
ނޭދެން ވަކިވާކަށް – 41

ޒޯޔާގެ މޫނުމަތީގައިވި ކުލަވަރު މުޅިން ބަދަލުވެގެން ދިޔަ ތަން ފެނުނެވެ. އޭނާގެ ދެލޮލުން ފެނިގެންދިޔައީ ނުބައި، ނުރައްކާތެރި މަކަރުވެރިކަމެވެ.
އެ ނަޒަރާއި ހިނިތުންވުން ފެނި، ޔޫލީގެ މުޅި ހަށިގަނޑު ފިނިވެ، ހިތް ހުއްޓުނު ފަދަ އިހުސާސެއް ކުރުވިއެވެ.
“ވަޓް ހެޕެން ޓު ޔޫ ޒޯ؟” މަޑު މަޑުން ޒޯޔާގެ ހަށިގަނޑު މާން އާއި ދުރު ކޮށްލަމުން އެނާގެ ހަށިގަނޑުގައިވާ ޒަހަމްތައް ދެނެގަންނަން މަސައްކަތް ކުރަމުން މާން ބުނެލިއެވެ.
“އޭނާ …އޭނާ ބުނީ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާނަމޭ.. އަހަރެންގެ.. އަހަރެން ” ޒޯޔާގެ އަޑުގައިވި ގިސްލުމާއި އެކު އޭނާގެ އަޑު ދިޔައީ ކުރެހެމުންނެވެ.
ޒޯޔާގެ އެ ކުޅަދާނަ އެކްޓާއި، ކުއްލިއަކަށް އޭނާގެ މޫނުމަތިން ފެނުނު ނުރައްކާތެރި މަކަރުވެރިކަމުން ޔޫލީ ހުރީ މުޅިން އަންތަރީސްވެފައެވެ. އެ މޫނުމަތީގެ އަސަރުތައް ބަދަލުވާ އާދަޔާ ހިލާފު އަވަސް މިނުން، އޭނާއަށް މި ކުރިމަތިލާންޖެހުނީ ކޮންފަދަ ބިރުވެރި، ނުރައްކާތެރި ކުޅިވަރަކާއި ކަން ހިތަށް ސިފަވެ މުޅި ނަފުސު ތުރުތުރުއަޅައިގަތެވެ.
މާން، ނުހަނު ކަންބޮޑުވުމާއިއެކު ޒޯޔާގެ އަތުގައި ހިފާލައިގެން ހުރެ، އަވަސް އަވަހަށް ކާރާ ދިމާއަށް ހިނގައިގަތެވެ. “އަވަހަށް ކާރަށް އަރާ… މި ހާލަތުގައި މިތާކު މަޑެއް ނުކުރެވޭނެ،” މާންގެ އަޑުގައިވީ އަވަސްއަރުވާލާފައި ނުތަނަވަސްކަމެވެ.
ތިން މީހުން ކާރަށް އެރުމާއިއެކު، މާން ބާރުމިނުގައި ކާރު ދުއްވާލިއެވެ. ކާރުގެ އެތެރެއަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭންކަމެކެވެ. ފަހަތު ސީޓުގައި އިން ޒޯޔާގެ ގިސްލުމުގެ އަޑު މުޅި ކާރުތެރޭގައި ގުގުމަމުން ދިޔައިރު، ކުރީ ސީޓުގައި އިން ޔޫލީ އިނީ ބަހެއްވެސް ބުނަން ނޭނގި، ގަނޑުވެފައެވެ.
މާން ކާރު ދުއްވަމުން، އެއްއަތުން ފޯނު ނަގައި މާހިން އަށް ގުޅާލިއެވެ.
“މާހިން! ދޮންބެ މިދަނީ ޕެންޓްހައުސްއާ ދިމާއަށް. ކުއްލި ކަމެއްޖެހިގެން މިއުޅެނީ… ޒޯ އަށް ކޮންމެވެސް ބަޔަކު ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި. އޭނާ ގޮވައިގެން ޓްރީޓޮޕަށް ދާންވެގެން. ނިކަން އަވަހަށް ތިރިއަށް ފައިބާ ބަލަ ޔޫލީ ގޮވައިން މައްޗަށް އަރަން!” މާންގެ އަޑުގައިވީ ނުހަނު ސީރިއަސް ކަމެކެވެ.
