ޒާޔާ-2 (ސޯޅަވަނަ ބައި)
އެރެއަށް މަސައްކަތް ނިންމައިލުމަށްފަހު ޒާޔާއަށް އެނދުގައި ބުރަކަށި ޖައްސައިލެވުނުއިރު ބާރަ ގަޑި ބައި ވަނީއެވެ. ބޯ ދަށަށް އަތް ލައްވައިލައިގެން އޮތް ޒާޔާ ވިސްނަމުން ދިޔައީ މި ވާހަކަތައް ޒާމިލާ ޚިއްޞާ ކުރާނެ ގޮތަކާ މެދުއެވެ. އޭނާގެ ދަރިފުޅު ވެސް މަސައްކަތް ކުރަނީ އެ އިދާރާގައި ކަމަށް ވާތީ ހުރިހާ ވާހަކަތަކެއް ޚިއްޞާ ކުރަން އެންމެ އެކަށޭނަ މީހަކީ ޒާމިލްކަމަށް ޒާޔާއަށް ޤަބޫލުކުރެވުނީ އެހެންވެއެވެ. ޒާމިލް ނޫނަސް ލާއިމް އަދި ބައްޕަގެ ފަރާތުން އެހީތެރިކަމާ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ އިތުބާރާ ޔަޤީންކަމާއެކީ، އެރޭގެ އަރާމު ނިދި ލިބިގަތުމަށްޓަކައި ޒާޔާ ދެ ލޯ މަރައިލިއެެވެ.
********
ދަންވަރު ޑިއުޓީ އަދާކުރުމަށްފަހު ޒާމިލަށް ގެއަށް އާދެވުނީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ. ކޮޓަރިއަށް ވަދެ އެނދުމަތި ފެނުމުން މީހާއަށް އިހުސާސްވަމުންދިޔަ ވަރުބަލިކަން އިތުރުވެގެން ދިޔަ ކަހަލައެވެ. ޔުނީފޯމު ބަދަލުކުރުމެއް ނެތި ޒާމިލް އެނދުގައި އޮށޯތެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭ ޒާމިލަށް ނިދުނީ މީހާ ލޮޑުވެފައި ހުރުމުގެ ސަބަބުންނެވެ.
ފަތިހު ލޮލުފިޔަ ޖެހުނު ގޮތަށް ނިދިފައި އޮތް ޒާމިލަށް ހޭލެވުމާއެކު އަވަހަށް ތެދުވެވުނެވެ. އަދި ގަޑި ބަލައިލިއިރު މެންދުރުކުރި 11:00 ހިނގީއެވެ. އެނދުން ތެދުވެގެން ގޮސް އަލަމާރި ކައިރިއަށް ދެވުނުއިރު މީހާ ހުރިގޮތް ރޭކާއިލީ ދެނެވެ. އިސްތަށިގަނޑު ކޮންމެވެސްވަރަކަށް ހޭވިފައިވީއިރު ލައިގެން ހުރި ޔުނީފޯމުގައި ވެސް ހުރީ ރޫ ޖެހިފައެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސައިލެވުނީ މާ ގިނައިރު ނިދުނީތީ އެކަމާ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޒާމިލް ފެންވަރަން ދިޔައެވެ.
*********
ކާފަގެ ފައިގައި ތެޔޮ ދަމާދީ ނިމުމުން ލާއިމް ނިހާންގެ ކޮޓަރިން ނުކުތެވެ. އަތް ދޮންނަން ބަދިގެއަށް ވަތްއިރު މަންމަ މެންދުރަށް ކައްކަން އުޅެއެވެ. “ދަރިފުޅު ކާފަ ގޮވައިގެން ދައްޗެ މިސްކިތަށް. ކޮބާ ދޮންބެ؟ މިއަދު މަންމައަށް ނުވެސް ފެނެ.” ޒާޔާ ބުންޏެވެ. އޭނާ ހުރީ ކެބިނެޓް ކައިރީ ތަރުކާރީ ކޮށާށެވެ. “ނޭނގެ.” ލާއިމް ދިނީ ކުރު ޖަވާބެކެވެ. އެކަމަށް ޒާޔާ މާ ބޮޑަކަށް އަޅައެއްނުލައެވެ. އެހެނިހެން ކަންކަމަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް އޭނާގެ ސިކުނޑި ތެރޭ އެތައް ކަމެއް ރޭވެމުން ދިޔައެވެ.
ޒާޔާ ހިތަށް އެރިއެވެ. ކުރަން މިއުޅޭ ކަންތައްތަކަކީ މާ ފަސޭހައިން ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ފިރިމީހާ ޖަލުގައި އޮތިއްޔާ އޭނާ އެތަނަށް ލެވޭނީވެސް ޤާނޫނާ ޚިލާާފުވީމައެވެ. ޤާނޫނާ ޚިލާފަށް ލިއަމް ކޮށްފައިވާނެ ކަމެއް ޒާޔާ އެކަނި ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން އަންހެން ދަރިފުޅު ޒަމްލާއެވެ. އެ ދަރިފުޅު ހޯދަން ޒާޔާއަށް އިޒްވާގެ ގެއަށް މިހާރު ވެސް ދެވިދާނެއެވެ. އެކަމަކު އެއީ ޒާޔާ އެކަނި، ކުރަން ވެއްޖެއްޔާ އުނދަގޫވާނެ ކަމެކެވެ.
މިހާ ދުވަހު އެއްފަަސްގަނޑެއްގައި އުފަން ދަރި ފޮރުވައިގެން އުޅޭނީ ސަހަލު ސަބަބެއް އޮވެގެން ނޫންކަން ޒާޔާއަށް ވިސްނެއެވެ. ދެބަފައިން އެއްދުވަހެއްގައި ވީނުވީއެއް ނޭނގި ގެއްލުން އެއީ އިއްތިފާގެއް ނޫނެވެ. އެއީ އިޒްވާގެ މަކަރުވެރި ރޭވުމުގެ މޮޅުކަމުން ހިނގި ހާދިސާތަކެވެ. އެވަރު ޒާޔާއަށް މިއަދު ވިސްނިއްޖެއެވެ.
ހަދާނެ ގޮތަކާ މެދު ވިސްނަން ހުއްޓައި ޒާމިލް ކޮޓަަރިން ނުކުމެގެން އަންނަތަން ފެނުނެވެ. “މަންމާ.. ވަރަށް ބަނޑުހައިވޭ އެބަ.” ކާމޭޒު ކައިރީ އިށީންނަމުން ޒާމިލް ބުންޏެވެ.
