Skip to content
އެސްފިޔަ

ތަސްވީރީ ބައިވެރިޔާ – 6

Listen to this story Audio · 10:25 Powered by Esfiya Voice
0:00 10:25

ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އެދެމެދުގައި އުފެދުނު ގާތް ކަމާއެކު، އާދައިގެ މަތިން ހެނދުނު މެސެޖު ކުރުމާއި، ކުދިކުދި ކަންކަމުގައި އެކަކު އަނެކަކަށް ސަމާސާ ކުރުން ކުރިއަށް ދިޔައެވެ. ހުރިހާ ކަމެއްވެސް ފެންނަނީ މުޅިން އާދައިގެ ގޮތުގައެވެ. ނަމަވެސް ދާނިއަލް އަށް ބަލައިލާ ކޮންމެ ފަހަރަކު، ކާރު ބާއްވާ ގަރާޖުގައި ހިނގި ހާދިސާ ހާޔާގެ ހަނދާނަށް އާދެއެވެ.

އެންމެ އާދަޔާޚިލާފު ކަމަކީ ދާނިއަލް އެވާހަކަ ދުވަހަކުވެސް ނުދެއްކުމެވެ. ހާޔާ ދުރުވި ގޮތާމެދު ސަމާސާއެއް ނުކުރެއެވެ. އޭނާ ހުއްޓުވީ ކީއްވެގެންތޯ ނާހައެވެ. އަދި އޭގެ ފަހުން އޭނާގެ އުޅުމަކަށް އެއްވެސް ބަދަލެއްވެސް ނާދެއެވެ.

އޭގެ ބަދަލުގައި، އޭނާ މަސައްކަތް ކުރީ ހުރިހާ ކަމެއްވެސް އާދައިގެ ގޮތުގައި ބެހެއްޓުމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ހާޔާއަށް ކަންކަން އާދައިގެ ގޮތުގައި ނެގުމަށް ވަނީ އިތުރަށް އުނދަގޫވެފައެވެ. އޭނާ ހަނދާންކުރާ ވަރަށް ދާނިއަލްވެސް އެވަގުތުގެ މަތިން ހަނދާންކުރޭ ބާއޭ ހާޔާގެ ހިތަށް އަރައެވެ. އަދި ސިކުންތެއްހާ އިރު އިތުރަށް ދާނިއަލް އޭނާއަށް ބަލައިލާ ކޮންމެ ފަހަރަކު، ދާނިއަލްގެ ހިތުގައިވެސް ހިނގަނީ އެ ސުވާލު ބާއޭ ހާޔާގެ ހިތަށް އަރައެވެ.

ބުދަ ދުވަހުގެ ހަވީރު، ހާޔާ އޭނާގެ މޭޒުކައިރީގައި އިންދާ ފޯނު ވައިބުރޭޓުވާން ފެށިއެވެ. ދާނިއަލް ރޭގަނޑު ކާން ދާން ބޭނުންތޯ އެހިއެވެ. މެސެޖަށް އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު، ހާޔާ ރައްދުގައި އެހީ އެއީ އަސްލު ކެއުމެއްތޯ ނޫނީ ތަސްވީރީ ބައިވެރިޔާގެ ވާޖިބުގެ ބައެއްތޯއެވެ. ދާނިއަލްގެ ޖަވާބު ވަގުތުން އައެވެ. އޭނާ ބުނީ އެކަން މުހިންމު ނޫންކަމަށާއި، އަށެއް ޖަހާއިރު އޭނާ ބަލާ އަންނާނެ ކަމަށެވެ. ފޯނު މޭޒުމަތީގައި ބޭއްވުމުގެ ކުރިން ހާޔާއަށް ހެވުނެވެ. އެހެންނަމަވެސް އެފަދަ އާދައިގެ މެސެޖު ބަދަލު ކުރުމަކުން އޭނާގެ ހިތުގެ ހިންގުން އަވަސްވީ ކީއްވެގެންކަމެއް އޭނާއަކަށް ނުވިސްނުނެވެ.

