
ޒައިނަބް – 2

އެނދު ދަށުން އިވެމުންދިޔަ ނޭވާގެ އަޑު ތިރީހަކަށް ސިކުންތު ވަންދެން ނުހުއްޓި އިވުނެވެ. ޒައިނަބްއަށް ބިރުންގޮސް އޭނާގެ އަތުގެ އިނގިލިތަކަށް ތަދު ވާވަރަށް އަހުސަލްގެ އަތުގައި ހިފައި ބާރު ކޮށްލެވުނެވެ. ދެމީހުންވެސް ބިރުން ތިބިވަރުން އެއިން އެކަކަށްވެސް އެނދު ދަށް ބަލާކަށް ނުކެރުނެވެ. އެއަޑު ކެނޑުމުން އަހުސަލް ހިއްވަރު ކޮށްލާފައި އޭނާގެ ފޯނުގެ ލައިޓު ދިއްލާ ލުމަށްފަހު ގުދުވެ އެނދު ދަށަށް އަލިކޮށް ބަލައިލިއެވެ. އެތާކު އެއްވެސް މީހެއް ނެތެވެ. އެނދުދަށް އޮތީ ހުސްކޮށެވެ.
އަހުސަލް ގޮސް ކޮޓަރީގެ ބޮކިތައް ދިއްލައި ކޮޓަރިއާއި ފާޚާނާ، އަދި ކޮޓަރީގައި ހުރި އަލަމާރިއާ ކަބަޑުތަކުގެ އެތެރެވެސް ބެލިއެވެ. އަދި ކޮޓަރިން ބޭރުވެސް ހޯދާ ބެލިއެވެ. އަދި ގޭގެ ހުރިހާ ދޮރެއް ރަނގަޅަށް ތަޅުލެވިފައި ހުރިތޯވެސް ބެލިއެވެ. ހުރިހާ ދޮރަކާއި ކުޑަދޮރުތައްވެސް ހުރީ ރަނގަޅަށް ލައްޕާފައެވެ. ހަމަ ޔަގީނުންވެސް އެއިން އެއްވެސް ދޮރަކުން އެގެއަކަށް މީހަކަށް ނުވަދެވޭނެކަން އަހުސަލްއަށް ޔަގީންވިއެވެ.
އޭރު ޒައިނަބު އެނދުމަތީގައި ބިރުން ހަލާކު ވާވަރު ވެފައި އިނެވެ. ޒައިނަބް އޭނާގެ ސިކުނޑިއަށް ވިސްނައިދެވޭތޯ ބަލަމުން ދިޔައީ އެއީ ދެމީހުން ވަރުބަލިވެފައި ތިބިވަރުން ހީވި ގޮތެއް ކަމުގައެވެ. ނަމަވެސް އަހުސަލަށްވެސް އެއަޑު އިވުނެވެ. އޭނާވެސް ހުރީ ޒައިނަބް އެކޭ އެއްގޮތަށް ވަރަށް ބިރުންނެވެ. ވީއިރު އެއީ ހަމަ ވަހުމަކަށް ވެދާނެބާއެވެ؟.. ސިކުނޑީގައި ހިނގަމުންދިޔަ ޚިޔާލުތަކުގެ ސަބަބުން ޒައިނަބް އިނީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ.
ގެ ކައިރީގައި ހުންނަ މިސްކިތުން ފަތިސްނަމާދުގެ ބަންގީގެ އަޑު އިވެންދެން އެކޮޓަރީގެ ހުރިހާ ބޮތްކެއް ހުރީ ދިއްލާފައެވެ. އެރޭ އެދެމީހުން ކުރެ އެކަކުވެސް ނުނިދައެވެ.
އެދުވަހު އިރުއަރައި އަލިވާން ވީއިރު ޒައިނަބްގެ ބޮލުގެ ރިހުން ގަދަވެ ކޮޅަށް ހުރެވޭ ވަރުވެސް ނުވެއެވެ. ނިތްކުރިއަށް ބާރުވެގެންގޮސް ހީވަނީ ބޯފަޅައިގެން ގޮސްދާނެ ހެންނެވެ. ރިއްސާވަރުން ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން އިންއިރު، އޭނާއަށް ވިސްނެމުން ދިޔައީ އަނެއްކާ މިރޭވެސް ރޭގަނޑު ވުމުން ދިމާވެދާނެ ބިރުވެރި ކަމަކާއި މެދުއެވެ. ޒައިނަބްއަށް ނޭނގެނީ އެގޭތެރޭގައި ހިނގަމުން އެދާ ކަންކަމަކީ ކުރިއަށް ވާންއުޅޭ ބޮޑު ކަންތައްގަނޑުގެ ޒައްރެއްގެ މިންވަރު ކަމެވެ.
ޒައިނަބްގެ ސިއްޙަތަށް އަންނަމުންދާ ބަދަލާއި، އޭނާއަށް ފެންނަމުންދާ ބިރުވެރި ހުވަފެންތަކާއި، ދިމާވަމުން މިދާ ބިރުވެރި ކަންކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގައި ނަގަން އޮތީ ކޮންފަދަ ބޮޑު ރާޅެއް ބާއެވެ.
