ތަސްވީރީ ބައިވެރިޔާ – 4
ހާޔާ ދާނިއަލްގެ ވާހަކަ އޭނާގެ އާއިލާގެ ކައިރީ ބުނުމަށްފަހު، ކުރިމަތިލާންޖެހުނު އެންމެ އުނދަގޫ ބަޔަކީ އާއިލީ ރޭގަނޑުގެ ކެއުން ކަމަށް ހާޔާ ހީކުރި ނަމަވެސް، އެކަންވީ އެހެންނަކުން ނޫނެވެ. އަސްލު އުނދަގޫތައް ފެށުނީ އޭގެ ފަހުންނެވެ. ހާޔާގެ މާމަ ނިންމީ އެންގޭޖްވެފައިވާ ބައިވެރިއަކު ހުރުމުން، ހާޔާ އެކަނި އެއްވެސް ތަނަކަށް ދިއުން ދެން ހުއްދަކުރެވިގެން ނުވާނެ ކަމަށެވެ. ތިން ދުވަސް ތެރޭގައި، މެންދުރުގެ ކެއުމަށާއި، އާއިލީ ހެނދުނުގެ ސަޔަށާއި، އަދި ހާޔާއަށް ކަނޑައެޅިގެން ޔަގީންވާ ގޮތުގައި މާމަ އެ ދެމީހުން އެކުގައި އުޅޭތަން ބެލުމުގެ ބޭނުމުގައި އެކަނި ރޭވި މެންދުރުފަހުގެ ޝޮޕިންގ ދަތުރަކަށް ދާނިއަލްއަށް ދައުވަތު ދެވުނެވެ.
އެއިން އެއްވެސް ކަމަކާ މެދު ދާނިއަލް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެންމެ މާޔޫސްވާ ކަމަކީވެސް އެއީއެވެ. ހާޔާ ބުނާ ކޮންމެ ވަގުތަކު، ނުހަނު ފުރިހަމައަށް ތައްޔާރުވެގެން، ވަރަށް ހަމަޖެހިލައިގެން އާދެއެވެ. ހާޔާގެ ބައިވެރިޔާގެ ރޯލު ކުޅުމަކީ، އޭނާގެ ދިރިއުޅުމުގެ އާދަކާދައިގެ ތެރެއަށް ވަދެފައިވާ އާންމު ކަމަކަށް ވެފައިވާ ފަދައިންނެވެ.
އާދީއްތަ ދުވަހުގެ ހެނދުނު، ހާޔާ ބަދިގޭގައި ހެނދުނުގެ ސައި ތައްޔާރުކުރަން ހުއްޓާ ފޯނު ވައިބްރޭޓްވިއެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ދާނިއަލްގެ މެސެޖެއް އައިސް އިނެވެ.
ދާނިއަލް: ކަމަނާގެ މާމަ އަނެއްކާވެސް މެންދުރުގެ ކެއުމަށް އަހަންނަށް ދައުވަތު ދީފި.
ހާޔާ އިރުކޮޅަކު އެ މެސެޖަށް ބަލަން ހުރުމަށްފަހު ޖަވާބު ފޮނުވިއެވެ.
ހާޔާ: އަނެއްކާވެސް؟
އޭނާގެ ޖަވާބު ވަގުތުން ކަހަލަ ގޮތަކަށް އައެވެ.
ދާނިއަލް: މާމައަށް އަހަރެން ވަރަށް ކަމުގޮސްފި.
“އަހަންނަށް ވުރެ ބޮޑަށް މާމައަށް ދާނިއަލް ކަމުގޮއްސި.” ހާޔާ ފުން ނޭވާއެއްލުމަށްފަހު ފޯނު ކައުންޓަރު މަތީގައި ބޭއްވިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެހެން މެސެޖެއް އައެވެ.
ދާނިއަލް: އަހަރެން ބިރުގަންނަންވީތަ؟
އަމިއްލަ އިޚްތިޔާރަކާ ނުލައިވެސް، ހާޔާއަށް ހިނިތުންވެވުނެވެ. މާމަ ކަންތައް ކުރަމުންދިޔަ ގޮތާމެދު ކިތަންމެ ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް މެއެވެ.
ހާޔާ: ވަރަށް ބޮޑަށް.