“ކީކޭ؟ ޒޯޔާއަށް ހަމަލާ ދިނީއޭ؟ އޯކޭ، މިހާރު މި ފައިބަނީ!” މާހިން ހައިރާންކަމާއިއެކު ބުނެލި އަޑު އިވުނެވެ.
ޔޫލީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މި ހާދިސާއެވެ. އަދި އޭނާގެ ހިތް ރޮމުން ދިޔައީ މާން ޒޯޔާއަށް ދޭ ހާއްސަ ކަމާއި އޭނާއަށް އަޅާލާ އަޅާލުން ފެނިފައެވެ. އޭނާގެ ހިތަށް ވިސްނާދޭން މަސައްކަތް ކުރަމުން ދިޔައީ މާން ކޮންމެ މީހަކު އެ މަގާމުގައި ހުރި ނަމަވެސް އެހެން ކަންތައް ކުރާނެ ކަމެވެ.
މިނެޓެއްހާއިރުގެ ތެރޭގައި މާންގެ ކާރު ގޮސް ޕެންޓްހައުސް އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެވަގުތު މާހިންވެސް ކަންބޮޑުވެފައި އިމާރާތުން ނުކުމެގެން އަންނަނީއެވެ.
މާން އަވަސްއަވަހަށް ފައިބައި، ޔޫލީ އިން ފަރާތުގެ ދޮރު ހުޅުވާލަދިނެވެ. އަދި ޔޫލީގެ ދެއަތުގައި މަޑުމަޑުން ހިފާލަމުން، އޯގާތެރިކަމާއިއެކު ބުނެލިއެވެ. “ޔޫލީ… ދޭ މާހިން އާއިއެކު އެތެރެއަށް އަހަރެން ޒޯޔާ ހޮސްޕިޓަލަށް ގެންގޮސްފައި، ކަންތައްތައް ހަމައަކަށް އަޅުވާފައި އެނބުރި އަންނާނަން. ޑޯންޓް ތިންކް ޓޫ މަޗް…” އަދި ކަންފަތާއި ގާތްވެލަމުން “އައި ލަވް ޔޫ” އިތުރު ކޮށްލިއެވެ. އެ ނުތަނަވަސް ކަމުގައި ވެސް ވަގުތުން ޔޫލީގެ ކޯތާފަތަށް ޖަންބު ކުލަ ވެރިވެ، ތުންފަތް ލަދުރަކި ހިނިތުންވުމަކުން ދެމިލިއެވެ.
ޔޫލީ މާންގެ ދެލޮލަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަނީ ކަންބޮޑުވުމެވެ. ނަމަވެސް، ކާރުގެ ފަހަތު ސީޓުން ޔޫލީ އާ ދިމާއަށް ބަލަހައްޓައިގެން އިން ޒޯޔާގެ ދެލޮލުގައިވީ މަލާމާތް އެކުލެވިގެންވީ ހަސަދަވެރިކަމުގެ އަސަރެވެ. ޔޫލީއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ހަމައެކަނި ބޯޖަހާލުމަށްފަހު ކާރުން ފޭބިއެވެ.
“ޔޫލީ، ލެޓްސް ގޯ” މާހިން އައިސް ޔޫލީގެ ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ.
މާން، ޔޫލީއަށް ފަހު ނަޒަރެއް ދިނުމަށްފަހު އަވަސްއަވަހަށް ކާރަށް އަރައި، ބާރުމިނުގައި ކާރު ދުއްވާލީ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާއަށެވެ.
ކާރު ނިވާ ވަންދެން ބަލަހައްޓައިގެން ހުރި ޔޫލީގެ ހިތުގައި އުފެދެމުން ދިޔައީ ބަޔާންކުރަން ދަތި ބިރުވެރިކަމެކެވެ.
