އޭނާ އިޒިކިއަލަށް އިތުބާރެއް ނުކުރެއެވެ. ނަމަވެސް އިޒިކިއަލްގެ އުޅުން އޭނާއަށް ކަމުދާން ފެށިއެވެ. ބައެއް ފަހަރު އިޒިކިއަލް ވާހަކަ ދައްކާ ގަނޑީ މާބޮޑު ޖަވާބެއް ނުދިނަސް އަވަސް އަވަހަށް ނުގޮސް އޭނާ ކުޑަ އިރުކޮޅެއް އިތުރަށް މަޑުކުރަންފެށިއެވެ. ހަމަ ކުޑައިރުކޮޅެއް އިތުރަށެވެ. މާބޮޑަކަށް ނޫނެވެ.
====================================
އައިކަން މިހާރު ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާވަރު ވެއްޖެއެވެ. އިޒިކިއަލް ބުނި ގޮތުންނަމަ އޭނާ ޒިވްޔާ އަކަށް އެއްވެސް ހަޤީގަތެއް ނުކިޔާދެއެވެ. އެހެންވީއިރު ޒިވްޔާ އެހެން ކަންތައް އެކުރަނީ ކީއްވެ ހެއްޔެވެ؟ އައިކަން ވަކި ވަރަކަށް ވުރެ ކައިރިވާއިރަށް ހިތްހަމަނުޖެހެއެވެ. ވާހަކަ ދައްކާއިރު ވެސް ކުރިން ހުންނަ ގޮތްގަނޑެއް ނުހުރެއެވެ. ހީވަނީ ވީހާވެސް އައިކަނާއި ދުރުދުރުން އުޅެން އުޅޭ ހެނެވެ.
ޒިވްޔާ ދެމަސްދުވަސް ކޮށްފައި އަނބުރާ ކޮލެޖަށް އައިއިރު އެހާ ބޮޑު ބަދަލެއް އަންނަންވީ ސަބަބަކީ ކިބާ ހެއްޔެވެ؟ މީގެ ކުރިން އައިކަން ކުރާ ޖެއްސުންތަކަށް ޒިވްޔާ ވެސް އެވަރަށް އުނދަގޫ ކުރިއެވެ. އެހެންވީއިރު މިހާރު މަޑުނެގިފައި އެ ހުންނަނީ ކޮން ސަބަބަކާ ހެއްޔެވެ؟ އައިކަނަށް ހަމަ ނުވިސްނެނީއެވެ. އައިކަން ކައިރިވާން އުޅޭއިރަށް ޒިވްޔާ ދުރުވާން އުޅޭތީއެވެ. އޭނާ ދުރުވާން އުޅޭ ވަރަކަށް އައިކަން ބަލަނީ އިތުރަށް ގާތްވެވޭތޯއެވެ. އިތުރަށް ޖެއްސުން ކުރެވޭތޯއެވެ. ޒިވްޔާގެ ފަރާތުން ރައްދެއް ނަމަސް ލިބޭތޯއެވެ.
މިއަދުވެސް ޒިވްޔާ ކުލާހުން ނުކުތްގަނޑިއަށް އައިކަން ހުރީ ފާރަލައެވެ. ހަމަ ޒިވްޔާ ނުކުތުމާއެކު އައިސް އަރާ ހަމަ ކުރިއެވެ. ނަމަވެސް ޒިވްޔާ އައިކަނާއި ދިމާއަށް ބަލާވެސް ނުލައެވެ. އޭނާ ހަމަ ކުރިއަށް ހިނގަމުން ދިޔައީއެވެ. ކައިރީގައި އައިކަން ހުރި ކަން އެނގުނު ނަމަވެސް އެނގުނު ކަމަށް ވެސް ނުހަދައެވެ.
“ހަމަ އަހަރެން ނުފެންނަ ކަމަށް ހަނދާނީތަ ދެން އަބަދު؟” އައިކަން ޖީބަށް އަތްޖަހާލައިގެން ހުރެ ޒިވްޔާ އާއި އެއްވަރަށް ހިނގަމުން ދިޔައެވެ.
“ބިޒީ.” ޒިވްޔާގެ ޖަވާބު ވަރަށް ވެސް ކުރެވެ.
