
ޒާރާ – 48

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – ފަސްވަނަބައި
” އާނ ހިނގާ އަވަހަށް. ” އާދަމް، މޫސާއާއެކު އެގެއިން ނުކުންނަން ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ހަރީރާ އަދި ހައްވާވެސް ހިނގައިގަތެވެ. އެކަމަކު، ހަރީރާއަށް ހިނގެނީ ހައްވާ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށެވެ. ހައްވާ ހުރީ ނަފްސާނީގޮތުން ބޮޑުވަރުވެފައެވެ. އެހެނަސް އޭނާވެސް ކޮންމެހެން އެމީހުންނާއެކު ދާން ބޭނުންވާތީ ހަރީރާ އޭނާ ގޮވައިގެން ނިކުތީއެވެ.
” ޔަލްވީ. ޔަލްވީ. ” މޫސާމެން މީހުން ގޮވައިގެން ނުކުމެ ރަށުުގެ ވަލުހިސާބަށް ގޮސް ގޮވީ ޔަލްވީ ހުރެދާނެ ކަމަށް ލަފާކޮށްފައެވެ. ރަށުގެ ވަލު ތެރެއަށް އެމީހުން ވަދެގެން ދިޔައެވެ. އެހެނަސް އެމީހުންނަށް ޔަލްވީ ފެންނަ ގޮތެއް ނުވިއެވެ. އަދި އެންމެ ކުޑަމިނުން ޔަލްވީގެ އަޑެއް ބަޑެއްވެސް ނީވުނެވެ.
ޔަލްވީ ގެއްލުނު ޚަބަރު ލިބިގެން ރަށުގެ ވަރަށް ގިނަ މީހުން އެކި ތަންތަނަށް އެއްވެފައި އޮތެވެ. އެތާ ހުރެގެން ހަރީރާއަށް ހައްވާ ހިފެހެއްޓެނީ ހަމަ ކިރިޔާއެވެ. ހައްވާ އުޅުނީ ހަރީރާގެ އަތުތެރެއިން ވީއްލެގަނެގެން ގޮސް މޫސާމެންނާއެކީ ވަލަށް ދާށެވެ. ވަލާއި ހިސާބުން ހަރީރާ ހައްވާ ހިފެހެއްޓީއެވެ.
” ހައްވާ. މިގަޑީގަ އަހަރެމެން އަންހެނުންް ގޮސް ވަލަށް ވަންނާކަށް ނުވާނެ. މިހާރު އެހެރަ ހަވީރު ފަސްގަޑިބައިވެ ބޮޑުވީ. އަހަރެން ބުނާބަސްއަހާ ހައްވާ ” ޅަކުއްޖަކަށް ވިސްނައިދޭހެން ހަރީރާ ހައްވާއަށް ވިސްނައިދިނެވެ.
ހައްވާ އެންމެފަހުން ރޮމުންރޮމުން ހުރި ތަނަށް ތިރިވީއެވެ. ވަލާއި ކައިރިއަށް އެއްވެފައި އޮތް ބައެއް އަންހެނުން އައިސް ހައްވާ މަސަލަސްކުރުމުގައި ހަރީރާއަށް އެހީތެރިވެދެމުން ދިޔައެވެ.
” ދެން ހިނގާ ގެއަށް ދާން. އެމީހުން އަންނާނެ. މިތަނުގައި ތިބުމަކީ ރައްކާތެރިގޮތެއް ނޫން. ” ހައްވާ އަތުލަފިކޮށްްގެން ހަރީރާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ހައްވާ ދިޔައީ އެތަނުން ނުދާންވެގެން ބޯހޫރުވާ ގަދަހަދަމުންނެވެ. އެހެނަސް ގާތުގައި ތިބި މީހުން ހައްވާ ހިފެހެއްޓިއެވެ.