ކެބިނެޓުގެ ކަނެއްގައި ބަހައްޓާފައި ހުރި އަވަން ތެރެއިން ކުޑަ ބޯ ތަށީގައި ހުރި ސޭންޑްވިޗް ޒާމިލަށް ދިނެވެ. މިއަދު ހެނދުނުގެ ސަޔަށް ޒާޔާ ތައްޔާރުކުރީ ޗީޒް ސޭންޑްވިޗެވެ. ޒާމިލް ސައިނުބޮއެ ހުރީތީ ޒާޔާ ސޭންޑްވިޗް ކޮޅެއް ބެހެއްޓީއެވެ. އެއީ އަބަދުވެސް ޒާޔާ ކަންކުރާ ގޮތެވެ. އެ ގޭގައި އޭނާ ތައްޔާރުކުރާ އެއްވެސް ކާ އެއްޗެއް އޭނާގެ ދަރިންނާއި ބައްޕައަށް ނުދީ ނުހުންނާނެއެވެ.
**********
ދުވަހުގެ އިރު އޮއްސިގެން ދިޔައީ ގަޑިއިރެއް ފާއިތުވެދާހާ ހަލުވިމިނެއްގައެވެ. އިރުގެ އަލިކަން މަޑުމަޑުން ކެނޑެމުން ގޮސް މުޅި އުދަރެހުގައި އަލިފާން ކުލަ ފެވިއްޖެއެވެ. އެއާއެކު މުޅި ސަރަހައްދަށް ނާމާންކަން ފެތުރެން ފަށައިފިއެވެ. ނަމަވެސް، ތޮއްޖެހިފައިވާ މަގުތައްމަތީ ހޭލަމޭލަވެ އުޅޭ މީހުންނަށް އެ ނާމާންކަން އިހުސާސްނުވާފަދައެވެ.
ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިލުމަށްޓަކައި އެޅިފައިވި ބްރިޖު ދަށުގައި މަލައިކާ ހުއްޓެވެ. މަލައިކާ ހުރީ އެތާ ތިބި އެއްވެސް ބަޔަކަށް ހިލަމެއްނުވާނެ ފަަދައިންނެވެ. އެހެން ހުރިއިރު އެ ތޫނު ދެލޮލުގެ ކަޅި ދެކޮޅަށް ދެކޮޅަށް ހަރަކާތް ކުރެއެވެ. މަލައިކާގެ ލޮލުގެ ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް ކަމެއް ނުވަތަ އެއްޗެއް ހޯދަން އުޅޭކަން އެނގިގެންދެއެވެ.
ހުޅުމާލޭގައި ހުރި މެގަ މޯލް ކައިރިން ދުއްވަމުން ދިޔަ އެއަރ ބްލޭޑް ސައިކަލުގެ އަޑު މަލައިކާގެ ތޫނު ކަންފަތަށް އިވުނު ހިނދު އޭނާގެ ސަމާލުކަން އެކީ އެއަޑަށް ހުއްޓުނެވެ. އެހެން ހުރެ މަލައިކާ ދެ ލޯ މަރައި ތަގުޅި ކޮށްލިއެވެ. މަލައިކާ ނޫން އެހެން ޖިންނިއަކަށް ލިބިދީފައިނުވާ ބާރަކުން އެ ސައިކަލު ދުއްވަން އިނީ ކާކުތޯ އޭނާގެ ތޫނު ސިކުނޑިން ހޯދައިގަތެވެ. އެންމެ ސިކުންތުކޮޅަކު ވެސް މަޑުކުރުމެއްނެތި މަލައިކާ ދެއަތް ފުޅާކޮށްލުމަށްފަހު އެ ހުރި ގޮތަށް މައްޗަށް އަރަން ފެށިއެވެ.
އެއްވެސް ހުރަހަކާ ނުލައި ބްރިޖް ތެރެއިން ފޭދިގެން މަލައިކާ އޭގެ މައްޗަށް އެރިއެވެ. ބްރިޖު މަތިން އުޅަނދުތައް ދުއްވަމުން ދިޔަ އެއްވެސް ފަރާތަކަށް މަލައިކާ ނުފެންނަ ފަދައެވެ. އަދި މަލައިކާގެ ކުރިމަތިން އަންނަ ކޮންމެ ސައިކަލެއް ނުވަތަ ކާރެއް ވެސް ކުރިއަށް ދަނީ މަލައިކާގެ ހަށިގަނޑު ތެރެއިން ފޭދިގެންނެވެ.
މަލައިކާގެ އަމާޒު ހިފާފައިވާ ސައިކަލު ބްރިޖާ ސީދާވާ މަގުން ދުއްވާފައި އަންނަތަން މަލައިކާއަށް ފެނުނު ހިނދު މަލައިކާގެ ސޫރަ ބަދަލުކުރަން ފެށިއެވެ. އަނގައިގެ ބޭރަށް ނުކުމެފައިވާ ފޭރާ ދަތްތައް ފެންނަވަރަށް ހިނިތުންވެގެން މަލައިކާ ހުރީ މާ ރަނގަޅުކަމެއް ކުރަން ހިތުލައިގެނެއް ނޫނެވެ. ސައިކަލުގެ ހުދު ލައިޓު މަލައިކާއާ އަރާ ހަމަވިއިރު، އެ ދުއްވަން އިން މީހެއްގެ ލޮލަށް އޭނާ ފެންނާނެ ފަދައިން އެ ހުރިތަނަށް ފާޅުވިއެވެ.
********
ފުދޭވަރަކަށް ބާރު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން އައި ރާމިޝްއަށް ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސައިލެވުނީ ކުރިމަތިން ޒަމްލާ ފެނުނުހެން ހީވެގެންނެވެ. ފަހަތުން އައި ސައިކަލެއް ދުއްވަމުން އައީ ރާމިޝްގެ ސައިކަލު އެކަހަލަ ތަނެއްގައި ކުއްލިއަކަށް ހުއްޓާނެކަން ރޭކައިނުލައެވެ. އެ ސައިކަލު އައި ބާރުމިނުގައި ރާމިޝްގެ ސައިކަލުގައި ޖެހި ރާމިޝް ތަންކޮޅެއް ދުރަށް ވިއްސައިގެން ދިޔައެވެ.
