ކުރީގެ ޢަދަދާއި ގުޅޭ:
” ވިލްދާން ” ގޭގެ ލަގްޒަރީ ސޯފާއެއްގައި އިން ޢައިޝާއަށް ވިލްދާން ފެނުނެވެ.
” ސިތާއޭ މީ. މިހާރު ކިޔަނީ ޢައިޝާ. ” ޢައިޝާ އިނީ ހަމަޖެހިލާފައެވެ.
” ކީކޭ؟ ” ވިލްދާންއަކަށް ޤަބޫލެއްނުކުރެވުނެވެ.
” އާދެބަލަ ކޮއްކޯ މިތާ އިށީންނަން ” ޔޫސުފް ސޯފާއެއް ދައްކާފައި ވިލްދާންގާތު އިށީންނަން ބުންޏެވެ.
******************
” މިއޮތީ ހެދުނު ޓެސްޓްތަކުގެ ނަތީޖާ ” އޭފޯސައިޒްގެ ގަނޑެއް އިނިސްޕެކްޓަރ ސުހޭލު އަތަށްދެމުން ޝިފާޒު ބުނެލިއެވެ.
” އިޓްސް އަ މެޗް. ” ސުހޭލުއަށް ގަނޑު ބަލާލާފައި ބުނެލެވުނެވެ.
” ލައްބަ. ” ސުހޭލުގެ މޫނަށް ބަލާލަމުން ޝިފާޒު ބުނެލިއެވެ.
” ކޭސް ސޯލްވްޑް. ދެން އޮތީ އެއީ ކިހިނެއްވެގެން ހިނގިކަމެއްތޯ ބެލުން. މީޑިއާގެ މީހުން ތިބޭނެ މިހާރު ރެޑީވެގެން. މިކޭސްއާ ބެހޭ މަޢުލޫމާތު ހޯދަން އެމީހުން ގުޅާތާ އެތައް އިރެއްވެއްޖެ. އަހަންނަކަށް ހަމަ ޤަބޫލެއްނުކުރެވޭ އިންސާނެއްގެ ކަމެއްކަމަކަށް. މީޑިޔާއަށް މައުލޫމާތު ދޭން ޖެހޭނެ. ޤައުމުގެ ހަމަޖެހުން އަނެއްކާ އަލުން އިޔާދަކޮށްދޭންވާނެ. ޝިފާޒުވެސް ރެޑީވޭ ޕްރެސް ކޮންފަރެންސް އެއްބާއްވަން. އަހަންނަށް މިހާރު ނޫސްވެރިންނާއި ހެދި ނިދޭވަރެއްވެސް ނޫން. ކޮޮންމެ 5 މިނެޓަކުން 14 ، 12 މީހުންވަރު އެބަގުޅާ. ފޯނުން އެކަނި އަހަންނަކަށް އެމީހުން ހޭންޑްލްއެއް ނުކުރެވޭނެ. ” ސުހޭލު ބަސްތައް ފައްޗަކަށް އަމުނާލިއެވެ.
” ލައްބަ. އަދި ދެދުވަސް ފަހުން ޕްރެސް ކޮންފަރެންސްއެއް އެރޭންޖް ކުރާނަން. ” ޝިފާޒު ބުނެލިއެވެ.
********************
” ކޮއްކޯ. ބޭބެމެން ދެން ދަނީ. ” އެހެންބުނެ ޕަނީނޯ ހައުސް ގޭތެރެއަށް ވިލްދާން ވައްދާފައި ޔޫސުފް އަދި ދާއޫދް އެނބުުރި އެމީހުންްގެ ދުނިޔެއަށް ދިޔައެވެ.
އޭރު، ވިލްދާން ހުރީ ވަރަށް ބޮޑަށް ބިރުކެނޑިފައެވެ. ވިލްދާންއާ ދޭތެރޭ ޔޫސުފްމެން ޢަމަލުކުރީ ވަރަށް ރަނގަޅަށެވެ.
ވިލްދާން، ޢައިޝާ އަދި ދާއޫދްގެ ވާހަކައަޑުއަހާފައި ޔޫސުފް ބުނީ ވިލްދާންއަށް އެންމެ ރައްކާތެރި، ރަނގަޅު ގޮތަކީ އިންސާނުންގެ ތެރޭގައި ހުރުން ކަމަށެވެ.
*********************
ޔޫސުފް އަދި ދާއޫދްގެ ދުނިޔެއަކީ ހިއްތަލަފުއްޓެވެ. އެއީ ހަމަ ދިވެހިރާއްޖޭގެ ރަށެކެވެ. ތަފާތަކީ އިންސާނުންނަށް އެރަށް ނުފެންނަކަމެވެ. އަދި އެރަށުގެ އެއްވެސް ޚަބަރެއް އިންސާނުންނަށް ނޭނގޭކަމެވެ.
ޔާސްމީންއާ އިނުމުގެ ކުރީގައި ދާއޫދް އުޅެމުންދިޔައީ ހިއްތަލަފުއްޓާ އެތައް މޭލެއް ދުުރުގައި އޮންނަ ޓެނޯސް ކިޔާ ދިވެހިރާއްޖޭގެ ރަށެއްގައެވެ.
