Skip to content
އެސްފިޔަ

ޒާރާ – 47

Listen to this story Audio · 9:23 Powered by Esfiya Voice
0:00 9:23

ޒާރާ ސީޒަން 3 (ޖިންނީންގެ ވާހަކަ) – 4 ވަނަބައި

ޔަލްވީ ގޮވައިގެން ގޮސް ރޮޑްރިކް މަޑުކޮށްލީ އެމެރިކާގެ ވަރަށް ގަސްބޯ ހިސާބެއްގައިވާ އެންމެ މިޒަމާނުގެ ގެއެއްގެ ކައިރިއަށެވެ. ގެއެކޭ ބުންޏަސް އެއީ އެންމެ މިޒަމާނުގެ ތަނެކެވެ. ހޮލީވުޑް ތަރިން ދިރިއުޅޭ ފަދަ ބޮޑު ލަގްޒަރީ ގެއެކެވެ.

” މިއަދުން ފެށިގެން ތިއީ އަހަރެންގެ އަނބިމީހާ . އަހަރެން މިއީ ޔަލްވީގެ ފިރިމީހާ.. ” އިނގިރޭސި ބަހުން ބުނަމުން ރޮޑްރިކް ޔަލްވީއާ ދިމާއަށް ބަލައިލިއެވެ. އެހެންބުނަމުން ވަރަށް ލޯބިން ޔަލްވީގެ ގައިގައި ރޮޑްރިކް ބައްދާލިއެވެ.

ޖިންނިން އެހެން ބުނީމާ އެއިނދެވުނީ ކަމުގައިވެސް ބުނެވެއެވެ.

ކޮންމެއަކަސް ރޮޑްރިކްގެ އެބައްދާލުންވީ ޔަލްވީއަށް ހިތްހަމަ ޖެހުން ގެނުވި ކަމަށެވެ. އަަބަދުވެސް މީހަކާ އިނުމުގެ ހުވަފެންތައް
ޔަލްވީ ދެކެއެވެ. މަދަރްސާގައި ކިޔެވި ނަމަވެސް މާމޮޅު ނަތީޖާއެއްވެސް ހޯދާކަށް ޔަލްވީ ނޫޅެއެވެ. އޭނާވެސް ބޭނުންވަނީ ހަމަޖެހޭ ދިރިއުޅުމެކެވެ.

ޔަލްވީ ޤަބޫލުކުރާގޮތުގައި މާބޮޑަށް ކިޔެވުމަށް ގޮސް ހުސްވެ އެކަމަށް ދެވި ހިފުމަކީ އެހާ ރަގަޅު ގޮތެއް ނޫނެވެ. އެއީ މީހާއަށް ނަފްސާނީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރުވާކަމެއް ކަމުގައި ޔަލްވީ ދެކެއެވެ.

މަދަރްސާގައި ޔަލްވީ ކިޔަވަން އުޅެނީ ހުރިހާ އެކްޓިވިޓީ އެއްގައިވެސް ބައިވެރިވަމުންނެވެ. ޔަލްވީ ޤަބޫލްކުރަނީ އެއީ މީހާއަށް ލިބޭކުރިއެރުމެއް ކަމުގައެވެ. އެކަމުގައި ޔަލްވީއަށް ޔަލްވީގެ މައިންބަފައިންވެސް ދަނީ އެއްބާރުލުންދެމުންނެވެ.

******************

” މިތަނުގައި ޔަލްވީ ހާސްވާނެ އެއްވެސް ކަމެއް ނޯންނާނެ. ޔަލްވީ ބޭނުން ކޮންމެ އެއްޗެއް، ބޭނުންވާ ކޮންމެކަމެއް ކުރެވެން ހުންނާނެ. ކިޔަވަން ބޭނުންވިއަސް ފޮތް ހުންނާނެ. ކާން ބޭނުންވިއަސް މީރު އެއްޗިހިވެސް ލިބެން ހުންނާނެ. ޔަލްވީއަށްޓަކައި މިއޮތީ ލަގްޒަރީ ލައިފްއެއް. އެއްވެސް ކަމެއްކުރާކަށް ޔަލްވީއަކަށް ނުޖެހޭނެ. ހިތަށް އަރުވާލާއިރަށް ކޮންމެކަމެއްވެސް ވާނެ ” ވާނުވާ ކިޔައިދީ ރޮޑްރިކް ޔަލްވީގެ ހިތްހަމަޖައްސައިދެމުން ގެންދިޔައެވެ.

