
ހުވަފެން ދެކޭނީ – 4

އުނދަގުލުން އިސްމާއިލްއަށް ލޯ ހުޅުވާލެވުނެވެ. އޭނާއަށް އޮވެވުނީ އޭނާގެ ކޮޓަރިއަކު ނޫނެވެ. އޭނާއަށް ފެންނަމުން ދިޔައީ ހުދު އަލިގަނޑެކެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމުން ފުސްކަން ފިލައިގެން ދިޔައެވެ. އޭނާ އޮތީ ހޮސްޕިޓަލުގައެވެ. އަތުގައި އައިވީ ގުޅާފައި ހުއްޓެވެ. ދުރުން ބަޔަކު މީހުން ވާހަކަ ދައްކާ އަޑުއިވުނެވެ. އިސްމާއިލްއަށް ގޮވާ ލެވުނީ އޭނާގެ މަންމައަށެވެ. އޭނާ ބަލިވެއްޖެނަމަ އަބަދުވެސް އޭނާގެ ޚިދުމަތުގައި މަންމަ ހުރެއެވެ. ކުރުނބާ ފަނި ގެނެސްދީ ތަފާތު ވައްތަރުގެ މޭވާ ގެނެސްދީ ހަދާނެއެވެ. އޭނާ ހޮސްޕިޓަލަށް ގެނައި ކާކުބާއޭ އިސްމާއިލް ހިތަށް އެރިއެވެ.
އެނދު ވަށައިގެން، ދަމާފައި އޮތް ފޮތި ގަނޑު ކަހާލުމަށްފަހު އެތެރެއަށް ވަދެގެން އައީ އެވަން އެވެ. އިސްމާއިލްއަށް ގޮވާލާފައި އޭނާ ކިހިނެއްތޯ އެހިއެވެ. އޭނާ އަތުގައި އޮތް ކޮތަޅު ކައިރީގައި ހުރި ކުޑަ މޭޒު މަތީ ބޭންދިއެވެ. އޭގެ ތެރެއިން ޖޫސް ޕެކެޓެއް ނަގައި ކަނޑާފައި އެ ބޯން އިސްމާއިލް ގާތު ބުންޏެވެ. އެއްވެސް ސުވާލެއް ކުރުމެއް ނެތި އިސްމާއިލް އެ ޕެކެޓު ބޯލިއެވެ.
ތިން ދުވަސް ވަންދެކަށް އިސްމާއިލް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. ބައިވަރު ޓެސްޓްތައް ހަދައި އައިވީ ގުޅުން ޖެހުނެވެ. އެ ތިން ދުވަހު ވެސް އޭނާ ގާތުގައި އެވަން ނޫނީ ބައްސާމް މަޑުކުރެއެވެ. ހޮސްޕިޓަލުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ބައްސާމްއެވެ. ގޭގައި ތައްޔާރު ކުރާ ކާނާ ހިފައިގެން ކޮންމެ ދުވަހެއްގެ މެންދުރު އެެވަން އާދެއެވެ. އެ އަންނަ ގޮތައް ގެއަށް ދަނީ މަޣްރިބު ފަހުން، ބައްސާމް އައިމައެވެ.
އިސްމާއިލް އެނބުރި ގެއަށް އައީ ބައްސާމްއާ އެއްކޮށް ކާރުގައެވެ. އްވގޭތެރެއަށް ނުވަދެ އޭނާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށް ދާށެވެ. އޭނާ ހުންނަ ކޮޓަރި ހުންނަނީ ގޭތެރެއިން ބޭރުގައެވެ. “ކޮއްކޯ، ކޮންތާކަށް ތި ދަނީ؟ އާދޭ ބޭބެއާއެކު!” ބައްސާމް ގޮސް އޭނާ ވެއްދީ އަލަށް ހަދަން ފަށައިފައި ހުރި އިމާރާތަށެވެ. އެންމެ ތިރީ ފަންގިފިލާ ހުރީ ހަދައި އެއްކޮށް ނިމިފައެވެ.
