
ތަސްވީރީ ބައިވެރިޔާ – 7

“މިރޭ އެއްބަސްވުން ނިންމާލައިފާއި މުއްދަތު ހަމަވުމުން ވަކިވުން އެންމެ ރަނގަޅުވާނީ.”
“ހާޔާ ބޭނުންވަނީ ތިގޮތް؟” ދާނިއަލް ހުރީ އެއްކޮށް ހުއްޓުން އަރާފައެވެ.
“ނޫން.” ހާޔާ އޭނާގެ ދެލޯ މަރާލިއެވެ.
“ނަމަވެސް މަޑުކުރަން ބުނާނެ ގޮތެއް އަހަރެންނަކަށް ނޭނގުނު.” އެ ބަސްތައް ހާޔާއަށް ނުހިފެހެއްޓިގެން ބޭރުވިއެވެ. ދާނިއަލްގެ މޫނުމަތީގެ އަސަރު ބަދަލުވިއެވެ. އިރުކޮޅަކަށް، އޭނާ އެއްޗެއް ބުނަން ބޭނުންވިހެން ހީވިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ބުނީ އޭނާއަށް ކުޑަ ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ.
އެހެން ބުނުމަށްފަހު އޭނާ ނުކުމެގެން ދިޔައެވެ. ދާނިއަލް ދިޔަތާ އެތަކެއް އިރެއް ވަންދެންވެސް ހާޔާ ހުރީ ލައްޕާފައިވާ ދޮރު ކައިރީގައެވެ. ބޭރުގައި، އުޑުމަތި އަނދިރިވަމުން ދިޔައެވެ. ހަމަ ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ. އެއީ އާދައިގެ މަތިން އޭނާ ގަޔާވާ މަޑުމައިތިރި ވާރޭއެއް ނޫނެވެ. އެއީ އެއްފަހަރާ ބޯކޮށް ވެހިގަތް، ސިޓީގެ އަލިތަކުގެ ދަށުން މަގުތައް ރިހިކުލައަށް ބަދަލުކޮށްލި ބޯ ވާރޭއެކެވެ.
ހާޔާ އޭނާގެ އެޕާޓްމަންޓުން ނުކުތެވެ. ދާންވީ ކޮން ތަނަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ، ވައިރޯޅި ފިނިވެ، ވާރޭގެ ތިކިތަކުން ފުރިފައިވީ ނަމަވެސް، އޭނާ ހާމަވަޔަށް ނުކުންނަން ބޭނުންވި ކަމެވެ. ކުޑައެއް ނެތި އޭނާ ހިނގަމުން ދިޔައީ، ވާރޭގެ ސަބަބުން އޭނާ ލައިގެންހުރި އެއްޗެހި ފޯވާން ދޫކޮށްލައިގެންނެވެ.
ދާނިއަލްއާ ވަކިވެގެން ދެވިދާނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމުގައި އޭނާ މަސްތަކެއް ހޭދަކުރިއެވެ. އެންމެ ފަހުން އޭނާއަށް އަމިއްލަ ނަފްސަށް ހަދަމުންދިޔައީ ދޮގުކަން ފަހުމްވިއެވެ. އޭނާ އެ ހަ މަސްދުވަހެއް ބޭނުމެއް ނޫނެވެ. އެ އެއްބަސްވުމެއް ބޭނުމެއް ނޫނެވެ. ދާނިއަލްއަކީ އޭނާ ހަނދާން ނައްތާލަން މަސައްކަތްކުރާ ހަނދާނަކަށް ވެގެންދާނެ މުސްތަގުބަލެއް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ދާނިއަލްއެވެ. އަދި އެކަން އޭނާއަށް ރޭކާލީ މާ ލަސްވިފަހުން ކަމުން އޭނާ ބިރުގަތެވެ.
“ހާޔާ!” އޭނާ ހުއްޓުނެވެ. އޭނާގެ ހިތަށް އެ އަޑު ވަކިކުރަން އެނގުނީ އޭނާއަށް އެކަން ފާހަގަކުރެވުމުގެވެސް ކުރިންނެވެ. އޭނާ ފަހަތަށް އެނބުރުނެވެ. ދާނިއަލް ވާރޭގެ ތެރެއިން އޭނާއާ ދިމާއަށް ދުވެފައި އާދެއެވެ. އޭނާ ހުރީ އެއްކޮށް ފޯވެފައެވެ. އިސްތަށިގަނޑު ހުރީ ނިތްކުރީގައި ތަތްލައިފައެވެ. ހާޔާގެ ކުރިމައްޗަށް ހުއްޓުނުއިރު އޭނާގެ ނޭވާވަނީ އަވަސްވެފައެވެ.