ޔަލްވީ ހުރީ އާޝޯޚުވެ އަންތަރީސްވެފައެވެ. އަނގައިން އެއްޗެއް ބުނަން އުޅުނު ނަމަވެސް އަޑެއް ބޭރަކަށް ނުކުތެވެ. އެހެނަސް ޔަލްވީ ހުރީ ހިތްހަމަޖެހިފައެވެ.

ޔަލްވީގެ އަތުގައި ހިފައިގެން ރޮޑްރިކް އެގޭގެ ތެރެއަށް ވަނެވެ. އަދި ވަނުމަށްފަހު ޔަލްވީ ގަޔާއި ކައިރިކޮށްލާ ޔަލްވީގެ ތުންފަތުން ދޮނެއްވެސް ނެގިއެވެ. ޔަލްވީ ހުރީ ގުޑިލާންވެސް ނޭނގިފައެވެ. އެކަމާ ރޮޑްރިކް ގާތަށް ހިނިއައެވެ. ރޮޑްރިކް ވަރަށް ލޯބިން ޔަލްވީގެ ބޮލުގައި ފިރުމާލިއެވެ.

ޔަލްވީގެ ގާތުގައި ރޭކުރާނީ އަދި ތަންކޮޅެއް ފަހުން ކަމަށް ރޮޑްރިކް ނިންމިއެވެ. ޔަލްވީގެ ހުރި މަޢުސޫމުކަމާއި ޢުމުރުގެ ޅަކަން ރޮޑްރިކްއަށް ވިސްނޭތީއެވެ.

އިރުކޮޅަކުން އެގެއިން ބޭރަށް ދަމުން ރޮޑްރިކް ދިޔައީ ޔަލްވީއާ މަސައްކަތެއް ހަވާލުކޮށްފައެވެ. އެއީ ޔަލްވީ އެގޭތެރެ ބަލައި ގެ ކަމުދޭތޯ ބެލުމެވެ.

ޔަލްވީއަށް ހަމަ ބިމަށް ރަނގަޅަށް އާދެވުނީ ރޮޑްރިކް ދިއުމުންނެވެ. އޭރު އެގޭތެރެ ވަނީ އަޑުކެނޑި ރަނގަޅަށް ހަމަހިމޭންވެފަ އެވެ.

ޔަލްވީ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ގޭތެރޭގައި ވަނީ އުޖާލާ ކަމެވެ. ހުރިހާ އެއްޗެއްވަނީ ވަރަށް ތަރުތީބުކަމާއިއެކު ޤަވާއިދުން ބެހެއްޓިފައެވެ. ރީތި އާޓްވޯކްތައް ހުރި އެގެއަކީ ބޮޑު ލަގްޒަރީ ޕެންޓްހައުސް އެކެވެ. އެގޭގެ ފުރިހަމަކަމާއި ދޭތެރޭ ޔަލްވީ ބުނާނެ ހަމަ އެކައްޗެއްވެސް ނެތެވެ. ދެވަނަ ފަންގިފިލާއަށް އެެރުމުން ވަރަށް ރީތި ދެ ޕޫލް ވެސް ޔަލްވީއަށް ފެނުނެވެ.

އެވަގުތު ކުއްލިއަކަށް ޔަލްވީގެ ބަނޑުން އަޑު ގޮވަން ފެށިއެވެ. ޔަލްވީ ބަނޑުހައިވީއެވެ. ޔަލްވީގެ ހިތަށް އެރީ ޕިއްޒާއާ ސަބްމެރިން ކާށެވެ.

އެކަމާއި ދޭތެރޭ ވިސްނަން ހުރެފައި ދެން ޔަލްވީއަށް އެއްލުނު ކަޅިއަކުން ފެނުނީ ޕޫލް ކައިރީ ހުރި ވަށްމޭޒެއްގެ މަތީގައި ހުރި ދެތައްޓެއްގައި ޕިއްޒާއާއި ސަބްމެރިން ތައްޔާރުވެފައި ހުއްޓައެވެ.

