާ ފަދައެވެ. އެ ސިޓިން ރޫމުގެ ދެފަރާތުގައި ހުރި ގަދީމީ އުއްބައްތި ސްޓޭންޑްތަކުން އަރަމުންދިޔަ ރީނދޫ އަލީގެ ތެރެއިން، މިރިއަލްގެ ފިޔަވަޅުތަކުގެ އަޑު އިލީނާއަށް ސިފަވަމުންދިޔައެވެ. މިރިއަލް ހިނގަމުންދިޔައީ ބިންމަތީގައި އަޅާފައިވާ ކަޅު މަޚުމާ ދޫލައިގެ މަތިންނެވެ. އާދައިގެ އިންސާނަކަށް އެ ފިޔަވަޅުތަކުގެ އަޑު ނީވޭނެކަން ޔަގީނެވެ. ނަމަވެސް އިލީނާއަށް އެ އަޑު އިވެނީ ކަންފަތްބުޑުގައި ލައުޑު ސްޕީކަރަކުން އަޑު އިވޭހާ ސާފުކޮށެވެ.

“ދެންމެ އަހަރެން ދަސްކޮށްދިން ގޮތަށް ވިސްނާ…” މިރިއަލްގެ އަޑު އިލީނާގެ ފަހަތުން އިވުނެވެ. މިރިއަލް ހުރީ އިލީނާގެ ފަހަތުގައި، ފިޔަވަޅެއްހާ ދުރުގައެވެ. “ސިކުނޑީގައި މިކްސް ވާ ހުރިހާ އަޑުތަކެއް ވަކިކޮށްލާ. ތިއީ ހަމައެކަނި އަޑުއަހާ މީހެއް ނޫން. ތިއީ އެ އަޑުތައް ކޮންޓްރޯލްކުރާނެ މީހާ!” އިލީނާ ފުންކޮށް ނޭވާއެއް އެތެރެއަށް ދަމާލިއެވެ. އޭނާގެ ނޯށުގައި ޖެހިގެން އައީ ގަޑުވަރުގެ ތެރޭގައިވާ އާސާރީ ލަކުޑިއާއި، މިރިއަލްގެ ހަށިގަނޑުން ދުވަމުންދިޔަ ސިއްރުވެރި ވަހެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އަނގައިގެ ތެރޭގައިވާ ތޫނު ދަތްތަކުން ހިރުގަނޑަށް ކުރަމުންދިޔަ ކުޑަކުޑަ ތަދު އަދިވެސް މުޅިން ކެނޑިގެންނެއް ނުދެއެވެ.

“އަހަރެންނަށް… އަހަރެންނަކަށް ނުވާނެ!” އިލީނާ ދެލޯ ހުޅުވާލަމުން ބުންޏެވެ. އޭނާގެ މަޑު ފެހިކުލައިގެ ކަޅީގެ ތެރެއިން އަދިވެސް ރަތްކުލައިގެ ދިލުމެއް ފާޅުވާން ހުއްޓެވެ. “މިރިއަލް، އަހަރެންގެ ސިކުނޑި ފުރިފައިވަނީ ބިރުވެރިކަމުން. އަހަރެންގެ އާއިލާ… އީތަން… އަހަރެން މިއަދު އީތަންއަށް އަނިޔާކުރީ! އަހަރެންގެ އަމިއްލަ އަތުން އީތަން ވިއްސައި ލީ!”. އެވަގުތު އިލީނާ އަށް އީތަންގެ ނަން ބުނެ ވުމާއިއެކު މިރިއަލްގެ މޫނަށް އައި ރުޅިވެރިކަމުގެ އަސަރު އޭނާއަށް ނުފެނުނީ އޭނާގެ ފަހަތުގައި މިރިއަލް ހުރުމުންނެވެ. އިލީނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނާގެ ދެއަތްތިލަ ތުރުތުރުއަޅަމުން ދިޔައެވެ. މިރިއަލް މަޑު ހިނގުމެއްގައި އައިސް އިލީނާގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އުސް ހަށިގަނޑާއި، ބައިމަތި ފުޅާ ސޫރައިގެ ހިޔަނި އިލީނާގެ މޫނުމައްޗަށް އެޅުނެވެ. މިރިއަލްގެ އަޅިކުލައިގެ ކަޅި އިލީނާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ސީދާ ވެގެންދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ހަރުކަށިކަން ކުޑަކޮށް މަޑުވެ، އޯގާތެރިކަމުގެ ކުޑަ އަސަރެއް ފާޅުވެގެން ދިޔައެވެ.

