
ތަސްވީރީ ބައިވެރިޔާ – 5

ހުކުރު ދުވަހުގެ އިރުއޮއްސުނުއިރު، ދާނިއަލްއާއެކު އޮތް ގުޅުމަކީ ވަކި އުސޫލުތަކަކަށް އެއްބަސްވެގެން އުފައްދާފައިވާ ގުޅުމެއްކަން ހާޔާ ހަނދާންނެތެން ގާތްވެފައިވެއެވެ. އާއިލީ ރޭގަނޑުގެ ކޭންތަކާއި، އާދައިގެ މެސެޖުތަކާއި، އަދި އެކުގައި ހޭދަވާ މެންދުރުތަކުގެ ސަބަބުން، ދެއްކުންތެރިކަމާއެކު ކުރުމަށް އެއްބަސްވި ކަންކަން އާދައިގެ ދިރިއުޅުމުގެ ބަޔަކަށް ވެގެންދިޔަކަން ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ. ދާނިއަލްއަށް ރޭގަނޑުގެ ކެއުންތަކަށް މަންމަ ދަޢުވަތު ދިނުމުން ނުވަތަ އެއްވެސް އިރުޝާދެއް ބޭނުންވުމެއްނެތި އޭނާ ހާޔާގެ އެޕާޓްމަންޓަށް އައުމުން، ހާޔާ މިހާރު އެކަމާ ސުވާލެއް ނުކުރެއެވެ.
“ހާދަ އަވަހަށް ތިއައީ.” ސީޓުބެލްޓު އަޅުވާލަމުން ހާޔާ ބުންޏެވެ.
“އަހަރެން މިއައީ ހަމަ ގަޑިއަށް.” ގަޑިއަށް ބަލައިލަމުން ދާނިއަލް ބުންޏެވެ.
“އެކަމަކު އެއީ ދާނިއަލްއަށް ބަލާނަމަ، މާ އަވަސް.” އަނެއްކާވެސް ހާޔާ ބުންޏެވެ.
“ހާޔާ މިހާރު އަހަރެން އަންނަ ގަޑިތައް ބަލަން ފެށީތަ؟” ޕޭވްމަންޓް ކައިރިން ކާރު ނައްޓައިލަމުން، މަޖާވެފައިވާ ދާނިއަލް ބުންޏެވެ.
“އަހަރެން މީ ކަންކަމަށް ވަރަށް ސަމާލުކަން ދޭ މީހެއް.” ހާޔާ ބުންޏެވެ.
މަންޒިލާއި ދިމާއަށް ދަތުރުކުރަމުން ދިޔައިރު، އެދެމީހުންގެ ވާހަކަތައް އަމާން ހިމޭންކަމަކަށް ބަދަލުވެގެން ދިޔައެވެ. ސިޓީގެ މަންޒަރުތައް ކާރުގެ ދޮރުފަތުން ބަލަން ހުރެ، ދާނިއަލްއަށް ދައްކަން ބޭނުންވާ ބައެއް ކަންކަމަށް ހާޔާ އިޝާރާތް ކުރަމުން ދިޔައެވެ. ދާނިއަލް އެއް އަތް ކާރުގެ ދޮރުގައި ބާއްވާލައިގެން އިނދެ، އެވާހަކަތައް އަޑުއަހަމުން ދިޔައެވެ. ހަމަ އާދައިގެ ރޭގަނޑެކެވެ.
