Skip to content
އެސްފިޔަ

ހުވަފެން ދެކޭނީ – 5

Listen to this story Audio · 9:03 Powered by Esfiya Voice
0:00 9:03

ރައްޖެއިން ބޭރު ޒުވާނަކަށް ވުމުން، ބަހިއްޔާ މެން ކަޝާން ކުރިމަތީގައި ވަރަށް ހެޔޮކަން ދެއްކިއެވެ. ކަޝާންގެ ކަންކަން ކޮށްދީ ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ޖުވެއިދާ ވެސް، އިނގެރޭސި ބަހުން ކަޝާންއާ ވާހަކަ އަޅުވާލައެވެ. ކަޝާން ވެސް ވަރަށް ވެފައި އެ މީހުންނާ ގުޅެއެވެ.

ކޮޓަރީގައި އޮވެ ނުނިދިގެން އިސްމާއިލް ގޯތިތެރެއަށް ނުކުތީ ތާޒާ ވައިކޮޅެއް ހޯދާށެވެ. ރެއަކީ ސާދަ ވިލޭރޭ ކަމުން މުޅި ސަރަހައްދު ވަނީ ހަނދުވަރުގެ އަލިން ދިއްލިފައެވެ. ހަނދު ވަށައިގެން، ތަރި ތަށް ފިޔަ ޖަހަމުން ގެންދިޔައެވެ. އިސްމާއިލްއަށް ރަނގަޅު މުސްތަގުބަލަކާ މެދު އަލުން އުއްމީދު ކުރެވެން ފެށުނެވެ. އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދައި އޮސްޓްރޭލިޔާއަށް އިންޖީނިއަރިން ކިޔަވަން ދިޔުމުގެ ހުވަފެން އަލުން ދެކެވެން ފެށިއެވެ. ދޮރާށި ހުޅުވުނު އަޑު އިވުމާއެކު، އިސްމާއިލްއަށް ބަލާލެވުނީ އަތުކުރީ އޮތް ގަޑިއަށެވެ. ގަޑިން މެންދަމުން އެކެއް ޖަހަނީއެވެ. އެގަޑީގައި ގޭގެ އެކަކުވެސް ބޭރުގައި ނޫޅޭނެކަން އިސްމާއިލްއަށް ޔަގީނެވެ. ދުރުގައި އޮތް ދަނޑިބުރިއެއް ނަގައިގެން އިސްމާއިލް މަޑުމަޑުން ދޮރާއްޓާ ދިމާއަށް ދިޔައެވެ. ވަގަކަށް ވެއްޖެ ނަމަ އޭނާގެ ކިބައިން މިރެއަކު ސަލާމަތެއް ނުވާނެއެވެ.
ސިއްރު ސިއްރުން ގޭތެރެއާ ދިމާއަށް ދަމުން ދިޔައީ އީވްއެވެ. މުޅި ކުއްޖާ ހުރީ ތެމިފޯވެފައެވެ. ފިނިވެގެން ގޮސް ތުރުތުރު އަޅައެވެ. އިސްމާއިލް ފެނުމުން ސިހިފައި މަޑު ޖެހުނެވެ. އިސްމާއިލްއަށް ވެސް ވީ ހަމައެފަދަ ގޮތެކެވެ. އުޑު މަތީގައި އެންމެ ވިއްސާރަ ވިލާކޮޅެއް ވެސް ނެތް ރެއަކު ތެމި ފޯވެގެން އީވް އިނުމުން ސުވާލުނުކޮށް އިސްމާއިލްއަށް ނުހުރެވުނެވެ. “ހެހެހެ.. މީގެ އިރުކޮޅެއް ކުރިން ބޯކޮށް ވާރޭ ވެހުނޭ…ގޭތެރޭގައި އޮތީމަ އިއްސެއަށް ނޭންގުނީ… އެހާ ގިނައިރަކު ނުވެހޭ.. އޯކޭ އަހަރެން ދަނީ އިނގޭ ވަރަށް ލަސްވެފަ މިހިރީ ބާއި” އީވް ހެދީ ކަނޑައެޅިގެން ދޮގެކެވެ. އީވް އެހާ ބޮޑު ދޮގެއް ހަދަން ޖެހުނު ސަބަބެއް އިސްމާއިލް އަކަށް ނުވިސްނުނެވެ. އޭނާ މުޅިރޭ އެހުންނަނީ ހޭލައެވެ. ވާރޭ ކަނި ޖެހިނަމަވެސް އޭނާއަށް އެނގުނީހެވެ.