” އަހަންނަށް މިހާރު މިތަނަށް ހައްވާ ގޮވައިގެން އާދެވުނު މޮޔަ އެބަ ހިތައްއަރާ. ” އެވަގުތު ހަރީރާއަށް އެހެން ބުނެވުނެވެ. ހަރީރާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
ހައްވާމެންނަށް ގެއާއި ހިސާބަށް ދެވުނުއިރު އެތާ ފުލުހުންގެ ދެއޮފިސަރުން ތިއްބެވެ. ” މިވަރު ކަމެއް ވީއިރު ކީއްވެގެންތޯ އަޅުގަނޑުމެންނަށް އަންގައިނުލީ؟ ” އެތަނުން އޮފިސަރެއްގެ ފުރަތަމަ ސުވާލުވެސް އަމާޒުވީ ހަރީރާއަށެވެ.
ތަންކޮޅެއް މީހުންކޮޅު މަދު، ސައިޒުން ބޮޑު އެރަށުގައި އަދި އެއްވެސް ފުލުހުންގެ އިދާރާ ނުވަތަ ޕޮލިސް ސްޓޭޝަނެއް ނުހުރެއެވެ. ޕޮލިހުން އައީ ޖެހިގެން އޮތް ރަށުންނެވެ.
ޔަލްވީމެންގެ ރަށަކީ އެކަހަލަ ރަށެކެވެ. މީހުން މަދު ރަށެކެވެ. ރަށުގެ އެއްފަރާތުގައި އޮންނަނީ ވަލެވެ. މީހުން ދިރިއުޅެނީ އަނެއްފަރާތުގައެވެ. ރަށަކީ ގެސްޓްހައުސް ވިޔަފާރި އޮންނަ ރަށެއްކަމުން ރަށުގައި ގިނައިން އޮންނަނީ ގެސްޓްހައުސް ތަކެވެ. އެގެސްޓްހައުސްތަކުގައި އުޅޭ ބައެއް ގެސްޓުންތައްވެސް ވާނުވާ ނޭނގިގެން މަގުމަތީގައި ތިއްބެވެ.
ފުލުސް އޮފިސަރުގެ ސުވާލަކަށް ހަރީރާއަކަށް ޖަވާބެއް ނުދެވުނެވެ. އެހެންކަމުން ފުލުސް އޮފިސަރު އޭނާގެ ވާހަކަކުރިއަށް ގެންދިޔައެވެ. ” އަޅުގަނޑުމެން މިހާރު ގޭގެ ބަލަންފައްޓަން މިއުޅެނީ. ގެސްޓްހައުސްތައްވެސް ބަލާނަން. އެކުއްޖާގެ މަޢުލޫމާތު ފޮޓޯއަކާއެކު އަޅުގަނޑުމެންނަށް ދިނުންއެދެން. ”
” ހައްވާ. ހައްވާ. ” ތަނަކު ޖެހިބުދެއްހެން ހުރި ހައްވާ އެވަގުތު ހަރީރާ ތަޅުވައިގަތެވެ. ހައްވާއަށް ހޭވެރިކަންވީ އެގޮތަށް ތިންފަހަރު ހަރީރާ ހައްވާ ތަޅުވައިގަތުމުންނެވެ. ” ޔަލްވީގެ ފޮޓޯއެއްދޭށޯ. ކޮބާ ޔަލްވީގެ އައިޑީކާޑު؟ ” ހައްވާއާ ދިމާއަށް ބަލަންހުރެ ހަރީރާ ވާހަކަދެއްކިއެވެ.
ދެން ކުއްލިއަކަށް ފެނުނީ ހައްވާ ދުވަމުން ދުވަމުން ގޮސް ގެއަށް ވަތްތަނެވެ. ހައްވާ ހުރި ހާލަތު ފެނިގެން ފަހަތުން ހަރީރާއާ ދެންތިބި އަންހެނުންތައް އެގެއަށް ވަނެވެ. ފުލުހުން މަޑުކޮށްލައިގެން ތިބީ އެގޭ ދޮރާށި ކުރިމަތީގައެވެ.
