Skip to content
އެސްފިޔަ

ހުވަފެން ދެކޭނީ – 3

Listen to this story Audio · 9:50 Powered by Esfiya Voice
0:00 9:50

ޔާނީ އާއި އީވްގެ ވާހަކަ ހުސްނުވެއެވެ. މެންދުރުފަހުން ނިދާލެވުމުން އީވް އޮތީ ވަރުބަލި ފިލައި ނިންޖާއި ދުރުވެފައެވެ. ކައިގެން އައިސް ނިދަން ރީތި ވެގެން އެނދުގައި އޮށޯތް ގޮތައް ދެކުދިން ތިބީ އެކި އެކި ވާހަކަ ދައްކާށެވެ. މާ ޒާތީ ވާހަކަ ނުދެއްކި ކަމުގައި ވިއަސް، ދެމީހުންގެ ކަންކަން ހިއްސާ ކުރަމުން ދިޔައެވެ. ރާއްޖެ އާދެވުމުން ވަރަށް އުފާވެފައި ހުރިކަން އީވްގެ ވާހަކަ ތަކުން ޔާނީއަށް އެނގުނެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންގެ ހުވަފެނަކީ ބޭރުގައުމަކަށް ހިޖުރަކުރުން ކަމަށް ވާއިރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންގެ އުއްމީދަކީ, މަދު ދުވަސްކޮޅަކަށް ނަމަވެސް ރާއްޖޭގައި އުޅެލަން އައުމެވެ. ޤުދުރަތީ ކަނޑާއި ގޮނޑުދޮށްތަކަކީ ދިވެހިންނަށް އާދައިގެ ކަމަކަށް ވިއަސް އެހެން ޤައުމެއްގައި އުޅޭ މީހަކަށް އަޖައިބެކެވެ.

ފަތިސް ނަމާދަށް ފަހު، މިއަދު ޔާނީ ބަދިގެއަށް ދިޔައީ އީވްވެސް ގޮވައިގެންނެވެ. އީވް ކޮފީ ނުބޯތީވެ، އޭނާއަށް ހަދައިދިނީ ކަޅު ސައި ތަށްޓެކެވެ. ޖޯޑުތައް ހިފައިގެން ދެކުދިން ވެސް ނުކުތީ ގޯތި ތެރެއަށެވެ. ދެކުދިން ގޮސް އިށީނީ ބަގީޗާ ކައިރީ ބަހައްޓާފައި ހުރި ގޮނޑިތަކުގައެވެ.

އާދައިގެ މަތިން މިއަދުވެސް، އިސްމާއިލް އުޅުނީ ގަސްތަކަށް ފެންދީއެވެ. އަނގައިން މަޑު ރާގެއް އަޅުވަމުން ވަރަށް ގަޔާވެގެން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. “ހާއި …އޯކޭތަ ބާކީ ބަޔަށް އަޅުގަނޑު ފެން ދިނަސް؟” އިސްމާއިލް ސިއްސައިގެން ދިޔައީ ނުހަނު ގާތުން މީހެއްގެ އަޑު ޖެހުމުންނެވެ. އެއީ އޭނާ ދަންނަ އަޑެއް ނޫނެވެ. ކަކުލާ ހަމައަށް އަރާ ދޫ ހެދުމަކާއި ހަރުވާޅެއް ލައިގެން ނުހަނު ހެވިފައި ހުރީ އީވްއެވެ. އޭނާ ހުރީ ގަސްތަކަށް ވަރަށް ފެންދޭ ހިތުންނެވެ. ނަމަވެސް އެކުއްޖާއަށް އެ މަސައްކަތް ހަވާލުކުރަން އިސްމާއިލް ޖެހިލުންވިއެވެ. ގޭގެ ބޮޑު މީހަކަށް ފެނިއްޖެނަމަ، ހަޅޭއްލަވާނީ އޭނާއާ ދިމާއަށެވެ. ނަމަވެސް އީވް ހުރި ގޮތުން, އެކުއްޖާގެ އެދުމަށް ދެކޮޅު ހަދާކަށް އިސްމާއިލް އަކަށް ނުކެރުނެވެ. އީވް އަތަށް ހޮޅި ދީފައި އިސްމާއިލް ދުރަށް ޖެހިލިއެވެ. އީވް ވަރަށް ޝައުގުވެރިކަމާއެކު ގަސްތަކަށް ފެންދޭ މަންޒަރު ބަލަން ހިނިތުންވެފައި، އިސްމާއިލްއަށް ހުރެވުނެވެ.

