Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 81

ކުރިއަށް އޮތް ހަފުތާ ވެގެން ދިޔައީ ބޮސް އަދި އަކިޔަލްއަށް ވަރަށް ބިޒީ ހަފުތާއަކަށެވެ. އެޒިކިއެލްއާއި މިކްޔާ ފަދައިން އަކިޔަލްއާއި ބޮސް ވެސް ދިޔައީ އެކައިވެންޏަށް ތައްޔާރު ވަމުންނެވެ. އެމީހުން އެރާވަނީ ކޮން ކަމެއް ބާއެވެ؟ އެކަމުގެ ސަބަބުން ދެން ކަންތައް ވާނީ ކިހިނެތްބާއެވެ؟

(81 ވަނަ ބައި)

ދަންވަރުގެ ހިމޭން ވަގުތެވެ. ދުނިޔެމައްޗަށް ވެރިވެފައިވަނީ ފުން، ހިމޭން އަނދިރިކަމެވެ. މުޅި ކާއިނާތު ނިދީގެ ފޮނި އަރާމުގައި ޣަރަޤުވެފައިވާއިރު، ޖައްވު ގުގުމަމުން ދިޔައީ ހަމައެކަނި ދުރުދުރަށް ބީއްސަމުންދިޔަ ރާޅުތަކުގެ މަޑުމައިތިރި މިއުޒިކީ އަޑުންނެވެ. އުޑުމަތި ބޯ ވިލާތަކުން ބައްދާލައި، ބަނަކޮށް އޮތުމުގެ ސަބަބުން ރިހިކުލައިގެ ހަނދުވަރުގެ އެންމެ ފަނޑު ދޯއްޔެއްވެސް ފެންނާކަށް ނެތެވެ. ހީވަނީ މުޅި އުޑުމަތި ކަޅު ސާލެއް އޮޅާލައިގެން އޮތް ހެންނެވެ. ފިނިފިނި ވައިރޯޅިތައް ގަސްގަހާގެހީގެ ފަތްތަކާ ސަމާސާކޮށްލާފައި ދާއިރު އުފެދޭ އަޑު ފިޔަވައި އިތުރު އެއްވެސް ދިރުމެއްގެ އަސަރެއް ނުފެނެއެވެ. އެ އަނދިރިގަނޑުގެ ތެރޭގައި އެކަނިވެރިކަމާއި ބިރުވެރިކަން އެކުވެފައިވާ ފަދަ ނާމާން ހިމޭންކަމެއް ވެރިވެފައިވާއިރު، ވަގުތު ހުއްޓިފައިވާ ފަދަ އިހުސާސެއް ކުރެވެއެވެ. މަގުމަތީގެ ދަންމަރުތަކުގެ ފަނޑު އަލިކަން ފިޔަވައި، މުޅި މާހައުލު ވަނީ ކަނު އަނދިރިކަމުގެ ފުންމިނަށް ގެނބިފައެވެ.

ކުޑަ ގޭގެތެރޭގައި އަކިޔަލްއާއި ބޮސް ތިއްބެވެ. އަތުގައި ސިނގިރޭޓެއް އޮތް އިރު އިރު އިރުކޮޅުން އޭގެ ދުންތައް ބުރުވާލަ ބުރުވާލަ އިން ބޮސް އިނީ ވިސްނުމެއްގައިކަން ދޭހަވެޔެވެ. މާދަމާއަކީ ބޮޑު ދުވަހެކެވެ. ދުވަހަކީ އެޒިކިއެލްއާއި މިކްޔާގެ ކައިވެނީގެ ދުވަހެވެ. ވަމުން ދާން ޖެހޭ ފަހު ތައްޔާރީތައް ވާން އުޅޭ ދެމަފިިރިން ވަމުން ދިޔައިރު އަކިޔަލްއާއި ބޮސް ވެސް ތިބީ  ހަމަ އެހެން އެތައްޔާރީތަކުގައެވެ.

ލެޕްޓޮޕުން ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަން އިން އަކިޔަލް އިސް އުފުލާ ބޮސްއާއި ދިމާލަށް ބަލައިލިއެވެ. “ޔަގީންތަ މިކަމުން އެ ގުޅުން ހީނަރު ވާނެކަން…؟” އަކިޔަލް ލަސް ލަހުން އަހައިލިއެވެ.