ހައްވާ އެދިޔަ ގޮތަށްގޮސް ވަނީ ޔަލްވީގެ ކޮޓަރިއަށެެވެ. މުޅިމީހާ ހާސްކަމާއެކު އަލަމާރި ހާވަމުން ދިޔައިރު ޕާސްޕޯޓް ފޮޓޯއެއް ފެނުނެވެ. އެނަގައި އެނދުމަތީ ބޭއްވުމަށްފަހު ދެން އަލަމާރި ތިރީގެ ވަތްގަނޑެއް ހުޅުވާލުމުން ޔަލްވީގެ ޕާސްޕޯޓާއި އައިޑީކާޑް ފެނުނެވެ. އެއެއްޗެހި އެނދުމައްޗަށް އެޅުމަށްފަހު ހިންދެމިލީތަނާ ކޮޓަރި ދޮރުކުރިމަތީގައި ހުރި ހަރީރާ ފެނުނެވެ. އިޝާރާތުން ހަރީރާއަށް އެއެއްޗިހި ހައްވާ ދައްކާލިއެވެ.
ހަރީރާ ގޮސް އެއެއްޗެހި އަތަށް ނަގައި ފުލުސް އޮފިސަރުންނާއި ހަވާލުކުރިއެވެ. ހަވާލުކޮށްފައި ދެން އެނބުރިއައިއިރު ހައްވާ އޮތީ ޚަބަރު ހުސްވެގެން އެނދުގާތަށް ވެއްޓިފައެވެ. ހަރީރާ ހައްވާއަށް ގޮވައިލުމާއެކު ދެން ގޮވައިލެވުނީ މީހެކޭ މީހެކޭ މިހެންނެވެ. އެހެންބުނާއިރަށް ގޭތެރޭ ތިބި އަންހެނުންނާއި ފުލުހުންގެ އޮފިސަރުންނަށް އަޑުއިވިގެން އެކޮޓަރި ތެރެއަށް ވަދެގަތެވެ.
ހައްވާ ސިއްހީ މަރުކަޒަށް ގެންދިއުމުގެ މަސައްކަތްވެސް ފެށުނެވެ. އާދަމްއާ މޫސާއަށް އެގެއަށް އާދެވުނީ އެވަގުތުއެވެ.
ހަރީރާ ހަމަ ފެނުމާއެކު އާދަމް ވާހަކަ ފެށިއެވެ. ” އެމަންޖެއެއް ނުފެނުން. މުޅިވަލުތެރެ ބަލާފައި އަހަރެމެން މިއައީ. ހިޔެއް ނުވޭ ޔަލްވީ ވަލަށް ވަންނާނެ ހެންނެއް. ޔަލްވީ ވަރަށް ގަޔާ ނުވާތަނެއް ވަލަކީ. ” އާދަމް އެހެންބުނިއިރު އަދި ގޭތެރޭވެގެން އުޅޭ ގޮތެއް އާދަމްއަކަށް ރަނގަޅަކަށް ނޭނގެއެވެ. އޭރު އިޝާ ނަމާދަށް ބަންގިވެސް ގޮވައިފިއެވެ.
” ހައްވާ އަށް ވަރަށް ދެރަގޮތެއް ވެއްޖެ. މިއުޅެނީ ސިއްހީ މަރުކަޒަށް ގެންދަން. ” ހަރީރާއަށް ފެށުނީ އެހެންވާހަކައެކެވެ. ހަރީރާއަށް ބުނެވުނީވެސް އެވަރަށެވެ.
” ހައްވާ އަށް ކިހިނެއްވީ؟ ” މޫސާ އެހިއެވެ. ލަހެއްފަހެއްނެތި އޭރު އާދަމް ހައްވާ ހޯދަނީއެވެ. އެވަގުތުވީ ސިއްހީ މަރުކަޒުގައި އޮންނަ އެމްބިއުލާންސް އެގެ ކައިރިއަށް މަޑުކޮށްލި ވަގުތަކަށެވެ.
އޭގެއިން ފައިބައިގެން އައި ދެމީހުން ބޮޑު ސްޓްރެޗަރ ނުވަތަ އެމެޖެންސީގައި ބަލިމީހާ ލާ ވަގުތީ އެނދެއް ހިފައިގެން އަންނަތަން އާދަމްއަށް ފެނުމުން އާދަމް އެމީހުންގެ ފަހަތުން ދިޔައެވެ.