**********
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ޚަބަރުތައް މީސްމީޑިއާގައި އެހާ އަވަހަށް ފެތުރެން ފަށައިފިއެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީތަކަށް އެ އެކްސިޑެންޓުގެ ވާހަކަ ތިލަވެގެން ދިޔައެވެ. ކޮންމެ ނޫސްވެރިއެއް ވެސް ސުވާލު އުފައްދަމުން ދިޔައީ ރާމިޝް ދުރަށް ވިއްސައިގެން ދިޔައިރު އޭނާއަށް ބޮޑު އަނިޔާއެއް ލިބިފައިނުވީތީއެވެ. އެއީ އިންސާނެއްގެ ހަމަ ބުއްދިއަށް ވިސްނައިގަންނަން އުނދަގޫ ކަމެކެވެ.
އެކްސިޑެންޓަށްފަހު ތަހުގީގީ ފުލުހުން އެ ސަރަހައްދަށް ހާޒިރުވެ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރިއެވެ. އޭގެން ކޮންމެ މީހަކުވެސް ސުވާލު އުފައްދަމުން ދިޔައީ ރާމިޝް ސަލާމަތްވި ގޮތަކާ މެދުއެވެ. އެކިވަރުގެ ކުދި ޒަޚަމްތަކުގެ ނިޝާން ރާމިޝްގެ ގައިން ފެންނަން ހުއްޓެވެ. ފުލުހުން ރާމިޝްއާ އެތައް ފަހަރަކު އެކި ގޮތްގޮތަށް ސުވާލުކުރުމުން ވެސް ރާމިޝްގެ ޖަވާބު އެމީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭވަރުގެ ޖަވާބަކަށް ބަދަލެއް ނުވެއެވެ. ކޮންމެ ފަހަރަކު ރާމިޝް ބުނަނީ ކުރިމައްޗަށް އަންހެން ކުއްޖަކު އެރީ ކަމަށެވެ.
“އެކަމަކު އެގޮތަށް އަންހެން ކުއްޖަކު ބްރިޖަކަށް ނާރާނެ ކަންނޭނގެ. އާއްމުން ހިނގަން ހާއްސަ ބައެއް އެއޮތީ. އެތަނުގަ މީހުން ހިނގާނީ. އަންހެން ކުއްޖަކަށް ވެސް އެތަނުން ފުންމާލާފަ ނޭރޭނެ. އަހަންނަށް ގަބޫލުކުރެވޭ ގޮތް މިބުނީ.” ޒާމިލް ބުންޏެވެ. އެކްސިޑެންޓުގެ ޚަބަރު ލިބުމާއެކު އޭނާގެ ޓީމާއެކު އެތަނަށް ތަހުގީގު ކުރަން ހާޒިރުވީއެވެ. “އަހަރެން ހަމަ ހުވާކޮށްފަ މިބުނަނީ އެ ކުއްޖާ އެރީ މަގޭ ސައިކަލު ކުރިމައްޗަށް. އަހަންނެއްވެސް ބޭނުމެއް ނުވާނެ ދޯ ފުރާނައެއް ދުއްވާލާކަށް.” ރާމިޝް ވާހަކަދެއްކިއެވެ. އޭނާ ވާހަކަދެއްކިއިރު އޭނާއަށް ތަދު އިހުސާސްވަމުންދާކަން އެ އަޑުން ފާހަގަވެއެވެ. އަދި ހިނގައިދިޔަ ހާދިސާއާމެދު ކޮންމެވެސްވަރަކަށް ރާމިޝް ހުރީ ބިރުގަނެފައެވެ. ޚުދު ރާމިޝްވެސް ހައިރާންވެފައިވީ އޭނާ ވިއްސައިގެން ދިޔައިރު ބޮޑު އަނިޔާއެއް ނުލިބި އޭނާ ސަލާމަތްވީތީއެވެ. ރާމިޝްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގުމުން އެންމެ ފުލުހެއް ފިޔަވައި ދެން ތިބި ބަޔަކު އެތަނުން ހިނގައިގަތެވެ. އަދި އެމީހެެއްގެ މަސައްކަތައިގެން އެމީހަކު އުޅުނެވެ.
“ތީ އަޅުގަނޑަށް ކޮންމެވެސް ތާކުން ފެނުނު މީހެއްހެން ހީވެ. ކޮން ނަމެއް ކިޔަނީ؟” ޒާމިލް އެހިއެވެ. “ރާމިޝް.” ރާމިޝްގެ ނަން ބުންޏެވެ. “ކޮން ކުއްޖެއް ފެނުނީ ރާމިޝްއަށް؟” ޒާމިލް އެހިއެވެ. ރާމިޝް އެ ސުވާލަށް ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. އެއީ އޭނާ ބުނާ ވާހަކަ ޤަބޫލުނުކުރާނެތީއެވެ. ދިމާވީ ބުއްދި ސަލާމަތުން ހުރި އިންސާނަކަށް ޤަބޫލުކުރެވޭނެވަރުގެ ހާދިސާއެއް ނޫނެވެ. ރާމިޝްގެ މޫނުމަތީގެ ކުލަވަރުތައް ޒާމިލަށް ދެނެގަނެވުމާއެކީ ރާމިޝް ގާތުގައި ހަމަޖެހިލުމަށް ބުންޏެވެ. އަދި ކޮންމެ ވާހަކައެއްވެސް ފަސްޖެހުމެއްނެތި ކިޔައިދިނުމަށް ޒާމިލް އެދުނެވެ.
“ޒަމްލާ.” ބުނަން ނުބުނަން ހުރެފައި ރާމިޝް ބުންޏެވެ. “ކީކޭ؟ އަދި އެއްފަހަރު.” ޒާމިލްގެ ކަންފަތަށް އިވުނު އަޑާމެދު ޝައްކުވެގެން އަނެއްކާވެސް އޭނާއަށް ސުވާލުކުރެވުނީއެވެ. ރާމިޝް އޭނާ ބުނި ނަން ތަކުރާރުކުރިއެވެ. ދެންވެސް ޒާމިލަށް ޤަބޫލުކުރަން ދަތިވީއެވެ. ރާމިޝްގެ މޫނަށް ޒާމިލަށް ބެލެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. ރާމިޝްއަށް އުނދަގޫވިއެވެ. އަދި އަވަހަށް އެތަނުން ދާން ބޭނުންވީތީ ތަދުވާ ވާހަކަ ބުންޏެވެ. ޒާމިލް އެކަމަށް ހުއްދަ ދިނެވެ.