*****
ޓްރީޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ޑޮކްޓަރުންނާއި ނަރުހުން ޒޯޔާގެ އަތުގައިވާ ޒަޚަމްތަކުގައި ބޭސް އަޅައި، ފަރުވާދީ ނިންމާލުމަށްފަހު ނުކުމެގެން ދިޔައެވެ. މާން ކައިރީގައިވާ ގޮނޑީގައި އިށީނދެލައިގެން އިނީ ނުހަނު ކަންބޮޑުވެ، އިސްޖަހާލައިގެންނެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް އެނބުރެމުންދިޔައެވެ.
ޒޯޔާ އެނދުމަތީގައި އޮވެ، މަޑުމަޑުން ގިސްލަމުން ދިޔައެވެ. އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔައެވެ.
“ޒޯ…” މާން މަޑުމަޑުން ތެދުވެ، އެނދުގެ ކައިރިއަށް ގާތްވެލިއެވެ. އޭނާގެ އަޑުގައިވީ އަސަރުގަދަ، އޯގާތެރި ކަންބޮޑުވުމެކެވެ. “ޒޯ، އަސްލު ކިހިނެއްތަވީ؟ ކާކު ކުރި ކަމެއް މީ؟ ޕްލީޒް އަހަރެން ގާތު ބުނެބަލަ… ކޮންބަޔަކު އަނިޔާކުރީ؟”
ޒޯޔާ މާންގެ މޫނަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ނިކަމެތިކަމާއި ބިރުވެރިކަމެވެ. އޭނާ ތުރުތުރުއަޅާ އަތުން މާންގެ އަތުގައި ބާރަށް ހިފާލިއެވެ.
“މާން… އަހަރެން… އަހަރެން ވަރަށް ބިރުގަނޭ” ޒޯޔާގެ އަޑު ކުރެހި، ވާހަކަދައްކަން ދަތިވިއެވެ. “އަހަރެންނަށް އެއްވެސް މީހަކު އަނިޔާއެއް ނުކުރޭ…”
މާންގެ ދެބުމަ ގާތްވެގެން ދިޔައެވެ. “އެއްވެސް މީހަކު އަނިޔާއެއް ނުކުރެއޭ؟ ދެން އަތުގައި ތިހުރި ޒަޚަމްތަކަކީ…”
“އެއީ… އެއީ އަހަރެން އަމިއްލައަށް ކުރި ކަމެއް،” ޒޯޔާ ބާރަށް ރޮއިގަންނަމުން، އިސްޖަހާލިއެވެ.
މާން އަށް ލިބުނީ ބަޔާންކުރަން ދަތި ހައިރާންކަމެކެވެ. “ވަޓް؟ ސެލްފް ހާމް؟ ޒޯޔާ… ކީއްވެ؟ ކީއްވެ ތިފަދަ ކަމެއް ކުރަންވީ؟”
“އަހަރެންގެ ބޯ ގޮވީ މާން! އަހަރެން މޮޔަވާން ކައިރިވެއްޖެ!” ޒޯޔާ ގިސްލަމުން ކިޔައިދޭން ފެށިއެވެ. “ކޮންމެވެސް ނުދަންނަ މީހަކު އަހަރެންނަށް ބްލެކްމެއިލް ކުރަނީ… އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާނެ ކަމަށް ބުނެ އަބަދު އިންޒާރުދެނީ. އަހަރެންނަށް ފާރަލައި، އަހަރެންގެ ސިއްރުތައް ހާމަކުރާނެ ކަމަށް ބުނެ އަހަރެން މެންޓަލް ކޮށްލައިފި… އޭނާ އަތުގަ އަހަރެން ބޭރުގައި އުޅުނު އިރުގެ ބައިވަރު މައުލޫމާތު އެބަހުރި … މިރޭވެސް އެމީހާ އަހަރެންނަށް ގުޅާފައި ބުނީ… އަހަރެންގެ ދިރިއުޅުން އެއްކޮށް ހަލާކު ކޮށްލާނަމޭ…”