އެރޭ ހާޔާ ބޭރަށް ނުކުތްއިރު، ދާނިއަލް އޭނާގެ ކާރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ޖެކެޓު އޮތީ އެއް އަތްމައްޗަށް ވައްޓާލާފައެވެ. އަދި ގަމީހުގެ އަތް އުޅަނބޮއްޓާ ހަމައަށް އޮތީ އޮޅާލާފައެވެ. ހާޔާ ފެނުމާއެކު، އޭނާ އަތް ކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ސަމާސާގެ ގޮތުން ހާޔާ ލަސްވިކަމަށް ބުންޏެވެ. ހާޔާ ބުނީ އޭނާ އައި ކަމަށްޓަކައިވެސް ދާނިއަލް ޝުކުރުވެރި ވާންޖެހޭނެ ކަމަށެވެ. އަދި ދާނިއަލް ހީލަމުން ކާރުގެ ދޮރު ހުޅުވާލަދިނެވެ. އެ ކުޑަކުޑަ ވާހަކަކޮޅު ފެންނަނީ މުޅިންވެސް އާދައިގެ ކަމެއްގެ ގޮތުގައެވެ. އެވަގުތު، އޭނާއަށް އުނދަގޫކުރަމުންދިޔަ ހުރިހާ ކަމެއްގެ މަތިން ހާޔާ ހަނދާންނެތުނެވެ.

އެމީހުން ދިޔައީ ސިޓީގެ ހިމޭން ހިސާބެއްގައި ހުރި ކުޑަ ކެފޭއަކަށެވެ. އެއީ އާންމުކޮށް ދާނިއަލް ޚިޔާރުކުރާ ފަދަ އަގުބޮޑު ތަނަކާ މުޅިން ތަފާތު ތަނެކެވެ. ހިތްފަސޭހަ، އަރާމު މާހައުލެކެވެ. އެތަނަށް ވަނުމަށްފަހު ހާޔާ ވަށައިގެން ބަލައިލުމަށްފަހު، އެތަން ކަމުދިޔަ ކަމަށް ބުންޏެވެ. ދާނިއަލް އާދައިގެ ގޮތަކަށް ބުނީ ހާޔާއަށް އެތަން ކަމުދާނެކަން އޭނާއަށް އެނގޭ ކަމަށެވެ.

އެކަމާ ހާޔާ ހައިރާންވެފައި އޭނާއަށް ބަލައިލިއެވެ. އޭނާއަށް އެކަން އެނގުނީ ކިހިނެއްތޯ ހާޔާ ސުވާލުކުރުމުން، މީގެ ހަފުތާތަކެއް ކުރިން ހާޔާ އެ ކެފޭގެ ވާހަކަ ދެއްކިކަން ދާނިއަލް ހަނދާންކޮށްދިނެވެ. އެވާހަކަ ބުނެވުނު ކަން ހާޔާގެ ހަނދާނުގައިވެސް ނެތެވެ. ނަމަވެސް ދާނިއަލް ހުރީ ހަނދާން ކޮށްގެންނެވެ. އެއީވެސް ހާޔާ ވިސްނާލަން މަޖުބޫރު ކުރުވި ކުޑަކުޑަ ކަމެކެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައީ ވަރަށް އަމާންކޮށެވެ. އެމީހުން ދެއްކީ ހާޔާގެ ކޮއްކޮ މިދުވަސްކޮޅު ކެއްކުމުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގެ ވާހަކައާއި، އެމީހުން ބެލި ފިލްމަކާ މެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ވާހަކައެވެ. އަދި ޕިއްޒާ މައްޗަށް އަލަނާސި އަޅަންޖެހޭނެތޯ ނޫންތޯއާމެދު ބަހުސް ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރިއެވެ.

ކެއުމަށްފަހު، އެމީހުންނަށް ދެވުނީ ކުޑަ ފޮތް ފިހާރައެއްގެ ކައިރިއަށެވެ. ފިހާރައިގެ ކުޑަދޮރުން ފެންނަން ހުރި ފޮތްތައް ފެނިފައި ހާޔާ މަޑުކޮށްލިއެވެ. ފޮތްތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ދާނިއަލް ބުނަމުންވެސް ހާޔާގެ ފަހަތުން އެތެރެއަށް ވަނެވެ. އަދި ހާޔާ ފޮތްތައް ބަލަމުން ދިޔައިރު، ދާނިއަލް ހުރީ ތިން ފޮތް އަތަށް ނަގައިގެންނެވެ. އޭނާ ދެއްކި ވާހަކައާއި އަމަލާ ދިމާނުވާތީ ހާޔާ ސަމާސާކުރަމުން، ދާނިއަލް އެއްބަސްވީ އެ ފޮތްތަކަކީ ހާޔާއަށްޓަކައި ނެގި ފޮތްތަކެއް ކަމަށެވެ. ސަބަބަކީ ކުރިން ހާޔާ އެ ފޮތްތަކުގެ ވާހަކަ ދެއްކިކަން އޭނާ ހަނދާން ހުރުމެވެ. ހާޔާ ހައިރާންވިއެވެ. ހާޔާ އާދައިގެ ގޮތަކަށް ބުނެލާ ކަންތައްތައް ދާނިއަލް ހަނދާން ބަހައްޓާ މިންވަރާއި، އޭނާއަށް ސަމާލުކަން ދޭން ފެށި ގޮތާމެދު ވިސްނާލަމުން އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ހާޔާއަށް ހުރެވުނެވެ.