ޒާމިލަށް ރާމިޝްގެ ފަރާތުން މި ލިބުނީ ފެހި ސިގްނަލެއް ނޫންބާވައެވެ. ޒަމްލާ ކިޔާ ކިތަންމެ އަންހެން ކުއްޖަކު މި ރާއްޖޭގައިވެސް އުޅޭނެއެވެ. އެކަމަކު ކުރެވުނު ޝައްކު ޔަޤީން ކުރަން އެބަ ޖެހެއެވެ. ރާމިޝް ދުއްވި ސައިކަލު ކުރިމައްޗަށް އެރީ އޭނާގެ ކޮއްކޮ ކަމަށްވާނަމަ ކޮއްކޮ ކޮބާހެއްޔެވެ؟ އަނެއްކާ ރާމިޝްއަށް ޒަމްލާގެ ނަން އެނގޭނީ ކޮންމެވެސް ގޮތަކުން އެކުއްޖާ ދަންނާނެތީއެވެ. އެ ކުއްޖަކީ ކާކުކަން ނުދަންނަ ނަމަ ރާމިޝްއަށް ޖަވާބު ނުދެވުނީހެވެ.
ކޮންމެއަކަސް ތަހުގީގީ މަރުހަލާ ނިންމާލާ އެ ސަރަހައްދު އާއްމުންނަށް ހުޅުވައިލައިފިއެވެ. އެތާ ފުލުހުން ހަރަކާތްތެރިވަމުން ދިޔައިރު އެއްވެސް ކަމެއް އުނި ނުވާނެހެން ހުރިހާ ކަމެއް ގާތުން ބެލި އެކަކު އެތާ ހުއްޓެވެ. އެއީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މައިގަނޑު ސަބަބެވެ. އެކްސިޑެންޓް ހިނގުމުގެ ފަހަތުގައިވި މަޚްލޫޤެވެ.
**********
ޒަމްލާގެ ސިފައިގައި މަލައިކާ ރާމިޝްގެ ކުރިމައްޗަށް އެރީ އޭނާއަށް ރަނގަޅު ފިލާވަޅެއް ނަގައިދޭނަމޭ ހިތާއެވެ. އެއީ މިފަހަކަށް އައިސް ރާމިޝްގެ ޢަމަލުތައް ހުންނަ ގޮތުން ޒަމްލާއަށް އުނދަގުވަމުން ދާތީއެވެ. މަލައިކާ ޤަބޫލުކުރާ ގޮތުގައި ބޮޑު އިފުރީތަކާ އޭނާއަށް ހަނގުރާމަކުރަން ޖެހުނީ ވެސް ރާމިޝްއާ ހެދިއެވެ.
ރާމިޝް ދުރަށް ވިއްސައިގެން ދިޔަ ހިނދު ދެ އަތް ދިގުކޮށްފައި ރާމިޝްގެ ގައިގައި ހިފެހެއްޓީ މަލައިކާއެވެ. އެ ދިޔަ ގޮތަށް ރާމިޝް ހިފަހައްޓާފައި އޭނާގެ ގައިން އަތް ދޫކޮށްލުމުން ރާމިޝް ބިންމައްޗަށް ވެއްޓި ޒަޚަމްވީއެވެ.
ދުރުން ފުލުހަކާ އެކު ދިޔަ ރާމިޝްއަށް ބަލަހައްޓައިގެން މަލައިކާ ހުރިއިރު މަޑުމަޑުން އޭނާގެ އަސްލު ސިފައަށް ރުޖޫޢަވަމުން ދިޔައެވެ. ރާމިޝްގެ މިޞްރާބު ހުރީ މަލައިކާގެ ލޮލަށް ނުފެންނަހާ ދުރުގައި ކަމުގައި ވިޔަސް އޭނާގެ ލޮލަށް އެ މަންޒަރު ފެންނަ ފަދައެވެ. މަލައިކާގެ ހިތުތެރޭ ރާމިޝްއާ ދޭތެރޭ ނަފްރަތުގެ ނުބައި އިޙުސާސް ނޫން އެއްޗެއް ނުވެއެވެ. އެ އިޙުސާސްގެ ދަލުގައި ޖެހިފައިވަނީ ހަމައެކަނި ރާމިޝްއެއް ނޫނެވެ. ޒާޔާގެ އާއިލާއަށް، ވަރުގަދަ ހަތިޔާރުން ނޫނަސް ހަމަލަ ދޭ ކޮންމެ އިންސާނެއް ވާނީ އެ ދަލުގައި ޖެހިފައެވެ.
**********
އުދަރެހުގައި ވެރިކަންކުރަމުން ދިޔަ އަލިފާން ކުލައިގެ އަލިކަން މަޑުމަޑުން ކެނޑެމުން ގޮސް ކަޅު ސާލަކުން އުޑުމަތި އަނދިރިކޮށްފިއެވެ. ކިރިޔާވެސް އަލިކަމެއް އުޑުމަތިން ފެންނަނީ އުކާލެވިފައިވާ ވިދުން ގަދަ މުތީތަކެއް ފަދައިން އެއްވެސް ތަރުތީބުކަމެއް ނެތި އުޑުމަތީ ވިދާ ބަބުޅަމުން ދިޔަ ތަރިތަކުގެ ސަބަބުންނެވެ. އަދި އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދުގެ ސަބަބުން މާލޭގެ މަލަމަތި ހަނދުވަރުގެ އަލިން ދިއްލިފައިވެއެވެ.