“ޑުއިން ވަޓް އެގްޒެކްޓްލީ؟” އައިކަން ޒިވްޔާ އާއި ދިމާއަށް އެއްބުމަ އަރުވާލިއެވެ.
“ކްލާސް.”
“ތީ ޖަވާބެއް ނޫނެއްނު.”
“އިޓް އިޒް.”
އައިކަންގެ މޫނުމައްޗަށް މަޢުނަވީ ހިނިތުންވުމެއް ވެރިވިއެވެ. ” ފައިނަލީ… ޔޫ އާ ގެޓިން ސާކަސްޓިކް އެގެއިން..”
ޒިވްޔާ އޭނާގެ ހިނގުން މަޑުކޮށްލިއެވެ. އަދި އެނބުރި އައިކަނަށް ބަލާލިއެވެ. “މޭބީ..”
ޒިވްޔާގެ ޖަވާބުން ހިނދުކޮޅަކަށް އައިކަންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އާއެކެވެ. އެއީ ހަމަ އޭޏާޣެ ޒިވްޔާއެވެ. އޭނާ ހިނިތުންވެލަމުން ޒިވްޔާގެ ފަރާތުން އިތުރަށް ރައްދެއް ހޯދަން ބޭނުންވިއެވެ. އަދި އެއްފަހަރު ކުރީގެ ޒިވްޔާގެ ހިލަމެއްވޭތޯއެވެ. ހިންމިއަކަށް ނަމަވެސް އެ ޒިވްޔާ ދެކިލާ ހިތުންނެވެ. އެހެންކަމުން އައިކަން އިތުރަށް ކައިރިއަށް ޖެހިލިއެވެ.
“ޔޫ މިސްޑް މީ.” އަދި ލާނެތް ހިނިތުންވުމަކާއެކު ޒިވްޔާ އާއި ދިމާއަށް ތިރިވެލިއެވެ. ދެމީހުންގެ މޫނާއި މޫނު ދިމާވާނޭ ހިސާބަށެވެ.
“ނޯ-”
“ލަޔާ.” އައިކަން ބޯ އަރިކޮށްލާފައި ޒިވްޔާގެ ބަސްތައް ހުއްޓުވާލިއެވެ. އައިކަންގެ ފުން ނަޒަރު ފެނިފައި ޒިވްޔާގެ ބަނޑު ތެރޭގައި ކޮކާ އުދުހޭހެން ހީވިއެވެ.
“ނޯ.” އަނެއްކާވެސް ޒިވްޔާ ބުނެލިއެވެ. ނަމަވެސް އޭނާ އަކަށް އައިކަންގެ މޫނާއި ދުރަކަށް ބަލައެއް ނުލެވުނެވެ. އޭނާއަށް ހަމަ ރަނގަޅަށް ވެސް ހުރެވުނީ އައިކަންގެ ތޫފާނީ ވިލާގަނޑެއްފަދަ އަޅި ކުލައިގެ ދެލޮލުގެ ޖާދޫގައި ހައްޔަރުވެވިފައެވެ. ކަސްތޮޅު އެޅުވިފައެވެ. އެހިނދު ޒިވްޔާގެ ހިތް އެދި ރޮއެގަތީ އެ ދެލޮލުގައި އެވާ ތޫފާނުގެ ތެރެއަށް ގެއްލޭށެވެ.
އެހާ ދުވަސްކޮށްފައި ޒިވްޔާގެ ލޯބިލޯބި މޫނުކޮޅު އެހާ ކައިރިން ފެނުމުން އައިކަންގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. އޭނާ ބޭޏުންވީ އެލިބުނު ވަގުތު ކޮޅުގައި އޭނާގެ ހިތް ފުރެންދެން އެމޫނަށް ބަލާލާށެވެ. އޭނާގެ ހިތުގެ އެންމެފުނަށް އެހިނދު އެމޫނު ހުރިގޮތް ކުރަހާލާށެވެ. ދެން އެފަދަ ފުރުސަތެއް އޭނާއަށް ނުވެސް ލިބިދާނެ ވިއްޔާއެވެ.