އެމީހުން ރެސްޓޯރެންޓަށް ދިޔައިރު އެތަން އޮތީ ވަރަށް ބާރުބޮޑުކޮށެވެ. ނަމަވެސް ހާޔާގެ އާއިލާއިން އޭރުވެސް ކުޑަދޮރު ކައިރިން މޭޒެއް ހޯދައިގެން ތިއްބެވެ. އެންމެންވެސް އެމީހުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. ދާނިއަލް ވަރަށް އާދައިގެ ގޮތަކަށް ވާހަކައިގެ ތެރެއަށް ވަދެގެން ދިޔުމުން، ހާޔާއަށް އެއްވެސް ކަމެއް ތަފްސީލުކޮށްދޭކަށް ނުޖެހުނެވެ. ހާޔާގެ މާމަ ދާނިއަލްގެ މަސައްކަތާ ބެހޭގޮތުން ސުވާލުކުރިއެވެ. އަދި ހާޔާގެ ބޭބެ، އެއްވުންތަކުގައި ބައިވެރިވާން ކެރުނު ހަމައެކަނި ފިރިހެނަކީ އޭނާކަމަށް ބުނެ ސަމާސާކުރިއެވެ. ދާނިއަލް އެ ހުރިހާ ކަމެއްވެސް ނެގީ ވަރަށް ހަމަޖެހިގެންނެވެ.
ކެއުމުގެ މެދުތެރެއިން، މީހަކު ހާޔާއަށް ގޮވާލި އަޑު އިވުނެވެ. ދޮރާ ދިމާއަށް އެނބުރުނު ހިނދު، ކުރިމަތީގައި ހުރީ މާދިހުކަން ހާޔާއަށް ވަގުތުން އެނގުނެވެ. އޭނާ ވަގުތުން ސިއްސައިގެން ދިޔައެވެ. ފެންނާނެކަމަށް ހީނުކުރާ، ދަންނަ މޫނެއް އެހާ ކުއްލި ގޮތަކަށް ފެނުމުންނެވެ. އެތައް އަހަރެއް ވަންދެން އޭނާއާ ބައްދަލުނުވެ ހުރެފައި، ކުއްލިއަކަށް އެތަނުން ފެނުމުން، ހަނދާނުން ކެނޑިފައިވާ އެތައް ހަނދާންތަކެއް އެނބުރި އައެވެ.
މާދިހުއަށް ހާޔާ ފެނުމުން، ހައިރާންކަމާއެކު ހިނިތުންވެލަމުން އޭނާގެ ކައިރިއަށް އައެވެ. ހާޔާގެ އާއިލާއަށް ސަލާމްކުރުމަށްފަހު، ހާޔާއަށް ބަލައިލަމުން ހާލު ކިހިނެއްތޯ އަހައިލިއެވެ. އެއަށްފަހު، ދެމީހުންގެ ގުޅުންހުރި ރައްޓެހިންނާއި، ކުރީގެ މަސައްކަތުގެ މާހައުލާއި، އަދި ޒުވާންއިރު ދިޔަ ކެފޭއާ ބެހޭގޮތުން ވާހަކަދައްކަން ފެށިއެވެ. އެ ވާހަކަތަކުގައި ޚާއްޞަ ކަމެއް ނެތްނަމަވެސް، ދެމީހުންގެ މެދުގައި އޮތީ އެކަކު އަނެކަކު އެނގޭ މީހުންގެ މެދުގައި އޮންނަ ފަސޭހަކަމާއި އާދައިގެ ގުޅުމެކެވެ.
މުޅި އެ ވާހަކައިގެ ތެރޭގައި ދާނިއަލް އިނީ ވަރަށް ހިމޭނުންނެވެ. އޭނާ އެއްވެސް ވަރަކަށް ވާހަކައިގެ މެދަށް ނުވަންނަކަން ހާޔާއަށް ފާހަގަކުރެވުނެވެ. އެންމެ ފަހުން މާދިހު، ދާނިއަލްއާ ދިމާއަށް ބަލައިލުމުން، ހާޔާ އެދެމީހުން ތަޢާރަފުކޮށްދިނެވެ. އެދެމީހުން އަދަބުވެރިކަމާއެކު ސަލާމްކޮށް، މަދު ބަސްކޮޅެއް ބަދަލުކުރުމަށްފަހު، މާދިހު އަނެއްކާވެސް ހާޔާއަށް އެނބުރުނެވެ. ކޮންމެވެސް ދުވަހަކުން އަދި ބައްދަލުކޮށްލަންވާނެކަމަށް އޭނާ ބުނުމުން، ހާޔާ މާބޮޑު ވިސްނުމަކާނުލައި އެކަމަށް އެއްބަސްވިއެވެ.
