Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަވައްޓެރިޔާ! – 10

Eyesh Level 310 Stories100 Comments500 Comments
September 11, 2026 6 Mins Read
0 Comments

އެރޭ ފަތިސް ވަންދެން އަހަރެންނަށް ހަމަނިދި ނުލިބުނެވެ. ނިދިލިޔަސް އިރު އިރުކޮޅުން ސިއްސައިގެންގޮސް ހޭލެވެނީއެވެ. ހެނދުނު ހޭލެވުނު އިރުވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ ސަމީރުބުނި ވާހަކައެވެ.

“ސަނޫރާ އަސްލުއުޅުނީ ނޫރާ ޝިފާނާއާ ހަވާލުކުރާކަށްވެސް ނޫން.”

ސަމީރު އެބުނީ ކީކޭބާއެވެ. ސަނޫރާ އަސްލު އުޅުނީ އަހަރެން އެހެންމީހަކާ ހަވާލުކުރަންބާއެވެ. ނޫނީ މީހަކާ ހަވާލުކުރާކަށް ނޫންބާއެވެ. ނޫނީ ކޮންމެވެސް ކަމެއްގެ ސަބަބުން އަހަރެންގެ މަންމަ ޝިފާނާއާ އަހަރެން ހަވާލުކުރަން ސަނޫރާއަށް މަޖުބޫރުވީބާއެވެ.

 

 

މޭޒުމަތީގައިއޮތް އެއްކަލަ ބާތަޅުދަނޑިއަށް އަހަރެން ބަލާލީމެވެ. އެއީ އެރޫހާނީއަންހެންމީހާގެ ފަރާތުން އަހަރެންނަށް ލިބުނު ހަމައެކަނި އެއްޗެވެ. މިކަންތައްގަނޑުގެ ހަގީގަތް ހޯދުމަށްއޮތް ހަމައެކަނި މަގެވެ. އަހަރެންގޮސް އެތަޅުދަނޑި ނަގައި އޭގެދެފުށް ރަނގަޅަށް ބަލާލީމެވެ. ތަޅުދަނޑީގެ އެއްފުށުގައި 301 އެންގްރޭވް ކޮށްފައި ވިޔަސް އަނެއްފުށުގައި ވެސް ނަންބަރެއް އިނެވެ. “7” . އެއީ ކޮން ހަތެއްބާއެވެ.

 

އަހަރެން ތައްޔާރު ވެލައިގެންގޮސް ތައުފީގުގެ އޮފީހަށްވަދެ ތައުފީގު ކުރިމަތީގައިހުރި މޭޒުމަތީގައި އެތަޅުދަނޑި ބޭއްވީމެވެ.

އޭތި ފެނިފައި ތައުފީގުއަށް ވީގޮތް އަހަރެން ދުށީމެވެ. ކުޑަސިކުންތު ކޮޅަކަށް ތައުފީގުގެ ނޭވާ ހުއްޓުނުކަހަލައެވެ.

“ކޮން…. ކޮންތާކުން ހޯދި ކީއެއް މީ؟..” ތައުފީގު އާގަންނަމުން އެހިއެވެ.

“އަހަންނަށް ފެނުނު އެއްޗެއްމީ…” އަހަރެން ބުނީމެވެ.

“ކޮން… ކޮންތާކުން؟…”

ތައުފީގުގެ އަޑު ހުރިގޮތުން އޭނާ އަދިވެސް ހުރީ ޝޮކެއްގައިކަން އަހަރެންނަށް އެނގުނެވެ.

“އަހަރެންގެ އެޕާޓްމެންޓު ތެރެއިން ފެނުން ކީއެއް މީ..” އަހަރެން ބުނީމެވެ.

 

މޭޒުމަތީގައި އޮތް އެތަޅުދަނޑި ތައުފީގު ނެގިއެވެ. އޭރު އޭނާގެއަތް ކޮންމެވެސް ވަރަކަށް ތުރުތުރުލައެވެ. ތައުފީގު އެހާވަރަށް ހާސްވެފައި ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެމެވެ.

“ތީގައި އެއިނީނު ހަތެއް… އޭގެ މާނައަކީ ކޮބާ؟.. އެއީ ކޮންހަތެއް؟.” އަހަރެން އެހީމެވެ. ތައުފީގު އެއަށް ވަރަށްރަނގަޅަށް ބަލާލުމަށްފަހު އޭތި މޭޒުމަތީގައި ބޭއްވިއެވެ.