“އާން. ޔަގީން. އަކިޔަލްއަކީ އެޒިކިއެލް ނަމަ، ތިކަހަލަ އެއްޗެއް ފެނުމުން އެމަންޖެ ގޮވައިގެން އުޅޭނަންތަ؟؟” ބޮސް ކޮށްލި ސުވާލާއި އެކު ޖަވާބަކަށް އަކިޔަލް ބޯ ހޫރުވާލިއެވެ.”

“އެކަމަކު އޭނަ ބޭނުމީއާއި މި ފޮޓޯ ތަކުގެ ހަގީގަތް ހޯދޭނެ ދޯ؟ އޭރަށް އެނގޭނެ މިއީ އަސްލެއް ނޫންކަން” އަކިޔަލް ބުނެލިއެވެ.

“އެއްވެސް ފިރިހެނަކު، ފިރިހެނެއް ނޫނަސް އަންހެނެއްވެސް ނޫޅޭނެ ތިކަހަލަ އެއްޗެއް ފެނުނީމަ ހަގީގަތް ބަލާކަށް. އެޔަށް ވުރެ މިހާރު މީހުން މާ ރުޅިގަދަ ވާނެ” ކައިރީގައި އިން ރާ ފުޅީގައި ތުންޖައްސާލަމުން ބޮސް ބުނެލިއެވެ.

“ދެން އެކަމަކު އެލާރާ އޯ؟” އަކިޔަލް އެހިއެވެ. “ކިހާ ދެރަ ކަމެއްތަ އަކިޔަލް؟ އެއް ނަނުގަ ދެބުޅި ޖަހަންތަ ތިއުޅެނީ؟ މިރެއަށް މިއޮތީ އެޒިކިއެލްއާއި މިކްޔާ. އަދި އެލާރާ ވިހާނީ ދުވަސްކޮޅެއް ފަހުންތާ. އިހަށް މައިތިރިވެބަލަ. މަ ދޯ ބޮސްއަކީ؟ ބަލަ ކަލޭ ހަދަން ޖެހޭނީ މަ ބުނާ ގޮތެކޭ” ހިތްހަމަ ނުޖެހިފައި ބޮސް ބުނެލިއެވެ.

“މަޢާފު ކުރަށްވާ.. އަޅުގަނޑު ބޮސްއަށް އިތުބާރު ކުރަން” އަދަބުވެރި ކަމާއި އެކު އަކިޔަލް ބުނެލިއެވެ. ބޮސް އެއްމިޔަކަނުން ހީނލިއެވެ.

އެއީ އާދައިގެ، އެހެންނަމަވެސް ނުހަނު ފުރިހަމަ އަދި ހިތްގައިމު ކައިވެނީގެ ހަފުލާއެކެވެ. މުޅި މާހައުލު ޒީނަތްތެރިކޮށްފައިވަނީ ހިތްފަސޭހަ މަޑު މުށިކުލައިންނެވެ. މޭޒުތަކުގެ މަތީގައި އަޅާފައިވާ މުށިކުލައިގެ ފޮތިގަނޑުތަކާއި، ގޮނޑިތަކުގައި އައްސާފައިވާ ލަކުޑި ކުލައިގެ ރިބަންފަށްތަކުން ގެނެސްދެނީ ގުދުރަތީ އަދި ޝާހީ ސާދާކަމެކެވެ. މޭޒުތަކުގެ މެދުގައި ޖަހާފައިވާ މުށިކުލައިގެ ހިއްކި މާތަކާއި، ކުދިކުދި އުއްބައްތިތަކުގެ މަޑު ރީނދޫ އައްޔާއި މުށިކުލަ އެކުވެގެން އުފައްދާފައިވަނީ ހިތަށް ފިނިކަން ގެނެސްދޭ ފަދަ އިހުސާސްތަކެކެވެ.