އެމޭޒު ގާތަށް އައުމުން އެއީ އެންމެ ބޭނުންވާ ވައްތަރުގެ ބީފް ސަބްމެރިންއާ ބީފް ޕިއްޒާކަން ދެނެގަންނާކަށް ޔަލްވީއަކަށް އުނދަގުލެއް ނުވިއެވެ.

ބަނޑުހައިވެފައިވާ މިންވަރު ބޮޑުވެފައިވާތީ ޔަލްވީ އަވަހަށް އެމޭޒު ދޮށުގައި ދެފައި ވައްކޮށްލައިގެން އިށީނދެ ކާންފެށިއެވެ. ކަމުން ދިޔައިރު ޔަލްވީގެ މަންމަ މަތިން ޔަލްވީ ހަނދާންވިއެވެ. އެހެންވެ، ޔަލްވީގެ ލޮލުން ކުޑަކޮށް ކަރުނަ އަންނަގޮތްވިއެވެ. މަންމަ އާއި ބައްޕައަށް ވަދާޢުގެ ސަލާމެއްވެސް ކޮށްނުލައި ވަކިވެގެން އަންނަން ޖެހުމުންނެވެ.

ޔަލްވީގެ މަންމައާއި ބައްޕައަކީ ރަށުގެ އާދައިގެ ޢާއިލާއެއްގެ ދެމީހުންނެވެ. އުޅެމުންދަނީ ވަރަށް އާދައިގެ ރަށްފުށު ދިރިއުޅުމެކެވެ. މާގިނަ ލާރިތަކެއް އެމީހުންނަކަށް ނުލިބެއެވެ. އެހެނަސް، އަބަދުވެސް ޔަލްވީއަށް ރީތި، ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގެ ހުވަފެންތައް އެމީހުންދެކެއެވެ. އެހެންކަމުން މިހާރު ލިބިފައިވާ މި ދިރިއުޅުމާމެދު އެންމެ އުފާވާނީ މައިންބަފައިންކަން ޔަލްވީ ދަނެއެވެ. އެހެންވެ، ޔަލްވީ އަނެއްކާވެސް ހިނިތުންވެލައި ހިތްހަމަޖެހިލިއެވެ.

ޔަލްވީގެ ކިޔެވުމާ ދޭތެރޭ ވެސް ދެން ވިސްނަން ނުޖެހޭނެކަން އެނގުމުން އޭނާ ވަރަށް ހިތްހަމަޖެހުނެވެ. ކިޔަވަނީ ލާރިހޯދައިގެން ވަޒީފާއެއް އަދާކޮށް ހަމަޖެހޭ ދިރިއުޅުމެއް ހޯދާށެވެ. ހިތާ ހިތާ އޭނާ އެހެންކިޔާލިއެވެ.

ޕެންޓް ހައުސް ތެރޭ ހުރި ރީތި، ފުރިހަމަ ބޮޑު ކޮޓަރިއެއް ތެރެއިން ފޮތް ލައިބްރެރީއެއް އޭނާއަށް ވަނީ ފެނިފައެވެ. ޔަލްވީ އެހެންވެ ހިތްހަމަޖައްސާލައި އެވަރުން ފުއްދާލިއެވެ.

*******************

ކަން މިހެން ހިނގަމުން ދިޔައިރު، ރާއްޖޭގައި ހަނގުރާމަގަދަވަމުން ދިޔައެވެ. ބޮމުގެ ހަމަލާއަކަށް ފަހު ދެން ހަނގުރާމަ ކުރެވެން ފެށީ ކަނޑިންނެވެ. މިހަނގުރާމަ ހިނގަމުން ދިޔައިރު ކައިއަސްއަށް އޭނާގެ ދެދަރިންކަމަށްވާ އާމޯން އަދި ދާއޫދް ފެނުނެވެ.

އާމޯންއާ ދިމާއަށް މާބޮޑަށް ބަލާކަށް ކައިއަސްއަކަށް ނުކެރުނެވެ. އާމޯން ހުރީ ވަރަށް ޝައިޠޯނީ ބިރުވެރިކަން ބޮޑު ސިފައެއްގައެވެ. ބޭބެއެއް ބައްޕައެއް ވަކިނުވާ ފަދަ ޙާލުގައެވެ. އިބްލީހުގެ އޯޑަރުތަކަށް ޢަމަލުކުރުމުގައެވެ.