“މީ ކުރީގެ ބާއިމާރާތުގެ ތަޅުދަނޑިއެއް… ކުރީގެ ބާގޭގަ ބައެއް ކޮޓަރިތައް އޭރު ހުންނާނީ ސްޓޯރ ރޫމުގޮތަށް ހަދާފަ.. އެއީ ބައެއް ސާމާނު ގުދަންކުރަން ވެގެން. މެއިންޓެނެންސް އެއްޗިއްސާ ބައެއް ފަރުނީޗަރު ކަހަލަ އެއްޗެހި ވައްދާފަ.. ރޫމު 7 ވެސް އެއީ އެގޮތަށް ބޭނުންކުރި ކޮޓަރިއެއް. އެރޫމު ހުންނާނީ ގްރައުންޑު ފްލޯގަ.. ކުރީގެ ގެ ތަޅާލާފަ މިތަން ހެދީރު ރޫމު ހަތެއްް އެއްކޮށް ނައްތާލާފަވީ…” ތައުފީގު ކިޔާދިނެވެ.

“އެއީ ސްޓޯރ ރޫމެއް ވިއްޔާ އެތާހުރި ހުރިހާ އެއްޗެއްކޮބާ؟.”

އަހަރެން އެހީމެވެ.

“އެހުރިހާ އެއްޗެއްވެސް ނައްތާލީ…” ތައުފީގު އެހެން ބުނިނަމަވެސް އަހަރެނަނަކަށް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ.

“ދުވަހަކުވެސް ސަނޫރާ ވަތްތަ އެތަނަށް..؟” އަހަރެން އެހީމެވެ. އެރޫހާނީ އަންހެންމީހާ އެއަތަޅުދަނޑި އަހަރެންނަށް ދޭނީ ސަނޫރާއާ ކޮންމެވެސް ގުޅުމެއްވާތީކަން އަހަރެންނަށް އެނގެއެވެ.

“އާނ ސަނޫރާ ވަތް…” ތައުފީގު ޖަވާބުދިނެވެ.

“ކީއްކުރަން…؟” އަނެއްކާވެސް އަހަރެން އެހީމެވެ.

“ނޭނގެ…” ތައުފީގު އެހެން ބުންޏަސް އޭނާއެހަދަނީ ދޮގުކަން އަހަރެންނަށް އެނގެއެވެ.

“ތީ އެކަމަކު ގޭގެ ހުރިހާ ކަމެއް ބަލަހައްޓާ މީހާއެއްނު… އެހެންވީމާ އެނގޭނެ އަސްލު…” އަހަރެން އެހީމެވެ.

“އެކަމަކު މަށަކީ ހުރިހާ ކޮޓަރިތަކެއް ކައިރީގަ އަބަދު ހުންނަ މީހެއް ނޫން. މަށަކަށް ނޭނގެ ސަނޫރާ އެތަނަށް ވަނީ ކީއްކުރަންކަމެއް… އެނގެނީ ވަތްކަން އެކަނި…”

 

އަހަރެންގެ ސުވާލުތައް ގިނަކަމުން ތައުފީގު ހިތްހަމަ ނުޖެހިފައި ހުރިކަން އަހަރެންނަށް އެނގުނެވެ.

“ދެން ތައުފީގު މިތަޅުދަނޑި ފެނިފަ ބިރުގަތީ ކީއްވެ؟… އަހަންނަށް ފެނުނޭ މީތި ފެނިފަ ތައުފީގުއަށް ވީގޮތް…” އަހަރެންވެސް ހިތްހަމަ ނުޖެހިފައި ބުނީމެވެ.

“އެއީ… ތީ އަހަރެން މީހެެެއްގެ އަތަށް ދީފަވާ ކީއެއް ވީމަ… ނޫރާ ތީތި ހިފާގެން އައީމަ ހައިރާންވީ…” ތައުފީގު ބުންޏެވެ.

“ސަމީރު އަތަށްތަ؟..” އަހަރެން އެހީމެވެ.

ތައުފީގު އާނއެކޭ ބުނެ ބޯޖަހާލިއެވެ.