“މީގެ ފަހުން ކޮއްކޮ ހުންނާނީ މި ބައިގަ! ގޭގެ އެއްވެސް މަސައްކަތެއް ކޮއްކޮ ނުޖެހޭނެ ކުރާކަށް… ބަސް އަހައިގެން ކިޔަވަންވީ.. އިނގޭ!” ބައްސާމްގެ ހިތްހެޔޮކަމަށް އެތައް ފަހަރަކު ، އިސްމާއިލް ޝުކުރު އަދާކުރިއެވެ. ބައްސާމްގެ އާއިލާއާ މެދު އޭނާއަށް ހީކުރެވުނީ ގޯސްކޮށް ކަން އެނގުނެވެ. ބޭރުގައުމެއްގައި ގިނަ ދުވަސް އުޅެފައި އައުމުން އިސްމާއިލް ހީކުރީ ބަހިއްޔާ މެންނަށް ވުރެ ވެސް، ބައްސާމް މެން ކިބުރު ވެރިވެފައި ބޮޑާ ވާނެކަމަށެވެ. އޭނާ ލައްވާ އިތުރު މަސައްކަތް ކުރުވާނެ ކަމަށެވެ. އެމީހުން ގެންގުޅޭނީވެސް ހުޅަނގުގެ ފިކުރުކަމަށް ހީކުރެވުނެވެ. އެހެނަސް އެއާ ޚިލާފަށް އެއީ ހިތްހެޔޮ އޯގާތެރި ބައެކެވެ. ޤައުމުން ބޭރުގައި އުޅުނު ނަމަވެސް އަމިއްލަ އާދަކާދައާއި ޘަޤާފަތް ދޫކޮށެއް ނުލައެވެ. ބަހިއްޔާ މެންނަށް ވުރެ، އީވް އާއި އެވަން ވެސް މާ ދިވެހި ވަންތައެވެ. އިނގެރޭސި ބަހުން އެކުދިން ވާހަކަ ދައްކާ އަޑެއް އިސްމާއިލް ނާހައެވެ. އޭގެ ބަދަލުގައި ޔުމްނާ އާއި މާހިދު ޔާނީމެންނާ މުޅިން ވެސް މުޚާތަބު ކުރަނީ އިނގެރޭސި ބަހުންނެވެ.
އިސްމާއިލްއަށް ދެއްކި ކޮޓަރިއަށް ވަން އިރު އޭނާގެ ހުރިހާ ސާމާނެއް ވެސް ހުރީ އެތަނަށް ގެނަސްފައެވެ. ކުރީގެ ކޮޓަރިއަށް ވުރެ އެތައް ގޮތަކުން މިކޮޓަރި ފުރިހަމައެވެ. ތަނަވަސް ވެފައި ބޮޑު އެނދަކާއި އަލަމާރިއެއްގެ އިތުރަށް ކިޔަވާ މޭޒާއި ގޮނޑިއެއް ވެސް އިނެވެ. އޭސީއާއި ސީލިން ފަންކާ އެއްވެސް ހުއްޓެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އިސްމާއިލް އެނދުގައި އިށީނެވެ. ގޮދަޑި މަޑުކަމުން އޭގެތެރެއަށް ފީނައިގަންނަން ބޭނުންވިއެވެ. ގެއަށް އައި ކަމުގައި ވިއަސް އޭނާ ގަޑިން ބޭސް ކެއި ތޯ އެވަން ބެލިއެވެ.
ހާލު ރަނގަޅުވެފައި ހުރުމާއެކު ސުކޫލަށް ދާން އިސްމާއިލް ތައްޔާރުވިއެވެ. އަލަމާރި ހުޅުވާލިއިރު އިސްތިރިކޮށްފައި އޭނާގެ ޔުނީފޯމު އަޅުވައިފައި ހުއްޓެވެ. ހަތްގަޑި ބައިވާ އިރަށް ތައްޔާރުވެގެން އޭނާ ނުކުތީ ހިނގައިފައި ސުކޫލަށް ދާށެވެ. ކޮޓަރިން ނިކުތްއިރު ސޯފާގައި އިށީންދެލައިގެން އެވަން ހުއްޓެވެ. ހީވަނީ އޭނާގެ އިންތިޒާރުގައި ހުރިހެންނެވެ. “އިއްސޭ.. މިއަދުން ފެށިގެން ބްރޯ ސުކޫލަށް ދާނީ މަށާ އެއްކޮށް ކާރުގަ…ސައިވެސް ނުބޮ އެ އެއްނު ދާން ތިއުޅެނީ! ދޭ ކާގެއަށް ގޮސް ކޮންމެސް ކާއެއްޗެއް ކާލައިގެން އަންނަން! ..އަހަރެން މި ދަނީ ގަރާޖުން ކާރު ނެރެން” އައު އިމާރާތް އެއްކޮށް ނުހެދޭތީ އެވަން މެން އަދިވެސް އުޅެނީ ބައު އިމާރާތުގައެވެ. އައު އިމާރާތުގައި އުޅެނީ ހަމައެކަނި އިސްމާއިލްއެވެ. އެހެނަސް އެވަން ނޫނީ ބައްސާމް އައިސް ދޭތެރެއަކުން އޭނާގެ ހާލު ބަލައެވެ.
