Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަސްވީރީ ބައިވެރިޔާ – 2

modduwrites
modduwrites Level 1
September 19, 2026 4 Mins Read
2 Comments

ދާނިއަލް ހުރީ ގަރާޖު ތެރޭގައި ހުއްޓިގެންނެވެ. ކުއްލިއަކަށް ފަހަތުން މީހަކު އޭނާއާއި ދިމާއަށް ހިނގާފައި އަންނަ ފިޔަވަޅުގެ އަޑު އިވުނެވެ. ފަހަތަށް އެނބުރެ ބަލައިލިއިރު، ކުރިމަތީގައި ހުރީ ދުވަހަކުވެސް ބައްދަލުވެފައި ނުވާ އަންހެނެކެވެ. އެ އަންހެން މީހާ ހުރީ ފައިސާއަށް އެދެން އުޅޭ ފަދަ ނުވަތަ އިންޒާރެއް ދޭން އުޅޭ ފަދަ ގޮތަކަށެއް ނޫނެވެ. އެކަހަލަ މީހެއް ކާރު ޕާކުކުރާ ގަރާޖެއް ތެރެއިން ކުރިމައްޗައް އަރާ އޭނާއާ ދިމާއަށް ބަލަން ހުރުމުން ދާނިއަލް ހުރީ ސުވާލު އުފެދިފައެވެ.

“ދާނިއަލް ތަ؟” ހާޔާ އަމިއްލައަށް ރާވާގެން ދާނިއަލްއާ ބައްދަލުކުރަން އައި ކަމުގައިވިޔަސް އޭނާ ހުރީ ވަރަށް ނުތަނަވަސްވެފައެވެ. ދެއަތުން ދެއަތުގައި ހިފައިގެން ދާނިއަލްއާއި ހަތަރު ކަޅި ހަމަނުކުރަން މަސައްކަތް ކުރަމުންދިޔައެވެ.

“އާނ.” ޖަވާބު ދިނުމުގެ ކުރިން ދާނިއަލް އޭނާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއާ ދިމާއަށް ބަލަން ހުއްޓެވެ.

“އޯ އަސްލުވެސް ދާނިއަލް ދޯ.” ހާޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“އަހަރެން އެހެން މީހަކަށް ވާންވީތަ؟” ދާނިއަލް އެއް ބުމަ މައްޗައް އަރުވާލަމުން އަހައިލިއެވެ.

“ނޫނޭ.. އެއީ.. ލީނާ ބުނީ ތިއީ ދާނިއަލް ކިޔާ މީހެކޭ.”

“އެހެންވެގެން ނޫންތަ ތިއައީ.” ހާޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

މި ފިރިހެންމީހާގެ ކިބައިގައި ހާޔާއަށް އުނދަގޫވާފަދަ ހަމަޖެހޭ ގޮތެއް ހުއްޓެވެ. އޭނާ ފެންނަނީ ދުނިޔޭގެ އެއްވެސް ކަމަކުން ހައިރާންކަމެއް ނުލިބޭނެ ފަދަ ގޮތަކަށެވެ. އޭނާގެ ކަޅު އިސްތަށިގަނޑު ވަނީ ރީތިކޮށް ފުނާއަޅާފައެވެ. ގަމީހުގެ އަތްކުރި ވަނީ އުޅަނބޮއްޓާ ހަމައަށް ހިއްލާލެވިފައެވެ. އަދި އޭނާގެ އަތުގައި އޮތް އަގުބޮޑު ގަޑިން އަންގައިދެނީ އޭނާއަކީ ހާޔާގެ ދުނިޔެއާ މުޅިން ތަފާތު ދުނިޔެއަކަށް ނިސްބަތްވާ މީހެއް ކަމެވެ. ލީނާ އޭނާގެ ހަޔާތައް އެ ގެނުވީ ކޮންކަހަލަ މީހެއް ބާއޭ ހާޔާގެ ހިތަށް އަރައިގަތެވެ.

“ހާޔާ.” ދާނިއަލް އޭނާގެ ނަން ކިޔައިލިއެވެ.

“އަހަރެންގެ ނަން އެނގުނީ ކިހިނެއް؟” ހާޔާ ނިތްކުރިއަށް ރޫ އަރުވާލިއެވެ.

“ލީނާ ބުނި ހާޔާ އަންނަ ވާހަކަ.”

