
ނޭދެން ވަކިވާކަށް – 43

“މްމްމް… އެކަމަކު މަންޖެއަށް އެނގޭތަ، ޅިޔަނުގެ ހިތުގެ މަލިކާއަކީ ފަހަރި ކަން؟” ރިލްވާން މަލާމާތުގެ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
ރިލްވާންގެ އެ ބަސްތަކާއި އެކު، ޒޯޔާގެ އަތުގައި އޮތް ޗިޕްސް ދަޅުން ނެގި ފޮތި، އަތުން ދޫވެގެން ތިރިއަށް ވެއްޓުނެވެ.
“ކީއްކޭ ތި ކިޔަނީ؟ ކޮބާ ތިކަމުގެ އެއްވެސް ހެއްކެއް؟ ކަލޭ މޮޅުވާން ފާޑު ފާޑު ވާހަކަ ނުދައްކައްޗޭ… އެ މާހިން އުޅެނީ އެ އަންހެނާގެ ބެސްޓް ފްރެންޑް މާ ގާތް ކޮށްގެން .. އެ މީހުން ނޭނގޭ ކަމެއް ނޫން ކަމެއްވެސް” ޒޯޔާ ދެލޯ ބޮޑުކޮށްލަމުން ވާހަކަ ދެއްކިއެވެ.
“އަޅެ މި ވަރުގެ ވާހަކަ އެއް ބުނާނީ ލައްކަ ދިރާސާ ކޮށްފަ ދޯ؟ … އަހަރެން ފާރަލަނިކޮށް ޔޫލީ ގޮވައިގެން އޭނަ ގެއަށް ދިޔަތަން ފެނުނީ .. ދެން ގެއަށް ލާފަ ވެސް މާހިން އުޅުނު ގޮތުން މަގޭ ހިތަށް ކުޑަ ޝައްކެއް ވަތް… އޭނާ އިނީ ޔޫލީ ވަދެގެން ދަންދެން ވެސް ކަޅި ޖަހާ ނުލާ ބަލަން އަދި އެހެން އިނދެފަ ފޯނު ނަގާ ފޮޓޯ ވެސް ނެގި އޭ ފަހަރިގެ.”
“ކަލެއަށް ކިހިނެއް އެނގުނީ އޭނަ ފޮޓޯ ނެގި ކަމެއް؟” ޒޯޔާ އަށް ނީދެވިގެން އަހާލިއެވެ.
“މަޑުކޮށްބަލަ ވާހަކަ ނިމެންދެން ދޯ..” ކުޑަކޮށް ހިތްހަމަ ނުޖެހިފަ ރިލްވާން ބުނެލިއެވެ. “ދެން އޭނާ އެހެން އިނދެފަ މީހަކަށް ގުޅާލި… އަހަރެން ހިތުގަ އޮތް ހިލާ މިއަދު މާހިންގެ ކަންތައް ބަލާފަ ނޫނީ ނުނި ދާނަމޭ… ކަލޯ ނަސީބު ލައްވާ ލީތާ”
“ކަލޭގެ ހާދަ ބޭކާރު ހާސަރު ބޮނޑި ގިނައޭ.. ތި ވާހަކަ ކިޔަން ވީނު ދޯ” ޒޯޔާ އަށް އަނެއްކާ ވެސް ކެތް ނުވެގެން ބުނެލެވުނެވެ.
“މްމްމް .. އާ ދެން އޭނާ އެރީ އޭނާގެ ރައްޓެއްސަކާއި އެކު ކޮފީ އަކަށް … އަހަރެން ހަމަ ޖައްސާލީ ކައިރީ މޭޒުގަ .. ސަޅިކޮށް ދައްކާ ވާހަކަ އަޑު އިވޭ ގޮތަށް. އެ ސޮރު ހުރީ ދީވާނާ ވެފަ … އެގޮލާ އެހިއޭ ކޮބާ ހޯ އެއްކަލަ ފަތްމިނި މާހިންގެ ހިތް ކަތިލި… މިހާރު އެހެން މަންޖެ އަކާއި އެކީ ތިޔަ އުޅެނީ ކީއްވެ ހެއްޔޯ؟ މާހިންގެ ވާހަކައިން މަށަށް އެނގުނޭ ޝިފްނާ ވެސް އޭނަ ބޭނުން ކުރަނީ ހަމަ ސީދާ ޔޫލީއާއި މާންގެ ކައިވެނީގެ ހަގީގަތް ހޯދަން… މާހިން ބުންޏޭ ދޮންބެ އާއި އިނދެގެން އުޅުނެއް ކަމަކު މަށެއް ނުދެ ކެމޯ އެއީ ދެމަފިރިން ކަމަކަށް … އެހެންވީމަ ބުނެބަލަ އެ ދެމީހުން ޔަގީނެއްނު އެ އުޅެނީ ފޭކް ކައިވެންޏެއް ގަ ކަން.” ރިލްވާން ވަރަށް ޔަގީން ކަމާއި އެކު ވާހަކަ ދެއްކިއެވެ.