ޒޯޔާ މާންގެ އަތުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. “އަހަރެން އެކަނިވެ، ބިރުގަތްވަރުން ސިކުނޑި ކޮންޓްރޯލުން ނެއްޓުނީ… އަހަރެންނަށް ނޭވާލާންވެސް ދަތިވީ. އެ ބިރުވެރިކަމާއި ނުތަނަވަސްކަމުން ސަލާމަތްވާނެ ގޮތެއް ނޭނގިގެން… އަހަރެންގެ އަމިއްލަ ނަފުސަށް އަނިޔާ ދެވުނީ. އަހަރެން ބޭނުންވީ އެ ނަފުސާނީ ތަދަށްވުރެ ބޮޑު ތަދެއް ޖިސްމާނީގޮތުން އިހުސާސްކުރަން… މާން… އަހަރެން ވަރަށް އެކަނިވެއްޖެ… އަހަރެން ސަލާމަތްކޮށްދީ…”
ޒޯޔާގެ ކަރުނުން ފުރިފައިވާ ދެލޮލާއި، ތުރުތުރުއަޅާ އަޑާއި، އޭނާގެ މޫނުމަތިން ފެންނަންހުރި ބިރުވެރިކަން ފެނި، މާންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ޒޯޔާއަކީ އޭނާގެ މާޒީގައި ޚާއްޞަ މަގާމެއް ދެވިފައިވާ ކުއްޖަކަށްވެފައި، އޭނާގެ މި ނިކަމެތި ހާލަތު ފެނުމުން މާންގެ ހިތުގައި އިންތިހާއަށް ހަމްދަރުދީއާއި އޯގާތެރިކަން އުފެދިގެން ދިޔައެވެ. ޒޯޔާ އެ ދެއްކި ކޮންމެ ވާހަކައަކީ ތެދެއްކަމަށް މާން އަށް ގަބޫލުކުރެވުނެވެ.
“ޒޯ…” މާން، ޒޯޔާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން، އޯގާތެރިކަމާއިއެކު ބުނެލިއެވެ. “ދެން އިތުރަށް ބިރުނުގަނޭ. އަހަރެން ހުއްޓާ އެއްވެސް މީހަކު ތިފަދަ އަނިޔާއެއް ކުރިޔަކު ނުދޭނަން. އަދި ތިގޮތަށް އަމިއްލަ ނަފުސަށް އަނިޔާކުރުމަކީ ހައްލެއް ނޫން. އަހަރެން ޒޯޔާ ރައްކާތެރިކޮށްދޭނަން… އައި ޕްރޮމިސް.”
މާންގެ އެ ބަސްތަކުން ޒޯޔާ މަޑުމަޑުން މާންގެ މޭގައި ބޯއަޅާލިއެވެ. އޭނާގެ ތުންފަތްމައްޗަށް، އަނެއްކާވެސް ކާމިޔާބީގެ މަކަރުވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މާން އޭނާގެ މަޅީގައި ޖެހުނީތާއެވެ.
*****
ގަޑީގެ ކަށި ހިނގަމުންގޮސް އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔައިރުވެސް، ޔޫލީއަށް އިނދެވުނީ އެނދުގެ ކަނެއް ގައެވެ. މުޅި ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން، އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ ހައްދުފަހަނައަޅާފައިވާ ގަދަފަދަ ޚިޔާލުތަކެކެވެ.
އެންމެ ފުރަތަމަވެސް އޭނާގެ ހިތަށް ސިފަވަމުންދިޔައީ ރެސްޓޯރެންޓުގެ އެ ރޮމޭންޓިކް މާހައުލުގައި މާން އޭނާގެ އަތުގައި ހިފާލައިގެން އިނދެ، އިޚްލާސްތެރިކަމާއިއެކު ވީ ލޯބީގެ އިގުރާރެވެ. “މިއަދު އަހަރެންގެ މުޅި ދުނިޔެއަކީ، އަދި އަހަރެންގެ ހިތުގެ ހަމަޖެހުމަކީ ޔޫލީ…” މާންގެ އެ ބަސްތަކުން ޔޫލީގެ ހިތަށް ލިބުނު ފުން އުފާވެރިކަމާއި ހަމަޖެހުން އަދިވެސް އޭނާގެ ރޫޙުގައި ހަރުލާފައިވާ ފަދައެވެ. އެއީ ތެދުވެރި، ސާފު ލޯބިކަން އޭނާގެ ހިތް ގޮވާލައެވެ.