“އޯހ..” ވާނީވެސް އެހެންތާއެވެ. ފުން ނޭވާއެއް ލުމުގެ ކުރިން ހާޔާ ވަށައިގެންވާ ފަޅު ގަރާޖަށް ބަލާލިއެވެ. އެތަނަށް އައި މަގުމަތީގައި އޭނާ ވަނީ ދާނިއަލް ކައިރީ ދައްކަން އުޅޭ ވާހަކަތައް އެތައް ފަހަރަކު މުރާޖައާކޮށް ތައްޔާރުވެފައެވެ. ނަމަވެސް، މިހާރު އޭނާގެ ކުރިމަތީގައި ހުރެވުމުން، ތައްޔާރުކުރި އެއްވެސް ވާހަކައެއް ސިކުނޑިއަކު ނެތެވެ.

“އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެން.”

“އަހަންނަށް އެނގޭ.” ދާނިއަލް އޭނާގެ ދެއަތް އުރާލިއެވެ.

“އެނގެޔޭ؟”

“ހާޔާ ބޭނުންވަނީ ހާޔާ އުޅެނީ އެންގޭޖުވެގެންކަން ހާޔާގެ އާއިލާ މީހުންނަށް ދައްކަން. އެހެން ގޮތަކަށް ބުނާނަމަ، ތަސްވީރީ ބައިވެރިއެއް.” ހާޔާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކަށް، އެއިން އެކަކުވެސް އެއްޗެއް ނުބުނެއެވެ. އެއަށްފަހު ހާޔާ ލަސްލަހުން ބޯޖަހާލިއެވެ.

“އަހަރެން ވަރަށް ލަދުގަނޭ މިހެން އަހަން ޖެހުނީތީ.” ހާޔާ ނިޔަފަތި ކާންފެށިއެވެ.

“ކޮންމެވެސް ވަރަކަށް ލަދުވެތި.” ދާނިއަލް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އެކަމުގެ ސަބަބުން ހާޔާ އިތުރަށް ލަދުގަތެވެ.

“އަހަރެން ދުވަހަކުވެސް މިފަދަ ކަމެއް ނުކުރަން.” ހާޔާ ބުންޏެވެ.

“އަހަރެންވެސް ނުކުރަން.” ޖަވާބުގައި ދާނިއަލް ބުންޏެވެ.

“ދެން ކީއްވެ ތިހާ ހަމަޖެހިފައި ތިހުރީ؟” އޭނާ ޝައްކުގެ ނަޒަރަކުން ދާނިއަލްއަށް ބަލާލިއެވެ.

“އެއީ މިކަމުން އަހަރެންގެވެސް އަމިއްލަ ބޭނުމެއް އޮތީމަ.” ދާނިއަލް އެހެން ބުނެ ހާޔާގެ ފުރިހަމަ ސަމާލުކަން ހޯދިއެވެ.

ދާނިއަލް އޭނާގެ ކާރުގައި ލެނގިލައި، ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އޭނާގެ މާމަ އަކީ އޭނާ މަސައްކަތްކުރާ ކުންފުނީގެ ވެރިޔާއެވެ. އަދި މާމަ ހުރީ ރިޓަޔާވާން ތައްޔާރުވެގެންނެވެ. ދާނިއަލް އޭނާގެ މުޅި އުމުރު މަސައްކަތުގައި ހޭދަކޮށް، ކައިވެންޏަކަށް މަގުފަހި ވެދާނެފަދަ ގުޅުންތަކުން ރެކެން އުޅޭތަން މާމަ ބަލާތާ އެތައް އަހަރެއް ވެއްޖެއެވެ. އެންމެ ފަހުން މާމަ ނިންމީ މިކަން މިހިސާބުން ނިންމާލުމަށެވެ.

އޭނާގެ އުމުރުން ތިރީސް އަހަރު ފުރުމުގެ ކުރިން، އޮފީހުން ބޭރުގައިވެސް ދިރިއުޅުމެއް ބިނާކުރެވިދާނެކަމުގެ ހެކި މާމައަށް ދައްކަންޖެހެއެވެ. އެހެން ނުހެދިއްޖެނަމަ، ކުންފުނީގެ ކޮންޓްރޯލް ދޭނީ އޭނާގެ ދޮށީ ބޭބެއަށްކަން މާމަ އޮތީ ސާފުކޮށް ބުނެފައެވެ. ހާޔާ އަޑުއަހަން ހުއްޓެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދާނިއަލްގެ ހާލަތަކީވެސް އޭނާގެ ހާލަތު ފަދައިން ވަރަށް މަޖާ އަދި ޙައިރާންކުރުވަނިވި ހާލަތެއް ކަމެވެ.

“އެހެންވީމަ، ދާނިއަލްވެސް ބޭނުންވަނީ ތަސްވީރީ ބައިވެރިއެއްތަ؟” ދާނިއަލް ވާހަކަ ދައްކާ ނިމުމުން ހާޔާ އަހައިލިއެވެ.