“ހަމަ ގައިމުވެސް މާންގެ ހިތުގަ ޔޫލީއެއް ޖާގައެއް ދެވިފަ ވޭ.. އެހެން ނޫން ނަމަ މަށަށް ދެން މިހާ ޑިފިކަލްޓް އެއް ނުވާނެ ދޯ.. ދެން ތީތަ އެނގުނު އެއްޗަކީ ؟ ކިހިނެއްހޭ އެނގުނީ މާހިން އެ ގަޑީ ފޮޓޯ ނެގީ ކަން” ޒޯޔާ ވިސްނުމެއްގެ ތެރޭ އިނދެ ބުނެލިއެވެ.
“އަހާ އެކަން ދޯ… މާހިން ފޯނު ބާއްވާފަ ފާހާނައަށް ކަންނޭގެ ދިޔައީ … އަހަރެން އެ ގަޑީގެ ބޭނުން ހިފާލީ އޭ… މާހިންގެ ފްރެންޑާއި ވާހަކަ ދައްކާ ކަމަށް ހަދާފަ މާހިންގެ ފޯނު ހިފައިން މަ ނިކުތީ … އޮޅިގެން ކަމަށް ހަދާލާފަ… ނަސީބަކުން އޮތީ ލޮކް ވެސް ނުވެ… ދެން ބަލާލިއިރު އެ ފޮޓޯތައް ހުރީ .. ހުންނާނެއެއްނު އެއީ ހަމަ އޭރު ނެގި ފޮޓޯ އެއްނު.. ދެން މަ ހާވާ ލިން އެއްޗިސް .. ސްކްރޯލް ކޮށްލި އިރު ކަލޯ ޔޫލީގެ ފޮޓޯއަށް ވުރެ ގިނައީ ޝިފްނާގެ ފޮޓޯ… އޮތޭ އެމަންޖެގެ ފޮޓޯ ފަށެއް… ކަލޯ އެކަމަކު އެއީ ޔަގީން ގަނޑެއް ގަންނާތީ ކަން އެކަހަލަ ފޮޓޯ ހުންނާނީ.. މާހިން އާއި އެއްކޮށްވެސް ޝިފްނާގެ ފޮޓޯ ހުއްޓޭ .. އެކަމަކުވާ ވަރަށް މަޑުން ހުންނަ މަންޖެއެއް ވިއްޔަ.. މާހިން އެ ދުއްވާލީ އެއްނު .. އެ ވެސް ޔޫލީ ހާސިލް ކުރަން… މަ ފޮނުވާ ލިން މަގޭ ފޯނަށް ބައެއް ފޮޓޯ … ޔޫލީގެ ފޮޓޯ ހުރީ ހަމަ އޭނާއަށް ނޭނގި އެކި ތަންތާ ނަގާފަ.. ހުރި ކޮންމެސް ޕޫލެއް ގަވެސް .. ޔޫލީ ސޯފާ އެއްގަ ނިދާފަ އޮއްވަވެސް ފޮޓޯއެއް އިން… އެކަމަކު މާހިން އޭނާގެ ފްރެންޑާއި ދެއްކި ވާހަކައިން ހަމަ ޔަގީން މާހިން ޔޫލީ ދެކެ ލޯބި ވާކަން.. އޭނާ ބުންޏޭ ހަމަ ހޯދާފަ އޭ ހުއްޓާނީ .. ” ރިލްވާން ކިޔާދިނެވެ.
” “ދައްކަބަލަ ތިޔަ ލިބުނު ފޮޓޯއެއް…” އަވަސްއަވަހަށް ރިލްވާންއާ ގާތަށް ޖެހިލަމުން ބުނެލިއިރު، ޒޯޔާގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ޝައުގުވެރި ކަމެކެވެ. އޭނާގެ ދެލޮލުން ވިދަމުން ދިޔައީ ކޮންމެވެސް ނުރައްކާތެރި ރޭވުމެއްގެ އަލިކަމެވެ.
