“އައިރާގެ ފުރާނަ ދުއްވާލި ކޮންމެ މީހަކަށް…” ނާއިލްގެ ދެލޮލުން ފެންނަމުންދިޔައީ ބަދަލުހިފުމުގެ ކަނު އަނދިރިކަމެވެ. “އޭގެ ބަދަލު އެމީހުންގެ އަމިއްލަ ލެއިން ދައްކުވާނަން. މިއީ ކުޅިވަރެއް ނޫން. މިއީ ސީދާ ހަނގުރާމައެއް!” ނާއިލްގެ ހިތަށް އަރަމުން ދިޔައެވެ.
*****
ޒަޔާންގެ އަތުގެ ހަރަކާތްތައް ކުއްލިއަކަށް ހުއްޓުނެވެ. އެނބުރެމުންދިޔަ ކޯޑުތަކާއި ސެކިއުރިޓީ ފުޓޭޖްތަކުގެ ތެރެއިން މޮނިޓަރުގެ މެދުގައި ރަތްކުލައިގެ ބޮޅެއް ދިއްލުނެވެ. “ލިބިއްޖެ!”. ޒަޔާންގެ އަޑުގައިވަނީ ވަރުބަލި، އެހެނަސް ކާމިޔާބީގެ ރާގެކެވެ. “އެ ނިޝާން އަޅައިގެން ހުރި މީހާގެ މޫނު، އަންޑަގްރައުންޑް ކްލަބެއްގެ ސެކިއުރިޓީ ކެމެރާއަކަށް އަރައިފައި އެބަހުރި. އެއީ ހުޅުމާލޭގެ ފަޅުވެފައިވާ އައިސް ޕްލާންޓެއްގެ އަޑީގައި ހަދާފައިވާ ސިއްރު ވީ.އައި.ޕީ ލައުންޖެއް. ‘ޝެޑޯ ކާޓެލް’ ގެ އިސް މީހުން މިތަނުގައި ބައްދަލުކުރާ މައި މަރުކަޒު”. ޒަޔާން އެހެން ބުނެފައި ނާއިލްއަށް ބަލައިލިއެވެ.
ނާއިލް ލައިގެން ހުރީ އަތްކުރު، ކަޅު ކުލައިގެ ބޮޑު، އޮފް-ޝޯލްޑަރ ޓީޝާޓެކެވެ. އެ ޓީޝާޓުގެ މޭމަތީގައި ރީތި، ސްޓްރީޓް-ވެއަރ ފަރުމާއަކަށް “Los Angeles” ލިޔެފައިވެއެވެ. އޭނާގެ ކަސްރަތީ، ވަރުގަދަ ބިޔަ ހަށިގަނޑުގެ މަސްތައް ޓީޝާޓުގެ ތެރެއިން ފާޅުވާން ހުއްޓެވެ. ކޮނޑުމައްޗާ ހަމައަށް އޮތް ބޯ، ރާޅުބާނި އިސްތަށިގަނޑު މޫނުމައްޗަށް އެޅެމުންދާތީ، އޭނާ އަތުން އިސްތަށިގަނޑު ފަހަތަށް އެއްކޮށް، ބާރު ރަބަރަކުން އައްސާލިއެވެ. އޭނާގެ ފަރުވާތެރިކަމާއެކު ހަދާފައިވާ ‘ވީ’ ބައްޓަމުގެ ތުނބުޅި މޫނުމައްޗަށް އިތުރު ހަރުކަށިކަމެއް ގެނެސްދެއެވެ. ނާއިލްގެ ކަރުގައި އޮތް ބޯ ރިހި ފަށް ނިއޯން އަލީގެ ތެރެއިން ވިދަމުންދިޔައިރު، އޭނާގެ އަތުކުރީގައި އޮތް އަގުބޮޑު ލަގްޒަރީ ގަޑީގެ ކަށި ހިނގާ އަޑަކީ އޭނާގެ ދުޝްމަނުންގެ ވަގުތު ކުޑަތަންވަމުންދާކަމުގެ އިންޒާރެއް ފަދައެވެ.
“ފަރުހާން، އެއްކަލަ ލޯންޗު ކޮބާ؟ ތައްޔާރުތަ؟”. ނާއިލް މޭޒުމަތީގައި އޮތް ކަޅުކުލައިގެ ގްލަވްސްތައް އަތަށް މަހާލަމުން އަހާލިއެވެ.
