“ހުއްޓާލާ… ހުއްޓާލާ… ތިހެން ނުބުނޭ ޒާލާ.. ޒާލާ އެކަންޏެއް ނޫނެއްނުން…؟ އަ… އަހަރެން މިހުރީނުން…” އަޒީންގެ ޖަވާބު އިވިފައި ރޮއެ ރޮއެ އިން ޒާލާގެ ރުއިން ހުއްޓުނެވެ.
(81 ވަނަ ބައި)
ފަތިހުގެ ހިތްގައިމު ވަގުތެވެ. އިރުގެ ހޫނު އަލިން، ފަތިސް ވަގުތުގައި ދުނިޔެމަތީގައިވީ ތެތްފިނިކަން ފިލުވާލީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދުނިޔެ މައްޗައް އަލިކަން އިތުރުވާން ފެށުމާއި އެކު ރަށު ތެރެވެސް ހަލަބޮލިވާން ފެށިއެވެ. ގޭތެރެ ކުނި ކަހަން މީހުން ނިކުނަން ފެށި އިރު ބަދިގެ ތެރޭގައިވެސް މީހުން ހޭލަމޭލަ ވާ އަޑު އިވެން ފެށިއެވެ. މަގުތަކުގައި ކަސްރަތައް ނިކުމެ އުޅޭ މީހުންވެސް އެކި މަގުތަކުން ފެންނަމުން ދިޔައެވެ. ކާޅާއި، ކޮވެލިތައްވެސް އެސޮރުމެންގެ އަނބިދަރީންނަށް ކާނެ އެއްޗެހި ހޯދުމަށް ނިކުމެ އުޅެން ފެށިއެވެ. ހާލުގެ ރީތީ އަޑުން ލަވަކިޔަމުން ދިޔައިރު މުޅި މަގުގައިވީ ހިތްގައިމު ކަމެވެ.
ޑިއުޓީއަށް ދިޔުމުގެ ކުރިން އަބަދުވެސް ރުޒައިކް ކަސްރަތަށް ދެޔެވެ. މިއަދުވެސް އޭނާ ކަސްރަތައް ނިކުތެވެ. ކަސްރަތުކޮށް ނިންމައިގެން އޭނާ ވަނީ ހޮޓަލަކަށެވެ. 20 ބަޖިޔާ ނަގައިގެން އެނާ ދިޔައީ އަޒީންގެ ގެއަށެވެ. އަޒީންއަށް އޭނާ ކާއެއްޗެއް ގެންދާ ނަމަ އަބަދުވެސް އޭނާ ގެންދާނީ އެންމެނަށް ވެސް ވާވަރަށެވެ.
ލަސް ހިނގުމުގައި ހިނގާފައި ގޮސް އޭނާ ދޮރުގައި ޓަކި ޖަހައިލިއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމާއި އެކު ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރި ޒެން ހުރީ ދެބުމަ ގޮށް ޖަހާލައިގެންނެވެ.
“ކަލޭ ނިދަން އޮތް އެނދު މީހަކު ވަގަށް ނެގީތަ މިއޮށް ހެނދުނާ އައިސް އަހަރެމެންނަށް ތި ނޮހޮރޮއްޕާން ކުރަނީ؟؟؟” ޒެން ހުރީ ހިތްހަމަ ނުޖެހިފައެވެ. އެރޭ އޭނާ ނިދީ ސޯފާގައެއެވެ. ޒެންއަކީ ކިރިޔާ އަޑެއް އިވުނަސް ހޭލާ މީހެކެވެ. އޭނާ އެތަނަށް ނިކުމެ އެއޮތީ މަޒީނާ ހޮޑުލާ އަޑަށް އުނދަގޫ ވެގެން ޔޯލައެވެ.
“ހެދިކާ ހިފައިގެން މިއައީ؟ ކޮބާ އަޒީން؟” ރުޒައިކް ވާހަކަ ދެއްކީ ރީތި ކޮށެވެ. ޒެންއަށް ނަސޭހަތެއް ދޭން އުޅުން ނަމަވެސް އެއީ ހަމަ ދެކެވޭ ބޭކާރު ވާހަކައެއްކަން އޭނާއަށް އެނގޭތީއެވެ.