ރިލްވާން އެއްވެސް ސިއްރު ކުރުމެއްނެތި، އޭނާގެ ފޯނުގެ ސްކްރީން ދައްކާލަމުން، ޔޫލީއަށް ނޭނގި ސިއްރިޔާތުގައި ނަގާފައިވާ ފޮޓޯތަކާއި، ޝިފްނާގެ ފޮޓޯތައް އަދި ޝިފްނާ އާއިއެކު މާހިން ނަގާފައިވާ ފޮޓޯތައް ވެސް ޒޯޔާއަށް ދައްކާލިއެވެ.
ފޮޓޯތަކަށް ފަރުވާތެރިކަމާއިއެކު ބަލަހައްޓައިގެން ހުރެފައި، ޒޯޔާގެ ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
“އޭ… ތިއީ ވަރަށް ސަޅި އެއްޗެކޭ! ޝިފްނާގެ ތި ފޮޓޯތައް… އަވަހަށް މަށަށް ފޮނުވާ” ޒޯޔާގެ ސިކުނޑީގައި ކުއްލިއަކަށް ދަތުރުކޮށްލި ނުބައި ޚިޔާލެއްގެ ސަބަބުން، އޭނާއަށް ވާހަކަދެއްކުނީ އާދަޔާ ހިލާފަށް އަވަސްއަވަހަށެވެ.
ރިލްވާން މަކަރުވެރި ކަމާއެކު އިސްއުފުލައި ޒޯޔާއަށް ބަލައިލިއެވެ. “އާ… އާ… ފޮނުވިދާނެ… އެކަމަކު…”
“ހުމްމް… މަށަށް އެނގޭ ކަލޭ ބޭނުންވެގެން ތިއުޅޭ ކަންތައް ” ޒޯޔާ ރިލްވާންގެ ވާހަކަ މެދުކަނޑާލަމުން، އޭނާގެ އަތުގައި އޮތް ފޯނު ނަގައި އަވަސްއަވަހަށް ބޭންކު އެޕްލިކޭޝަން ހުޅުވާލިއެވެ. “ކަލެއަށް މި ފޮނުވާލަނީ ފަންސާސް ހާސް ރުފިޔާ. . ތި ހުރިހާ ފޮޓޯއެއް ވަގުތުން މަށަށް ފޮނުވާލާ! އަދި ބުނަން… ދެން ކަލޭ ކޮންމެހެން ޔޫލީގެ އަށް ފެންނާކަށް ނުޖެހޭނެ، އެކަމަކު ފާރަލާން ޖެހޭނެ… މައުލޫމާތުތައް ހޯދާ އޮޅުންފިލުވައިގެން އަހަންނަށް އަންގަން ޖެހޭނެ.. އަދި އޭގެ އިތުރުން ކަލެއަށް ވަރަށް މުހިންމު ޓާސްކެއް ޖައްސާނަން … އެކަން ކާބިޔާބު ވެއްޖެއްޔާ ކަލޭގެ ބަލި މަންމަގެ އޮޕްރޭޝަން ކުރެވޭ ވަރު ވާނެ .. އެހެންވީމަ ސަމާލުވެގެން އެ މަސައްކަތް ކުރާތި.. އަހަރެން ގުޅާނަން” ފޯނުން ފައިސާ ޖަމާކޮށް ލުމަށްފަހު، ޒޯޔާ ފޯނު ސްކްރީނަށް ބަލަހައްޓައިގެން ހުރެ ބާރަށް ހީލިއެވެ. އެ ވަގުތު އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން، އޭނާގެ ސިކުނޑީގައި ކުޅެވެމުން ދިޔައީ ކިހާވަރެއްގެ ނުރައްކާތެރި، ބިރުވެރި ކުޅިވަރެއްކަން ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ.
