ތަސްވީރީ ބައިވެރިޔާ – 3
އިރުއޮއްސި ހަގަޑި ފަންސަވީސް ވީއިރު، ހާޔާ ވަނީ އޭނާގެ ހެދުން ތިން ފަހަރަށް ބަދަލުކޮށްފައެވެ. ފުރަތަމަ ޙިޔާރުކުރި ހެދުން މާ ރަސްމީ ހެދުމަކަށް ވިއެވެ. ދެވަނަ ހެދުމުން އޭނާއަށް އިހުސާސް ކުރެވުނީ ޚިޔާލީ ދުނިޔެއެއްގައި އޭނާއަށް މާ ބޮޑަށް އުޅެވޭ ކަމުގެ އިހުސާސެވެ. އެންމެ ފަހުން އޭނާ ތިންވަނަ ހެދުން އިޚްތިޔާރު ކުރިއެވެ. އެ ހެދުމަކީ އާއިލީ ރޭގަނޑުގެ ކެއުމަކަށް އެކަށީގެންވާ، އެކަމަކު ދާނިއަލްއަކީ އަސްލު އޭނާ ކައިވެނި ކުރަން އުޅޭ މީހާއެއް ނޫންކަން، އަދި އޭނާ ހެދީ ބޮޑު ދޮގެއްކަން ފާޅުނުވާނެފަދަ، އާދައިގެ ނޫކުލައިގެ ހެދުމެކެވެ.
އޭނާ ލޯގަނޑު ކުރިމަތީގައި ހުރެ، އަތުގައި އިން ބޮޑު އެސްޖެހި އަނގޮޓި ރަނގަޅުކޮށްލަމުން، ހިތުގައި އުފެދެމުންދިޔަ ނުތަނަވަސްކަން ކުޑަކުރެވޭތޯ މަސައްކަތް ކުރިއެވެ. އޭނާ ދާނިއަލްއާ ބައްދަލުކުރުމަށްފަހު، ގެއަށް އައިސް، ލީނާގެ ފަރާތުން ދާނިއަލްއާ ބެހޭގޮތުން ހޯދެން ހުރި ހުރިހާ މައުލޫމާތެއް ހޯދުމުގައި ވަގުތު ހޭދަކުރިއެވެ. އޭގެ ނަތީޖާއަކަށްވީ ބޭނުންތެރި ހަގީގަތްތަކާއި، މުޅިން ބޭކާރު އެތައް މައުލޫމާތެއް ލިބުމެވެ. ދާނިއަލްގެ އުމުރަކީ ފަންސަވީސް އަހަރެވެ. މަސައްކަތް ކުރަނީ އޭނާގެ އާއިލީ ކުންފުނީގައެވެ. މާ ފޮނިކޮށް ގިރާފައި ހުންނަ ކޮފީދެކެ އޭނާ ފޫހިވެއެވެ. ދޮށީ ބޭބެއެއް ހުރެއެވެ. އަދި މީހުން ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކަން ފެށުމުން ބައްދަލުވުންތަކުން ނުކުމެގެން ދިއުމުގެ އާދައެއް އޮންނަކަމަށް ވެއެވެ.
ވަރަށް ފުރިހަމައެވެ. ހާޔާއަށް އެނގުނު ހުރިހާ ކަމަކާމެދުވެސް ހިތްހަމަޖެހުނެވެ. އޭނާގެ މާމަ އޭނާ ދެކެ ވަރަށް ލޯބިވާނެއެވެ. ނޫނީ ސުވާލުކޮށްގެން އޭނާ ހާސްކޮށްލާނެއެވެ. ނޫނީ ސީދާ ދެކަންތައްވެސް ކޮށްފާނެއެވެ.
ބޭރުން ކާރުގެ ބަރުގޮނު އަޅާ އަޑު އިވުނެވެ. ހާޔާ ހުއްޓުން އެރިއެވެ. އޭނާ ގަޑިއަށް ބަލާލިއެވެ. ހަގަޑި ނަވާވީހެވެ.