ކޮންމެއަކަސް ރުޒައިކް ދިއްކުރި ބަޖިޔާ ކޮތަޅުގައި ޒެން ހިފިއެވެ. “ތީގަ އޮންނާނެ ދިހަ ބަޖިޔާ. ޒެންއަށާ މަޒީނާއަށާ” ރުޒައިކް ބުނެލިއެވެ. އަދި އެތެރެއަށް ވަނެވެ.
އަޒީންގެ ކޮޓަރީގައި ޓަކި ދިނުމާއި އެކު ވަނުމަށް އަޒީން ގޮވާލިއެވެ. ކޮޓަރިއަށް ވައިން ރުޒައިކްއަށް އަޒީންގެ މޫނުމަތި ފެނި ހިނިތުންވެވުނެވެ. އަހަރުތަކަކަށް ފަހު އަޒީންގެ މޫނުމަތިން އޭނާއަށް ހިތްހަމަ ޖެހުން ފެނުނެވެ. އެމޫނުމަތީގައި އަލިކަން ވިޔެވެ. ހިނިތުންވުމެއް ވިޔެވެ. ދެލޮލުގައި ވިދުމެއް ވިޔެވެ.
“އަސްތާ. އަޒޭ؟ ހާދަ ވަރަކަށޭ އުފަލުން ފޮޅިފަ ތީނީ” ދޮރު ލައްޕާލަމުން އޭނާ ގޮސް އަޒީން ގާތުގައި އެނދުގައި އިށީނެވެ.
“އުފާވާނޭނުން؟” ލަދުން އޭނާ އިސްޖަހައިލިއެވެ. ހަގީގަތުގައިވެސް މިއަދު އޭނާ އެހުރީ ނުހަނު އުފަލުންނެވެ.
“އޯހޯ. އަނެއްކާ ކިހިނެތްވީބާ؟”
“ޒާލާގެ ބައްޕަ ނިޔާވި ޙަބަރު ލިބިގެން އަހަރެން ރޭގަ އޭނާއަށް ގުޅިން. ރޭގަ އެވާހަކަ ދައްކަމުން އޭނާ ބުނި އެއީ އެކަނިވެރިއެކޭ. އަހަރެން ބުނިން ނޫނެކޭ. އަހަރެން މިހުރީނުންހޭ. އެހެން ކިޔާފަ ލޯބި ހުށައެޅީ. ޒާލާވެސް އަހަރެންދެކެ ލޯބިވޭ..”
އަޒީންގެ މޫނަށް ބަލަން އިރުކޮޅަކު ރުޒައިކްއަށް ހުރެވުނެވެ. ހިންދިރުވާލެވުނެވެ. ކަންތައްތައް ވެގެން މިދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ބޭނުންވެސްވީ ގޮތަކަށް ނޫނެވެ. އެކަމަކު… އެކުވެރިޔާއަށްޓަކައި ހިތުގައި ނަފުރަތު އުފެއްދުން އެއީ އޭނާ ކުރާނެ ކަމެއް ނޫންކަން މުޖައްރިބެވެ.
ގޭތެރެއަށް ވައިން ޔައުލާންގެ މިސްރާބު ހުރީ ކާގެއަށެވެ. އެތަނުގައި އެކަނި ދިރުމެއް ވާފަދައެވެ. ސިޓިންރޫމުގައި ވެސް އެއްވެސް އަލިކަމެއް، ފިނިކަމެއް ނެތެވެ. ބޮކި ދިއްލާ ފަންކާ ޖަހާފައި ހުރީ ކާގޭގައި އެކަންޏެވެ. އެހެން ކަމުން އެތަނުގައި މީހަކު އިންކަން އޭނާއަށް އެނގުނެވެ.
“ޓޮއް ޓޮއް” ކާގޭގައި ޕާނެއްގައި ކުރަންޕީ ޖަހައިގެން ކާން އިން އެޒިކިއެލް ފަހަތައް އެނބުރިލިއެވެ. “ހޭ” އެޒިކިއެލް ހިނިތުންވެލިއެވެ. އެހެން ވިޔަސް އެހިނިތުންވުމުގެ ފަހަތުގައިވީ ލޯބިވާ ކޮއްކޮއަށްޓަކައި އެދޮންބެ ކުރާ ހިތާމައެވެ.