ސިކުންތުކޮޅެއް ވަންދެން، ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެއަށްފަހު ދާނިއަލް ހާޔާއަށް ބަލާލީ މީގެ ކުރިން އޭނާގެ މޫނުމަތިން ފެނިފައިނުވާފަދަ އަސަރަކާއެކުގައެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރެއް ނެތެވެ. ސަމާސާ ކުރުމެއް ނެތެވެ. ސާފު ތެދުވެރިކަން އެކަންޏެވެ.
“ތިގޮތަށް އަހަރެން ދޫކޮށްލާފައި ނުދެވޭނެ.” އޭނާ ބުންޏެވެ.
“ދާނިއަލް އަމިއްލައަށް ނުކުމެގެން ދިޔައީ.” ހާޔާ ހިންދިރުވައިލިއެވެ.
“އެނގޭ، ވަރަށް ބޮޑަށް ސޮރީ.”
“އެހެންވީއިރު އެނބުރި ތިއައީ ކީއްވެ؟”
“ސަބަބަކީ ފާއިތުވި ގަޑިއިރު އަހަރެން ހޭދަކުރީ ކަލާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތްކުރުމުގައި.” ދާނިއަލް، ހާޔާ ކައިރިއަށް ޖެހިލިއެވެ.
“ނަމަވެސް އަހަރެންނަކަށް އެކަމެއް ނުވި.” އޭނާގެ އަޑު ތުރުތުރުއެޅިއެވެ. ވާރޭގެ ތެރެއިން ހާޔާ އޭނާއަށް ބަލާލިއެވެ. ދާނިއަލް ތުރުތުރުއަޅާ ހާލު ފުން ނޭވާއެއްލިއެވެ.
“އަހަރެން ހީކުރީ އަހަރެންނަށް އެކަން ކުރެވިދާނެ ކަމަށް. އަހަރެން ހީކުރީ ހަ މަސްދުވަސް ފުދޭނެ ކަމަށް. އަހަރެން ހީކުރީ އަހަރެމެންނަށް އެއީ ކަމެއް ނޫން ކަމަށް ހަދައި، އެކަކު އަނެކަކަށް އެހީވެ، އޭގެފަހުން އެއިންކަމެއް ނުވާފަދައިން އަހަރެމެންގެ ދިރިއުޅުމަށް އެނބުރި ދެވިދާނެކަމަށް.” މާޔޫސީ ހިނިތުންވުމެއް ދާނިއަލްގެ އަނގައިން ބޭރުވެގެން ދިޔައެވެ.
“ނަމަވެސް އެ ދަތުރުގެ ކޮންމެވެސް ހިސާބަކުން، ހާޔާއަކީ އަހަރެން އެއްބަސްވުން ހެދި އަންހެން ކުއްޖާ ކަމުގައިވުން ހުއްޓުނު.” ހާޔާގެ ލޯ ކަރުނައިން ފުރުނެވެ.
“ހާޔާއަކީ އުފާވެރި ކަމެއް މެދުވެރިވުމުން އަހަރެން ހޯދާ މީހާއަށްވި. އަހަރެންގެ ދުވަސް ގޯސްވާ ވަގުތު އަހަރެންގެ ގާތުގައި ހުންނަން ބޭނުންވާ މީހާއަށްވި. ހާޔާއަކީ އަހަރެންގެ ހުރިހާ ވާހަކައެއް ހިއްސާކުރަން ބޭނުންވާ މީހާއަށްވި.” އޭނާ ހާޔާގެ އަތުގައި ހިފާ، އޭނާގެ ދެއަތުގެ މެދުގައި ވަރަށް އޯގާތެރިކަމާއެކު ބާއްވާލިއެވެ.
“އަދި އަހަރެން ލޯބިވީ އެ ތަސްވީރީ ބައިވެރިޔާ ދެކެއެއް ނޫން.” ދާނިއަލްގެ ދެލޯ ހާޔާގެ ދެލޮލާ ބައްދަލުވިއެވެ.
“އަހަރެން ލޯބިވީ ހާޔާ ދެކެ.” އެންމެ ފަހުން ހާޔާގެ ކަރުނަތައް އޭނާގެ ކޯތާފަތް މަތިން ތިރިއަށް ފައިބައިގަތެވެ. ދާނިއަލްގެ އަޑުގައި މަޑުމައިތިރިކަން ހުއްޓެވެ.