ޖޯޑުތައް ދޮންނަން ، ޔާނީ ބަދިގެއަށް ވަންއިރު އެވަން ވެސް ބަދިގެ ތެރޭގައި އުޅެއެވެ. އޭނާ ކޮންމެސް އެއްޗެއް ހޯދަން ކަބަޑުތައް ހާވަމުން ދިޔައެވެ. ޔާނީ ފެނުމުން ކޮފީ ދަޅު ހުރީ ކޮންތާކުތޯ އެހިއެވެ. “ކޮފީއެއް ހަދައިދެންތަ؟” “އުނހޫ…މަށަށް މީރީ އަމިއްލައަށް ގިރައިގެން” ޔާނީގެ އެހީއަށް، އެވަން ދެކޮޅުހެދިއެވެ. އެންމެ ރަނގަޅޭ ބުނެފައި ، ކޮފީ ހަދަން ބޭނުންވާ ސާމާނު ހުރިތަން ތަން އެވަން އަށް ޔާނީ ދެއްކިއެވެ.

 

ގޯތިތެރެއިން ކުދިވެރިންގެ އަޑު އިވޭހެން ހީވާތީ، ބަހިއްޔާ އެފަރާތަށް ނުކުތެވެ. އީވް ގަސްތަކަށް ފެންދޭ މަންޒަރު ފެނުމުން އޭނާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކުދިން ލައްވާ ގޭގެ މަސައްކަތް ކުރުވުމަކީ އޭނާ އެއްވެސް ވަރަކަށް ބޭނުންވާ ގޮތެއްނޫނެވެ. އޭނާއަށް ހިނގުނު އެންމެ ބާރަކަށް ހިނގާފައި ބަހިއްޔާ ގޮސް، އީވް އަތުން ފެންޖަހާ ހޮޅި އަތުލިއެވެ. “ދަރިފުޅާ..މިއީ އަހަރުމެން ކުރާ ކަހަލަ މަސައްކަތެއް ނޫނޭ.. މިއީ މި ސޮރުގެ މަސައްކަތޭ.. ކަލޭ ކީއްވެތަ މަގޭ މިކުއްޖާއަށް މި ކަން ކުރަން ޖައްސާފަ އަނގަ ނަގައިގެން ބަލަން ތި ހުންނަނީ؟” ބަހިއްޔާގެ އަނިޔާވެރި ބަސްތަކާއި އިސްމާއިލްއަށް ކުރިމަތިލާން ޖެހުނެވެ. އެއްވެސް ޤަދަރެއް ކުލުނެއް ނެތި މާމަ އެކުއްޖާއާ ވާހަކަ ދެއްކުމުން އީވް ހިތްހަމަ ނުޖެހުނެވެ. އޭނާގެ މަންމަ، އޭނާއަށް ދަސްކޮށްދީފައި އޮތީ ކޮންމެ ފަންތިއެއްގެ މީހަކަސް އެ މީހަކަށް އިހްތިރާމް ކުރާށެވެ. ކަޅު ، ދޮން ، ފަޤީރު އަދި މުއްސަންޖަކަށް ވިއަސް، އިންސާނުން ވާނީ އިންސާނުންނަށެވެ.

“މާމާ…އެއީ އެވަރު ކަމެއް ނޫނޭ…އަޅުގަނޑު އަމިއްލައަށް ބޭނުންވެގެންނޭ މި ފެން ދެނީ” ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް އީވް ވާހަކަދެއްކީ އަދަބުވެރި ކޮށެވެ. އީވް ގަސްތަކަށް ފެންދޭން ހަމަހިލާ ބަހިއްޔާ އެއްބަހެއް ނުވިއެވެ. އެއީ އެމީހުން ފަދަ ، މީހުން ކުރާ މަސައްކަތެއް ނޫންކަމަށް ބުނެފައި، އީވް ގޮވައިގެން ގޭތެރެއަށް ވަންނަން ޔާނީއަށް އެންގިއެވެ.