މެންދުރުވީއިރު، ހާޔާގެ މަންމަ ފޮނުވާފައި ހުރި ކާތަކެތި ކެއުމަށްޓަކައި ދާނިއަލް އިނީ ކާގޭ މޭޒުކައިރީގައެވެ. ކާގޭގެ އަނެއް ފަރާތުގައި ހުރެ ހާޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހާޔާއަށް އުނދަގޫވީ ދާނިއަލް އޭނާގެ އާއިލާ އެންމެންގެ ތެރެއަށް ފަސޭހައިން އާދަވެ އުޅެން ފެށުމުންނެއް ނޫނެވެ. އުނދަގޫވީ އެންމެންވެސް އެހާ އަވަހަށް އޭނާ ބަލައިގަތުމުންނެވެ.
ހާޔާގެ ބޭބެ އޭނާއަށް ގޮވަނީ ވަކި ނަމަކުންނެވެ. މަންމަ ދަނީ އޭނާގެ މަސައްކަތާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރަމުންނެވެ. އަދި މާމަވެސް އޭނާއާ ބޭކާރު ސުވާލުކޮށް ސުވާލުކުރުން ހުއްޓާލައި، އާއިލާގެ މެންބަރެއްގެ ގޮތުގައި އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ފަދައަކުން އޭނާއާމެދު ކަންތައް ކުރަން ފަށައިފިއެވެ. ހާޔާ ހުންނަންޖެހޭނީ ހަމަޖެހިލައިގެންނެވެ. ނަމަވެސް، އޭގެ ބަދަލުގައި އޭނާއަށް ކުރެވުނީ ތަފާތު ހަމަނުޖެހުމުގެ އިޙްސާސެކެވެ. ސަބަބަކީ، ދާނިއަލް އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރާ މިންވަރު ގިނަވިވަރަކަށް، މި ހުރިހާ ކަމަކީ އެކްޓެއް ނޫންކަމަށް ހީވާ މިންވަރު އިތުރުވަމުން ދިޔުމެވެ.
މެންދުރުގެ ކެއުމަށްފަހު، އެންމެން ސިޓިންގރޫމަށް ދިއުމުން، މޭޒުމަތި ސާފުކުރުމަށްޓަކައި މަޑުކުރީ ހާޔާއާއި ދާނިއަލްއެވެ. ދާނިއަލް ތަށިތައް ބަދިގެއަށް ގެންދިޔައިރު، ހާޔާ ހުސްވެފައި ހުރި ތަށިތައް އެއްކުރިއެވެ.
“އެނގޭތަ ދާނިއަލް އެހީވާކަށް ނުޖެހޭނެކަން.” ހާޔާ ބުންޏެވެ.
“އެނގޭ.”
“ދެން ކީއްވެ ތި އެހީވަނީ؟”
“ސަބަބަކީ އަހަރެމެންނަކީ ލޯބިވެރިންގެ ގޮތުގައި ދައްކަންޖެހޭތީ.” ދާނިއަލް ކޮނޑުއަރުވާލިއެވެ.
“ދާނިއަލް މިކަން ހާދަ ސީރިއަސްކޮށް ތި ނަގަނީ.” ހާޔާ ސިންކު ތެރޭގައި ތައްޓެއް ބެހެއްޓުމަށްފަހު އޭނާއަށް ބަލައިލިއެވެ.
“ކަނބުލޯވެސް ތިއުޅެނީ ސީރިއަސްކޮށް.” ދާނިއަލް ބުންޏެވެ.
“ތިއީ ދޮގެއް. އަހަންނަން މިހުރިހާ ކަމަކީވެސް ބޮޑު އެކްޓެއް.” ހާޔާ ތަށިތައް ދޮންނަން ފަށަމުން ބުންޏެވެ.
“އެކަމަކު ތިހުރީ އަހަރެން ދިން ފަށް އަޅައިގެން.” ދާނިއަލް ހާޔާގެ ކަނދުރާގައިވާ ފަށަށް އިރުކޮޅަކު ބަލަން ހުރެފައި ބުންޏެވެ.