ނަމަވެސް، އެ އުފާވެރި ހަނދާނުގެ މައްޗަށް ވެރިވެގަންނަނީ ހުޅުމާލޭގެ އަނދިރި މަގުމަތިން ފެނުނު ބިރުވެރި މަންޒަރެވެ. މާންގެ މޭގައި ބޯއަޅާލައިގެން އޮވެ، ޒޯޔާ އޭނާއަށް ދެއްކި މަކަރުވެރި، ނުލަފާ ހިނިތުންވުމެވެ. އެ ހިނިތުންވުމުން އޭނާ ބުނާ ކަހަލައެވެ. “ތިއީ ކުށްހީއެކެވެ… މާން އަކީ އަހަރެންގެ މީހެކެވެ.. ޔޫލީ ކަލޭ އެއްފަރާތްވާށެވެ… ތީ މިތަނުގައި ބޭކާރު މީހެކެވެ.”
ޒޯޔާގެ އަސްލު މަގުސަދަކީ ކޮބައިހެއްޔެވެ؟ އޭނާ ހާސިލުކުރަން އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟ މާންގެ ހިތުގައި އޭނާއަށްޓަކައި އޯގާތެރިކަމާއި ހަމްދަރުދީގެ ނާޖާއިޒު ފައިދާ ނަގައިގެން، މާންއާއި އޭނާއާ ދެމެދުގައިވާ ގުޅުން ހަލާކުކޮށްލުމަކީ ޒޯޔާގެ އެންމެ ބޮޑު އެދުން ހެއްޔެވެ؟
މާން އާއި ޒޯޔާގެ މާޒީއާއި، އެ ދެމީހުންގެ މެދުގައިވާ އާދަޔާ ޚިލާފު ގާތް ކަމާއިމެދު ވިސްނާލުމުން ޔޫލީގެ ހިތުގައި ތޫނު ރިހުމެއް އުފެދެއެވެ. ޒޯޔާގެ އެ ކުޅަދާނަ އެކްޓުގެ ކުރިމަތީގައި، މާން އަށް ހަޤީޤަތް އޮޅުންފިލާނެ ބާވައެވެ؟ ނޫނީ މާންވެސް އޭނާގެ އަމިއްލަ ދެލޮލަށް ވުރެ ބޮޑަށް ޒޯޔާގެ ކަރުނަތަކަށް އިތުބާރުކުރާނީ ހެއްޔެވެ؟
“އަހަރެން މާން އަށް އިތުބާރުކުރާނީ ކިހިނެއް؟” ޔޫލީ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. މާން ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް، ޒޯޔާގެ މަކަރުވެރި ރޭވުންތަކުގެ ތެރެއަށް މާން ގެނބިގެން ދާއިރު، އޭނާއަށް ހިމޭނުން ހުރެވޭނެ ހެއްޔެވެ؟ ޒޯޔާގެ ކުރިމަތީގައި ކުޅަދާނަކަމާއިއެކު ހުއްޓި، އޭނާގެ މަކަރުވެރިކަން އަންގާ އޭނާ ފަލީހަތްކޮށް ކުރިމަތިލާންވީ ހެއްޔެވެ؟ ޒޯޔާ އާއި ކުރިމަތިލައިފިއްޔާ މާން އޭނާއަށް އިތުބާރު ކުރާނެ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަން ވިޔަސް ….. އެ ހުރިހާ ކަމެއްގެ ތެރެއިން އޭނާގެ އަމިއްލަ ދިރިއުޅުމާއި ހިތް ކުދިކުދިވެގެން ދާނީ ހެއްޔެވެ؟
ދިގު އިންތިޒާރެއްގައި، ގޮތްނޭނގޭ ބިރުވެރިކަމަކާއި ނުތަނަވަސްކަމެއްގެ ތެރޭގައި ޔޫލީއަށް އިނދެވުނީ މާން އެނބުރި އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ.
