Skip to content
އެސްފިޔަ

ޒައިނަބް – 3

Listen to this story Audio · 16:40 Powered by Esfiya Voice
0:00 16:40

އެކަންތައް ގަނޑުގެ ތެރޭގައި ޒައިނަބް އުޅޭތާ މަސްދުވަސް ފާއިތުވެގެން ދިޔައިރު އޭނާގެ ދިރިއުޅުމުގެ ކަންކަން ހަމަ އެއްކޮށް ކަހަލަގޮތަކަށް ބަދަލު ވެއްޖެއެވެ. އޭނާއަށް ކުރިމަތި ވެފައިވާ ގޮތްނޭގޭ ބަލިމަޑުކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ހަމަނިދި ނުލިބި ރަނގަށް ނުކެއުމުގެ ސަބަބުން ޒައިނަބްގެ މޫނުމަތި ވަނީ އެއްކޮށް މިލާ މޯޅި ވެފައެވެ. ގިނަ ފަހަރު ގައިގައި ވަރު ނުހުންނާތީ ގޭތެރޭގެ މަސައްކަތް ތަކުގައިވެސް ނޫޅެވެއެވެ. އަބަދު ކަހަލަ ގޮތަކަށް އޮށޯވެގެން އޮތުން އާންމު ވެއްޖެއެވެ. ދުވާލަކަސް ރޭގަނޑަކަސް މީހާ ހުންނަނީ ބިރުވެރި ކަމެއްގެ ތެރޭގައި ސިހި ސިހިއެވެ.

މިހާރަކަށް އައިސް ގިނަފަހަރު ކައްކާ ހަދަނީވެސް އަހުސަލްއެވެ. ޒައިނަބްއަށް ނުނިދި ހޭލާއުޅޭ ރެއެއް ނަމަ އަހުސަލްވެސް ޒައިނަބް ކައިރީގައި ހޭލާ އިނދެއެވެ. ދުވަހެއް ދުވަހަކަށް އަހުސަލްވެސް ދިޔައީ ވަރުބަލި ވަމުންނެވެ. އަދި ޒައިނަބެކޭ އެއްގޮތަށް އަހުސަލްގެ ހިތުގައިވެސް އަބަދުވެސް ބިރުވެރިކަން ނުފިލާ ހުރެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަށް ކިތަންމެ ރެއަކު ޒައިނަބް ހަޅޭލަވަމުން ހޭލާތަން ފެނެއެވެ. ނުވިތާކަށް އެނދުގެ ދަށުން ޓަކިޖެހި އަޑުވެސް އަހުސަލް އަށްވެސް ވަނީ އިވިފައެވެ.

ފާއިތުވެދިޔަ މަސްދުވަހުގެ ތެރޭގައި ދެތިން ފަހަރަކު ޒައިނަބް ޑޮކްޓަރަށްވެސް ދެއްކިއެވެ. އަދި ބައެއް ޓެސްޓުތައްވެސް ހެދިއެވެ. ނަމަވެސް އަދިވެސް ޒައިނަބްގެ ބައްޔަކީ ކޮބާކަމެއް ޑޮކްޓަރަކަށްވެސް ނޭނގެއެވެ. މިހާތަނަށް ހެދުނު ޓެސްޓުތަކުން ޒައިނަބްގެ ގައިގައި ބައްޔެއް ހުރިކަމަށްވެސް ނުވިއެވެ.

ޑޮކްޓަރަށް ދައްކަން ގޮސްފައި އައި ދުވަހެކެވެ. އަހުސަލްއާއި ޒައިނަބް މެންދުރުގެ ކެއުމަށްފަހު އެކި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާލަން ކާމޭޒު ކައިރީގައި ތިއްބެވެ.

“ކީކޭ ޑޮކްޓަރު ބުނީ؟..”

ޒައިނަބް އެހިއެވެ.

“ސީދާ ވަކި އެއްޗެއް ނުބުނޭ.. ބުނީ އަދިވެސް ބައެއް ޓެސްޓުތައް ހަދަން ޖެހިދާނެއޭ..”

އަހުސަލް ޖަވާބުދިނެވެ.

“ކިހާ ދުވަހަކު އަހަރެން މިހެން އުޅެން ޖެހޭނެބާ!!.. އަބަދު ޑޮކްޓަރަށް ގޮސް ޓެސްޓުތައް ހަދާ.. މިހެން ކިހާދުވަހަކު އުޅެން ޖެހޭނެ… އެމީހުން ނަކަށްވެސް މިވާގޮތެއް ނޭނގެއެއްނު…”

ޒައިނަބް ދެރަވެލާފައި ޝަކުވާކޮށްލިއެވެ..