“ހާދަ އަވަހަކަށް އެއައީ.” ހާޔާ އަތްދަބަސް ނަގައިގެން އަވަސްއަވަހަށް ތިރިއަށް ފޭބިއެވެ.
ދާނިއަލް އޭނާގެ ކަޅުކުލައިގެ ކާރު ކައިރީ ހުއްޓިލައިގެން ހުރީ، ހާޔާގެ އިންތިޒާރުގައެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ދާނިއަލް ލައިގެން ހުރީ ކަޅު ގަމީހަކާއި އަނދިރި ކުލައިގެ ފަޓުލޫނެކެވެ. ކާރު ކައިރީގައި ހުއްޓިލައިގެން ހުރިއިރު ސިފަވަނީ މެގަޒިންއެއްގެ ކަވަރުގައި ހުންނަ މޮޑެލްއެއް ފަދައިންނެވެ.
“ހާދަ ނުވަތަނަވަސްވެފައި.” ހާޔާ ފައިބައިގެން އައުމާއެކު ދާނިއަލް ވާހަކަ ދައްކަން ފެށިއެވެ. ހިނިތުންވެލުމުގެ ކުރިން ހާޔާގެ މުޅި ސިފައަށް ކުޑަހިނދުކޮޅަކަށް ބަލައިލިއެވެ. ދާނިއަލްގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުން ހާޔާއަށް ފާހަގައެއް ނުވިއެވެ. ޙުދު ދާނިއަލްއަށްވެސް އެކަން ފާހަގަވި ކަމާމެދު ސުވާލު އުފެދެއެވެ.
“އާނ. އަހަރެން މިހުރީ ވަރަށް ނުތަނަސްވެފައި.” ހާޔާ ޖަވާބުދިނެވެ. އެހެންނަމަވެސް، ދާނިއަލްއަށް ރައްދު ހިނިތުންވުމެއް ދިނުމެއް ނެތިއެވެ.
“ރަނގަޅު.” ދާނިއަލް އެހެން ބުނުމުން ހާޔާ ހުއްޓުން އެރިއެވެ.
“އެއީ ކީއްވެ ރަނގަޅުވާނީ؟”
“ސަބަބަކީ އަހަރެން ހީކުރީ ނުވަތަނަވަސްވެފައި ހުރި ހަމައެކަނި މީހަކީ އަހަރެން ކަމަށް.” ހާޔާ އޭނާއަށް ބަލައިލިއެވެ. އެއަށްފަހު، އަމިއްލަ އިޚްތިޔާރަކާ ނުލައި، އޭނާއަށް ހިނިތުންވެވުނެވެ. މިއީ އެމީހުންގެ އެއްބަސްވުމަށްފަހު، މިއަންނަ ކަންތައްތަކުން ސަލާމަތްވެވިދާނެކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނު ފުރަތަމަ ފަހަރެވެ.
“އަހަރެމެން ދިއުމުގެ ކުރިން،” ދާނިއަލްއަށް އިނގިލި ދިއްކޮށްލަމުން ހާޔާ ބުންޏެވެ. “އަހަރެމެން ކަންކަން އަލުން މުރާޖައާކޮށްލަންޖެހޭނެ.” ދާނިއަލް ބޮޑު ނޭވާއެއް ދޫކޮށްލިއެވެ.
“ހުރިހާ އުސޫލުތަކެއް ހަދާ ނިންމައިފީމެއްނުން. ދެން ކޮންކަމެއް މުރާޖާ ކުރަން.” ދާނިއަލްގެ އަޑުގައި ޖެހިލުންވުން އެކުލެވިގެންވެއެވެ.
“އަހަންނަށް އެނގެޔޭ. އަހަރެން ބޭނުންވަނީ އިތުރު އުސޫލުތަކެއް އިތުރު ކޮށްލަން.” ހާޔާ އޭނާ ދައްކަން ބޭނުންވި ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ކިޔާބަލަ.” ދާނިއަލް ކަނުލައި އަޑުއަހަން އިނެވެ.