” ހައްވާ ހައްވާ. ” ހައްވާ ބާއްވާފައި އޮތް އެނދުކައިރިއަށް އާދަމް ހުއްޓިހުރެ ހައްވާއަށް ގޮވަމުން ގެންދިޔައެވެ. އެހެންނަމަވެސް ހައްވާއެއް ނުހޭލިއެވެ.
ސްޓްރެޗަރ ހިފައިގެން އައި ދެމީހުން އަވަހަށް ހައްވާ އެއަށްލިއެވެ. ލައިގެން ގެއިން ބޭރަށް ދިއުމަށް ހިނގައިގަތެވެ. ފަހަތުން އާދަމްވެސް ދިޔައެވެ.
******************
ރޮޑްރިކްއަށް ގެއަށް އާދެވުނުއިރު ޔަލްވީ އޮތީ ސޯފާއެއްގައި ނިދާފައެވެ. ރޮޑްރިކް ޔަލްވީ އަތްމައްޗަށް ނަގައިގެން ގެންގޮސް ކޮޓަރިއެއްގެ ތެރޭގައި ހުރި ކިންގް ސައިޒުގެ ބޮޑު އެނދުގައި ބާއްވާލިއެވެ.
ޔަލްވީ އޮތީ ވަރަށް ނިދި އައިސްފައިކަން ރޮޑްރިކްއަށް އެނގުނެވެ. އޭނާވެސް ޔަލްވީ ގާތުގައި އެ އެނދުގައި އޮށޯވެލިއެވެ. އަދި ފުންނަޒަރަކުން ޔަލްވީއަށް ބަލައިލިއެވެ. ރޮޑްރިކްގެ ހިތް ހިތްހަމަޖެހުމުން ފުުރުނެވެ. އޭނާވެސް ޔަލްވީ ގާތުގައި އޮވެ، ނިދުމަށް ލޯމަރައިލިއެވެ.
******************
ހަނގުރާމައިގައި ބަލިވި ވާހަކަ، އާމޯން ގޮސް އިބްލީހަށް ރިޕޯޓްކުރުމުން އިބްލީސް ގާތަށް އައީ ރުޅިއެވެ. އާމޯން އޮތީ ރޮޑްރިކް ގެއްލުނު ވާހަކަ ބުނެފައެވެ.
ރޮޑްރިކް ހުރި ހިސާބެއް ބަލަން އިބްލީސް އުޅުނު ނަމަވެސް ހުރީ ކޮންތާކުކަމެއް ބުނާކަށް ނޭނގުނެވެ. އިބްލީހުގެ ރާޑަރަކަށް ރޮޑްރިކެއް މިފަހަރު ނޭރިއެވެ. އެއީ ކީއްވެގެން ކަމެއް އަސްލު އިބްލީހަކަށް ނޭނގުނެވެ. އެހެނަސް އެއީވެސް ބައެއްފަހަރު، މާތް ﷲ ކަންކަންމެދުވެރިކުރައްވާ ގޮތްގޮތެވެ.
އެމެރިކާއިން ބަލިވެގެން ދިޔަ ޖިންނީންވެސް ދިޔައީ އިބްލީހުގެ ގާތަށެވެ. ރޮޑްރިކްގެ ދަށުން ހުންނަ އިސްކޮމާންޑަރު އޭރުވަނީ މުއުމިނު ޖިންނިންގެ ކަސްތަޅުތަކުގައި ހައްޔަރުވެފައެވެ. އެވާހަކަވެސް އެމީހުންގޮސް އިބްލީހުގެ ގާތުގައި ބުނެލިއެވެ.
” ތިމީހުންނާ ދިމާކުރާކަށް އެހާ ފަސޭހައެއް ނުވާނެ. އެކޮމާންޑަރު ދެން އެމީހުންގެ އަތްމައްޗަށް ދޫކޮށްލާ ” މުއުމިނު ޖިންނިންގެ ވާހަކަ ބުނެފައި އިބްލީސް ބުނީ އެހެންނެވެ.
(ނުނިމޭ)