*****
ޔޫލީގެ ހިތުގެ ހަމަޖެހުން ގެއްލި ނަފުސު ވަނީ ވަރުބަލިވެފައެވެ. އޭނާގެ އަރުން އެއްޗެއް ދިރޭ ގޮތެއް ނުވިއެވެ. ރޮއިރޮއި ލޮލުން ކަރުނަ ހިނދިފައިވި ނަމަވެސް، އޭނާގެ ހޫނު ކަރުނަތައް އަދިވެސް ކޯތާފަތް މައްޗަށް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. އިންތިހާ ހިތާމައާއި މާޔޫސީ އޭނާގެ ހަޔާތް ވަށާލީ ކީއްވެ ހެއްޔެވެ؟ ހިތުގައި އުފެދިފައިވި ފުން ޒަހަމުތަކުގެ ރިހުމަށް ލުޔެއް ލިބުމުގެ ބަދަލުގައި، އޭނާގެ ހިތް އެދި ގޮވަމުން ދާ ޒުވާނާ އެ ޒަހަމުތަކުގައި މިރުސް އަޅަމުން އެ ދަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތާއި މާން އެ ކުޅެނީ ކީއްވެ ހެއްޔެވެ؟
ފޯނަށް ބަލަހައްޓައިގެން އޮތް ޔޫލީގެ ގިސްލުމުގެ އަޑު އެ ހަމަހިމޭން ސްޓަޑީ ތެރެއަށް ފެތުރިފަ ވިއެވެ. އޭނާގެ ފޯނަށް އެ އައި ހެކި ފުދޭ ނޫން ހެއްޔެވެ؟ އޭނާއަށް ގޮތްނޭނގޭ ފަރާތަކުން އެތައް ގޮތަކުން ފޮނުވަމުން މި ދާ މައުލޫމާތުތައް ދެން ދޮގު ކުރަންވީ ހެއްޔެވެ؟ އޭނާ މި ހުރިހާ ކަމެއް ދޮގު ކޮށްފަ މާންގެ އެ ފަށުވި ބަސްތަކަށް ހެއްލެން ވީ ހެއްޔެވެ؟ އެ ބަސްތަކުގައި އެއްވެސް ތެދުވެރިކަމެއް، ނުވަތަ އޮއްޓަރެއް ނެތްކަން އެނގިހުރެ، އަމިއްލަ ނަފުސަށް އެ އަނިޔާ ދޭންވީ ހެއްޔެވެ؟
ޔޫލީގެ ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ މަންޒަރަކީ މާން އޭނާއަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ވަގުތު އޭނާއަށް ގޮތް ނޭނގޭ ފަރާތަކުން ފޮނުވި ފޮޓޯއެކެވެ. އެ ފޮޓޯއިން ސާފުކޮށް ފެންނަމުންދިޔައީ މާން އާއި ޒޯޔާގެ އިންތިހާއަށް ގައިގޯޅި މަންޒަރެކެވެ. ޒޯޔާ ހުރީ މާންގެ ގައިގައި ބާރަށް އޮޅުލައި ގަނެފައެވެ. އަދި މާންގެ ދެއަތް ވަނީ ޒޯޔާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އެ ދެ ހަށިގަނޑު އެކަހެރި ކަމެއްގެ ތެރޭގައި ޖެހި ފިތި ބާރުވެފައިވާއިރު، ބޭރުފުށުން އެއީ ނުހަނު ލޯބިން ތިބި ޖޯޑެއްގެ ގޮތަށް ސިފަވެއެވެ. މާން އާއި ޒޯޔާގެ މިފަދަ ގާތް މަންޒަރެއްގެ ފޮޓޯ ޔޫލީއަށް ލިބުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ރިލްވާންވެސް ވަނީ މާންގެ އޮފީސް ކެބިންގައި އެ ދެމީހުން މިފަދަ ގޮތަކަށް ތިބި ފޮޓޯއެއް ޔޫލީއަށް ފޮނުވާފައެވެ. އެހެންކަމުން މާންގެ އެ ބަސްތައް ތެދު ކުރަން ޔޫލީގެ ސިކުނޑިއަކަށް ކުޅަދާނައެއް ނުވެއެވެ.
ނަމަވެސް، ކުރިއާއި މިއަދާއި ބޮޑު ތަފާތެއް ވެއެވެ. ކުރިން އެފަދަ ފޮޓޯއެއް ފެނުމުން އެ ނަފުސު ކުރި ހިތާމައަށް ވުރެ، މިއަދު އެ ހިތުގެ ރިހުން އެތައް ގުނައެއް ބޮޑުވެ، ވޭން އިންތިހާއަށް އިތުރުވެފައިވެއެވެ. ސަބަބަކީ، ރޭގައި މާން އޭނާއަށް ވީ ލޯބީގެ އިގުރާރު ގަބޫލުކުރަން އެ ހިތް އެދި ރޯތީއެވެ. އަދި މާން އަށްޓަކައި ޔޫލީގެ ހިތުގައި އޮތް ލޯބި މާ ބޮޑަށް ފުންވެފައި ވުމެވެ. މާންގެ ފަރާތުން ލޯތްބާއި އިޚްލާސްތެރި ކަމަށް އެ ހިތް އެދި ގޮވަމުންދިޔަ މިންވަރު ބޮޑުކަމުން، މި ހަގީގަތް ބަލައިގަންނަން ޔޫލީގެ ނަފުސަށް ވަނީ ނުކުޅެދިފައެވެ.