ނޭނގިނަމަވެސް، ހާޔާއަށް އެ ކުޑަ ރިހި ފަށުގައި އަތްލެވުނެވެ. އޭނާ އޮތީ އެ ފަށުގެ މަތިން ހަނދާންނެތިފައެވެ. އެ ފަށަކީ، ހާޔާގެ އެންގޭޖްމަންޓް އަނގޮޓި އެހާ އާދައިގެ އަނގޮޓިއަކަށްވީ ކީއްވެގެންތޯ މާމަ ސުވާލުކުރަން ފެށުމުން، ދާނިއަލް އޭނާއަށް މިދިޔަ ހަފުތާގައި ދިން ފަށެއެވެ. މާ އަގުބޮޑު ނުވަތަ މާ ބޮޑު ފަށެއް ނޫނެވެ. ނަމަވެސް، އެމީހުންގެ ވާހަކައަކީ ތެދެއްކަން އެހެން މީހުންނަށް ގަބޫލުކޮށްދިނުމަށް އެވަރު ފުދުނެވެ.
“އެއީ ފަސޭހައަކަށް އަޅައިގެން ހުރި އެއްޗެއް.” ހާޔާ އެހެން ދިމާއަކަށް ބަލައިލަމުން ބުންޏެވެ.
“އޮފްކޯސް.” ދާނިއަލްގެ އަޑުގައި ހިނިތުންވުމެއް އެކުލެވިގެން ވިއެވެ. ހާޔާ އޭނާއާ ދިމާއަށް އެނބުރުނެވެ.
“ކީކޭ؟”
“އެއްޗެއް ނޫން.”
“ކީއްވެ މޮޔައެއްހެން ހިނިތުންވެގެން ތިހުރީ.”
“އަހަރެން މިއީ އަބަދުވެސް ހިނިތުންވެގެން ހުންނަ މީހެއް.”
“އެކަމަކު މިހާރު ތިއުޅެނީ އަހަރެން ރުޅި އަރުވާކަށްނުން.”
“ހަހަ. ކިހިނެތް އެނގުނީ.”
ހާޔާ ދެލޯ އަނބުރައިލިއެވެ. އެހެން ނަމަވެސް ހިނިތުންވުން ހުއްޓައެއް ނުލެވުނެވެ. އެދެމީހުން ހިމޭންކަމެއްގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އަދި އެ ހިމޭންކަން ދެމިގެންދިޔަ ވަރަކަށް، އޭގެ އާދަޔާޚިލާފުކަން ބޮޑަށް އިޙްސާސް ކުރެވުނެވެ. ފުރަތަމަކޮޅު، ދާނިއަލްގެ އަރިހުގައި ހޭދަވާ ކޮންމެ ސިކުންތަކީވެސް ނުހަނު އުނދަގޫ ވަގުތުކޮޅެކެވެ. ދާނިއަލް ހިތްހަމަނުޖެހޭ އެއްޗެއް ބުނެވިދާނެތީ، ނުވަތަ ނޭނގި އޭނާގެ ގައިގައި ބެހެވިދާނެތީ، ނުވަތަ އެމީހުންގެ ޚިޔާލީ ގުޅުމުގެ ކޮންމެވެސް ތަފްސީލެއް ނުވަތަ އުސޫލެއް ހަނދާންނެތިދާނެތީ އޭނާ ކަންބޮޑުވިއެވެ. ނަމަވެސް މިހާރު، ކޮންމެވެސް ގޮތަކުން، އޭނާއާއެކު ހޭދަވާ ހިމޭންކަމަކީ އުނދަގޫ ކަމަކަށް ނުވިއެވެ. އަދި އެއީ ވަރަށް ފަސޭހަ ކަމަކަށް ވިއެވެ. އެކަމުގެ ސަބަބުން ކުރިން ކުރެވުނު އުނދަގޫ އިޙްސާސްތަކަށްވުރެ ބޮޑަށް، މިކަމާ އޭނާ ބިރުގަތެވެ.
ހަފުތާއެއް ފަހުން، އާއިލީ އެއްވުމަކަށް ދިޔަ މަގުމަތީ، ދާނިއަލްގެ ކާރުގައި އޭނާގެ އަރިހުގައި ހާޔާ އިނެވެ. މިހާރަކަށް އައިސް މިގޮތަށް އެކުގައި އުޅުމަކީ އެމީހުންގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ދެކުން ހާޔާ ދޫކޮށްލިއެވެ. ހާޔާ ވާހަކަ ދައްކަން ފެށުމާއެކު ދާނިއަލް ރޭޑިއޯގެ އަޑު އަމިއްލައަށް މަޑުކޮށްލިއެވެ. އެ ހިނދު، އޭނާގެ ހިތުގައިވާ ވިސްނުންތަކުގެ ހަގީގަތް އޭނާއަށް މާ ބޮޑަށް ސާފުވެގެންދިޔައެވެ.