“ހާޔާ ކަންބޮޑުވެފައި ހުންނައިރުވެސް ކަންބޮޑުނުވާ ކަމަށް ހަދާގޮތް އަހަންނަށް ވަރަށް ކަމުދޭ. އެންމެންގެ މައްސަލަތައް ހަނދާން ހުރެފައި އަމިއްލަ ނަފްސަށް އަޅާލަން ހަނދާންނެތޭ ގޮތްދެކެ އަހަރެން ވަރަށް ލޯބިވޭ. ނުހޭން މަސައްކަތްކުރާއިރު ހުންނަ ގޮތް ފެނުމުން އަހަރެންނަށް ހަމަޖެހުން ލިބޭ. އަދި އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި އަހަރެންގެ ދިރިއުޅުން ތަފާތުކޮށްދިން ކަންތައް އަހަރެން ދުވަހަކުވެސް ހަނދާން ނައްތާލާކަށް ބޭނުމެއްނޫން.” އެ އިހުސާސްތަކުގެ ތެރެއިން ހިނިތުންވާން މަސައްކަތްކުރަމުން އޭނާ ބޯހޫރުވާލިއެވެ.
“އަދި އެ ދަތުރުގެ ކޮންމެވެސް ހިސާބަކުން، އަހަރެމެންގެ ހަ މަސްދުވަސް ނިމޭނީ ކޮން އިރަކުންކަމާ މެދު ވިސްނުން އަހަރެން ހުއްޓާލިން.” އޭނާ ހާޔާގެ އަތަށް ބާރުކޮށްލިއެވެ.
“އަހަރެން ވިސްނަން ފެށީ އެ މުއްދަތު ދުވަހަކުވެސް ނުނިމޭނެ ގޮތެއް ހަދާނީ ކިހިނެއްކަމާ މެދު.” ހާޔާއަކަށް ވާހަކައެއް ނުދެއްކުނެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ޖާގައެއް ނޯންނަ ވަރަށް ދާނިއަލް ކައިރިއަށް ޖެހިލިއެވެ.
“އަހަރެން ހަ މަސްދުވަހެއް ބޭނުމެއް ނޫން، ހާޔާ. އަހަރެން އެއްބަސްވުމެއް ބޭނުމެއް ނޫން. އަހަރެން ކައިވެނީގެ އެންގޭޖްމަންޓެއް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ހާޔާ. އަދި ހާޔާ ދެކެ ލޯބިވުމަކީ އެއްބަސްވުމުގެ ބައެއް ކަމަށް ހަދައިގެން އުޅެން އަހަރެންވެސް ވަރުބަލިވެއްޖެ.” ހާޔާ ވަރަށް ގިނައިރު ވަންދެން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ތިއީ މޮޔައެއް.” އެއަށްފަހު ހާޔާގެ ކަރުނަތަކުގެ ތެރެއިން އޭނާ މަޑުމަޑުން ހީނގަތެވެ.
“ވެދާނެ.” ދާނިއަލް ހިނިތުންވެލިއެވެ.
“އަހަރެން ގާތު ނުބުނެ ތިޔަހުރީ މިއޮތް ހުރިހާ ދުވަހު.”
“އަހަރެން ބިރުގަތީ. އަހަރެމެންގެ އެއްބަސްވުމުގެ ސަބަބުން.”
“އަހަރެންވެސް.” ހާޔާ، ދާނިއަލް ކައިރިއަށް ޖެހިލައި، އޭނާގެ ނިތްކުރި ދާނިއަލްގެ ނިތްކުރީގައި ޖައްސާލިއެވެ.
“އަހަރެން ތިބާ ދެކެ ލޯބިވާން ފެށީތާ މަސްތަކެއް ވެއްޖެ.” ހާޔާ ސިއްރުސިއްރުން ބުންޏެވެ. “އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީ އެކަން ކުރަން އަހަރެންނަށް ހުއްދައެއް ނެތް ކަމަށް.”
“ހާޔާއަށް އަބަދުވެސް އެ ހުއްދަ އޮތް.” ދާނިއަލް އޭނާގެ ދެލޯ މަރާލިއެވެ. ހާޔާ އޭނާއަށް އިސްއުފުލައި ބަލާލިއެވެ.
“ދެން ވާނީ ކިހިނެއް؟”
“ދެން އަހަރުމެން އެއްބަސްވުން މުގުރާލާނީ.” ދާނިއަލް ހިނިތުންވެލިއެވެ.
“އަހަރެމެން އަމިއްލައަށް ހެދި އެއްބަސްވުން؟” ހާޔާ މަޑުމަޑުން ހީލިއެވެ.