“ކޮން އިރަކު މިކީ ސަމީރު އަތަށް ދިނީ؟” އަހަރެން އެހީމެވެ. ކިތަންމެ ވަރަކަށް ސުވާލުކޮށްގެން ވިޔަސް ހަގީގަތް ހޯދަން އަހަރެން ބޭނުމެވެ.

“ސަނޫރާ ގެއްލުނުރޭގަ…” ތައުފީގު އަހަރެން މޫނަށް ބަލަން އިނދެ ބުންޏެވެ. ތައުފީގުގެ އެޖަވާބު އިވިފައި އަހަރެންގެ ދެފައި ފިނިވެގެން ދިޔައެވެ.

 

 

އަހަރެން އިތުރު އެއްވެސްވާހަކައެއް ނުދައްކައި އެތަޅުދަނޑި ހިފައިގެން އެތަނުން ނިކުތީމެވެ. އެއީ ހުކުރު ދުވަސް ކަމުން އޮފީހަށް ދާންނުޖެހުނަސް އަހަރެން ބޭރަށް ނިކުމެލަން ބޭނުންވިއެވެ. މަޑުމަޑުން ހިނގަމުން ގޮސް ރާޅުގަނޑާ ދިމާލަށް ނިކުމެ އާޓިފިޝަލް ބީޗަށްދިއުމަށް މިސްރާބުޖެހީމެވެ. އޭރު އެހިސާބުގަނޑުގައި ޖޮގިންއަށް ދެކޮޅަށް ދުވާމީހުން ވަރަށް ގިނައެވެ. އަހަރެންގޮސް އާޓިފިޝަލްބީޗުގެ ބެންޗެއްގައި އިށީނީމެވެ. ދަބަހުގައި އޮތް އެއްކަލަފޮޓޯގަނޑު ނަގައި އަނެއްކާވެސް އެއަށް ބަލަން ފެށީމެވެ. އެފޮޓޯގައި އަހަރެންގެ އަތުގައި ކެވެއްޔެއްވެސް އޮތެވެ. އެކެވެލި މިހާރު ކޮބާބާއެވެ. އެފޮޓޯގައި ސަމީރު ހިފައިގެންހުރި ފަށް އަހަރެންގެ ކަރުގައި އަދިވެސް އެބައޮތެވެ. އެފަށް އޮތްއިރު އެކެވެލި އަހަރެންގެ އަތުގައި ނެތީ ކީއްވެބާއެވެ. މަންމަ އަހަރެންގެ އަތުން އެކެވެލި ނެގީ ކީއްވެބާއެވެ. އެފޮޓޯ ދަބަހަށް ލުމަށްފަހު އަނެއްކާވެސް އިރުކޮޅަކު މޫދަށް ބަލަންއިނދެ ހިޔާލުތަކާ ދުރުވާން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ސިކުނޑީގައި ދިޔައީ ސުވާލަކަށްފަހު ސުވާލެއް އުފެދެމުންނެވެ.

އެހެންއިރުކޮޅަކު އިނުމަށްފަހު އަހަރެން މަންމައަށް ގުޅީމެވެ. “ދަރިފުޅާ… ހާދަހެނދުނަކާ ތިގުޅީ… ކިހިނެއްވީ؟.” ފޯނު ނެގިގޮތަށް މަންމައެހިއެވެ.

“އެއްޗެއް އަހާލަންމިގުޅީ.. އަހަރެން ބުނީމެއްނު ކުރީދުވަހު ފޮޓޮއެއްގެ ވާހަކަ. އޭގަ އަހަރެން އަތުގައޮތް ކެވެއްޔެއް އަޅާފަ.. އެކެވެލި ކޮބާ.؟” އަހަރެން އެހީމެވެ.

“ފޮރުވާފަވީ؟.” މަންމަ ބުންޏެވެ.

“ކީއްވެ؟” އަހަރެން އެހީމެވެ.