“ކެތްތެރިވޭ ޒައިނަބް… ޒައިނަބްއަށް ތިވާ ކަންކަމުގެ ހަގީގަތް އެނގެންދެން ހަމަ ޑޮކްޓަރަށް ގޮސް، ހަދަންޖެހޭ ޓެސްޓު ތައްވެސް ހަދާނީ… އިންޝާ ﷲ އަދި ރަނގަޅުވާނެ..”

އަހުސަލް ހިތްވަރު އެލުވާ ލާކަށް ބޭނުމެއް ނޫނެވެ. އޭނާ މަސައްކަތްކުރީ ޒައިނަބަށް ވިސްނައިދޭށެވެ.

ދެލޯ ފެންކަޅި ވެފައި އިނދެ ޒައިނަބް ބޯޖަހާލިއެވެ.

އަހުސަލް ފަދަ ހެޔޮ ފިރިއެއް ލިބުންއެއީ އޭނާއަށް ލިބުނު ބޮޑު ނަސީބޭ ހިތަށްއެރިއެވެ. މިފަދަ ދަތި ހާލުގައިވެސް ވަރުގަދަ ތަނބެއްހެން އަހުސަލް އޭނާގެ ކައިރީގައި ހުރީތީ ހިތާ ހިތުން ﷲ އަށް ހަމްދު ކުރެވުނެވެ.

އެދުވަހު ހަވީރު އަހުސަލް ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލަން ފިހާރައަށް ދިއުމުން ޒައިނަބް ސިޓިންރޫމުގައި ހިއްކަން އަޅާފައިވާ ހެދުން ތައް ނަގައި ފަތްޖަހަން ފެށިއެވެ. އެއީ ރަށުގެ ގިނަކުދިން ކުޅެލަން ނިކުމެއުޅޭ ވަގުތު ކަމުން މަގުމަތިން ކުޑަކުދިންތައް ކުޅެ މަޖާކުރާ އަޑު ދޭތެރެއަކުން އިވެއެވެ.

ކުއްލިއަކަށް ގޭތެރެއިން ބާރަށް ދޮރެއް ލެއްޕުުނު އަޑު އިވުނެވެ. އެގޭގައި ހުންނަނީ ޖުމުލަ ތިން ކޮޓަރިއެވެ. ގޭގައި ދިރިއުޅެ ޒައިނަބްއާއި އަހުސަލް އެކަނި ނަމަވެސް އެދެމަފިރިން އެގެ ހަދާފައިވަނީ ވަރަށް ފުރިހަމައަށް ރީތިކޮށެވެ. އިތުރަށް ހުންނަ ދެކޮޓަރި ޒައިނަބް އަބަދުވެސް ބަހައްޓަނީ ތަޅުލާފައެވެ. ވީއިރު އެވާނީ އެދެމީހުން ނިދާ ކޮޓަރީގެ ދޮރު ލެއްޕުން އަޑަށް ތާއެވެ. ނަމަވެސް ޒައިނަބް ސިޓިންރޫމަށް ނިކުތްއިރު ކޮޓަރީގެ ދޮރު ލެއްޕި ހަނދާން އެބަހުއްޓެވެ. ޒައިނަބް ބިރުންހުރެ މަޑުމަޑުންގޮސް ބަލާލިއެވެ. އޭރު ކޮޓަރީގެ ދޮރު ހުރީ ލައްޕާ ފައެވެ. ޒައިނަބް މަޑުމަޑުން ތަޅުގައި ހިފައި ދޮރު ހުޅުވާލިއެވެ.

ކޮޓަރި ތެރެއަކުން ތަފާތު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ކަބަޑުތަކާއި އަލަމާރީގެ ދޮރުތައްވެސް ހުރީ ލައްޕާފައެވެ. ކުޑަދޮރުވެސް ހުރީ ލައްޕާ ދޮރު ފޮތިގަނޑުވެސް ދަމާފައެވެ. ނަމަވެސް ކޮޓަރިތެރޭގައި ތަފާތު ވަހެއް ހުރިކަން ޒައިނަބަށް ފާހަގަ ވިއެވެ. ހީވާ ގޮތުން އެއީ ތެތް އެއްޗަކުން ދުވާ ފަދަ ތަތްމުޑުވަސް ކަހަލަ ވަހެކެވެ. ޒައިނަބް ގޮސް ފާޚާނާ ތެރެވެސް ބެލިއެވެ. އޭނާއަކަށް އެއްވެސް އެއްޗެއް ނުފެނުނެވެ. ކުއްލިއަކަށް ޒައިނަބްގެ ލޮލުގައި އަޅައިގަތީ ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކޮށް ތެޅިލި ތަނެވެ. ނަމަވެސް އެދޮރު ހުރީ ރީތިކޮށް ލައްޕާފައެވެ. އަދި ކޮޓަރީގެ ފަންކާވެސް އޭސީވެސް އެވަގުތު ނިއްވާފައި ހުރުމުން އެހެން އެ ފޮތިގަނޑު ތެޅެންވީ ކީއްވެބާއެވެ؟.. . ޒައިނަބް އަވަހަށް ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު ސިޓިންރޫމަށް ނިކުތެވެ. އަދި އެއީ ހީވިގޮތެއް ކަމުގައި ވިސްނުމަށް ފަހު ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