ފޮތް ފިހާރައިން ބޭރަށް ނުކުމެ، މަގުމަތީގެ އަލިކަމުގެ ދަށުން އެމީހުން ހިނގަމުން ދިޔައީ ކާރާ ދިމާއަށެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު، އެމީހުންގެ އެއްބަސްވުން ނިމުމަކަށް އައުމުން ވާނެ ގޮތަކާމެދު ދުވަހަކުވެސް ވިސްނިންތޯ ހާޔާ ސުވާލުކޮށްލިއެވެ.

ދާނިއަލްގެ ހިނގުން ލަސްވިއެވެ. އަދި އާންމުކޮށް އޭނާގެ މޫނުމަތިން ފެންނަ ސަމާސާ ގޮތްކަން ނެތިގެންދިޔައެވެ. އިރުކޮޅަކަށް ފަހު، އޭނާވެސް ބައެއް ފަހަރު އެކަމާމެދު ވިސްނާ ކަމަށާއި، ނަމަވެސް އެއަށް ދޭނެ ޖަވާބެއް މުޅިން ނޭނގޭކަމަށް އެއްބަސްވިއެވެ. އެއީ ފުދޭ މިންވަރެއްގެ ޖަވާބެއް ކަމަށް ބަލައި ހާޔާ ބޯޖަހާލި ނަމަވެސް، ދާނިއަލްގެ އަޑުގައިވި ޔަގީންކަމެއް ނެތްގޮތް ހާޔާގެ ހިތުގައި ބިއްލޫރިކޮޅެއް ފަދައިން ބިނާވެފައި ހުރިއެވެ.

ފާއިތުވެދިޔަ ހުރިހާ ދުވަހެއް ހާޔާ ހޭދަކުރީ ހަ މަސް ދުވަހަކީ ވަރަށް ގިނަ ވަގުތުކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް މިހާރު އެ މުއްދަތު ނިމެން އުޅޭކަމުގެ އިހުސާސް ވަނީ ވަރަށް ކައިރިވެފައެވެ.

އެމީހުން ކާރާ ހަމައަށް ފޯރިއެވެ. ދާނިއަލް، ހާޔާއަށް ކާރުގެ ދޮރު ހުޅުވައިދިނެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ ކުރިން، ހާޔާ ދާނިއަލްއާ ދިމާއަށް އެނބުރުނެވެ.

“އަހަރެމެންގެ ތެރެއިން އެކަކުވެސް މި އެއްބަސްވުން ނިމުމަކަށް އަންނަން ބޭނުން ނުވެއްޖެނަމަ ވާނީ ކިހިނެއް؟” ހާޔާ ސުވާލުކުރިއެވެ.

މިފަހަރު ދާނިއަލްގެ ފަރާތުން އަވަސް ރައްދެއް ނައެވެ. އޭނާ ހަމައެކަނި ހާޔާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ މޫނުމަތީގެ އަސަރުތައް ބަދަލުވެގެން ދިޔައީ، އެ ސުވާލު ގޮސް ބީހުނީ އެއިން އެއްވެސް މީހަކު ކުރިން ކުރިމަތިލާން ބޭނުންނުވި ހިސާބެއްގައި ކަމަށްވާތީއެވެ.

އެންމެ ފަހުން ހާޔާ ކާރަށް ވަނެވެ. އަދި އޭނާގެ އެޕާޓްމަންޓަށް އެނބުރި ދިޔަ ދަތުރު އައީ ކުރިއަށްވުރެ މާ ހިމޭންކޮށެވެ. އޭނާއަށް އިހުސާސްވަމުން ދިޔަ ކަންތައްތައް ބަޔާން ކޮށްދެވިދާނެ ކޮންމެވެސް ވާހަކައެއް ބުނަން ހާޔާ ބޭނުންވިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ރަނގަޅު ބަސްތަކެއް އޭނާއަކަށް ނުހޯދުނެވެ.

