ނިދިފައި އޮތް އެލާރާއަށް ހޭލެވުނީ ފާހާނާއަކަށް ދާން ޖެހިގެންނެވެ. އެހެންވިޔަސް ދެލޯ ހުޅުވާލުމާއި އެކު އޭނާއަށް ފެނިގެން ދިޔައީ ކަނު އަނދިރިކަމެވެ. ވަގުތުން އޭނާއަށް ހިންދިރުވާލެވުނެވެ. ކުޑަ އިރުން ސުރެ ވެސް އެއްވެސް އަލިކަމެއް ނެތް ކޮޓަރި ތަކުގައި އިންނަން އޭނާ ވަރަށް ބިރުގަންނާނެއެވެ. ހިންދިރުވާލަމުން އޭނާ ތެދުވެ އިށީނެވެ. ބަނޑުގައި ފިރުމާލަމުން ތުންފިއްތާލިއެވެ. ފޯނު ވީ ކޮންތާކު ކަމެއްވެސް އޭނާއަކަށް ނޭނގެޔެވެ. ބަސްބުނާހާ އަވަހަށް އޭނާގެ ލޮލުގައި ކަރުނަތައް ބަބުޅަން ފެށިއެވެ. ތުންކޮޅު އޮޅާލަމުން އެލާރާ ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ.
(82 ވަނަ ބައި)
ކުއްލިއަކަށް ކޮޓަރި ތެރެ އަލިވީ ޔައުލާން ފޯނު ދިއްލައިގެން ވަނުމުންނެވެ. ވަގުތުން އެލާރާގެ ހިތުގައި ހަމަ ޖެހުމުގެ ވިންދެއް ޖަހައިލިއެވެ. “ކިވްވް…” އިސް އުފުލާލި އެލާރާގެ މޫނުމަތީގައި ހިތްހަމަ ޖެހުމުގެ ކުލަވަރު ޖެހުނެވެ. އުފާވިއެވެ.
ހިނިތުންވެލަމުން ޔައުލާން ގޮސް އެލާރާ ގާތުގައި އިށީނެވެ. “އަހަރެން މިހުރީނުން؟ އަހަރެން ހުއްޓާ އެލާ އެކަންޏެއް ނުވާނެއްނުން؟” އެލާރާގެ މަޑު ކަފަކޮޅެއްފަދަ އަތުގައި ހިފާލަމުން ޔައުލާން ބުނެލިއެވެ.
“އެކަމަކުވެސް ކިވްއަށް އެނގޭނުން އެލާ އަނދިރީގަ އިންނަން ބިރުގަންނަކަންންން” ޔައުލާންގެ މޭގެ ތެރޭގައި އެލާރާ ބޮނޑިވެލިއެވެ. ޔައުލާންއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އެގޮތަށް އެލާރާ އޭނާއާއި ގާތްވީ މިއީ ފުރަތަމަ ފަހަރެވެ. އެއީވެސް އޭނާއަކީ ޔާކިވް ކަމަށް އޭނާ ހީކޮށްގެންނެވެ. ތިރީ ތުންފަތުގައި ދައިގެނެވުނު އިރު ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.