މާހައުލުގައި ދުންއަޅާފައިވާ މަޑުމަޑު ޢޫދުގެ މީރުވަހާއި، އެއްވެފައިވާ ގާތް ތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުންތަކުން މުޅި ތަން އޮތީ ދިރުން ލިބިފައެވެ. ބޮޑެތި ޚަރަދުތަކާއި ދެއްކުންތެރިކަމެއް ނެތި، އިސްލާމީ ރިވެތި އާދަކާދައާ އެއްގޮތަށް އިންތިޒާމުކުރެވިފައިވާ މި ހަފުލާއިން ފެންނަނީ ލޯތްބާއި، އުފާވެރިކަމާއި، ޢާއިލީ ގުޅުމުގެ ބަދަހިކަމެވެ. މަޑުމައިތިރި ހިތްގައިމު މުށިކުލައިގެ މި ވެއްޓަކީ، ދެމަފިރިންގެ އާ ޙަޔާތުގެ ފެށުން ރަމްޒުކޮށްދޭ، ހިތްތަކަށް ފިނިކަން ގެނެސްދިން ޖާދުވީ މަންޒިލެކެވެ.

ކައިވެނީގެ މަޖިލިސް ފެށިގެން ދިޔަ އިރު މުޅި މާހައުލަށް ވެރިވެފައިވި ހިމޭން ކަމެވެ. މަޑު މުށިކުލައިގެ ފަރުމާތަކުން ޒީނަތްތެރިކޮށްފައިވާ މޭޒުގެ ދޮށުގައި، އެޒިކިއެލް އިނީ އިސްޖަހައިލައިގެންނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެފައިވީ ނަމަވެސް، މޫނުމަތިން ފެންނަމުންދިޔައީ ކެތްތެރިކަމާއި ފުން ލޯބީގެ އިހުސާސެކެވެ. މަޑު މުށިކުލައިގެ ގަޔަށް ހެޔޮވަރު ކޯޓުފަޓުލޫނުގައި އެޒިކިއެލް ފެންނަލެއް ނުހަނު ފުރިހަމައެވެ. އޭނާގެ އިންތިޒާރުގެ ނިމުން އައީ، މަޑު ފިޔަވަޅުތަކެއްގައި، އިސްދަށަށް ޖަހައިގެން ހުރެ މިކްޔާ އެ މަޖިލީހަށް ހާޒިރުވުމުންނެވެ.

މިކްޔާ ލައިގެން ހުރި ޗާލު މުށިކުލައާއި ކްރީމް ކުލަ އެކުލެވޭ ހެދުމުން އޭނާގެ ސާދާކަމާއި ލަދުވެތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. ބޮލުގައި އަޅާފައިވާ ތުނި ޝޯލްގެ ދަށުން ފެންނަ އޭނާގެ މައުސޫމު މޫނުމަތީގައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. އެޒިކިއެލް އިސްއުފުލައި މިކްޔާއަށް ބަލައިލި ވަގުތު، އޭނާގެ ދެލޮލުން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

ޤާޟީ ކައިވެނީގެ ޚުޠުބާ ވިދާޅުވެ، ދެމަފިރިންގެ ޙައްޤުތަކާއި ޒިންމާތައް ހަނދާންކޮށްދެއްވުމަށްފަހު، ކައިވެނީގެ ޢަޤުދު ފެއްޓެވިއެވެ. ވަލީވެރިޔާގެ ހުއްދައާއެކު، ޤާޟީގެ ސުވާލުތަކަށް އެޒިކިއެލް ޖަވާބުދިނީ އަސަރުން ފުރިގެންވީ އަޑަކުންނެވެ. “އަނބިޤަބޫލުކޮށްފީމޭ” ބުނެލި ހިނދު، އެޒިކިއެލްގެ އަޑުގައިވި ޔަގީންކަމުން މުޅި މަޖިލީހަށް ތާޒާކަން ގެނުވިއެވެ. މިކްޔާގެ ލޮލުން އުފަލުގެ ކަރުނަތިއްކެއް ކޯތާފަތްމައްޗަށް ވެއްޓުނީ ހިތަށް ލިބުނު ބަޔާންކުރަންދަތި ހަމަޖެހުމެއްގެ ސަބަބުންނެވެ.