ހަނދުވަރުގެ އަލި ލިބިދީފައިވިއެއްކަމަކު ރާމިޝްގެ ތެޅެމުން ދިޔަ ހިތް ހަމައަކަށް އެޅިލަން އެންމެ އަލިކަމެއްވެސް ލިބޭކަށް ނެތެވެ. ނުތަނަވަސްކަމާ ހިތް ބިރުގަތުމުގެ ކަޅު އަނދިރި އިހުސާސްތަކުން ރާމިޝްގެ ހިތާއި މުޅި ނަފްސު ވަށައިލެވިފައިވެއެވެ. ކޮށްޓެއްގައި ބަންދުކޮށްފައި އިންނަ ކޮކާލެއް ފަދައިން އެ ގޭގައި ގެންގުޅޭ ޒަމްލާ، މަގުމަތިން ކުއްލިއަކަށް އޭނާގެ ލޯ މައްޗަށް ފެނުމުން ލިބުނު ސިހުން އަދިވެސް އެ ހިތުން ފިލައިނުދެއެވެ. އެ ބިރު ހިތުން ފިލައި ދާނީ ކިހިނަކުން ހެއްޔެވެ؟ ޒަމްލާ އެތަނުން ފެނިފައި އެހާ އަވަހަށް އެތަނުން ގެއްލުނީއެވެ. ފުލުހުންގެ އެކި ސުވާލުތައް ކުރިމަތިވަމުން ދިޔައިރުވެސް ދޭތެރެއަކުން އޭނާއަށް ޒަމްލާ ކޮބާތޯ ބެލެމުން ދިޔައެވެ. އަނެއްކާ އެހެން ކަމެއްވެސް އޭނާގެ ހިތުގެ ކަނެއްގައި ކޮށްޓަމުން ދިޔައެވެ. އެއީ ފަހުން އޭނާ ގާތުގައި މަޑުކުރި ފުލުސް މީހާގެ މޫނުމަތީގެ ސިފަތައް ޒަމްލާއާ ވައްތަރުކަމަށް ފާހަގަވުމުންނެވެ.
ޝައްކާ ވަހުމުން ފުރިފައިވި ހިތަކާއެކު ރާމިޝް ކްލިނިކުން ނުކުތެވެ. އަތުގެ ބައެއް ދިމަދިމާލުގައި ބެންޑޭޖް އަޅާފައިވުމުން އޭނާ އެ ނުކުތީ ޒަޚަމްތަކަށް ފަރުވާ ހޯދައިގެންކަން އެނގެއެވެ. ނޭނގެނީ އެ ޒަޚަމްތަކަށް ޝިފާ ލިބޭނެ ދުވަހެކެވެ.
ކޮންމެއަކަސް އެރޭ ރާމިޝްއަށް ގެއަށް ދެވުނުއިރު ނުވައެއް ޖަހަން ކައިރިވެފައިވިއެވެ. ގެެއަށް ވަދެވުމާއެކު ބަނޑުހައިކަން އިޙުސާސް ކުރެވުނެވެ. މިދިޔަ ވަގުތުތަކުގައި އުޅެން ޖެހިފައިވި ގޮތުން ހައިކަން އިހުސާސް ނުވީއެވެ.
ރާމިޝް ބަދިގެއަށް ވަތްއިރު އިޒްވާ ކާން އިން މަންޒަރު ފެނުނެވެ. މަންމައާ ބައިވެރިވެގެން ކާން ރާމިޝް ބޭނުމެއް ނުވިއެވެ. އެހެނަސް ބަނޑުހައިވެފައި ހުރީތީ އެ ނޫން ގޮތެއް ނެތުމުން ގޮސް ކާ މޭޒު ކައިރީ އިށީނެވެ.
“ރާމިޝް މިހާރު މޮޔަ ގޮވަން ފެށީތަ؟” ރާމިޝް އިށީނުމާއެކު އިޒްވާ ސުވާލުކުރިއެވެ. އިޒްވާ އެ އެހީ ކޮންކަމެއްގެ ވާހަކައެއްކަން ރާމިޝްއަށް އެނގުނެވެ. ރާމިޝް ޖަވާބެއް ނުދިނެވެ. ބަދަލުގައި އަމާނާ ގެނެސްދިން ތައްޓަށް ނޫޑްލްސް އަޅައިގެން ކާން ފެށީއެވެ. އިޒްވާއަށް އެގޮތް ކަމަކުނުދިޔައެވެ. މިއީ ދުވަހަކުވެސް ރާމިޝްގެ ކިބައިން ފެނުނު ސިފައަކަށް ނުވީތީއެވެ. “އަހަރެން އެބަ ސުވާލެއް ކުރަން ރާމިޝްއާ.” ނުރުހުންވެ ހުރެ އިޒްވާ ބުންޏެވެ. “މިހުރީ އަހަރެން ހުރި ގޮތް. އެއްފަހަރުވެސް އަހަރެންގެ ހާލު އަހައިލިއްޔަ ކީއްވާނީ؟ އަހަރެން އެކްސިޑެންޓްވެގެން އުޅޭކަން މަންމައަށް ނޭނގުނުތަ؟ އަހަރެން ދުރަށް އެއްލިގެން ދިޔަ ވަގުތު ހީވި މިއީ އަހަރެންގެ ފަހު ދުވަހޭ. އެކަމަކު އަހަރެން ސަލާމަތްވީ ކިހިނެއްކަމެއްވެސް އަހަންނަކަށް ނޭނގެ. މަންމަ އެއްވެސް އެއްޗެކޭ ހިތަށް އަރާތަ؟” ފުރަތަމަ ފަހަރަށް ރާމިޝް އިޒްވާގެ ކުރިމަތީ ޝަކުވާ ކުރިއެވެ. މި ނޫނީ ރާމިޝްއަކީ ޝަކުވާ ކުރާ މީހެއް ނޫނެވެ. ލިބިފައިވާ މިނިވަންކަމާ ތަނަވަސްކަމުގައި އެހެން މީހުންގެ ކަންކަމަށް އަޅައިނުލައި އުދުހެމުން ދިޔަ މީހެކެވެ. އެކަމަކު މިއަދު މީހެއްގެ އެހީތެރިކަން އޭނާއަށް އެބަ ބޭނުންވެއެވެ.
ރާމިޝް ކުރި ޝަކުވާއަށް އިޒްވާ އެއްވެސް އެއްޗެއް ނުބުންޏެވެ. އަވަސްއަވަހަށް ކައި ނިންމާލައިގެން އެތަނުން ދިޔައީއެވެ. މީހުންގެ ފަރާތުން އިވޭ ޝަކުވާތައް އަޑުއަހައި މީހުންނަށް އެހީތެރިވުމަކީ އިޒްވާގެ ކިބައިގައި ނެތް ސިފަތަކެކެވެ. އެއީ އޭނާގެ އަމިއްލަ ދަރިފުޅުކަމުގައި ވިޔަސް ވެހެވެ. މީހުން ދެރަވެ، ރޯ މަންޒަރު ދުށުމަކީ އިޒްވާގެ ހިތަށް ކުޅަދާނަވާނެކަމެއް ނޫނެވެ. އެހެން މީހުނާ ޚިލާފަށް އެފަދަ މަންޒަރުތައް ފެނުމުން އިޒްވާގެ ހިތަށް ކެތްނުވެ، ރުޅިވެރިކަމާ ފޫހިކަމުން އޭނާގެ ނަފްސު ވާށަލައެވެ. އިޒްވާ ދެކޭގޮތުގައި މީހުން ރޮއެ ޝަކުވާކޮށް ހަދަނީ ކަންދެއްކެން ވެގެންނެވެ. ނުވަތަ ސަމާލުކަން ހޯދަންވެގެންނެވެ. ޒަމްލާގެ ދިރިއުޅުންވެސް ހަލާކުވެގެން ދަނީ އިޒްވާގެ އެ ހުންނަ ކޮށި ވިސްނުމާ ޤަބޫލުކުރުންތަކުގެ ސަބަބުންނެވެ.