އެރަށަށް ކުރިން ކިޔަނީ އެހެންނެވެ. އެންޑްރޯސްއަށް ނަން ބަދަލުވީ ކައިއަސްގޮސް އެރަށް ހިފުމުން ކައިއަސްގެ އަމުުރަށެވެ.
ކައިއަސްމެން ގޮސް އެރަށް ހިފިއިރު އެރަށުގައި ތަފާތު އެކި ހިސާބުތަކުން އައިސް އުޅޭ ޖިންނިން އުޅެމުންދިޔައެވެ.
ޓެނޯސް ނުވަތަ އެންޑްރޯސްއޭ ކިޔޭ މިރަށަކީވެސް އެއްވެސް އިންސާނަކަށް ފެންނަ ރަށެއް ނޫނެވެ.
ހިއްތަލަފުށިވެސް އަދި އެންޑްރޯސްވެސް ފެންނަނީ ޖިންނިންނަށެވެ.
*******************
ކައިއަސްގެ ދަރުބާރު ހުންނަނީވެސް އެރަށުގައެވެ. ލިބިފައިވާ ރަސްކަމުގެ ޖިންނި ބާރުގައި ކައިއަސްއަށް މީހުންނާއެކު އޭނާގެ ގަނޑުވަރުތައް ދަމާފައި ގެނެސް އެއްރަށުން އަނެއް ރަށަށް ލެވެއެވެ.
ކައިއަސް އެރަށަށް އައިސް އޭނާގެ ވެރިކަން އެރަށުގައި ފެށުމުން ބައެއް ޖިިންނީން އެރަށުން ދުރަށް ދިޔައީ އެމީހުންގެ މިިނިވަންކަން ގެއްލޭނެތީއެވެ.
އެހެންނަމަވެސް، އެރަށް އޭރު އޮތީ ވަރަށް ބޮޑަށް ތަރައްްޤީކޮށްލާފައެވެ. ހީވަނީ ހަމަ ފިލްމުތަކުގައި ފެންނަ ފަދަ އޭލިއަން ދުނިޔެއެއްހެންނެވެ. ވަރަށް އެޑްވާންސްޑް ޓެކްނޮލޮޖީއާއެކުގައެވެ.
މީގެ ކުރިން އިންސާނަކަށް ނުފެންނަފަދަ މޮޅެތި އީޖާދުތައް އެރަށުގައިވެއެވެ.
*******************
އެންމެފުރަތަމަ އެންޑްރޯސްގައި ދިރިއުޅުނީ ދިވެހި ޖިންނީންނެވެ. އޭރު، އެރަށުގެ ނަމަކަށް ކިޔަނީ ހަނޑޫފުއްޓެވެ. ދެން މަޑުމަޑުން ކަންކަން ބަދަލުވަމުން އައިސް ހަނޑޫފުށި ޓެނޯސްއަށް، އަދި ޓެނޯސް އެންޑްރޯސްއަށްވީއެވެ.
ހަނޑޫފުށި ޓެނޯސްއަށް ބަދަލުވުމާއި ދޭތެރޭގައި ވެސް އެރަށުގެ ނަން އެކިފަހަރުމަތީން ބަދަލުވެފައި ހުއްޓެވެ. އެކި ރަސްކަންތަކުގައެވެ.
********************
ދިވެހިރާއްޖޭގެ ދިވެހިން އަބަދުވެސް އަޑުއަހަނީ ދިވެހިރާއްޖޭގައި އިންސާނުންގެ ތެރޭގައި އެކި އެކި ރަސްކަލުން ރަސްްްކަން ކުރި ވާހަކައެވެ.
ބޮޑުތަކުރުފާނުވާހަކައެވެ. ނޫނީ އަލިރަސްގެފާނު ވާހަކައެވެ.
އިންސާނުންނަށް ނުފެންނަ ފަށުގައި ޖިންނީން ކުރަމުންދާ ރަސްކަމާ ވެރިކަމުގެ ވާހަކައެއްގެ އަޑެއް ދިވެހީންނަކަށް ނީވެއެވެ.
*******************
ހަޤީޤަތަކީ އިންސާނުންގެ ތެރޭގައި ތިބޭ މުސްލިމުން ކުރާ ހަނގުރާމަތަކުގައި މުސްލިމު ޖިންނީންވެސް ބައިވެރިއެވެ.
ދިވެހިރާއްޖޭގެ މުސްލިމުކަން ދެމެހެއްޓުމަށް ކުރެވޭ ހަނގުރާމަތަކުގައި އިންސާނުންނަށް ނޭނގި ނަމަވެސް މުސްލިމު ދިވެހި ޖިންނީން ބައިވެރިވެއެވެ. އެއީ އެކަން ހިނގާގޮތެވެ.
އެމީހުން ސިފަ ބަދަލުކޮށްގެން ބުރުގާއަކާއެކު ރަންފައްޓަރުބައެއް އަޅާ، ފޭއްޔެއް އަނދެ ރަތް ލިބާހެއް ލައިގެންވެސް ތިބެދާނެއެވެ. އަދި ފިރިހެން ޖިންނީން ފޭއްޔެއްލައި ބޮލުގައި ފޮށާ އޮޅާފައިވެސް ތިބެދާނެއެވެ.