“ކިހިނެއްވީ؟” ދާނިއަލް އަހައިލިއެވެ.
“ދާނިއަލް ހަނދާން އެބަހުރި.” ހާޔާ އޭނާއަށް ބަލައިލިއެވެ.
“ކޮންކަމެއް ހަނދާން ހުރީ؟”
ލަވަ މާ ބާރަށް ޖަހާފައި ހުންނަން އަހަރެން ބޭނުން ނުވާކަން.” ހާޔާ ބުންޏެވެ.
“ހާޔާ އެ ވާހަކަ އަހަރެން ގާތު ތިން ފަހަރު ބުނި.” ދާނިއަލް މަޖާވެފައި ހާޔާއަށް ބަލައިލިއެވެ.
“އަހަރެން ބުނިންތަ؟” ހަނދާންނުވާ ކަހަލައަކުން ހާޔާ އަހައިލިއެވެ.
“ހާޔާ ކޮންމެ ކަމެއްވެސް ބުނާނެ ދެތިން ފަހަރު. އަދި އަމުދުން ޝަކުވާ ކުރާއިރު.”
“ތިއީ ތެދެއް ނޫން.” ހާޔާ ހީނގަތެވެ.
“އެއީ ތެދެއް.” ހާޔާގެ ފަހަތުން ހީލަމުން ދާނިއަލް ބުންޏެވެ.
ހިނިތުންވެ ހުރެ، ހާޔާ ކުޑަދޮރާ ދިމާއަށް އެނބުރުނެވެ. ނަމަވެސް އެ ދެކެވުނު ވާހަކައިގެ ސަބަބުން، ދާނިއަލްއާ ބެހޭގޮތުން އޭނާއަށް ފާހަގަކުރެވެން ފެށި ކުދިކުދި ކަންތައްތަކާމެދު ވިސްނާލެވުނެވެ. އޭނާ އަބަދުވެސް ކާރުގައި އިތުރު ޓިޝޫ ގެންގުޅެއެވެ. އޭނާ ލިޔަނީ ވާ އަތުންނެވެ. އޭނާއަށް އެންމެ ކަމުދާ ކާއެއްޗަކީ ޕިއްޒާއެވެ. ހާޔާ ޖެހިލުންވާ ކޮންމެ ފަހަރަކު، އޭނާ އެއްޗެކޭ ބުނުމުގެ ކުރިންވެސް ދާނިއަލްއަށް ކޮންމެވެސް ގޮތަކުން އެކަން ފާހަގަކުރެވެއެވެ. މިއިން އެއްވެސް ކަމަކީ މާ މުހިންމު ކަމެއް ނޫނެވެ. ނަމަވެސް ހާޔާ އެ ހުރިހާ ކަމެއް ހަނދާން ހުއްޓެވެ.
އެރޭ އާއިލީ އެއްވުން ނިމުނުފަހުން، ހާޔާ ބަނޑުހައިވެފައި ހުރުމުން އެމީހުން ކުޑަ ކެފޭއަކަށް މަޑުކޮށްލިއެވެ. ބިއްލޫރިގަނޑުގައި ވާރޭގެ ތިކިތައް މަޑުމަޑުން ޖެހެމުންދިޔައިރު، އެމީހުން އިނީ ކެފޭގެ ކުޑަދޮރު ކައިރީގައި ހުރި ގޮނޑީގައި، އެކަކު އަނެކަކަށް ކުރިމަތިވާގޮތަށެވެ. ދާނިއަލް ތައްޓެއް ހާޔާއާ ދިމާއަށް ކޮއްޕާލުމަށްފަހު، އޭނާ އެއްވެސް އެއްޗެއް ނުކައި ހުރިކަމަށް ބުންޏެވެ. އޭނާއަށް އެކަން އެނގުނީ ކިހިނެއްތޯ ހާޔާ ސުވާލުކުރުމުން، ދާނިއަލް ހަމައެކަނި ބުނީ ހާޔާ ވިހި މިނެޓު ވަންދެން އިނީ އެހެން މީހުންގެ ތަށިތަކަށް ބަލަން ކަމަށެވެ. ހާޔާ ހީނގަތުމަށްފަހު، އެ ބަސްތަކުގެ ސަބަބުން އޭނާއަށް ކުރި އަސަރު ފޮރުވަން މަސައްކަތް ކުރިއެވެ.