“އާނ. ވަރަށް ދުވަސްފަހުން ދޯ މިދިމާވީ.” އެހެން ބުނުމަށްފަހު ވަކިވެލަން ހިނގައިގަންނަމުން މާދިހު ހިނިތުންވެލިއެވެ. ހާޔާ އަނބުރާ މޭޒާ ދިމާއަށް އެނބުރުނުއިރު، ދާނިއަލް އިނީ މެނޫއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެންނެވެ،
“ކުއްލިއަކަށް ތި މެނޫއަށް ހާދަ ބޮޑު ޝައުޤުވެރިކަމެއް އުފެދުނީ؟” ހާޔާ ބުންޏެވެ.
“އަހަރެން އަބަދުވެސް ކާއެއްޗެއްސަށް ޝައުޤުވެރިވަން.” ދާނިއަލް މަޑުމަޑުން ޖަވާބުދިނެވެ.
“ދާނިއަލް ތި އިނީ ފަސް މިނެޓު ވަންދެން ހަމަ އެއް ޞަފްހާއަކަށް ބަލަހައްޓައިގެން.” ހާޔާއަށް ފާހަގަވެގެން ބުންޏެވެ.
“ވެދާނެއެއްނު އަހަންނަށް މި ސަފްހާގައި އިން ކާއެއްޗެއް ކަމުދިޔައީ ކަމަށް.” ދާނިއަލް މެނޫ ލައްޕައިލިއެވެ.
“ހާދަ ފޫހި ޖަވާބެއް.” ހާޔާ ހިނިގަނޑެއް ޖަހައިލިއެވެ. ދާނިއަލް ހިނިތުންވެލި ނަމަވެސް، އެ ހިނިތުންވުމުގައި ކޮންމެވެސް ވަރެއްގެ އާދަޔާޚިލާފު ކަމެއް އެކުލެވިގެންވެއެވެ. ހާޔާ އޭނާއަށް މާބޮޑަށް ބާރުއަޅާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި، އަނެއްކާވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ.
އޭގެ އިރުކޮޅެއްފަހުން، ހާޔާގެ އަތުން ޖެހި އޭނާގެ ފެންބޯ ތަށި ވެއްޓުމުގެ ކުރިން، ދާނިއަލް މޭޒުމަތިން އަތްދިއްކޮށްލުމަށްފަހު ތަށި މޭޒުގެ ކައިރިފަށުން ކުޑަކޮށް އެތެރެއަށް ޖައްސާލިތަން އޭނާއަށް ފާހަގަކުރެވުނެވެ. މީހަކަށް ފާހަގަކުރަން ވަރަށް އުނދަގޫ، އެހާވެސް ކުޑަކުޑަ ކަމެކެވެ. އެހެންނަމަވެސް، ހާޔާއަށް އެކަން ފާހަގަވިއެވެ. ހާޔާ ބްރެޑު ބާސްކެޓާއި ދިމާއަށް އަތްދިއްކޮށްލުމުންވެސް ދާނިއަލް ކަންތައްކުރީ އެފަދައިންނެވެ. ހާޔާ ބުނުމުގެ ކުރިން އޭނާގެ ކައިރިއަށް ބާސްކެޓު ލައިދިނެވެ.