އެ ފޮޓޯއަކީ ކެމެރާ އަކުން ނަގައިފައިވާ ފޫޓޭޖެއްގެ ސްކްރީން ޝޮޓެއް ކަން އެ ފޮޓޯ ބަލައިލުމުން އެނގެއެވެ. އެ ފޮޓޯގައި ޖަހާފައިވާ ތާރީޚާއި ގަޑިން، އެއީ ރޭގައި އެ ދެ މީހުން ދޭތެރޭ ހިނގި ހާދިސާއެއްކަން ޔަގީނެވެ. ޒޯޔާ ހުރީ ނިދަންލާ ކަހަލަ ސިލްކު ނިދާ ހެދުމެއްގައެވެ. މާން ހުރީ ރޭގައި ޔޫލީއާއި އެކު ޑިނާ އަށް ދިޔަ އެއްޗެހީގައެވެ.
ޔޫލީއަށް މި އެއްޗެހި މި ފޮނުވަނީ ޔަގީނުން ވެސް ޒޯޔާގެ އަތެއް އޮވެގެން ނޫން ހެއްޔެވެ؟ ގައިމު ޒޯޔާގެ ކޮޓަރީގައި ހުރި ކެމެރާއެއްގެ ފޫޓޭޖެއް އެ ނޫން ގޮތަކަށް މީހަކަށް ލިބިދާނެ ހެއްޔެވެ؟
****
މާންގެ އޮފީސް އިމާރާތުގެ އެންމެ މަތީގައި ހުންނަ ހިތްގައިމު ރެސްޓޯރެންޓުގެ ކަންމަތީ މޭޒެއްގައި ޝިފްނާއާއި މާހިން ތިބީ އާދައިގެ މަތިން މެންދުރުގެ ކެއުމަށެވެ. މޭޒުމަތީގައި ކާތަކެތި ހުރި ނަމަވެސް، އެ ދެމީހުންގެ މެދުގައި ވަނީ ބުނެދޭން ނޭނގޭ ފިނި ކަމަކާއި ނުތަނަވަސްކަމެކެވެ. ޝިފްނާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަނުޖެހުމާއި ޝަކުވާގެ އަސަރުތަކެވެ. އަދި މާހިންގެ މޫނުމަތިން ފެންނަނީ އެއަށްވުރެ ބޮޑު ކަންބޮޑުވުމަކާއި، ނަފުސާނީ ވަރުބަލި ކަމެކެވެ. އޭނާގެ ސިކުނޑި އޮތީ މުޅިން އެހެން ކަމަކަށް ގެއްލިފައެވެ.
“ދެން ކިޔާދީބަލަ.. އައި ކޯލްޑް ޔޫ ލާސްޓް ނައިޓް .. ފޯން ނުނެގީ ކީއްވެތަ؟ ރޭގަ ކަމެއް ދިމާވި ވާހަކަ ވެސް ބުނީމެއްނު؟” މޭޒުމަތީ އޮތް މާހިންގެ އަތުގައި އަތް ޖައްސާލަމުން މަޑުމަޑުން އިންތިހާ ޝަކުވާ އެކުލެވޭ ރާގެއްގައި ޝިފްނާ ބުނެލިއެވެ.
މާހިން ސިހިފައި ކަހަލަ ގޮތަކަށް އިސްއުފުލައި ޝިފްނާއަށް ބަލައިލިއެވެ. “އާ… ރޭގައި އަހަރެންގެ ފޯނު ގެއްލުނީ .. ގެއްލުނީ އެއް ނޫން ދޯ .. ފިއްޓޭ ބުނީ މީހަކު އައިސް އަހަރުމެން ތިބި މޭޒުގަ އިށީނޭ … އަހަރެން ޓޮއިލެޓަށް ދިޔަ ވަގުތު… ފިއްޓޭ ބުނި އޭނާއަށް ހީވެޔޭ އެ މީހަކު އަހަރުމެން ތިބި މޭޒު ކައިރީ މޭޒުގަ ވަރަށް އިރު ވަންދެން އިންހެން.. އަހަރެން ދިޔައީ ފޯނު ބާއްވާފަ ވިއްޔަ މޭޒު މަތީ.. ދެން އައި އިރު ފޯނެއް ނެތް.. ހޯދާ ހޯދާ ވެސް ނުފެނުނު… ގުޅީމަ ރިންގް ވޭ އެކަމަކު އާންސާ ނުކުރޭ.. ދެން 15 ވަރަކަށް މިނެޓު އެ ކަމެއްގަ އުޅެފަ ހަމަ ޖައްސާލީ ކައުންޓަރު ގަ އިން ކުއްޖަކު އައިސް ފޯނު ދީފަ ބުނަނީ މީހަކު ބުންޏޭ ހަވާލުކޮށްލަން .. މިސްޓޭކަކުން ނެގުނު އެއްޗެއް ކަމަށް ބުނެ ހަވާލުކުރަން ދިނީއޭ… އެކަމަކު، ޝިފޫ… އެއީ ވަރަށް ސްޓްރޭންޖް ކަމެއް…” މާހިން ވިސްނުމުގެ ތެރެއަށް ގެއްލި އިނދެ ވާހަކަ ދެއްކިއެވެ.