“އަހަރެން މިދަނީ ހާޔާއަށް އާދަވަމުން.” ދާނިއަލް އެހެން ބުނުމުން، ހާޔާ އޭނާއަށް ބަލައިލިއެވެ. ހިނދުކޮޅަކަށް، އޭނާ އެހެން ބުނި ގޮތުން ހާޔާގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. އޭނާ މަސައްކަތްކުރީ ހިނިތުންވުމެއްގެ ނިވަލުގައި އެކަން ފޮރުވޭތޯއެވެ.
“ތިއީ ނުރައްކާތެރި ކަމެއް.” ހާޔާ ގިނައިރު އެއްވެސް ނުބުނެ އިނދެފައި ބުންޏެވެ.
“ކޮންކަމެއް؟”
“އަހަންނަށް އާދަވުން.”
“އެއީ ކީއްވެ؟” ދާނިއަލް ގޮނޑީގައި ލެގިލަމުން އަހައިލިއެވެ.
“ސަބަބަކީ އަހަރެމެން އެކުގައި އުޅެން އެއްބަސްވީ ހަމަސް ދުވަހު ކަމުގައި ވުމުން. ހަ މަސްދުވަހަކީ އަބަދަށް ދެމިއޮންނާނެ މުއްދަތެއް ނޫން.”
ދާނިއަލްގެ މޫނުމަތީގައިވި ހިނިތުންވުން ކުޑަކޮށް ފަނޑުވެގެންދިޔައެވެ. އެ މަންޒަރު ފެނުމުން އެހެން ބުނެވުނު ކަމަށްޓަކައި ހާޔާ ވަގުތުން ދެރަވިއެވެ. އެމީހުންގެ ދެމެދުގައިވި އެއްބަސްވުން ކުއްލިއަކަށް ކުރިއަށްވުރެ ބޮޑަށް ސާފުކޮށް ފެންނަން އޮތް ފަދައެވެ. ހަ މަސްދުވަހެވެ. އޭގެފަހުން އެކަން ނިމޭނެއެވެ. އިތުރު އާއިލީ ކެއުންތަކެއް ނޯންނާނެއެވެ. އިތުރަށް އޮޅުވާލުމެއް ނޯންނާނެއެވެ. ހާޔާގެ އެޕާޓްމަންޓް ބޭރުގައި ދާނިއަލް އިންތިޒާރުކުރުމެއް ނޯންނާނެއެވެ. އަދި އޭނާ ކައިފިތޯ އަހައި ފޮނުވާ އާދައިގެ މެސެޖުތަކެއްވެސް ދެން ނޯންނާނެއެވެ. މިހުރިހާ ކަމެއް ނެތިގެންދާނެ ކަމުގެ ޚިޔާލު ހިތަށްއެރުމުން ކުރެވުނު ހަމަނުޖެހުމާއެކު، ހާޔާގެ ނަޒަރު އޭނާގެ ކޮފީ ތައްޓަށް ހުއްޓާލިއެވެ.
“އަދި އަހަރެމެންނަށް ވަގުތު އެބައޮތް.” ދާނިއަލް އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބުންޏެވެ. ހާޔާ އޭނާއަށް ބަލައިލިއެވެ.
“އަދި ނިމޭނެ ގޮތަކާމެދު ކަންބޮޑުނުވަމާ.” އޭނާ ފަނޑު ހިނިތުންވުމެއް ދިނެވެ.
“އޯކޭ.” ހާޔާ މަޑުމަޑުން ބޯޖަހާލިއެވެ.
އެމީހުންގެ މެދުގައިވާ ގުޅުމުގެ ނިމުމަކީ ދެމީހުން ކުރެ އެކަކުވެސް އެއާމެދު ވިސްނަން ބޭނުންނުވާ ކަމަކަށް ކުއްލިއަކަށް ވެއްޖެކަމުގެ ހަގީގަތް، އެއިން އެކަކުވެސް ފާހަގައެއް ނުކުރެއެވެ.