އައިކަން އަތް ހަރަކާތް ކުރީ އޭނާގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެއަތުގެ އަމިއްލަ ސިކުނޑިއެއް ވާ ފަދައިން އެ އަތް އުފުލައި ލެވުނެވެ. އޭނާއަށް އެއަތް ޒިވްޔާގެ މޫނާއި ދިމާއަށް ދިއްކޮށްލެވުނީ ޒިވްޔާގެ މޫނުމައްޗަށް ވެއްޓިފައި އެވާ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ލާދޭށެވެ. ނަމަވެސް އޭނާއަށް އެކުރެވުނު ކަންތައް ރޭކާލީ މާ ފަހުންނެވެ. އޭރު ވަގުތު ފާއިތު ވެއްޖެއެވެ.
ޒިވްޔާއަށް އޭނާގެ ހިތުގެ ވަސްވާހުން ބޭރުވެވުނީ އައިކަންގެ އަތުގެ ހޫނުކަން އޭނާގެ މޫނުމަތީގައި ނުވެސް ބީހެނީހެވެ. ދެލޯ ބޮޑުކޮށްލާފައި ޒިވްޔާ ވަގުތުން ފަހަތަށް ޖެހިލިއިރު އޭނާގެ ނޭވާ ވެސް އަރުގައި ތާށިވި ކަހަލައެވެ.
ޒިވްޔާ ކަންތައް ކުރިގޮތުން އައިކަންގެ އަތްވައިގެ ތެރޭގައި ހުއްޓުން އެރިއެވެ. އޭރު ޒިވްޔާ ހުރީ އިސްދަށަށް ޖަހައިގެނެވެ. ޒިވްޔާގެ ތުންފަތް ފޫއަޅުވާލާފައި ބޭރުވީ ހަމަ އެންމެ ލަފްޒެކެވެ. ނަމަވެސް އެ ލަފްޒުން އެކަނި ވެސް ރޯ އަނގުރު އަލިފާނުގެ އެތައްހާސް ދުންޏެއް އައިކަންގެ ހިތަށް ކަޅިވެފައިވާ ހިތަށް ހެރިގެން ދިޔައެވެ. ވޭނުގެ މައްޗަށް ވޭނެވެ.
“ޑޯންޓް.” އެއަޑު ކިތަންމެ އަޑު ނަމަވެސް އޭގައި ހަރުކަށި ކަމެއްވިއެވެ.
އައިކަން އޭނާގެ އަތް ތިރިކޮށްލިއެވެ. “ކީއްވެ؟” އައިކަންގެ އަޑުގައިވީ މޮޅިވެރިކަމެވެ.
“ޖަސްޓް.. ޑޯންޓް.” ޒިވްޔާ ބޯހޫރާލިއެވެ.
އައިކަނަށް ކުރެވުނުހާވެސް ކަމަކީ ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރުމެވެ. ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރަށް ތަފާތު ޖަޒުބާތު ތަކެކެވެ. އެ ޖަޒުބާތުރައް ފެނިފައި އައިކަނަށް އެހާ އުނދަގޫ ވީ ކީއްވެ ކަމެއް ހުދު އައިކަނަކަށް ވެސް ނޭނގުނެވެ. އެހެންނަމަވެސް އެކަން ބަލައިގަތުމުގެ ބަދަލުގައި އައިކަން ހިތްހަމަ ނުޖެހުނެވެ. އެއީ ޒިވްޔާ އޭނާއާ މެދު ހަމަ ނަފްރަތު ކުރަނީ ކަމަށް ހިތަށް އެރުމުންނެވެ.
“އެންމެ ރަނގަޅު. މައްސަލައެއް ނެތް.” އައިކަން އޭނާގެ ހަށިގަނޑު ސީދާ ކޮށްލިއެވެ. އަދި ޒިވްޔާ އާއި ދުރަށް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. “ޒިވްޔާ އަހަރެންދެކެ ހަމަ ތިހާ ނަފްރަތު ކުރާކަމެއް ނޭނގެ ވިއްޔަ.” އައިކަން ފުން ނޭވާއެއް ދޫކޮށްލިއެވެ.