“އަހަރެންގެ މަންމަ އަހަރެމެން ދިމާވި ގޮތަކާމެދު ސުވާލުކުރާނެ. އަދި އެންގޭޖްވާން ނިންމީ ކޮން އިރަކުތޯވެސް އަހާނެކަން ކަށަވަރު. އަދި އަހަރެންގެ މާމަ އަހާނެ ކައިވެނި ރާވަނީ ކޮން އިރަކުތޯ.”
“އެކަމު ކައިވެނީގެ ވާހަކައަކީ އެއްބަސްވުމުގައި އޮތް ކަމެއް ނޫން.” ދާނިއަލް ކުޑަކޮށް ސިހިގެން ދިޔައެވެ.
“މިހާރު އެއީ އެއްބަސްވުމުގެ ބައެއް.” ހާޔާ އޭނަގެ ބޭނުންތައް ވަރަށް ސާފުކޮށް އޮޅުންފިލުވައިދިނެވެ.
“އަރާ.” ދާނިއަލް ހަޔާއަށް ކާރުގެ ދޮރު ހުޅުވައިދިނެވެ.
“ކީއްވެ؟” ހަޔާ އޭނާގެ ދެލޯ ކުޑަކޮށްލަމުން އަހައިލިއެވެ.
“މިތާ މާ ގިނައިރު ތިބޭނަމަ، އިތުރުކުރާ ކޮންމެ އާ އުސޫލަކަށް އަހަރެން އުޖޫރައެއް ނަގަން ފަށަން ޖެހިދާނެ.” އޭނާ ކާރަށް އެރިއެވެ.
“ރަނގަޅު އެއްވެސް ގޮތެއް ނެތް މީހެއް ތިއީ.”
“ކޮންމެ ގޮތެއްވިޔަސް އަހަރެން މީ ތިބާ އެންގޭޖްވެގެން އުޅޭ ބައިވެރިޔާ.” ހާޔާ މައްޗަށް ބަލައިލަމުން ފޫހި ގޮތެއް ދެއްކި ނަމަވެސް، އޭނާއަށް ސިއްރުސިއްރުން ހިނިތުންވުން ކޮންޓްރޯލެއް ނުކުރެވުނެވެ.
މާމަ ގޭގެ މައި ދޮރުން އެތެރެއަށް ވަނުމާއެކު، ބޮޑު މުސީބާތެއްގެ ތެރެއަށް ވަދެވުނުކަން ހާޔާއަށް އެނގުނެވެ. އޭނާގެ މުޅި އާއިލާ އޮތީ ސިޓިންރޫމަށް ޖަމާވެފައެވެ. މަންމަ ހުރީ ކެއުމަށް ހާއްސަކޮށްފައިވާ މޭޒު ކައިރީގައި ދެއަތް ޖޯޑުކޮށްލައިގެން، މާ ބޮޑަށް އުފާވެފައި ހުރިކަން ނުދައްކަން މަސައްކަތްކުރާ ހާލުގައެވެ. އޭނާގެ ކުޑަ ކޮއްކޮ ސޯފާގައި އިނީ މަޖާ މަންޒަރެއް ބަލާލަން އިންތިޒާރުގައި އިން މީހެއްގެ މޫނުމަތިން ފެންނާނެ ފަދަ ސާފު އަސަރުތަކާއެކުގައެވެ. ސާރާވެސް އޭނާ އެންގޭޖްވެގެން އުޅޭ ބައިވެރިޔާއާއެކު އެތާ އިނެވެ. އަދި ހާޔާގެ ބޮޑުދައިތައިން ދިޔައީ ސިއްރުސިއްރުން އެކަކު އަނެކަކަށް ވާހަކަދައްކަމުންނެވެ.
