
ނޭދެން ވަކިވާކަށް – 42

ޔޫލީއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މާހިން އެ ބުނި ބަސްތައް ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ޒޯޔާގެ އެންމެ ފޯނުކޯލަކުން މާން އޭނާ އެކަނިކޮށްލާފައި ދިޔައީއެވެ. ހަގީގަތަކީ ކޮބާ ހެއްޔެވެ؟ މާންގެ އެ ލޯބީގެ އިގުރާރަކީ އޭނާ ކުޅުނު ޑްރާމާ އެއް ހެއްޔެވެ؟ ނަމަވެސް ކޮން ކަމެއް ހާސިލު ކުރަން ހެއްޔެވެ؟
މަޑުމަޑުން ބޯޖަހާލުމަށްފަހު، ޔޫލީ މާހިންގެ ފަހަތުން ހިނގައިގަތެވެ. އޭނާގެ ހިތުގައިވި ޝައްކުތަކާއި ނުތަނަވަސްކަން އަލުން އާލާވެގެން ދިޔައެވެ.
*****
ކޮޓަރީގެ ހަމަހިމޭންކަމުގެ ތެރޭގައި، ޔޫލީގެ ސިކުނޑީގައި އެނބުރެމުންދިޔަ ބިރުވެރި ހިޔާލުތަކާއި ވަސްވާސްތަކުގެ ސަބަބުން އޭނާގެ ލޮލުން ނިދީގެ އަސަރު މުޅިން ފިލައިގެން ދިޔައެވެ. މާން އަށް އިންތިޒާރުކުރަން ބޭނުންނުވި ނަމަވެސް، އޭނާގެ ރޫހު އެދި ގޮވަމުންދިޔައީ އެންމެ ފަހަރަކުވެސް މާން އޭނާގެ ގާތަށް އައިސް އެ ހުރިހާ ކަމެއް އޮޅުންފިލުވައި ދިނުމަށެވެ. އެ އިހުސާސްތަކާއި ވޭނީ ހިޔާލުތަކުން އޭނާގެ ދެލޯ އަނެއްކާވެސް ކަރުނުން ފުރިގެން އައެވެ. އެ ހިތްދަތި ހާލުގައި، އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އޮއްވާ، ކަންފަތުގައި ޖެހުނީ ފަތިސް ބަންގީގެ އަމާން، މަޑުމައިތިރި އަޑެވެ.
މީގެ ކުރިން، އެއީ އޭނާގެ ސަމާލުކަން އަތުލި އަޑެއް ނޫނެވެ. އެ އަޑަށް ދުވަހަކުވެސް އެގޮތަށް ސަމާލުކަމެއް ދެވިފައެއް ނުވެއެވެ. ނަމަވެސް، މިރޭ އެ އަޑުން އޭނާގެ ރިއްސަމުން ދިޔަ ހިތަށާއި މޭގައިވި ނުތަނަވަސްކަމަށް އާދަޔާ ހިލާފު ފިނިކަމެއް ގެނެސްދިނެވެ. އޭނާގެ ލޯބިވާ މަންމަ ދުނިޔޭގައި ހުރިއިރު، އަބަދުވެސް ނަމާދުކުރުމަށް ބާރުއަޅައި ދެއްކި އޯގާތެރި ނަސޭހަތްތަކުގެ ހަނދާން އާލާ ވުމާއިއެކު، ދެލޮލުގައި ހިކިފައިވި ކަރުނަތައް އަނެއްކާވެސް ދިރިގެން ކޯތާފަތް މައްޗަށް ފޭބިއެވެ.
އޭނާގެ ނަފުސު އެ އިލާހީ ގޮވާލުމަށް ބީރު ކަންފަތެއް ދޭކަށް މިއަދަކު ބޭނުމެއް ނުވިއެވެ. އެހެންކަމުން، މަޑުމަޑުން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ، މޫނު ދޮވެލައިގެން ނުހަނު ފަރުވާތެރިކަމާއިއެކު ވުޟޫ ކޮށްލިއެވެ. އަދި ނުކުމެ، ހިތުގެ ފުންމިނުން އެދެމުންދިޔަ ހަމަޖެހުން ހޯދުމަށްޓަކައި މަޑުމައިތިރިކަމާއިއެކު ނަމާދަށް އަރައި މުސައްލަމަތީގައި ހުއްޓިލިއެވެ.