“ދަރިފުޅު ގޮވައިގެން ސަނޫރާއައިސް މަންމައާ ހަވާލުކުރިވަގުތު އޭނަބުނި މަންމަ ކައިރީގަ ދުވަހަކުވެސް އެއްވެސްމީހެއް އެކެވެލީގެ ވާހަކަ އެހިޔަސް ބުނާށޭ ނޭނގެއޭ… ސަނޫރާ ހުރީ ވަރަށް ބިރުން.. މަންމައަކަށް ނޭނގެ ކޮންކަމަކާ ކަމެއް… އެހެންވެ މަންމަ ދަރިފުޅު އަތުން އެކެވެލި ނަގާފަ ފޮރުވީ.” މަންމަ ކިޔާދިނެވެ. އަހަރެން ފަހުން ގުޅާނަމޭބުނެ ފޯނުކަނޑާލީމެވެ. ސަނޫރާ އެހެން އެބުނީ ކީއްވެބާއެވެ. އެކެވެލީގެ ވާހަކަ ސިއްރުކުރަން އެބުނީ ކީއްވެބާއެވެ.

 

އެކި އެކި ހިޔާލުތަކުގައި އަހަރެން އެތާގައި އިރުގަނޑެއް ވަންދެން އިނީމެވެ.

އެހެން އިންދައި ނުވައެއް ޖަހަން އުޅެނިކޮށް މާ އަވިގަނދަވާން ފެށުމުން އަހަރެން ދިޔައީ ގެއަށެވެ. އެދުވަހު އެއްކޮށް ކަހަލަ ގޮތަކަށް އަހަރެން ނިދީއެވެ. އަހަރެންނަށް ހޭލެވުނު އިރު ހަވީރު ފަހެއް ޖަހަނީއެވެ.

ތެދުވެ ފެންވަރާލައިގެން އެއްޗެއް ކާލުމަށްފަހުގޮސް ޓީވީ ބަލަން ސޯފާގައި އިށީނީމެވެ. ޓީވީ ބަލަން އިންދައި އަނެއްކާވެސް އެއްކަލަ ނުދަންނަ ނަންބަރުން ފޯނަށް މެސެޖެއް އައެވެ.

“ސަނޫރާ ގޮސް ނޫރާ ޝިފާނާއާ ހަވާލު ކުރީރުވެސް އަހަރެން އެތާގައި ހުރިން…”

އެމެސެޖު ކިޔާފައި އަހަރެން ވަރަށް ހައިރާންވިއެވެ. ސަނޫރާ އަހަރެން މަންމައާ ހަވާލުކުރީރު އެތާގައި އެހެންމީހެއް ހުރިވާހަކައެއް މަންމައެއް ނުބުނެއެވެ. އަނެއްކާވެސް އަނެއް މެސެޖުއައެވެ.

“ކުރީގެ ބާގެއިން ނޫރާނެރުނީ އަހަރެންގެ އަތުން..” އެމެސެޖުގައި އެވަނީ އެއްކަލަ ރޫހާނީ އަންހެންމީހާ ޓެރަސްއިން އަހަރެންނާ ދިމާވި ދުވަހު ބުނިވާހަކައެވެ. އަދިވެސް އަހަރެންނަކަށް އޭގެ މާނައެއް ނުވިސްނުނެވެ. އަހަރެންނަށް އެމެސެޖު ކުރަނީ އެރޫހާނީ އަންހެންމީހާ ބާއެވެ. ޖިންނިއަކަށް ފޯނަށް މެސެޖު ކުރެވޭނީ ކިހިނެއްބާއެވެ.

އަނެެއްކާވެސް އެހެން މެސެޖެއް އައެވެ.

“އެކަމަކު އަހަަންނަކަށް ނޫރާގެ މަންމަ ސަލާމަތެއް ނުކުރެވުނު…”

އެ މެސެޖުކިޔާފައި އަހަރެންގެ ދެލޯފެންކަޅިވިއެވެ. އަނެއްކާވެސް އިތުރު މެސެޖެއްއައެވެ.

“ސަނޫރާ މަރުވީ ރޫމު 7ގެ ތެރޭގައެއްނޫން.”

އަހަރެންނަށް އިރުކޮޅަކު ފޯނުގެ ސްކްރީނަށް ބަލަންހުރެވުނެވެ.

“އެއީ އެމީހުން ހަގީގަތް ފޮރުވިތަން.”

އެބުނީ ކީކޭ ބާއެވެ.. ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވާ ހާލު އަހަރެންނަށް ހުރެވުނެވެ.

 

 

އެވަގުތު އެޕާޓްމެންޓު ދޮރުގައި މީހަކު ޓަކިޖަހަން ފެށިއަޑުއިވުނެވެ. ތިންވަރަކަށް ފަހަރު ޓަކިޖެހުމަށްފަހު ބޭރުންއައީ ސަމީރުގެ އަޑެވެ.