ނަމަވެސް އެންމެ ނުރައްކާ ބޮޑުކޮށް ފެންނަންހުރީ އޭނާގެ މާމައެވެ. މާމަ ސިޓިންރޫމުގެ މެދުގައި ހުރީ ރަސްކަމުގެ އާއިލާއަށް އަލަށް ގުޅޭ މެންބަރަކު ފާސްކުރަން ތައްޔާރަށް ހުރި ރާނީއެއް ފަދައިންނެވެ.
“އެންމެން، މިއީ ދާނިއަލް.” ހާޔާ ޖެހިލުންވެފައި ހުރެ ހިނިތުންވެލިއެވެ.
“ވަރަށް ބޮޑަށް އުފާވެއްޖެ އެންމެނާ ބައްދަލުވުމުން.” ހާޔާ އިންތިހާއަށް ހަސަދަވެރިވި ފަދަ ހަމަޖެހޭ ގޮތަކާއެކު ދާނިއަލް ކުރިއަށް ޖެހިލިއެވެ. މާމަ އޭނާގެ މަތިން ތިރިއަށް ބަލައިލިއެވެ. ވޭނީ ވަގުތޮކޮޅަކަށް ދިގުދެމިގެންދިޔަ ދެތިން ސިކުންތު ވަންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
“އަހަންނަށް ދާނިއަލް ވަރަށް ކަމުދޭ.” އެންމެ އިރުކޮޅެއްވެސް ލަސްނުކޮށް އާދައިގެމަތިން މާމަ ބުނަން ބޭނުންވާ ވާހަކަ ބުނެލިއެވެ. އެއަށްފަހު މާމަ ހިނިތުންވެލިއެވެ. ހާޔާ ކޮށިއެރިއެވެ. އޭނާގެ ކޮއްކޮ ހީގަތެވެ. ދާނިއަލް ހާޔާއަށް ބަލައިލީ މާމަ އަބަދުވެސް އުޅެނީ މިހެންހޭ؟ އަހާފަދަ ގޮތަކަށެވެ. ހާޔާ ޖަވާބުދިނުމުގެ ގޮތުން ކުޑަކޮށް ބޯޖަހާލިއެވެ.
“މަރުހަބާ!” ހާޔާއަށް ހުއްޓުވުމުގެ ފުރުސަތު ލިބުމުގެ ކުރިން މަންމަ އަވަސްއަވަހަށް ކުރިއަށް ޖެހިލައި ދާނިއަލް ގައިގައި ބައްދާލިއެވެ. ދާނިއަލް އޭނާ ސަލާމަތްކޮށްދޭށޭ ބުނާފަދަ ނަޒަރަކުން ހާޔާއާ ދިމާއަށް ބަލައިލިއެވެ. ހާޔާއަށް އެކަން ވަރަށް މަޖާވިއެވެ.
“ހާޔާ އަހަރެމެން ގާތަކު ދާނިއަލްއާ ބެހޭގޮތުން މާ ގިނަ ވާހަކައެއް ނުބުނޭ. އެކަމަކު އެންމެ ފަހުން ބައްދަލުވުމުން ވަރަށް އުފާވެއްޖެ.” ހާޔާއަށް މެދުކަނޑާލެވުމުގެ ކުރިން މަންމަ ވާހަކަ ކުރިއަށް ގެންދިޔައެވެ. ދާނިއަލް އަނެއްކާވެސް ހާޔާއަށް ބަލައިލިއެވެ. އޭނާގެ ދެލޮލުން ސަމާސާ ކުރުމުގެ އަސަރެއް ފެނިލިއެވެ. ހާޔާ ހިތާހިތުން އެމީހުންގެ ރޭވުން ފަޅާ އަރާނެފަދަ އެއްވެސް އެއްޗެއް ނުބުނުމަށް އާދޭސްކުރަމުންދިޔައެވެ.