އެހެނަސް، ދަރިފުޅު ދާއޫދް ފެނުމުން ކައިއަސް އުފާވިއެވެ. ދާއޫދްއަށް އައިސްފައިވާ ރަގަޅު ބަދަލުތައް ފެނިފައެވެ. އިސްލާމްދީނަކީ ރިތި، ރަގަޅު ދީނެއްކަން ކައިއަސްއަށް އެނގިގެން ދިޔައެވެ. ކައިއަސްގެ ހިތުގައިވެސް އިސްލާމްދީނުގެ ޝައުގުވެރިކަން އަށަގަންނަން ފެށިއެވެ.

މިހަނގުރާމަ ކުރަމުންދިޔަ ރާއްޖޭގެ މުސްލިމް ޖިންނިން އަތުން ވަރަށް ގިނަ ކާފަރު ޖިންނީން ޤަތުލުވަމުންދިޔައެވެ. ކައިއަސްވެސް ވަރަށް ގިނަ ޖިންނިން ޤަތުލުކުރިއެވެ. އަދި ކައިއަސްގެ ލަޝްކަރުގެ ބައެއް ޖިންނީން ރޮޑްރިކްމެން ދިން ބޮމުގެ ޙަމަލާގައި މަރުވެސްވިއެވެ.

ހަނގުރާމައިގައި އެންމެފަހުން ރާއްޖެ ހިފުމަށް އައި ޖިންނީން ބަލިވެގެން ދިޔައެވެ. ބާކީއަށް ތިބި ޖިންނީން ބަލި ޤަބޫލްކޮށް ރާއްޖެއިން އަނބުރާދިޔައެވެ. އޭގެތެރެއިން އެއްބަޔަކު ކަސްތަޅުތަކެއްގައި ހައްޔަރުވެސް ކުރެވުނެވެ. މިކަންކޮށްދިނީ މުއުމިނު ޖިންނީންނެވެ.

މިހަނގުރާމައިގައި އެރި ޙަމަލާތަކުންނާއި ކަސްތަޅުތަކުން، އިބްލީހުގެ ބޮޑު އެޖެންޓް، އާމޯން ސަލާމަތްވިއެވެ. ހަނގުރާމައިގައި ކާމިޔާބުވާގޮތް ނުވުމުން އޭނާވެސް އަނބުރާ އިސްރާއީލަށް ދިޔައެވެ.

ހަނގުރާމަ ނިމުމުން ކައިއަސް އޭނާގެ ދަރިފުޅު ދާއޫދް ކައިރިއަށް ދިޔައެވެ. އަދި އުފާވެރިކަމާއެކު ދަރިފުޅަށް ގޮވާލާ އިސްލާމްވުމުގެ ޝަޢުގުވެރިކަން ފާޅުކުރިއެވެ.

އެކަން ދާއޫދް ބަލައިގަތީ ވަރަށް އުފަލާއި އެކުގައެވެ. ހިއްތަލަފުއްޓަށް އައުމަށް ބައްޕައަށް ދާއޫދް ދަޢުވަތުދިނެވެ. އަދި ގާތުގައި ތިބި މުސްލިމް ޖިންނީންނާއި މުއުމިނު ޖިންނީންނަށް ބައްޕަ ތަޢާރަފްކޮށްދިނެވެ. އެމީހުންވެސް ކައިއަސްއާ ވާހަކަދައްކާ ރަޙުމަތްތެރިވިއެވެ.

ދާއޫދްގެ މަންމަ ސޯނަމްވެސް، އިސްލާމްކުރުވާނެކަމަށް ކައިއަސް، ދާއޫދް ގާތުގައި ބުނެލިއެވެ. އަދި އެޢާއިލާގެ އެހެންމީހުންނާއި ލަޝްކަރުގެ އެހެންމީހުންނަށްވެސް އިސްލާމްދީނުގެ ދަޢުވަތުދީ އެމީހުންވެސް މުސްލިމް ކުރުވުމުގެ މަސައްކަތްކުރާނެކަމަށް ކައިއަސް ބުންޏެވެ.