*******************
” ރިޔާ އަވަހަށް އާދޭ. ” ޕަނީނޯ ހައުސްތެރެއަށް ވަތް ރިޔާޝާއަށް މަރުހަބާކިޔަން ޝައިހާ ދޮރުމަތީގައި ހުއްޓެވެ. ރިޔާހުރީ ކުޑަކުޑަ ދެކުދިން ގޮވައިގެންނެވެ. ގާތުގައި ޝައިމް އަދި އިރުފާން ހުއްޓެވެ.
” ވަރަށް ކަނޑުގަދަ މިއަދު. އަހަރެން ވަރަށް އެބަ ހޮޑުލަވާ. ” ރިޔާ ހުރީ މޭނުބައިކޮށްފައެވެ.
ކުޑަ ދެކުދިން ރިޔާގެ އަތުން ދޫކޮށްލާފައި އެޕާޓްމެންޓް ތެރޭގައި ދުވަން ފެއްޓިއެވެ. އެމަންޒަރު ބަލަން ޝައިހާ ފެންކަޅިވެފައި ހުއްޓެވެ. ޝައިހާއަށް ދެން ދަރިއަކު ނުހޯދޭނެކަން އެނގޭތީއެވެ.
އަޑުގަދަވެގެން އިރުކޮޅަކުވެސް ވިލްދާންވެސް ކޮޓަރިން ނުކުތެވެ.
” އެއްވެސް ކަނޑެއް ގަދައެއްނޫން. އެއީ ރިޔާ ކަނޑުމައްޗަށް ދެރަވީމަ ވީގޮތެއް. ” އިރުފާން ބުނެލިއެވެ.
” އަހަރެމެން ތިބެނީ ހަސްމެން ގޭގައި. ޝައިހާ ބުނީމަ އަހަރެމެން މިކޮޅަށް ބަދަލުވާނަން. ” މާނޭވާއެއްލަމުން ރިޔާ ބުނެލިއެވެ.
” އަހަންނަށް ފެންނަނީ ރިޔާމެން އަހަރެމެން ކުއްޔަށްދީފައިހުރި އެޕާޓްމަންޓްއަށް ބަަދަލުވާން. އެ އެޕާޓްމެންޓް ދޫކޮށްލާނެ އެތާ ތެރޭ ތިބި މީހުން ދެދުވަހެއްގެ ތެރޭ. ” ރިޔާގެ އަތަށް ޖޫސްތައްޓެއް ދިއްކޮށްލަމުން ޝައިހާ ބުނެލިއެވެ.
” އަހަރެން މިހާރު އޮންނާނީ ޖެންޑަރ މީހުންނާ މަޝްވަރާކޮށްފައި. ވިލްދާންއަށްވާ ވަރަށް ލާރިދެން ދޭނީ އެމީހުން. އަހަރެންވެއްޖެ ހުރިހާ ޑޮކިއުމެންޓްސް ތަކެއް ސަބްމިޓްކޮއްފަ. އެއީ އެކަހަލަ އެކަނިވެރި ކުދިންނަށް ދޭ އިނާޔަތެއް. މަހަކު 5000 ރަނގަޅެއްނު. ދެން ވިލްދާންއަށް ޚަރަދުކުރާކަށް ނުޖެހޭނެ. ” ޝައިހާވަނީ ވިލްދާންގެ މުސްތަޤްބަލާއި ދޭތެރޭގައި ވިސްނުންތެރި ފިޔަވަޅުތަކެއް އަޅާފައެވެ.
އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ، ރިޔާއަށް ވިލްދާން ފެނުނެވެ.
” އާނ އެންމެ ރަނގަޅު. ވިލްދާން އާދެބަލަ. ދައްތަ ގާތަށް. ބަލާބަލަ މިތިބީ ޓްވިންސް. ” ވިލްދާންގެ އަތުގައި ހިފަމުން އޭނާގެ ކޮލަށް ރިޔާ ވަރަށް ލޯބިން ދޮނެއްދިނެވެ.
އޭރު ރިޔާގެ ޓްވިންސް ކުޑަ ދެއަންހެންކުދީން އެތާއިން ކުޅޭކުޅޭ ފުޓްބޯޅައަކާއި ކުޅެމުންގެންދިޔައެވެ.
” ދައްތަ މިއައީއޭ ވިލްދާން. ދެން ވިލްދާން އެއްވެސް ކަމަކާ ދެރަވެ ފިކުރުކުރާނެކަމެއް ނެތް. ” ރިޔާ، ވިލްދާންގެ ހިތްހަމަޖައްސައިދިނެވެ.
ވިލްދާންއަށް ރޮވުމާއެކު ރިޔާގެ ގައިގައި ބައްދާލެވުނެވެ. ރިޔާ ވިލްދާންގެ ބޮލުގައި ފިރުމާލިއެވެ.
(ނިމުނީ)