ކާގެއަށް ވަން އިރު ސާރާ ބަދިގޭގައި އުޅެއެވެ. އިސްމާއިލް ވަނުމުން އޭނާ ގެނަސް ގޮނޑީގައި ބައިންދާފައި ސައި ހަދައިދިނެވެ. މާލެއަށް އައިފަހުން އެގޮތައް އޭނާއަ މެދު ކަންތައް ކުރެވިފައި ނެތުމުން އަޖައިބުކަން އިހުސާސް ކުރެވުނެވެ.
ސްކޫލްގެ ބްރޭކް ގަޑީގައި އޭނާ ހޯދަން އީވް އައެވެ. އިސްމާއިލް ހައިރާންވެފައި ހުރެ ކިހިނެއްވީތޯ އެހިއެވެ. ” ހުސެއިން ސާރ ބުނީ އިސްމާއިލް ގާތުން ދިވެހި އިސްލާމް ކިޔަވަން.. އޯލެވެލް އެއްޗިހި..އަހަރެން ސުކޫލަށް ފުރަތަމަ އައި ދުވަހު ޔޫގެ ނަންބަރު ވެސް ދިން… އެކަމު އިސްމާއިލް ބަލިވެގެން އުޅުނީމަ އަޅާނުލާ މިހުންނަނީ…” މުދައްރިސު އީވް އަށް ދީފައި އޮތީ އިސްމާއިލްގެ ނަންބަރު ކަން އެނގުނީ އެ ނަންބަރަށް ގުޅުމުންނެވެ. އިސްމާއިލް ހޮސްޕިޓަލުގައި އޮތުމުން ފޯނަށް ޖަވާބު ދިނީ އެވަންއެވެ. ކިޔެވުން ނުފަށާ އޭނާ މަޑުކޮށްގެން އެ ހުންނަނީ އިސްމާއިލް ރަނގަޅު ވެގެން އަންނަން ދެ ކަށެވެ. ބަލިވެގެން އިސްމާއިލްއަށް ގެއްލުނު ހަފުތާގެ ނޯޓްސް އީވް ހުރީ އިސްމާއިލްއަށް ނަގައިދީފައެވެ. ” މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނުކުމޭ ބަގީޗާއަށް.. ޔޫ މަށަށް ދިވެހި އިސްލާމް ކިޔަވައިދިނީމަ އައި ކިޔައިދޭނަން މިދިޔަ ހަފުތާގެ ފިލާވަޅުތައް!” އިސްމާއިލް އަށް ނޯޓްސްތައް އީވް ހަވާލު ކުރިއެވެ. ” ބިރު ނުގަނޭ…ބައްޕަ އޮތީ އެންމެންނަށް އަންގާފަ އިސްމާއިލްއަށް އެއްވެސް އެއްޗެއް ނުބުނަން.. އަދި ގޭގެ އެހެން ކުއްޖެއް ގޮތައް ޓްރީޓް ކުރަން..” އިސްމާއިލް ޖެހިލުންވެފައި ހުރިހެން ހީވުމާއެކު އީވް ބުންޏެވެ.
އަސުރު ނަމާދުކޮށްގެން އީވް އާއި ޔާނީ ބަގީޗާއަށް ނިކުތެވެ. ފޮތްދަބަސް ހިފައިގެން ގޮސް މޭޒު މަތީ ބެހެއްޓިއެވެ. ހަތަރެއް ޖެހި އިރަށް އިސްމާއިލް ވެސް ފޮތް ބޮނޑި ހިފައިގެން ނުކުތެވެ. ގޮނޑީގައި އިށީންދެ ހަމަޖެހިފައި ، އިސްމާއިލް ގަނޑެއް ނަގައި އީވް އަތަށް ދިނެވެ. ” މިއީ ސްޓަޑީ ޓޭބަލްއެއް…އަހަރުމެން ކިޔެވުން ގެންދާނީ މިއާ އެއްގޮތައް…އޭރަށް ފަސޭހަވާނީ..ސޮރީ ޔާނީ އަންނަކަން ނޭނގޭތީވެ، ޔާނީއަކަށް ނުހަދަން!” ތަރުތީބު ކަމާއި އެކު ވަރަށް ރީތިކޮށް ތަވާލު ހަދާފައި އޮތެވެ. ކިޔެވުމަށް އިސްމާއިލް ޝައުޤުވެރިވާކަން އެކަމުން ވެސް އެނގިގެން ދެއެވެ.