“އިންޖީނުގެ އަޑު އެއްކޮށް ކަނޑާލާފައިވާ، ހައި-ސްޕީޑް ސްޓެލްތް ލޯންޗެއް ހުޅުމާލެ ފާލަމާ ކައިރިކޮށްފައި އޮންނާނެ. އެ ކުލަބަށް ވަދެވޭނީ ކަނޑުމަގުން”. ފަރުހާން އޭނާގެ ކަޅު ދަބަހަށް ބަރު ހަތިޔާރުތަކާއި، ދަގަނޑު ކަނޑާ ޓޫލްސްތައް އަޅަމުން ޖަވާބުދިނެވެ.
ރިޝްވާން އޭނާގެ ކޯޓުގެ އެތެރޭ ޖީބަށް ލޯޑުކޮށްފައިވާ ދެ ޕިސްޓޯލް ލަމުން ނާއިލްގެ ކައިރިއަށް އައިސް ހުއްޓުނެވެ. “އެތަނުގައި ހަތިޔާރު އެޅި ފަނަރަވަރަކަށް ގާޑުން ތިބޭނެކަމަށް ލަފާކުރެވެނީ. އަހަރެމެން އެތެރެއަށް ވަންނާނީ ކިހިނެއް؟ ސިއްރުން؟ ނޫނީ…”.
“ސިއްރުކުރާނެ ކަމެއް ނެތް!”. ނާއިލްގެ އަޑުގައިވަނީ ގަނޑުފެން ފަދަ ފިނިކަމެކެވެ. “އެމީހުންނަށް އެނގެންޖެހޭނެ އަހަރެމެން އައިކަން. އެމީހުންނަށް އިޙްސާސްވާންޖެހޭނެ އައިރާގެ ފުރާނަ ދިޔަ ވަގުތު އޭނާއަށް ކުރެވުނު ބިރުވެރި އިހުސާސް”. ނާއިލްގެ އަޑުގައި ވި ރުޅިވެރިކަމާއި އެކުވެފައިވީ ހިތާމައިގެ އަސަރުތައް އެތަނުގައި ތިބި އެންމެނަށް އެވަގުތު ފާހަގަވިއެވެ.
****
ބޯ ވާރޭގެ ތެރެއިން ކަނޑުގެ ރާޅުތައް ކަފަމުން ދިޔަ ކަޅުކުލައިގެ ލޯންޗު ގޮސް މަޑުކޮށްލީ ހުޅުމާލޭގެ އަނދިރި ފަޅެއްގައެވެ. ކުރިމަތީގައި ފެންނަން ހުރީ ދަގަނޑު ދަބަރަށްވެ، ފަޅުވެފައިވާ ބޮޑު އައިސް ޕްލާންޓެކެވެ. ބޭރުން ބަލާއިރު އެއީ އެއްވެސް ދިރުމެއްނެތް ތަނެއްހެން ހީވިޔަސް، ޒަޔާންގެ ތަރމަލް ސްކޭނަރުން ދައްކާގޮތުގައި އެ އިމާރާތުގެ އަޑީގައި ހަރަކާތްތަކެއް ކުރިއަށްދެއެވެ. ނާއިލްއާއި ރިޝްވާން ކުރިއަށް ނުކުތެވެ. ފަރުހާން އިމާރާތުގެ މައި ކަރަންޓް ބޯޑު ކައިރިއަށް ގޮސް، އޭގެ ވައިރުތައް ބުރިކޮށް، މުޅި ސަރަހައްދުގެ މެއިން ސެކިއުރިޓީ ގްރިޑް ޑައުންކޮށްލިއެވެ.
އިމާރާތުގެ ފަހަތު ދޮރު ކައިރީގައި ތިބި ޝެޑޯ ކާޓެލްގެ ދެ ގާޑުންނަށް ކަމެއް ގޯސްވެއްޖެކަން އެނގުމުގެ ކުރިން، އަނދިރީގެ ތެރެއިން ނުކުތް ރިޝްވާން އެކެއްގެ ކަރުގައި ހިފާ އަނބުރާލިއެވެ. އަދި ހަމަ އެ ސިކުންތުގައި ނާއިލް ކުރިއަށް ޖެހިލައި، އަނެއް ގާޑުގެ މޭމައްޗަށް ވަރުގަދަ ކަކުލުގެ ހަމަލާއެއް ދީ، އޭނާ ހޭނައްތާލިއެވެ.