އަމިއްލަ އެދުމާ ހަސަދައިން ފޯވެފައިވާ ކަޅު ހިތެއްގެ ވެރިއަކަށް ތިމާ ނޫން މީހަކު ނުފެންނާނެއެވެ. އަބަދުވެސް ވިސްނާނީ އަމިއްލަ ނަފްސަށް މޮޅުވާނެހާ ގޮތްތަކެވެ. އަމިއްލަ ނަފްސަށް ފައިދާވާނެހެން ކަންތައްތައް ކުރަން ޖެހޭއިރު އަނެކާއަށް ލިބޭނެ ގެއްލުމަކަށް ނުބަލާ ކަންތައް ކުރާތީ މައްސަލަތައް ޖެހެނީއެވެ. އެފަދަަ މީހަކާ ދެބަސްވެ، ބަހުސް ކުރިޔަސް ރަނގަޅު މަގު އެމީހަކަށް ފެނުމަށްވުރެ ނުފެނުން ގާތެވެ.
********
ޒާޔާ ދިރިއުޅޭ ގޭގައި މީހުން ތިއްބަސް އެ ގޭތެރެއަށް ވެރިވެފައި އޮތީ ހިތަށް އުނދަގޫކުރުވާ ކަހަލަ ހަމަހިމޭންކަމެކެވެ. ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގެ ޚަބަރުވެސް އޮތީ ޒާޔާމެންނާ ހަމައަށް ފޯރާފައެވެ. އެކަމަކު ޒާމިލް ގެއަށް ވަދެފައި ކިޔައިދިން ވާހަކަތަކަކީ އެންމެންގެ ހިތަށްވެސް ނޭނގޭ ލޮޅުމެއް އަރައިގެން ދިޔަ ވާހަކަތަކެކެވެ.
ޒާމިލް ކިޔައިދިން ވާހަކަތައް ޒާޔާގެ ސިކުނޑިއަށް ޤަބޫލުކުރެވުނުއިރު އޭނާ ނޫން އެހެން އެންމެން ތިބީ އޮޅުމެއްގައެވެ. ބުނާނެ ބަހެއް ނޭނގިފައެވެ. އިރުކޮޅަކު އެތާ އިނދެފައި ޒާޔާ ދިޔައީ ކޮޓަރިއަށެވެ. ޒާޔާ ދިޔަ ދިމާލަށް އެންމެންވެސް ބަލަހައްޓައިގެން ތިއްބެވެ.
“އެ މަންޖެ ވަރަށް ހިތުގަ ޖެހޭނެ. މަންމަ ހުއްޓަ ދަރިފުޅު ކީއްވެ ތި ވާހަކަތައް ތި ދެއްކީ؟” ސޯފާގައި އިށީނދެ އިން ނިހާން ބުންޏެވެ. އޭނާގެ އަޑުގައި ނުރުހުންތެރިކަމުގެ އެއްވެސް އަސަރެއް ނެތެވެ. އެހެނަސް ހިތާމައިގެ އެތައް އަސަރެއް އޭނަ ބޭރުކޮށްލި ކޮންމެ ލަފުޒަކުން ފާޅުވެގެން ދިޔައެވެ. ކާފަ އެހެން ބުނުމުން ޒާމިލަށް އިސްޖަހައިލެވުނެވެ. މަންމައަށް ވާނެ ގޮތަކާމެދު އޭނާއަށް ވިސްނައިނުލެވުނީއެވެ.
ހަސްނައިން އާއި ލާއިމް އަށް އެއްފަހަރާ ނިހާނާ ދިމާލަށް ބަލައިލެވުނެވެ. ނިހާންގެ މޫނުމަތިން ޒާޔާއަށްޓަކައިވި ކަންބޮޑުވުން ނޫން އެހެން ކުލަވަރެއް ނުފެނެއެވެ. ލާއިމަށް މަޑަކުން ނީންދެވުނެވެ. “ކާފާ. މީ ވަކި މީހެއްގެ ބޮލުގަ މިކަމުގެ ޒިންމާ އަޅުވަންވީ ވަގުތެއް ނޫންހެން ހީވަނީ. ކާފަ މަންމައާ ދޭތެރޭ ކަންބޮޑުވާވަރަށް އަހަރުމެންވެސް ކަންބޮޑުވޭ. އަހަރުންނަށް ވެސް މަންމަގެ ސިއްހަތު މާ މުހިއްމު. މަންމައާ ކާފައަށްޓަކައި ރެއާ ދުވާލު މި މަސައްކަތްކުރަނީ. އެހެން ކަމަކު ނޫން.” ލާއިމް ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.
“ތެދެއް ނިހާންބޭ. އަނެއްކަ އަހަރުންނަށް ޔަގީނަށް ބުނާކަށް ނޭނގެއެއްނު އެއީ ކޮން ޒަމްލާއެއްކަމެއް. ތި ސަލާމަތްވި މީހާވެސް އެ ބުނީތާ ކުރިމަތީ އެ ކުއްޖަ ހުއްޓަ ފެނުނީއޭ. އެކަމަކު އެ މީހަކަށް ފެނުނު ކުއްޖަކު އެތާ ތިބިހާ ބަޔަކަށް ނުފެނުނީމަ އެއީ އަޖައިބުވާވަރުގެ ކަމެއް ދޯ. ޒަމްލާއޭ ފެނުނީ އެ މީހަކަށް ބުނަންވެސް އެނގޭނީ އޭނާ ޒަމްލާ ދަންނާނެތީ” ހަސްނައިން ވާހަކަދެއްކިއެވެ.