އައިކަންގެ ބަސްތަކުން ޒިވްޔާގެ ހިތަށް ހަމަ ރަނގަޅަށް ވެސް ތަދުވިއެވެ. އޭނާ އިސްއުފުލާ އައިކަނަށް ބަލާލިއެވެ. އޭނާ އައިކަން ދެކެ ނަފްރަތެއް ނުކުރެއެވެ. މައްސަލައަކީ ވެސް އެއީއެވެ. އޭނާގެ ހިތުގެ ވިންދަކީ އަދިވެސް އައިކަނަށް ވީތީއެވެ. އޭނާ އަދިވެސް އައިކަން ދެކެ ލޯބިވާތީއެވެ. އައިކަން ކައިރިވާ ކޮންމެ ފަހަރަކު އޭނާގެ ހިތް އޭނާގެ ގާތު އިތުރަށް ކައިރިވުމަށް އެދި ރޮއެ އާދޭސް ކުރާއިރު، އޭނާގެ ހަށުގަނޑު ތެޅިފޮޅިގަންނަނީ ގައި ހުރި ބާރެއް ލައި ވީ އެންމެ ދުރަކަށް ދުއްވައިގަންނާށެވެ.
ޒިވްޔާ އިރުކޮޅެއް ވަންދެކަށް އައިކަނަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާ ބޭނުންވީ އައިކަން ބުނި ބަސްތައް އިންކާރު ކުރާށެވެ. އައިކަނަށް ވެސް ހީވިއެވެ. ޒިވްޔާ އިތުރު އެއްޗެއް ބުނަން އުޅުން ހެނެވެ. ނަމަވެސް ދެން ފެނުނު މަންޒަރަކީ ޒިވްޔާ އައިކަނަށް ފަސް އެނބުރި ހިނގައިގަތް މަންޒަރެވެ. އެންމެ ފަހަރަކު ވެސް އައިކަނަށް ބަލާނުލައި ޒިވްޔާ ގޮސް އިސްއޮބާލައިފިއެވެ. އައިކަނަށް ކުރެވުނުހާވެސް ކަމަކީ ބަލަހައްޓައިގެން ހުރުމެވެ. އޭނާ ބޭނުންވި ޒިވްޔާ ހުއްޓުވާށެވެ. ނަމަވެސް އޭނާ އެހެނެއް ކަންތަކެއް ނުކުރިއެވެ.
ޒިވްޔާގެ އަމަލުތައް އައިކަނަކަށް ހަމަ ހިލާ ނަގައެއް ނުގަނެވުނެވެ. އެހެނަސް ޒިވްޔާ ކަންތައް ކުރާ ގޮތުން އައިކަން ބޭނުންވީ އިތުރަށް ޒިވްޔާއަށް އުނދަގޫ ކުރާށެވެ. ޒިވްޔާ އަމިއްލަ ނަފްސު ވަށައިގެން ރާނާފައި އެވާ ނުފެންނަ ފާރު ފޫ އަޅުވާލާށެވެ. އާއެކެވެ. އައިކަން އަދިވެސް ހުރީކީ ބަލި ގަބޫލު ކުރާކަށް ނޫނެވެ. އަދި ހާއްސަކޮށް އެއީ ޒިވްޔާއަށް ވީތީ ވެހެވެ.
—————–
ޒިވްޔާ، ހަޔާލް އަދި ޔަޝްމީ އިނީ ކެފެޓީރިއާގައެވެ. ހަޔާލާއި ޔަޝްމީ ފޯރީގައި ވާހަކަ ދައްކަމުން ދިޔައިރު ޒިވްޔާ ވެސް ދޭތެރެ އަކުން ދެތިން ބަހެއް ބުނެލައެވެ. މާ ބޮޑަކަށް ނޫނަސް ޒިވްޔާ މަސައްކަތް ކުރީ އޭނާގެ ކުރީގެ އުޅުމަށް ރުޖޫޢަ ވެވޭތޯއެވެ. މަޑުމަޑުންނެވެ.
“ޔެއަ. އޭނަ ބުނީ އެހޭނޭ. އަދި އެނގޭތަ؟…” ޔަޝްމީ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވްޔާ އޭނާގެ ފްރައިޑް ރައިސް ތަށީގައި އުލުން ކޮށްޓާލައި ކޮށްޓާލައި އިނެވެ. ކާހިތް ނުވެފައެވެ.
“……ދޯ ޒިވީ؟” ޔަޝްމީ ކުއްލިއަކަށް ޒިވްޔާއަށް ދޯދިނެވެ. ޒިވްޔާ އަވަސް އަވަހަށް އިސްއުފުލައި ބަލާލި އިރު ހަޔާލާއި ޔަޝޤމީގެ ލޯ އަމާޒުވެފައި ވަނީ އޭނާއަށެވެ. ދެމީހުންވެސް އިންތިޒާރު ކޮށްގެން ހުރީ ޒިވްޔާގެ ޖަވާބަކަށެވެ. ނަމަވެސް އޭރު ދެކެވެމުން ދިޔަ ވާހަކައެއް އެއްވެސް ވަރަކަށ ޒިވްޔާ އަކަށް ނޭނގުނެވެ.