“ދެން އެކަމަކު ފޯނު ލިބުނީމަ ގުޅޭނެ އެއްނު… އެހެންނޫނަސް ތިބުނަނީ ވަރަށް ލޭޓް ވެފައި ހުރި ގަޑި އެއްނު؟ އޭގެ ކުރިން ނޭ އަހަރެން ގުޅީ،” ޝިފްނާގެ ޝަކުވާތައް އަމުނާ ލެވުނީ މާހިން އޭނާގެ ކޯލުތަކަށް ޖަވާބު ނުދިނުމުން އުފެދުނު ހިތްހަމަނު ޖެހުމުގައެވެ.
“އަޅެ ބުނީމެއްނު ފްރެންޑަކާ އެކު ބޭރަށް ދާ ވާހަކަ… ދެން އަބަދާއި އަބަދު އަހަރެން ޝިފްނާއަށް ގުޅައިގެން ނޫނީ ކައިރީގައި ހުރެވޭނެތަ؟” މާހިން ކުއްލިއަކަށް ހިތްހަމަނުޖެހިފައި ޝިފްނާ އާ ދިމާއަށް ބާރަށް ބުނެލިއެވެ.
އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭނާގެ ފޯނަށް ވީ ގޮތެވެ. އޭނާގެ ފޯނު އޮތީ އޮޓޯ ލޮކް ކަނޑާ ލެވިފައެވެ. ފޯނު ގެއްލިގެން އުޅުނު އެ ފަނަރަ މިނެޓުގެ ތެރޭގައި، އެ މީހަކު އޭނާގެ ފޯނު ހާވައި، އެތެރޭގައި ހުރި އެއްޗެހި ބެލީ ބާވައެވެ؟ ޚާއްޞަކޮށް ޝިފްނާ އޭނާއަށް އިތުބާރުކޮށްފައި ފޮނުވާފައިވާ އެތައް ފޮޓޯއަކާއި، އެ ދެމީހުންގެ ގައިގޯޅި މަންޒަރުތައް އެ ފޯނުގައި ހުންނާނެއެވެ. ޝިފްނާ މީގެ ކުރިން ކިތަންމެ ފަހަރަކު އެ ފޮޓޯތައް ޑިލީޓް ކޮށްލަން ބުނެފައި އޮތް ނަމަވެސް، މާހިން އެކަން އޮތީ ނުކޮށެވެ. އެ ފޯނު އެހެން މީހެއްގެ އަތްމައްޗަށް ދިޔަނަމަ، އޭގެ ނަތީޖާ ކިހާ ނުރައްކާތެރިވާނެ ހެއްޔެވެ؟
“އަޅެ ރުޅި ނާދެބަލަ.. މިސް ވީމަ އެހެން ބުނެވުނީ އޭ” ދެރަވެލާފައި ޝިފްނާ ބުނެލިއެވެ.
ދެމީހުންގެ ދޭތެރޭ މާ ގިނަ ވާހަކަ ތަކެއް ދެން ނުދެކެވެއެވެ. ކެއުމުގައި ވަގުތު ދިޔައީ ވަރަށް ހިމޭންކޮށެވެ. ޝިފްނާގެ ނަޒަރު މާހިން އަށް ހުއްޓިލާ ކޮންމެ ވަގުތަކު މާހިންގެ ބަދަލުވެފައިވީ މިޒާޖާއި ބެހޭ ގޮތުން ސުވާލު ކޮށްލާން ބޭނުންވިއެވެ. ނަމަވެސް ޖަވާބު އައިސްދާނެ ގޮތަކާއިމެދު ބިރުން އޭނާ ފަސްޖެހުނީއެވެ.