*****
ޓްރީޓޮޕް ހޮސްޕިޓަލުގެ ތެރޭގައި ޒޯޔާ އޮތީ މާންގެ އަތުގައި ދެއަތުން ބާރަށް ހިފަހައްޓައިގެންނެވެ. މާން ގެއަށް ދާން އުޅޭކަމުގެ އިޝާރާތެއް ވުމާއިއެކު، ޒޯޔާގެ ދެލޮލުން އަނެއްކާވެސް ކަރުނަތައް އޮހޮރެން ފެށިއެވެ.
“މާން… ޕްލީޒް… އަހަރެން އެކަނި ދޫކޮށްލާފައި ނުދޭ…” ޒޯޔާ ގިސްލަމުން، ބިރުގެންފައިވާ ކުއްޖެއް ފަދައިން އާދޭސްކުރަން ފެށިއެވެ. “އަހަރެން ވަރަށް ބިރުގަނޭ… އެމީހާ އަނެއްކާވެސް އަތުވެއްޖެއްޔާ އަހަރެން ކިހިނެއް ހަދާނީ؟”
މާން މަޑުމައިތިރިކަމާއިއެކު ޒޯޔާގެ އަތުން އަތް ނައްޓުވާލަން މަސައްކަތްކުރިއެވެ. “ޒޯޔާ… ހޮސްޕިޓަލުގައި ސެކިއުރިޓީ ތިބޭނެ. އަދި އަހަރެން މާހިން އަށް ގުޅާފައި ބުނެދޭނަން މިކޮޅަށް އަންނަން. އޭރުން މާހިން މަޑުކުރާނެ”
“ނޫން! ނޫން މާން!” ޒޯޔާ ހެދުން މުށް ކަވާ ލަމުން އަވަސްއަވަހަށް ބުނެލިއެވެ. “މާހިން އަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން! މިއީ އަހަރެންގެ އަމިއްލަ ސިއްރެއް… އެހެން މީހުންނަށް މިކަން އެނގިއްޖެނަމަ އަހަރެންގެ އަބުރު ގެއްލިދާނެ. ޕްލީޒް މާން… މިއަދު އަހަރެންގެ ކައިރީގައި މަޑުކޮށްދީ. އެހެން އެއްވެސް މީހަކަށް މިއަދު އަހަރެންނަށް އިތުބާރެއް ނުކުރެވޭނެ. ޕްލީޒް…”
ޒޯޔާގެ އާދޭހާއި، އޭނާގެ މޫނުމަތިން ފެންނަންހުރި ބިރުވެރިކަމުގެ ސަބަބުން މާން އަށް އިހުސާސްވީ މަޖުބޫރީއެވެ. ހިތާހިތުން ޔޫލީ އާއިމެދު ވިސްނާލުމަށްފަހު، މާން ފޯނު ނަގައި މާހިންގެ ނަންބަރަށް ގުޅާލިއެވެ.
*****
ޕެންޓްހައުސްގެ ސިޓިންގްރޫމްގެ ސޯފާގައި އިނދެ މާހިން ޓީވީގެ ޗެނަލްތައް ބަދަލުކުރަމުން ދިޔައެވެ. އޭނާ ޓީވީ ބަލާ ހިތެއް ނެތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޔޫލީއެވެ. ދެތިން ފަހަރަކު މާންގެ ކޮޓަރިއާއި ހަމައަށްވެސް އޭނަ ގޮސްފިއެވެ. ނަމަވެސް ގޮވާލާކަށް ނުކެރުނެވެ. ޝިފްނާއަށް އެ ހަބަރު ދޭން އޭނާ ބޭނުންވިއެވެ. ނަމަވެސް އެ ހަބަރު ދީފި ނަމަ ޝިފްނާ ޔޫލީއާއި ބައްދަލު ކުރަން ބޭނުން ވާނެއެވެ. އެހެންވެއްޖެނަމަ މާހިންގެ މަގުސަދު ހާސިލު ކުރުމަށް ބުރޫ އަރާފާނެއެވެ. ނަމަވެސް ޝިފްނާއަށް އެ ހަބަރު އެންގުމަށް އޭނާއަށް ފޯނު ނެގުނީ ކީއްވެކަމެއް ހުދު އޭނާ އަށްވެސް ނޭނގެއެވެ. ޝިފްނާއަށް ގުޅާ ނުލެވި އުޅެނިކޮށް އޭނާގެ ފޯން ރިންގްވާން ފެށިއެވެ. އިސްކުރީނުން މާންގެ ނަން ފެނުމާއިއެކު މާހިން އަވަސްއަވަހަށް ފޯނު ނެގިއެވެ.