އަހުސަލް ފިހާރައިން އެނބުރި އައުމުން ޒައިނަބް އެވާހަކަ އަހުސަލަކަށް ކިޔައެއް ނުދެއެވެ. ދިމާވި ކުޑަކުޑަ ކަމެއްގެ ސަބަބުން އަނެއްކާ އަހުސަލްގެ ބޯ ގޮއްވާލަން ޒައިނަބް ބޭނުމެއްނެތެވެ. މިހާރުވެސް އަބަދު ކަހަލަ ގޮތަކަށް އަހުސަލް އުޅެންޖެހެނީ ޒައިނަބްގެ ކޮންމެވެސް ކަމެއްގައެވެ.

ޒައިނަބްއާއި އަހުސަލް އެރޭ ތަންކޮޅެއް އަވަހަށް ކައިގެން ނިދަން ވަނެވެ. އެރޭވެސް ގާތްގަނޑަކަށް ދޭއް ޖަހަނިކޮށް ޒައިނަބްއަށް އޭނާގެ މެޔަށްފިތި ނޭވާލާން އުނދަގޫވެގެން ހޭލެވުނެވެ. އަބަދުވެސް ވާހެއް މިރޭވެސް ޒައިނަބު އޮތީ ގުޑި ނުލެވިފައެވެ. އޭރު އަހުސަލް އަނެއްފަރާތަށް އެނބުރި ގަދަނިދީގައި އޮތެވެ. އެވަގުތު އެނދުގެ ފައިލާ ކޮޅުން ހިޔަންޏެއްހެން ހުރި އެއްޗެއް ފާޅުވިއެވެ. އޭތި ކުއްލިއަކަށް ފުންމާފައި ކަހަކަ ގޮތަކަށް އެނދުމައްޗަށް އެރިއެވެ. އޭތި އެނދުމަތީގައި ކޮޅަށްހުރެ ގުދުވެފައި ޒައިނަބްގެ މޫނަށް ބަލާލިއެވެ. ގަތްބިރުން ޒައިނަބްއަށް އިތުރަށް ނޭވާލާން އުނދަގޫވިއެވެ. ކިތަންމެ ބިރުންއޮތް ނަމަވެސް އޭނާއަކަށް ހަމަ އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އެވަގު ހިތުން ޤުރުއާނުގެ ސޫރަތެއް ކިޔެވޭތޯ ޒައިނަބް މަސައްކަތް ފެށިއެވެ. ނަމަވެސް އޭތި އިތުރަށް ގުދުވެ އޭތީގެ މޫނު ޒައިނަބުގެ މޫނާ ވަރަށް ކައިރި ކޮށްލިއެވެ. ޒައިނަބް ހިތުން ކުރުސި ކިޔޭތޯ މަސައްކަތް ކުރާ ކޮންމެ ފަހަރަކު އޭތީގެ މޫނުގެ ސިފަ ބަދަލު ކޮށްލާ ޒައިނަބްގެ ސަމާލުކަން ގެއްލުވާލައެވެ. އެއްފަހަރު ފެނުނީ ޒައިނަބް ނުވެސް ދަންނަ ކޮންމެވެސް އަންހެނެއްގެ މޫނު ހެންނެވެ. ދެން އެސިފަ ބަދަލުވީ ވަރަށް ބިރުވެރި ސިފައަކަށެވެ. ޒައިނަބް ބިރުގަނެފައި ވާވަރު ފެނުމުން އޭތި މަޑުމަޑުން ނުލަފާ ފާޑަކަށް ހޭންފެށިއެވެ. ޒައިނަބް އަދިވެސް މަސައްކައް ކުރަމުން ދިޔައީ ތެދުވެ ވޭތޯއެވެ. ކުއްލިއަކަށް ޒައިނަބަށް ތެޅިގަނެފައި ތެދު ވެވުނެވެ. ޒައިނަބް އަޑުގެ ނެތްތަނަށް ހަޅޭ ލަވައިގަނެ ނިދާފައި އޮތް އަހުސަލްގެ އަތުގައި ހިފައި ތަޅުވައި ގަތެވެ.