*****
ފަތިސް ނަމާދުގެ ބަންގީގެ އަމާން އަޑު ކަންފަތުގައި ޖެހުނުއިރު މާން ހުރީ ޒޯޔާގެ ގޭގެ ދޮރުމަތީގައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރީ، މިސްކިތަށް ވަދެ ނަމާދު ކޮށްލައިގެން އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. މުޅި ރޭ އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމައެކަނި ޔޫލީއެވެ. އޭނާގެ ގާތަށް ދިއުމަށް މާންގެ ހިތް ވަނީ ކެތްމަދުވެފައެވެ.
ޒޯޔާ ހޮސްޕިޓަލުން ދޫކޮށްލިއިރު މެންދަމުން އަލިވެ ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ. ޒޯޔާގެ ގެއާއި ހިސާބަށް އާދެވުނުއިރުވެސް، އޭނާގެ ވޭނީ ގިސްލުމުގެ އަޑަކަށް ބަދަލެއް ނާދެއެވެ. ޒޯޔާގެ ހާލަތު ފެނި، އޭނާގެ ތޮބީއަތު ހަމައަކަށް އަޅުވާލަން ވަގުތު ބޭނުންވާނެތީ މާން އަށް މުހިންމުވީ އޭނާއާއިއެކު އެތެރެއަށް ވަނުމަށެވެ.
ޒޯޔާ ހަމައަކަށް އަޅުވާފައި މާން ނުކުންނަން އުޅުނު ވަގުތު، ކުއްލިއަކަށް ޒޯޔާ އައިސް މާންގެ މޭގައި ބޯއަޅާލަމުން ބާރަށް ބައްދައިގަތެވެ.
“މާން… ޕްލީޒް ނުދޭ…” ޒޯޔާ ރޮމުން އާދޭސްކުރިއެވެ.
ޒޯޔާ އެވަރަށް ޖަޒުބާތީ ވެފައި ހުރުމުން، މާން އަށް ވަގުތުން އޭނާ ދުރުކޮށް ލާކަށް ނުކެރުނެވެ. އެހެންވެ މަޑުމަޑުން ޒޯޔާގެ ކޮނޑުގައި އަތްޖައްސާލައިގެން ހުރެ، އޭނާގެ ނަފުސު ކުޑަކޮށް ހަމައަކަށް އެޅެންދެން މާން އެ ފިޔަވަޅު މަތީ މަޑު ކޮށްލިއެވެ. އަދި ޒޯޔާ ގޮސް އެނދުމަތީގައި އޮށޯވެލުމުން، މާން މަޑުމައިތިރިކަމާއިއެކު އޭނާއަށް ވިސްނައިދިނެވެ.
“ޒޯ… އަހަރެން މި ދަނީ. އެކަމަކު ކަމެއް ވެއްޖެޔާ އަހަންނަށް ގުޅަން ޖެހިލުން ނުވާތި. އަހަރެން އެހީވާން ހުންނާނަން… އެކަމަކު މިހާރު އަހަރެމެން ދެމީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޑިސްޓެންސެއް ބަހައްޓަންޖެހޭނެ. އަހަރެން މިއީ މީހެއްގެ ފިރިއެއް. އަދި އަހަރެންގެ އަނބިމީހާއަށް އަބަދުވެސް އިހުލާސްތެރި ވާނަން”
އެ ބަސްތަކުން ޒޯޔާގެ ހިތުގައި ހަސަދަވެރިކަން އުފެދުނު ނަމަވެސް، މާންގެ ކުރިމަތީގައި އޭނާ މަޖުބޫރުވެފައިވާ ގޮތަކަށް ބޯޖަހާލިއެވެ.
ނަމާދުކޮށް ނިމިގެން މާން ނުހަނު އަވަހަށް ކާރަށް އަރައި، ބާރުމިނުގައި ކާރު ދުއްވާލީ ގެއާ ދިމާއަށެވެ. ޔޫލީއަށް ލޯބި ހުށައެޅުމަށް ފަހު މުޅި ރޭ ޔޫލީ އާއި ދުރުގައި ހުރެވުނު ކަމުގެ ކުށްވެރިކަން ހިތުގައި ބޮޑުވެ، ޔޫލީގެ މޫނު ދެކިލައި، އެ ހިތުގައިވާ ނުތަނަވަސްކަން ފިލުވައިދިނުމަށް މާންގެ ހިތް އެދި ގޮވަމުންދިޔައެވެ.