މިހުރިހާކަމެއްގެ އަޑީގައި ހުރި މަރިޔަމް ދަނީ ޒައިނަބަށް އަންނަ ބަދަލުތަކާއި، އޭނާގެ ބަލި ހާލަތާމެދު އުފާ ކުރަމުންނެވެ. ޒައިނަބް ގެއިން ނުނިކުމެ، މާގިނައިން މީހުންގެ ތެރެއަށް ގޮސް ނޫޅޭތީވެސް މަރިޔަމް އަށް ވިސްނެނީ އެއީ އޭނާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައެވެ. މަރިޔަމްގެ ނުބައި ރޭވުންގަނޑު އެއްކޮށް ކާމިޔާބުވާން އުޅޭކަމުގެ ފޮނި އުންމީދާއެކު އޭނާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.
އޭގެ ތިންދުވަސް ފަހެވެ… ހެނދުނު ހޭލީއްސުރެ ޒައިނަބްގެ ނޭފަތުގައި ފާޑެއްގެ ނުބައި ވަހެއް ހަރުލާފައި ހުއްޓެވެ. ހީވާގޮތުން އެއީ ތަނެއްގައި ފެން ނުހިނދި މާގިނަ ދުވަސް ވުމުން ހުންނަ ކަހަލަ ފާ ވަހެކެވެ. ނަމަވެސް އެ ވަސް ދުވާހެން ހީވަނީ ކުނިވެފައިވާ އެއްޗެއްގެ ވަހާއި އެކުވެގެންނެވެ.
ޒައިނަބް ގޮސް ބަދިގޭގެ ހުރިހާ ތަނެއް ވަރަށް ރަނގަޅަށް ބެލިއެވެ. ނަމަވެސް ކުނިވެފައިވާ އެއްވެސް އެއްޗެއް އެތާކުން ނުފެނުނެވެ. ކުނިވާ ކަހަލަ އެއްޗެހި ހުރި ކޮތަޅުވެސް އިއްޔަ އޭނާ އުކާލިއެވެ. ބަދިގޭގައި ހުރި ރިހަ ތެއްޔާއި ގަރުދިޔަ ތެލިވެސް ހުރީ ރޭގައި ނިދަން ވަންނަމުން ހޫނު ކޮށްފައެވެ.
ބަދިގެ ތެރެއިން، ގޯތި ތެރެއަށް ނިކުމެވޭހެން ކަނޑާފައި ހުންނަ ދޮރުން ޒައިނަބް ގޯތިތެރެއަށް ނިކުތެވެ. އެތާގައި އޮންނަ ކުޑަ ޖާގަ ކޮޅުގައި ޒައިނަބް ކަށްކަން ގެންގުޅޭ ބައެއް ތެލިތަކާއި ނާށި ބަސްތާ ބަހައްޓަން އަށި ގަނޑެއް ރާނާފައި ހުރެއެވެ. އެތަނުގައި އޮންނަ ކުޑަ ބިންކޮޅުގައި ހިކަނދިފަތް ގަހަކާއި ދެތިން ރާނބާފަތް ގަސްވެސް އިންދާފައި ހުރެއެވެ. އަދި ކޮންމެވެސް ވަރަކަށް މާގަސްވެސް އެތާގައި ހުރެއެވެ. އެގަސްތަކަށް ފެން ދިނުމަށް ފަސޭހަ ކުރަން، ފާރުގައި ހަރުކޮށްފައި ހުންނަ ފެން އިސްކުރެއްވެސް އެދިމާލުގައި ހުރެއެވެ. ގެއިން ބޭރަށް ނިކުމެވޭ ގޮތަށް ވަލު ދޮރާށި ކަނޑާފައި ހުންނަނީ އެ ދިމާލުންނެވެ. ގޭގެ ކުރިމަތީ މައި ދޮރާއްޓާ ޚިލާފަށް، އެ ވަލު ދޮރާއްޓަކީ ދޮރުފަތެއް ހަރުނުކޮށް، ހަމައެކަނި ފާރުން ކަނޑާލާފައި ހުންނަ ދޮރެކެވެ.
ޒައިނަބް އެދިމާލަށް ނިކުމެ ބަދިގެ ފަހަތުގައި އޮތް ޖާގަވެސް ހޯދާ ބެލިއެވެ. އޭނާއަކަށް ކުނިވެފައި އޮތް އެއްވެސް އެއްޗެއް ނުފެނުނެވެ. ޒައިނަބް މަގުމައްޗާއި ދިމާލަށް ނިކުމެ ގެ ކައިރިންވެސް އެއްޗެއް ފެނޭތޯ ބެލިއެވެ. އޭރު ޖެހިގެން ހުރިގޭ ދޮންއައިސައްތަ މަށަންދަތި ހިފައިގެން މަގުމަތި ކުނިކަހަން ހުއްޓެވެ.
“ޒައިނަބް… ކޮބާ ސައި ހެދީތަ؟.. ކޯއްޗެއް މިއަދު ކެއްކީ؟….” ޒައިނަބް ފެނުމުން ދޮންއައިސައްތަ ބުންޏެވެ. އަދި ސައެއް ނުކައްކަމޭ ބުނެ ޒައިނަބް ހީލިއެވެ.