“ހުމް.. އާން.” ޒިވްޔާއަށް ނޭނގުނު ނަމަވެސް އެއްބަސްވެލީ އޭނާ އިނީ އަޑުއަހަން ނޫންކަން ނާންގަންށެވެ.
“ސީ؟! ބުނީމެއްނު؟” ޔަޝްމީ ވަގުތުން ހަޔާލަށް ބުނެލަމުން ވާހަކަ އާއިގެން ކުރިއަށް ދިޔައެވެ. އެހެންނަމަވެސް ޒިވްޔާއަށް ވީގޮތް ހަޔާލަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. ޒިވްޔާ އަނބުރާ އިސްޖަހާލި އިރުވެސް ހަޔާލް އިނީ ޒިވްޔާއަށް ބަލަހައްޓައިގެނެވެ.
ޒިވްޔާ އިސްއުފުލައި ބަލާލީ ހަޔާލް ބަލަހައްޓައިގެން އިންކަން ފާހަގަ ވުމުންނެވެ. އެހެނަސް ޒިވްޔާ ބަލާލިއިރު ހަޔާލް އިނީ ޔަޝްމީގެ ވާހަކައަށް ގެއްލިފައެވެ. ޔަޝްމީއަށް ބަލަހައްޓައިގެނެވެ. އެހެންކަމުން ހީވި އެއްޗެއް ކަމަށް ބަލާފައި ޒިވްޔާ އަނެއްކާވެސް އޭނާގެ ބަތްތައްޓާއި ކުޅެންފެށިއެވެ. ޒިވްޔާއަށް ނޭނގުނު ކަމަކީ އޭނާ ހަމަ އިސްޖެހުމާއެކު ހަޔާލް ވަށްކަޅިން އަނެއްކާވެސް ޒިވްޔާއަށް ބަލަންފެށިކަމެވެ.
ކުއްލިއަކަށް މާދުރު ނޫން ހިސާބަކުން ލަވައެއްގެ އަޑު އިވެންފެށިއެވެ. ޒިވްޔާ ހުއްޓުން އެރިއެވެ. އޭނާގެ ދެލޯ ބޮޑުކޮށްލެވުން އިރު އޭނާގެ ހިތް ތެޅެން ފެށީ އޮބި ނޯންނަވަރަށެވެ. އެ ލަވަ ދެތިން ފަހަރު ތަކުރާރުވިއެވެ.
“ހަލޯ..” އެއަޑު ކެނޑުމާއެކު މީހަކު ބުނި އަޑުއިވުނެވެ. “ހުމްމް. މިދަނީ..”
އެއީ ރިންގްޓޯނެކެވެ.
އޭނާއަކަށް އެ ރިންގްޓޯނެއް ނޭނގެއެވެ. މީގެ ކުރިން ނުވެސް އަޑު އަހައެވެ. ނަމަވެސް އޭނާއަށް ހީވީ އޭނާގެ ބަނޑުތެރެ އެއްކޮށް ހުސްވީ ހެނެވެ. ބިން އޭނާގެ ފައި ދަށުން ދެމިގަތް ހެނެވެ. ނޫނެކެވެ. ބިންގަނޑު އޭނާގެ ގައިގައި ހިފާ އެތެރެއަށް ގަންބާލަނީއެވެ.
އޭނާ ނުވެސް ދަންނަ ރިންގްޓޯނެއްގެ ސަބަބުން މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ފުއްޕާމޭއަށް ނޭވާލާންވީ ގޮތް ނޭނގިގެން އުޅޭހެން މިހީވަނީ ކީއްވެ ހެއްޔެވެ؟
އޭނާގެ އަތުގައި ވާ އުލުގައި ހިފާ ބާރުކޮށްލެވުނެވެ. ކުއްލިއަކަށް ކެފެޓީރިއާގެ އަޑުތައް ފަނޑުވާހެން ހީވާން ފެށިއެވެ.
