Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 80

Listen to this story Audio · 7:05 Powered by Esfiya Voice
0:00 7:05

ލަޝްކާގެ ގާތުގައި ހުރި ދާއިޔަލްވެސް ވަކި އޭނާއަށް ދޫކުރާވަރެއް ނޫނެވެ. ދާއިޔަލް ލައިގެން ހުރީ ހުދު ލިނެން ގަމީހަކާއި ގަދަ އަޅިކުލައިގެ ފަޓްލޫނެކެވެ. ގަމީހުގެ މަތީ ދެ ގޮށް ނައްޓާލާފައި ހުރުމުން އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން ދައްކުވައިދޭއިރު، އޭނާގެ ޒަމާނީ ސާދާކަން ވަރަށް ބޮޑަށް ފާޅުވެއެވެ. މޫނުމަތީގައިވާ ތުނި ތުނބުޅި ރީތިކޮށް ކޮށާލާފައިވާއިރު، އޭނާގެ ފިރިހެންވަންތަ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ލަޝްކާގެ ކޮނޑުގައި ލޯތްބާއެކު އަތް ބާއްވާލައިގެން ހުރެ، އޭނާގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު، އުފަންވާން އުޅޭ ދެ ދަރިންނަށްޓަކައި އެ ހިތުގައިވާ ޝައުގުވެރިކަމާއި އިންތިޒާރު، ދާއިޔަލްގެ ކޮންމެ ހަރަކާތަކުންނާއި ހިނިތުންވުމަކުން ސިފަވަމުން ދިޔައެވެ.

(83 ވަނަ ބައި)

“ވަރަށް ކެތް މަދުވެފަ ދޯ؟” ގަނޑުފެންފޮދެއްހެން ފިނިވެފައިވީ ލަޝްކާގެ އަތުގައި ހިފާ ބާރުކޮށްލަމުން ދާއިޔަލް އަހައިލިއެވެ.

“ލައްބަ… ވަރަށް…” ލަޝްކާ ވެސް ދާއިޔަލްގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

“ކޮބާ ދެން މިހާރު ވަރަށް އިރު އިންތިޒާރު ކުރެވިއްޖެއްނުން ދޯ ހެހެ. ކޮބާ އުޅޭ އަވަހަށް ހަން ފަޅާލަން.” ދާއިޔަލް ބުނެލި އަޑަށް އެންމެންގެ ނަޒަރު އެލޯބި ދެމަފިރިންނަށް ހުއްޓުނެވެ. އަދި އަތްތިލަބަޑީގެ އަޑު އިވިލިއެވެ.

ކުޑަ ކުޑަ ޔޫއާލް ދުވެފައި އައިސް ލަޝްކާއަށާއި ދާއިޔަލްއަށް ކުޑަ ޕިންއެއް ދިނެވެ. “ކޮބާ އެންމެ ފަހަކުން ގުނާ” ލަޝްކާގެ އަތުގައި ހިފާލަމުން ދާއިޔަލް ބާރަށް ބުނެލިއެވެ.  އެއާއި އެކު އެންމެން އެއްއަޑުން ބާރަށް ގުނަން ފެށިއެވެ.

5

4

3

2

1

ލަޝްކާ އެއްހަން ފަޅާލި އިރު އަނެއް ހަން ފަޅާލީ ދާއިޔަލްއެވެ. އެއާއި އެކު އެންމެން އުފަލާއި އެކު ހަޅޭލަވައިގަންއަޑު މުޅި ތަނުގައި ގުގުމާލިއެވެ.  ނުލާއި ފިޔާތޮށި ކުލައިގެ ކުނޑިތައް މުޅިތަނަށް ވެރިގެން ދިޔައެވެ. ވީ އުފަލުން ހަޅޭއް ލަވައިގަންނަމުން ލަޝްކާ ފުއްމައިގަންނަމުން ދާއިޔަލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“އާހްހްހް އަލްހަމްދުލިއްލާހި، އަލްހަމްދުލިއްލާހި، އަލްހަމްދުލިއްލާހި.. ލަޝް ހަމަ ބޭނުންވީ ފަދައިން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް މި ލިބެނީ އާހްހްހް” ލަޝްކާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.

ހަފުލާގެ ބާކީ އޮތް ބައި ހޭދަ ކުރެވުނީ އުފަލާއި މަޖަލުގައެވެ. ކާން ތިބެގެންވެސް އެންމެންގެ ތެރޭގައި ދެކެވެމުން ދިޔައީ އެ ވާހަކައެވެ. ލީރާ ވެސް އުފަލުން ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. ލަޝްކާއާއި ދާއިޔަލްގެ އުފަލުގައި ބައިވެރި ވުމަށް މިކްޔާއާއި އެޒިކިއެލްވެސް އައެވެ. ލިބެން އުޅޭ ދެކުދިންނަށް ހެޔޮ ދުޢާ ކުރާ ހާލުގައި އެދެލޯބިވެރިންވެސް ތިބީ ވަރަށް އުފަލުންނެވެ.