ހާޔާ އޭނާއަށް ބަލައިލިއެވެ. ނަމަވެސް ދާނިއަލް އުޅުނީ އެކަން ނޭނގޭކަމަށް ހަދައިގެންނެވެ. އެރޭގެ ކެއުމުގެ ބާކީބައި އާދައިގެ ގޮތަކަށް ނިމިގެން ދިޔައެވެ. ނަމަވެސް ރެސްޓޯރެންޓުން ނުކުތުމަށްފަހު، ހާޔާ އެންމެފަހުން ދާނިއަލްއާ ސަމާސާކޮށްލަން ނިންމިއެވެ.
ދެމީހުން އެކުގައި ކާރު ޕާކުކޮށްފާ އޮތްތަނުގެ ތެރެއިން ހިނގަމުން ދިޔައިރު، އެމީހުންގެ ފިޔަވަޅުތަކުގެ އަޑު އެތަނުގައި ދައުރުވަމުންދިޔައެވެ. އިރުކޮޅަކު ހިނގުމަށްފަހު، ހާޔާ، ދާނިއަލްއަށް ބަލައިލުމަށްފަހު ބުންޏެވެ. “މިރޭ ހާދަ ހިމޭންވެފައި ތިހުންނަނީ.”
“އަހަރެން އިނީ ކާން.”
“މާދިހުގެ ސަބަބުންތަ؟” ހާޔާ އޯގާތެރިކަމާއެކު ހިނިތުންވެލިއެވެ.
“ނޫން.” ކާރު ކައިރިއަށް ހުއްޓެލަމުން ދާނިއަލް ހާޔާއާ ދިމާއަށް ބަލައިލިއެވެ. އެ ޖަވާބު އައީ މާ އަވަހަށެވެ. ހާޔާ އިސްއުފުލައި، ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.
“އަހަރެން ހީއެއް ނުކުރަން ހާޔާގެ ކުރީގެ ލޯބިވެރިޔާއާ ބައްދަލުވާނެ ކަމަކަށް.” ދާނިއަލް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އެއީ ކީއްވެ؟”
“އަހަންނަކަށް ނޭނގެ.” ދާނިއަލް އެހެން އެއްޗެއް ބުނަންދެން ހާޔާ މަޑުކޮށްގެން ހުއްޓެވެ.
“އަހަރެންނަށް ހާޔާ އެނގުމުގެ ކުރިން، ހާޔާ ދަންނަ މީހަކު ފެނުނީމާ ކުޑަކޮށް އެހެން ކަހަލަ އިހުސާސެއް ވީ.” އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލަމުން ދާނިއަލް އެހެން ދިމާއަކަށް ބަލައިލިއެވެ
އެ ޖަވާބުން ހަޔާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާގެ އަޑުގައި އެއްވެސް އިލްޒާމެއް ނެތެވެ. އޭގެ ބަދަލުގައި އެކުލެވިގެންވަނީ ހާޔާއަށް ވަޒަންކުރަން އުނދަގޫ އަސަރެކެވެ.
“އަހަރެމެންގެ މެދުގައި އޮތީ އެހާ ސީރިއަސް ގުޅުމެއް ނޫން. އަހަރެމެން ރައްޓެހިވެސް ނުވަން. އެއީ ހަމައެކަނި ރައްޓެހިންނަށްވުރެ ކުޑަކޮށް ގާތް، ނަމަވެސް އިތުރު އެއްވެސް ކަމެއް ނެތް ގުޅުމެއް. އަދި މިހާރުވެސް އަހަރެމެންނަކީ ހަމައެކަނި ރައްޓެހިން.” ހާޔާގެ އަޑު މަޑުމައިތިރިވިއެވެ.
“އަހަންނަށް އެނގޭ.”
“ދެން ކޮންކަމަކާ ތި އުނދަގޫވަނީ؟” ހާޔާ ކުޑަކޮށް ހިނިތުންވެލިއެވެ.