މަޑު މަޑުން އީވް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޔާނީ އޮތީ ބޮޑު ގުގުރީގައެވެ. ހަމަޖެހުމުގެ ނޭވައެއް، ދޫކޮށްފައި އީވް ވަނީ ފާޚާނާއަށެވެ. އޭނާ ލައިގެން ހުރި ކަޅު އަބާޔާ ވެސް ބޭލުމެއް ނެތި މާގަނޑު ދަށަށް ވަނެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ބާރަށް ރޮވި ދާނެ ތީވެ އަނގަމަތީގައި އަތް އެޅިއެވެ. ބައި ގަޑި އިރު ވަންދެން ރުއިމަށްފަހު ހުއްޓާލިއެވެ. އޭރު ވެސް ގިސްޖެހެއެވެ. ހެދުމާއި ބުރުގާ ބޭލުމަށްފަހު ފާޚާނާގައި އިން ދޮންނަ މެޝިނަށް ލިއެވެ.

ފެންވަރައި ތާޒާ ވެލައިގެން އީވް ނުކުތް އިރު ހުރީ ތިނެއް ޖަހަން ކައިރިވެފައެވެ. އޭރުވެސް ޔާނީ އޮތީ ގަދަ ނިދީގައެވެ. ގިނަ އިރު ރުއިމުގެ ސަބަބުން އީވްގެ ދެލޯ ވަނީ ދުޅަވެފައެވެ. ބޮލުގައި ރިހުމެއް ވެސް ހުއްޓެވެ. އީވް އެނދުގައި އޮށޯތީ ޕެނެޑޯލް ގުޅައެއް ކައިގެންނެވެ.

ފަތިސް ނަމާދަށް ގޮވިއިރު ވެސް އީވްގެ ލޮލަކަށް ނިންޖެއް ނައެވެ. ޔާނީ ތެދުވުމުގެ ކުރިން އޭނާ ތެދުވެ ނަމާދަށް އެރިއެވެ. ޔާނީ ހޭލީ އޭނާ ނަމާދު ނިންމައިގެން ޛިކުރު ކިޔަން ހުއްޓައެވެ. ޔާނީއާ އީވް ބައްދަލު ކުރީ ހިނިތުންވުމާއެކު އެވެ. މުޅި ރޭ އޭނާ ހޭދަކުރީ ރުއިމުގައި ކަމެއް ނުދައްކައެވެ. އެހެނަސް މިއަދު ސައި ބޯން ބަގީޗާއަށް ނުކުންނަން ދެކޮޅު ހެދިއެވެ. ސުކޫލަށް ދިއުމުގެ ކުރިން ނިދާލަން ބޭނުންކަމަށް ބުނެފައި އޮށޯތެވެ.