ދުރުދުރުން އަޑެއް އިވުނެވެ. މީހެއްގެ އަޑެކެވެ. ކަނޑުގެ އަޑީގައި އޮންނަ އިރު ބަށްވެފައިވާ ފަދައިން އިވޭ ފަދަ ގޮތަކަށެވެ. އެއީ އަންހެން އަޑެއް ކަމެއް ފިރިހެން އަޑެއް ކަމެއް ޒިވްޔާ އަކަށް ނޭނގުނެވެ. އެއަޑު ވަރަށް ވެސް މަޑެވެ. އިރުކޮޅަކަށް ފަހު އެއަޑު ކައިރިވާހެން ހީވިއެވެ. އެމީހަކު ހެނީއެވެ. އެއަޑުގައި ވަނީ މަކަރުވެރިކަމެކެވެ. މަލާމާތެވެ.
މުޅިތަން ކުއްލިއަކަށް އެހާ އަނދިރީ ކީއްވެ ހެއްޔެވެ؟
ޒިވްޔާއަށް އިތުރު އަޑެއް އިވޭހެން ހީވިއެވެ. ވަރަށް މަޑުންނެވެ. ހެމުން ދިޔަ މީހާގެ އަޑަށް ވުރެ ކުޑަ ތަންކޮޅެއް ދުރުންނެވެ…………. އެއީ އެ ލަވައެވެ. އެ ރިންގްޓޯނެވެ.
ޒިވްޔާއަށް އޭނާގެ އަމިއްލަ ނޭވާގެ އަޑު ވެސް އިވޭހެން ހީވާން ފެށިއެވެ. ވަރަށް އަވަސް އަވަހަށެވެ. ވަރަށް ބާރަށެވެ. އެއްކަލަ މީހާގެ އަޑާއި، ރިންގްޓޯނުގެ އަޑު ފަނޑުވާން ފެށިއެވެ. ފަނޑުވަމުން ފަނޑުވަމުން ގޮސް އެކީ އެކައްޗަށް އެ ދެ އަޑު އެއްކޮށް ނިވިއްޖެއެވެ.
“ޒިވީ؟” ކުއްލިއަކަށް އިވުނީ ޔަޝްމީގެ އަޑެވެ. ސިހިފައި ޒިވްޔާ އިސް އުފުލައި ބަލާލިއެވެ. އޭރު ޔަޝްމީ އާއި ހަޔާލް ހުރީ ޒިވްޔާއަށް ބަލަހައްޓައިގެނެވެ. “އާ ޔޫ އޯކޭ؟” ޔަޝްމީގެ ނިތަށް ހުރީ ރޫއަރާފައެވެ. ޒިވްޔާގެ އަތްފައި ފިނިވާހެން ހީވާންފެށިއެވެ. ޔަޝްމީގެ ބަސްތަކުންނެވެ. މިހާރު އޭނާގެ ހިތުގައި އޭނާ އެންމެ ނަފްރަތު ކުރާ ބަސްތަކަކީ އެޔެވެ. ‘އާ. ޔޫ. އޯކޭ؟’ އެވެ. އޭނާގެ ވަށައިގެން އަބަދު އަބަދު އިވެނީ އެބަސްތަކެވެ.
ޒިވްޔާ ފުންނޭވާއެއް ލަމުން އޭނާގެ ވަށައިގެންވާ މާޙައުލަށް ބަލާލިއެވެ. މީގެ އިރުކޮޅެއް ކުރިން އޭނާގެ ވަށާލި ކަޅު އަނދިރި ކަމަކީ އޭނާއަށް ހީވި ކުށްހީ އެއް ކަން އަމިއްލަ ނަފްސަށް ވިސްނާދެމުންނެވެ. “އައިމް ފައިން..” ޒިވްޔާ އޭނާގެ ގޮނޑި ދަމާލާފައި އިން ތަނުން ތެދުވިއެވެ.
“ކޮންތާކަށް ތިދަނީ؟” ޔަޝްމީ އަހާލިއެވެ.
“ފާހަނާއަށް.” އެހެން ބުނުމަށް ފަހު ޒިވްޔާ ހިނގައިގަތެވެ. ޖަވާބަކަށް މަޑުކުރުމެއް ނެތިއެވެ. އަވަސް އަވަހަށް އޭނާ ހިނގަމުން ގޮސް ކެފެޓީރިއާ އިން ނުކުތެވެ. އޭރު ވެސް ހަޔާލް އިނީ ޒިވްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެނެވެ.