*****
ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ފިޔަވަޅު އަޅައިލި މާންގެ ފިޔަވަޅުތައް މަޑުޖެހުނީ، ކުރިމަތިން ފެނުނު ހިތްގައިމު މަންޒަރުންނެވެ. އޭނާގެ އަންހެނުން ޔޫލީ އިނީ މުސައްލަމަތީގައި ނަމާދަށެވެ. މުޅި ހަށިގަނޑު ފޮރުވޭވަރުގެ ހުދު ނަމާދު ދޮޅީގައި ހުރިއިރު، ޔޫލީގެ މޫނުމަތިން ފެންނަމުންދިޔައީ އާދަޔާޚިލާފު މާތް ކަމެކެވެ. އެ މަންޒަރު ފެނުމާއިއެކު، މާންގެ ހިތުގައި ބުނެދޭން ނޭނގޭ ފުން ހަމަޖެހުމެއް ވެރިވެގެން ދިޔައެވެ.
ޔޫލީ ނަމާދުކޮށް ނިންމައި، ސަލާމް ދިނުމަށްފަހު ދޮޅި ނަގާލަމުން މުސައްލަ މަތިން ތެދުވިއެވެ. މާން މަޑުމަޑުން ހިނގާލާފައިގޮސް އެނދުގައި އިށީނެވެ. އޭނާގެ ތޫނު ނަޒަރު ހުއްޓިފައިހުރީ ހަމައެކަނި ޔޫލީގެ މޫނަށެވެ.
ނަމަވެސް، ޔޫލީގެ މޫނުމަތީގައި އޭރުވެސް ފަތިހުގެ އަލިކަމާއިއެކު އާދަޔާޚިލާފު ރޫޙާނީ ވިދުމެއް ވީ ނަމަވެސް، އެ ދެލޯ ވަނީ ރޭގަނޑު މުޅި ރޭ ނިދި ނުލިބި ރުއިމުގެ ސަބަބުން ރަތްވެ، ދުޅަވެފައެވެ. އެ މަންޒަރު ފެނުމާއިއެކު، މާންގެ މޭތެރޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. އެއީ އޭނާގެ ސަބަބުން ޔޫލީއަށް ލިބުނު އަނިޔާއެއްކަން ހަނދާންވެ، އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ.
“ޔޫލީ…” މާންގެ އަޑުގައިވީ އާދަޔާ ހިލާފު މަޑުމައިތިރިކަމެކެވެ. އޭނާ މަޑުމަޑުން ތެދުވެ ޔޫލީ އާއި ދިމާއަށް ހިނގައިގަތެވެ.
ނަމަވެސް، ޔޫލީ މާން އާއި ދިމާއަށް ބަލައިލީ ވަރަށް ފިނި، އަދި އެހާމެ ދުރުކަން އެކުލެވިގެންވާ ނަޒަރަކުންނެވެ. އެ ދެލޮލުން ފެނުނީ އިތުބާރު ގެއްލިފައިވާ މީހެއްގެ ފުން ހިތާމައެވެ.
“ޔޫލީ .. ޒޯ ވޯސް ސަފަރިން އަ ލޮޓް … އައި ކޮޑް ނޮޓް ލީވް ހާ ލައިކް ތެޓް… ސޮރީ” މާން ޔޫލީގެ އަތުގައި ހިފާލަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
ޔޫލީގެ އަތުގައި މާންގެ އަތް ޖެހުނު ނަމަވެސް އެ ބީހިލުމުން ރެކި ލަމުން ޔޫލީ ދުރަށް ޖެހިލިއެވެ.
“އިޓްސް އޯކޭ .. ކޮންމެ މީހަކަށް ވެސް އިމްޕޯޓެންޓް ކަންކަން ހުންނާނެއެއްނު.. އެއީ މާން އަށް މުހިންމު ކަމަކަށް ވީމާ މާން އެޓެންޑް ވީ.. ” ބަސްތަކުގައި ފަށުވި ކަމެއްވީ ނަމަވެސް އެ ރާގުގައި ވީ ނުރުހުމާއި މަލާމާތް ސިއްރެއް ނުވިއެވެ.
“އަހަންނަށް މުހިންމު ވީ އެއް ނޫނޭ .. އެކަމަކު ޒޯ …” މާން އާދޭހުގެ ރާގެއްގައި އަނެއްކާ ވެސް ފެށިއެވެ.