“ހެލޯ ދޮންބޭ! ކިހިނެއްވީ؟ ޒޯޔާގެ ހާލު ކިހިނެއް؟” މާހިން އަހާލިއެވެ.
“މާހިން… ޒޯޔާގެ ހާލަތު އަދިވެސް މުޅިން ރަނގަޅެއް ނޫން. އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައި،” މާންގެ އަޑުގައިވީ ވަރުބަލިކަމާއި ނުތަނަވަސްކަމެވެ. “އަހަރެން މިރޭ ހޮސްޕިޓަލުގައި މަޑުކުރަން ޖެހިއްޖެ. ޒޯޔާ އެކަނި ބަހައްޓާފައި ދާކަށް ނުކެރުނު… މާހިން، ޕްލީޒް ކުޑަކަމެއް ކޮށްދީފާނަންތަ؟ ޔޫލީ ގެއަށް ގެންގޮސް ދީފާނަންތަ؟”
މާހިންގެ މޫނުމައްޗަށް ކުއްލިއަކަށް ވެރިވެގެން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. އޭނާގެ ހިތުގައި ކުރިއްސުރެ ޔޫލީ އަށްޓަކައި ވާ ހާއްސަ އިހުސާސްތަކާއި ލޯބި، އެ ހިނދުކޮޅުގައި އަލުން އާވެގެން ދިޔަ ފަދައެވެ. މިއީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ! ޔޫލީގެ ހިތް މާން އާއި ދުރުކޮށްލަން މިއަށްވުރެ ވަކިން ރަނގަޅު ވަގުތެއް ނުލިބޭނެއެވެ. އަދި އޭނާއަށް ޔަގީންވެއެވެ. އޭނާގެ ދޮންބެގެ ހިތުގައި ޔޫލީއަކަށް އެއްވެސް ލޯތްބެއް ނެތެވެ. އެއީ މަޖުބޫރު ކައިވެންޏެކެވެ. މާން ލޯބިވަނީ ޒޯޔާ ދެކެއެވެ. އޭނާ މިއަދުވެސް އެ އިހުތިޔާރު ކުރީ ޒޯޔާ ނޫން ހެއްޔެވެ. އެހެންވީމާ ޔޫލީ ހާސިލް ކުރުމަކުން އޭނާގެ ދޮންބެއަށް ވާނެ ދެރައެއް ނޯންނާނެއެވެ.
“އާން ދޮންބޭ… ކަންބޮޑުނުވޭ،” މާހިން އޯގާތެރި ގޮތަކަށް ވާހަކަދެއްކިއެވެ. “އަހަރެން ޔޫލީ ރައްކާތެރިކަމާއިއެކު މާލެއަށް ގެންގޮސްދޭނަން. ޔޫ ޓޭކް ކެއާ އޮފް ޒޯ.”
“ތޭންކްސް މާހިން. ” މާން ފޯނު ކަނޑާލިއެވެ.
މާހިންގެ ތުންފަތްމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް، ޔޫލީ އިން ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިދިނެވެ.
ދޮރު ހުޅުވާލި ޔޫލީގެ އުންމީދުން ފުރިގެންވީ ދެލޯ، ދޮރުމަތީގައި މާހިން ހުރި ތަން ފެނުމާއިއެކު، އަނދިރިވެގެން ދިޔައެވެ. އޭނާގެ ދެލޯ ދެކިލަން އެދި ހުރި ސޫރަ ނުފެނުމުންނެވެ.
“ޔޫލީ…ދޮންބެ ގުޅި… މިރޭ ނާދެވޭނެ ވާހަކަ ބުނީ. ޒޯޔާގެ ކައިރީގައި ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭ ވާހަކަ ބުނެލި” މާހިންގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.