*****
ޔޫލީ މިއަދު އާދަޔާޚިލާފަށް ނަމާދާއި ދީނީ ކަންކަމާ ގާތްވެފައިވާކަން އަމިއްލައަށްވެސް އޭނާއަށް ފާހަގަ ވަމުންދިޔައެވެ. މެންދުރު ނަމާދަށް ބަންގި ގޮވީ އޭނާ މުސައްލަ މަތީ އިންދައެވެ. ފެންވަރާލައިގެން އައިސް އަޞްރު ނަމާދަށް އެރިއިރު، އެ ހިތުގެ ފުން މިނުގައި ވާ ހިތާމަތަކަށް މާ ބޮޑު ފިނިކަމެއް ނުލިބުނު ނަމަވެސް، ނަފުސަށް ވަނީ ކޮންމެވެސް ވަރެއްގެ ތަފާތު ހިތްހަމަޖެހުމެއް ލިބިފައެވެ. އެހާ ދުވަހު މިފަދަ ކަންކަމާއި ދުރުގައި އުޅެވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކޮށިކަމެއް ފާހަގަވި ނަމަވެސް، އެކަމާ މާ ބޮޑަށް ފިކުރުކުރުމުގެ ބަދަލުގައި އޭނާގެ ބާކީ ވަގުތުތައް ހޭދަކުރީ ދީނީ ފޮތްތައް މުތާލިއާ ކުރުމުގައެވެ.
ދުވަސް ހިނގަމުންގޮސް، ވަގުތުތައް ފާއިތުވަމުންދިޔަ ގޮތްވެސް އޭނާއަށް ރޭކާލީ ކަންފަތުގައި މަޣްރިބު ނަމާދުގެ ބަންގީގެ އަޑު ޖެހުނު ހިނދުއެވެ. އަވަސްއަވަހަށް ވުޟޫކޮށްލައިގެން އައިސް މަޣްރިބު ނަމާދުކޮށް ނިންމާލިއިރު، މުޅި ހަށިގަނޑަށް ވަރުބަލިކަމެއް ވެރިވެފައި ވުމާއިއެކު ބަނޑުހައިކަން ވަރަށް ބޮޑަށް އިހުސާސްވިއެވެ. ވާނީވެސް އެހެންތާއެވެ، މުޅި ދުވަހު އެއްޗެއް ނުކައި، ކަރުނައާއި ހިތާމައިގައި ވަގުތުތައް ވޭތު ކޮށްލެވުނު އިރު ހަށިގަނޑަށް ބޭނުންވާ ހަކަތަ ވަނީ ދަށްވެފައެވެ. ސައި ތައްޓެއް ބުއިމުގެ މަގުސަދުގައި އޭނާ ދިޔައީ ބަދިގެއަށެވެ. ފެން ހޫނު ކޮށްލަން ޖައްސާލުމަށްފަހު އޭނާ ވަރުބަލިކަމާއިއެކު ސޯފާގައި އިށީނދެލިއެވެ. އޭނާގެ އަތުގައި އޮތް ފޯނަށް ނޮޓިފިކޭޝަނެއް އައިސް ވައިބްރޭޓް ވެލިއެވެ. އެއީ އެއްކަލަ ގޮތްނޭނގޭ ނަންބަރަކުން، އޭނާގެ ނަފުސު ހަލާކުކޮށްލަން މެސެޖްތައް ފޮނުވަމުންދާ އެ މީހާގެ މެސެޖެކެވެ.
އެ މެސެޖް ހުޅުވާލުމުގެ ކުރިންވެސް، ލިބުނު ފޫހިކަމާއި އުނދަގުލަކުން ޔޫލީއަށް ތުން އަނބުރާލެވުނެވެ. އޭނާ ހީކުރީ އަނެއްކާވެސް ފެންނާނީ މާން އާއި ޒޯޔާގެ ގައިގޯޅި، ހިތްދަތި މަންޒަރުތަކެއް ކަމަށެވެ. އެފަދަ މެސެޖްތަކުން އޭނާގެ ހިތް ކުދިކުދި ކޮށްލުން އެއީ އެ މީހެއްގެ އެންމެ ބޮޑު އުފާ ކަން އޭނާއަށް އެނގިފައި އޮތެވެ. ފުރަތަމަ އެ މެސެޖް މުޅިން އަޅައިނުލައި ދޫކޮށްލަން އޭނާ ހިތަށްއެރިއެވެ. ނަމަވެސް، އަމިއްލަ ނަފުސުގެ މައްޗަށް ކެތްތެރިކަން ކޮޅުންލައި، އިޚްތިޔާރަކާ ނުލައި އޭނާގެ އިގިލިތައް ސްކްރީނަށް ދުވެލިއެވެ.