ދާއޫދްގެ އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. އަދި އިސްލާމްދީނުގެ ކަންކަން އަވަހަށް އުނގެނުމަށް ހިއްތަލަފުއްޓަށް އައުމަށް ދަތުރު އަވަސްކުރުމަށް ބައްޕަގެ ގާތުން އޭނާ އެދުނެވެ.

ކައިއަސް ބުނީ އެކަމަށް ތައްޔާރުވެލައިގެން ސޯނަމްއާއި އަދިވެސް އެހެންމީހުންނާއެކު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ދާނޭ ކަމުގައެވެ.

********************

” އާދަމް.. އަހަރެމެންގެ ދަރިފުޅު ޔަލްވީ ގެއްލިއްޖެ. މިހާރު ކިތަންމެ އިރެއް ވެއްޖެ ހޯދާތާ. އަހަރެން، އެއްޗިހި ހިއްކަން އަޅަންދާށޭ ބުނީމަ ދިޔަގޮތަށް ނެތް ފެންނާކަށް. އެއްްޗިހިތައް އެބަހުރި އެތާ. މުޅި ގޭތެރެވެސް ބެލިއްޖެ ޔަލްވީ ފެނޭތޯ. ނުބުނެ އެއްވެސް ތަނަކަށް ދާ ކުއްޖެއްނޫނެއްނު ޔަލްވީ އަކީ..” ޔަލްވީގެ މަންމަ ޙައްވާ ހުރީ ވަރަށް ހާސްވެފައެެވެ.

އާދަމްގެ އަތުގައި އޮތް މަސްބާނާ ދޮށި ބިންމައްޗަށް ދޫކޮށްލާފައި ގޭގެ އެކިތަންތަން އާދަމްވެސް ބަލަން ފެށިއެވެ. ގޭތެރޭގައި ހުރި އަލަމާރިތަކާއި އެނޫންވެސް މީހަކު އެންމެ ނުވަންނާނެހެން ހީވާތަންތަންވެސް އާދަމް ބެލިއެވެ. އެހެނަސް ޔަލްވީ ފެންނާކަށް ނެތެވެ.

” ހިނގާބަލަ ޖެހިގެން ހުރި ގެއަށް. ” ހައްވާގެ އަތުގައި ހިފަމުން ދަމާފައި ކަހަލަ ގޮތަކަށް އާދަމް، ޙައްވާ ގެންދިޔައީ ޖެހިގެންހުރި މޫސާމެންގެއަށެވެ.

” އަައްސަލާމު ޢަލައިކުމް ” ދޮރުމައްޗަށް އަރަމުން އާދަމް ސަލާމް ގޮވާލިއެވެ.

” ވަޢަލައިކުމުއްސަލާމް. ވަދޭ އެތެރެއަށް. ” އެތެރެއިން ސަލާމް ބަލައިގަތީ މޫސާގެ އަންހެނުން ހަރީރާއެވެ.

” މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެން. އަހަރެމެންގެ ޔަލްވީ ގެއްލިގެން. ” އާދަމް ހާސްކަމާއެކު ވާހަކަ ފެށިހިސާބުން އެތަނަށް މޫސާވެސް އަތުވެއްޖެއެވެ.

” ޔަލްވީ ގެއްލުނީއޭ؟ އަހަރެން ދެކުނިން އެކަނބުލޮ މިއަދު އެއްޗިހި ހިއްކަން އަޅަން ހުއްޓައި. ” އެތާހުރި ދުފާތަބަކަކުން ފޯއްފޮއްޗެއް މޫސާ ހަފާލިއެވެ.

” އާނ. ނެތް. އަހަރެމެންގެ ދެލޯ ފަދަ ދަރިފުޅު. ” ހައްވާއަށް ރޮއިގަނެވުނެވެ.

” ހިނގާބަލަ ރަށުތެރެބަލާލަން ކުޑަކުޑަކޮށްދޯ. ބަލާފަ ނުފެނިއްޖިއްޔާ ފުލުހަށް ރިޕޯޓްކުރާނީ. އަހަރެންވެސް މިދަނީ މީހުންކޮޅެއް ގޮވައިގެން ރަށުތެރެބަލަން ” މޫސާ ރަގަޅު ޚިޔާލެއް ދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.