އޭރު އަރައިގެން އަންނަ އިރުގެ ހޫނު ރަށުތެރެއަށް ފެތުރެމުން ދިޔައެވެ. ސުކޫލަށްދާ ކުދިންތައް ފޮތްދަބަސްތައް ހިފައިގެން ސުކޫލާ ދިމާލަށް ބާރަށް ހިނގާފައި ދާތީ ފެނެއެވެ. އިރުކޮޅަކު މަގުމައްޗަށް ބަލަން ހުރެފައި ގޭތެރެއަށް ވަންނަން ދިޔަވަގުތު ޒައިނަބްގެ ލޮލުގައި އަޅައިގަތީ ވަލު ދޮރޯށި ކައިރިން އެތެރެއަށް ވާހެން ބިންގަނޑުގައި ތަފާތުކޮށް ހުރި ކުޑަ ތަންކޮޅެކެވެ. ހީވާގޮތުން އެތަން ހުރީ ކޮނެފައި އަލުން ފަސް ލާފައެވެ. އެއީ އެދިމާލުގައި އުޅޭ ބުޅަލެއްގެ ކަމަކަށް ވެދާނެކަމަށް ވިސްނާފައި، ޒައިނަބް ފައިން ރީތިކޮށް އެތަނުގެ ފަސްގަނޑު އެއްވަރު ކޮށްލިއެވެ.
އެދުވަހު ހެނދުނު ސައި ހަދާ ނިމިގެން ބައެއް ތެލިތައް ދޮވެ، ބަދިގެ ފަހަތުގައި ހުންނަ އަށިމަތީގައި ބަހައްޓަން ދިޔަވަގުތު ކުއްލިއަކަށް ޒައިނަބް މޭނުބައި ކޮށްފައި ހޮޑު ލަވަން ފެށިއެވެ. އަދި އެވަގުތު އޭނާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ އޭނާ އެތެރެއަށް ވަދެ އަހުސަލްއަށް ވީގޮތް ކިޔާދިނެވެ. އެހެން އެވީ ގޭތެރެއިން ދުވާ ކުނި ވަހުގެ ސަބަބުން ކަމުގައިވެސް ބުންޏެވެ.
އަހުސަލް އެދިމާލަށް ނިކުމެ ހުރިހާތަނެއް ވަރަށް ރަނގަޅަށް ހޯދައި ބެލިއެވެ. ނަމަވެސް އަހުސަލަކަށް ޒައިނަބު އެބުނާ ކަހަލަ ކުނިވެފައިވާ އެއްވެސް އެއްޗެއް ނުފެނުނެވެ. އެދުވަހު ހަވީރު ވާން ވީއިރު އެ ވަސް އެއްކޮށް ކެނޑުނެވެ.
އެރޭވެސް ޒައިނަބް ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. ޒައިނަބަށް ފެނުނީ ކޮނެ ފަސް ލާފައި ހުރިހެން ހީވި ވެލިގަނޑު މަތީގައި އޭނާ ހުސްފަޔާ ކޮޅަށް ހުއްޓައެވެ. ހުވަފެނުގައި އެ ވެލިގަނޑުގެ ކުލަ ކަޅުވެފައި ވަރަށް ފަސްގަނޑު މަޑެވެ. ވެލިގަނޑުގެ ތެރެއިން ކޮންމެވެސް ދިރޭ އެއްޗެއް ނިކުންނަން އުޅޭކަހަލަ އިހުސާސެއް ޒައިނަބުގެ ފަޔަށް ވާންފެށިއެވެ. އެވަގުތު ޒައިނަބް ބިރުން ދުއްވައިގަންނަން މަސައްކަތް ކުރިއެވެ. އެވަގުތު ކުއްލިއަކަށް ބިންގަނޑުގެ ތެރެއިން ނިކުތް ބޮޑު ދެއަތްތިލައިން ޒައިނަބްގެ ދެފައިގައި ބާރަށް ހިފެހެއްޓިއެވެ. ބިރުން ޒައިނަބްއަށް އަޑުގެ ނެއް ތަނަށް ހަޅޭއްލަވަމުން ހޭލެވުނެވެ. އެއަޑަށް އަހުސަލް އަށްވެސް ހޭލެވުނެވެ.
އަހުސަލް ގޮސް ކޮޓަރީގެ ބޮކިތައް ދިއްލުމަށް ފަހު އައިސް ޒައިނަބް ކައިރީގައި އިށީނެވެ. އޭރު ޒައިނަބް ދެލޯ ބޮޑުކޮށްގެން އޭނާގެ ދެފަޔަށް ބަލަން އޮތެވެ. އެރޭ ޒައިނަބް ދެން އިތުރަށް އެނދުންވެސް ފައިބާކަށް ބޭނުމެއް ނުވިއެވެ. ގަނެފައިވާ ބިރުގެ ބޮޑުކަމުން ބިންމަތީގައި ފައި އަޅަންވެސް އޭނާއަށް ނުކެރުނީއެވެ.
ދުވަހެއް ދުވަހަކަށް ޒައިނަބުއަށް ފެންނަމުންދިޔަ ބިރުވެރި ހުވަފެންތައް އިތުރުވެ އެކަމަށް އެއްވެސް ހުއްޓުމެއް ނައެވެ.
އަނެއްކޮޅުން އެހުރިހާ ކަމެއްގެ އަޑީގައި ހުރި މަރިޔަމް ހުރީ އޭނާ އެދިއެދި ހުރި ކަންތައް ވޭތޯ ކެތްމަދު ވެފައެވެ. އޭނާ އުންމީދު ކޮށްގެން ހުރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒައިނަބްގެ ދިރިއުޅުން އެއްކޮށް ހަލާކުވެ އޭނާ ނިމިގެންދާނެ ކަމަށެވެ. މަރިޔަމްއަށް އެ ސިހުރު ހަދައިދިން މީހާ ވަޢުދުވެފައި ވަނީ ވަރަށްއަވަހަށް މަރިޔަމް ބޭނުންވާ ކަންކަން ނިމޭނެ ކަމަށެވެ.