ހާޔާގެ އެޕާޓްމަންޓު ކައިރީގައި ކާރު ހުއްޓާލުމުން، ރޭގަނޑުގެ ކެއުމަށް ދާނިއަލްއަށް ޝުކުރު އަދާކުރުމަށްފަހު ހާޔާ އޭނާއަށް އުފާވެރި ރޭގަނޑަކަށް އެދުނެވެ. ހާޔާ ކާރުގެ ދޮރު ހުޅުވާލި ތަނާހެން ދާނިއަލް އޭނާ ހުއްޓުވިއެވެ. އަދި ނިމުމާ މެދު އަދި ހިތާމަނުކުރުމަށް ހަނދާންކޮށްދިނެވެ. ހާޔާ އެނބުރި އޭނާއަށް ބަލައިލިއެވެ. އެވަގުތު ދާނިއަލްގެ މޫނުމަތިން ފެނުނީ ވަރަށް މަޑުމައިތިރި، ނިކަމެތި އަސަރުތަކެކެވެ. ހާޔާ އޭނާއަށް ކުޑަކުޑަ ހިނިތުންވުމެއް ދިނުމަށްފަހު ކާރުން ފައިބައިގެން އިމާރާތުގެ ވަންނަ ދޮރާ ދިމާއަށް ހިނގައިގަތެވެ. ދާނިއަލް މަޑުކޮށްލައިގެން އިނީ ހާޔާ އެތެރެއަށް ވަންނަން ދެނެވެ. ހާޔާ މަންޒަރުން ގެއްލުމުން އޭނާ ކާރު ދުއްވާލިއެވެ.

ހަ މަސްދުވަހުގެ އެއްބަސްވުން ނިމެން ގާތްވަމުން ދިޔަވަރަކަށް، ކުރިން އާދައިގެ ކަންކަމުގެ ގޮތުގައި ދެކެމުން އައި ކުދިކުދި ކަންކަމަށް ހާޔާގެ ސަމާލުކަން އިތުރަށް ދެވެން ފެށިއެވެ. ހެނދުނު ގަޑީގައި އޭނާގެ ފޯނަށް ދާނިއަލްގެ ނަން އަރާ ތަނެވެ. އޭނާ ކޮފީ ބޯން ބޭނުންވާ ގޮތް ދާނިއަލް އަބަދުވެސް ހަނދާން ހުންނަ ގޮތެވެ. ހާޔާ ވަރުބަލިވެފައި ހުރިކަމަށް އަމިއްލައަށް އެއްބަސްވުމުގެ ކުރިންވެސް، ދާނިއަލްއަށް އެކަން ފާހަގަކުރެވޭ ގޮތެވެ. އެއްވެސް ހުއްދައަކާ ނުލައި ދާނިއަލް ވަނީ ހާޔާގެ ދިރިއުޅުމުގެ ތެރެއަށް ވަދެފައެވެ.

މިހާރު، އޭނާ ގެއްލިދާނެތީ ހާޔާ އިންތިހާއަށް ބިރުގަނެއެވެ. އެއްރެޔަކު ކެއުމަކަށް ދިއުމަށް ދާނިއަލް އެދުމުން، އޭނާ އުޅެނީ ބިޒީކޮށްކަމަށް ހާޔާ ބުނީ އެހެންވެގެންނެވެ. ޖެހިގެން އައި ދުވަހު އަލުން އެދުމުން، އޭނާ ހުރީ ވަރުބަލިވެފައިކަމަށް ބުންޏެވެ. ތިންވަނަ ފަހަރަށް އެހުމުން ހާޔާ އިންކާރުކުރުމުން، ދާނިއަލް އެހުން ހުއްޓާލިއެވެ.