“އަހަރެންނަށްވެސް ތިޔަ އެންމެންގެ ވާހަކަ ހާޔާ ވަރަށް ގިނައިން ކިޔައިދޭ.” ދާނިއަލް ހިނިތުންވެލާފައި ބުންޏެވެ. އެއީ ދޮގެކެވެ. ނަމަވެސް ގަބޫލުކުރަން ފަސޭހަ ގޮތަކަށް ބުނި ދޮގެކެވެ.
ރޭގަނޑުގެ ކެއުން ދިހަ މިނެޓަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ފެށިގެންދިޔައެވެ. ހަމައެއާއެކު، ހާޔާގެ ލޯބީގެ ހަޔާތާ ބެހޭ މައުލޫމާތެއް ލިބޭނެ އިރަކަށް ސައްވީސް އަހަރު ވަންދެން އިންތިޒާރުކުރަމުންދިޔަ ބަޔަކު ތިބި ކޮޓަރިއަކަށް ދާނިއަލް ގެނުމަކީ ހެދުނު އެންމެ ބޮޑު ގޯސްކަން އޭނާއަށް ވަގުތުން ރޭކާލިއެވެ.
ސުވާލުތައް އައީ ހުރިހާ ދިމާއަކުންނެވެ. އެމީހުން ދިމާވީ ކިހިނެއް؟ ފުރަތަމަ ފިޔަވަޅު އެޅީ ކާކު؟ ދާނިއަލް ކައިވެނިކުރަން އެހީ ކޮން އިރަކު؟ އަނގޮޓި ކޮބާ؟ ހާޔާ އޭނާ ސިއްރުކޮށްގެން އުޅުނީ ކީއްވެ؟ ކައިވެނި އޮންނާނީ މި އަހަރުތަ؟
ހާޔާ އަމިއްލައަށް ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްކުރިއެވެ. ނަމަވެސް ދާނިއަލް އުޅެނީ އޭނާއަށްވުރެ އެތަކެއް ފިޔަވަޅެއް ކުރީގައެވެ.
އެމީހުން ދިމާވީ ކިހިނެއްތޯ ބޮޑުދައިތަ އެހުމުން، ދެމީހުން ފުރަތަމަ ބައްދަލުވީ ދެމީހުންގެވެސް ރައްޓެހިންގެ ފަރާތުން ކަމަށް އޭނާ އާދައިގެ ގޮތަކަށް ކިޔައިދިނެވެ. ފުރަތަމަ ލޯބިވެވުނީ ކާކުތޯ މީހަކު އެހުމުން، އޭނާ ހާޔާއަށް ބަލައިލީ އެދެމީހުންނަކީ ހަގީގަތުގައިވެސް ކައިވެނިކުރަން އުޅޭ ބައެއްކަން މުޅިން ގަބޫލުކުރެވޭ ފަދަ ލޯބީގެ ނަޒަރަކުންނެވެ. އެއީ އެކްޓެއްކަން ހާޔާ ހަނދާންނެތޭހާ ލޯބިންނެވެ.
“ހާޔާ މާ ގިނަ ދުވަސް ނެގި.” އޭނާ ބުންޏެވެ. އެންމެން ހީގަތެވެ. ހާޔާ މޭޒު ދަށުން އޭނާގެ ފައިގާ ޖެހިއެވެ. ދާނިއަލް ގުޑިވެސް ނުލައެވެ. އޭނާ އިނީ ހަގީގަތުގައިވެސް އެމީހުން ކުޅެމުންދިޔަ ފިލްމަށް އެއްކޮށް ޝައުގުވެރިކަން ދީގެންނެވެ.
“ހާޔާއަކީ އަބަދުވެސް ވަރަށް ގޮތްދޫނުކުރާ ކުއްޖެއް.” މާމަ ބުންޏެވެ.
“އަހަރެންނަށްވެސް އެކަން ފާހަގަކުރެވުނު.” ދާނިއަލް މާމައާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ހާޔާ އޭނާއަށް ބަލައިލިއެވެ. އޭނާ ޖެއްސުންކުރާ ގޮތަކަށް ހިނިތުންވެލިއެވެ. ހާޔާ ބޭނުންވީ އޭނާ ދެކެ ރުޅިއަންނާށެވެ. ނަމަވެސް ހީކުރި ގޮތާއި ޙިލާފަށް، އޭނާއަށް މިކަމުން އުފާލިބެން ފަށައިފިއެވެ.