މީސްމީހުންގެ ފަރާތުން މަރިޔަމްއަށް ޒައިނަބް ބަލިވެ އުޅޭކަމުގެ ޚަބަރު ލިބުން އޭނާ ހުންނަނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިފައެވެ. އަދި ޒައިނަބް ރޭގަނޑު ނިދަން ބިރުން އުޅޭ ވާހަކަ އަޑުއަހާފައި މަރިޔަމް އިތުރަށް އުފާވިއެވެ.
މަރިޔަމް ދޭތެރެއަކުން ވަރަށް އޮޅުވާލާފައި ޒައިނަބް ދަންނަ މީހުން ކައިރީގައި އޭނާގެ ވާހަކަ އަހާ ހަދައެވެ. އެ މީސްމީހުން ޒައިނަބް އަބަދު ބަލިވެ އުޅޭ ވާހަކަ ބުނާ ކޮންމެ ފަހަރަކު، ހާދަ ދެރަ ދޯއޭ ބުނެ މަރިޔަމް އެވާހަކަ ނިންމާލައެވެ. އަސްލު މަރިޔަމްގެ ހިތުގެއަޑިން އެދިއެދި ހުންނަނީ ޒައިނަބްގެ ހާލު ބޮޑުވެ، އޭނާގެ ހާލު ސީރިއަސް ކަމުގެ ޚަބަރު އަޑުއަހާށެވެ. މަރިޔަމްގެ ހިތުގައިވާ ހަސަދައާއި ނަފްރަތު ބޮޑުވެ އޭނާގެ ހިތުގައި ޒައިނަބްއާ ދޭތެރޭގައި އެއްވެސް އިންސާނިއްޔަތު ކަމެއް މިހާރަކު ނެތެވެ. މަރިޔަމް ހިތާހިތުން ޒައިނަބް ނިމި ދިއުމަށް އެދި ދިޔައީ ބަދު ދުޢާ ކުރަމުންނެވެ.
ނަމަވެސް މިހުރިހާ ކަމެއް ފެށުނު ފަހުން މަރިޔަމްގެ ދިރިއުޅުމަށްވެސް ދިޔައީ ބަދަލުތަކެއް އަންނަމުންނެވެ. ބައެއް ދުވަސްދުވަހު މަރިޔަމްއަށް ހެނދުނު ސިއްސައިގެން ގޮސް ހޭލެވުން އާންމު ކަމަކަށް ވެއްޖެއެވެ. ދަންވަރު ނިދާފައި އޮންނައިރު ކޮޓަރީގެ ބޭރުން މީހަކު ހިނގާ އަޑު އިވޭހެންވެސް މަރިޔަމްއަށް ބައެއް ރޭރޭ އިވެއެވެ. ނަމަވެސް ނިކުމެ ބަލާއިރު އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ. މަރިޔަމްއަށް ވިސްނެނީ އެއީ ކަންކަމާ މާބޮޑަށް ވިސްނާ ހެދޭތީ އޭނާއަށް ހީވާ ވަހުމެއް ކަމުގައެވެ. މަރިޔަމްއަށް ކުރެވުނު ކަންތަކުގެ ބޮޑުކަމުންނާއި، އޭނާގެ ހިތުގައި ފޮރުވާފައިވާ އެކަމުގެ ސިއްރުތަކުގެ ސަބަބުން އޭނާއަށް މާބޮޑަށް ވިސްނެނީ ކަމުގައެވެ.
އެއްރެއަކު މަރިޔަމް ގޭތެރޭގައި އުޅެނިކޮށް ބަދިގެ ތެރެއިން އަޑެއް އިވިގެން ގޮސް ބަލާލި އިރު ތަޅުންގަނޑު މައްޗަށް އުނދުޅިއެއް ވެއްޓިފައި އޮތެވެ. އެއީ ދެން މާބޮޑުކަމަކަށް ނުހަދައި އޭނާގޮސް އޭތި ނެގިއެވެ. ނަމަވެސް އެރޭ ފަހުން އެތައްއިރަކު އޭނާއަށް އެކަމާ ވިސްނަން އިނދެވުނެވެ. އަނެއްކާ ޒައިނަބްގެ ދުވަސް ދުއްވާލަން ހެދި ސިހުރުގެ ތެރެއަށް ނޭނގި ނަމަވެސް މަރިޔަމްވެސް ވަނީ ބާއެވެ. އެކަމުގެ އަސަރު މަރިޔަމް އަށްވެސް ކުރަނީ ބާއެވެ. އެ މުޅިރޭ މަރިޔަމްގެ ސިކުނޑީގައި އެކަހަލަ އެކިއެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ.
ނަމަވެސް ޒައިނަބްގެ ދިރިއުޅުމުގައި އޭނާއަށް ކުރިމަތި ވަމުންދާ ހިތާމަ ތަކާމެދު ވިސްނާލާފައި މަރިޔަމް ހިތްހަމަ ޖައްސާލިއެވެ. ކޮންމެފަދަ ކަމަކާ ކުރިމަތި ވިޔަސް ފަހަތަށް ނުޖެހި ޒައިނަބްގެ ދުވަސް ދުއްވާލަން އޭނާ އަޒުމް ކަނޑައެޅިއެވެ.