***2 މަސް ފަސް***
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް 2 މަސް ފާއިތުވެގެން ދިޔައީ ބަސް ބުނާހާ އަވަހަށެވެ. ޒާވިލް ދަތުރު ކުރި ބޯޓުގެ އެއްވެސް މީހަކު އަދިއަދަށްވެސް ފެނިފައެއް ނުވެޔެވެ. މިހާރު ފުލުހުންވެސް ވަނީ އެމައްސަލަ ބެލުން ހުއްޓާލާފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރުފިޔާ ފޮއްޗެއް ލިބުމުން އިންސާފު ހޯދައިދޭން މިހާރު އުޅޭނީ ކާކު ހެއްޔެވެ؟ އަޒީންއާއި ޒާލާގެ ލޯބީގެ ބަގީޗާގައި ތަފާތު އެކި އެކި މާ ފޮޅޭތަން ބަލަން ރުޒައިކް ދުރުގައި ހުރީ ފުނޑުފުނޑުވެފައިވީ ހިތަކާއި އެކުއެވެ. އެހެންވިޔަސް އެކުވެރިޔާއަށްޓަކައި އޭނާ އުފާކުރިޔެވެ. އެހިތުގައި އަޒީނަށްޓަކައި ނަފުރަތުގެ ކުނޑިފުކެއްވެސް ނެތެވެ. ލޯބީގެ ދުނިޔޭގައި އަޒީން އުފަލުގައި އުޅެމުން ދިޔަ ނަމަވެސް މަޒީނާ ދިރިއުޅެމުން ދިޔައީ ކަށިކުނބުރު ޖަންގައްޔެއްގެ ތެރޭގައެވެ. މަޒީނާއަށް ޒެން އަނިޔާކޮށްލަނީ އޭނާގެ ބަނޑުގައި އޮތް އަމިއްލަ ދަރިފުޅަށް ވެދާނެ ގެއްލުމާއި މެދު ވިސްނުމެއް ފިކުރެއް ނެތިއެވެ. އަނެއްކޮޅުން މިކްޔާއާއި އެޒިކިއެލް ދިޔައީ އެމީހުންގެ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. އެލާރާ ވިހާ ދުވަސްވެސް ގާތްވެފައި ވުމުގެ ސަބަބުން އެލާރާއަށް އެ ވޭން ދިން މީހަކީ ކާކުކަން އެނގޭކަށްވެސް ދެން މާ ދުހެއް ނެތެވެ. އެމީހުނަށް ހައްގު އަދަބު ދިނުމަށް އެ އާއިލާ ވަނީ ކެތްމަދުވެފައެވެ. އެދުވަސް ކައިރިވާތީވެ ބޮސް ހުންނަނީ އަބަދު ރުޅި އައިސްފައެވެ. އެކަމުގެ ރޯޅި ކޮންމެ ދުވަހަކުހެން އަކިޔަލްއަށް ލިބެމުން ދިޔައެވެ. ޔައުލާންވެސް އެ ސާބިތު ކަންމަތީގައި އަދިވެސް ދެމި ހުއްޓެވެ. ލަޝްކާ ވެސް ދެން ވިހާކަށް މާ ދުހެއް ނެތެވެ. އޭނާގެ އެ ލޯބި ލޯބި ދެފުރާނަ ދުށުމަށް ދާއިޔަލް އަދި ލަޝްކާއެކޭ އެއްފަދައިން ދިޔާން، ޔޫޒާ އަދި ޔޫއާލްވެސް ވަނީ ކެތްމަދު ވެފައެވެ. މީކައިލްއާއި ވިޝާހާގެ ލޯބީގެ ގުޅުން ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ އިރު ޒަވުލްއާއި ވިޝާޔާވެސް ދިޔައީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. ދެން ހުރީ ޝަރަފްއެވެ. ޝަރަފްގެ ހިތުގައިވެސް މިހާރު ވަނީ ލޯބި ޖެހިފައެވެ. އެއީ ކޮން ކުއްޖަކަށްޓަކާ ބާއެވެ؟
ހަވީރުގެ ފިނިފިނި ވަގުތުގައި، ފެހިކަން ގަދަ ބަގީޗާގެ މެދުގައި ތައްޔާރުކޮށްފައިވާ “ޖެންޑާ ރިވީލް” ހަފުލާގެ މާހައުލު ފެންނަނީ ހިތްގައިމު އަދި އެހާމެ ފުރިހަމަކޮށެވެ. މުޅި ސަރަޙައްދު ޒީނަތްތެރިކޮށްފައިވަނީ ފަނޑު ފިޔާތޮށި އަދި މަޑު ނޫކުލައިގެ ފުއްޕާހަންތަކުންނެވެ. އެ ތަނުގެ މެދުގައި ރަންކުލައިން ފިޔަޖަހަމުން ދިޔަ ބޮޑު ބޯޑުގައި ލިޔެފައިވަނީ “ޓްވިންސް އޮން ދަ ވޭ!” މިހެންނެވެ. ވިނަގަނޑުމަތީގައި ބަހައްޓާފައިވާ މޭޒުތައް ހުދު ފޮތިން ނަލަކޮށް، މޭޒުމަތީގައި ތާޒާ މާތަކާއި ރީތި ކުދިކުދި ބޮކިތައް ދިއްލާފައި ހުއްޓެވެ. ސްޓޭޖުގެ އެއްފަރާތުގައި ބަހައްޓާފައިވާ ބޮޑު ކޭކާއި، އެކި ކުލަކުލައިގެ ކުދި ޕޭސްޓްރީތައް ހުރީ ލޮލަށް ފިނިކަން ގެނެސްދޭ ފަދަ ނަލަކަމަކާއެކުގައެވެ. ދެކުދިންގެ ޖިންސު އެނގުމުގެ އިންތިޒާރުގައި، ސްޓޭޖުގެ މެދުގައި ‘ބޭބީ 1’ ، ‘ބޭބީ 2″ ޖަހާފައި ބޮޑު ދެ ކަޅު ފުއްޕާހަމެއް ބަހައްޓާފައި ވިއެވެ.