“ނޫރާ.. އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަންބޭނުން.”

އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. އަނެއްކާވެސް ސަމީރު ގޮވާލިއަޑު އިވުނެވެ.

“ނޫރާ.. އަހަރެން ހުރިހާއެއްޗެއް ތެދަށް ކިޔާދޭނަން..” ސަމީރު އެހެން ބުނުމުން އަހަރެން ތެދުވެގެންގޮސް ދޮރު ހުޅުވީމެވެ. ސަމީރު ބުނަން އެއުޅެނީ ކޮން ވާހަކައެއްބާއެވެ. މިހާ ހިސާބަށްއައިރުވެސް ސަމީރުގެ ފަރާތުން އަހަރެންނަކަށް އެއްވެސްކަމެއްގެ ހަގީގަތް ރަނގަޅަށް އެނގޭގޮތެއް ނުވެއެވެ. މިފަހަރު އޭނާ ތެދަށް ކިޔާދޭނެބާއެވެ.

 

އަހަރެން ދޮރުހުޅުވީރަށް ސަމީރު އެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. ސަމީރުގެ މޫނުމަތިން އޭނާ ވަރުބަލި ވެފައިވާވަރު ވަރަށްސާފުކޮށް ފެންނަން ހުއްޓެވެ. އޭނާގެ ދެލޯރަތްވެ މޫނުމަތި މިލާފައި ވާވަރުން ރޭގައި އޭނާ ނުނިދަނީ ބާއޭއަހަރެންގެ ހިތަށް އެރިއެވެ.

 

“ނޫރާ… އަހަރެން ހުރިހާ އެއްޗެއް ކިޔާދެންދެން އަމިއްލައަށް އެއްވެސް ކަމެއް ޖަޖް ނުކޮށް ރަނގަޅަށް އަޑުއަހާތި.”

ސަމީރު ސޯފާގައި އިށީންނަމުން ބުންޏެވެ.

“ތިޔަ ބުނަން އުޅޭ ވާހަކައެއް އަޑުއަހާނަން… އެކަމަކު އެންމެ ފުރަތަމަ އަހަރެން ސުވާލެއް ކުރަން ބޭނުން.. ސަމީރު ސަނޫރާ މަރާލީތަ؟”

އަހަރެން އެހެން އެހުމުން ސަމީރުގެ ދެލޯބޮޑުވިއެވެ.

“ނޫން..” ސަމީރު އަހަރެންގެ މޫނަށް ބަލަންއިނދެ ބުންޏެވެ.

“އެހެންވިއްޔާ ސަނޫރާ ގެއްލުނުރޭގަ ސަމީރު އޭނައާ ދިމާވިތަ؟. އޭނާ ކައިރީގަ ސަމީރު ހުރިންތަ؟” އަހަރެން އެހީމެވެ.

“އާން..” ސަމީރުގެ ޖަވާބުތަށް ވަރަށް ކުރުނަމަވެސް އަހަރެންގެ އެކޮންމެ ސުވާލަކަށް އަހަރެންގެ ލޮލަށް ބަލަންއިނދެ އޭނާ ޖަވާބުދިނެވެ. “ސަނޫރާ ޑިސެޕިޔާ ވުމުގެ ކުރިން ވީހުރިހާ ކަމެއް އަހަރެން ދުށިން..” ސަމީރު އެހެންބުނުމުން އަރެންގެހިތް ބިރުން ތެޅިގަތެވެ.

 

އޭނާއަށް ފެނިފައި އެވަނީ ކޮންކަމެއްބާއެވެ. އަހަރެންގެ މަންމަ ސަނޫރާއަށް ވީކިހިނެއްބާއެވެ.. ސަނޫރާ މަރުވުމަށް ފަހު އޭނާގެ ހަށިގަނޑަށްވީ ކިހިނެެއްބާއެވެ. ހަމަ ގެއްލުނީބާއެވެ.

 

އަހަރެން ކާމޭޒު ކައިރިން ގޮނޑިއެއް ހިފައިގެންގޮސް ސޯފާގައި އިން ސަމީރުގެ ކުރިމަތީގައި ބަހައްޓައި އިށީނީމެވެ.