ޖެހިގެންއައި ހުކުރު ދުވަހު ލޮނުދޫއަށް ދަތުރު ދިއުމަށް އަހުސަލް ރޭވިއެވެ. އާއިލާ އެންމެން ގޮސް މަޖާކޮށްލާ ހެދުމުންވެސް ޒައިނަބް ހިތްހަމަ ޖެހިދާނެކަމަށް ވިސްނައިގެންނެވެ. ނަމަވެސް ޒައިނަބް ދާކަށް ބޭނުމެއް ނުވިއެވެ.
“އެންމެންނާއެކު ގޮސް މޫދަށް އެރިލާ މަޖާ ކޮށްލީމަވެސް ހިތްހަމަ ޖެހޭނެ… މިހާރު އަބަދު ގޭގައެއްނު ތިއިންނަނީ… ހިނގާ ދެން ދާން.. އެންމެން އެއްކޮށް ކުޅެލާ މަޖާ ކޮށްލީމަ ހިތްހަމަ ޖެހޭނެ…”
އެހެން ބުނެ އަހުސަލް ޒައިނަބްގެ ބޮލުގައި ފިރުމާލިއެވެ. ޒައިނަބް އިރުކޮޅަކު ވިސްނަން އިނދެފައި ދަތުރުދާން އެއްބަސްވިއެވެ. އެއީ އަހުސަލް އެވަރަށް އާދޭސް ކުރުމުން ކަމަށްވެސް ވެދާނެއެވެ.
ހުކުރު ދުވަހު ހެނދުނު ހައެއް ޖަހަން އުޅެނިކޮށް ދޯނި ޖެޓީއިން ނައްޓާލިއެވެ. ހެނދުނުގެ ސައި ބުއީ އެންމެން އެކުގައި އެ ދަތުރު މަތީގައެވެ. ދުވަހަކީ ކަނޑުމަޑު މޫސުން ރީތި ދުވަހެކެވެ. މަޑު ދުވެލީގައި ގޮސް ލޮނުދޫގެ ކުޑަ ފާލަމާއި ދޯނި ކައިރިކޮށް ފާލަމުގައި ވާ އެއްސިއެވެ. ދޯނި ތެރޭގައި ކެތް މަދުވެފައި ތިބި ބައެއްކުދިން ލަހެއް ފަހެއް ނުކޮށް މޫދަށް ފުންމާލިއެވެ. ހުރިހާ ބޮޑެތިމީހުން ވެގެން ގެނައި ސާމާނުތައް ގެންގޮސް އަތިރިމަތީގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި ބެހެއްޓިއެވެ. އެއްބަޔަކު ވަލުތެރެއަށް ވަދެ ކައްކަން ދަރު ހޮވަން ފެށިއެވެ. އަނެއްބަޔަކު ގޯނިތައް ހިފައިގެން ކާށި ހޮވަން ވަލުތެރެއަށް ވަނެވެ.
އޭރު ދެތިން އަންހެނަކު ގަސް ދަށުގައި އިށީނދެ ތިބެ މެންދުރަށް ނޫޑުލިސް ކައްކަން އެއްޗެހި ކޮށައި ތައްޔާރު ކުރަނީއެވެ. ޒައިނަބްވެސް އެމީހުންނާއެކު ކެއްކުމަށް ތައްޔާރު ވަމުން ދިޔައެވެ. އޭރު މޫދުތެރޭގައި ކުދިވެރިން މަޖާކޮށް އުޅެއެވެ. އޭރު ހިތްގައިމު މިއުޒިކެއް ފަދައިން އަތިރިމަތީގެ ދޮންވެލިގަނޑު މައްޗަށް ބީއްސަމުންދިޔަ ރާޅުތަކުގެ އަޑު އިވެމުން ދިޔައެވެ. އަދި މަޑުމަޑުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ޒައިނަބްގެ ނުތަނަވަސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނުވިއެވެ.
އޭރު އަހުސަލް އޭނާގެ ބޭބެ ޝާހީންއާއި އެކު، އެދެމީހުން ހޮވި ކާށިތައް ގޯންޏަކަށް އެޅުމުގައި އަވަދިނެތި އުޅެއެވެ. އިރުކޮޅަކުން ޝާހީން އަދި އިތުރު ކާށި ކޮޅެއް ލިބޭތޯ ވަލުތެރެއަށް ވަނެވެ. އަހުސަލްވެސް އޭނާގެ ފަހަތުން ވަލަށް ވަނެވެ. އަހުސަލް ވަލުތެރެއަށް ވަދެގެން ދިޔަތަން ބަލަންއިން ޒައިނަބްގެ ހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވާން ފެށިއެވެ. އޭނާގެ ހިތަށް، ބުނެދޭން ނޭނގޭފަދަ ނުތަނަވަސްކަމެއް ވެރިވިއެވެ. އަހުސަލް ވަލަށް ވަންނަން ދިޔައީ ވަލުތެރެއަށް ވަންނަން ފަސޭހަކުރަން ކަނޑާފައިވާ ހިމަ މަގަކުންނެވެ. އެދިމާލުން ވަލުތެރޭގައި ގަސްތައް ހެދިފައި ވާލެއް ބޯކަމުން އެމަގުން އެތެރެއަށް ބަލާލާއިރު، ގަސްތަކުގެ ތެރެއިން އެދިމާ ފެންނަނީ ވަރަށް އަނދިރިކޮށެވެ.