“ކިހިނެއްވީ ޒައިނަބް؟..ހަމަ ޖެހިބަލަ..” އަހުސަލް ތެދުވެ ޒައިނަބްގެ ގައިގައި ބައްދާލިއެވެ.

“އަހަރެން ގައިމަތީ އޭތި އޮތީ…. ބިރުވެރި އެއްޗެއް.. އޭތި އޮތީ ގުދުވެގެން އަހަރެންގެ މޫނަށް ބަލަން….”

ޒައިނަބް ބިރުން އިނދެ ކިޔާދިނެވެ.

އަހުސަލްގޮސް ކޮޓަރީގެ ބޮކިތައް ދިއްލާފައި އައިސް ޒައިނަބްގެ ބޮލުގައި ފިރުމާލާފައި ރީތިކޮށް ވީގޮތް ކިޔާދިނުމަށް ބުންޏެވެ. ނަމަވެސް ބިރުން ރޮވޭވަރުން ޒައިނަބަކަށް މާ ތަފްސީލުކޮށް އެވާހަކަ ކިޔައެއް ނުދެވުނެވެ. އަހުސަލް ކޮޓަރިތެރެ އެއްކޮށް ހޯދާ ބެލިއެވެ. އެއްވެސް އެއްވެސް އެއްޗެއް ނެތެވެ. ޒައިނަބް ހަމައަކަށް އެޅެންދެން އަހުސަލް އޭނާގެ އަތުގައި ހިފައިގެން އިނެވެ.

“ޒައިނަބް… ބިރު ނުގަނޭ… އަހަރެން މިހުރީނު..” އަހުސަލް ޒައިނަބް ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ.

އޭރުވެސް ޒައިނަބް އިނީ ބިރުން ކޮޓަރީގެ ދޮރާ ދިމާލަށް ބަލާށެވެ. އޭނާއަށް އެފެނުނު ބިރުވެރި އެތި ކުއްލިއަކަށް ކޮޓަރިއަށް ވަދެގެން އައިސް ދާނެތީއެވެ. އެރޭވެސް ފަތިސް ވަންދެން ޒައިނަބް އިނީ ބިރުން ނިދަން ނުކެރިފައެވެ.

……………

އޭގެ އަނެއްދުވަހު މަރިޔަމް އޭނާގެ ދައްތަގެ ގެއަށް ދިޔައެވެ. ހަމަ ނިދި ނުލިބި އުޅެން ޖެހިފައިވުމުން މަރިޔަމްގެ މޫނު މަތިވެސް ވަނީ ވަރަށްބޮޑަށް މިލާފައެވެ.

“މަރިޔަމް… ކިހިނެއްވެފަ ތިހުރީ؟.. ބަލީތަ؟… ލޯކައިރިވެސް ހާދަ ކަޅުވެފަ ތިހުރީ… ނުނިދެނީތަ؟..”

މަރިޔަމް ފެނުމާއެކު އޭނާގެ ދައްތަ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.

“މިހާރަކަށް އައިސް އެހާ ރަނގަޅަކަށް ނުނިދޭ.”

މަރިޔަމް ޖަވާބު ދިނެވެ.

“ކަންކަމާ މާބޮޑަށް ވިސްނަނީތަ… ބޭކާރު ކަންކަމާ މާބޮޑަށް ވިސްނާތީ ތިހެން ތިވަނީ…”

މަރިޔަމްގެ ދައްތަ ބުންޏެވެ.

މަރިޔަމް އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީ ހީލާފައި އެވާހަކަ ނިންމާލީއެވެ.

މަރިޔަމްގެ މޫނުމަތިންވެސް މިހާރު އޭނާއަށް ނުނިދޭކަން އެހެން މީހުންނަށް ފެންނަން ފެށީތާއެވެ. އޭނާ ހެދި ސިހުރެއް ހެދީ ޒައިނަބްގެ ނިދި ގެއްލުވާލައި މޮޔަކޮށްލާ، އެންމެންނާ ވަކިކޮށްލައި ބާކީ ކޮށްލާށެވެ. ނަމަވެސް މަރިޔަމްއަށް އޭނާ އެހެންމީހަކަށް ހެދި ސިހުރުގެ ސަބަބުން އުނދަގޫ ވާންވީ ކީއްވެ ހެއްޔެވެ؟..

މަރިޔަމް އެކަމާ ވަރަށް ވިސްނިއެވެ. އޭނާ މިހާރު ބޭނުންވަނީ އޭނާއަށް ސިހުރު ހެދުމުގައި އެހީވި މީހާއަށް އޭނާއަށް ވަމުންދާ އުނދަގޫތައް ކިޔާދޭށެވެ. އަނެއްކާ އެސިހުރު ބާރު ކެނޑުނީ ބާއެވެ. ނޫނީ އެކަމުގައި ކަމެއް ގޯސްކޮށް ދިޔައީ ބާއެވެ.