“ފެށުނީއްސުރެ ސަމީރު ތިކިޔާދެނީ ތަންތަންކޮޅުން.. އެއްވެސް ކަމެއް ފުރިހަމައަކަށް ކިޔައެއްނުދޭ… ތިހެން ތަންތަންކޮޅު ކިޔަސް އަހަރެންނަށް ކިހިނެއްތަ މިހުރިހާކަމެއްގެ ހަގީގަތް އެނގޭނީ..”

އަހަރެން ބުނީމެވެ.

“އައި ވޯސް ސްކެއާޑް ނޫރާ… އަހަރެން ބިރުގަތީ…” ސަމީރު ވާހަކަދެއްކީ އަހަރެންގެ ލޮލަށް ބަލަންއިނދެއެވެ..

“ކޮންކަމަކާ؟..” އަހަރެން އެހީމެވެ.

“އެހުރިހާ ކަމެއް އެއްކޮށް ހަނދާންވެދާނެތީ އަހަރެން ބިރުގަތީ..”

ސަމީރުއަށް ފެނިފައިވާ ކަންކަން އޭނާގެ ހަޔާތުގައި އިތުރަށް ހަނދާންކުރަން އޭނާބޭނުން ނުވީއެވެ.

“އަހަރެން ނަށް އެހުރިހާ ކަމެއް ފެނުނުއިރު އަހަންނަށް ވާނީ އަށާރަ ވަރަކަށް އަހަރު… މި ފާއިތުވެދިޔަ ސަތާރައަހަރުގައި އަހަރެން ވަރަށް މަސައްކަތް ކުރިން އަހަރެންނަށް ފެނުން ހުރިހާ ކަމަކީ ހަގީގަތެއް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނަދޭން… އެހުރިހާ ކަމެއް ހަނދާން ނައްތާލަންވެސް ވަރަށް މަސައްކަތްކުރިން..”

ސަމީރު އެހިސާބަށް ބުނެ މާނޭވާއެއް ލިއެވެ. އަަހަރެން ގޮސް ސަމީރުއަށް ފެންތައްޓެއް ގެނެސްދިނީމެވެ. ސަމީރު ފެންތަށިބޯލުމަށް ފަހު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

 

“އެކަމަކު ބައެއް ހަނދާންތަކަކީ އެއްކޮށް ފޮހެވިގެންދާނެ އެއްޗިއްސެއްނޫން.. ފަސްއެޅި ފޮރުވުނަސް އެހަނދާންތައް އަނެއްކާވެސް އެނބުރިއާދޭ.. އެކި އެކި ކަންކަމާހެދި އެހަނދާންތައް އާވެއާވެ ހުރޭ.. މިފާއިތުވެދިޔަ ސަތާރަ އަހަރުޔެރޭގަ އެޖިންނި، ސަނޫރާގެ ސިފައިގަ އަހަރެންނަށް އަބަދުވެސް ފެނޭ.. އެކި ތަންތަނުން ފެނޭ.. އަހަތެންނަށް ގޮވާވެސް ހަދާ… އަހަރެން ކިހިނެއް ސަނޫރާ ހަނދާން ނައްތާލާނީ…”

ސަމީރު ވާހަކަ ދައްކަމުން ދިޔައިރު އޭނާއިނީ ފެންކަޅިވެފައެވެ. އޭނާ އެހަނދާންތައް އާކުރަން ބޭނުން ނުވާކަން އަހަރެންނަށް އެނގުނެވެ.

“ކީއްވެ އެޖިންނި ސަނޫރާގެ ސިފައިގަ އެފެންނަނީ؟..” އަހަރެން އެހީމެވެ.

“އެއީ އެބާގޭން ކުރިންވެސް އަބަދުވެސް ފެންނަ ޖިންނިއެއް.. އޭތި ފެންނަނީ އަންހެނެއްގެ ސިފައިގަ… މިހިސާބުގަނޑުގަ އުޅޭ ވަރަށްގިނަ މީހުންނަށް އޭތި ފެނިފަ ހުރީ.. ސަނޫރާ ގެއްލުނުފަހުން އޭތި ފެންނަންފެށީ ސަނޫރާގެ ސިފައިގަ.. އެއީ އެޖިންނިއަށް ސަނޫރާ މަރުވި މަންޒަރުފެނިފަ ހުރީމަ ކަންނޭނގެ…”

ސަމީރު އެހެންބުނެ އެޕާޓްމެންޓުގެ ތެރެއަށް ބިރުން އިނދެ ބަލާލިއެވެ. އެޖިންނިގެ ވާހަކަ ދެއްކީރު ސަމީރުއިނީ ވަރަށް ބިރުންނެވެ.