އެވަގުތު އެދިމާލަށް ބަލަންއިން ޒައިނަބްގެ ލޮލުގައި އަޅައިގަތީ ރުކެއް ދަށުގައި ހުއްޓިހުރި އަންހެނެކެވެ. އެހާ ދުރުން އެމީހާގެ މޫނު ސާފުކޮށް ނުފެނުނަސް އެމީހާ ލާފައިހުރި ހެދުމުން އެއީ ކުރިންވެސް ޒައިނަބަށް ކޮންމެވެސް ތާކުން ފެނިފައިވާ ހެދުމެއްހެން ހީވިއެވެ. ޒައިނަބް ދެލޯ މަރައި ކުޑަކޮށް ދެލޯ އުނގުޅާ ލުމަށްފަހު އަނެއްކާވެސް އެދިމާލަށް ބަލާލިއެވެ. ނަމަވެސް އޭރު، އެތާކު އެމީހާއެއް ނެތެވެ. އެއީ އެދަތުރުގައި އައިސް އުޅޭ މީހެއްތޯ ޔަގީން ކުރުމަށް ޒައިނަބް ތެދުވެގެން އެދިމާލަށް ދިޔައެވެ. އެ ހަނި މަގުގެ ކޮޅަށް ގޮސް އެތެރެއަށް ނުވަދެ ޒައިނަބް ވަށައިގެން ހޯދާލިއެވެ. އެހިސާބުގައި އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެނބުރި ދިއުމަށް ފަސްއެނބުރި ހިނގައިގަތް ވަގުތު ވަލުތެރެއިން މީހަކު ޒައިނަބްއަށް ގޮވާލި އަޑު އިވުނެވެ. އެއީ އަހުސަލްގެ އަޑެވެ. އެއަޑު އިވިފައި ކުއްލިއަކަށް ޒައިނަބް ހުއްޓުން އެރިއެވެ. އަހުސަލްއާއި ޝާހީން ވަލުތެރެއަށް ވަދެގެން ދިޔައީ އަނެއް ދިމާލަށެވެ. ނަމަވެސް އެއަޑު އެއައީ މުޅިން އެހެން ދިމާލަކުންނެވެ.
“ޒައިނަބް… އާދެބަލަ އަވަހަށް މިކޮޅަށް..”
އަނެއްކާވެސް ހަމަ އަހުސަލްގެ އަޑުން ގޮވާލިއެވެ. މިފަހަރު އަވަހަށް އަންނާށޭވެސް ބުންޏެވެ. ޒައިނަބް ޖެހިލުންވެ ހުރެ އެމަގުން އެތެރެއަށް ދާން ވިސްނިއެވެ. ނަމަވެސް އެވަތު ޒައިނަބް ހަނދާންވީ އަހުސަލް އޭނާ ކައިރީގައި އެކަނި ވަލަށް ނުވަންނަން ބުނެފައިވާ ކަމެވެ. އެހެންކަމުން އެނބުރި އަތިރިމަތީގައި ކައްކަން އުޅުނު ގުރޫޕު ކައިރިއަށް ދާން ހިނގައިގަތެވެ. އޭރު ތަންކޮޅެއް ދުރުން، އަތިރިމަތިން އަހުސަލްއާއި ޝާހީން ހިނގާފައި އަންނަތަން ޒައިނަބަށް ފެނުނެވެ. ބިރުންގޮސް އަނގަ ހުޅުވިފައި ހުރެ ފަސް އެނބުރި އެއަޑު އައި ދިމާލަށް އޭނާ ބަލާލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ޒައިނަބް ބިރުންހުރެ އަވަހަށް އަހުސަލްމެން ކައިރިއަށް ދިޔައީއެވެ.
އޭނާ އެވާހަކަ އެއްވެސް މީހަކަށް ކިޔައެއް ނުދެއެވެ. ޒައިނަބާހެދި ދަތުރުގެ މަޖާކަން ގެއްލެން އޭނާ ބޭނުން ނުވީއެވެ. އެދުވަހު ދެން އިތުރަކަށް ޒައިނަބް އެ ދިމާލަކަށް ނުދެއެވެ.
ޒައިނަބްހުރީ އަވަހަށް އެނބުރި ރަށަށްދާން ބޭނުން ވެފައެވެ. އެދުވަހު ފަސްގަޑި ބައިވާން އުޅެނިކޮށް އެމީހުން އެނބުރި ތިނަދޫއަށް ދިޔައެވެ. ޒައިނަބްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ރަށުގެ ޖެޓީ މައްޗަށް ފޭބުމުންނެވެ.
އެރޭ އިރާކޮޅު ޒައިނަބް މެންގެ ގެއަށް މަރިޔަމް ދިޔައެވެ.
“ޒައިނަބް.. މިހާރު ހާދަ ނުފެނެއޭ..”
ގޭތެރެއަށް ވަދެގެން އަންނަމުން މަރިޔަމް ބުންޏެވެ. އޭރު އޭނާގެ އަތުގައި ކޮންމެވެސް ކާއެއްޗެއް އަޅާފައިވާ ކުޑަ ތައްޓެއް އޮތެވެ. އޭރު ސިޓިންރޫމުގެ ސޯފާގައި ޒައިނަބް ނިތްކުރީގައި އަތް އަޅައިގެން އިނެވެ. ލޮނުދޫއިން އައިއްސުރެ އޭނާ އުޅުނީ ބޮލުގައި ރިއްސާ ވަރުންނެވެ.