އެސިހުރު ހެދިމީހާ އެންމެ ފުރަތަމަ ދުވަހުވެސް އެކަމުގެ ސަބަބުން ބައެއް ކަންކަމާ ކުރިމަތި ވެދާނެކަމަށް މަރިޔަމް ކައިރީގައި ބުންޏެވެ. ނަމަވެސް މަރިޔަމް އެކަން ކުރަން ބޭނުން ވެފައި ވާލެއް ބޮޑުކަމުން އެއީ ކޮންކޮން ކަމެއްތޯވެސް އެހުމެއްނެތި އެހުރިހާ ކަމަކަށް އެއްބަސްވިއެވެ. މީ އަނެއްކާ މިހުރިހާ ކަމެއްގެ ފެށުން ބާއެވެ؟..

އޭގެ ކުޑަދުވަސްކޮޅެއް ފަހެވެ. ޒައިނަބްއަށް އެއްދުވަހު ތެދުވެ އުޅެވޭނަމަ އަނެއް ދުވަހަކީ ގައިގައި ވަރެއް ނެތިގެން ނޫނީ ބޮލުގައި ރިއްސާވަރުން އޮށޯވެ އޮންނަ ދުވަހެކެވެ. އެގޮތުން ތެދުވެ އުޅެވޭ ވަރުވާ ދުވަހެއްނަމަ އޭނާ އަބަދުވެސް ކޮންމެވެސް ގާތްތިމާގެ މީހެއްގެ ގެއަށް ގޮސްލާ ހަދައެވެ. އެދުވަހު ޒައިނަބް އޭނާގެ ބޮޑުދައިތަގެ ގެއަށް ދިޔައެވެ. އެއީ ޒައިނަބް މެންގެ ގެއާ ވަރަށް ދުރުގައި، ރަށުގެ އަނެއް އަވަށުގައި ހުންނަ ގެއެއް ކަމުން ޒައިނަބް އެގެއަށް ދިޔައީ އޭނާގެ ބައިސްކަލުގައެވެ.

ޒައިނަބްގޮސް އެގެއަށް ވަތްއިރު ބޮޑު ދައިތަ މެންދުރުގެ ކެއުމަށް ތައްޔާރު ކުރަނީއެވެ. އެހެންކަމުން ޒައިނަބް ގޮސް ބޮޑުދައިތައަށް އެކި މަސައްކަތް ތަކުގައި ކުޑަކޮށް އަތްގާތް ކޮށްލައިދީ ހެދިއެވެ. މަސައްކަތުގައި އުޅުނު އިރުވެސް ދޭތެރެއަކުން ޒައިނަބްގެ ބޮލުގައި ރިއްސާލައެވެ. އެކޮންމެ ފަހަރަކު ޒައިނަބް ނިތްކުރީގައި އަތް ހާކާލުމަށްފަހު އަނެއްކާވެސް އޭނާ ކުރަންހުރި ކަމަކަށް އެނބުރި ދަނީއެވެ. ޒައިނަބްގެ ބޮޑުދައިތައަށް އެމަންޒަރު ވަރަށް ރަނގަޅަށް ފެނުނެވެ.

މެންދުރުގެ ކެއުމަށްފަހު ގޭގެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޒައިނަބްއާއި ބޮޑުދައިތަ ތިއްބެވެ.

“ދަރިފުޅާ ޒައިނަބް.. މިހާރު ދަރިފުޅު ހީވަނީ މުޅިން އެހެން މީހެއް ހެން.. މާ ބަލީތަ؟. ބަދިގެ ތެރޭ އުޅުނު އިރު ބޮޑުދައިތައަށް ފާހަގަވި ދަރިފުޅު ދޭތެރެއަކުން ނިއްކުރީގައި އަތް ކާއްތާކަން.. އަދި ފެނުން ދޭތެރެއަކުން ސިހިފަ ފަހަތްބެލި ތަންވެސް…”

ބޮޑުދައިތަ ވަރަށް ލޯބިން އަހާލިއެވެ.

“މިހާރު އަހަންނަކަށް ރަނގަޅަކަށް ނުނިދޭ… އެހެންވެ ބޮލުގަ ނުފިލާ ރިހުމެއް ހުރޭ އަބަދުވެސް..”

ޒައިނަބް ބުންޏެވެ. ޒައިނަބް އެހެން ބުނުމުން ބޮޑުދައިތަ އިރުކޮޅަކު އެއްޗެކޭ ނުބުނެ ވިސްނާލަން އިނެވެ.

“ޑޮކްޓަރަށް ދެއްކީތަ؟..”