ކެއުމަށްފަހު ވަގުތު ކުރިއަށްދިޔައީ ހާޔާގެ ކުޑައިރުގެ ވާހަކަތަކާއި، މަޖާ ފޮޓޯތަކާއި، އާއިލާގެ ގާތުގައި އެހެން މީހަކަށް ދުވަހަކުވެސް ނުކިޔައިދިނުމަށް ހާޔާ ޚާއްޞަކޮށް އެދިފައިވާ ކުޑައިރުގެ ސިއްރުތަކާއެކުގައެވެ. ދާނިއަލް ކެތްތެރިކަމާއެކު އެ ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އަދި ރަނގަޅު ދަނޑިވަޅުގައި ހީހަދައި، އޭނާ އަސްލުވެސް އަޅާލާކަން ދައްކުވައިދޭ ފަދަ ސުވާލުތައް ކުރިއެވެ.
އެއްވަގުތެއްގައި، ހާޔާއަށް މޭޒުގެ އަނެއްފަރާތަށް ބަލައިލެވުނުއިރު، އޭނާގެ އުމުރުން ބާރަ އަހަރުގައި އަގުބޮޑު މާ އަޅާ ވާސްއެއް އޮޅިގެން ހަލާކުކޮށްލި ހާދިސާ މަންމަ ކިޔައިދެނިކޮށް ދާނިއަލް އަޑުއަހަން އިނެވެ. އޭނާގެ މޫނުމަތީގެ އަސަރުގައި ތަފާތު ކަމެއް ހުއްޓެވެ. އޭނާ ކުރަމުންދިޔައީ އެކްޓެއް ނޫނެވެ. އޭނާ އަޑުއަހަން ހުރީ އަސްލުވެސް ޝައުގުވެރިވެފައެވެ.
އެ ސިކުންތުކޮޅުގައި ހާޔާ އެދެމީހުންގެ އެއްބަސްވުމުގެ މަތިން ހަނދާންނެތުނު ކަހަލައެވެ. މިއީ ހަ މަސް ދުވަހަށް ދެމިގެންދާނެ ކަމެއްކަން ހަނދާންނެތުނެވެ. ދާނިއަލްއަކީ ބީރައްޓެއްސެއްކަން ހަނދާންނެތުނެވެ. އޭނާ ހަމައެކަނި ދާނިއަލްއަށް ބަލަހައްޓައިގެން އިނީއެވެ. ކުއްލިއަކަށް ދާނިއަލް މައްޗަށް ބަލައިލުމުން، ހާޔާ އޭނާއަށް ބަލަން ހުރިތަން ފެނުނެވެ. ހާޔާ ވަގުތުން އޭނާ ފޮނިއެއްޗެހި ކާން އިން ތައްޓަށް ބަލައިލިއެވެ. އޭނާގެ ހިތް ލަދުވެތި ގޮތަކަށް ތެޅިގަތެވެ. އޭނާ އެކަން ނިންމީ ކެއުމުގެ ސަބަބުން ވީކަމެއް ކަމަށެވެ. ޔަގީނުންވެސް އެއީ ކެއުމުގެ ސަބަބުންނެވެ.
އިރުކޮޅެއް ފަހުން، ހާޔާ މަންމައަށް އެހީތެރިވުމުގެ ބަހަނާގައި އެތަނުން ސަލާމަތްވިއެވެ. އަދި ބަދިގެއަށް ދިޔައެވެ.
“ތިޔަ ސަލާމަތްވީއެއްނު.” ދާނިއަލް އައިސް އޭނާގެ ކައިރީގައި ހުއްޓުނުއިރު، ހާޔާ އުޅުނީ ތަށިތަކެއް ނަގާށެވެ.