“ރަނގަޅަށް ތިބުނީ.” އޭނާ ދާނިއަލްއަށް ބަލަހައްޓައިގެން ހުއްޓެވެ. ދާނިއަލްވެސް ހުރީ ފިޔަޖަހާ ނުލައި ހާޔާއަށް ބަލަންނެވެ. ދެ ބީރައްޓެހިންނެވެ. ބޮޑު ދެ ދޮގެވެ. ވަރަށް ފަސޭހަ އެއް ހައްލެވެ. ހާޔާ އޭނާގެ އަތް ދިއްކޮށްލިއެވެ.

“ހަ މަސް ދުވަސް.” ދާނިއަލް އަތުގައި ހިފުމުގެ ކުރިން އެ އަތަށް ބަލާލިއެވެ.

“ހަ މަސް ދުވަސް.” ދާނިއަލް އެއްބަސްވިއެވެ.

“އެއްވެސް އިހުސާސެއް ނެތި. އެކަކު އަނެކަކުގެ ދިރިއުޅުމަށް އެއްވެސް ނުފޫޒެއް ފޯރުވުމެއްނެތި.” ހާޔާ އޭނާގެ ޝަރުތުތައް ހުށައެޅިއެވެ.

“އެއްވެސް ޝައްކެއްނެތި އެއްބަސް.” ދާނިއަލް ވަގުތުން އެއްބަސްވިއެވެ.

“މެދުތެރެއިން އެއްބަސްވުމަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ.” ހާޔާ ސާބިތުކަމާއެކު ބޯޖަހާލިއެވެ.

“އެއްބަސް.” ދެމީހުން ސަލާމްކޮށްލިއެވެ. މި އެއްބަސްވުމަކީ ދެމީހުންނަށްވެސް ހަޔާތުގައި ވެވުނު އެންމެ އާދައިގެ ނޫން އެއްބަސްވުން ކަންނޭނގެއެވެ.

“ދާނިއަލްގެ ނަންބަރު ލިބިދާނެތަ؟” ހާޔާ އޭނާގެ ފޯނު ނެގިއެވެ. ދާނިއަލް ނަންބަރު ކިޔައިދިނުމުން، އޭނާ އެ ނަންބަރު ސޭވްކުރީ ‘ދާނިއަލް – ތަސްވީރީ ބައިވެރިޔާ’ ގެ ގޮތުގައެވެ.

“ހަމައެކަނި ދާނިއަލް ޖަހާފަވެސް ސޭވް ކުރެވުނީސް.” އޭނާއަށް އެ ނަން ފެނުނެވެ.

“އަހަރެމެން މިކުރާ ކަންތައް އަހަރެން ހަނދާންކުރަން އެބަޖެހޭ.” ހާޔާ ހީލަމުން ބުންޏެވެ.

“ހުމްމް. އެއީ ހަމަ ވާޖިބެއްތަ؟” ހާޔާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް، އޭނާގެ ފޯނު ވައިބްރޭޓްވިއެވެ. އޭނާ ތިރިއަށް ބަލާލިއެވެ.

މާމަ: ހަތެއްޖަހާއިރު ރޭގަނޑުގެ ކެއުން. ގަޑިއަށް އަންނައްޗޭ.

“ކޮބާ މިރޭގެ ކެއުމަށް އައުމަށް އަނެއްކާވެސް މާމަ އެއޮށް ހަނދާން ކޮށްދިނީ. ތައްޔާރުތަ؟” ހާޔާ ލަސްލަހުން އޭނާގެ އިސްއުފުލައިލިއެވެ.

“އާން. އަހަރެން ދާނަން ހާޔާ ބަލާ ހާޔާމެން ގެއަށް. ހަގަޑި ބައިގައި.” އޭނާ އިރުކޮޅަކު ހާޔާއަށް ބަލަހައްޓައިގެން ހުރުމަށްފަހު، އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ.

“މަޑުކޮށްބަލަ.” ހާޔާ ބޯޖަހާލުމަށްފަހު ފަސްޖެހުނެވެ.

“ކިހިނެއްވީ؟” ދާނިއަލް އެނބުރި ބަލާލިއެވެ.

“އަހަރެމެންނަކަށް އެކަކު އަނެކަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެއެއްނު.” ފުރަތަމަ ފަހަރަށް ދާނިއަލް ރަނގަޅަށް ހިނިތުންވެލިއެވެ. އެއީ ކުރިން ފެނުނު ފަދަ އަމިއްލަ ނަފްސަށް އިތުބާރުބޮޑު، ބޮޑާ ހިނިތުންވުމެއް ނޫނެވެ. އެއަށްވުރެ މާ ނުރައްކާތެރި މީހެއްގެ ގޮތުގައި ދައްކުވައިދިން ހިނިތުންވުމެކެވެ.