ޔޫލީގެ ހިތް ކުދިކުދިވެގެން ދިޔަ ފަދަ އިހުސާސެއް ކުރުވިއެވެ. އެކަން މާހިން އަށް ނުހަނު ރަނގަޅަށް ފާހަގަވިއެވެ.
“އަސްލު… މާން އަށްވެސް ކުރެވޭނެ ކަމެއް ނެތެއްނު؟” މާހިން، އެ އިހުސާސް ޔޫލީގެ ހިތުގައި އިތުރަށް ފުން ކޮށްލުމުގެ ނިޔަތުގައި ވާހަކަދައްކަން ފެށިއެވެ. “ޒޯޔާއަކީ މާންގެ މާޒީ… އޭނާގެ ހިތުގެ އެންމެ ފުންމިނުގައި އަދިވެސް ވަނީ ޒޯޔާ ކަން އަހަރެންނަށްވެސް އެނގޭ. އެހެންވީމާ ދޮންބެ ބޭނުންވިޔަސް ޒޯ އެހާލުގައި އޮއްވާ ނާންނާނެ އެއްނު. ހަގީގަތާއި ކުރިމަތިލާން ޖެހޭނެ ކޮންމެ އިންސާނަކުވެސް” މާހިންގެ އެ ބަސްތަކުން ޔޫލީގެ ދެލޯ ކަރުނުން ފުރިގެން އައެވެ.
“އާދޭ، އަހަރެން ޔޫލީ ގެއަށް ގެންގޮސްދޭނަން. ތިޔަ އިންތިޒާރުގައި މުޅި ރޭ އިނުމުގެ އެއްވެސް ބޭނުމެއް ނެތް”
ޔޫލީއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މާހިން އެ ބުނި ބަސްތައް ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ޒޯޔާގެ އެންމެ ފޯނުކޯލަކުން މާން އޭނާ އެކަނިކޮށްލާފައި ދިޔައީއެވެ. ހަގީގަތަކީ ކޮބާ ހެއްޔެވެ؟ މާންގެ އެ ލޯބީގެ އިގުރާރަކީ އޭނާ ކުޅުނު ޑްރާމާ އެއް ހެއްޔެވެ؟ ނަމަވެސް ކޮން ކަމެއް ހާސިލު ކުރަން ހެއްޔެވެ؟
މަޑުމަޑުން ބޯޖަހާލުމަށްފަހު، ޔޫލީ މާހިންގެ ފަހަތުން ހިނގައިގަތެވެ. އޭނާގެ ހިތުގައިވި ޝައްކުތަކާއި ނުތަނަވަސްކަން އަލުން އާލާވެގެން ދިޔައެވެ.
***ނުނިމޭ ***
ހުރިހާ ކިޔުންތެރިންވެސް ވާހަކަ އަށް ހިތެއް ދެއްވުމަކީ ވިޝްގެ ވަރަށް ބޮޑު އެދުމެއް .. އަދި އޭގެ އިތުރުން ހުރިހާ ކިޔުންތެރިން ވެސް ވިޝް އަށް ފޮލޯ ކޮށް ލައްޗޭ …. މި އެޕިސޯޑް ވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން …
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (8)
Comments are closed.
Vaahaka ah hih nudhi nuves hureveyne ehaa ves reethi. Wish can you just add me to story just to slap maahin 🤣🤣
Thank You for the comment Nadhoo .. varah varah bodah thanks vaahaka ah hitheh dhinyma ingey 🥰 Hahahha thiya slap vaane hama Maahin ah well deserved ehchakah 🤣
Varah reethi was waiting for this zoyaa gandu kihineh miulheni
My true fan koklila modi thank you for the comment 🥰 Zoya abadhu ulheny mihenney dho.. eyna ah nuves ingeny kahneynge mi nunn gothakah ulhen 😂
its not fair..
I Know ELL… its really not fair 😔 but when is life fair dho
wish, mi vaahaka fathimath nahula gaathuga edhigen film akah hadhaa kahala ehnu, varah ves furihama
Awwwnn… Zaraafa thank you for the lovely comment… Vaahaka maabodah filmee ee dho .. varah ufaa vehje vaahaka kamudhiyaama.. unmeedhu kuran kuriyah huri baithah ves kamudhaane kamah 🙂