މެސެޖް ހުޅުވާލުމާއިއެކު ޔޫލީގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ކަންތައް ވީ އޭނާ ހީކުރިގޮތާއި ހިލާފަށެވެ. އެއީ ޒޯޔާއެއް ނޫނެވެ. އަދި މާން އެއްވެސް ނޫނެވެ! ނަމަވެސް އެ ފޮޓޯގެ ބަދަލުގައި، އާދައިގެ މަތިން އޭނާއަށް ލިބޭ މާން އާއި ޒޯޔާގެ ފޮޓޯ އަކަށް ވީނަމަ ވެސް މާ ރަނގަޅު ވީހެވެ. ދެން އައީ އިންޒާރެކެވެ. ޔޫލީގެ ފައިދަށުން ބިންގަނޑު ދެމިގެންގޮސް، އޭނާ ފުން އަނދަވަޅަކަށް ވެއްޓެމުންދިޔަ ފަދަ އިހުސާސްއެއް މުޅި ހަށިގަނޑަށް ދެމިގެން ދިޔައެވެ. ސިކުނޑި ސުމަކަށް ގޮސް، ހަރަކާތް ހުއްޓި އޭނާ ގަނޑު ވިއެވެ.
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (13)
Comments are closed.
Yageen e fonuvi yooli nooni shifnage foto kan. Mi zoyaa mulheni magey athun bondieh biab vegen 🤨
Thank You for the comment Kokila Modi, hama yageen dho ehen kan e vee.. hingaa balamaa next week episode inn dho.. Zoyaa ah vaa goiy ves vaahaka kuriah dhaa varakah ingemun dhaane ingey .. Vaahaka dhey tharuheebah hama Shukuriyyaa.. Esfiya update veessure vaahaka eba hifahahtaalaa top ga.. WISH ah haftaa aku ehnme part eh genesdhevey iruves ehenveema thiya kuiyuntherinnah hama Shukuru.. Haassa koh Kokila kahla konme episode akah ves medhukedumeh nethi comment kohlaa kiyuntherin 🙂
kasauti ah vuves nubai meehun thakeh,, mi meehun lavva ,,, ey hitha ey keh therivaashey kiuvvane vee :((((((((
Thank You for the comment Ell …. Aslu ves mi vaahakaaiga eba ulhey varah visnun koshi kudhin kolheh dho.. Ey hithaa e Keiytheri vaashey eba kiyaaanan ingey WISH dhen evarun mifaharu fuhdhaalaanee dho …. Its a good read ingey Ell ves kiyaalaathi 🙂
alhe, Shifna ge puc leak kuran kiyaafa Yooli blackmail kurany tha. Maan dheke rulhi aadhevey eba mihaaru. adhi mi Maahin akaa hedhi enme goas mivany. Yooli nikan Maan aa dhimaa ah ehchehi kiya halhey lavaalabala.. plz plz.. i hope they are not forced apart by this.. Zoya aa Rilwan hoadhan Marsha amilla ahves nikunnan vejje mihaaru, fenijjeyya varugadha lesson eh dheynan
story vvv rythi, can’t wait for the next ep Wish
Thank You for the comment Mar Sha … Ekahala konmes kameh mimyhun kuraanehen heevany dho… Maahin ah ves adhi visneyne kamah balamaa dho… Yooly ge nethey dho ehves gut eh mihaaru.. she is changed a lot dho.. Marsha eh ulhe eyh story ga ves .. emanje fonuvaa :p Happy that you enjoyed the story.. In Sha Allah next Thursday ingey 🙂
Wowwwww……
This one is totally on fireeeeeee!!!!!
can’t wait for the next ep Wish.
remember me???
Heii Exxo, yes I do remember you… varah dhuvas kohlaafa comment eh mi fenuny dho… kihineh vee baa? Thank you for the lovely comment.. And I did spill some T too … 🤣
I knew u’ll remember me. whts the tea (T) u spilled??????
I have to move out and didn’t have Wi-Fi………. so jst couldn’t. I guess u’ll understand….
I totally understand.. It is fine.. I hope you are in a better place now… I did reveal my age and my birth atoll.. 🙂 ..
wow thts so much.
can u tell me……………..
sure .. I am 33 years and from kaafu Atoll 🙂
oh Thx Wish……….
ur the best. Hehe.😊❤️