އެ ހިތްގައިމު މާހައުލުގައި އެންމެންގެ ލޯތައް އަމާޒުވެފައި ހުރީ އެ ދެމަފިރިންގެ ތެރެއިން ލަޝްކާއަށެވެ. އޭނާ ލައިގެން ހުރީ އޮމާން، ދިގު ހުދު ސިލްކު މެކްސީއެކެވެ. އޭނާގެ ރީތި ބަނޑު އެ ހެދުމުގެ ސަބަބުން ވަރަށް ފުރިހަމައަށް ފާޅުވާން ހުއްޓެވެ. ލަޝްކާގެ ކުރީމް ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އިރު، ބޮލުގައި އަޅާފައިވާ ހުދު މަލުގެ ކުޑަ ތާޖުން އޭނާ ވައްތަރީ ހަމަ ރާނީއަކާއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ގުދުރަތީ އުޖާލާކަމާއި، ތުންފަތްމަތީގައި ދުވެލިދުވެލި ހުރި ލުއި ހިނިތުންވުމުން، މައިވަންތަކަމުގެ އުފާވެރިކަން މުޅި ތަނަށް ފަތުރާލާފައިވެއެވެ. އަތުގައި އަޅާފައިވާ ރިހިކުލައިގެ ފަށްތަކާއި، ދެއަތުން ބަނޑުގައި ލޯތްބާއެކު ފިރުމާލާ ގޮތުން އޭނާގެ ހިތުގައިވާ ކެތްމަދުކަމާއި އުފާވެރިކަން ވަރަށް ސާފުކޮށް ސިފަވެއެވެ.
ލަޝްކާގެ ގާތުގައި ހުރި ދާއިޔަލްވެސް ވަކި އޭނާއަށް ދޫކުރާވަރެއް ނޫނެވެ. ދާއިޔަލް ލައިގެން ހުރީ ހުދު ލިނެން ގަމީހަކާއި ގަދަ އަޅިކުލައިގެ ފަޓްލޫނެކެވެ. ގަމީހުގެ މަތީ ދެ ގޮށް ނައްޓާލާފައި ހުރުމުން އޭނާގެ ހަށިގަނޑުގެ ވަރުގަދަކަން ދައްކުވައިދޭއިރު، އޭނާގެ ޒަމާނީ ސާދާކަން ވަރަށް ބޮޑަށް ފާޅުވެއެވެ. މޫނުމަތީގައިވާ ތުނި ތުނބުޅި ރީތިކޮށް ކޮށާލާފައިވާއިރު، އޭނާގެ ފިރިހެންވަންތަ ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ލަޝްކާގެ ކޮނޑުގައި ލޯތްބާއެކު އަތް ބާއްވާލައިގެން ހުރެ، އޭނާގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު، އުފަންވާން އުޅޭ ދެ ދަރިންނަށްޓަކައި އެ ހިތުގައިވާ ޝައުގުވެރިކަމާއި އިންތިޒާރު، ދާއިޔަލްގެ ކޮންމެ ހަރަކާތަކުންނާއި ހިނިތުންވުމަކުން ސިފަވަމުން ދިޔައެވެ.
(ނުނިމޭ)
އައްޑިހަތިންވަނަބައިގެ ތެރެއިން:
ލަޝްކާ އެއްހަން ފަޅާލި އިރު އަނެއް ހަން ފަޅާލީ ދާއިޔަލްއެވެ. އެއާއި އެކު އެންމެން އުފަލާއި އެކު ހަޅޭލަވައިގަންއަޑު މުޅި ތަނުގައި ގުގުމާލިއެވެ.
One Comment
Comments are closed.







Vrh reethi ingey mi part vx✨ MA!
Ooo.. Ela’s gonna give birth any time soon dhw! That culprit bust vaa irashey mihunnanee😁
Awwnnnn!! ThE gEndEr rEvEal💘 but shier how can u not invite meh😭😭 I low key wanna pop one of the balloons tho👀
Anyways when next?
Lysssm💗