“މްމްމްމް .. ބުނެބަލަ އެހެންވީއިރު ޒޯޔާއަށް ކިހިނެއްތަ ވީ؟ އޭނާއަށް އެ ހަމަލާ ދިނީ ކާކުތަ؟ އޭނާއަށް އެ ހަމަލާ ދިނީ ކީއްވެތަ؟” ޔޫލީ ފަތި ފައްޗަށް ސުވާލުތައް އަމުނާލިއެވެ.
“ޔޫލީ… އެއީ …” ވަގުތުން މާންގެ ދުލުގައި ހީވީ ތަޅެއް އެޅުނު ހެންނެވެ. އޭނާގެ ހަނދާނަށް އައީ ޒޯޔާއަށް އޭނާ ވީ ވައުދެވެ. އެކަމުގެ ހަގީގަތް އޭނާ ސިއްރުކުރާނެ ކަމަށެވެ. އެހެންކަމުން އިތުރަށް އެންމެ ލަފުޒެއް ބުނާނެ ހިތްވަރުވެސް އޭނާއަށް ނުލިބުނެވެ.
“ކިހިނެއްވީ ހުއްޓުނީ … ކިޔާދީބަލަ.. ” ޔޫލީ މާން އަށް ފުން ނަޒަރެއް ދެމުން ބުނެލިއެވެ.
މާން އެއްވެސް އެއްޗެއް ނުބުންޏެވެ. ޔޫލީގެ ހިތުގައި ގަދަ ރިހުމެއް އުފެދުނެވެ. އިހުސާސްތަށް ހަމައަކަށް އަޅުވަން މަސައްކަތް ކުރި ނަމަވެސް ލޮލުގެ ތެރެއަށް ޖަމާވި ކަރުނައިގެ ތިއްކެއް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ.
އަވަސްއަވަހަށް މޫނު އަބުރާލާފައި ޔޫލީ އަނެއްފަރާތަށް އެނބުރުނީ، އޭނާއަށް ބަލަހައްޓައިގެން ހުރި މާންގެ ކުރިމަތީގައި އިތުރަށް ބަލިކަށިވާން ބޭނުންނުވާތީއެވެ.
“ޔޫލީ… ތި ހީވީ އަދި ރަނގަޅަކަށް ނޫން…” ޔޫލީއަށް އައިސްފައިވާ އެ ބަދަލު ފެނި، މާން ކަންބޮޑުވެގެން އޭނާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
“މާން… ދެން އަޅާނުލާ… މާންގެ ތި ފަސްޖެހުމުން އަހަރެންނަށް އެތައް ސުވާލެއްގެ ޖަވާބު ލިބިއްޖެ” ޔޫލީގެ ޖަވާބު ވަރަށް ވެސް ކުރެއެވެ. އެ އަޑުގައިވީ ފިނިކަމާއި، އުންމީދު ކެނޑިފައިވާ މީހެއްގެ މާޔޫސްކަމެވެ.
“ޔޫލީ އަޑުއަހާބަލަ ޕްލީޒް…” މާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
އެ ވަގުތު، ކޮޓަރީގެ ހަމަހިމޭންކަން ނަގާލަމުން ޔޫލީގެ އަތުގައި އޮތް ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވިގެންދިޔައެވެ. ޔޫލީ އަވަސްއަވަހަށް ފޯނަށް ބަލައިލުމާއިއެކު، އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. ތުންފަތުގައި ދަތް އަޅާލިއިރު، އެ މޫނުމަތީގައިވި އިންތިހާ ނަފުރަތުގެ ކުލަވަރު ފެނި މާންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.
އެ ނަފުރަތު އެކުލެވިގެންވީ ތޫނު ނަޒަރުން އޭނާ މާން އަށް ބަލައިލިއިރު، މާން ހުރީ ޔޫލީއަށް އެ އައި ކުއްލި ބަދަލުގެ ސަބަބު އޮޅުން ފިލަން ބޭނުންވެފައެވެ. ނަމަވެސް ޔޫލީ އިހުތިޔާރުކުރީ ހިމޭންކަމެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލަމުން، އޭނާ ކޮޓަރިން ނުކުތުމަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.
“ޔޫލީ! ވަޓް ހެޕެން؟ ކާކު މެސެޖްކުރީ؟” މާން އަވަސްއަވަހަށް ޔޫލީގެ ފަހުން އަންނަމުން ގޮވާލިއެވެ.