ޔާނީ އެކަނި ކޮފީ ބޯން ނުކުތުމުން އީވް ކޮބައިތޯ އިސްމާއިލް ސުވާލުކުރިއެވެ. ސުކޫލަށް ދިއުމުގެ ކުރިން އީވް ބޭނުންވީ ނިދާލަން ކަމަށް ޔާނީ ބުންޏެވެ. އިސްމާއިލްއާ އެއްކޮށް އެކަނި ވަގުތު ކޮޅެއް ހޭދަކުރަން ލިބުމުން ޔާނީގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އިސްމާއިލް ކަމަކާ ވިސްނާހެން ހީވުމުން އެކަމާ ބެހޭ ގޮތުން ސުވާލުކުރަން ބޭނުންވިއެވެ. ޔާނީއަށް އަނގައިން ބަހެއް ބޭރު ނުކުރެވިގެން އުޅެނިކޮށް ކޮފީ ތަށި ހުސްކޮށްފައި ދާން އިސްމާއިލް ހިނގައިގަތެވެ. ޔާނީ ހިތުގައި ޖެހުނެވެ. އީވް ހުރިނަމަ، އީވްއާ ވާހަކަ ދައްކަން އިސްމާއިލް މަޑު ކުރީހެވެ. އޭނާއަށް ވުރެ ބޮޑަށް އިސްމާއިލް ވާހަކަ ދައްކަނީ އީވް އާއެވެ. އީވްއާ ވަހަކަ ދައްކާއިރު، އިސްމާއިލްގެ މޫނު މަތިން ތަފާތުކަމެއް ފެނެއެވެ. އޭނާގެ މިޒާޖު ވެސް، ސަކަ މިޒާޖަކަށް ބަދަލުވެއެވެ. އެކަމަކު ޔާނީއާ އެއްކޮށް އެކަނި ހުންނަ ވަގުތު، ފެންނަނީ ވަރަށް ސީރިއަސްކޮށް ހުންނަތަނެވެ. ގަސްތުގައި ނޫންނަމަވެސް އީވްއާ މެދު ޔާނީގެ ހިތުގައި ހަސަދަވެރި ކަމުގެ ކުރި ލިއެވެ.
އެހެން ދުވަސް ދުވަހާ ޚިލާފަށް، އީވް ފެންނަމުން ދިޔައީ މަޑުމޮޅި ކޮށެވެ. އަނގައިން ބުނަނީ ހަމައެކަނި އޭނާއަށް ސުވާލެއް ކޮށްފިނަމައެވެ. ކަމެއް ވީތޯ ޔާނީ އެހުމުން ބޮލުގައި ރިއްސަނީ ކަމަށް ބުންޏެވެ. އީވްގެ ބަސް ގަބޫލު ކޮށްގެން ޔާނީ އިތުރު ސުވާލެއް ނުކުރެެވެ. އެހެނަސް، އިސްމާއިލްއަށް އެކަން ގަބޫލު ކުރަން ދަތިވިއެވެ. ކޮންމެސް ބޮޑު ކަމެއް ވެއްޖެއޭ އޭނާގެ ހިތް ބުންޏެވެ. އޭނާ މަޑު ކުރީ އީވްއާ އެކަނި ވާހަކަ ދައްކާލަން ފުރުސަތެއް ލިބެން ދެކަށެވެ.
“އީވް..ތެދައް ބުނެބަ..ރޭގަ ކޮންތާކަށް ގޮއްސަ އައީ؟” ޔާނީ ކެންޓީނަށް ދިއުމުން އިސްމާއިލް ސުވާލު ކުރިއެވެ. އޭނާގެ އަޑުން ވެސް ކަންބޮޑުވެފައި ހުރި ވަރު އެނގެއެވެ. އީވް އެއްޗެކޭ ނުބުނެ ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ. އެ ގޮތް އިސްމާއިލްއަށް ކަމަކު ނުދިޔައެވެ. އީވް ދިޔަ ނުދޭންވެގެން އޭނާއަށް ހިފުނީ އީވްގެ އަތުގައެވެ.

ތަނބެއް ފަހަތުގައި މަންޒަރު ބަލަން ހުރި ޔާނީގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އިސްމާއިލް އާއި އީވް އެކަނިކޮށްފައި އޭނާ ތެދުވީ ވެސް ގަސްތުގައެވެ. އިސްމާއިލް އީވްއާ ވާހަކަ ދައްކާތޯ ބަލާށެވެ. އީވް އަތުގައި
، އިސްމާއިލް ހިފުމާއެކު ލޮލަށް ކަރުނަ ޖަމާވިއެވެ. އިތުރަށް މަޑުނުކޮށް އޭނާ ދިޔައީ ހިތަށް ކެއްނުވުމުންނެވެ.