 

އެނދުގައި އޮށޯވެގެން އޮތް އީވްގެ ނަޒަރު ހުރީ ބޭރުން ފެންނަން އޮތް ބަގީޗާއަށެވެ. މާމާގެ އިހާނެތި ބަސްތައް އަދިވެސް އޭނާ ހަނދާނުން ނުފިލައެވެ. ވީއިރު އެ ބަސްތައް ރައްދުވި ޒުވާނާއަށް ކިހާވަރެއް ވާނެހެއްޔެވެ. އެ ޒުވާނާއާ މެދު ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. އެ ޒުވާނާގެ މޫނު މަތިން އުމުރު ހަގު ކުއްޖެއްކަން އެނގެއެވެ. އޭނާއަށް ވުރެ މާ ދޮށި ހެންނެއް ހިޔެއްނުވެއެވެ. ބަގީޗާއިން ނަޒަރު ވަކި ކުރުމެއްނެތި، އެ ޒުވާނާއާ ބެހޭ ގޮތުން ޔާނީއާ ސުވާލުކުރިއެވެ. “އަހަންނަކަށް ވެސް ނޭންގެ އެކުއްޖާއާ ބެހޭ މާ ބޮޑު މަޢުލޫމާތެއް. އަހަރު ފެށުނުއިރު، ސީ.އޭޗް.އެސް.ސީ.އަށް ވަންނަން ވެގެން ކޮންމެސް ރަށަކުން މާލެ ބަދަލުވީ.. ނަމަކީ އިސްމާއިލް…ބޮޑުދައްތަ ދަންނަ ބައެއްގެ ގޭ ކުއްޖެއް ކަންނޭންގެ..އޭރު މިގޭގެ މަސައްކަތް ކުރަން އުޅުނު ބޭރުމީހާ ދިޔާމަ މި ކުއްޖާ ގެނައީވެސް..” ހިތާ ދެކޮޅަށް ނަމަވެސް، އިސްމާއިލްއާ ބެހޭ ގޮތުން އިނގޭ މަޢުލޫމާތެއް ވެއްޖެޔާ އޭނާ އީވްއާ ހިއްސާކުރިއެވެ.

އިސްމާއިލްއަކީ ދިވެހި، ކިޔަވާ ކުއްޖެއްކަން އެނގުމުން އީވްގެ ހައިރާންކަން އިތުރުވިއެވެ. އެ ދުވަހު ނާސްތާ ނިންމާފައި އުނދޯލިގައި ތިބި ވަގުތު އެވަންއާ އެ ވާހަކަ އޭނާ ހިއްސާކުރިއެވެ. އޭނާއާ އެއް އުމުރެއްގެ ޒުވާނެއް އެ ގޮތައް ހާލުގައި އުޅޭތަން ފެނުމުން ހަމްދަރުދީ ވިއެވެ. އެ ގޭ މީހުންގެ ހުންނަ ބޮޑާ ގޮތްގަނޑު މަދު ވަގުތުކޮޅު ތެރޭގައި އީވް އަށް އެނގިގެން ދިޔައެވެ.

އީވް ސުކޫލަށް ވަނުމުގެ ކަންކަން ހަމަޖެހުނީ މާލެ އައިތާ ހަފުތާއެއް ފަހުންނެވެ. މޮކް ޓެސްޓާއި ގާތްވެފައި ، އޮއްވާ ވަންނަން އުޅުމުން އުނދަގޫވީއެވެ. އީވް އަކީ ކިޔަވަން މޮޅު ކުއްޖެކެވެ. ޔޫކޭގައި އެއްބައި ކިޔަވައިފައި އައުމުން މާބޮޑު އުނދަގުލެއް އޭނާއަށް ނުވާނެކަން ޔަގީނެވެ. އޭނާ ވެސް, އިޚުތިޔާރު ކުރީ ޔާނީ ކިޔަވާ މާއްދާތަކެވެ. އެހެންވެ ދެކުދިންގެ ކުލާސްތައް ވެސް އޮންނަނީ އެއްކޮށެވެ. ޔާނީއާ އެއްކޮށް ، ސުކޫލަށް ދެވޭތީ އީވް ހުރީ އުފަލުންނެވެ. ވޭތުވެ ދިޔަ ހަފުތާ ތެރޭ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ޔާނީ ވެގެން ދިޔައެވެ.