ބޮޑުދައިތަ އަހާލިއެވެ.

“އާނ… އެމީހުން އެކި އެކި ޓެސްޓުތަށް ހެދީ.. އެއްވެސް ބައްޔެއް ހުރިކަމަކަށް ނުދައްކަޔޯ ބުނަނީ. އަދިވެސް އިތުރަށް ބަލަން ޓެސްޓުތަކެއް ހަދަން ޖެހެނީ..”

ޒައިނަބް ކިޔާދިނެވެ.

“ރުޤްޔާ ކުރާ މީހަކަށް ދައްކާލައިފިންތަ؟..”

ބޮޑުދައިތަ އެހިއެވެ.

“ނޫން….”

ޒައިނަބް ދިނީ ކުރު ޖަވާބެކެވެ.

“ރުޤްޔާ ކުރާމީހެއް ކައިރިއަށް ދަންޏާ ވަރަށް ރަނގަޅަށް ބަލާތި އެއީ ކޮންކަހަލަ މީހެއްތޯ.. މިޒަމާނުގަ އުޅޭނެ ވަރަށް ފާޑުފާޑުގެ މީހުން.. އެކަހަލަ މީހެއް ކައިރިއަށް ދަންޏާ ވަރަށް ރަނގަޅަށް ބަލަންވާނެ ދީނުގަ އޮންނަ ގޮތަށް އަދި ސުންނަތާ އެއްގޮތަށް އެކަން ކުރާ މީހެއްތޯ… މިހާރު އުޅޭ އެކަމަށް ވަރަށް މޮޅެތި މީހުންވެސް.”

ބޮޑުދައިތަ ކިޔާދިނެވެ.

އެދުވަހު ބޮޑުދައިތަ އަދި އިތުރަށް ރުޤްޔާ އާ ބެހޭގޮތުން ޒައިނަބަށް ނޭނގޭ އެތައް އެއްޗެއް ކިޔާދިނެވެ. އެކަން ކުރާގޮތާއި އެކަމުގެ ފައިދާތަކާ އެއްޗެހިވެސް ކިޔާދިނެވެ. ސިހުރާ އެސްފީނާ އަދި ޖިންނި ޝައިތާނުންގެ ކިބައިންވާ އުނދަގޫތަކަށް ރުޤްޔާ ކުރުމުން ﷲ ގެ ރަޙުމަތުން ޝިފާ ލިބޭ ވާހަކަވެސް ކިޔާދިނެވެ. އެހުރިހާ ވާހަކައެއް ޒައިނަބް ވަރަށް ކަނުލާ އަޑުއެހިއެވެ.

އެދުވަހު ޒައިނަބް ގެއަށްދާން ނިކުތް ވަގުތު ބޮޑުދައިތަ ޒައިނަބުގެ އަތުގައި ހިފާލިއެވެ.

“ދަރިފުޅާ… ތިކަމުގެ ހަގީގަތް އެނގެން ދެންވެސް ވަރަށް ކެތްތެރި ވާތި… ދިރިއުޅުމުގަ ދިމާވާ ކޮންމެ ކަމަކަށްވެސް ވަރަށް ހިތްވަރާއެކު ކުރިމަތި ލާންވާނެ.. ބިރު ކަނޑާލާފަ ހުރިހާ ކަމަކާ ކެރިގެން ކުރިމަތި ލާތި.. އިންސާނާގެ އެންމެ ބޮޑު ހަލާކަކީ ބިރު.. ބިރު ކަނޑާލާފަ ކުރިއަށްދޭ.. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…”

ބޮޑުދައިތަ ޒައިނަބްއަށް އިތުރަށް ހިތްވަރު ދިނެވެ.

ޒައިނަބް އެދުވަހު އެނބުރި ގެއަށްދިޔައީ އާ އަޒުމަކާ އެކުގައެވެ. ބޮޑުދައިތަގެ ބަސްތަކުން މިހުރިހާ ކަމަކާ ކުރިމަތިލާން ޒައިނަބަށް އިތުރު ހިތްވަރެއް ލިބުނެވެ.

އެރޭވެސް ޒައިނަބް ނިދަން ތައްޔާރުވެގެން އެނދުމަތީގައި އިނދެ ހަށި ރައްކަލަށް ކިޔާ ދުޢާތަކާއި ޒިކުރުތައް ކިޔެވެ. އަހުސަލްވެސް އައިސް ޒައިނަބް ކައިރީގައި އިށީނދެ އޭނާއާ އެކުގައި ދުޢާތަކާއި ޒިކުރުތައް އަދި ޝިފާއަށްއެދި ކިޔަވާ ޒިކުރުތައް ކިޔުމުގައި ބައިވެރި ވިއެވެ.