“ނިހާންބެގެ ކާފަ ދަރިންނަށް އިތުބާރުކުރޭ. ޒާޔާ މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކަމަށް އަހަންނަށް ވިސްނެނީ. ޝަޒާ ބުނި އަހަރެން ގާތުގަ އެ ވާހަކަ. އަހަރެން ބުނާނީ ޒާމިލް އެ ވާހަކަތައް އެ ދެއްކީ ގޯސް ވަގުތެއްގައެއް ނޫނޭ.” ޒާމިލަށް ހަސްނައިންއާ ދިމާއަށް ބަލައިލެވުނެވެ. އަދި ލުއި ހީނލުމަކުން ހިނިތުންވެވުނެވެ. ޒާމިލް ހީކުރީ އޭނާއަށް ކުށެއް ކުރެވުނީ ކަމަށެވެ. އެހެނަސް ލާއިމް އާއި ހަސްނައިންގެ ވާހަކަތައް އިވިފައި ހިތުގައި އުތުރި އަރަމުން ދިޔަ ނުތަނަވަސްކަމުގެ އިހުސާސް ކޮންމެވެސްވަރަކަށް ފިލައި ދިޔައެވެ.
********
ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ ޒާޔާގެ ލޮލުން ކަރުނަތައް އޮހޮރެމުން ދިޔައެވެ. އެގޮތަށް ހިނގަން ހުރެ އޭނާ ބެލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯއެވެ. ޝަޒާ ކިޔައިދިން ވާހަކަތަކާ، ޒާޔާ ހެދި ޓްރެއިނިންގްތަކުގައި އިސްކޮށް އުޅުނު ފުލުހުންގެ ފަރާތުން ދަސްވި ކަންތައްތައް ހަނދާންކުރަމުން އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.
އެކިއެކި ގޮންޖެހުންތަކާ ކުރިމަތިވާ ކަހަލަ ބޮޑެތި ޓްރެއިނިންގްތައް ހަދައިގެން ހުއްޓެއްކަމަކު އިންސާނަކަށް ވީތީ ޖަޒުބާތުތައް ހިފަހައްޓަން އުނދަގޫވެދާނެއެވެ. ޒާޔާއަކީ ކުރީގައި ‘އިމޯޝަނަލީ’ ވަރަށް ވަރުގަދަ މީހެކެވެ. ކޮންމެ ކަމަކާ ވެސް ކުރިމަތިލީ ކެރި ހުރެގެންނެވެ. ލޮލުން ކަރުނަހިލޭ ދުވަސްތައް އަޔަސް މިހާ ހިތްބައްޔެއް އޭރަކު ނުވެއެވެ. އެހެނަސް ނޭނގި ހުއްޓާ ހިނދުކޮޅެއްގެ ތެރޭ ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅެއްގެ ސަބަބުން އޮޔާ ބެހި ދިޔައީއެވެ. އެ ބިޔަ ރާޅުތެރޭ ފަތައިގެން, މަގު ކޮށައިގެން އަމާޒު ހިފާފައިވާ ވަކި މަންޒިލަކަށް ދާން ޒާޔާއަށް ދަސްވެފައިނުވީއެވެ. ނުވަތަ ދަސްކުރި އެތައް ކަމެއް އޭނާއަށް ލިބުނު ކުއްލި ސިހުމުގައި ހަނދާނުން ފިލައިގެން ދިޔައީއެވެ.
މިއަދު މިއޮތީ ވަގުތު އައިސް ޖެހިފައިކަމަށް ޒާޔާގެ ހިތާ ސިކުނޑިން އެއްބަސްވެވުނެވެ. ޒާޔާ ދެން މަޑުން ހުންނާކަށް ބޭނުމެއް ނޫނެވެ. ލޯބިވާ ފަރާތްތައް ހޯދަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ އެ މަސައްކަތް ހުއްޓާލައިގެން ޒާޔާގެ ދިރިއުޅުމުގެ އެތައް ވަގުތެއް ބޭކާރުވެގެން ހިނގައްޖެއެވެ. ބޭކާރުވީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ޒާޔާ ފުހެލީ ހިތްވަރާއެކީގައެވެ. ހިތަށް ވެރިވެފައިވާ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތައް އެ ހިތުން ފިލުވައިލީ ދުލުން ބަޔާންކުރެވޭނެހާ ފަސޭހައަކުން ނޫނެވެ. އެހެން ހުރެ ކޮޓަރީގެ މޭޒުމަތީ ގަނޑުތަކެއް އަޅާފައި އޮތް ފައިލެއް ހިފައިގެން ޒާޔާ ކޮޓަރިން ނުކުތެވެ.
*******
ޒާޔާގެ ކޮޓަރި ދޮރު ލެއްޕުނު އަޑަށް އެންމެންވެސް އެ ދިމާލަށް ބަލައިލިއެވެ. ޒާޔާގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރުތައް ފެންނަމުން ދިޔަ ގޮތުން ނިހާންގެ ހިތަށް ތަސައްލީއެއް ލިބުނަސް އޭނާ އިނީ ވާނުވާގައެވެ. އެހާ ހަމަޖެހިލާފައިހުރެ ފައިލެއް ހިފައިގެން މި އަންނަނީ ކީއްކުރަން ހެއްޔެވެ؟
ޒާޔާ އައިސް ޒާމިލަށް އެ ފައިލު ދިއްކޮށްލިއެވެ. ސުވާލު އުފެދިފައި ހުރެ ޒާމިލް އެ ފައިލުގައި ހިފިއެވެ. އަދި ފައިލް ހުޅުވާފައި އޭގައި އޮތް ‘ޑޮކިއުމެންޓް’ ފެނުނުއިރު އެ މޫނުމަތީގެ ކުލަވަރުތައް ބަދަލުވެއްޖެއެވެ. ޒާމިލަށް ވީގޮތް ފެނި ނީނދެވިގެން ލާއިމް ސޯފާއިން ތެދުވެގެން އައިސް އޭގައި އޮތް އެއްޗެއް ބެލިއެވެ. އަދި މަންމަގެ މޫނަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ތީ އެއްނު އިޒްވާއަކީ. ތީ އަހަރެން އިން މަގާމު އަތުލި މީހަކީ. އޭނައަކީ ކޮމިޝަނަރަކަށް ކުފޫ ހަމަވާ މީހެއް ނޫން.” ޒާޔާ ބުންޏެވެ. ޒާޔާ ބުނި ވާހަކަ އިވުމުން ޒާމިލްގެ ހިތުގައި އިޒްވާއާމެދު އުފެދިފައިވި ޝައްކު ފިލާ ހިނގައްޖެއެވެ. ޒާމިލްއާ މެދު އިޒްވާގެ ޢަމަލުތައް އެހެން ހުންނަނީ ކީއްވެކަން އެނގިއްޖެއެވެ.