“ވެދާނެ، އޭނާ ހާޔާއާ ބެހޭގޮތުން ވާހަކަދެއްކިއިރު، އަދިވެސް ހާޔާ ވަރަށް ރަނގަޅަށް ދަންނަ މީހެއްގެ ގޮތުގައި ވާހަކަދެއްކުމުން އަހަރެންނަށް ކަމުނުދިޔައީ ކަމަށް.” ދާނިއަލް އަނެއްކާވެސް ހާޔާގެ ދެލޮލަށް ބަލައިލިއެވެ.
ހާޔާއަކަށް ވަގުތުން ދޭނެ ޖަވާބެއް ނުވިސްނުނެވެ. އޭނާ ދާނިއަލްގެ ފަރާތުން އެފަދަ ތެދުވެރިކަމަކަށް އުއްމީދެއް ނުކުރެއެވެ. ހިނދުކޮޅަކަށް، އެމީހުންގެ ވަށައިގެންވި ސިޓީގެ އަޑުފައްގަނޑު މަޑުވެގެން ދިޔަފަދައެވެ. ދާނިއަލް ހުރީ ހާޔާއާ އެހާވެސް ކައިރީގައެވެ. އޭނާގެ ލޮލުގައިވާ އޯގާތެރިކަން ނުހަނު ސާފުކޮށް ހާޔާއަށް ފެންނަހާ ކައިރީގައެވެ. ދާނިއަލްއަށް އޭނާގެ ހިތުގައި ހާޔާއާމެދު އަޅާލުން އުފެދެން ފަށާފައިވާ މިންވަރު އިޙްސާސްވޭބާވައޭ ހާޔާގެ ހިތަށް އެވަގުތު އަރައިގެން ދިޔައެވެ.
“އެނގޭތަ.” މަޑުމައިތިރިކަމާއެކު ހާޔާ ބުންޏެވެ. “ދާނިއަލް އަހަރެމެންގެ ފޭކު އެންގޭޖުމަންޓާއިމެދު ތި ވިސްނަނީ މާ ސީރިއަސްކަމާއެކު.”
“ވެދާނެ.” އޭނާގެ މޫނުމަތީގެ އަސަރު ބަދަލުވެގެން ދިޔައެވެ. އެ ބުނި އެންމެ ބަހުންވެސް ހާޔާގެ ނޭވާ އަވަސްވެ، ނޭވާހިފެހެއްޓޭ ގޮތްވިއެވެ. މީގެ އިރުކޮޅެއް ކުރިއަށްވުރެ، މިހާރު އެދެމީހުން ތިބީ މާ ކައިރީގައިކަން އިޙްސާސްވެ، ހާޔާ އިސްޖަހާލިއެވެ. ހާޔާއަށް ފަހަތަށް ޖެހިލެވުނީހެވެ. ނަމަވެސް އޭނާ އެހެންނެއް ނުހެދިއެވެ. ދާނިއަލްވެސް ގުޑައެއް ނުލިއެވެ.
އޭގެ ބަދަލުގައި، ދާނިއަލް އަތްއުފުލާލުމަށްފަހު ހާޔާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ވަރަށް އޯގާތެރިކަމާއެކު އެއްފަރާތްކޮށްލިއެވެ. ނުވިސްނާ ހުއްޓާ ވީގޮތެއްކަމުން، ހާޔާ ނޭވާލާންވެސް ހަނދާންނެތުނު ފަދައެވެ. ދާނިއަލްގެ އަތް ހާޔާގެ މޫނުގައި އޮތީ އެންމެ ސިކުންތަކުއެވެ. އެއަށްފަހު އޭނާ އަތް ތިރިކޮށްލިއެވެ. އެއިން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
ހާޔާ އޭނާއަށް ބަލައިލިއެވެ. ދާނިއަލްގެ މޫނުމަތިން އަބަދު ފެންނަ ޔަޤީންކަން އޭރު ވަނީ ގެއްލިފައެވެ. އެ މޫނުމަތިން މިހާރު ފެންނަން ހުރީ ޖެހިލުންވުމެވެ. އެއީ އެތައް ހަފުތާއެއް ކުރިން ޕާކިންގ ގަރާޖުގައި އެދެމީހުން ސަލާމްކޮށް އެއްބަސްވުން ހެދިއިރު، އެއިން އެކަކުވެސް އުއްމީދުކުރި ކަމެއް ނޫނެވެ.