“ހާދަ ފާޑަކަށް ތީނީ… ބަލިވެތަ ތިއުޅެނީ؟..”
ޒައިނަބް ކައިރީގައި ސޯފާގައި އިށީންނަމުން ވަރަށް ނޭނގޭކަމަށް މަރިޔަމް އަހާލިއެވެ. ޒައިނަބް އޭނާގެ ބޮލުގައި ރިއްސާ ވާހަކައާއި ބިރުވެރި ހުވަފެން ފެންނަ ވާހަކަ ކުރު ގޮތަކަށް މަރިޔަމްއަށް ކިޔާދިނެވެ. މަރިޔަމް ވަރަށް ސަމާލުކަން ދީގެން އެވާހަކަ އަޑުއަހަން އިނެވެ.
“ތި ވެދާނެތަ މީހެއްގެ އެސްފީނާ އަކަށް… ނޫނީ ވެދާނެތަ ސިހުރެއް ކަހަލަ ކަމަކަށް؟..”
މަރިޔަމް ވަރަށް އާދައިގެ ގޮތަކަށް އެހެން ބުނި ނަމަވެސް އެސުވާލު އިވިފައި ޒައިނަބް ދިޔައީ ސިއްސައިގެންނެވެ. އެގޭ ބަދިގެ ބިއްދޮށުން ވެލިގަނޑު މަތިން ފެނުން ތަނުގެ ވާހަކަ އާއި ލޮނުދޫއިން ޒައިނަބްއަށް ދިމާވި ކަންތަކެއްވެސް އޭނާ މަރިޔަމް އަކަށް ކިޔައެއް ނުދެއެވެ. ވީއިރު މަރިޔަމް އެހެން ބުނުމުން ޒައިނަބަށް ވިސްނާލެވުނެވެ. ޒައިނަބްގެ ދިރިއުޅުމުގައި ހިނގަމުން މިދާ ކަންކަން މަރިޔަމްއަށް އެނގެނީ ކިހާވަރަކަށް ބާއޭ އޭނާގެ ހިތަށްއެރިއެވެ.
“އަހަރެން އެހެން މިއެހީ އެއީ އަހަރެންވެސް އަޑު އަހަން ސިހުރާ އެސްފީނާގެ ސަބަބުން މީހުންނަށް ކަންކަން ދިމާވާ ވާހަކަ.. އެހެންވެ.”
މަރިޔަމް ހީލަމުން ބުންޏެވެ.
“އާން.. ނޭނގޭ ދޯ… ވެދާނެ ދޯ ހަމަ އެކަހަލަ ކަމަކަށްވެސް…”
ޒައިނަބް ބުންޏެވެ.
“ރުގްޔާ ކުރާ މީހަކަށް ދައްކާލަން ވީނު…”
މަރިޔަމް އެހެންބުނިއިރު ހީވީ އޭނާ އަސްލަށްވެސް ޒައިނަބްއަށް ހަމްދަރުދީ ވެގެން އުޅުނު ހެންނެވެ. ނަމަވެސް މަރިޔަމްގެ ހަސަދަވެރި ހިތުގައި އޮތް އެއްޗެއް ޒައިނަބަކަށް ނޭނގެއެވެ.
އިރުކޮޅަކު އިނުމަށްފަހު މަރިޔަމް ނިކުމެގެން ދިއުމުން ޒައިނަބް މަރިޔަމް ބުނި އެއްޗާ މެދު ވިސްނާލަން އިނެވެ. ބައެއްފަހަރު މަރިޔަމް އެހެން މީހުންނާ ތަފާތުކޮށް ޒައިނަބު ދިމާލަށް ބަލައޭ ހިތައް އެރިއެވެ. އަދި ހުވަފެނުގައި އަބަދު މަރިޔަމް ފެންނާތީ އެކަމާވެސް ވިސްނާލެވުނެވެ. އަނެއްކާ މަރިޔަމް އެބުނިހެން މިއީ އެސްފީނާ، ނޫނީ ސިހުރެއްގެ ކަމަކަށް ވެދާނެ ބާއެވެ؟.. އަނެއްކާ އެކަންކުރީ މަރިޔަމް ބާއެވެ.؟… ޒައިނަބްގެ ހިތުގައި އެތަކެއް ސުވާލެއް ގިނަވާން ފެށިއެވެ.
ނަމަވެސް މީހުންނާ ދޭތެރޭ އެހާ ގޯސްކޮށް ވިސްނަން ނުވާނެކަމަށް ޒައިނަބް އޭނާގެ ހިތަށް ވިސްނާ ދިނެވެ. އޭނާ އެއްވެސް މީހަކަށް އެކަހަލަ ޝައްކެއް ކުރާކަށް ބޭނުމެއް ނޫނެވެ. ޒައިނަބްއަކީ އެއަށް ވުރެ މީހުންނަށް ހިތް ސާފު ހެޔޮ މީހެކެވެ. ޑޮކްޓަރަށް ދައްކާ އިތުރު ޓެސްޓުތައް ހަދައި، ޝިފާ ދެއްވުމަށް އެދި އިތުރަށް ﷲ ގެ ޙަޒުރަތުން ދުޢާ ކުރުމަށް ޒައިނަބް އަޒުމް ކަނޑައެޅިއެވެ.