 

“ސަނޫރާ ޑިސެޕިއާވީ ރޭގެ ވާހަކަ ކިޔާދީބަލަ…” އަހަރެން ބޭނުންވީ އެރޭގައި ވީކަންކަން ސާފުކޮށް އެނގޭށެވެ.

“އެރޭ ސަނޫރާ ދުވެފައި އެބާގެއިން ނޫރާ ގޮވައިގެން ނުކުތީ.. އޭނާ ހުރީ ވަރަށް ބިރުން..” ސަމީރު ބުންޏެވެ.

“ކޮންކަމަކާ ބިރުން؟..” އަހަރެން އެހީމެވެ.

“އެއްކޮށް ވީގޮތެއް ނޭނގެ މަށަކަށް.. އަހަންނަށް އެނގެނީ ކޮންމެވެސް ވަރަކަށް… އަހަރެން ސިޑިން ފައިބައިގެން ބޭރަށްދާން ނިކުންނަނިކޮށް ސަނޫރާ ގެއިން ނިކުންނަށް ދިޔައީ.. އޭރު އޭނަހުރީ ވަރަށް ބިރުން. އަހަރެން ފެނުނީމަވެސް އޭނަ އަނގަޔަކުން ނުބުނޭ.. ދެން އަހަރެންގޮސް ގޭ ކުރިމައްޗަށް ވާހެން ޕޭމަންޓު މަތީގަހުރީ ސިނގެރެޓެއް ބޯން….. އެގަޑީގަ ސަނޫރާ އުޅުނު ގޮތުން ހީވީ އޭނައުޅުނީ މިހަކަށް ފިލަންހެން.. އޭރު އަހަރެން ދުށިން ތައުފީގު ގޭދޮރުމަތީގަ ހުއްޓާ.. އޭނަގެ އަތުގައޮތް ތަޅުދަނޑިއެއް.. ސަނޫރާ ނިކުންނަން ދިޔައިރު ތައުފީގު ސަނޫރާއާ ކޮންމެވެސް ވާހަކައެއްވެސް ދެއްކި.. ދެއްކި ހުރިހާ ވާހައެއް އަހަންނަކަށް އަޑެއްނީވެ.. އެކަމަކު ކޮންމެވެސް ވަރަކަށް އަޑުއިވުން…”

ސަމީރު އަނެއްކާވެސް ފުންނޭވާއެއް ލިއެވެ. ރަނގަޅަށް ހަނދާންކޮށްފައި ވީގޮތް އިތުރަށް ކިޔާދިނުމަށް އަހަރެން އެދުނީމެވެ. ސަމީރު އިރުކޮޅަކު ވިސްނާލަން އިނެވެ.

 

 

“ސަނޫރާ ބުނީ ބަޓް ޔޫ ޕްރޮމިސްޑް މީ … އިންގްލިޝް އިން ބުނީވެސް… ހަމަ އެހެން… ދެން ތައުފީގުބުނީ ސޮރީ ބަޓް އައި ޑިޑިންޓް ހޭވް އަ ޗޮއިސް..” ސަމީރު ވަރަށް ހަނދާން ކޮށްފައި ކިޔާދިނެވެ.

 