ބާރަށް ދުއާތަކާ ޒިކުރުތައް ކިޔުމުން ޒައިނަބްގެ ހިތަށް ބުނެދޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނެވެ.

އެރޭ ބާރަ ޖަހަނިކޮށް ޒައިނަބާއި އަހުސަލް ނިދަން އޮށޯތެވެ. ދެމީހުންނަށް ރަނގަޅަށް ނުނިދެނީސް ގޭގެ މައިދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވެންފެށިއެވެ. އަހުސަލް ތެދުވެގެން ގޮސް ބޭރު ބަލާލިއެވެ. އޭރު މަގުމަތިން އެއްވެސް މީހެއް ފެންނަން ނެތުމުން ދޮރު ތަޅުލާފައި ގޮސް އަހުސަލް އެނދުގައި އޮށޯތެވެ.

“ކާކު؟..” ޒައިނަބް އެހިއެވެ.

“އެއްވެސް މީހެއް ނެތް..” އަހުސަލް އެހެންބުނެ ލޯމަރާލިއެވެ.

“އެކަމަކު ޓަކި ޖެހި އަޑުއިވުންދޯ ؟..” ޒައިނަބް އެހިއެވެ.

“އާނ… އިވުން.. ދެން އެކަމާ ނުވިސްނާ ހިނގާ ނިދަން..”

އަހުސަލް ބޭނުންވީ އެކަމާ އިތުރަށް ބޯނުގޮއްވާ ނިދާށެވެ. އަދި ޒައިނަބްވެސް އެކަމާ އިތުރަށް ވިސްނާކަށް އަހުސަލް ބޭނުމެއް ނުވިއެވެ.

އަނެއްދުވަހު މެންދުރުފަހު ޒައިނަބާއި އަހުސަލް ރަށުގެ ބަނދަރު މަތީގައި ހުންނަ ބޮޑުފިހާރައަށް ދިޔައެވެ. ގޭތެރެއަށް ބޭނުންވާ ބައެއް ސާމާނުތައް ގަނެލާ ހެދުމަށެވެ. އޭރު ފިހާރަ ތެރޭގައި މަރިޔަމްވެސް ހުއްޓެވެ. ޒައިނަބް ފެނުމުން މަރިޔަމް ޒައިނަބްއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ހިކިގެން ގޮސް ޒައިނަބްގެ ރީތިސިފަ ގެއްލެން ފަށާފައި ވާއިރު އޭނާގެ މޫނުމަތިން ކުރިން ފެންނަ އުފާވެރި ހިނިތުންވުންވެސް ވަނީ ގެއްލިފައެވެ. އެމަންޒަރު ފެނިފައި މަރިޔަމް ވަރަށް ހިތްހަމަ ޖެހުނެވެ.

“މަރިޔަމް..ކިހިނެއްތަ ހާލު؟..” ޒައިނަބް ގޮސް މަރިޔަމްގެ ކައިރިއަށް ހުއްޓި ސަލާމް ކޮށްލަމުން އެހިއެވެ.

“ރަނގަޅު…ޒައިނަބް ކިހިނެއްތަ؟.” މަރިޔަމް އަހާލިއެވެ.

“އެހާ ރަނގަޅެއް ނޫން… އެކަމަކު އިންޝާ ﷲ އަދި ރަނގަޅުވާނެ.. ﷲ ވޮޑިގެން ވަނީ ކެތްތެރިންނާ އެކު..”

ޒައިނަބް ހީލަމުން ބުންޏެވެ.

ޒައިނަބްގެ ޖަވާބު އިވިފައި މަރިޔަމްގެ ހިތުގައިވާ ރުޅިވެރިކަން އިތުރުވިއެވެ. ޒައިނަބްއަށް ވަމުންދާ ކަންކަމަށް އޭނާ ކެތްތެރިވެ ހިތްވަރު ކުރާކަން އެނގުމުން މަރިޔަމް ފޫހިވިއެވެ. އަދި ޒައިނަބްގެ ހިތްހެޔޮ ރާގަށް ބަދަލެއް ނައިސް ކިތަންމެ ވޭނުގައި ނަމަވެސް މީހުންނާއި ހިނިތުންވެފައި ވާހަކަ ދައްކާތީ އެކަމާވެސް ހިތްހަމަ ނުޖެހުނެވެ. ވާނީވެސް އެހެންތާއެވެ. މަރިޔަމްގެ އެދުމަކީ ޒައިނަބް އެހެން މީހުންނާ ދޭތެރޭގައި ބަހައްޓާ ހިތްހެޔޮކަން ބަދަލުވެ، މީހުން އޭނާދެކެ ފޫހިވުމެވެ. ބަލިވެ އުޅެން ޖެހުމުން މީހުންނާ ހިނިތުންވެ އަނގައިން ނުބުނެ މީހުންނާ އެކަހެރިވެ އެކަނި މާއެކަނި ނިމިގެން ދިއުމެވެ.