“އެކަކު އަނެކަކާމެދު އިހުސާސްތައް ނުހުރުމުގެ ގަވާއިދުވެސް؟”
“ޚާއްޞަކޮށް އެ ގަވާއިދު.” މަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް، ހާޔާއަށް ހަމަނޭވާ ލެވުނުކަމުގެ އިހުސާސް ކުރެވުނެވެ. ދެން އެއްވެސް މުއްދަތެއް ނެތެވެ. ކަންކަން އޮޅުވާލުމެއް ނެތެވެ. ހަ މަސްދުވަސް ނިމުމުން ވާނެ ގޮތަކާމެދު ވިސްނައި ފިކުރުކުރާނެ ސަބަބެއް ނެތެވެ. ހުރީ ހަމައެކަނި ދާނިއަލްއެވެ. އަދި އެމީހުން އަމިއްލައަށް އެންމެ ފަހުން ނިންމި ނިންމުމެވެ. ތޫފާނުގެ ތެރޭގައި އޭނާ ތެމުނަނުދީ ބެހެއްޓުމަކީ މުސްތަޙީލު ކަމަކަށް ވީނަމަވެސް، ދާނިއަލް އޯގާތެރިކަމާއެކު ހާޔާގެ ކޯތާފަތުގައިވާ ވާރޭތިކިތައް ފޮހެލަދިނެވެ.
“އަހަރެމެންގެ އާއިލާތަކަށް މިކަން ސާފުކޮށްދޭންޖެހޭނެކަން ހާޔާއަށް އެނގޭތަ.” ދާނިއަލް ގާތަށް ހިނިއައެވެ.
“އެކަން ވެދާނެ ދާނިއަލް ދެކެ ލޯބިވުމަށްވުރެވެސް އުނދަގޫ ކަމަކަށް.” އޭނާގެ ބޯ ދާނިއަލްގެ މޭގައި ޖައްސާލަމުން ހާޔާ ހީނގަތެވެ.
“އަހަންނަށް ހީވަނީ އަހަރެންގެ މާމައަށް މާކުރިންވެސް އެނގޭހެން.” ދާނިއަލް ބުންޏެވެ.
“އެނގޭނެކަން ކަށަވަރު.” އެމީހުން އެއްކޮށް ފޯވެފައި ތިބިނަމަވެސް، އެކަމާ އަޅާނުލައި ވާރޭގެ ތެރޭގައި އެކުގައި ތިއްބެވެ. ފުރަތަމަ ފަހަރަށް، ހާޔާއަށް އޭނާ އުޅެނީ ކަންކަން އޮޅުވާލައިގެން ކަމުގެ އިހުސާސެއް ނުކުރެވެއެވެ. ދާނިއަލްގެ ތަސްވީރީ ބައިވެރިޔާގެ ގޮތުގައި އޭނާ ހަ މަސްދުވަސް ހޭދަކުރީ ކަންކަން އޮޅުވާލައިގެންނެވެ. ނަމަވެސް މިހާރު އޭނާ ވެގެންދިޔައީ ދާނިއަލް ލޯބިވާ މީހާއަށެވެ. އަދި ދާނިއަލް ވެގެންދިޔައީ ހާޔާ ޚިޔާރުކުރި މީހާއަށެވެ. ޙަޤީޤީގޮތުގައެވެ.
ޖެހިގެން އައި ދުވަހު ހެނދުނު، ހާޔާއަށް ހޭލެވުނީ ދާނިއަލްގެ މެސެޖަކަށެވެ.
ދާނިއަލް: ގުޑް މޯނިންގް ލަވް.
ކޯތާފަތަށް ތަދުވާ ވަރަށް ހިނިތުންވެގެން ހާޔާ އެ މެސެޖަށް އިރުކޮޅަކު ބަލަހައްޓައިގެން އޮތެވެ. އޭނާގެ ކޮޓަރި ކުޑަދޮރުގެ ބޭރުން، ތޫފާނަށްފަހު ހެނދުނުގެ ވަގުތު އޮތީ އަލިވެ، ހިމޭންވެފައެވެ. މަސްތަކެއް ވަންދެން އެމީހުންގެ ގުޅުން ބިނާވެފައި އޮތީ ދޮގެއްގެ މައްޗަށެވެ. ނަމަވެސް ބައެއް ފަހަރު، ހާޔާ ހިތަށްއެރިއެވެ. ދޮގަކުންވެސް އުންމީދު ނުކުރާފަދަ އުފާވެރި މަންޒިލަކަށް ވާސިލްކޮށްދީފާނެއެވެ. ބައެއް ފަހަރު އެއީ އަމިއްލަ ގެއަށް ވާސިލްވުން ކަހަލަ ކަމެކެވެ. އަދި މިފަހަރު، އެއްބަސްވުމުގައި ލިޔެވިފައިވާ އެއްވެސް ނިމުމެއް ނެތެވެ. އޮތީ ހަމައެކަނި ފެށުމެކެވެ. އެމީހުންގެ ފެށުމެވެ.
Comments (4)
Comments are closed.
last part! thankyou everyone for reading🤍
MA ❤️ Very beautiful
vrh reeethi gurrl season 2 laaba plsss i really want to see them get married
i really love this story
Season 2 plx