“އެގަޑީގަ އެތަނަށް އައި އެހެން މީހެއްވެސް.. އެމީހާ ހުރީ ޑާކް ކުލައެއްގެ ގަމީހަކާ ލައިޓް ބްލޫ ޖިންސެއް ލައިގެން.. އެމީހާގެ ސިފަ މާބޮޑަށް ކިޔާދޭކަށް ނޭނގެ.. އެކަމް އެމީހާގެ ސިފަ ކުޑަކޮށް ހަނދާންއެބަހުރި… އެމީހާއަތުގެ އިނގިލީގައޮތް އަނގޮޓިއެއް އަޅާފަ ވެސް… އެމީހާ ސަނޫރާ އަތުގަ ހިފައިގެން ގޮސް ގޭތެރެއަށް ވެއްދީ.. ދޮރުން އެތެރޭގަ ތިބެ ސަނޫރާއާ އެމީހާ ވަރަށް ޒުވާބުކުރި… ދޮރު އެއްކޮށް ނުލެއްޕި ހުރީމަ އަހަންނަށް ކޮންމެވެސް ވަރަކަށް އެތަންފެނުން… ސަނޫރާ ހުރީ ނޫރާ އުރައިގެން ނޫރާ ގައިގަ ވަރަށް ބާރަށް ހިފަހައްޓައިގެން… ސަނޫރާ އުޅުނީ ނޫރާ ގޮވައިގެން ދުއްވައިގަންނަން… އެގަޑީގަ އަހަރެންނަށް ފެނުން އެއްކަލަ ޖިންނި އަންހެންމީހާ އެތާކައިރިން ގޭތެރެއިން.. އޭއްޗަށް ފެންނާނެ އެވީ ހުރިހާ ކަމެއް… ހަމަ އެވަގުތު ގޭތެރެއިން ބާރު އަޑުފައްގަނޑެއް އިވިފަ ކަރަންޓުދިޔައީ.. މުޅިގޭތެރެ އަނދިރިވީ… އަނދިރިކަމުން އަހަންނަކަށް ގޭގެ އެތެރެއިން ވީ އެއްވެސް ކަމެއް ނުފެނުން.. އެވަގުތު ސަނޫރާ ހަޅޭއްލަވައިގަތް އަޑު އަހަންނަށް އިވުން…” ސަމީރު އެހިސާބަށް ބުނެ އަނެއްކާވެސް މާނޭވާއެއް ލިއެވެ. އެތައް ޒަމާނެއް ވަންދެން ހިތުގައި ހުރި އެއްޗެހިތަކެއް ބޭރުކޮށްލެވުމުން ހިތަށް ލުޔެއް ލިބުނީހެންވެސް ހީވިއެވެ.

 

“ދެންކިހިނެއްވީ؟..” އަހަރެން އެހީމެވެ. އެރޭގައި ހިނގާދިޔަ ހުރިހާކަމެއް ވަރަށް ތަފްސީލުކޮށް އެނގެން އަހަރެންބޭނުން ވިއެވެ.

 

“ދެންފެނުނީ އެއްކަލަ ޖިންނި އަންހެންމީހާ ނޫރާ އުރާލައިގެން ބޭރަށް ނިކުތްތަން…” ސަމީރު ކިޔާދިނެވެ.

“އަހަރެން ގޮވައިގެން ކޮންތާކަށް ދިޔައީ؟..” އަހަރެން އެހީމެވެ.

“ނޭނގެ… ގެއާދުރަށް ދިޔައީ… ކޮންމެވެސް ކަންތައް ގަނޑެއްގެ ތެރެއިން ނޫރާ ސަލާމަތް ކުރަންކަންނޭނގެ…”

ސަމީރު ކިޔާދިނެވެ.

 

 

އެޖިންނި އަންހެންމީހާ އަހަރެން އެބާގެގެއިން ނެރުނީ އޭނަގެ ދެއަތުންނޭ އެބުނީ އެހެންވެތާއެވެ.. އެޖުމުލައިގެ މާނަ މިއިނގުނީ އަދިކިރިޔާއެވެ. އެކަމަކު ސަނޫރާއަށް ވީ ކިހިނެއްބާއެވެ. އަހަރެން ކައިރީގައި މަންމަ ބުނެފައިވަނީ މަންމައާ އަހަރެން ހަވާލުކުރީ ސަނޫރާ ކަމަށެވެ. އެހެންވީރު އެޖިންނި ސަނޫރާގެ ސިފައިގައި ގޮސް އަހަރެންގެ މަންމަ ޝިފާނާއަތަށް އަހަރެން ހަވާލުކުރީބާއެވެ…

 

“ދެން ސަނޫރާއަށް ކިހިނެއްވީ؟..” އަހަރެން އެހީމެވެ. ސަމީރު އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކުއިނެވެ.

“އަހަރެންގެ މަންމަ ސަނޫރާއަށްވީ ކިހިނެއްހޭ؟؟.” އަހަރެން އަނެއްކާވެސް އެހީމެވެ.

 

ނުނިމޭ…

 

 

 

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ގާތުގާ… 54

Next

އާރާ 1

Next
September 11, 2026

އާރާ 1

Previews
September 11, 2026

ގާތުގާ… 54



All Right Reserved!