“ހުރިހާ ކަމެއްވެސް އަދި ރަނގަޅު ވާނެ.”

ހިތުގައިވާ ނަފުރަތު ފޮރުވަމުން މަރިޔަމް ހީލިއެވެ.

“އިންޝާ ﷲ ”

ޒައިނަބް އެހެން ބުނެ ދެންދަނީއޭ ކިޔާފައި އަހުސަލް އަތުގައި ހިފައިގެން ފިހާރައިން ނިކުންނަން ހިނގައިގަތެވެ. މަރިޔަމްވެސް އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ފިހާރައިން ނިކުތެވެ. ޒައިނަބްއާއި އަހުސަލް ގޮސް މަގުކޮޅުން އޮބާލަންދެން މަރިޔަމް އެމީހުންނާ ދިމާލަށް ބަލަންހުއްޓެވެ. އޭރުވެސް މަރިޔަމްގެ ހިތުގައިވާ ނަފްރަތާ ހަސަދަވެރިކަން އުތުރި އަރަމުން ދިޔައެވެ. ޒައިނަބްއާއި އަހުސަލްގެ ދިރިއުޅުން އެއްކޮށް އަނދާ އަޅިއަށް ވުމަކީ މަރިޔަމްގެ ހަޔާތުގެ އެންމެބޮޑު މަގްސަދު ކަމުގައި ވަނީ ވެފައެވެ. އެހިތުގައި ރޯވެފައިވާ ހަސަދައިގެ ހުޅުގަނޑު ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވެ ވަރުގަދަ ވަމުންނެވެ.

އެރޭވެސް ޒައިނަބްއާއި އަހުސަލް ނިދަން އޮށޯތީ ޒިކުރުތައް ކިޔައިގެންނެވެ. ނަމަވެސް އެރޭވެސް ޒައިނަބަށް ނިދީގައި ސްލީޕް ޕެރެލައިޒް ވެގެން ހޭލެވުނެވެ. އޭރު ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެއްކަލަ ކަޅުހިޔަނި ހުއްޓިގެން ހުއްޓެވެ. މިރޭ އޭތި ބަލަންހުރީ ޒައިނަބާއި ދިމާލަކަށް ނޫނެވެ. އޭތި ހުރީ ކުޑަދޮރުގެ ފޮތިގަނޑު ކެހިފައިވާ ދިމާލުން ކޮޓަރީގެ ބޭރަށް އޮންނަ ކޮރިޑޯއަށް ބަލާށެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭތި އަތް ހިތްލުމަށް ފަހު ކޮޓަރީގެ ބޭރުން ކޮރިޑޯއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ހީވާގޮތުން އޭތި ޒައިނަބަށް އެއްޗެއް ދައްކަނީއެވެ. އޭރު ޒައިނަބް އޮތްތަނުން ގުޑިވެސް ނުލެވިފައި އޮތެވެ.

“ޒައިނަބް…”

ކޮޓަރީގެ ބޭރުން މީހަކު ވައިއަޑުން ޒައިނަބަށް ގޮވާލި އަޑު އިވުނެވެ. އެއީ އިތުރު އެހެންމީހެއްގެ އަޑެއް ނޫނެވެ. އެއީ ޒައިނަބްގެ އަމިއްލަ އަޑެވެ. އެއަޑު އިވިފައި ޒައިނަބް އިތުރަށް ބިރުގަތެވެ. ބިރުން ތެޅިތެޅި އޮތް ހިތުގެ ހިނގުން އިތުރަށް އަވަސް ވިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Toyd

    Vx reethi ingey😊💗

    1. Eyesh
      Toyd

      Thank you Toyd 🤍😘

  2. Unkown

    When next part?

    1. Eyesh
      Unkown

      Hopefully withn 3 or 4 days ☺️

  3. Unkown

    Vrh reethi

    1. Eyesh
      Unkown

      Glad you enjoyed this part ☺️🤍

  4. liya

    mi part ves varah reethi hama poor zainab she doesn’t deserve any of this

    1. Eyesh
      liya

      Thank you for the comment Liya 😘 asluves dho zainab is suffering so much 🥺 let’s hope for the best 🫣

  5. HaaRaa

    I’m loving every bit of this story. Mariyam kamala meehun varah Gina v never know

    1. Eyesh
      HaaRaa

      Thank you Haaraa 🤍☺️ asluves ehme kairyga ulheyne mariyam kahala snakes thah v ginain dho hehe. Hope you will like the future episodes too 🫰🏻

Comments are closed.