އިސްމާއިލަށް ޖެހުނީ ހަމައެކަނި ޕޭޕަރު އޮންނަ ގޮތް އީވް އަށް ކިޔައިދޭށެވެ. ދޭހަ އާއީ މަޒުމޫނު ރަނގަޅަށް ލިޔަން އީވްއަށް އެނގެއެވެ. އިސްލާމްގެ ވެސް ސުވާލުތައް އަންނަ ގޮތް ކިޔައިދިނުމުން އީވްއަށް މާ އުނދަގުލެއް ނުވިއެވެ.
އިސްމާއިލް މާގާތް ކޮށްގެން ގެންގުޅޭ ތީވެ، ޖުވެއިދާ އާއި ބަހިއްޔާ ތިބެނީ ނުރުހުންވެފައެވެ. އިސްމާއިލްގެ ސަބަބުން ބައްސާމް އެމީހުންނާ ދިމާއަށް އެއްޗިހި ކިޔުމުން އެކަމާވެސް އެމީހުންގެ ހިތުގައި އިސްމާއިލްއަށް ވަނީ ނަފުރަތު އުފެދިފައެވެ. ހަވީރު ގަޑީ ގޭ ކުދިންނާ އެއްކޮށް ބަގީޗާގައި އިސްމާއިލް ހުންނަތަން ފެނުމުން ރުޅިގަދަވެގެން ދެއެވެ. މިހާރު ދެމީހުން ވެސް ބޭނުންވަނީ އެ ގެއިން އިސްމާއިލް ބޭރުކުރާށެވެ. ރާއްޖޭތެރޭގެ އާދައިގެ ނިކަމެތި ސޮރެއް އެމީހުންގެ މައްޗައް އަތްގަދަ ކުރާތަން ބެލުމަކީ ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
ކޮންމެ ދުވަހަކު އިސްމާއިލް އާއެކު ވަގުތު ހޭދަ ކުރެވޭތީ ޔާނީ ހުންނަނީ އުފަލުންނެވެ. އޭނާގެ ހިތުގައި އިސްމާއިލް އަށްޓަކައި އިހުސާސްތައް ކުރިލައި ފެޅެން ފަށައިފިއެވެ. ކުރިއަށް ވުރެ ބޮޑަށް ދެމެދުގައި އެކުވެރިކަން ވެސް ވަނީ ބަދަހިވެފައެވެ. ޔާނީއަށް މުސްތަގުބަލާއި މެދު ހުވަފެން ބެލެން ފެށުނެވެ.
ރޭގަނޑުގެ ކެއުމަށްފަހު އީވް ހުރީ ބަގީޗާ ކައިރިއަށް ނުކުމެ ކޮންމެސް މީހަކަށް މެސެޖު ކުރާށެވެ. އޭނާގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އޭނާ މެސެޖު ކުރަން ހުރީ ވަރަށް ޚާއްސަ މީހަކަށްހެން ހީވިއެވެ. ގަޑިއެއްހާއިރު މެސެޖު ކުރަން އިނދެފައި އޭނާ ތެދުވީ އާފުރެން ފެށުމުންނެވެ.
އެވަންެެއާއެކު މަދު މަދުން ބޭރަށް ދާން އިސްމާއިލް ފެށިއެވެ. އެވަަންގެ އެކުވެރިއަކަށް ރާއްޖޭގައި ހުރީ ހަމައެކަނި އިސްމާއިލް ކަމަށް އެވަން ބުންޏެވެ. އިސްމާއިލް ވެސް އެވަން ދެކެނީ ގާތް ރަހުމަތްތެރިއެއްގެ ގޮތަށެވެ. ބަދަލުގައި އެއްވެސް ކަމެއް ބޭނުންނުވެ އޭނާ އެންމެ ބޭނުންވީ ދުވަހު އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އެވަން އާއި އޭނާގެ ބައްޕައެވެ. އެ އިހުސާންތެރިކަން ދުވަހުކުވެސް އިސްމާއިލް ހަނދާން ނައްތާނުލާނެއެވެ.
މޮކް ޓެސްޓު ނިމުނު ދުވަހު އީވް ބޭނުންވީ ޕިއްޒާ ކާން ދާށެވެ. ޔާނީގެ ލަފާގެ މަތިން އެމީހުން ދިޔައީ އޮލިވްގާޑަނަށެވެ. އެކީގައި ކިޔަވައި ހެދުމުގެ ސަބަބުން ތިން ކުދިންގެ މެދުގައި ވަނީ ރަހުމަތްތެރިކަން އުފެދިފައެވެ.