“އިޓްސް ކްލީން ނައު!”. ރިޝްވާން އޭނާގެ ކަންފަތުގައި އިން ކޮމިއުނިކޭޝަން އިއަރޕީސް އިން ޒަޔާންއަށް އެންގިއެވެ. އެމީހުން ސިޑިން ތިރިއަށް ފައިބަމުން ދިޔައިރު، މަޑުމަޑުން މިއުޒިކްގެ އަޑާއި، ޝީޝާ ވަސް ނޭފަތުގައި ޖެހެން ފެށިއެވެ. ބިމުއަޑީގައި ހަދާފައިވާ އެ ވީ.އައި.ޕީ ލައުންޖަކީ ރަތް ނިއޯން އަލިން ދިއްލާފައިވާ، ސިނަމެޓިކް ނޮއަރ ފިލްމެއްގެ ސެޓެއް ފަދަ ތަނެކެވެ. ލައުންޖުގެ މައި ދޮރު ބާރު އަޑަކާއެކު ހަލާކުވެގެން ދިޔައީ ނާއިލްގެ ވަރުގަދަ ކޮޅުފައިގެ އެތިފަހަރަކުންނެވެ. ދޮރު ބިންމައްޗަށް ވެއްޓުނު އަޑާއެކު، އެ ތަނުގައި ތިބި މީހުން ސިހިފައި އެދިމާލަށް ބަލާލިއެވެ. މިއުޒިކްގެ އަޑު ކެނޑި، ތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ.
ދޮރުމަތީގައި ހުރި ނާއިލް ފެންނަނީ އަނދިރިކަމުގެ ތެރެއިން އުފަންވެފައިވާ ބިރުވެރި ފުރޭތައެއް ފަދައިންނެވެ. އޭނާގެ ދެލޮލުން ފެންނަނީ ރުޅިވެރިކަމެކެވެ. އޭނާގެ ނަޒަރު ހުއްޓުނީ ލައުންޖުގެ އެންމެ އެތެރޭގައި ހުރި ސޯފާގައި އިން މީހާއަށެވެ. އެމީހާގެ ކަރުގައި އެ އޮތީ ޒަޔާންގެ ފުޓޭޖުން ފެނުނު، ދެ ކަނޑިއާއި ލޮލުގެ ނިޝާން ޖަހާފައި އޮތް ފަށެވެ.
“އެމީހުން މަރާލާ!” ފަށް އަޅައިގެން އިން މީހާ ބިރުން ހަޅޭއްލަވައިގަތެވެ.
އެމީހާގެ އަޑަށް ކާޓެލްގެ ފަސް މީހަކު ހަތިޔާރު ނަގައިގެން ނާއިލްއާ ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް ރިޝްވާން އޭނާގެ ދެ ޕިސްޓޯލް ނެގުމަށްފަހުގައި، ހަމަލާ ދޭން ފެށިއެވެ. އޭނާގެ ހަމަލާ ދެމީހެއްގެ ކަކުލަށް އަރައި، ވޭނީ ހަޅޭކާއެކު ބިންމައްޗަށް ވެއްޓުނެވެ. އެތަނުން އެންމެ ބިޔަ މީހާ ދަގަނޑު ހޮޅިއެއް ހިފައިގެން ނާއިލްގެ ބޮލަށް ހަމަލާދޭން އަތް އުފުލާލި ވަގުތު، ނާއިލް ވައަތަށް ޖެހިލައި، އެމީހާގެ އަތުގައި ހިފާ އަނބުރާލިއެވެ. އެއާއިއެކު އެމީހާގެ ކަށިތައް ބިންދައިގެން ދިޔަ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. ނާއިލް އޭނާގެ ބާރުގަދަ މުށުން އެމީހާގެ މޫނުމަތީގައި ޖެހި އެތިފަހަރާއެކު، އޭނާ ވިއްސައިގެން ގޮސް ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓި ހޭނެތުނެވެ. އައިރާގެ މަރާއެކު އުފެދުނު ވޭނާއި ހިތާމަ، ނާއިލް އެވަގުތު އޭނާގެ ކޮންމެ ހަމަލާއަކުން ބޭރުކުރަމުން ދިޔައެވެ (ނުނިމޭ).