އީވް އަނގައިން މަޑު އާހެއްގެ އަޑު ނުކުތެވެ. އިސްމާއިލް އޭނާ އަތުގައި ހިފީ މަޑުން ކަމުގައި ވިއަސް އަތަށް ވަރަށް ތަދުވިއެވެ. އިސްމާއިލް ވެސް ވަގުތުން އޭނާ އަތުން ދޫކޮށްލައި މާފަށް އެދުނެވެ. އީވް މަޑު މަޑުން ޔުނީފޯމުގެ އަތް ކުޑަކޮށް މައްޗަށް ހިއްލާލިއެވެ. އަތު ހުޅަށް ވުރެ ކުޑަ ތަންކޮޅެއް މަތި ވަނީ އެއްކޮށް ނޫފައި ގަނެފައެވެ. އޭނާއަކީ ހަމުގެ ކުލަ އަލި ކުއްޖަކަށް ވުމުން ވަރަށް ބޮޑަށް އެނގެން ހުއްޓެވެ.
“އީވް ރޭގައި ކިހިނެއް ވީ؟” އިސްމާއިލްއަށް ވެސް، އީވްގެ އަތް ފެނުނެވެ. އޭނާގެ ހިތުގައި އިތުރަށް ސުވާލު އުފެދި، އީވް ސިއްރު ކުރަނީ ކޮންކަމެއްކަން އެނގެން، ކުރިއަށް ވުރެ ބޮޑަށް ބޭނުންވިއެވެ. “ޕްލީޒް އެއްވެސް މީހެއް ގާތު ނުބުނައްޗޭ..އިއްސޭ ތިއީ އަހަންނަށް ހެޔޮ އެދޭ އެކުވެރިއެއް ނަމަ މިއީ ނުފެންނަ ކަމަކަށް ހަދާ” އާދޭހާއިއެކު އީވް އެދުނެވެ. ހަދަންވީ ގޮތެއް ނޭންގި އިސްމާއިލް ބޯ ޖަހައިލިއެވެ. އީވްގެ ފަރާތުން ހަގީގަތް ހޯދަން ބޭނުންނަމަ، އޭނާ ޖެހޭނީ ފުރަތަމަ އީވްގެ އިތުބާރު ހޯދާށެވެ. އެހެންވެ އޭނާއަށް ފެނުނު މަންޒަރުތައް ސިއްރު ކުރަން އިސްމާއިލް ނިންމިއެވެ.

އީވް އާއި އިސްމާއިލްއަށް ވުރެ ކުރީގައި ހުރެ ޔާނީ ހިނގަމުން ގޮސް ގެއަށް ވަނެވެ. އީވް އާއި އިސްމާއިލް ގެއަށް ވަނީ އެކު އެކީހެންނެވެ. އޭރު އެވަން އާއި ކަޝާން ތިބީ ގޯތިތެރޭގައި އެވެ. ކަޝާން ފެނުމުން އީވް ހިނގުން ބާރުކޮށްލިއެވެ.

އިސްމާއިލްއާ ދިމާއަށް ކަޝާން ލޯ އެޅި މަންޒަރު ރީތިކޮށް އޭނާއަށް ފެނުނެވެ. ކަޝާން އޭނާއާ ގަޔާ ނުވާކަން ކޮންމެހެން ސިއްރު ކުރަން އުޅޭހެން ވެސް ހިއެއް ނުވެއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ބަލަނީ ނުރުހުންވެފައެވެ. ނުރުހުމުގެ ލޮލުން އޭނާއަށް މީހަކު ބެލުމަކީ އިސްމާއިލް އަށް، އައު ކަމަކަށް ނުވުމުން އެކަމާ މާ ބޮޑަށް އޭނާ އަޅައެއް ނުލައެވެ. އީވް އާއި ކަޝާންއަށް ނަޒަރެއް ދިނުމަށްފަހު އޭނާ މަޑު ކުރުމެއް ނެތި ގޮސް ގެއަށް ވަނެވެ.