 

އަލަށް ސުކޫލަށް ދާ ދުވަސްކަމުން، އީވް ހުރީ ވަރަށް ފޯރީގައެވެ. ފަތިސް ނަމާދަށް ބަންގި ނުގޮވަނީސް އޭނާއަށް ހޭލެވުނެވެ. ބަންގި ގޮވުމުގެ ކުރިން، ފެންވަރައިގެން ނުކުމެ ވިތުރި ކޮށް ހެދިއެވެ. ބަންގި ގޮވުމާއެކު، ޔާނީއަށް ގޮވައި ހޭލައްވާ ފައި ނަމާދަށް އެރިއެވެ. އާންމު ގޮތެއްގައި އިރުއަރަން ދެން ، ދެކުދިން ތިބެނީ ޤުރުއާން ކިޔަވާށެވެ. މިއަދު ދެތިން ޕޭޖު ކިޔަވާފައި އީވް ބޭނުންވީ ސައިބޯން ދާށެވެ.

ފަތިސް ގަޑި ކަމުން، މުޅި ގޯތިތެރެ އޮތީ އަނދިރިކޮށެވެ. ތެތް ފިނިކަމެއް ޖައްވުގައި ހިފައިގައި ހުރުމުން ފިނިވިއެވެ. ހޫނު ކަމެއް ލިބެނީ ހޫނުކޮށް ހުރި ، ކޮފީ އާއި ސައި ޖޯޑު ތަކުންނެވެ. ބަގީޗާ ކައިރީ ހުރި ގޮނޑިތަކުގައި ، ދެކުދިން އިށީނެވެ. ޔާނީގެ ހަނދާނަށް އައި ހަފުތާއެއް ކުރިން އޭނާގެ މާމަ އިސްމާއިލްއާ ދިމާއަށް ހަޅޭއްލެވި ދުވަހެވެ. އެ ދުވަހުގެ ފަހުން އޭނާއަށް އިސްމާއިލް ނުވެސް ފެނެއެވެ. އެ ސޮރަށް ވީ ގޮތް، ޔާނީ ގާތު އަހަން އުޅެފައި ވެސް، ޔާނީ ހީކޮށްފާނެ އެއްޗެއް ނޭނގޭތީވެ އަހާކަށް ނުކެރުނެވެ.

އީވް އެކޭ އެއްފަދައިން، ޔާނީއަށް ވެސް އިސްމާއިލް ނުފެންނަތާ ހަފުތާއެއް ވަނީއެވެ. އޭނާ ސުކޫލަށް ވެސް ނުދެއެވެ. އިސްމާއިލްއާ މެދު ކަންބޮޑުވި ނަމަވެސް، އޭނާއަށް ވީ ގޮތް އޮޅުންފިލުވާނީ ކާކު ގާތުން ކަމެއް ޔާނީއަކަށް ނޭންގުނެވެ. އެ ދުވަހު އިސްމާއިލް ދެކެ އައި ރުޅީގައި، މާމަ އޭނާ ގެއިން ބޭރުކޮށްލީ ބާއޭ ވެސް ހިތައް އެރިއެވެ.

ފުރަތަމަ ދުވަސް ވެގެން ދިޔައީ، އީވް އަށް ވަރަށް ބުރަ ދުވަހަކަށެވެ. ރާއްޖޭގެ ސުކޫލާއި ޔޫކޭގެ ސުކޫލުތަކުގެ ގަވައިދުތަކާއި އެހެނިހެން ކަންކަން ވެސް ވަރަށް ތަފާތެވެ. އެހުރިހާ ކަމަކަށް ހޭނެން އޭނާއަށް އުނދަގޫވިއެވެ. އޭނާއަށް އެންމެ އުނދަގޫވީ އިސްލާމް ދިވެހި ގަޑީގައެވެ. އެސް.އެސް.ސީ ، އިމްތިހާނު ނުހަދައި ހުރުމުން، ޓީޗަރު ލަފައި ދިނީ މި އަހަރު އެސް.އެސް.ސީ ، ހަދާފައި ، ބާރައިގެ އަހަރު އެޗް.އެސް.ސީގެ ބައިތައް ކިޔަވަން ފަށަން ށެވެ. ދިވެހި ، އިސްލާމުން އިތުރަށް އެހީ ހޯދުމަށް ކުއްޖެއް ގާތުން އިތުރަށް ކިޔަވަން ޓީޗަރު ލަފާދިނެވެ. އެކުއްޖާގެ ނަންބަރު ދީފައި، އެކުއްޖާއަށް ގުޅަން ބުންޏެވެ.