“ހަމަ ކިރިޔާ.” ހާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ހާޔާގެ އާއިލާގެ ފަރާތުން ކުރިމަތިލާންޖެހުނު ސުވާލުތަކުގެ ސަބަބުން އަހަރެންގެ ބޯ ގޮވައިފި.” ދާނިއަލް ބަދިގޭ މޭޒުގައި އުނަގަނޑު ޖައްސާލަމުން ބުންޏެވެ. އަދި ހިނިގަނޑެއްވެސް ޖަހައިލިއެވެ.
“ދާނިއަލް އަމިއްލައަށް އެއްބަސްވެގެން އައީ.”
“ތިކަން އެނގެޔޭ.”
“މިހާރު ތިހުރީ އާދެވިފަ. ދެން މައްސަލަ ނުޖައްސާ.” ހާޔާ ހިފައިގެންހުރި ތަށިތައް ކަބަޑަށް ލަމުން ބުންޏެވެ.
“މައްސަލަ ޖައްސަނީއެއް ނޫނޭ. އަހަރެން ބުނީމެއްނު އެހީވާނަމޭ.” ދާނިއަލް ހިނިތުންވެލިއެވެ.
“ކީއްވެ؟” ހާޔާ އޭނާއަށް ބަލައިލިއެވެ. އެ ސުވާލުން ދާނިއަލްއަށް ކުއްލި ހައިރާންކަމެއް ލިބުނު ކަހަލައެވެ.
“ސަބަބަކީ ހާޔާ އަހަރެންގެ އެހީއަށް ބޭނުންވީމާ.” ހާޔާއަށް އެ ޖަވާބު ކަމަކު ނުދިޔައެވެ. އެއީ މާ އާދައިގެ ޖަވާބެކެވެ. އެއްވެސް މީހަކު އަމިއްލަ އެދުމެއްނެތި އެވަރު ކަމެއް ކުރުމަށް އެއްބަސްވާނެ ކަމަށް ހާޔާއަށް ގަބޫލުކުރަން ދަތިވިއެވެ.
“އަނހަ. މިތިބީއެއްނު. ދެމީހުން ނުފެނިގެން މިހޯދަނީ.” ހާޔާއަށް އެއްޗެއް ބުނެވުމުގެ ކުރިން، ބަދިގެ ދޮރުމަތިން މާމަގެ އަޑު އިވުނެވެ. ދެމީހުން އެއްފަހަރާ ދޮރާއި ދިމާއަށް އެނބުރި ބަލައިލިއެވެ.
“ދެކުދިން އެކުގައި ތިބޭއިރު ވަރަށް ގުޅޭ.” މާމަ ދެމީހުންނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ހާޔާ ނުވަތަނަވަސްވިއެވެ. އެ ބަސްތައް އަޑުއިވިފައި ބޮލުގައި އެނބުރުންތަކެއް އުފެދުނެވެ.
“ޝުކުރިއްޔާ.” ދާނިއަލް، ހާޔާއަށް ބަލައިލުމަށްފަހު އަލުން މާމައަށް ބަލައިލިއެވެ. މާމަ ބޯޖަހާލިއެވެ. އެއަށްފަހު، ދެމީހުން އެކަނި ދޫކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ހިނގައިގަތެވެ.
“މާމަ މިހާރު އެއުޅެނީ ކައިވެނި ރާވަން.” ހާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ވެދާނެ.” ދާނިއަލްގެ އަޑުގައިވެސް މަޑުމައިތިރިކަމެއް ހުއްޓެވެ.
“އަހަންނަށް ހީވޭ އެބަ ދާނިއަލްއަށް މިކަން އުފާވެރިކަމަށް ވެގެން އުޅޭހެން.”
“ކުޑަކޮށް.” ދާނިއަލްގެ ޖަވާބު ވަރަށް ކުރެވެ.
“ރަނގަޅު އެއްވެސް ގޮތެއް ނެތް މީހެއް ތިއީ.” ހާޔާ ބޯ ހޫރާލިއެވެ.