ދާނިއަލް އިތުރަށް ހަޔާއާ ދިމާއަށް ޖެހިލިއެވެ. ހާޔާ އެއްވެސް ގުނަވަނެއް ގުޑުވާ ނުލައި ހުއްޓެވެ. އެދެމީހުންގެ މެދުގައިވި ފަރަގު ކުޑަވަމުން ގޮސް، ދާނިއަލްގެ ނޭވާގެ ހޫނުކަން ހާޔާއަށް އިޙްސާސްކުރެވޭހާ ކައިރިވިއެވެ. ހާޔާގެ ހިތުގެ ވިންދު ވަރަށް ބާރަށް ޖަހަމުން ދިޔައެވެ. އޭނާއަށް ހީވީ ދާނިއަލްއަށްވެސް އެ އަޑު އިވޭނެހެންނެވެ. ވިންދު ޖަހަމުންދިޔައީ އެހާވެސް ބާރަށެވެ.
ކުއްލިއަކަށް އެވަގުތު ހާޔާ ހަނދާންވިއެވެ. އެއްބަސްވުމުގެ މަތިންނެއް ނޫނެވެ. ނަމަވެސް އެ އެއްބަސްވުން އުފެއްދި ސަބަބުގެ މަތިންނެވެ. ‘ހަ މަސް. އެއްވެސް ލޯބީގެ އިޙްސާސެއް ނެތި. އެއްވެސް އުނދަގޫތަކެއް ނެތި. ވަގުތީ ކަމެއް ދާއިމީ ކަމަކަށް ހަދަން ނޫޅެ.’ އޭނާ ފަހަތަށް ޖެހިލިއެވެ. ދާނިއަލްވެސް ވަގުތުން ހުއްޓުނެވެ.
“އަހަރެމެން މިކަންތައް ކުރަނީ މުޅިން ގޯސްކޮށް.” މަޑުމައިތިރިކަމާއެކު ހާޔާ ބުންޏެވެ.
“އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ.” ދާނިއަލްގެ ދެލޯ ހާޔާއަށް ހުއްޓިފައިވީ ނަމަވެސް، އޭނާ ބޯޖަހާލިއެވެ.
ހާޔާ ކުޑަކޮށް ޖެހިލުންވެފައިވާ ދާނިއަލްއަށް ހިނިތުންވުމެއް ދިނުމަށްފަހު ކާރުގެ ދޮރު ހުޅުވާލިއެވެ. އޭނާ ކާރަށް އަރައި، ދާނިއަލް ކާރުވަށައިގެން ހިނގާފައި އައިތަން ކުޑަދޮރުން ބަލަން އިނެވެ. ކާރު ދުއްވާލުމަށްފަހުވެސް އެއިން އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.
ނަމަވެސް އެ ދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް ބަދަލުވެއްޖެއެވެ. މިހާރު އެ ހިނގައިދިޔަ ކަންތަކަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ، އެއިން އެކަކުވެސް އެކަން ހުއްޓުވަން ބޭނުންނުވިކަމެވެ. ތަސްވީރީ ބައިވެރިޔެއްގެ ގޮތުގައި ހޭދަކުރަމުންދިޔަ ހުރިހާ ވަގުތުތަކެއްގެ މެދުތެރެއިން ހާޔާއަށް ޝައްކުވާން ފެށިއެވެ. އެ ހަ މަސްދުވަހުގެ މުއްދަތު ނިމޭކަށް މިހާރު އޭނާ އެއްވެސް ވަރަކަށް ބޭނުމެއްނުވެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
VRH REEEEEETHI
So Cute 🥰🥺