ހާޔާ އެނދުގައި ނިދަން އޮއްވައި ދާނިއަލްގެ މެސެޖެއް އައެވެ. އޭނާ ބުނީ ހާޔާގެ ސްކާފް ކާރުތެރޭގައި ބާއްވާފައި އޮތް ކަމަށެވެ. ހާޔާ ހިނިތުންވެލުމަށްފަހު، މާދަން ބަލާ އަންނާނެ ކަމަށް ބުނެ އެ އޮތްތާނގައި ބޭއްވުމަށް ބުންޏެވެ. ދާނިއަލް ސަމާސާކޮށްފައި އެ ވިއްކާލާނެ ކަމަށް ބުންޏެވެ. ހާޔާ ވަގުތުން ޖަވާބުދިނީ އޭނާގެ ހުތުރު ސްކާފް ބޭނުންވާ އެކަކުވެސް ނޫޅޭނެ ކަމަށެވެ. އެ ސްކާފް އަޅައިގެން ހާޔާ ދެ ގަޑިއިރު އުޅުނުކަން ދާނިއަލް ހަނދާންކޮށްދިނުމުން، ހާޔާ ބުނީ އެއީ ހަމައެކަނި ފިނިވެގެން އެޅި އެއްޗެއް ކަމަށެވެ. އޭނާ ފޯނު ބާއްވަން އުޅެނިކޮށް އަނެއްކާވެސް މެސެޖެއް އައެވެ.
ދާނިއަލް: ގުޑް ނައިޓް، ހާޔާ.
އެ ދެ ލަފުޒަށް ބަލަން، ބަލަންޖެހޭ ވަރަށްވުރެ ގިނައިރު އޭނާއަށް އޮވެވުނެވެ. އޭގައި މާ ބޮޑު ލޯބީގެ މާނައެއް ނުވަތަ ޚާއްޞަ މާނައެއް ނެތެވެ. އެއީ ހަމައެކަނި އޭނާގެ ތަސްވީރީ ބައިވެރިޔާގެ ގޮތުގައި އުޅޭ މީހާގެ ފަރާތުން އައި އާދައިގެ ރޭގަނޑުގެ ސަލާމެކެވެ. އެހެންނަމަވެސް، އެ މެސެޖުން އޭނާއަށް ހިނިތުންވުމެއް ގެނެސްދިނެވެ.
ހާޔާ: ގުޑް ނައިޓް، ދާނިއަލް.
އޭނާ ފޯނު ބާލިސް ކައިރީގައި ބޭއްވުމަށްފަހު ކޮޓަރި ނިއްވާލިއެވެ. ނަމަވެސް، އޭނާގެ ދިރިއުޅުމަށް އައިސްފައިވާ އާދަޔާޚިލާފު ބަދަލާމެދު ވިސްނަން އެތައް އިރަކު ނިދި ނައިސް އޮތެވެ. މީގެ މަދު ހަފުތާތަކެއް ކުރިން، ދާނިއަލްއަކީ އާއިލާގެ އުނދަގޫ ސުވާލުތަކުން ރެކުމަށްޓަކައި އޭނާ އަމިއްލައަށް އުފެއްދި ނަމެކެވެ. ނަމަވެސް މިހާރު، އޭނާގެ ދިރިއުޅުމުގެ ތެރެއަށް ދާނިއަލް ވަންނަމުން އެދަނީ އޭނާ ނެތްއިރު ދިރިއުޅުން އޮތްގޮތް ހަނދާންނެތޭހާ އާންމު ކަމަކަށް ވެގެންނެވެ.
އެ ދެމީހުންގެ އެއްބަސްވުން ފެށުނުފަހުން ފުރަތަމަ ފަހަރަށް، އޭނާ އުޅެނީ ތަސްވީރީ ބައިވެރިއަކާ އެކުގައި ނޫންކަމުގެ އިޙްސާސް ކުރެވުނެވެ. އަދި އެކަމާ ހާޔާ ބިރުގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

This is amazing 💗 keep it up
When’s next part???
Just a woww MA 💕
Waiting for the next part!