“ހާދަ ވަރަކަށް ތިހެން ތިޔަ ބުނަނީ.” ދާނިއަލް އަޑު މަޑުކޮށްލަމުން ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ.
“ސަބަބަކީ އެއީ ތެދަކަށް ވާތީ.” ހާޔާ، ދާނިއަލްއަށް ބަލާލަމުން ބުންޏެވެ.
“ވެދާނެ.” ކުޑަހިނދުކޮޅަކަށް، ދެމީހުންކުރެ އެކަކުވެސް ގުޑިއެއް ނުލައެވެ. އެދެމީހުން ތިބީ އާދައިގެ މިންވަރަށްވުރެ މާ ކައިރީގައެވެ. ހާޔާއަށް ކުއްލިއަކަށް ހުރިހާ ކަމެއް އިހުސާސްވާން ފެށިއެވެ. ހަމަހިމޭން ބަދިގެއާއި، ސިޓިންރޫމުން އިވޭ މަޑުމަޑު މިއުޒިކުގެ އަޑާއި، އޭނާގެ ކައިރީގައި ހުރި ދާނިއަލްގެ ހޫނުކަމެވެ.
ދާނިއަލް، ހާޔާއަށް ބަލައިލިއެވެ. ތަސްވީރީ ބައިވެރިޔާއެއްގެ ގޮތުގައެއް ނޫނެވެ. ބީރައްޓެއްސެއްގެ ގޮތުގައެއްވެސް ނޫނެވެ. ސީދާ އަންހެނަކަށް ބަލައިލާ ފިރިހެނެއްގެ ގޮތުގައެވެ. ހާޔާގެ ނޭވާ އެތެރެއަށް ހިފެހެއްޓުނެވެ.
“ހާޔާ! އާދެބަލަ މި ފޮޓޯ ބަލާލަން.” އެވަގުތު ސިޓިންރޫމުން މީހަކު ގޮވާލި އަޑު އިވުނެވެ. އޭނާ ވަގުތުން ފަހަތަށް ޖެހިލިއެވެ
“އާއިލާގެ ސަބަބުން ސަލާމަތްވީ ދޯ.” ދާނިއަލް އެއްމިޔަކަނިން ހީލަމުން ބުންޏެވެ.
“އެއްވެސް އެއްޗެއް ނުބުނެ ހުރޭ.”
“އަހަރެން ނުބުނަން އެއްޗެކޭ.”
“ބުނަން ތިއުޅުނީ.”
“ވެދާނެ.” އޭނާ ހިނިތުންވެލިއެވެ.
ހާޔާ ފެން ބޯން ތަށިތަކެއް ނަގައިގެން އަވަސްއަވަހަށް ސިޓިންރޫމާ ދިމާއަށް ހިނގައިގަތެވެ. ފަހަތް ބަލާލަންވެސް އިންކާރުކުރަމުންނެވެ. ދާނިއަލް ފަހަތުން ދިޔައީ ސިކުންތުކޮޅެއް ފަހުންނެވެ. ކޮޓަރީގެ އަނެއްފަރާތުގައި ހުރެގެން ހާޔާގެ މާމަ އެމީހުންނަށް ބަލަން ހުރިކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ. މާމަ އަމިއްލައަށް އުފަލުން ހިނިތުންވެލިއެވެ. ސަބަބަކީ މާމައަށް ފެންނަ ފެނުމުގައި، އެދެމީހުންގެ މެދުގައި ކޮންމެވެސް ގުޅުމެއް އުފެދެމުންދާތީއެވެ. އެކަން އަދި ނޭނގި އެ ކޮޓަރީގައި ތިބި ހަމައެކަނި ދެމީހުންނަކީ، ހާޔާއާއި ދާނިއަލް ކަމެއް މާމައަކަށް ނޭނގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

This part is Amazing Masha Allah 💗
Waiting for the next part When’s next?
Haya nor Yun?