އެއާއެކު، ކައިވެނި ޢަޤުދުކޮށް ނިމި، ދެމީހުންނަކީ ދެމަފިރިން ކަމުގައި އިޢުލާނުކުރެވުނެވެ. އެންމެން އެކުގައި ހެޔޮދުޢާ ކުރުމަށް އަތްއުފުލައިލި ވަގުތު، އެޒިކިއެލް ލޯބިން ފުރިގެންވާ ނަޒަރަކުން މިކްޔާއަށް ބަލައިލިއެވެ. އަދި ލަސްލަހުން މިކްޔާގެ އަތުގައި ހިފާލަމުން، އެ ދެމެދުގައި އޮތް މަތިވެރި ގުޅުމަށް މާތް ﷲ ބަރަކާތްލެއްވުމަށް އެދި ހިތުގެ އަޑިން ދުޢާކޮށްލިއެވެ. މުޅި މާހައުލަށް ވެރިވެގެންދިޔައީ އުފާވެރި ތަހުނިޔާގެ އަޑުތަކާއި، ޢާއިލާގެ މެންބަރުންގެ ލޯބިވެތި ބައްދައިލުންތަކެވެ.

ދެފަރާތުގެ އާއިލާއާއި އެކުވެރިން އައިސް، ދެމަފިރިންގެ ލިސްޓަށް އަލަށް އެރި އެ ދެ ޖޯޑަށް ސަލާންކޮށް މަރުހަބާ ކިޔަމުން ދިޔަ އިރު އެމަންޒަރު ބަލަން ދުރުގައި ބޮސް ހުއްޓެވެ. ބޮސްގެ ތުންފަތުގައި ވީ މަކަރުވެރި ހިނިތުންވުމެކެވެ. މަރުހަބާ ކިޔަމުން އައި މީހުންގެ ތެރެއިން އަކިޔަލް ސްޓޭޖަށް އެރުމުން އޭނާގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވިއެވެ. “އޯހްހް އެޒިކިއެލް… ކަލެއަކަށް ދުވަހަކުވެސް މިކްޔާއާއި އެކު އުފަލަކު ނޫޅެވޭނެ” މަކަރުވެރި ހިނިތުންވުމަކާއި އެކު ބޮސް ބުނެލިއެވެ.

ސްޓޭޖުން ފައިބަމުން އަކިޔަލް ލަސް ހިނގުމުގައި ގޮސް ބޮސް ކައިރީގައި ހުއްޓުނެވެ. “ކޮންމެހެން ކެއުމެއްވެސް ނެތެއްނުން؟ ހިނގާ ދެން ދަމާ؟” އަކިޔަލް ބުނެލިއެވެ.

“ކަލޭ ތިހެން ބުންޏަސް މަށަށް ދެވޭތަ؟ މަގޭ އާއިލާއާއި އެކުއޭ މަ މިތަނަށް އައިސް މިހުރީ” އެއްޗެއް ހަނދާންކޮށްލަ ދޭފަދައިން ބޮސް ބުނެލިއެވެ.

“އޭ.. އާނ.. އެބުނާހެން” ދުރުގައި ހުރި ބޮސްގެ އަންހެނުންނާއި ދިމާލަށް ބަލައިލަމުން އަކިޔަލް ބުނެލިއެވެ.

(ނުނިމޭ)

އައްޑިހަދެވަނަބައިގެ ތެރެއިން:

ބިންމަތީގައި ހުރި ފެންތައް ފެނި އެލާރާއަށްވީ ގޮތް ވެސް ނޭނގުނެވެ. ވިހާ ވަގުތު ޖެހު ޖެހިއްޖެކަން އޭނާއަށް ޔަގީނާ ގާތަށް ކަށަވަރުވިޔެވެ. އެހެން ވިޔަސް އަދި ވިހާ ދުވަސް ނުވެސް ޖެހެޔެވެ. ގަންނާ ކުރެއްވީ ބިރުން ކުރާނެ އެލާރާއަށް ބާރަކަށް ރޮއެގަނެވުނެވެ.

Comments (3)

  1. 🌷

    Masha Allah mi part vx vrh reethi..
    When’s next?
    Curiously waiting for the next part 🤍

    1. shihaamaa ali
      🌷

      Jazaakillah khair 🌷
      In sha allah next episode sunday ga geneveytho masekkai kollaanan.. stay tuned 🥰🩶🩶

  2. Eyesher

    What the what??? Who’s this boss mihaaru?? Someone ezikiyel and mikya know?? Someone they trusts??? Idk… It’s been so sus, and kuhlli akah, it’s been more sus now… 😭😭😭
    Anyways… Mi Bai ves varah reethi… Curiouslyyyy waitinnn for the next part….

Comments are closed.