“އިލީނާ…” މިރިއަލް މަޑުމަޑުން އިލީނާގެ ކައިރިއަށް ޖެހިލިއެވެ. އޭނާގެ ކަނާއަތް އުފުލާލުމަށްފަހު، އިލީނާގެ ކޯތާފަތުގައި މަޑުމަޑުން އަތްޖައްސާލިއެވެ. މިރިއަލްގެ އަތްތިލަ ފިނި ނަމަވެސް، އެ ބީހުމުގައި ހުރި އޯގާތެރިކަމުގެ އަސަރު އިލީނާގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. “އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. ތިއީ ކުއްލިއަކަށް ހޭލި ބާރެއް. ތި ބާރުގެ މައްޗަށް ކޮންޓްރޯލް ނެތްއިރު އެފަދަ ކަންކަން ހިނގާނެ”. މިރިއަލް އިލީނާއަށް ވިސްނައިދޭ ފަދަ ރާގެއްގައި ބުނެލިއެވެ.

“ނަމަވެސް އަހަރެން ބިރުގަނޭ…” އިލީނާ ބިރުވެރިކަމާއިއެކު ބުނެލިއެވެ. “އަހަރެން ބިރުގަނޭ އަހަރެން އިންސާނިއްޔަތުކަން މުޅިން ގެއްލިދާނެތީ. އަހަރެން މިއީ މިހާރު ކާކު ކަމެއް އަހަރެންނަކަށްވެސް ނޭންގެ!”. މިރިއަލް އިލީނާގެ ކޯތާފަތުގައިވާ އަތްތިލައިން އޭނާގެ ދަތޮޅީގައި ހިފާ، އިލީނާގެ މޫނު މައްޗަށް އުފުލާލިއެވެ. އެހިނދު ދެމީހުންގެ ނަޒަރު ސީދާވެގެން ދިޔައެވެ.

“ތިއީ އިލީނާ. އަދިވެސް ހަމަ އެ އިލީނާ!”. މިރިއަލްގެ އަޑުގައިވީ އާދަޔާޚިލާފު ޔަގީންކަމެކެވެ. “ތި ހަށިގަނޑުގައިވާ ލެޔަކީ ހަމައެކަނި ބާރެއް ނޫން. އަހަރެން މިތާ މިހުރީ އިލީނާ އެކަނި ވިޔަނުދޭން. އިލީނާގެ ތި ބާރުތައް ކޮންޓްރޯލްކުރަން ދަސް ވަންދެން، އަދި އިލީނާގެ ޙަޔާތަށް އަންނަން އުޅޭ ނުރައްކާތަކުން ރައްކާތެރިކުރުމަށް އަހަރެން އަބަދުވެސް ހުންނާނަން! އައި ޕްރޮމިސް!”. މިރިއަލްގެ އެ ބަސްތަކާއެކު، އިލީނާގެ މޭތެރޭގައި އުފެދެމުންދިޔަ ތޫފާން މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ. މިރިއަލްގެ އަޅިކުލައިގެ ދެލޮލުގެ ތެރެއިން ފެންނަމުންދިޔަ ސިއްރުވެރި، ނަމަވެސް އޯގާތެރި ކަމުގެ ނަޒަރުން އިލީނާއަށް ބުނަން ނޭނގޭ ފަދަ އަމާންކަމެއް އެވަގުތު އިހުސާސްވިއެވެ (ނުނިމޭ).

Comments (1)

  1. Your fav bab

    Oooo… INTTESTINGGGG✨✨
    I LUV vampires😝 so this story is just my type!! Can’t wait for the next ep!!
    When next?

Comments are closed.