ހިނގަމުން ހިނގަމުން ގޮސް ޒިވްޔާ އެންމެފަހުން ހުއްޓުނީ އެއްކޮށް ހުސްކޮށް އޮތް ހޯލަކަށް ދެވުމުންނެވެ. އެހިނދު އޭނާއަށް ހީވީ މުޅި ގައިން އެއްކޮށް ވަރު ދޫވެގެން ދިޔަހެނެވެ. އެހެންކަމުން އަވަސް އަވަހަށް ފާރުގައި ލެނގިލައި ދެލޯ މަރާލިއެވެ. އަދި މަޑުމަޑުން އަމިއްލަ ނަފްސަށް ބުނަން ފެށިއެވެ. “ބްރީތު.. ޖަސްޓް ފަ*ން ބްރީތު، ޒިވްޔާ.” އޭނާގެ އަޑު ވަނީ ކުރުހިފައެވެ. އޭނާ އަމިއް ނަފްސަށް ވިސްނާދިނެވެ. އޭނާ އެރޭ ކުރިމަތިލީ ކޮން ކަމަކާ ކަމެއް ނޭނގުނަސް.. އޭނާ އެހުރީ ސަލާމަތްވެފައެވެ. އޭނާއަށް އެކަން އެނގެއެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް އެކަން ބަލައެއް ނުގަނެވެއެވެ. އޭނާގެ އަތްފައި ތުރުތުރު އަޅަނީއެވެ. ޒިވްޔާއަށް ހޮޑުލެވެން އުޅޭހެން ވެސް ހީވާން ފެށިއެވެ. އޭނާ ބަނޑުގައި އަތް ހިންގާލީ ބަނޑަށް ވެސް ތަދުވާހެން ހީވާން ފެށުމުންނެވެ. އޭނާގެ ދަށްބަނޑުގައިވާ ޒަހަމް އިން ދިމާގައި އަތް ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް އެރޭގައި ލިބުން ޒަހަމްތަކުގެ ވޭން އިހުސާސް ވާހެން ހީވުމުންނެވެ.
“ކީއްވެ…” އޭނާއަށް އެހެން ބުނެވުނީ ކީއްވެ ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ. އޭނާއަށް އެ އެހެވެނީ ކޮން ކަމަކާ ކަމެއް ވެސް ހަމަހިލާ ނޭނގުނެވެ.
އެއަޑު އިވިފައި އޭނާ އެހާ ބިރުގަތީ ކީއްވެ ހެއްޔެވެ؟
އެއަޑު އިވިފައި އެހާ ބޮޑަށް މުޅި ގައިގައި އާއި ހިތުގައި ވޭން އަޅަން އެ ފެށީ ކީއްވެ ހެއްޔެވެ؟
އޭނާއަށް އެއްވެސް ކަމެއް ހަނދާން ނުވަނީ ކީއްވެ ހެއްޔެވެ؟
ކުއްލިއަކަށް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އަޑު އައި ގޮތުން އެމީހަކު ހިނގާފައި އެއަންނަނީ ވަރަށް އަވަސް އަވަހަށްކަން ފާހަގަ ކުރެވުނެވެ. ޒިވްޔާ އަވަސް އަވަހަށް ދެލޯ މަރާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލައި މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ޒިވްޔާ ދެލޯ ހުޅުވާލީ އެމީހަކު އޭނާގެ ކުރިމައްޗަށް އައިސް މަޑު ކުރިހެން ހީވުމުންނެވެ.
==================
އުންމީދު ކުރަން މި ބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.
ޝައިމްސް.
6 Comments!
Comments are closed.





Author please stop hurting our girl. She already suffered enough 😔
But then again I also want her justice hodjhan
I’m so sorry but I gotta write the story😭💀
Yes yes she’ll get the justice soon insha’Allah 🩷
I need more aikan senes. It feels like we are forgetting the real main character. Unless you are planning to make Izikial the main. Please don’t 🙏🏻 I’m begging
🤷🏻♀️
vrh reethi and is she getting her mamorie back and
who is the person i am so confused
anyway whe next i cant wait to read it
TC LYSMM
Thank u🩷
N yes she is getting her memories back.
Will upload next part next week insha’Allah 🩷