“މާން ޕްލީޒް… އެއީ މާން ބަލަންޖެހޭ ކަމެއް ނޫން… ޖަސްޓް ލީވް މީ އެލޯން…” ޔޫލީ ހަރުކަށިކަމާއިއެކު ބުނެލަމުން ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.
*****
ޒޯޔާ އިނީ އޭނާގެ އެޕާޓްމެންޓުގެ ސިޓިންރޫމު ސޯފާގައި، ވަރަށް ހަމަޖެހިލައިގެން ދެފައި ވައްކޮށްލައިގެން ޓީވީ ބަލާށެވެ. ކުލަގަދަ ޓީވީން ދައްކަމުންދިޔަ ފިލްމުގެ އަލިކަން އޭނާގެ މޫނަށް އެޅިފައިވާއިރު، އެ މޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ހަމަޖެހުމާއި ކާމިޔާބީގެ އުފާވެރި ކުލަވަރެވެ. ރޭގައި ވޭނީ ހިތާމަތަކެއް ތަހައްމަލުކުރި މީހެއްގެ އެއްވެސް އަސަރެއް އެ މޫނުމަތިން އެއްގޮތަކަށްވެސް ނުފެނެއެވެ. އޭގެ ބަދަލުގައި، ފައިމަތީގައި ބޮޑު ޗިޕްސް ދަޅެއް ބަހައްޓައިގެން، ވަރަށް ފަރުވާކުޑަ ގޮތަކަށް އޭގެ ފޮއްޗެއް އަނގައަށް ލައި ހަމަޖެހިލައިގެން އިންއިރު، އެ މޫނުމަތިން ފެންނަނީ ނުލަފާ ކަމުގެ ހިނިތުންވުމެކެވެ.
ކުއްލިއަކަށް ގޭގެ ބެލްގެ އަޑު އިވިގެންދިޔައެވެ. އެއާއެކު ޒޯޔާ އެއްވެސް އަވަސް އަރުވާ ލުމެއް ނެތި، ސޯފާގައި ހަމަޖެހިލަމުން އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. އަދި އެޕް މެދުވެރިކޮށް ގޭގެ މައި ދޮރު ހުޅުވާލަދިނީ، އެއީ އޭނާ އިންތިޒާރުކުރަމުން ދިޔަ މީހާކަން ޔަގީންވެ ހުރެއެވެ.
ލުއި ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން އައި ރިލްވާންގެ ނަޒަރު ސީދާވީ ސޯފާގައި އިން ޒޯޔާގެ އަތަށެވެ.
“ޒޯޔާ… ހާދަ ވަރަކަށް ބެންޑޭޖް ކޮށްލާފަ! އެވަރު ކޮށްލީ ތަ؟” ރިލްވާން ހައިރާންކަން އެކުލެވިގެންވާ ރާގެއްގައި އަހާލިއެވެ.
ޒޯޔާ ފޮނިވެލާފައި، ކުޑަކޮށް ހީލަމުން ޖަވާބުދިނެވެ. “ކަލެއަށް އެނގެއެއްނު އަހަރެން ކުރާ ކަމެއް ކުރާނީ ވަރަށް ވިސްނައިގެންކަން. މާން އަށް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނުކޮށް ނުވާނެދޯ، އޭރުންނެއްނު އަހަރެންގެ މަޅީގައި އޭނާ ރަނގަޅަށް ޖެހޭނީ. ބުނެބަލަ… މާން އޮފީހަށް ދިޔައީ ކޮން އިރަކު؟”
“ބޮސް އެއީ އެންމެންނަށްވުރެ ކުރިން އޮފީހަށް ދާ މީހެއްނު… މިއަދުވެސް އަހަރެން ދިޔައިރު އޭނާ އޮފީހުގައި އިނީ. އެކަމަކު، ޒޯޔާ… މިއަދު އޭނާގެ މޫޑު ހުރީ މުޅިން ގޯސްވެފަ. މިއަދު ވަރަށް މީހުންނަށް ލެކްޗަރު އަޅާލައިފި” ރިލްވާން ސޯފާގައި ހަމަޖެހިލަމުން ކިޔައިދިނެވެ.