ހާޔާ އަމިއްލަ ނަފްސަށް ވިސްނައިދިނީ އޭނާ އެ ކުރަނީ ބުއްދިވެރި ކަމެއް ކަމަށެވެ. އެމީހުންގެ އެއްބަސްވުމަށް ނިމުމެއް އެބަ އޮތެވެ. މިހާރުއްސުރެ ދުރުކަން އުފައްދަން ފަށައިފިނަމަ، އެކަކު އަނެކަކާ ވަކިވެގެންދާ ދުވަހުން ކުރާނެ އަސަރު ކުޑަވެދާނެ ކަމަށް އޭނާ ގަބޫލުކުރިއެވެ. ނަމަވެސް އޭކަމުން ވީ ތަދު ކުޑައެއް ނުވިއެވެ. ކޮންމެ ދުވަހަކުވެސް އެކަމުގެ އަސަރު ކުރިއެވެ. މަދު ރޭތަކެއް ފަހުން، ދާނިއަލް ހާޔާގެ އެޕާޓްމަންޓަށް އައެވެ. ހާޔާ ދޮރު ހުޅުވާލުމާއެކު، އޭނާ އެއައީ ސަމާސާ ކުރާކަށް ނޫންކަން ވަގުތުން އެނގުނެވެ.

“ނުފެނި އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

“އަހަރެން އުޅުނީ ވަރަށް ބިޒީކޮށް.” ހާޔާ އެހެން ދިމާއަކަށް ބަލާލިއެވެ.

“ކަންކަން ސިއްރުކުރަން މޮޅު މީހެއް ނޫން ތިއީ.” ހާޔާގެ މޫނުމައްޗަށް ހިނިތުންވުމެއް އަންނަން އުޅުނެވެ. ނަމަވެސް އެ އިހުސާސް ވަގުތުން ގެއްލިގެން ދިޔައެވެ. ދާނިއަލް އެތެރެއަށް ވަދެ، ދޮރު ލައްޕާލިއެވެ. އިރުކޮޅެއް ވަންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެއަށްފަހު، ވީ ކިހިނެއްތޯ އޭނާ ހާޔާއާ ސުވާލުކުރިއެވެ. ހާޔާ ފުން ނޭވާއެއްލިއެވެ.

“ހަ މަސް ދުވަސް ނިމެނީ.”

“އެނގޭ.” ދާނިއަލްގެ މޫނުމަތީގެ އަސަރު ބަދަލުވެގެން ދިޔައެވެ.

“އަދި އެ މުއްދަތު ހަމަވުމުން، އަހަރެމެން އެނބުރި ކުރީގެ އާދައިގެ ދިރިއުޅުމަށް ދާނެ.”

“ކޮންމެހެން އެހެން ހަދާކަށް ނުޖެހޭ.”

“ތި ބުނީ؟” ހާޔާ އޭނާއަށް ބަލައިލިއެވެ.

ދާނިއަލް ފަސްޖެހުނެވެ. އެ ފަސްޖެހުމުގެ ސަބަބުން، އެއްވެސް ޖަވާބަކަށްވުރެ ބޮޑަށް ހާޔާގެ ހިތުގައި ޖެހުނެވެ.

“ބުނީމެއްނު.” ހާޔާ މާޔޫސްކަމާއެކު މަޑުމަޑުން ބޯ އަނބުރައިލިއެވެ.

“ހާޔާ…”

“ނޫން.” އަޑު ހަމަޖައްސަން މަސައްކަތްކުރަމުން ހާޔާ ބޯހޫރުވާލިއެވެ. “އަހަރެން ދެން މިހެން އުޅޭކަށް ބޭނުމެއް ނޫން.”

“ކިހިނެއް އުޅޭކަށް؟” ދާނިއަލް އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ކަންކަން އޮޅުވާލައިގެން.” އެ ބަސް އެދެމީހުންގެ ދެމެދަށް ވަރަށް ބާރަށް ފޯރައިގެން ދިޔައެވެ

“އަހަރެމެންނަށް އޮތް ނިމުން އިންތިޒާރުކުރާކަން ހަނދާންކޮށްގެން އަހަރެން ވަރުބަލިވެއްޖެ.” ހާޔާ އޭނާގެ ދެއަތަށް ބަލާލިއެވެ. ދާނިއަލްގެ މޫނުމަތީގެ އަސަރު މަޑުމައިތިރި ވިއެވެ.

“ހާޔާ އެހެންކުން…”

“އެހެންވިއްޔާ އަހަރެން މި ވިސްނަނީ ގޯސްކޮށްށޭ ބުނެބަލަ.” ދާނިއަލްއަކަށް އެހެންނެއް ނުބުނެވުނެވެ. އެ ހިމޭންކަމުން ހާޔާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.

“މިރޭ އެއްބަސްވުން ނިންމާލައިފައި މުއްދަތު ހަމަވުމުން ވަކިވުން އެންމެ ރަނގަޅުވާނީ.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. QUEEN-BEE

    noooooooo my lovely fake couple like y
    anyway vrh reethi

Comments are closed.