ޒާޔާގެ ވާހަކަތައް އިވުނު ހަސްނައިންއަށް ޝަޒާ ކިޔައިދިން ވާހަކަތައް ފަހުމުވާން ފެށިއެވެ. ނިހާން އިނީ މި ވަނީ ކީއްކަން ނޭނގިފައެވެ.
“ދަރިފުޅުމެންގެ ބައްޕައާ ތިމާގެކަމުގެ ގޮތުން ގުޅުން އޮންނަ މީހެއް އެ އިޒްވާއަކީ. އެނގޭތަ؟ ޒަމްލާ ހުރީ އެ ގޭގަ… ލިއަމް އޮތީ ޖަލު ގޮޅީގަ.” ޒާޔާގެ އަޑު ކުރެހުނެވެ. ބައްޕަގެ ޚަބަރެއް ލިބުމުން އެންމެ ފުން އަސަރުތަކެއް ކުރުވީ ޒާޔާގެ ދެ ދަރީންނަށެވެ. ޒާމިލްގެ ހިތަށް އެރިއެވެ. ފުލުހުންގެ ޚިދުމަތުގައި އޭނާ މަސައްކަތްކުރިހާ ދުވަހު އޭނާގެ ބައްޕަ ޖަލުގައި އޮތްކަން އޭނާއަށް ނޭނގޭނީ އެތަނުގައި ހާދަ މަކަރުވެރިންނެއް ތިބީމަތާއެވެ.
“ތިބުނާ މީހަކު އަހަރުންނަށް އަންގާވެސް ނުލާ ދޮނާ ގެންގުޅޭނީ ނިކަން ގޮތެއް ނެތީމަ.. ދޮންބެ ހިނގަ މިހާރު އެ ގެއަށް ދާން.” ލާއިމްގެ އަޑުގައި ހިތާމައާއި އެއްވަރަށް ރުޅިވެރިކަން ވެރިވެފައިވެއެވެ. “ނޫން ލާއިމް. މަންމަގެ ހިތެއް ނޭދޭ އެހެން މީހަކު އޭނައަށް ގޮތެއް ހަދާކަށް. ބަދަލު ހިފުމަކީ މަންމަގެ ގޮތެއް ނޫން. އެކަމަކު އެ އިޒްވާއެއްގެ ސަބަބުން މަގެ މުޅި ދިރިއުޅުން ހަލާކުވީ. އޭނަގެ ކަންތައް މަންމައަށް ދޫކޮށްލާ.” ޒާޔާ ބުންޏެވެ.
ޒާޔާ ދެއްކި ވާހަކައަށް ނިހާނަކަށް އިތުބާރެއް ނުކުރެވުނެވެ. އޭނާގެ ފުރާނަފަދަ ދަރިފުޅު އަނެއްކާވެސް ފުންމިން ނޭނގޭ ކަނޑަކަށް ޣަރަގުވެގެން ހިނގައިދާނެތީއެވެ. ނިހާންގެ ކޮނޑުގައި ހަސްނައިންގެ އަތް ބީހިލުމާއެކީ ނިހާން ހަސްނައިންއަށް ބަލައިލިއެވެ. ހަސްނައިން ބޯ ޖަހައިލި ގޮތުން ޒާޔާ އެ ކުރާ ހިތްވަރަށް އެއްބާރުލުން ދޭން ބުނާ ކަހަލައެވެ. ނިހާނަށް ހަމްދަރުދީގެ ނަޒަރަކުން އޭނާގެ ދަރިފުޅަށް ބަލައިލެވުނެވެ.
ނިހާންގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. ނިހާންގެ ހިތް އެދޭ ގޮތަކީ ޒާޔާ ލޯބިވާ ފަރާތްތައް ޒާޔާއަށް ލިބުމެވެ. އެކަމަކު ޒާޔާ ގެއްލޭކަށް ނިހާން ބޭނުމެއް ނުވެއެވެ. އަމިއްލަ ދަރިންތަކެއް ފަދަ ދެ ފިރިހެން ކާފަ ދަރިން ބޮޑުވެފައި ތިއްބެއްކަމަކު އަމިއްލަ ލޭ ހިނގާ އަންހެން ދަރިފުޅު އަނެއްކާވެސް ބޮޑު އުނދަގުލެއްގައި އުޅޭ މަންޒަރު ދެކޭކަަށް އޭނާއަށް ހަމަހިލާ ކެތެއްް ނުވާނެއެވެ.
“ޒާޔާ. ކިހިނެތް ހަދަން ތިއުޅެނީ؟” ހަސްނައިން އަހައިލިއެވެ. ޒާޔާ ބަލައިލީ ޒާމިލްއަށެވެ. އަދި ޒާމިލް އަޅައިގެން ހުރި ޔުނީފޯމަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ. “އަހަރެން ބޭނުމެއް ނޫން ކުއްލިއަކަށް ހުރިހާ ކަމެއް ކުރާކަށް. އެކަހަލަ މަކަރުވެރި މީހަކު ދަލުގަ ޖެއްސޭނީ ވަރަށް ކެތްތެރިވެގެން. މަޑުމަޑުން ކުރިއަށް ދެވޭނީ. އަހަރެންގެ ފިރިމީހާއާ އަހަރެންގެ ދަރިފުޅުވެސް އަހަރެން މިނިވަން ކުރާނަން.” ޒާޔާ ބުންޏެވެ. އެއްފަހަރު ހަސްނައިންއަށް އަނެއްފަހަރު ބައްޕައަށް ބަލައިލުމަށްފަހު ޒާޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަހަރެންގެ ހައްގު އަހަރެން ހޯދަން މަސައްކަތް ކުރިއްޔާ އަހަންނާ ހަމައަށް އެ އަންނާނެ އިންޝާﷲ…. އެއީ.. އަހަރެން އިން މަގާމު… ކޮމިޝަނަރ އޮފް ޕޮލިސް.”
-ނުނިމޭ-