“ހައްހައްހާ… ސަޅި އެއްނު!” ޒޯޔާގެ އަޑުގައިވީ ކާމިޔާބީގެ އުފާވެރިކަމެވެ. ކުއްލިއަކަށް މޫނަށް ގޮތެއް ހަދާލަމުން އޭނާ ރިލްވާންއަށް ލޯއަޅާލިއެވެ. “އެކަމަކު ކީއްކުރަންތަ އެހާ އާޖެންޓްކޮށް ދިމާވާން ތިބުނީ؟ ކޮން ބޮޑުކަމެއް ލައިގަތީ؟”
ރިލްވާން ތަންކޮޅެއް ސީރިއަސް މޫނެއް ދައްކަމުން ބޯޖަހާލިއެވެ. “ބޮޑު ކަމެއް ވީއޭ… ޒޯޔާއަށް އެ ކަންތައް އެނގުން މުހިންމު ވީމަ އޮފީހުގެ ބުރަކަމުގެ ތެރެއިންވެސް މިއައީ މިކޮޅަށް ދުވެފައި.”
“ބޭކާރު ވާހަކަ ނުދައްކާ އަވަހަށް ކިޔައިދީބަލަ!” ޒޯޔާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
“މްމްމް… އަހަރެން ބުނީމެއްނު ޔޫލީގެ ފަސްފަހަތުން ފާރަލާން މަ ހުންނާނަމޭ. ރޭގައި އެކަން ކުރަމުންދަނިކޮށް ވަރަށް ސަޅި، މުހިންމު ކަމެއް އެނގިއްޖެ” ރިލްވާން ފޮނި ގޮތެއް އަނގައަށް ހަދާލަމުން ވާހަކަފެށިއެވެ.
“އަޅެ ދޯ! އަންހެންކުއްޖެއްހެން ތުއި ނުވެ ސީދާ ކިޔަން ވީނު!” ޒޯޔާ ކެތްމަދުވެފައި ހަޅޭއްލަވައިގަތެވެ.
“ސޮރީ… ސޮރީ… ރޭގެ ހާދިސާއަށްފަހު ފަހަރި ގެއަށް ލާން ދިޔައީ ޅިޔަނު ކަން އެނގޭތަ؟” ރިލްވާން ޝައުގުވެރި ކަމާއިއެކު ވާހަކަ ދެއްކިއެވެ.
“މަށަށް އެނގެއޭ ތިކަން. މަގޭ ކައިރީގައި ހުރެފަ އޭ މާން މާހިން އަށް ގުޅީ” ޒޯޔާ ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.
“މްމްމް… އެކަމަކު މަންޖެއަށް އެނގޭތަ، ޅިޔަނުގެ ހިތުގެ މަލިކާއަކީ ފަހަރި ކަން؟” ރިލްވާން މަލާމާތުގެ ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
ރިލްވާންގެ އެ ބަސްތަކާއި އެކު، ޒޯޔާގެ އަތުގައި އޮތް ޗިޕްސް ދަޅުން ނެގި ފޮތި، އަތުން ދޫވެގެން ތިރިއަށް ވެއްޓުނެވެ.
***ނުނިމޭ***
ހުރިހާ ކިޔުންތެރިންނަށް ވެސް މި އެޕިސޯޑް ކަމު ދިޔަ ކަމަށް އުންމީދު ކުރަން. ކިޔުންތެރިންގެ ކޮމެންޓް ތަކަށް އިންތިޒާރު ކުރާނަން . ކޮމެންޓު ކޮށް ނުލެވުނު ކަމުގައި ވިޔަސް އަޅުގަނޑަށް ފޮލޯ ކޮށްލާ އެޕިސޯޑް އަށް ހިތެއް ދޭން ހުރިހާ ކުދިން ވެސް ހަނދާން ކުރައްޗޭ.. -ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Maashaa allah haadha reehcheyyy…
Yooly phn ah e aee kn notification eh baa??
Can’t wait 😭😭😭😭😭
When next?
Thank You for the comment 😊Yooly phone ah aai notification balaalan inthizaaru kohlan vaanee next episode ah ingey.. Next episode Thursday ga ☺️
Vx reethi nigey 😊💗 I can’t wait to see the next part
Thank You for the lovely comment Toyd … 🥰
Hih halaaku vaakahala gothakah kuriyah midhani. Rilwaan ah enguni e bodu sirruves. Yooli fakeeru. Zoyaa ah heyo visnun dhehvaashi
Kokilaa odi thank You for the comment…. Aslu ves hiy halaaku vaa kahala kan kan mivanee dho .. hingaa balamaa kuriah vaagotheh dho