ބަހިއްޔާ އާއި ޖުވެއިދާ ފެންޑާގައި ތިބީ، ބޮޑު ސައްލާއެއް ކުރަންށެވެ. އެ ދެމީހުންނަކީ އެއް އިރެއްގައި ވެސް މާ ގުޅިގެން އުޅޭ ދެ މީހުންނެއް ނޫނެވެ. އެ ގޭގައި ޖުވެއިދާ އުޅޭތީ އަބަދުވެސް ބަހިއްޔާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ޖުވެއިދާ ޅަ އުމުރުގައި މީހަކަ އިނދެ ވަނީ ހުވަފަތް ވެފައެވެ. އޭނާގެ ދަރިއެއް ނެތުމާއެކު، ފިރިމީހާ ނިޔާވީންސުރެ އުޅެނީ އެ ގޭގައެވެ. ބަހިއްޔާގެ ފިރިމީހާ އަލީ ދުނިޔޭގައި ހުރިއިރު، ޖުވެއިދާ ގެއިން ނުނެރުމަށް އޮތީ ވަސިއްޔަތް ކޮށްފައެވެ. އެހެނަސް އެ ގެއިން އެެއް ބައިން ނުދިނުމުން، ޖުވެއިދާގެ ހިތް އެ އާއިލާއަށް ރަނގަޅެއް ނޫނެވެ. މިއަދު ދެ މީހުން އެއްބައި ވެގެން އެ ރާވަނީ އިސްމާއިލް އެ ގެއިން ނެރިލާނެ ގޮތަކާ މެދުގައެވެ.

ހުކުރު ދުވަހު އެންމެން ދަތުރު ދާން ތައްޔާރުވިއެވެ. ދާން ބޭނުން ނުވިއަސް ބައްސާމް ދައުވަތު ދިނުމުން ދެކޮޅު ހަދާކަށް އިސްމާއިލް އަކަށް ނުކެރުނެވެ. ކައިރި ފިނޮޅަކަށް ދާން ފަތިސް ނަމާދު ކުރި ގޮތައް ފުރަން ދިޔައެވެ.
ގަޔަށް ދޫ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ޔާނީ ހުއްޓެވެ. ބޮލުގައި ތޮތްޕެއް އަޅާފައި އިންއިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. ވިޔެފައި އޮތް މުށި ކުލައިގެ އަތް ދަބަހުގައި ، އޭނާ ބޭނުންވާ ސާމާނު ހުއްޓެވެ.
އީވް އިނީ މޫދަށް އެރޭ ހެދުމެއް ލައިގެން އޭގެ މަތިން ކަޅު ޖެކެޓެއް ލައިގެންނެވެ. ކަޅު ކުލައިގެ ޝޯލެއް އަޅައިގެން އޭގެ މަތިން ހުރީ ތޮތްޕެއް އަޅައިގެންނެވެ. ދަތުރު ދާން އުޅޭތީ މާ ބޮޑު އުފާވެރިކަމެއް އޭނާގެ މޫނު މަތިން ފެންނާކަށް ނެތެވެ. އީވް އާއި ޚިލާފަށް އެވަން އާއި އައިވަން ތިބީ ވަރަށް ފޯރި އަރާފައެވެ. ލޯންޗަށް އެއްޗިހި އަރުވަން އެވަން ނުވެފައި އުޅެއެވެ. އުމުރުން ނަވާރު އަހަރުވީ އިރު އޭނާއަށް އަދި ފިނޮޅަކަށް ދެވިފައި ނެތެވެ. އައިވަން ވެސް ތޮއްޕާއި އަވި އައިނު އަޅައިގެން ވަތަށް ވެފައި ހުއްޓެވެ. އެވަންއާ އެކު ކަޝާން ވެސް ދަތުރު ދާން އައިސް ހުއްޓެވެ. އޭނާގެ ނަޒަރު ދޭތެރެއަކުން އީވް އަށް ހުއްޓެމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.