އެރޭވެސް ނިދާފައި އޮއްވާ ޒައިނަބްއަށް ހުވަފެނެއް ފެނުނެވެ. މިރޭ ފެނުނީ ލޮނުދޫއެއް ނޫނެވެ. މިރޭ ފެނުނީ ޒައިނަބްގެ ގެއެވެ. ސިޓިންރޫމުގެ ތެރެއިން ވަދެގެން އޭނާގެ ކޮޓަރިއާ ދިމާލަށް ދާއިރު ކޮރިޑޯގައި ހުންނަ ހުސްޖާގައެވެ. ގޭގެ ހުރިހާ ދޮރެއް ލައްޕާފައި ވާއިރު މުޅި ގޭތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އޭރު ކޮރިޑޯގެ އެއްކޮޅުގައި ވަރަށްދިގު ހިޔަންޏެއް ކަހަލަ އެއްޗެއް ހުއްޓިގެން ހުއްޓެވެ. އޭތި މަޑުމަޑުން ޒައިނަބްއާއި ދިމާލަށް އަންނަން ފެށުމުން ޒައިނަބް ދުއްވައި ގަނެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. އެހިޔަނި ޒައިނަބްގެ މޫނާއި ވަރަށް ކައިރިއަށް އައިސް ހުއްޓުނެވެ. އޭރުވެސް އޭތީގެ މޫނުގެ ސިފައެއް މާބޮޑަކަށް ނުފެނުނެވެ.
“މިކަން ފެށުނީ އޭނާ މިކަމަށް އެދި ހުޅުވާލި ދޮރެއްގެ ސަބަބުން… ދެން ކަލޭ ޖެހޭނީ މިހުރިހާ ކަމަކަށް ކެތްކުރަން… އެނޫން ގޮތެއް ނެތް…”
އޭތި ޒައިނަބްގެ މޫނާ ދިމާލަށް ގުދުވަމުން ބުންޏެވެ. އެއަޑު ހީވަނީ އިންސާނެއްގެ އަޑު ހެންނެވެ.
ޒައިނަބްއަށް ސިހިފައި ހޭލެވުނެވެ. ދެލޯ ބޮޑުކޮށްފައި ކައިރީގައި އޮތް އަހުސަލްއަށް އޭނާ ބަލާލިއެވެ. އޭރު އަހުސަލް އޮތީ ގަދަ ނިދީގައެވެ.
ޒައިނަބް އަހުސަލްއަށް ގޮވަން މަސައްކަތް ކުރިނަމަވެސް އޭނާގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. މީހާ އޮތީ ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. ދެލޮލުގެ ކަޅި ފިޔަފައި އިތުރު އެއްވެސް ގުނަވަނެއް ހަރަކާތެއް ނުކުރިއެވެ. އެވަގުތު ޒައިނަބްގެ ކޮލުގައި ވަރަށް ފިނި އެއްޗެއް ޖެހުނު އިހުސާސް އޭނާއަށް ކުރެވުނެވެ. އެވަގުތު ތެޅި ގަންނަން ކުރި މަސައްކަތުން ކުއްލިއަކަށް ޒައިނަބަށް އިށީނދެވުނެވެ. އޭރު ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެމުން ޒައިނަބް ކުރުސި ކިޔަން ފެށިއެވެ. އަދި ހިތުން ކިޔަން އެނގޭ ޤުރުއާނުގެ ބައެއް ސޫރަތް ތައްވެސް ކިޔަންފެށިއެވެ. އޭރު ފަތިސް ނަމާދުގެ ބަންގި ގޮވަން ބާކީ އޮތީ ގަޑިއެއް ހާއިރެވެ.
އަނެއްކޮޅުން މަރިޔަމްވެސް އޭނާގެ ގޭގައި ބިރުން ނުނިދާ އިނެވެ. އެނދުގެ ހެޑު ބޯޑުގައި ލައްވެގެން އިށީނދެ އިންއިރު މަރިޔަމް ބިރުން ތުރުތުރު ލަނީއެވެ. ކޮޓަރީގައިވާ އަނދިރީގެ ތެރޭގައި ދޮރާ ދިމާލަށް ކަޅި ހުއްޓާލައިގެން އިންއިރު މަރިޔަމް އިނީ އޭނާއަށް ކުރެވުނު ކަންތަކާމެދު މޮޔަ ހީވެފައެވެ. ކުރެވުނު ކަންތަކުގެ ބޮޑުކަމާއި ނުރައްކާތެރިކަން އިހުސާސް ވެފައެވެ. އެކަމުގެ ސަބަބުން ޒައިނަބެކޭ އެއްފަދައިން އޭނާވެސް އެވަނީ ރޭގަނޑުގެ ނިދިން މަހުރޫމު ވެފައެވެ…
…ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (5)
Comments are closed.
love this when next
Hey Liya. Will upload each episode in every 3 or 4 days. ☺️ Hope u will enjoy this story also 🤗🤍
mariyam annoys me so much adhi huriha kameh koffa eba foni ve ennu i hope she gets what she deserves the story is awesome
Hello Reader ☺️ thank you for dropping a comment. Glad to know you are enjoying this story. You are right hama Mariyam is v annoying nulafa meeheh dho hehe. Lets see if she gets what she deserves. ☺️😁
mariyam annoys me so much adhi huriha kameh koffa eba foni ve ennu i hope she gets what she deserves