“އިނގޭތަ؟ އަހަރެމެންވެސް މިއައީ ވަރަށް އުފާވެރި ޙަބަރެއް ހިފައިގެންނޭ” މިކްޔާގެ އަަތަށް ފިތާލަމުން އެޒިކިއެލް ބުނެލިއެވެ.

“އާއި އެހެންތަ؟ އަނެއްކާ ކޮބާތަ އެޙަބަރަކީ؟” ހީނލަމުން ލަޝްކާ އަހައިލިއެވެ.

“އަހަރެމެން ރަން ކިޔައިގެން މިއައީ” މިކްޔާގެ މޫނަށް ބަލައިލަމުން އެޒިކިއެލް ބުނެލިއެވެ. އެދެލޮލުން ފެންނަމުން ދިޔައީ މިކްޔާއަށްޓަކައި އިންތިހާ ދަރަޖައިގެ ލޮތްބެވެ.

“ލާ ނުވެސް ބުނެޔޭ އަޅެ. އެހެން ނަމަ ދިޔައިމުހޭ. ދެން ހާދަ ގޯހޭ” މިކްޔާގެ ކޮލުގައި ހިފާލަމުން ލަޝްކާ ޝަކުވާ ކޮށްލިއެވެ.

“އަޅޭދެން އެއޯކޭ ވާނޭ. އަހަރެމެން މާ ބޮޑު ހަފުލާއެއް ނުވެސް ބާއްވަން. ދޯ. ގާޒީއާއި އެއްލުގެ މަންމަމެން ދެން ތިބީ ދެ ހެކިވެރިން. ދެން އެލާ އާއި ދޮންބެއާއި ދޮންބެ ދައްތަ. އަހަރެމެން ދެން ތިބީ. ދޯ އެއްލޫ” އެޒިކިއެލްގެ މޫނަށް ބަލައިލަމުން މިކްޔާ ބުނެލިއެވެ.

“އާނ… އަހަރެން ބޭނުންނުވީ ކޮއްކޮ އެހާލުގައި ހުއްޓާ ބޮޑު ހަފުލާއެއް ބާއްވަން.” އެލާރާގެ ހާލާއި މެދު ވިސްނާލެވުމުން އަނެއްކާވެސް އެޒިކިއެލްގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. “އެކަމަކު މިހެން ބުންޏަސް ވެސް ކައިވެނި ކުރާރޭ ހަފުލާ ބާއްވާނަން. ކޮއްކޮ ވަރަށް އެދުން އެކަމަށް. އަހަރެން ބޭނުން ކޮއްކޮގެ ހުރިހާ އެދުންތަކެއް ފުއްދައިދޭން”

ދާއިޔަލް ހިނިތުންވެލިއެވެ. “އިންޝާ ﷲ ދެން ރަނގަޅުވާނެ. އިރާދަ ކުރެއްވިއްޔާ ދެން ވަރަށް އަވަހަށް އެލާ ވިހާނޭނުން؟ އޭރަށް އެ ޖައްބާރު މީހާ ވެސް އަހަރެމެންނަށް ހޯދޭނެ. ހިތްވަރު އެލުވާނުލާ އެއްލޫ” ހިނިތުންވެލަމުން ދާއިޔަލް އެޒިކިއެލްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެޒިކިއެލް ހީލިއެވެ. އަދި “އިންޝާ ﷲ ” އޭ ބުނެލިއެވެ.

ދާއިޔަލްއާއި އެޒިކިއެލްގެ ވާހަކަ އެހުމަށް ފަސްވަނަ މީހަކުވެސް އެތަނުގައި ހުއްޓެވެ. އާއެކެވެ. އެއީ އަކިޔަލްއެވެ. އޭނާގެ ތުންފަތުގައި ކުރެހުނީ މަކަރުވެރި ހިނިތުންވުމެކެވެ. ދުރަށް ޖެހިލަމުން އޭނާ ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. “އެޒިކިއެލްއާއި މިކްޔާ ކައިވެނި ކުރަންށޯ އެއުޅެނީ. މިއަދު ރަން ކިޔައިފި” އަކިޔަލްއަށް ލިބުނު ޙަބަރު  ވަގުތު ބޮސް އަށް ގުޅާފައި ބުނެދިނެވެ. އެއާއި އެކު އަނެއްކޮޅުން އިވުނީ ބޮސްގެ މަކަރުވެރި ހުނުމުގެ އަޑެވެ.

“ހަހަހަ. 100،000 ރުފިޔާއަށް ރަން ކިޔަސް ތިއީ އުފާވެރި ކައިވެންޏަކަށް ނުވާނެ. އެއީ ހަމަ ޔަގީންކަމެއް. ހަހަހަ. އެޒިކިއެލްއަކަށް ދުވަހަކުވެސް އުފަލަކު ނޫޅެވޭނެ” މިހާރު ބޮސްގެ ރާގުގައި ހުރީ ރުޅިވެރިކަމެވެ.