ކާންތިބި އިރު ވެސް ޓެސްޓް ޕޭޕަރާއި ބެހޭ ގޮތުން އިސްމާއިލް ވާހަކަދެއްކިއެވެ. ޓެސްޓްގެ ނަން ގަނެވޭ ކޮންމެ ފަހަރަކު އަޑު ނާހަން ކަންފަތްމަތީގައި އީވް އާއި ޔާނީ އަތްއަޅައެވެ.
ގޭތެރެއަށް ވަން އީވްގެ ތުންފަތް މައްޗަށް އިހުނަށް ވުރެ ބޮޑު ހިނިތުންވުމެއް ވެރިވީ އެވަންއާ އެއްކޮށް އުނދޯލީގައި ހުރި ޒުވާނާ ފެނިފައެވެ. ޕާކިސްތާނު ހިސާބު ވައްތަރު ޖަހާ އެ ޒުވާނާ ވެސް އީވް ފެނުމުން ހީލިއެވެ. ގޭގެ ބޮޑު މީހަކު ފެންނަ ހިސާބުގައި ނެތްކަން ޔަގީންކޮށްފައި އީވް ގޮސް އެ ޒުވާނާ ގައިގައި ބައްދާލިއެވެ.
ޔާނީ އާއި އިސްމާއިލް ހައިރާންވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. އެހާ ޚާއްސަ ރަހުމަތްތެރިއެއް އީވްގެ ހުންނަކަމެއް، އޭނާ ދުވަހަކު ވެސް ނަންގަނެފައެއް ނެތެވެ.
” އެންމެން..މިއީ ކަޝާން.. އަހަރެންގެ ބޯއިފްރެންޑް…ކަޝާން މިއީ އިސްމާއިލް، އަހަރެންގެ ރަހުމަތްތެރިއެއް، ދެން މިއީ ޔާނީ އަހަރެންގެ ކަޒިންއެއް” އީވް އޭނާގެ ދެ އެކުވެރިންނަށް ކަޝާން ތަޢާރަފުކޮށްދިނެވެ. ސަލާމަށް އިސްމާއިލް އަތް ދިއްކޮށްލުމުން، ސަލާން ނުކޮށް ކަޝާން ނިތްއަރުވާލިއެވެ. އޭނާގެ މޫނު މަތިން، އިސްމާއިލްއާ މެދު ހިތްހަމަނުޖެހޭކަން ފާޅުވިއެވެ. އީވް އަށް ވެސް އެކަން އެނގުނެވެ. އެހެންވެ އަވަހަށް ވާހަކަ ބަދަލުކޮށް ކަޝާންގެ ހާލު އެހިއެވެ.
ކަޝާންއަކީ އެވަންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާއަކީ ޕާކިސްތާން އާއިލާއަކަށް ނިސްބަތްވާ އިނގެރޭސިވިލާތުގެ ރައްޔިތެކެވެ. އީވް އާއި ކަޝާން ދިމާވީ އަބަދު އެވަންއާ އެއްކޮށް އެގެއަށް ގޮސްގެން އުޅުމުގެ ތެރޭގައެވެ. ލޯބީގެ ގޮތުން ދެމީހުން އެކުގައި އުޅޭތާ ދެ އަހަރު ވަނީއެވެ. އެވަން ފިޔަވާ އާއިލާގެ އިތުރު މީހަކަށް އެ ގުޅުމާއި ބެހޭ ގޮތުންނެއް ނޭންގެއެވެ. ލޯބިވެރިން ގެންގުޅުމަކީ ސާރާ އަދި ބައްސާމް ވެސް ރުހޭ ކަމެއް ނޫނެވެ. އީވް އާއި ކަޝާންގެ ރޭވުމަކީ އީވް ކިޔަވައި ނިމުމުން، އާއިލާ ގާތު ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނާށެވެ. ފެނި ދެނެވި އުޅޭ ކުއްޖަކަށް ވުމުން، އޭނާގެ މައިންބަފައިން ކަޝާންއާ މެދު ރުހޭނެ ކަށް އީވް އަށް ޔަގީނެވެ. ކަޝާން ރާއްޖެ އައީ އީވް އަށް ސަޕްރައިޒެއް ދޭށެވެ. އެވަން ގާތު އަހައިގެން އޭނާ އެއައީ ސީދާ އީވް ޓެސްޓް ނިމުނު ދުވަސް ބަލާފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (1)
Comments are closed.
love this episode maasha allah! cant wait for the next one🤍