“ކެއުމަށް ދާން ވަންދެން ހަ ގަޑިއިރު އެބައޮތް.” އެއަށްފަހު އޭނާ ކާރުގެ ދޮރު ހުޅުވާލިއެވެ. އެންމެ ފަހުބަސް ބުނަންޖެހޭނީ އޭނާކަން ހަނދާންވުމުގެ ކުރިން، ހާޔާ ބަލަންހުރީ ދާނިއަލް ކާރަށް އަރައިގެން ދިޔަ ތަނެވެ.

“ދާނިއަލް އަދި އެއް ކަމެއް.”

“ކިހިނެއްވީ؟” އޭނާ މަޑުޖެހިލިއެވެ.

“އަހަރެންގެ މާމަ އަހަރެމެން ބައްދަލުވީ ކިހިނެއްހޭ އަހައިފިއްޔާ، އެއްވެސް މޮޔަ އެއްޗެއް ނުބުނާތި.”

“އަހަރެން މަސައްކަތްކުރާނަން.” އޭނާގެ ހިނިތުންވުން މާ ފުޅާވިއެވެ.

“ތިހެން ބުނުމުން އަހަރެންނަށް ހަމަޖެހުމެއް ނުލިބޭ.” ހާޔާގެ މޫނުމަތި ވަޅޯވެގެންދިޔައެވެ.

“އެއީ ހަމަޖައްސައިދޭން ބުނި އެއްޗެއް ނޫނޭ.” ކާރު ނުކުމެގެން ދިޔައީ، ގަރާޖު ތެރޭގައި ހާޔާ އެކަނި ދޫކޮށްލާފައެވެ. އޭނާ ފޯނަށް ބަލާލިއެވެ. ހަމައެވަގުތު ކަހަލަ ގޮތަކަށް މެސެޖެއް އައެވެ.

ދާނިއަލް: އިތުރު އެއް ގަވާއިދު.

ހަޔާ ނިތްކުރިއަށް ރޫއަރުވާލުމަށްފަހު އެނބުރި މެސެޖު ޓައިޕްކޮށްލިއެވެ.

ހާޔާ: ކޮންކަމެއް؟

އޭނާގެ ޖަވާބު އައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ދާނިއަލް: އަހަރެން ދެކެ ލޯބިނުވެވޭތޯ ބަލާތި.

ހާޔާ ގަބޫލުނުކުރެވިފައި ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު އޭނާއަށް ހީނގަނެވުނެވެ.

“ސާބަސް ދާނިއަލް.” އޭނާ ފޯނު ޖީބަށް ކޮށްޕާލުމަށްފަހު ގަރާޖުން ނުކުންނަން ހުރި ދޮރާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ހާޔާގެ ތުންފަތަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އެކަން ހާޔާއަށްވެސް ފާހަގައެއް ނުވެއެވެ. އޭނާ ތަސްވީރީ ބައިވެރިޔަކަށް ހަދައިގެން އުޅެން އެއްބަސްވި ފިރިހެންމީހާއަކީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވާންއުޅޭ މީހާކަން އޭނާއަށް ކުޑަކޮށްވެސް ނޭނގެއެވެ. ކުރިއަށް އޮތް ހަ މަސްދުވަސް ތެރޭގައި އެދެމީހުންގެ ތަގްދީރު ބަދަލުވެގެންދާނީ ކިހިނެއްހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

modduwrites
Follow Me Written By

modduwrites

Level 1

Turning thoughts, emotions, and imagination into stories. Welcome to my little world of words. @modduwrites on instagram if you want to connect! ⭐️

Other Articles

Previous

ޒީނިޔާ ޗެޕްޓަރ 01 ( އެކަނިވެރި ހަޔާތް )

Next

ހައްލަކީ ކޮބާ؟- 4

Next
September 19, 2026

ހައްލަކީ ކޮބާ؟- 4

Previews
September 19, 2026

ޒީނިޔާ ޗެޕްޓަރ 01 ( އެކަނިވެރި ހަޔާތް )

2 Comments!

  1. Shaba_17 says:
    September 19, 2026 at 9:18 am

    It’s Amazing keep going 💕
    Curiously waiting for the next part When’s next?

  2. Au says:
    September 19, 2026 at 12:36 pm

    Varah curious…. Varah salhi mi bai ves ♥️

Comments are closed.

Next Episodeތަސްވީރީ ބައިވެރިޔާ – 2←


All Right Reserved!