“ދެން ދާއިޔަލްއޯ؟ ލަޝްކާ ހަމަ ގަދަ ހާލުގައި ވިހިޔަ ދޭނީތަ؟” އެގޮތް އަކިޔަލްއަކަށް ކަމަކު ނުދިޔައެވެ.

“ހީވޭތަ މަ އެހެން ހަދާނޭ؟ އަކިޔަލް ކަލެއަށް އަދިވެސް މަ ދަސް ނުވޭ ދޯ؟” ޗުސް ތަޅުވާލަމުން އޭނާ ބުންޏެވެ.

“ނޫނޭ. ދެން އެ ޔައުލާން އޯ؟ އޭނަ ވެސް އެހުނަންނަނީ އެ އެލާރާއާއި ހުރެ ހޭބަލި އަރާފަ. މަ ހިތަށް އަރާ ކޯއްޗެއް ފެނިގެން ބާއޭ” އަކިޔަލް ކަޅި އަނބުރާލިއެވެ.

“ހެހެ. ފެންނާކަށް ނެތް ދެން މާ އެއްޗެއް. އެލާރާދެކެ އެ ސޮރު ކިތޭ ލޯބި ވިޔަސް ހަމަ އެ މަލުގެ ފޮނިކޮޅު ބޯލެވުން ނަސީބުވެރިޔަކީ މީ” ބޮސް ފޮނިވެލައިފައި ބުނެލިއެވެ.

“ދެން މަށޯ؟ މަވެސް އެރިން އޭނަ ގަޔަށް”

“ކަލޭ އެރީ މަށަށް ވުރެ ފަހުން ދޯ؟ ކަލޭ ވެސް ބުއީ މަ ބޮއެފަ ބާކީ ވީބައި” ބޮސްގެ ރާގުގައިވީ މަލާމާތެވެ.

“އަހަރެން އަބަދުވެސް ނަގަނީ ބޮސް ބޭނުން ކޮށްފަ އުކާލާ ބައެއްނުން؟” އަދަބުވެރިކަމާއި އެކު އަކިޔަލް ބުނެލިއެވެ.

“ސާބަހޭ ބުރޯ. ތި ގޮތުގައި ހުރޭ. ހޫން. ދެން އާދޭ މިތަނަށް. އަހަރެންވެސް މީނި ގެގަނޑުގައި. އެބަ ޖެހެޔޭނުން ވަރަށް ކަން ކަން ކުރަން. ކޮންމެ ގޮތެއް ވިޔަސް ހަފުތާއެއް ދެން މިއޮތީ. އޭރަށް އެ މިކްޔާއާއި އެޒިކިއެލް ކައިވެނި ކުރާނެތާ”

“ލައްބަ. މި ދުރުވަނީ” މިހެން ބުނެ އަކިޔަލް ފޯނު ބޭއްވިއެވެ. އަދި ސައިކަލަށް އަރާ ނައްޓާލީ އެމީހުންގެ ގެގަނޑަށެވެ.

ކުރިއަށް އޮތް ހަފުތާ ވެގެން ދިޔައީ ބޮސް އަދި އަކިޔަލްއަށް ވަރަށް ބިޒީ ހަފުތާއަކަށެވެ. އެޒިކިއެލްއާއި މިކްޔާ ފަދައިން އަކިޔަލްއާއި ބޮސް ވެސް ދިޔައީ އެކައިވެންޏަށް ތައްޔާރު ވަމުންނެވެ. އެމީހުން އެރާވަނީ ކޮން ކަމެއް ބާއެވެ؟ އެކަމުގެ ސަބަބުން ދެން ކަންތައް ވާނީ ކިހިނެތްބާއެވެ؟

(ނުނިމޭ)

އައްޑިއެއްވަނަބައިގެ ތެރެއިން:

“ދެން އެކަމަކު އެލާރާ އޯ؟” އަކިޔަލް އެހިއެވެ. “ކިހާ ދެރަ ކަމެއްތަ އަކިޔަލް؟ އެއް ނަނުގަ ދެބުޅި ޖަހަންތަ ތިއުޅެނީ؟ މިރެއަށް މިއޮތީ އެޒިކިއެލްއާއި މިކްޔާ. އަދި އެލާރާ ވިހާނީ ދުވަސްކޮޅެއް ފަހުންތާ. އިހަށް މައިތިރިވެބަލަ. މަމީ ދޯ ބޮސްއަކީ؟ ބަލަ ކަލޭ ހަދަން ޖެހޭނީ މަ ބުނާ ގޮތެކޭ” ހިތްހަމަ ނުޖެހިފައި ބޮސް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.