“ކޮބާ މަންމަމެން؟” ގޮނޑީގައި އިށީނދެލަމުން ޔައުލާން އަހައިލިއެވެ.
“ކޮޓަރީގަ. އެލާއަށް މިހެން ވީ ފަހުން… މަންމަގެ ހަށިގަނޑުގައި ވަރަށް ނުހުރޭ ކަންކަން ކުރާނެ ވަރު… މުޅި ގޭގެ ދިރުން މިވަނީ ވީރާނަ ވެފައި.” އެޒިކިއެލްގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.
“އެއްލޫ.. ހުއްޓާލާ.. ނުރޯތި.. މިއަދު އެއްލު ބަލިކަށި ވިއްޔާ ކިހިނެތް ހަދާނީ. އަލާންބެވެސް އެހުންނަނީ އެހާ ފިކުރު ބޮޑުވެފަ. އަސްލު މަށަށް ފެންނަ ގޮތް ބުނަންތަ؟ މަށަށް ފެންނަނީ އަވަހަށް އެއްލު މިކްޔާއާއި ކައިވެނި ކުރަން. ކައިވެނިކުރުމުން އިންޝާ ﷲ މިގެއަށް އަލުން ދިރުން ލިބިދާނެ” ޔައުލާން އޭނާއަށް ވިސްނުނު ގޮތް ބުނެލިއެވެ. އެޒިކިއެލް ބޯ ޖަހައިލިއެވެ.
ކުއްލިއަކަށް މުޅި ގެއިން ކަރަންޓު ދިޔައެވެ. ވަގުތުން ޔައުލާންގެ ފުރަގަހަށް ކައްޓެއް ހެރުން ފަދައެވެ. “އެލާ..” އެލާރާއަކީ އަބަދުވެސް އަނދިރީގައި އޮންނަން ބިރުގަންނަ ކުއްޖެކެވެ. ފޯނުގެ ބައްތި ދިއްލަމުން ޔައުލާން ދުއްވައިގަތީ އެލާރާގެ ކޮޓަރިއާއި ދިމާލަށެވެ. އެޒިކިއެލްވެސް ފޯނުން ބައްތި ދިއްލާފައި އޭނާ ކޭ ތަށި ދޮވެލާފައި އެދިމާލަށް ދާން ތެދުވިއެވެ.
ނިދިފައި އޮތް އެލާރާއަށް ހޭލެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. އެހެންވިޔަސް ދެލޯ ހުޅުވާލުމާއި އެކު އޭނާއަށް ފެނިގެން ދިޔައީ ކަނު އަނދިރިކަމެވެ. ވަގުތުން އޭނާއަށް ހިންދިރުވާލެވުނެވެ. ކުޑަ އިރުން ސުރެ ވެސް އެއްވެސް އަލިކަމެއް ނެތް ކޮޓަރި ތަކުގައި އިންނަން އޭނާ ވަރަށް ބިރުގަންނާނެއެވެ. ހިންދިރުވާލަމުން އޭނާ ތެދުވެ އިށީނެވެ. ބަނޑުގައި ފިރުމާލަމުން ތުންފިއްތާލިއެވެ. ފޯނު ވީ ކޮންތާކު ކަމެއްވެސް އޭނާއަކަށް ނޭނގެޔެވެ. ބަސްބުނާހާ އަވަހަށް އޭނާގެ ލޮލުގައި ކަރުނަތައް ބަބުޅަން ފެށިއެވެ. ތުންކޮޅު އޮޅާލަމުން އެލާރާ ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ.
(ނުނިމޭ)
އައްޑިހަދެވަނަބައިގެ ތެރެއިން:
“އެޒިކިއެލްއާއި މިކްޔާ ކައިވެނި ކުރަންށޯ އެއުޅެނީ. މިއަދު ރަން ކިޔައިފި” އަކިޔަލްއަށް ލިބުނު އައު ޙަބަރު ވަގުތުން ‘ބޮސް’ އަށް ގުޅާ އޭނާ ދިނެވެ. އެއާއި އެކު އަނެއްކޮޅުން އިވުނީ ބޮސްގެ މަކަރުވެރި ހުނުމުގެ އަޑެވެ.