ވަރަށް ހިއްވަރުކޮށްފައި، އިސްމާއިލް އެދުން ތެދުވިއެވެ. ހުން އައިސްގެން މުޅި ގައިގައި ވޭން އަޅާތާ ހަފުތާއެއް ވަނީއެވެ. ރޯގާ އާއެކު އެވަރަށް ކޮށި ވެސް އަރައެވެ. ބޭސްކޮޅެއް ދިއްކޮށްލާނެ މީހަކުވެސް އެގެއަކު ނެތެވެ. ކިޔެވުން ދޫކޮށްފައި އެނބުރި މަންމަމެން ގާތަށް ދާން އިސްމާއިލް ބޭނުންވިއެވެ. އޭނާ މަސައްކަތަށްވެސް ނުކުންނަނީ އެ ގޭ ކުދިން ނޫޅޭނެ ގަޑިއެއް ބަލާފައެވެ. ބަހިއްޔާ އޭނާއަށް ހަޅޭއްލެވި ފަހުން، އެގޭ ކުއްޖަކާ ދިމާވާކަށް އިސްމާއިލް ބޭނުމެއް ނުވިއެވެ. މެންދަމު އެކެއް ޖަހަނިކޮށް, އިސްމާއިލް ބަދިގެ ފަރާތަށް ދިޔައީ ކާއެއްޗެއް ހުރިތޯއެވެ. ހުންގަދަ ވެފައި އޮތުމުގެ ސަބަބުން، ކާން ގޮވި ގަޑީ އޭނާއަށް ނާދެވުނީއެވެ.

 

އީވް އަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ސައިޑް މޭޒުމަތީ ހުރި ފެންފުޅި ހުރީ ހުސްވެފައެވެ. ދަންވަރުގެ ، އެވަގުތުގައި ފެންބޯން ބަދިގެއަށް ދާން އޭނާ ޖެހިލުންވެސް ވިއެވެ. އެހެނަސް ކަރު ހިއްކައި ގަނެފައި ހުރިވަރުން ބަދިގެއަށް ދިޔައެވެ. ފޯނުން ފްލޭޝް ދިއްލައިގެން އޭނާ ހިނގަމުން ދިޔައީ ވަރަށް މަޑުންނެވެ. ކިރިޔާ އަޑެއް އިވުނަސް ޖުވެއިދާ ކަން ބަލަން އަންނާނެތީއެވެ. ބަދިގެއަށް ވަދެފައި ވެސް އޭނާ ބޮކި ނުޖެއްސީ އެހެންވެއެވެ. ފެން ބޮއެގެން ހުސް ފުޅިއަށް ފެން އަޅާފައި, ނުކުންނަން ހިނގައިގަތް ތަނުން އުނދުން ހުރި ދިމާއިން އަޑެއް އިވުނެވެ. އާންމުގޮތެއްގައި އަޑެއް އިވޭ އިރަށް ދުވެ ފިލާ ކުއްޖާ، މިރޭ އަޑު އައި ދިމާއަށް ދިޔައެވެ. އީވްގެ ދެލޯ ބޮޑުވެގެން ދިޔައީ އުނދުން ކައިރިއަށް ވެއްޓިފައި އޮތް އިސްމާއިލް ފެނިފައެވެ. އިސްމާއިލްގެ އެއްވެސް ހަރަކާތެއް ނެތެވެ. ބަދިގޭގައި ހުރި ބޮކި ދިއްލާފައި, އިސްމާއިލް ނޭވައި ލައިތޯ އީވް ބެލިއެވެ. ނޭވައި ލަމުން ދިޔަ ނަމަވެސް، އިސްމާއިލްގެ ހުން ވަރަށް ގަދައެވެ. އޭނާއަށް އެކަނި އިސްމާއިލް ނުއުފުލޭނެ ތީވެ، ވަގުތުން އެވަން އަށް ގުޅިއެވެ. ނަސީބަކުން ރިންގު ވާއިރަށް އެވަން ފޯނުނެގިއެވެ. ވަރަށް އަވަހަށް ބަދިގެއަށް އަންނާށޭ ބުނެފައި, އޭނާ މަސައްކަތް ކުރީ ފޮތިގަނޑެއް ހޯދާށެވެ. ކަބަޑެއްގެ ތެރެއިން ކުޑަ ތުވާލިކޮޅެއް ނަގައި، އެއަށް ފެން އަޅައިގެން އިސްމާއިލް ބޮލުގައި އުނގުޅިއެވެ.

ނުނިމޭ

Comments (2)

  1. moddu

    love this part!! waiting for the next

  2. Shaba_17

    Vrh rythi 💗

Comments are closed.